(22 މެއި 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ނިންމައިލުން
(39) އަޅުގަނޑަށް ޤަބޫލުކުރެވޭގޮތުގައި، ދިވެހިރާއްޖެއިން އަޅުގަނޑުމެންނަށް ފެނި، އެނގުނު ކަންތައްތަކުން، ފާހަގަކުރެވުނު ކަންތައްތައް ތިރީގައި ބަޔާންކުރެވިފައި އެވަނީއެވެ.
(1) އައުރައީސް އަދި ބޮޑުވަޒީރު މރ. އަމީންދީދީގެ ހައިބަތާއި މަޤާމުގެ މަތިވެރިކަން
އަޅުގަނޑު ކުރިންވެސް ދެންނެވިފަދައިން، މުޅިއޮޑީގައި ޙަސަނުދެފައިހެން، މރ. އަމީންދީދީގެ އަތްޕުޅެއްނުވާ އެއްވެސްކަމެއް، ދިވެހިރާއްޖޭގެ އެއްވެސް ކަންކޮޅެއްގައި ނުވެއެވެ. މރ. އަމީންދީދީ، ދިވެހިރާއްޖެ ހިންގަވަމުން އެގެންދަވަނީ، އަލަށް ތަޢާރުފުވަމުންދާ، ހާމަކަންބޮޑު އިޤްތިޞާދީ ވެއްޓެއްގައި، ކާމިޔާބީގެ އަލިކުލަތަކުން ޒީނަތްތެރިވަމުންދާ މާޙައުލެއްގެ ގޮންޖެހުންތަކާ ކުރިމަތިލައްވައިގެން، ފިސާރި ސާބިތުކަމާއެކުގައެވެ. ޝައްކެއްނެތެވެ. އަޅުގަނޑު ކުރިންވެސް ޢިޝާރާތްކުރިފަދައިން، ތަނަށް ލިބެމުންދާ ކުރިއެރުމަކީ، ޚާއްޞަކޮށް މާލޭގައި، ވަރަށްބޮޑަށް ފާހަގަކޮށްލެވޭ ކަމެކެވެ. މުޅިހުރިހާ ކަމެއްގައިވެސް، ސާފުކޮށް އެނގުނުގޮތުގައި، އެމަނިއްޕުޅަކީ، އެންމެ މަޤްބޫލު ޝަޚުޞިއްޔަތެވެ. އަދި އެމަނިއްޕުޅު އަދާކުރައްވަމުން އެގެންދަވަނީ، ވަރަށް ވިސްނުންތެރިކަމާއި ކެތްތެރިކަމާ އަދި އޯގާވެރިކަން ހިމެނިގެންވާ ފިކުރުފުޅެއްގައި، ޤައުމެއްގެ އެންމެ އިސް ވެރިޔަކު، އަދާކުރައްވާނެ އަގުހުރި ދައުރެކެވެ.
އަތޮޅުތަކުގައި އެމްނިއްޕުޅަށް 100 އިންސައްތައިގެ ތާއީދު އޮވެއެވެ. އެހެންކަމުން، އަމިއްލަފުޅަށް، ނުއުފައްދަވާހާ ހިނދަކު، ދެމަޖިލީހުގައިވެސް، އެމްނިއްޕުޅާ އިދިކޮޅު އެއްވެސް މެންބަރަކު ނުހުންނަވާނެއެވެ. އެހެންނަމަވެސް، އެމަނިއްޕުޅުގެ ޞިއްޙީ ޙާލުކޮޅާމެދު ކޮންމެވެސް ވަރެއްގެ ހިތްނުތަނަވަސްކަމެއް އޮވެއެވެ. އެމަނިއްޕުޅުގެ އާލާސްކަނފުޅަށް ފަރުވާ ހޯއްދެވުމަށްޓަކައި، ޔޫރަޕް ބައްރުގެ އެކި ތަންތަނަށާއި، އިނގިރޭސިވިލާތާ އަދި ސިލޯނަށް ދޭތެރެ ދޭތެރެއިން ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ އެއް ސަބަބަކީ އެއީއެވެ. އަޅުގަނޑު މާލޭގައި ހުރިއިރު، ޤައުމުގެ މަޞްލަޙަތާއި ރައްކައުތެރިކަމަށްޓަކައި، ތަންކޮޅެއް ލަސްކޮށް ކަންތައްތައް ގެންދެވުމަށް، އެމަނިއްޕުޅަށް އަޅުގަނޑު، އިލްތިމާސް