ރޯދަމަޖާ: އާދަޔާ ޚިލާފު ހުނަރު

ނުކައި ހުރުމަކީ އެއްވެސް މީހަކަށް ކުރެވިދާނޭ ކަމެއް ބާވައެވެ؟ މިއީ ބައެއް މީހުން ކުރާ ސުވާލެކެވެ. ގިނަ މީހުން ބުނާ ގޮތުގައި ނުކައި ވަރަށް ގިނަ ދުވަހު ހުރުމަކީ ކުރެވިދާނޭ ކަމެކެވެ. އެކަމަކު ފެން ނުބޮއި ހުރެވޭނޭ ކަމަކަށް ނުވެއެވެ.

މީގެ ތިރީހަކަށް އަހަރު ކުރީން މާލެއަށް އައި ބައިސްކަލު ދުއްވާ މީހަކު އެތައް ދުވަހެއް ވާންދެން މެދު ނުކެނޑި ބައިސްކަލު ދުއްވި އެވެ. އެކަމެއް އޮތީ ހެންވޭރު ބޯޅަދަނޑުގަ އެވެ. އޭނާވެސް ހުރީ ނުކައި ކަމަށް ވެއެވެ. އެކަމަކު ވަރަށް ގިނައިން ފެން ބޮއެވެ.

އިންޑިއާގެ ކޮންމެވެސް ރަށެއްގައި ނުކައި ހުންނަތާ އެތައް އަހަރެން ވެފައިވާ މީހަކު ހުރި ކަމަށްވެސް އަޑު އިވުނެވެ.

ބަޔަކު އެހެން އުޅުނު ކަމުގައި ވިޔަސް އެންމެންނަކަށް އުޅެވޭނެއެކޭ ހިއެއް ނުވެއެވެ. ހަމަ ޔަގީނުންވެސް ނުކައި ހައެއްކަ ގަޑި އިރަށް ވުރެ ގިނައިރު ހޭދަ ނުކުރެވޭ މީހުން އަޅުގަނޑު ދެކެމެވެ. އަޅުގަނޑު އިސްކޫލުގައި އުޅުނު ދުވަސްވަރު، އިސްކޫލު ޗުއްޓީގައި ހައްދުންމައްޗަށް ގޮސް އުޅުނު އުޅުމުގައި އާދަޔާ ޚިލާފަށް ކާ މީހަކު ފެނުނެވެ. އެއީ އެ އަތޮޅުގެ ރަށެއްގެ ކަތީބެކެވެ. އޭނާ ނުރުހިލައްވައިފާނެތީ ނަން ދަންނަވާކަށް ނުކެރޭނެއެވެ.

އެ ދުވަސްވަރު ހައްދުންމަތީގެ ރަށެއްގައި އޮތް ބޮޑު މާލޫދަކަށް އަޅުގަނޑުވެސް ދިޔައީމެވެ. މާލޫދުގެ ތެރޭގައި އަޅުގަނޑުވެސް ހުރީ އޭނާ އިން ކުނަލުގައެވެ. ކުރިމަތީގައި ހުރި ބޮޑު ސިންގާ ކޭންތަށްޓެއް ފުރޭންދެން ހުރީ ބަތް އަޅާފައެވެ. ތިން ހަތަރު ވައްތަރުގެ ރިހަ ހުއްޓެވެ. ތިން އަރި މާޅޮސް ކެޔޮ އޮތެވެ.

ކާން ފެށުމުގެ ކުރީން އެ ތާނގައި ތިބި ބޮޑެތި މީހުން ހީނހީނފައި ކޮންމެވެސް ވާހަކައެއް ދެއްކި ތަން ފެނުނެވެ. ދެން ފެނުނީ އެހެރަ ބޮޑު ބަތް ތަށީގެ ތެރެއަށް ހަތަރު ވައްތަރުގެ ރިހަ އަޅައިލީ ތަނެވެ. ޖެއްސުމަކަށް ކަމަށް ވެސް ވެދާނެއެވެ. އެ ތަނުން އެކަކު ގެނައި ފަނީ ބޭސް ފުޅިއެއްވެސް ބަތް ތަށީގެ ތެރެއަށް އަޅައިލިއެވެ.

