ރާއްޖޭގެ މިނިވަންކަމަށް ކުރެވުނު ފިކުރީ ހަނގުރާމައިގާނުފެންނަ ޞަފުޙާތައް (1)

ފޮޓޯ: ގައުމީ އަރުޝީފް

ދިވެހިރާއްޖޭގައި އެވޭލާ ޒަމާނުއްސުރެ ހިނގަމުން އައި ރަސްކަން އުވި ، ޖުމްހޫރީ ނިޒާމަށް ވެރިކަން ބަދަލުވުމުގެ ތާރީޚީ މުނާސަބަތެވެ. ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް ، އަލްއަމީރު މުޙަންމަދު އަމީން ދޮށިމޭނާ ކިލެގެފާނު ، ރައީސްކަމުގެ ހުވާކުރެއްވުމުގެ ދަރުބާރެވެ.  ދިވެހިރާއްޖެ ، ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް ބަދަލުވުމުގައި ، އިނގިރޭސިވިލާތާއި ދިވެހިރާއްޖެއާދެމެދު އެކުލަވައިލެވުނު އެއްބަސްވުމުގައި ސޮއި ކުރެއްވުމުގެ ރަސްމިއްޔާތެވެ. މިހުރިހައި ފަޚުރެއް ޙާޞިލްކުރެއްވުމަށްޓަކައި ،  ސްރީލަންކާ ، ނުވަތަ އޭރުގެ ނަމުންނަމަ  ސިލޯނުގައި ހުންނަވާ ، އިނގިރޭސިވިލާތުގެ ހައިކޮމިޝަނަރ ، ރާއްޖެޔަށް ވަޑައިގެންނެވިއެވެ. ހައިކޮމިޝަނަރ ، ރާއްޖޭގައި ހޭދަކުރެއްވީ އެންމެ ތިން ދުވަހެވެ. އެއީ  30 ޑިސެމްބަރ 1951 އިން  2 ޖެނުއަރީ 1952 އަށެވެ. ތިންދުވަހުގެ މިދަތުރުފުޅުގައި ލިޔެކޮޅުން ނުލާފަދަ ގިނަ ކަންތައްތަކެއް ހިނގައިގޮސްފައި ވެއެވެ. މިލިޔުމަކީ ، ރާއްޖެއަށް ކުރެއްވި ތާރީޚީ އެދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ، އިނގިރޭސި ސަރުކާރުގެ ސެކްރެޓަރީ އޮފް ސްޓޭޓް ފޯރ ކޮމަންވެލްތު އެފެއާރޒް ، ދަ ރައިޓް އޮނަރަބްލް ، ވިސްކައުންޓް ސްވިންޓަންގެ އަރިހަށް ، ހައިކޮމިޝަނަރ ފޮނުއްވި ދަތުރު ރިޕޯރޓުގެ ތަރުޖަމާއެކެވެ. މިއީ ލަންޑަންގެ އާކާއިވްސް އިން ހޯދާފައިވާ ، ތާރީޚީ އެލިޔުމުގެ ކޮޕީއެއްގެ ތަރުޖަމާއެވެ. މިއީ ވަރަށް ކުދިކުދި ކަންތައްތައްވެސް ، އަކުރުން އަކުރަށް ތަފުޞީލުކޮށް ބަޔާންކޮށްފައިވާ ، އާދަޔާޚިލާފު ލިޔުންތަކެކެވެ.

  

އިނގިރޭސިވިލާތުގެ ހައިކޮމިޝަނަރގެ އޮފީސް

7 ޕްރިންސް ސްޓްރީޓް

ކޮޅުބު

Y.301/2

ކޮތަޅު ނަންބަރު : 6

5 ފެބްރުއަރީ 1953

އަޅުގަނޑުގެ ޢިއްޒަތްތެރި ސާހިބާގެ އަރިހަށް ،

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ

 

ޢިއްޒަތާއި ޤަދަރު އުފުލިގެންވާ ، ރާނީގެ ސަރުކާރުގެ އެންގެވުމާއި ލަފާފުޅުގެ މަތިން ، މިއަހަރު ފެށުނުތަނާހެން ، ދިވެހިރާއްޖެއަށް އަޅުގަނޑުކުރި ، ރަސްމީ ދަތުރުގެ ރިޕޯޓު ، އަރިސްކުރުމުގެ މާތްކަން ލިބިގަންނަމެވެ.

