ހެއްވާ: ފަހުމީގެ ހަނދާން ގަދަކަން

ފަހުމީ އަކީ ހަނދާން ނެތުމުގެ ބަލި ވަރަށް ބޮޑު މީހެކެވެ. ބައެއް ދުވަސް ދުވަހު ގެއިން ނުކުމެގެން ވަކި ހިސާބަކަށް ގޮސްފައި ދާން ބޭނުންވާތަން ހަނދާން ނެތިގެން އެނބުރި ގެއަށް އެބަ އާދެ އެވެ. ލޮލުގައި އަޅާ އައިނު ހަނދާން ނެތިގެން އޮފީހުގައި ބާއްވާފައި ގެއަށް އެބަ އާދެއެވެ. އެކަމަަކު އައިނު ނާޅާ ޖެހިގެން ހުންނަ މީހާ ނުފެންނަ ވަރަށް އެ ފަކީރުގެ ލޯ އަނދިރިއެވެ.

ހަނދާން ނެތުމުގެ ސަބަބުން ގޭގައި އަންހެނުންނާ ޒުވާބު ކުރަން ޖެހޭ ދުވަސްވެސް އާދެއެވެ. ފިހާރައަކަށް ވަދެ، އެއްޗެއް ގަންނާން ފައިސާ ދީފައި، އެ އެއްޗެއް ނުލައި ގެއަށް އަންނަ ދުވަސްވެސް މަދެއް ނޫނެވެ.

ފަހުމީ އެންމެ ޢާއްމުކޮށް ހަނދާން ނައްތާލާ ނުވަތަ އޭނާއަށް ބޭއްވުނު ތަނެއް ނޭނގިގެން ގެއްލޭ އެއްޗެތީގެ ތެރޭގައި ކުޑަ ހިމެނެއެވެ. ވާރޭ ވެހޭ ދުވަސް ދުވަހު ހިފައިގެން ދާ ކުޑަ ކޮންމެވެސް ތަނެއްގައި ބާއްވާފައި ގެއަށް އާދެވެނީއެވެ. އެންމެ ބޮޑަށް ޙައިރާން ވާ ކަމަކީ ބައެއް ދުވަސް ދުވަހު ވާރެޔާ ތެމިގެން ގެއަށް އަންނަ ކަމެވެ. ތެމިގެން އަންނަ އިރުވެސް ކުޑައިގެ މަތީން ހަނދާނެއް ނުހުރެއެވެ.

ހަނދާން ނެތުމުގެ ސަބަބުން ދިމާވާ މައްސަލަ ތަކުގެ ސަބަބުން ގޭތެރޭގައި މައްސަލަ ޖެހޭތީ ފަހުމީ ހުންނަނީ ވަރަށް ކަން ބޮޑު ވެފައެވެ. ކަންތައްތައް ހަނދާން ނައްތާނުލައި ވޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރެއެވެ. ބައެއް ކަންތައްތައް ނޯޓު ކޮށްގެން ގެންގުޅެއެވެ. އެކަމަކު އެހެން ހެދީމާ ނޯޓު ބަލާން ހަނދާން ނެތެނީއެވެ. ބައެއް ފަހަރަށް ހަނދާން ނެތުމުގެ ސަބަބުން ފަސޭހަވެސް ވެފައި ހުރެއެވެ. ބައެއް ކަހަލަ މައްސަލަތައް ހަނދާން ނެތުނީމާ ސިކުނޑިއަށް ލުއި ކަމެއް ލިބެއެވެ. އެހެން ނަމަވެސް ހަނދާން ނެތުމުގެ ސަބަބުން ލިބޭ ގެއްލުމާ އަޅައި ބަލާއިރު ސިކުނޑިއަށް ލިބޭ ލުއި ކަމުގެ ފައިދާއެއް ނުފެނެއެވެ. ފެނާއި، ފޯނާއި، ކަރަންޓަށް ދައްކަން ޖެހޭ ފައިސާ ހަނދާން ނެތިގެން ނުދެއްކުމުގެ ސަބަބުން އެތައް ތުރާލަކާ ކުރިމަތިލާން ޖެހިފައި އެބަ ހުއްޓެވެ. ކަރަންޓު ކަނޑައިލުމުގެ ސަބަބުން ބައެއް ރޭރޭ ކަނު އަނދިރީގައި ނިދާން ޖެހެއެވެ. ފައިސާ ނުދައްކައިގެން ފެން ކަނޑައިލުމުގެ ސަބަބުން ލޮނުން ފެން ވަރައިގެން ތިބޭން ޖެހެއެވެ.

އެއް ރެއަކު ފަހުމީ ގެއަށް އައި އިރު ހުރީ ވަރަށް ބޮޑަށް އުފާ ވެފައެވެ. އަތުގައި ކުޑައެއް އޮތެވެ. އެ ރެއަކީ އުޑުމަތި ބަނަ ރެއެކެވެ. އެ ރޭ ފަހުމީ އުފާވީ ކުޑައިގެ މަތީން ހަނދާން ނުނެތުނީމައެވެ. އިސްލާމީ މަރުކަޒަށް ރަމަޟާން މަސް އިޙްޔާ ކުރުމުގެ ގޮތުން ބާއްވާ ޙަފްލާގައި ބައިވެރިވާން ގޮސްފައި އެނބުރި ގެއަށް އައީ ކުޑަ ހިފައިގެންނެވެ. ފަހުމީ އަށް ފެނުނު ގޮތުގައި އެއީ އޭނާގެ ހަނދާން ނެތުމުގެ ބަލި ރަނގަޅު ވަމުންދާ ކަމުގެ ނިޝާނެކެވެ.

ގެއަށް ވަދެފައި ގޮވައިލިއެވެ. "ޝަރީފާ- ނިކަން ބަލާ ބަލަ- މިއަދު އަހަރެން ހަނދާނެއް ނުނެތޭ- މިއައީ ކުޑަވެސް ހިފައިގެން-"

ޝަރީފާ ފަހުމީއާ ދިމާއަށް ބަލައިލާފައި އެއްވެސް އެއްޗެކޭ ނުބުނެ އެތެރެއަށް ވަންނާން ހިނގައިގެންފިއެވެ.

ފަހުމީ އަހައިލިއެވެ. "ބަލަ އެއްވެސް އެއްޗެކޭ ނުބުނީ ކީއްވެގެން-؟ އަހަރެން ހަނދާން ނެތިގެން ކުޑަ ބާއްވާފައި އަންނަ ދުވަސް ދުވަހު ވަރަށް ވަރު އަރުވައިލާނެ- މިރޭ ކުޑަ ހިފައިގެން އައީމާ ހަމަ އެއްވެސް އެއްޗެކޭ ނުބުނި-"

ޝަރީފާ ކުޑަކޮށް ރުޅި އައިސްފައި ބުނެލިއެވެ. "ޙައިރާނެއް ނުވާނެތަ-؟ މިއަދު ފަހުމީ ބޭރަށް ދިޔައީ ކުޑައެއް ހިފައިގެންނެއް ނޫނޭ- ތިޔަ އައީ ކޮންމެވެސް އެހެން މީހެއްގެ ކުޑައެއް ހިފައިގެން-"

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.