ރާއްޖޭގެ މިނިވަންކަމަށް ކުރެވުނު ފިކުރީ ހަނގުރާމައިގާ ނުފެންނަ ޞަފުޙާތައް (4)

(5 މެއި 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

(18) ކަނޑުގެ ސިފައިންގެ ބާޖެއްގައި ، އެޗް.އެމް.އެސް. ސިލޯނުން ، މާލެއަށް ފޭބުމަށް އަޅުގަނޑު ނައްޓާލީ ހެނދުނު 9.50 ގައެވެ. އަޅުގަނޑު ފޭބީ ، ޔުނިފޯމުގައި ޒީނަތްތެރިވެގެންނެވެ. ލެފްޓިނަންޓް ކޮމާންޑަރ ޗީތަމް އަޅުގަނޑާއެކު ގެންދިޔައިމެވެ. އަޅުގަނޑު ފޭބި ބާޖުގައި ނަގާފައިހުރީ ، އަޅުގަނޑުގެ އަމިއްލަ ދިދައެވެ.  އަޅުގަނޑުމެން ކަނޑިންމައިން ވަތްއިރު ، އެކިކަންކަން އިންތިޒާމުކޮށް ، ތަރުތީބުކުރެއްވުމުގައި ، މރ. އަމީންދީދީ ، ވަރަށް އަވަދިނެތި އުޅުއްވާތަން ފެނުނެވެ. އަތިރިމަތި އޮތީ މީހުން އެއްވެ ތޮށްޖެހިފައެވެ. ފަޅމަސްއޮޑިފަހަރަށްވެސްވަނީ ، މީހުން އަރާ ބަރާވެފައެވެ. މިހުރިހާ ކަމަކަށްވުރެ ބޮޑަށް ، ހިޔާކުރެވިފައިވާ ޚާއްޞަ އިސްޓޭޖެއްކަހަލަ ތަނެއްގައި ، އަޅުގަނޑުގެ އިންތިޒާރުގައި ، މރ. އަމީންދީދީ ހުންނެވިއެވެ. އަޅުގަނޑުގެ އިސްތިޤްބާލުގައި ސަފަކަށް އެތުރިގެން ތިއްބެވި ، ކަމުވޮށިވެގެންވާ ބޭފުޅުން ތަޢާރުފުކޮށްދެއްވީ މރ. އަމީންދީދީއެވެ.

އަޅުގަނޑުމެން ފާލަން ކަޑައްތުކުރިތަނާހެން ، ދިވެހިރާއްޖޭގެ ބޭންޑުން ، " ގޯޑް ސޭވް ދަ ކުއީން " ކުޅެމުންގެންދިޔައެވެ. އަޅުގަނޑު ޤަބޫލުކުރާގޮތުގައި އެހާ ރަނގަޅަކަށްނޫނެވެ. އެހެންނަމަވެސް ، އެމީހުންގެ މަސައްކަތަށް ސާބަސްދޭވަރު ވެއެވެ. އޭގެފަހުން ، މަދު ، އެހެންނަމަވެސް ސާއްބަ ، ދިވެހި ސިފައިންގެ ގާރޑް އޮފް އޮނަރ އެއް އަޅުގަނޑު ބަލައިގަތީމެވެ. އަޅުގަނޑަށް ފާހަގަކުރެވުނުގޮތުގައި އެމީހުން ގެންގުޅުނީ ، ޖަރުމަނުވިލާތުގެ ވަރަށްބާ ބަޑިތަކެކެވެ. އޭގެފަހުން ، ފިރިހެންކުދިންނާއި އަންހެންކުދިންގެ ގާރޑް އޮފް އޮނަރއެއް އަނެއްކާވެސް ، އަޅުގަނޑު ބަލައިގަތީމެވެ. މިކުދިންނަކީ ، އަޅުގަނޑުމެންގެ ބޯއީސްކައުޓާއި ގާރލް ގައިޑުންނާ ، ވަރަށް ރަނގަޅަށް މުޢާމަލާތު ކުރަމުންގެންދާ ކުދިބައެކެވެ.