މުނާސަބަތު

(1) މިދަތުރާ ގުޅިފައިވާ މުނާސަބަތަކީ ، ދިވެހިރާއްޖެ ، ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް ބަދަލު ވުމުގެ މުނާސަބަތެވެ. ހަމައެއާއެކު ، އެޖުމްހޫރިއްޔާގެ ރައީސް ، ހުވާކުރެއްވުމާއި ، ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް ބަދަލުވުމުގައި ، އިނގިރޭސިވިލާތާއި ދިވެހިރާއްޖެއާދެމެދު       އެކުލަވާލެވުނު އެއްބަސްވުމުގައި ސޮއި ކުރުމެވެ. މިބަދަލަށް ، އިނގިރޭސިވިލާތާއި ، އެމެރިކާ އަދި ސިލޯނާއި ދުނިޔޭގެ އެހެނިހެން ކަންކޮޅުތަކުންވެސް ، އެކަށީގެންވާ ތަރުޙީބެއް ލިބިފައި ވެއެވެ.   އެބައިމީހުންގެ  މަޢުލޫމާތު ޢާންމުނުވާ ، ރަށްފުށުގެ އާދައިގެ ދިރިއުޅުމެއް އުޅެމުންގެންދާ ބަޔަކާ މިކަން ގުޅިފައިވުމާއި ، މިރަސްމިއްޔާތުގެ ކުލަގަދަކަން ، މިއީ ، މިކަން އާދަޔާޚިލާފުވެގެން ދިއުމުގެ ސަބަބުތަކުގެ ތެރޭގައި ހިމެނޭ ސަބަބުތަކުން ބައެކެވެ.    އަދި ދުނިޔެއިންތާކު,  އެންމެބޮޑަށް ޚިޔާލު ތަފާތުވި ކަމަކުން ، ހިތަށް ހަމަޖެހުން ލިއްބައިދިން ކަމަކަށް މިކަން ވެފައި ، ފުރިހަމަ ރަސްމިއްޔާތަކާއެކު މިކަން ފާހަގަ ކުރެވުމާއި ، ސިޔާސީ ގޮތުން މިއީ މާބޮޑުކަމަކަށްވެފައި ނެތުންވެސް ، މި މުނާސަބަތު ޚާއްޞަވެގެން ދިޔަ ސަބަބުތަކުގެ ތެރޭގައި ހިމެނެއެވެ. ޙަޤީޤަތުގައި ވެގެންދިޔަގޮތަކީ ، އެތައް ޤަރުނެއްވަންދެން ހިނގަމުން އައި ވިރާސީ ރަސްކަމެއް ، އިންތިޚާބު ކުރެވޭ މަޤާމަކަށް  1930 ގައި ބަދަލުވެ ، އަދި އޭގެފަހުން ، ޤާނޫނީގޮތުން ޖުމްހޫރީ ވެރިކަމަކަށް ބަދަލުވުމެވެ. ދިވެހިރާއްޖޭގެ ތާރީޚު ފެށިގެން އައި މީލާދީން 1141 އާއި 1952 އާދެމެދު ، 92 ރަސްކަލުންނާއި ރާނީން ، ދިވެހި ރަސްކަމުގެ ތަޚުތުގައި ރެދަލި ކުރައްވާފައި ވެއެވެ. ބައެއް ހިސާބުތަކަށް މިކަމުގެ މަޢުލޫމާތު ފޯރާފައެއް ނުވެއެވެ. މި ތާރީޚީ ޙަޤީޤަތް ސާފުވެފައިވަނީ ، މިކަމާބެހޭ މަޢުލޫމާތު ފެތުރިގެން ދިއުމުންނެވެ. ސިލޯނާއި އެހެނިހެން ޤައުމުތަކަށް އޮތީ މިކަން ވަރަށް ބޮޑަށް އޮޅިފައެވެ. ޚަބަރުފަތުރާ ވަޞީލަތްތަކުން ހާމަކުރަމުން ގެންގޮސްފައިވަނީ ، ބްރިޓިޝް ކޮމަންވެލްތާ ، ދިވެހިރާއްޖެ ގުޅުނީ ކަމުގައެވެ.

