ފަޅިމޫނު - 50

(12 މާރިޗު 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"ހަސްފަތާލުގެ ވާހަކައަކީ އެހެން ވާހަކައެއް. ހަސްފަތާލަށް ވަދެ ޑިއުޓީ ގަޑީގައި ބުރުގާ ނަގައިގެން އިނދޭ. އެހެން އިންދައިވެސް އިއްތިފާގަކުން ބާދްޝާއާ ދިމާވެއްޖެއްޔާ އެއީ އަހަރެންގެ ބަދުނަސީބު. އެޔަކު ފަރީގެ ކުށެއް ނޯންނާނެ. އެކަމަކު އަހަންނަށްޓަކައި ވީހައިވެސް ބޮޑަކަށް ފަރުވާތެރިވެގެން، ރައްކާތެރިވެގެން އުޅެލައިދީ. އޭގެ ފަހުން އަހަރެން ފަރީ ގާތު އެއްވެސް ކަމަކަށް ނޭދޭނަން."

ފަރުޒާނާއަށް އެ ވަގުތު އޭނާގެ ފުރަގަހުން އިވުނީ މަންމަގެ އަޑެވެ. ދޮރުމަތީގައި ހުރެގެން މަންމަ ވާހަކަ ދައްކަނީއެވެ. "އެއީ ތެދެއް ދަރިފުޅާ. ރުޚްސާނާގެ ވާހަކަ ގަބޫލު ކުރޭ. އޭނާ އެ ބުނާ ގޮތަށް ހަދާ. ބާދްޝާ ޖާނީގެ ކުރިމައްޗަށް ނުކުންނާން އަދި ނުވިސްނާ. އޭނާ ދަރިފުޅުގެ ފަހަތުން ދުވާނެ. އެއީ ކަށަވަރުކަމެއް. އެއީ އަހަރެމެންނަށް ވަރަށް އުނދަގޫ ކަމަކަށް ވާނެ. އެކަމަކު ނިކަން ވިސްނައިލަބަލަ. އޭނާއަށް ދަރިއަކާއި އަނތްބެއްގެ ލޯބި އެބަލިބޭ. ޒަވާޖީ ހަޔާތަކީ މުޅީން އެހެން ކަހަލަ ދަމާބާރެއް ހުންނަ ކަމެއް. ދަރިފުޅާއި އަނބިމީހާގެ ފަޅިއަށް އަބަދުވެސް ބަރުވާނެ. އެހެންވީމާ މަޑުމަޑުން ގޮސް ދަރިފުޅުގެ މަތީން އޭނާ ހަނދާން ނައްތައިލާނެ. ރުޚްސާނާ އެ ދައްކަނީ ހަމަސް ދުވަހުގެ ވާހަކައެއްނު؟ އެ މުއްދަތަށް ކެތްކޮށްލަމާ ހިނގާ. މޫނުބުރުގާ އަޅައިގެން އުޅުނީމާ އޭނާއަކަށް ދަރިފުޅެއް ނޭނގޭނެ. އެއްބަސްވޭ ދަރިފުޅާ."

ފަރުޒާނާ ފުން ނޭވައެއް ލުމަށް ފަހު ރުޚްސާނާއާ ދިމާއަށް ބަލައިލިއެވެ. "ތަގުދީރުގައި ކުރިއަށް ރޭވިފައި އޮތީ ކޮން ކަމެއް ކަމެއް އަހަންނަކަށް ނޭނގޭ. ކުރިއަށް އޮތް ހަމަސް ދުވަހު ބާދްޝާއަށް ނުފެނި އުޅެވޭތޯ އަހަރެން މަސައްކަތް ކުރާނަން. ކަމަކު އެދިގެން ރުޚްސާނާ މީގެ ފަހުން އަހަރެންގެ ގާތަށް ނާންނަގޮތް ވުމަކީ އަހަރެންވެސް އެދޭ ގޮތް. ދެން ގެޔަށް ދޭ."