(19) އެއަށްފަހު ، ރަށުގައި ގެންގުޅޭ މަދު ކާރުތަކުން ، ތިންކާރަކަށް އަޅުގަނޑުމެން އެރުވުނެވެ. އަދި އަތިރިމައްޗާޖެހިގެން ކަހަލަގޮތަކަށް އޮތް ކުޑަ ޕާކެއް ހުރަސްކޮށް ، ރަސްމީ ހިނގާލުމެއްގައި މަގުމަތީގައި ދުއްވާލެވުނެވެ. ހިމުން ދޮންވެލި ލެވިފައިވާ ، ސަރާސަރު ، ތަނަވަސްމަގުތަކުގައި ، ފިރިހެނުންނާއި އަންހެނުން އަދި ކުޑަކުދިންތައް ، ކުލަކުލައިގެ ހެދުން އަޅައިގެން ، ކުޅިބަލަން ނުކުމެ ތިއްބެވެ. ފިރިހެނުންނާއި ފިރިހެންކުދިންތިބީ މަގުގެ އެއްފަރާތުގައެވެ. އަންހެނުންނާއި އަންހެންކުދިންތިބީ މަގުގެ އަނެއްފަރާތުގައެވެ. ހުރިހާ ކުޑަކުދިންހެން ދިދަ ހޫރުވަމުން ގެންދެއެވެ. އިނގިރޭސިވިލާތުގެ ދިދަވެސް ކޮންމެވެސް ވަރަކަށް ފެނެއެވެ. އަޅުގަނޑަށް ފާހަގަކުރެވުނުގޮތުގައި ، ބައެއް މަގުމަގުގައި ފިރިހެންކުދިން ތިބީ ފިޔާތޮށި ކުލައިގެ ތާކިހާ އަޅައިގެންނެވެ. އަދި އަންހެންކުދިންތިބީ ފިޔާތޮށިކުލައިގެ ހެދުންލައިގެންނެވެ. އަނެއްބައި މަގުމަގުގައި ، ފެހި އަދި ބައެއް މަގުގައި ނޫކުލަ އަދި ހުދުކުލައެވެ. އެއީ އެމީހުން ނިސްބަތްވާ އަވަށުގެ ކުލައެވެ. މރ. އަމީންދީދީވަނީ ، ހަތަރު އަވަށަކަށް މާލެ ބައިކުރައްވާ ، އެހަތަރު އަވަށަށް މިކުލަތައް ދެއްވާފައެވެ.

ފިރިހެނުން ގިނައިން ލައިގެންތިބީ ހުދުކުލައިގެ ފޭރާމެވެ. ހުދު ގަންޖުފަރާހާއި ހުދު މުންޑެވެ. މުސްކުޅި އަންހެނުން ގިނައިން ލައިގެންތިބީ ސާޅިއެވެ. ޒުވާން އަންހެންކުދިން ލައިގެންތިބީ ، އާ ޤައުމީ ހެދުމެވެ. އެއީ މރ. އަމީންދީދީ އަމިއްލަފުޅަށް ފަރުމާކުރައްވާފައިވާ ހެދުމެއްކަމުގައި ޔަޤީންކަމާއެކު ، އަޅުގނޑަށް ދެންނެވިދާނެއެވެ. އެއީ ބޮލުފޮތިކޮޅު އަޅާފައި ހުންނަ ، މަޝްހޫރު ފާސްކުރި ހެދުމެވެ. މީހުން ގިނަ ނަމަވެސް ބައިތިއްބާފައިވަނީ ވަރަށް ތަރުތީބު ކޮށެވެ. މައިމަގުތަކުގައި އެމީހުން ތިބީ ، ރޯނުން ދަމާލެވިފައިވާ އިމެއްގެ ތެރޭގައެވެ. އަދި ހަނިމަގުތަކުގައި ގޮށެއްޖަހާ ވަކިކޮށްލެވިފައި ވެއެވެ. ޝައްކެއްނެތި ،  މުޅި މިމަންޒަރު ސިފަކުރެވޭގޮތުގައި މިއީ ރަސްމިއްޔާތެއްގެ ސިފަގެނައުމަށް ، ވަރަށް ބޮޑު އިންތިޒާމެއްގެ ދަށުން ރޭވިފައިވާ ކަމެއްކަމަށްވިޔަސް ، ނުރަސްމީ ސިފައެއްގައި ވަރަށް ތަރުތީބުކަމުގައި ފެނެއެވެ. އެއްވެފައިވާ މީހުންގެ ފުރަގަހުން ، އަންހެނުންނާއި ކުޑަކުދިން ، އޭގެފަހަތުގައި ގެތައް އެޅިފައިވާ ، ހުދުކުލައިގެ ފާރުގައި ލެނގިގެން ކުޅިބަލަން ތިއްބެވެ.