ކުރިން މެއެވެ. ބޭއްވުނު ރަސްމިއްޔާތު ތަކާގުޅިގެން، އެމަނިއްޕުޅުގެ ހަށިކޮޅަށް އެކަމުގެ ބުރަފޯރައި، ޞިއްޙީ ޙާލުކޮޅު ރަނގަޅުނޫންކަމުގައި، ސްރީލަންކާގައި ހުންނަވާ ދިވެހިރާއްޖޭގެ މަންދޫބުގެ ފަރާތްޕުޅުން އިވިފައި، އަޅުގަނޑު ވަރަށް ދެރަވީމެވެ. އާލާސްކަންފުޅަށް ފަރުވާ ހޯއްދެވުމަށްޓަކައި، ލަސްނުކޮށް، އެމަނިއްޕުޅު، ސިލޯނަށް ވަޑައިގަންނަވާނެކަމުގައި އަޅުގަނޑު ހީކުރަމެވެ. މިހާރުވާނީ ހަމްދަރުދީގެ މެސެޖެއް، އެމަނިއްޕުޅަށް ފޮނުވާފައި މެއެވެ. އެންމެ ފުރަތަމަ ކަމަކަށް ވާނީ، ރާއްޖޭގެ ރަށްތަކަށް ޒިޔާރަތް ކުރެއްވުންކަމުގައި، އެމަނިއްޕުޅު، އަޅުގަނޑުގާތު ވިދާޅުވެފައި ވެއެވެ. ތަޚުތަށް އިސްވެވަޑައިގަތުމުގެ މުނާސަބަތާ ގުޅުވައިގެން، އިނގިރޭސިވިލާތަށް ވަޑައިގަތުމާމެދު، މރ. އަމީންދީދީ އެއްވެސް ޚިޔާލުފުޅެއް ހާމައެއް ނުކުރައްވައެވެ.
(2) އިނގިރޭސިވިލާތުގެ ގުޅުމަށް، ޚާއްޞަކޮށް އިނގިރޭސި ރާނީއަށް ދިވެހިން ބަރޯސާވެ، މަދަދަށް އެދިތިބި މިންވަރު
އެތަކެތި ބެހެއްޓުމުން ފަޚުރާއި ޝަރަފު ލިބޭކަން ފާޅުވެ އިޙުސާސްވާގޮތަށް، ހުރިހާ ދިމާލެއްގައިވެސް، ޝާހީ ޢާއިލާގެ ފޮޓޯފުޅުތައް ބެހެއްޓިފައި ހުއްޓެވެ. އެއްވެސް އެހެން އެއްޗެއް ނުލިބިއްޖެ ޙާލަތެއްގައި، ނޫސްނޫހުން ފޮޓޯފުޅުތައް ކަފައިގެން ނަގާފައި ނަމަވެސް ފާރުތަކުގައި ވަނީ ތަތްކޮށްފައެވެ. މރ. އަމީންދީދީގެ ރަސްމީ ގެކޮޅުގައި ބެހެއްޓިފައިހުރި އެންމެ ޝަރަފުވެރި އަދި ފަޚުރުވެރި، އަގުބޮޑު އެކައްޗަކީ، އަޅުގަނޑުގެ ކުރިން ސިލޯނުގައި ހުންނެވި ސަފީރު، 1948ގައި ދިވެހިރާއްޖެއަށް ވަޑައިގެންނެވި ފަހަރު، ވެދުމަކަށް އެރުވި، ޢިއްޒަތާއި ޤަދަރު އުފުލިގެންވާ އިނގިރޭސި ރަސްގެފާނު، ކިންގ ޖޯޖު VI، އާއި ރާނީ އެލިޒަބަތު، ސޮއިކުރައްވާފައިވާ ފޮޓޯފުޅެކެވެ. އިތުރަށްހުރި ފޮޓޯފުޅުތަކުގެ ތެރޭގައި، ރައީސް ހޯއްދަވާފައިވާ، ޢިއްޒަތާއި ޤަދަރު އުފުލިގެންވާ އިނގިރޭސި ރާނީ އާއި، ޑިއުކު އޮފް އެޑިންބާރގް އަދި ވަލީޢަހުދު ޗާލްސް އާއި، އަމިރާ އޭން އަދި މާރގްރެޓް ގެ ފޮޓޯފުޅު ހިމެނެއެވެ. ކިތަންމެ ދުރެއްގައި ތިބިނަމަވެސް، އިނގިރޭސި ޝާހީ ޢާއިލާގެ މައްޗަށް، ވަރަށް އާދައިގެ މިމީހުންގެ ހިތްތަކުގައި އުފެދިފައިވާ އިޙުތިރާމާއި ލޯބި، އިޙުސާސްކުރެވޭނެ މީހަކު ހުންނާނެއެކޭ ހިއެއް ނުވެއެވެ.