ރުޚްސާނާ އޭނާގެ ކޮނޑުމަތީގައި އަތް ބާއްވައިލިއެވެ. އަދި އިހުސާންތެރިކަން ހަނދާންކުރާ ބީދައަކުން އޭނާޔާ ދިމާއަށް ބަލައިލިއެވެ. ލޮލުން ހުރީ ކަރުނަ އައިސްފައެވެ. އޭނާގެ ހިތުގައި ރުޚްސާނާގެ މައްޗަށް ހަމްދަރުދީ އުފެދުނެވެ. އަދި ރުޚްސާނާގެ ކޮނޑުމަތީގައި އޭނާވެސް އަތް ބާއްވައިލިއެވެ. "ކޮންމެ ގޮތެއް ވިޔަސް އަހަރެމެން ދެމީހުން ވަނީ އެކަކު އަނެކަކާއެކު ވަރަށް ގިނަ ދުވަސް ހޭދަކޮށްފައި. އެހެންވީމާ ރުޚަސާނާގެ ހިތާމަ އަހަންނަށް އިހުސާސް ކުރެވޭ. ކާވެނި ގަޑުބަޑުވާ އަންހެނަކު މޮޔަވާނީކަން އެނގޭ. ރުޚްސާނާ ކަންތައް ތިޔަ ކުރަނީ ވަރަށް ވިސްނައިގެން. އަހަރެން މިއީ ރުޚްސާނާގެ އެކުވެރިއެއް. ދުޝްމިނެއް ނޫން. ރުޚްސާނާއަށް ހަމަޖެހިގެން ދިރިއުޅުމުގެ ފުރުސަތު އަހަރެން ދޭނަން. އަހަރެމެން އެންމެން އަނގުރުއަލިފާނުގެ މަތީގައި ހިނގަން މި ޖެހެނީ ބާދްޝާއާ ހެދި. އެެހެންވީމާ އޭނާގެ އެ މޮޔަކަން ފިލުވާން ރުޚްސާނާވެސް ވަރަށް ބޮޑަށް މަސައްކަތް ކުރާތި."

ރުޚްސާނާ ނުކުންނާން ހިނގައިގަތީމާ ފަރުޒާނާގެ މަންމަ ބުންޏެވެ. "ކުޑަ ސޮރަށް އަހަރެމެންގެ ސަލާން."

"އާނ... ދައްތާ."

ސަލާންގަލާން ކޮށްފައި ރުޚްސާނާ ހިނގައްޖެއެވެ.

ފަރުޒާނާގެ މަންމަ ބުންޏެވެ. "އޭނާ އެ ކަންބޮޑުވަނީ އެއްވެސް ކަމަކާ ނުލައި. ޒަވާޖީ ހަޔާތުގައި އެކަހަލަ މައްސަލަތައް ކުރިމަތިވުމަކީ އާދައިގެ ކަމެއް. އަނބިމީހާއާއި ފިރިމީހާޔާ ދެމީހުން ދެ ދިމާއަކަށް ދުވުމަކީ އާދަޔާ ޚިލާފުކަމެއް ނޫން. އެކަމަކު އެއީ އެއް ވާގަނޑުގެ ދެކޮޅުގައި ބަނދެވިފައިވާ ދެމީހުން. އެހެންވީމާ ދުވެވޭނީ ވާގަނޑަށް ވާންވާންދެން. ދެން ޖެހޭނީ އެނބުރި އަންނާން. ރުޚްސާނާގެ ހިތުގައި އިތުބާރު އޮންނަން ވާނެ. އޭނާޔާއި އޭނާގެ ދަރިފުޅުގެ ލޯބީގެ ބާރުގައި ބާދްޝާ ޖާނީ ހިފެހެއްޓޭނެ."

ފަރުޒާނާ ހިތާހިތާ ކިޔައިލިއެވެ. ނުބައި މަގުން ހިނގަހިނގައި ހުރެފައި ރުޚްސާނާ ހަމަޔަކަށް އެޅިދާނެބާވައެވެ؟ އޭނާ ހަމަޔަކަށް އެޅުނު ކަމުގައި ވިޔަސް ބާދްޝާ އެވަނީ ވަރަށް ގޮތް ދޫނުކުރާ މީހަކަށް ވެފައެވެ. ލޯތްބަކީ ފެށުމުގައިވެސް ގޮތްދޫނުކުރާ އެއްޗެކެވެ. ލޯބީގެ ގޮތްދޫނުކުރުމާއި ބާދްޝާގެ ގޮތް ދޫނުކުރުން އެކުވީމާ މައްސަލަ ވަނީ ނުރައްކާތެރި ދަރަޖައަކަށް ގޮސްފައެވެ. އޭނާއަށް ވިސްނައިދިނުމަކީ އަހަރެން ފިޔަވައި އެހެން އެއްވެސް މީހަކަށް ކުރެވޭނޭ ކަމެއް ނޫނެވެ. އޭނާގެ އެދުމަކީ ހަމައެކަނި އަހަރެން ކަމުގައި ވާތީއެވެ.