ދާދިމިދާކަށްދުވަހާ ޖެހެންދެން ، އަންހެނުންނަކީ ، ފަރުދާއަކާނުލައި މީހުންގެ ތެރެޔަށް ނުކުމެ އުޅޭ ބައެއް ނޫނެވެ. އަޅުގަނޑުމެންނަށް ކިޔުނީ ވަރަށް ހޫނު މަރުޙަބާއެކެވެ. އަދި ފެށުނީއްސުރެ ނިމެންދެން މަރުޙަބާގެ އަތްތިލަބަޑީގެ އަޑު ކެނޑިގެންނެއް ނުދެއެވެ. ( އެމީހުން ހަޅޭއްލަވާ އަޑުގަދަކޮށެއް ނުހަދައެވެ. ) އެތައް މިތާނގައި ދިދަޖަހާފައި ވެއެވެ. ގިނައީ ، ހުދުކުލައިގެ ހަނދުފަޅިއެއް ހުންނަ ، ފެއްސާއި ރަތުގެ ދިވެހި ދިދައެވެ. އެހެންނަމަވެސް ، އިނގިރޭސިވިލާތުގެ ދިދަވެސް ފުދޭވަރަކަށް ހުއްޓެވެ. އެއް އަވަށުން އަނެއް އަވަށަށް އަޅުގަނޑުމެންދާއިރު ، އެއަވަށަކަށް ވަދެވެނީ ، ޚާއްޞަކޮށް މިރަސްމިއްޔާތަށް ތައްޔާރުކުރެވި ،  ފަރުމާކުރެވިފައިވާ ގިޑިގެއެއްގެ ތެރެއިންލާފައެވެ. މި ގިޑިގެތަކުގައި އެކިއެކި ލިޔުންތައް ލިޔެވިފައި ހުއްޓެވެ. " ގޯޑް ސޭވް ދަ ކުއީން " ، " ލޯންގް ލިވް ދަ ބްރިޓިޝް ކޮމަންވެލްތު " ، " ވެލްކަމް ޓު އަވަރ ޑިސްޓިންގްއިޝްޑް ގެސްޓްސް " އަދި ހަމައެކަނި " ވެލްކަމް " ފަދަ ލިޔުންތަކެވެ. ވަރަށް މީހުން ގިނައެވެ. މިރަސްމިއްޔާތަށްޓަކައި ، އަތޮޅުތަކުން އައި މީހުން ، މާލޭގެ އާބާދީގެ ދެގުނައަށް އަރާނެކަމުގައި ބުނުމުން ، އަޅުގަނޑު ޙައިރާނެއް ނުވަމުއެވެ.

(20) މި ހިތްގައިމު ދުއްވާލުމަށްފަހު ، އަޅުގަނޑުމެން އައީ ، މރ. އަމީންދީދީގެ ރަސްމީ ގެކޮޅަށެވެ. މރ. އަމީންދީދީގެ ޢާއިލާގެ ބޭފުޅުންނާއި ކަމުވޮށިވެގެންވާ ޢިއްޒަތްތެރިން އެތަނުގައި ތިއްބެވިއެވެ. އެތަނުން ބައެއް ބޭފުޅުންނާ ، އަޅުގަނޑުވެސް ވާހަކަ ދައްކާލީމެވެ. އަޅުގަނޑުމެން ދިވެހިރާއްޖޭގައި ހޭދަކުރި ދުވަސްތަކުގައި ، ދިވެހިދިދައާއެކު ، އިނގިރޭސިވިލާތުގެ ދިދަވެސް ، ސަރުކާރުގެ ޢިމާރާތްތަކުގައި ނަގާފައިހުރިކަން ހާމަކޮށްލުމަކީ ، ބޭނުންތެރި ކަމެއްކަމަށް ފެނެއެވެ. އެގެކޮޅަކީ ވަރަށް ތަންބޮޑު ތަނަވަސް ، އަދި ހުޅަނގާއި އިރުމަތީގެ ދެބިތުގެވެސް ފާޑުވެރިކަން ހުރިތަނެކެވެ. މިސާލަކަށް " ވިކްޓޯރިއަން ހޯމް " ޒީނަތްތެރިކުރުމަށް ބެހެއްޓިފައިހުންނަ ކަހަލަ ، ކަންވާރެއް ، ގެޔަށް ވަންނަތަނުން ، ފެންނަގޮތަށް ބެހެއްޓިފައިހުއްޓެވެ. ފާރުތަކުގައި ، ޝާހީ ޢާއިލާގެ ބޭފުޅުންގެ ފޮޓޯފުޅުތައް ބެހެއްޓިފައިހުއްޓެވެ.