(3) ދިވެހިރައްޔިތުންގެ ޢާންމު ދިރިއުޅުމުގެ ވަށްޓަފާޅިއާއި، އަވަށުގެ މާޙައުލާ އަދި އެބައިމީހުންގެ އާދަކާދަ
އެބައިމީހުންގެ ދިރިއުޅުމާ، މިހުރިހާކަމެއްވެސް ވަނީގުޅި، ލާމެހިފައެވެ. ގޯސް ޢާދަތަކެއް ހިމެނިގެންވާ އަދި ހަމަ އެފަދައިން، ރަނގަޅު ކަންތައްތަކެއްވެސް ހިމެނޭ، ޒަމާނީ ތަހުޒީބާ ދުރުގައި، އެކަހެރިވެ ތިބެ، ދިރިއުޅެން ޖެހިފައިވުމަކީ، އެބައިމީހުންގެ ނަޞީބުކަމުގައިވެސް ވެދާނެއެވެ. ހުޅަނގުގެ ކުރިއަރާފައިވާ ތަހުޒީބު ރަށްރަށުގެ، ދުމާ ފިނި އަދި ނުސާފު ތިމާވެށްޓަށްވުރެ، އެބައިމީހުންގެ އަވަށްތައް ސާފުތާހިރުކޮށް ބެލެހެއްޓުމަކީ، ފަސޭހަ ކަމަކަށްވެސް ވެދާނެއެވެ. އިރުގެ ސާފު ދޯދިތަކާއި ކަނޑުގެ ގަދަ ނޫކުލަ އަދި ހުދު ދޮންވެއްޔާއި މުރަކައިގެ ސާފު ތިމާވެށި، މިބައިމީހުންނަށް މިކަމުގައި އެހީއަކަށްވަނީކަމަށްވެސް ވެދާނެއެވެ. މިރަށްތައް، މިރަސްމިއްޔާތަށް އަދި މިވަގުތަށް، މިގޮތަށް ތައްޔާރުކުރެވި ބަށްޓަންކުރެވި، އަޅުގަނޑުމެންނަށް ފެނުނު އެއްޗަކީ، އޮޅުވާލެވިފައިވާ، ޙަޤީޤަތާޚިލާފު މަންޒަރުތަކަކާއި އިޙުސާސްތަކަކަށްވެސް، ފަހަރެއްގައި ވެދާނެއެވެ. ކޮންމެގޮތެއްވިޔަސް، އަޅުގަނޑުމެންނަށް ފެނުނީ، ވެރިންނަށް އިޙުތިރާމްކޮށް ކިޔަމަންތެރިކަން އަދާކުރާ ރައްޔިތެކެވެ. އުފެދުމުގައިވެސް، ޚަޞީލަތް ރަނގަޅު، ޝަރަފުވެރި އަދި އަމިއްލަވަންތަ ރައްޔިތެކެވެ. މިއީ، ޤަބޫލުކުރެވޭގޮތުގައި، ދިވެހި ރައްޔިތުންގެ ދިރިއުޅުމާ ގުޅި، ލާމެހިފައިވާ ކަންތައްތަކެކެވެ.