(2) މިބަދަލު އައުމުގެ ސަބަބު ވަރަށް ސާދާއެވެ. ރަސްކަމުގެ ތަޚުތަށް ޢައްޔަންކުރެވިފައިވާ މަނިއްޕުޅު، އޮފީހާ ޙަވާލުވެވަޑައިގަތުމަށް ތަކުރާރުކޮށް ، ޢުޒުރުވެރިވެ ވަޑައިގެން ، ސިލޯނުގައި ދިރިއުޅުއްވުމަށް ނިންމަވައި ، އެކަން ލަސްކުރައްވަމުންގެންދެވުމާއެކު ، ޤައުމު ހިންގެވުން ، ބޮޑުވަޒީރު މރ. އަމީންދީދީގެ އަތްޕުޅުމައްޗަށް ދޫކޮށްލެއްވުމަށް ވަނީ ނިންމަވާފައެވެ. މރ. އަމީންދީދީއަކީ ، ވެރިކަމުގެ އެންމެ މަތީ ، އިތުރު އެތައް މަޤާމުތަކެއް އަދާކުރައްވަމުންގެންދަވާ ބޭފުޅެކެވެ. ރަސްކަމުގެ ތަޚުތަށް ޢައްޔަންކުރެވިފައިވާ މަނިއްޕުޅަކީ ، ރައްޔިތުންގެ ރުހުމާއި މަޤްބޫލުކަން ލިބިވަޑައިގެން ހުންނެވި ބޭފުޅެއްނޫނެވެ. އަދި މިދިޔަ ފެބްރުއަރީމަހު ، އެމަނިއްޕުޅު ސިލޯނުގައި އަވަހާރަވުމުންވެސް ، ހިތާމައިގެ މާބޮޑު އިޙުސާސްތަކެއް ، ދިވެހިރާއްޖޭގެ ރައްޔިތުންނަށް ލިބިފައެއް ނުވެއެވެ. ރަސްކަމުގެ ތަޚުތަށް ޢައްޔަންކުރެވިފައިވާ މަނިއްޕުޅު އަވަހާރަވުމުން ، ރާއްޖޭގެ މުސްތަޤްބަލާމެދު ، މަޝްވަރާކޮށް ، ވާހަކަދެކެވި ، ، ދިވެހިރާއްޖޭގެ ރައްޔިތުންގެ މެދުގައި އިއްތިފާޤުވެ އެއްބަސްވެވުނީ ، މރ. އަމީންދީދީ ، ޤައުމުގެ އެންމެ މަތީ ވެރިކަމާ ޙަވާލުވެވަޑައިގެން ،  ރަސްކަމުގެ ތަޚުތަށް އެމަނިއްޕުޅު އިސްވެވަޑައިގަތުމަށެވެ. އެހެން ނަމަވެސް ، ތިން ސަބަބަކަށްޓަކައި މރ. އަމީންދީދީ މިކަމަށް ދެކޮޅުހައްދަވައި ، ޢުޒުރުވެރިވެ ވަޑައިގެންނެވިއެވެ. ފުރަތަމަ ސަބަބަކީ ، އެއްވެސް ޙާލެއްގައި ، ރަސްކަލަކަށް ވެވަޑައިގަތުމަށް އޭނާ ޝަޢުޤުވެރިވެވަޑައި ނުގަތުމެވެ. ކޮންމެ ގޮތެއްގައިވެސް ، އެމަނިއްޕުޅަކީ ، ތަހުޒީބަށް ލޯބިކުރައްވާ ، ޒަމާނީ ބޭފުޅެކެވެ. ދެވަނަ ސަބަބަކީ ، ބޮޑުވަޒީރެއްގެ ގޮތުގައި ހުންނަވައިގެން ، އެމަނިއްޕުޅުގެ ބޭނުން ، ރައްޔިތުންނަށް ބޮޑަށް ހިފެމުން ދާނެކަމެވެ. ތިންވަނަ ކަމަކީ ، އެމަނިއްޕުޅާ އެއްވަރަށް ތަޖުރިބާ ލިބިވަޑައިގެންފައި ހުންނެވި ދެވަނަ އެހެން ބޭފުޅަކު ދިވެހިރާއްޖޭގައި ނެތުމެވެ.  އެމަނިއްޕުޅު އަޅުގަނޑުގާތު ވިދާޅުވިގޮތުގައި ، އެމަނިއްޕުޅު ރަސްކަލަކަށް ވެވަޑައިގެންނެވިނަމަ ، އަވަދިނެތި އުޅުއްވަންޖެހިވަޑައިގަންނަވާނީ ، ރަށްރަށަށް ޒިޔާރަތް ކުރެއްވުމުގައެވެ. އަދި އެކިއެކި ރަސްމިއްޔާތުތައް ޝަރަފުވެރިކޮށް ދެއްވުމުގައެވެ. އެހެންނަމަވެސް، ރައްޔިތުންގެ ބޭނުންތައް ފުއްދައިދެވި ، އެމީހުންގެ ކަންތައްތަކަށް އަޅާލެވިގެން ރަނގަޅަށް ބެލެހެއްޓިއްޖެނަމަ ، ދޭތެރެ ދޭތެރެއިން ސިލޯނަށާއި އިނގިރޭސިވިލާތަށް ޒިޔާރަތްކޮށްލެއްވުމާއެކު ، ޤައުމު ހިންގެވުމުގައި ދުވަހުން ދުވަހަށް ކުރައްވަން ޖެހިވަޑައިގަންނަވާ އެންމެހައި ކަންތައްތައް ، ކުރެއްވުމުގެ ޤާބިލުކަން އެމަނިއްޕުޅަށް ލިބިވަޑައިގެން ވެއެވެ. އެހެންކަމުން ، އެމަނިއްޕުޅުގެ ކުރީގެ މަސްއޫލިއްޔަތުތަކަށް ޒިންމާދާރުވެވަޑައިގަތުމަށްޓަކައި ، ދުވަސްވީ ޢިއްޒަތްތެރިއެއްކަމުގައިވާ ، އަދި އެމަނިއްޕުޅުގެ ތިމާގެފުޅު ބޭފުޅެއްކަމުގައިވާ ، މރ. އިބްރާހީމް ޢަލިދީދީ ، ރަސްކަމަށް އިންތިޚާބުކުރުމަށް ، މރ. އަމީންދީދީ ، ވަރަށްބޮޑަށް ބާރު އެޅުއްވިއެވެ.