ދިވެހިރާއްޖޭގެ ކުރީގެ ޤައުމީ ޝަޚުޞިއްޔަތުތަކުގެ ފޮޓޯފުޅުތަކާއި މރ. އަމީންދީދީގެ ޢާއިލާގެ ބޭފުޅުންގެ ފޮޓޯފުޅުތައްވެސް ބެހެއްޓިފައި ހުއްޓެވެ. އަދި ކްއީން ވިކްޓޯރިއާގެ ކުރެހުންވެސް ފެންނަން ހުއްޓެވެ. މުޅިތަނަށް ނަޒަރު ހިންގާލުމުން ، އަޖައިބެއްކަހަލަ އިޙުސާސްތަކެއް ލިބިގެންދެއެވެ. އެހެނަސް ، އިނގިރޭސި ޝާހީ ތަޚުތަށް ވަފާތެރިވުމުގެ އަސަރާއި ، ހޫނު މަރުޙަބާއަކީ ، ހުޅަނގުގެ ނަޒަރިއްޔާއިން ބަލާނަމަ ، ބީރައްޓެހިކަމަކަށް ވެދާނެއެވެ. އަޅުގަނޑުގެ އިޙުތިރާމުގެ ރަސްމީ ޒިޔާރަތަށްފަހު ، އެއްކަލަ ޒީނަތްތެރިކުރެވިފައި އޮތް މަގުތަކުން ،  އަތްތިލަބަޑީގެ މަރުޙަބާއާއެކު އަނެއްކާވެސް އަޅުގަނޑު ދިޔައީ އަތިރިމަތިންލާފައި ، އެނބުރި ، މަނަވަރަށެވެ.

އެދުވަހުގެ ޕްރޮގްރާމަށް ވިސްނާލުމުން ، އަޅުގަނޑަށް ޤަބޫލުކުރެވުނުގޮތުގައި ، އަޅުގަނޑު ކުރި އިޙުތިރާމުގެ ޒިޔާރަތުގައި ، އަޅުގނޑުގެ އަންހެނުން ބައިވެރިކުރާނެކަމަށް ، މރ. އަމީންދީދީ ވާނީ އުއްމީދު ކުރައްވާފައެވެ. މަނަވަރަށް ދިއުމަށްޓަކައި އަޅުގަނޑުމެން ފާލަންދޮށަށް ދިއުމުން ، ޅަވަރެއްގެ އަންހެންކުއްޖަކު ، މާބޮނޑިއެއް ހިފައިގެން އަޅުގަނޑާދިމާލަށް އައިތަން ފެނުނެވެ. އެވަގުތު އަޅުގނޑުދިޔައީ ގާރޑް އޮފް އޮނަރއެއް ބަލައިގަންނަމުންކަމަށްވުމާއެކު ، ހަދާނެގޮތަކާމެދު ކަންބޮޑުވެފައި ހުއްޓާ ، ކޮންމެވެސް މީހަކު ، އެކުއްޖާ ހުއްޓުވުމުގެ ސަބަބުން ، ހިތަށް ހަމަޖެހުން ލިބުނެވެ.