މި ފިކުރުގައި ހުރެގެން އޭނާ ކޮޓަރިއާ ދިމާއަށް ހިނގައިގެންފިއެވެ. ރުޚްސާނާ މަގުމަތީގައި ރެކިސާއެއްގެ އިންތިޒާރުގައި ހުރެގެން ވިސްނަމުން ގެންދިޔައެވެ. ފަރީއަކީ ދުލުކޮޅުން ވާހަކަދައްކާ މީހެކެވެ. އޭނާގެ ވާހަކަޔަކާއި ހިތަކާ ގުޅުމެއް ނުހުރެއެވެ. ވައުދުވާނެއެވެ. އެކަމަކު ވައުދު ފުއްދާނީ ކަންތައް ބޮއްސުންލީމައެވެ. އަމިއްލައަށް ހުރިހައި ކަމެއް ގޯހުން ގޯހަށް ގެންގޮސްފައި އޭގެ ފަހުންނެވެ. ކާވެނީގެ ފަހުން އަހަރެން އެންމެ ފުރަތަމަ އެދުނު އެދުމަކީ އޭނާ މޫނުބުރުގާ އަޅައިގެން އުޅުމުގެ އެދުމެވެ. އެކަމަކު އެ ދުވަހު އޭނާ އެއްބަހެއް ނުވިއެވެ. މިއަދު އެހެރީ އަހަރެން އެދުނީމާ މޫނުބުރުގާ އަޅާން ތައްޔާރަށެވެ. އެއީ ވަރަށް ޗާލާކު އަންހެނެކެވެ. ފުރަތަމަ ކުރި ކަމަކީ ބާދްޝާ ޖާނީއަށް އަމިއްލައަށް ފެނިގަތުމެވެ. އެއީ އޭނާ ހޯދަން ބާދްޝާ މަސައްކަތް ކުރާނެކަން އެނގޭތީ ގަސްތުގައި ކުރި ކަމެކެވެ. އަހަރެން ހަދާނީ ކިހިނެއް ހެއްޔެވެ؟ ބަލިކަށި ވެގެން އެ އުޅެނީ އަހަރެންގެ ފިރިމީހާއެވެ. އަހަރެން ބަލިކަށިވާ ސަބަބަކީވެސް އެއީއެވެ.

އޭނާ ރެކިސާއެއް ހުއްޓުވުމަށް ފަހު އަރައި އިށީނދެއްޖެއެވެ. ރެކިސާ ޖަހާންގީރް ރޯޑާ ދިމާއަށް ދުއްވާލައިފިއެވެ. ދަތުރުމަތީގައިވެސް އޭނާ ގެންދިޔައީ ވިސްނަމުންނެވެ. ހިތަށް އެރިއެވެ. ހަމަސް ދުވަސް ވާންދެން އޭނާއަށް އެއްބާރުލުން ދޭން ފަރުޒާނާ އެއްބަސްވުމަކީ ފުދޭވަރެއްގެ ކަމެކެވެ. މޫނުބުރުގާ އަޅާންވެސް އެއްބަސް ވެއްޖެއެވެ. އެޔާއެކު ހިތަށް އެރިއެވެ. އެއީ އެހައި ބޮޑު އެއްބާރުލުމެއް ހެއްޔެވެ؟ އެއީ ހުޅު ރޯކޮށްފައި ނިއްވައިލާން މަސައްކަތް ކުރުން ކަހަލަ ކަމެކެވެ. އޭނާގެ ހިތުގައި އަހަރެންގެ މައްޗަށް ކުޑަވެސް ހަމްދަރްދީއެއް އޮތްނަމަ ނުވަތަ އަހަރެން ދެކެ ކުޑަކޮށްވެސް ލޯބިވާނަމަ އޭނާ މިހާރު މީހަކާ އިނދެފީހެވެ. މީހަކާ އިނދެގެން އުޅޭނަމަ ބާދްޝާ އޭނާ ހާސިލު ކުރާކަށް މަސައްކަތެއް ނުކުރާނެއެވެ. އޭނާގެ ފަހަތުން ދާނެއެވެ. ހަޅޭއް ލަވާނެއެވެ. ޝަކުވާ ކުރާނެއެވެ. އެކަމަކު އޭނާ އުޅެނީ މީހަކާ އިނދެގެންކަން އެނގުނީމާ ހުރިހައި ކަމެއް ހުއްޓައިލާނެއެވެ. ފަހަތުން އަޅައިގަނެގެން އުޅުން ހުއްޓައިލާނެއެވެ. މިއީ އެހައިވެސް ފަސޭހައިން ނިންމައިލެވޭން އޮތް ކަމެކެވެ. އެކަމަކު އަހަންނަށް އެނގެއެވެ. ފަރީ މީހަކާ ނީންނާނެއެވެ. ކުޅިވަރު ދައްކައިލަ ދައްކައިލާ ހުންނާނީއެވެ.