(4) ޖިންސުއްލަތީފުން، ނުވަތަ އަންހެންވެރިންގެ ދިރިއުޅުގެ ވަށްޓަފާޅިއަށް އައި ބަދަލު
އަޅުގަނޑުގެ ކުރިން ސިލޯނުގައި ހުންނެވި، އިނގިރޭސި ހައިކޮމިޝަނަރ، މާލެއަށް ކުރެއްވި ދަތުރުފުޅަކާބެހޭގޮތުން، (30 އެޕްރީލް 1948 ގެ 20 ނަންބަރު ސިޓީގައި)، ފާހަގަ ކުރައްވާފައިވާގޮތުގައި، 1948 ގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް، އޭނާ މާލެވަޑައިގެންނެވިއިރު، އަންހެންވެރިން ތިބެނީ ބުރުގާ އަޅާފައެވެ. އަދި އެއްބަސްވުމުގައި ސޮއިކުރެވުނު ރަސްމިއްޔާތުގައި އެކަނބަލުން، ބައިވެރިވަމުން ދިޔައީ، ވަކިންތިބުމަށް، ޚާއްޞަކުރެވިފައިވާ، ފާރެއްގެ އަނެއްފަރާތުގައި ތިބެގެންނެވެ. އޭރު އެކަނބަލުން ތިބެނީ ބުރުގާ އަޅައިގެންނެވެ. އޭނާ އަދި އިތުރަށް ފާހަގަ ކުރައްވާފައިވާގޮތުގައި، ރަސްމީގޮތުން ބޭއްވުނު ފަރީއްކޮޅުގައި އަންހެނުންނަށް ތިބީ، ހަމައެކަނި، އޭނާގެ އަނބި ކަނބަލުން، ލޭޑީ ހެލްކިންސަން އާއި، ކުރީގެ ގަވަރުނަރ ޖެނެރަލްގެ އަނބި ކަނބަލުން، ލޭޑީ މޯރ އާ ދެބޭފުޅުން ގިނިކަނޏާއެވެ. އޭރާއި މިހާރު، ހާސްބައި ތަފާތެވެ. ހުރިހާ ދިމާލަކުންވެސް އަންހެންވެރިން ފެނެއެވެ. އަދި ބުރުގާ އެޅުމަކީ، ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ބަލާ ޤައުމުތަކާ ޚިލާފަށް، އެމީހުންކުރެ އެކަކުވެސް ބުރުގައެއް ނާޅައެވެ. ރަސްމީ ފަރީއްކޮޅުގައްޔާއި ދަރުބާރުގެ ހޯލުގައި، ގިނަ ޢަދަދެއްގެ އަންހެން ކަނބަލުން ބައިވެރިވިއެވެ. ރައީސް ޢައްޔަންކުރައްވާ 9 މެންބަރުންނާއި، ރައްޔިތުންގެ މަޖިލީހުން ޢައްޔަން ކުރެވޭ 9 މެންބަރުންނާއެކު، ޖުމްލަ 18 މެންބަރުން ހިމެނޭ ޤާނޫނުހަދާ މަޖިލީހުގެ ޗެއަރޕަރސަން، އިންތިޚާބު ކުރެވޭ 47 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ، ރައްޔިތުންގެ މަޖިލީހުގެ ޒަޢިމާއަކީވެސް، އަންހެން ބޭފުޅެކެވެ. ދަރުބާރުގައި ބައިވެރިވެވަޑައިގެންނެވި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ފޮޓޯފުޅުން، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ޤާނޫނުހަދާ މަޖިލީހުގެ ޒަޢީމާ ޖެހިގެން، ފަހަތްޕުޅުން، ގިނަޢަދަދެއްގެ އަންހެންބޭފުޅުންނާއެކު، އިސްވެ ހުންނަވައިގެން، އެކަމަނާ ދަރުބާރަށް ހިންގަވާފައި ވަދެވަޑައިގަންނަވާތަން ފެންނަން އެބަހުއްޓެވެ. އެކަމަނާއަކީ، ވިސްނުންތޫނު އަދި އިނގިރޭސިބަހުން ރަނގަޅަށް ވާހަކަދައްކަވާ ބޭކަނބަލެކެވެ. ސިލޯނުގެ އަބުއި އަންހެންވެރިންނާ، ވާހަކަދެއްކުމުގައި ވަރަށް ގިނައިން ދިމާވާފަދަ ދަތި އެއްވެސްކަމެއް، ދިމަލެއްނުވެއެވެ. މިހުރިހާ ކަމެއްވެ، ބަދަލުތަކެއް އައިސްފައި މިވަނީ، އަންހެންވެރިން ބުރުގާ އެޅުން ހުއްޓުވުމަށް، މރ. އަމީންދީދީ ކުރެއްވި މަސައްކަތްޕުޅުގެ ނަތިޖާއެއްގެ ގޮތުން، އެންމެ ދެއަހަރެއްހާ ދުވަހުގެ ތެރޭގައެވެ.