ސިލޯނު ތަމްސީލުކުރުން

(21) މިރަސްމިއްޔާތުގައި ސިލޯނު ތަމްސީލުކުރާ މަންދޫބުން ، އެދުވަހުގެ މެންދުރުގެ ފަރީއްކޮޅަށް ، މާލެ ވަޑައިގަތެވެ. އެބޭފުޅުން މާލެ ވަޑައިގަތީ ، އެޗް. އެމް. އެސް. ސީ. އެސް ވިޖަޔާ ގައެވެ. ސިލޯނުގެ ކަނޑުގެ ސިފައިންގެ އަތުގައި ހަމައެކަނި އޮންނަ މަނަވަރަކީ އެއީއެވެ. މާލެއައި މަގުމަތީ ، މިމަނަވަރުގެ އިންޖީނު ލަސްއަލައެއް ޖެހިގެން ހުއްޓި، އިންޑިއާކަނޑުގެ ގަދަ އޮޔާއިރާޅުގެ ތެރޭގައި ، ފަސްގަޑިއެއްހާއިރުވިއެވެ. މިކަމުގެ ސަބަބުން މަނަވަރުން ވަޑައިގަތް ބޭފުޅުންނަށް ވަރަށް އުނދަގޫފުޅުވިކަމަށް ވެއެވެ. އެކަމާހުރެ ، ސިލޯނުން ވަޑައިގެންނެވި ބައެއް މެންބަރުން ، މިރަސްމިއްޔާތު ނިމުނުހާ އަވަހަކަށް ، އެނބުރި ސިލޯނަށް ވަޑައިގަތުމާމެދު ފިކުރު ކުރައްވަމުންގެންދެވިއެވެ.

ސިލޯނުން އައި މަނަވަރު ، ވިޖަޔާ ވެސް ފޯރޓު ހުރަސްކުރުމާއެކު ، ބަޑީގެ ސަލާމެއް ބަދަލު ކުރެވުނެވެ. އެމަނަވަރުގެ ތިލަކަމާއެކު ، ބަނދަރާއި އެޗް.އެމް.އެސް. ސިލޯނާ ދެމެދު ބަނދަރުކުރުމުގެ ޖާގަ ލިބުނެވެ. މިރަސްމިއްޔާތުގައި ސިލޯނު ތަމްސީލު ކުރެއްވީ ، ޖޫނިއަރ މިނިސްޓަރ ، ޕާލަމެންޓަރީ އަންޑަރ ސެކްރެޓަރީ ފޯރ ޑިފެންސް އެންޑް އެކްސްޓާރނަލް އެފެއާރޒް ، މޭޖަރ މޮންޓެގޫ ޖަޔެވިކްރަމަ އާއި ، އޭނާގެ އަނބިކަނބަލުން ، އަދި  އެކްސްޓާރނަލް އެފެއާރޒް ޑިޕާރޓްމަންޓްގެ މރ. ވީ.ޖޭ.އެޗް ގުނަސޭކަރަ އާއި ، ޗީފް އޮފް ސްޓާފް، ރޯޔަލް ސިލޯން ނޭވީ ، ކޮމާންޑަރ ރޮއިސް ޑިމެލް ( އޯ.ބީ.އީ، އާރ.ސީ.އެން ) އެވެ. ދެން އިތުރަށް ވަޑައިގަތީ ، ސަރ އައިވަރ ޖެނިންގްސް އާއި ، ކޮލޮމްބޯ ޕޯރޓް ކަމިޝަންގެ ޗެއަރމަން ޕީ.އޭ.ޖޭ. ހެރްނު އެވެ.

31 ޑިސެމްބަރ 1952 ބުދަދުވަސް -  މެންދުރުފަސް

(22) ދިވެހިރާއްޖޭގެ ހުރިހާ އަތޮޅުތަކުން ބައިވެރިވި ، އަތުމަސައްކަތާއި އަތްތެރިމަސައްކަތުގެ މަޢުރަޒެއް ދައްކާލުމަށްޓަކައި ، އަޅުގަނޑުމެން ދެމަފިރިން ގެނދެވުނެވެ. އެޗް. އެމް. އެސް. ސިލޯނުގެ ކެޕްޓަނާއި އަޅުގަނޑުގެ އެއިޑް ޑި ކޭމްޕް އަދި ސިލޯނުން ވަޑައިގެންނެވި ބޭފުޅުންވެސް ، އަޅުގަނޑުމެންނާ ބައިވެރިވެވަޑައިގަތެވެ. އެއީ އާދައިގެ އަތުމަސައްކަތުގެ ތަކެތީގެ މަޢުރަޒެކެވެ. އެތާނގައި ހުރީ ، ލިޔެލާޖެހި ތަކެއްޗާއި  ގެތުމާ އަދި ކުނާވިޔުމާއި ، ކުދި ދޯނިފަހަރު ، އަދި ރަންރިހީގެ އަތްކަންކުރުމުގެ އާދައިގެ ތަކެއްޗާއި ، މަޢުދަނު ބޭނުންކޮށްގެން ހަދާފައިވާ ކަނބުރުވެރިކަމާއި ތިލޭރުކަމުގެ ބައެއް ތަކެއްޗެވެ. މިތަކެއްޗަކީ ، ދިވެހިރާއްޖޭގެ ރަށްތައް ބައިކުރެވިފައިވާ 17 އަތޮޅުން ، އެކިރަށްރަށުގެ މީހުން ހަދާފައިވާ ތަކެއްޗެވެ.