ކުރީން ދެންނެވުނު މީހާ އެއްވެސް ޖެހިލުމެއް ނެތި ކާން ފަށައިފިއެވެ. ކާން ފެށީއޭ ދެންނެވުމަށް ވުރެ ރަނގަޅު ވާނީ ބޯން ފެށީއޭ ދެންނެވިއްޔާއެވެ. އޭނާ ކާ އެއްޗެހި ހަފާ ހެންނެއް ހިއެއް ނުވެއެވެ. ދެ ފަހަރަކު އަނގަ ހަލުވައިލާފައި، ދިރުވައި ލަނީއެވެ. ބަތް ތަށި ހުސްވީމާ ދެން ޖެހުނީ މާޅޮސް ކޭލާއެވެ. ތިން އަރި މާޅޮސް ކެޔޮ ކައި ހުސްކޮށްލީ ތޮށްޓާ އެކީގައެވެ. އޭނާ ކެއި ބަތް ތަށްޓަކީ އަށް މީހުންގެ ކެއުން ކަމަށް އެ ތާނގައި ތިބި މީހުން ބުންޏެވެ.

ރޯ ހަމެއް ފަޅައިގެން ނުދާނެއޭ ބުނާ އަޑު އަހަމެވެ. އެ ދުވަހު އޭނާގެ ބަނޑު ފަޅައިގެން ނުދިޔައީ އެހެން ވެގެންކަން ޔަގީނެވެ. މި ދެންނެވި މީހާއަކީ ކެއުމުގެ އިތުރަށް އެހެން ހުނަރެއްވެސް ލިބިފައިވާ މީހެކެވެ. އެއް ދުވަހަކު އަޅުގަނޑުމެން ހުކުރަށް ގޮސްފައި އައި އިރު އޭނާ އޮތީ އުނދޯލިން ބިން މައްޗަށް ވެއްޓިފައެވެ. އަނގައިން ދަވަ ފައިބާފައި ހުއްޓެވެ. ބަނޑުގެ ކުޑަކުޑަ ތަންކޮޅެއް މުލިއްސެއްހެން ބޭރަށް ނުކުމެފައި ހުއްޓެވެ. އެ ތަންކޮޅު އެހެން ހުރެފައި ހިނދެނީއެވެ. އިރުކޮޅެއް ވެފައި އަނެއްކާވެސް ފުއްޕާލައެވެ. ހީވަނީ ދިރޭ އެއްޗެއް އޭނާގެ ބަނޑުގައި އުޅެނީ ހެންނެވެ. އަޅުގަނޑު ގަތް ބިރެއް ދަންނަވާކަށްވެސް ނޭނގެއެވެ. އަޅައި އިތިކޮށް ދުއްވައިގަތީ ހެލްތު ސެންޓަރާ ދިމާއަށެވެ. އެ ދުވަސްވަރު އެތާނގައި ޑަކްޓަރަކަށް ހުންނަނީ ދޮން އަންހެނެކެވެ. ކޮން ގައުމެއްގެ މީހެއް ކަމެއް މިހާރަކު ހަނދާނެއް ނެތެވެ. އެ މީހާ ގޮވައިގެން އައި އިރު ދެން ތިބި މީހުން އޭނާ ނަގައި އުނދޯލީގައި ބާއްވައިފިއެވެ. އޭރު މުޅި މީހާ ތުރުތުރު އަޅައެވެ.

ޑަކްޓަރު ކަށިގަނޑު ޖައްސައިގެން ބަލަބަލާފައި ދަބަހުން އިންޖިކުސަނެއް ނަގައިފިއެވެ. އިންޖިކުސަން ޖަހާން ތައްޔާރު ވުމާއެކު އޭނާ ފުންމައިގެން ތެދުއްވެއްޖެއެވެ. އަހަރެން ބައްޔެއް ނޫނޭ، އެއްވެސް ކަމެއް ނުވެއޭ ކިޔައި ހަޅޭއް ލަވައިގެންފިއެވެ.

ފަހުން އޭނާ ބުނީ އެއީ ހަމަ މަޖަލަކަށް ކުރި ކަމެއް ކަމަށެވެ. އަޅުގަނޑުގެ އެދުމުގެ މަތީން ބަނޑުގެ ތަންތަންކޮޅު ފުއްޕައިވެސް ހެދިއެވެ. އެ ދުވަހު އެ ޑަކްޓަރު އަރައިގަތް ރުޅީގައި އޭނާ މަރު ވިޔަސް ތިމަން ބަލައި އައިސްގެން ނުވާނެއޭ އަޅުގަނޑު ގާތު ބުންޏެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.