(3) ރާއްޖޭގެ ރައްޔިތުން މިކަން މިގޮތަށް ބަލައިގެންފައެއް ނުވެއެވެ. އަދި އެންމެފަހުން ، ރަސްކަން ޖުމްހޫރިއްޔަތަކަށް ބަދަލުކުރުމުގެ ފިކުރު އުފެދި ، އެކަން ވައިގާހިފާ ، މރ. އަމީންދީދީ ، ރައީސްކަމަށް އިންތިޚާބު ކުރެވުނެވެ. އަދި ހަމައެއާއެކު ، ޒަމާނަށް އަންނަމުންދާ ބަދަލުތަކާއެކު ، ދުނިޔެ ދައްކަމުންދާ މަގަށް ، ދިވެހިރާއްޖޭގެ މިސްރާބު ބަދަލުކުރުމަށް ، މިކަންކަމުން މރ. އަމީންދީދީއަށް މަގުފަހިވެގެން ދިޔައެވެ. ޙާލަތު ނިޔާކުރާގޮތުން ، ރައީސްކަމުގެ މަޤާމުގައި ހުންނަވާ ބޭފުޅަކު ، ބޮޑުވަޒީރުކަމުގެ މަސްއޫލިއްޔަތުތައްވެސް އަދާކުރައްވަމުންގެންދެވުމަށް ، ރައްޔިތުންގެ މަޖިލީހުން ޤަރާރެއް ފާސްކުރެއްވުމަށް ، އާ ޤާނޫނުއަސާސީގައި ބަޔާންކުރުމުގެ ޚިޔާލާއި ވިސްނުންވެސް ، ފަހުން އުފެދިގެން އައެވެ. ހުޅަނގުގެ ބައެއް ޤައުމުތަކުގައި މިނިޒާމު ޤާއިމުކުރެވިފައިއޮތަސް ، މިއީ އަޅުގަނޑުމެންގެ ވިސްނުމަށް ޤަބޫލުކުރަންދަތި ކަމަކަށް ވިއެވެ. އެހެންނަމަވެސް ، ހުރިހާކަމަކަށް ފުދޭ ، ބަރޯސާވެވޭފަދަ ޤާބިލުކަމެއް ލިބިފައިވާ އެންމެ މީހަކު ހުރި ، އަދި ބޯދާ އުޞޫލުތަކަކާއެކު ،  ފިރިހެނުންނަށް ހުރިހާކަމެއްގެ ފަހުބަސް ބުނުމުގެ ޙައްޤާއި ފުރިހަމަ ބާރު ލިބިގެންވާ ދިވެހިރާއްޖެފަދަ ، ޒަމާނީ ތަހުޒީބުގެ ކުލަވަރު އަދި ނުފޯރާ ޤައުމަކަށް މިއީ އާކަމެއްނޫނެވެ. ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ ލިޔުއްވި ، ޤާނޫނުއަސާސީއާބެހޭ މާހިރެއްކަމުގައިވާ ، އަދި މިހާރުގެ ޔުނިވަރސިޓީ އޮފް ސިލޯނުގެ ވައިސް ޗާންސެލަރ ، ސަރ އައިވަރ ޖެނިންގްސް ބަޔާންކުރައްވާފައިވާފަދައިން ، " މި ނިޒާމަށް ފުރުޞަތު ހުޅުވިފައި އޮތުމަކީ ، ދިވެހިރާއްޖެފަދަ ކުޑަކުޑަ ޤައުމަކަށް ބޭނުންތެރި ކަމެކެވެ. ކުޑަ ޤައުމެއްގައި ، ބާރުތައް ފެށިގެން އަންނަ އެންމެމަތީ އިސްއޮފީހަށް ބޭނުންވާ މީހުން މަދުވާނެއެވެ. އަދި ބޭނުންވެއްޖެ ހިނދެއްގައި ، ދެއޮފީސް އެއްކޮށްލުމަކީ ، ފައިދާހުރިކަމަކަށް ވާނެއެވެ. "