(40) މިއީ، ކެމެރާތަކާއި، ކެމެރާގެ ބޮކިތަކާ އަދި ދިއްލާފައިވާ އަލީގެ ގަދަ ދޯދިތަކުގެ ކުރިމައްޗަށް، ނޫސްވެރިންގެ ކުއްލި ސަމާލުކަމަށް، ގެނެވޭގޮތަށް، އަޅުގަނޑާއި އަޅުގަނޑުގެ އަންހެނުންނަށް ތަޖުރިބާ ކުރެވުނު ފުރަތަމަ އިޙުސާސްތަކެވެ. މީގެ އިތުރަށް، ބީބީސީގެ މރ. ވިލިއަމްސް، "ނިއުޔޯރކް ޓައިމްސް" ގެ މރ. ޓްރަމްބުލް، އަދި "ލައިފް" އާއި "ޓައިމް" ގެ މރ. ޖޭ. ބްރައުން އަކީ އެޗް.އެމް.އެސް. ސިލޯނުގައި ދަތުރުކުރެއްވި، ވަރަށް އެކުވެރި ނޫސްވެރިން ކޮޅެކެވެ. ސިލޯނުގެ ކަނޑުގެ ސިފައިންގެ މަނަވަރު "ވިޖެޔާ" ގައިވެސް، ސިލޯނުގެ، ގިނަ ޢަދަދެއްގެ ނޫސްވެރިންނާއި ފޮޓޯނަގާ މީހުން އައެވެ. އަދި ދިވެހިރާއްޖޭގެ ފޮޓޯނަގާ މީހުންނާއި ސިނަމާ ކެމެރާ ވެސް، މިކަމުގެ ތެރޭގައި މުހިންމު ދައުރެއް އަދާކުރިއެވެ. އެހެންކަމުން، ކިތަންމެ އެކަހެރިކޮށް ދުރުގައި އޮތްކަމަށްވިޔަސް، މިރަސްމިއްޔާތުގެ ފުރިހަމަ ޚަބަރާއި ފޮޓޯ، އަދި މަޢުލޫމާތު ފެތުރި، ހާމަކުރެވިފައި ނެތުމާމެދު، ދިވެހިން ޝަކުވާކުރާނެ ޖާގައެއް ނެތެވެ.