ވަރަށް އާދައިގެ ، އެހެންނަމަވެސް ، އެމީހުންގެ މަސައްކަތުގެ ވަށްޓަފާޅިއާއި ފެންވަރު ، ވަރަށް ރަނގަޅަށް ދައްކައިދީފައި ހުއްޓެވެ. ލިޔެލާޖެހި ތަކެއްޗާއި ގެތުމާ އަދި ކުނަލާއި ބޮލީގެ ބައެއްތަކެތި އަޅުގަނޑުމެން ދެމަފިރިންނަށް ހަދިޔާއަށް ދިނުމަށް ، ދިވެހިން ވަރަށް ގަދަހެދިވާހަކަ ދަންނަވާލަން ޖެހެއެވެ. އެތަކެތި ޤަބޫލުނުކޮށްފިނަމަ ، އެއީ އެމީހުންނަށް ކުރެވޭ ވަރަށް ބޮޑު ބޭއިންސާފެކެވެ. އަދބާ ޚިލާފު ކަމެކެވެ. އަދި އަޅުގަނޑަށް ޤަބޫލުކުރެވުނު ގޮތުގައި އެތަކެތި ބަލައިގަތުން އެއީ ، އަޅުގަނޑުމެންނަށް މަޢާފު ނުލިބޭވަރުގެ ކަމެއް ނޫނެވެ.

31 ޑިސެމްބަރ 1952 ބުދަދުވަސް - ހަވީރު

(23) މރ. އަމީންދީދީގެ ރަސްމީ ގެކޮޅުގައި ، އެރޭ އިރާކޮޅު ، ހުރިހާ މެހެމާނުންނަށް ، ނުރަސްމީ ފަރީއްކޮޅެއް ދެއްވިއެވެ. އާދައިގެ މަތިން ، މި ފަރީއްކޮޅު ދެއްވުމުގައި އިސްކޮށް އުޅުއްވީ ހަމައެކަނި މރ. އަމީންދީދީއެއް ނޫނެވެ. އެމަނިއްޕުޅުގެ އަމިއްލަފުޅު ޕްރައިވެޓް ސެކްރެޓަރީއާއި އެއިޑް ޑި ކޭމްޕް ވެސް މެއެވެ. މރ. އަމީންދީދީ އިރުއިރުކޮޅުން ގެއްލެއެވެ. މޭޒުތައް ރާއްވަވައި ތަރުތީބުކުރެއްވުމުގައި ، ކޮންމެ ބޭފުޅަކަށްވެސް އެބޭފުޅަކު އިށީނދެ ވަޑައިގަންނަވަންވީ ތަން ސާފުވަންދެން ކޮޅުކޮޅުމައްޗަށް ދުވެވަޑައިގެން އަވަދިނެތި އުޅުއްވައެވެ. ޝައްކެއްނެތެވެ. އެ ފަރީއްކޮޅަކީ ، ދިވެހިކެއުމުގެ ބާވަތްތަކުގެ ތަފާތު ވައްތަރުތަކުން ތައްޔާރުކުރެވިފައިވާ ފަރީއްކޮޅެއްނަމަވެސް ، އެހާބޮޑަށް ކުޅިއެއްނޫނެވެ. އެއްވެސް ޙާލެއްގައި ، މުނިފޫހި ފިލުވުމުގައި ދިވެހިންގެ އާދައިގެ މަތިން ، ރަލުގެ އެއްވެސް ބާވަތެއް ނެތެވެ.