އޭނާ ދިޔައީ ޖަހާންގީރް ރޯޑްގައި ހުންނަ ގަރާޖަށެވެ. އެތާނގައި އިންޖިނޭރުބޭބެ މަސައްކަތުގައި އުޅެއެވެ. ރުޚްސާނާ ފެނުމާއެކު ތެދުވެއްޖެއެވެ. "ދަރިފުޅާ. ޖާނީ މިތަނަށް އައިސް ބުނި މި ދަނީ ދަރިފުޅުގެ ކައިރިއަށް ގެއަށޭ. އޭނާޔަކާ ދިމައެއް ނުވޭތަ؟"

"ނުވޭ. އަހަރެން މި އުޅެނީ އޭނާ ނުފެނިގެން. އޭނާ ވީތަނެއް މިހާރު އެނގިއްޖެ. ސޮސައިޓީގެ ފުލުސް އޮފީހުގެ ގޮޅިއެއްގައި ހައްޔަރުކޮށްފައި އެބައޮތް."

"ނޫނޭ ދަރިފުޅާ. އޭނާ ދާދި ދެންމެއަކު މިތަނަށް އައި. އޭނާ ދިޔައީވެސް ފަސިންޖަރަކު ގޮވައިގެން."

"ރޭ ހަތަރުދަމު އޭނާ އުޅުނީ ކޮން ތަނެއްގައިހެއްޔޭ ބޭބެ އެހިންތަ؟"

"އަހަނީ ކީއްކުރަން؟ އޭނާގެ މޫނަށް ބަލައިފައި ހުރިހައި ކަމެއް ނުލާހިކު ސާފުކޮށް އެނގިއްޖެ. ބުނީ އިއްޔެ ކޮންމެވެސް ނުލަފާ ބަޔަކާ ތަޅައިފޮޅައިގަތީއޭ. އެމީހުން ހުރީ އޭނާއަށް ވަރަށް ބޮޑަށް އަނިޔާ ކޮށްފައި. މޫނުވެސް ހުރީ ދުޅަވެފައި. އޭނާވެސް އެމީހުންނަށް ވަރަށް ވަރުކޮށްލި ކަމަށްވޭ. އޭނާގެ މޫނު ދުޅަވެފައި ހުރިވަރުން ކާކުކަން އެނގުނީވެސް އިރުކޮޅަކުން. ޒަޚަމްތަކުގައި ހުރީ ބޭސް އަޅާފައި. މިހާރު އުޅޭނީ ކާރުދުއްވަން."

"ރޭ އޭނާ ގެއަށް ނައީ ކީއްވެގެން؟"

"ގެއަށް ދާނީ ކިހިނެއް؟ އޭނާގެ އާދަ ހުންނަ ގޮތް ދަރިފުޅަށް އެނގޭނެ. ޒަޚަމް ވުމަށް ފަހު ބުއީ. ބޮއިގެން ދިޔައީ އޯލްޑް ކްލިފްޓަނާ ދިމާއަށް. ކާރު ދުއްވާން ފެއްޓީ މިއަދު ހެނދުނު."