(4) މިހުށަހެޅުންތައް ، ދިވެހިރާއްޖޭގެ ރައްޔިތުންގެ ކުރިމައްޗަށް ހުށަހެޅި ، 99 އިންސައްތަ މީހުން ވޯޓުދީފައިވަނީ ، ރަސްކަން ޖުމްހޫރިއްޔާއަކަށް ބަދަލު ކުރުމަށެވެ. ރައްޔިތުންގެ ފުރިހަމަ އަޣުލަބިއްޔަތުން ، މރ. އަމީންދީދީއަކީ އެމީހުންގެ ފުރަތަމަ ރައީސްކަމަށް އިންތިޚާބުކޮށް ، ދަނޑުވެރިކަމާބެހޭ ވަޒީރު ، މރ، މުޙަންމަދު އިބްރާހީމްދީދީ އަކީ ،  އެމީހުންގެ ފުރަތަމަ ނައިބުރައީސް ކަމަށް ، 99 އިންސައްތަ މީހުންގެ ވޯޓުން ، ނިންމިއެވެ. ދިވެހިރާއްޖޭގެ ވަޒީރުންގެ މަޖިލީހުގެ މެންބަރުން ސޮއިކުރައްވާ ، އިނގިރޭސިވިލާތުގެ ޢިއްޒަތްތެރި ރާނީގެ ސަރުކާރުގެ ވަކީލުގެ ހައިޞިއްޔަތުން ، 29 އެޕްރީލް 1952 ގައި ، މިނިންމުންތައްވަނީ އަޅުގަނޑަށް އަންގާފައެވެ. މަނިކުފާނުގެ ހިންގުންތެރިކަމުގެ ޤާބިލް ނިންމެވުންތަކަށްޓަކައި ، މި ހުރިހާ މުޢާމަލާތުތަކުގެ ކޮޕީ ، 10 މާރޗް 1952 ގެ 39 ނަންބަރު ކޮތަޅުގައި ، އަޅުގަނޑުވާނީ އަރިސް ކޮށްފައެވެ. އެހެންނަމަވެސް ، މިލިޔުމާއެކުވެސް (އެނެކްސް A ) ގެ ގޮތުގައި އިތުރު ކޮޕީއެއް އަރިސްކުރެވިފައިވާނެއެވެ. ދިވެހިން ނިންމާފައިވަނީ ، ޚާއްޞަ  ރަސްމިއްޔާތެއްގައި ، ފުރިހަމަ ދަރުބާރެއްގައި ، ޑިސެމްބަރ މަހުގެ ފަހު ހަފުތާގައި ނުވަތަ ޖެނުއަރީމަހުގެ ފުރަތަމަ ހަފުތާގައި މި ބަދަލު ، އިފުތިތާޙު ކުރުމަށެވެ. އަދި އަޅުގަނޑަށް މާލެގޮސް މިދަރުބާރުގައި ބައިވެރިވާން ފަސޭހަ ތާރީޚެއް ކަނޑައަޅައި އެކަން އންގައިދިނުމަށްވެސް ، އެމީހުންވަނީ ދަޢުވަތު ދީފައެވެ. ރަނގަޅު ތާރީޚަކަށް ބެލިއިރު ، ޖެނުއަރީމަހުގެ ފުރަތަމަ ދުވަހަކީ ، ރަނގަޅު ދުވަހެއްކަމަށް ދެކެ ، އެފަދަ ކަމަކަށް އެންމެ ރަނގަޅު ތާރީޚަކީ ، އެއީކަމުގައި އަޅުގަނޑުވާނީ އެމީހުންނަށް އަންގާފައެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.