(24) ރޭގަނޑުގެ ފަރީއްކޮޅަށްފަހު އަޅުގަނޑުމެން އެންމެންދިޔައީ ، ގޯތިތެރޭގައިއޮތް ، ކުޑަ ބަގީޗާއަކަށެވެ. އެތާނގައިވަނީ ، ޚާއްޞަގޮތަކަށް ، ކުޑަ ތިއޭޓަރެއް ތައްޔާރު ކުރެވިފައެވެ. ގިނަޢަދަދެއްގެ އަންހެންކުދިން ، މިއުޒިކާއި ލަވަޔަށް ނަށަމުން ގެންދިޔައެވެ. އެތާނގައި ޖަހަމުންގެންދިޔަ މިއުޒިކާއި ލަވަޔަކީ ، ދިވެހިރާއްޖޭގެ ޤައުމީ ސަލާމާ އެއްކަހަލަ ، އިހާއިފަހުގެ ، އާ އަހަރުގެ މުނާސަބަތާވެސް ނުގުޅޭ އަދި ހުޅަނގުގެ ކަންފަތްތަކަށް އަޑުއަހާލަން ފަސޭހަ އެއަޗަކަށް ނުވިއެވެ.

ފުރަތަމަ އައިޓަމް ، " ދިވެހި ޖުމްހޫރިއްޔާއަށް މަރުޙަބާ ! " މިލަވަޔަކީ ، އިރުމަތީގެ މިއުޒިކާއި ރާގާ ގުޅުންހުރި އެއްޗެކެވެ. ދެވަނަ އައިޓަމް " ވެލްކަމް ޓު ސަރ ސެސިލް އެންޑް ލޭޑީ ސަޔަރސް " މިލަވަޔަކީވެސް އިރުމަތީގެ ރާގެއްނަމަވެސް ، އެމެރިކާގެ ނެށުމުގެ މަޝްހޫރު ، އަވަސް   ރާގަކަށް  ، އިސާހިތަކު މިލަވަ ބަދަލުވެގެންދިޔައެވެ. މިލަވަޔަކީ ، ޒުވާން 8 އަންހެންކުދިންގެ މާފަތި ނެށުމުގެ ލަވަޔެކެވެ. ލަވަކިޔަމުން ، ނަށަމުން ، ބަނޑިލައްވަމުންގެންދިޔައީ ، ވަރަށް ހިތްގައިމު ގޮތަކަށެވެ. އެކުދިންގެ ނެށުން ބިނާވެފައިއޮތީ ، ހުޅަނގުގެ ބަށްޓަމަށެވެ. އިރުމަތީގެ ގޮތްތަކަކަށް ނޫނެވެ. ވަރަށް އަޖައިބުވާންޖެހުނު އެއްކަމަކީ ، ހުޅަނގާ އެހާދުރުގައި އޮތްތަނެއްގައި ، ތަފާތު ކުލައަލި ބޭނުންކޮށްގެން އިސްޓޭޖްމަތި ދިއްލައި ، އަލިކޮށްފައި އޮތުމެވެ. އަދި އެއް އައިޓަމުން އަނެއް އައިޓަމަށް ބަދަލުވާއިރު ، އެއައިޓަމުގެ ތަޢާރުފަކާއެކު ،ކޮންމެވެސް މީހަކު އެއަލިތައްވެސް އެކިގޮތަށް ބަދަލު ކުރަމުން ގެންދިއުމެވެ. ނިވިދިއްލޭ ނިއޯންލައިޓެއްވެސް ބެހެއްޓިފައި ހުއްޓެވެ.

އަޅުގަނޑު އެކަމަކާ އަޖައިބެއް ނުވަމެވެ. އެއީ ، އެއަލިތައް ބަދަލުކުރައްވަމުން އެގެންދަވަނީ ، މރ. އަމީންދީދީކަމާމެދަކު  ޝައްކެއްނެތެވެ. އަޅުގަނޑަށް ކޮށްލެވުނު ހެއްވާ ސުއާލަކަށް ޖަވާބުދެއްވުމުގައި ، އޭގެތެރެއިން ގިނަލަވަތައް ހަދައި މިއުޒިކާ އެއްކޮށްދެއްވީ ، ޚުދު އެމަނިއްޕުޅުކަމުގައި ، އަޅުގަނޑުގާތު ، މރ. އަމީންދީދީއަށްވަނީ ވިދާޅުވެވިފައެވެ. އެއީހަމަ ، ޝައްކެއްނެތްގޮތުގައި ، އަޖައިބެއްކަހަލަ ޝަޚުޞިއްޔަތެކެވެ. އެމަނިއްޕުޅުވަނީ ، އާއަހަރު ފެށުމުގެ އުފާވެރިކަމުގެ އާދަޔާޚިލާފު ޢީދެއް ، އަޅުގަނޑުމެންނަށް ގެނެސްދެއްވާފައެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.