"ބޭބޭ. މިއަދުގެ ނޫހުގައި ކުޑަ ޚަބަރެއް ޖަހާފައި އޮތް. ޚަބަރުގައި އޮތް ގޮތުގައި ކުލީކާރު ދުއްވާ މީހަކު އިއްޔެ ހަސްފަތާލަކަށް ވަދެ ޑޮކްޓަރ ފަރުޒާނާ ނަމަކަށް ކިޔާ މީހަކަށް ދުއްތުރާ ކުރި. ހަސްފަތާލުގައި ބޮޑު ހައިޖާނެއް ހެދުމުގެ ސަބަބުން ފުލުހުން އެ މީހަކު ހައްޔަރުކުރީއޭ ޖަހާފައި އޮތް. ޚަބަރު ވަރަށް ކުރު. އެކަމަކު އެ ޚަބަރުގެ މާނަ ބޭބެއަށްވެސް ވަރަށް ރަނގަޅަށް އެނގޭނެ."

"އާނ. އެނގޭ. އޭނާ އެންމެ ފަހުން ޑޮކްޓަރ ފަރުޒާނާއާ ހަމައަށް ދިޔައީ."

"ނޫނޭ ބޭބޭ. އެ ޑޮކްޓަރ ފަރުޒާނާއަކީ އެހެން މީހެއް. ޖާނީއަކަށް ފަރީއާ ހަމައަކަށް އަދިއެއް ނުދެވޭ. ނުލަފާ ބަޔަކާ ތަޅައިފޮޅައިގަތީއޭ ކިޔާފައި އޭނާ އެ ހެދީ ދޮގެއް. އޭނާގެ ގައިގައި ތަޅައިގަތީ ހަސްފަތާލުގެ މީހުންކަން ޔަގީން. ބޭބޭ... އޭނާއަށް އަހަރެން ވިސްނައިދޭނީ ކިހިނެއް؟ އަހަރެން ހަދަންވީ ކިހިނެއް؟"

"ދަރިފުޅާ. ދަރިފުޅު ބޭނުންވަނީ އޭނާއަށް ކަމެއް ވިސްނައިދޭން. ދަރިފުޅަށް ވިސްނައިދޭން ބޭބެވެސް ބޭނުން."

"އަވަހަށް ބުނޭ. ބޭބެމެން ބޮޑެތި މީހުންގެ ނަސޭހަތް އަހަރެމެންނަށް ބޭނުން ވާނެ."

"މިތާނކު ނޫން ދަރިފުޅާ. ގެއަށް ދޭ. ބޭބެ އަންނާނަން. ބޭބެ ވާހަކަ ދައްކާން ބޭނުމީ ދަރިފުޅުގެ މައިންބަފައިންގެ ހާޒިރުގައި."

"މިހާރު ގެއަށް ދާން ހިނގާ. ބާދްޝާ ޖާނީއާ ދެން ދިމާވާނީ ހަވީރު."

"އާނ. އޭނާ އަންނާނީ ހަވީރު."

ދެމީހުން ރެކިސާއެއްގައި ނިޒާމްއާބާދަށް މިސްރާބު ޖަހައިފިއެވެ. ދަތުރުމަތީގައި ކޮންމެވެސް އެއްޗެއްކޭ ބުނާން އުޅެފައިމެ އިންޖިނޭރުބޭބެ ހުއްޓައިލިއެވެ. މަގުމަތީގެ އަޑު ގަދަކަމުން ވަރަށް ބާރަށް ވާހަކަ ދައްކައިގެން ނޫނީ އަޑެއް ނީވޭނެއެވެ. ވާހަކައަކީ ހަމައެކަނި އަޑަކުން ފަހުމުކޮށްގަނެވޭ އެއްޗެއް ނޫނެވެ. ވާހަކައިގެ ރާގަކީވެސް މުހިއްމު އެއްޗެކެވެ. ބާރަށް ވާހަކަ ދައްކާއިރު ހުންނާނީ އެއް ރާގެކެވެ. މީހަކަށް ތާރީފުކުރަނީ ކަމެއް އަޑުލަނީކަމެއް ފާހަގަ ކުރާކަށް ނޭނގޭނެއެވެ.

(ނުނިމޭ)

4 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.