(41) އަޅުގަނޑުމެން މާލެ ދިއުމަށްޓަކައި، އެޗް.އެމް.އެސް. ސިލޯނު، ހަމަޖައްސަވައިދެއްވިކަމަށްޓަކައި، އިނގިރޭސި ކަނޑުގެ ސިފައިންގެ އިސް ފަރާތްތަކަށް، އަދިވެސް އެއްފަހަރު، ޝުކުރު ދަންނަވައިނުލާ، އަޅުގަނޑުގެ މިލިޔުން ނިންމައިލަން އުނދަގުލެވެ. ދަތުރަށް އެރީއްސުރެ، އަޅުގަނޑުމެންނަށް އިޙުސާސްވަމުން ދިޔައީ، އެޗް.އެމް.އެސް .ސިލޯނަކީ، ވަރަށް އަރާމު އަދި ހިތްގައިމު މަނަވަރެއްކަމެވެ. އަޅުގަނޑުމެންގެ ދަތުރު އެހާ ހިތްގައިމުކަމާއި އަރާމާއެކު ފުރިހަމަކުރުމުގައި، ކެޕްޓަން ސްޓޮޕްފޯރޑް އާއި އޭނާގެ އޮފިސަރުން އަދި މަނަވަރުގެ އެހެން މުއައްޒަފުންވެސް އަދާކޮށްފައިވަނީ ވަރަށް ފުރިހަމަ ދައުރެކެވެ. އެއެންމެންނަކީވެސް، ދުޅަހެޔޮ ޞިއްޙަތެއްގައި ތިބި، ޖާނުގައި ވަރުހުރި ފަހުލަވާނުންތަކެކެވެ. އަދި ވަރަށް ގާތް، ހިތްހެޔޮ އެކުވެރިން ތަކެކެވެ. އަޅުގަނޑުގެ މިދަތުރަށްޓަކައި، ލެފްޓިނަންޓް ކޮމާންޑަރ ޗީތަމް، އޭނާގެ ހުރިހާ މަސައްކަތަކުން ވީއްލަވައި، އަޅުގަނޑަށް ހުސްކޮށް ދެއްވައި، މިދަތުރުގައި އަޅުގަނޑުގެ އޭޑީސީ ގެ ގޮތުގައި ހަމަޖައްސަވައިދެއްވިކަމަށްޓަކައި، ވައިސް އެޑްމިރަލް ސަރ ވިލިއަމް ސްލޭޓަރ އާއި ކެޕްޓަން ސްޓޮޕްފޯރޑް އަށް، ޚާއްޞަ ޝުކުރެއް އަރިސް ކުރަމެވެ. ފްލައިޓް ލެފްޓިނަންޓެއްގެ މާބޮޑު ތަޖުރިބާތަކެއް ނެތް ނަމަވެސް، ލެފްޓިނަންޓް ކޮމާންޑަރ ޗީތަމް އަށްވުރެ ވަކިން ރަނގަޅަށް، އަޅުގަނޑަށް ޚިދުމަތް އަދާކޮށްދެއްވޭނެ ބޭކަލަކު ނުހުންނާނެ ކަންނޭނގެއެވެ. އޭނާގެ މަޑުމައިތިރި އަޚުލާޤާއި، ސަމާލުކަމާއި ހުޝިޔާރުކަން އަދި ޖުމްލަ ގޮތެއްގައި ހުރިހާކަމެއްގައިވެސް ވަރަށް ބަރާބަރެވެ. އަދި އެކި ޙާލަތްތަކުގައި، އަޅަންވީ ފިޔަވަޅާއި ހަދަންވީ ގޮތާމެދު، ލަހެއްނެތި، ހުޝިޔާރުކަމާއި ވިސްނުންތެރިކަމާއެކު، ނިންމަވާ ނިންމުވުމަކީ، އަގުވަޒަންކުރަންޖެހޭފަދަ އަގުހުރި އެއްޗެކެވެ. ޕަރސިއަން ގަލްފަށް ވަޑައިގަތުމަށް ފުރާވަޑައިގަތުމުގެ ކުރިން، 5 ޖެނުއަރީގައި، އެޑްމިރަލް ސްލޭޓަރ، ޒިޔާރަތް ކުރައްވާ އަޅުގަނޑާ ބައްދަލު ކުރެއްވިއެވެ. އަދި އަމިއްލަ ދުލުން، އޭނާއަށް ޙައްޤު ޝުކުރު އަދާކުރުމުގެ ފުރުޞަތު އަޅުގަނޑަށް ލިބިގެންދިޔައެވެ. އެޗް.އެމް.އެސް. ސިލޯނު، އެދަތުރަށް ފުރުމުގެ ފަހުން، އޭނާއަށާއި، ކެޕްޓަން ސްޓޮޕްފޯރޑް އަދި ލެފްޓިނަންޓް ކޮމާނޑަރ ޗީތަމް އަށް، ޝުކުރު އަދާކޮށް، މެސެޖެއް ފޮނުވީމެވެ.
(ނުނިމޭ)