އިމްތިޙާން ކުރެއްވުން

ﷲ އަޅުގަނޑުމެން ދުނިޔެއަށް ފޮނުއްވައިފައި ވަނީ ވަކި މަޤްޞަދަކަށްޓަކައެވެ. އެކަން ކީރިތި ޤުރްއާނުގައި ވަރަށް ރަނގަޅަށް އަންގަވައިފައިވެއެވެ. އެއީ ﷲ އަށް އަޅުކަން ކުރުމެވެ. އަޅުގަނޑުމެން ކުރަން ޖެހޭހައިވެސް ކަމަކީ އަޅުކަން ކުރުމެވެ.

އަޅުކަމަކީ ހަމައެކަނި ނަމާދެއް ނޫނެވެ. ހަމައެކަނި ރޯދަހިފުމެއް ނޫނެވެ. ދިރިއުޅުމަށް ކުރާ ހުއްދަ ނުވަތަ ހަލާލު މަސައްކަތްވެސް ހިމެނެނީ އަޅުކަމުގެ ތެރޭގައެވެ. މުއުމިނަކު ދީނުގެ އިމުން ބޭރުނުވެ ކުރާ ކޮންމެ ކަމަކީ އަޅުކަމެކެވެ. ކުރުކޮށް ދަންނަވާނަމަ އަޅުކަމަކީ ﷲ އަށް ކިޔަމަންގަތުމެވެ. ކިޔަމަންތެރިކަން އަދާ ކުރުމުގެ ގޮތުން ކުރާ ކޮންމެ ކަމަކީ އަޅުކަމެކެވެ.

ދުނިޔޭގައި އަޅުގަނޑުމެން ކުރާ ކަމެއް ކުރަން ޖެހޭ އެންމެ ބޮޑު މަގްސަދަކީ އަލިފާނުން ސަލާމަތްވުމެއް ނޫނެވެ. އަދި ސުވަރުގެއަށް ވަނުމެއްވެސް ނޫނެވެ. ސުވަރުގެއަށް ވަދެވޭނެކަމުގެ ޔަގީންކަން ހޯދުމަކީ އަޅުގަނޑުމެންނަކަށް ކުރެވޭނޭ ކަމެއް ނޫނެވެ. (ނަރަކައށް ވަދެވޭނެކަމުގެ ޔަގީންކަން ހޯދުމަކީ އެއްވެސް ކަމެއް ނޫނެވެ.) އަޅުގަނޑުމެން ދުނިޔޭގައި ކުރާ ކޮންމެ ކަމެއްގެ މައިގަނޑު މަގްސަދަކީ ﷲ ގެ ރުއްސެވުން ހޯދުމެވެ. ނަރަކައިން ސަލާމަތްވުމާއި، ސުވަރުގެއަށް ވަދެވުމަކީ އޭގެ ނަތީޖާއެވެ.

ﷲ ގެ ރުއްސެވުން ހޯދާނީ ކިހިނެއްތޯއެވެ؟ މިއީ ފަސޭހަ ކަމެއް ނޫނެވެ. އިސްލާމްދީނަކީ ލުއިފަސޭހަދީނޭ ބުނުމުގެ މާނައަކީ އެއްގޮތަކަށްވެސް ފަސޭހައިން ދިންނަވާނޭ ކަމުގެ ޔަގީންކަން ލިބޭ ދީނެކޭ ބުނުމެއް ނޫނެވެ. އޭގެ މާނައަކީ އަޅުގަނޑުމެންފަދަ ބަލިކަށި އިންސާނުންނާ އެކަށީގެންނުވާފަދަ ބުރަކަމެއް ދީނުގައި ނެތޭ ބުނުމެވެ. ބުރަވުމާއި ފަސޭހަނުވުމާ މިއީ މުޅިން ދެ ކަމެކެވެ. ﷲ ރުއްސެވުން ހޯދުމަކީ ބުރަކަމެއް ނޫނެވެ. އެކަމަކު ފަސޭހަ ކަމެއްވެސް ނޫނެވެ.

ﷲ ގެ ރުއްސެވުން ހޯދުން ފަސޭހަ ނުވަނީ ދުނިޔޭގައި އަޅުގަނޑުމެން އިމްތިޙާން ކުރައްވާތީއެވެ. ކީރިތި ޤުރްއާނުގައި ކަނޑައެޅިގެން އަންގަވައިފައިވާ އެއް ވާހަކައަކީ އިމްތިޙާން ކުރެއްވުމުގެ ވާހަކައެވެ. ދުނިޔެއަށް ކަލޭމެން ފޮނުއްވާފައި ހަމަ އުޅޭނެ ގޮތަކަށް އުޅެން ދޫކޮށްފައި ތިބީއެއް ނޫނޭ ވަނީ އަންގަވައިފައެވެ.

ދުނިޔޭގެ ދިރިއުޅުމާ މެދު ވިސްނައިލީމާ އަޅުގަނޑުމެންނަށް ފެންނަނީ ކޮން ކަހަލަ މަންޒަރުތަކެއްތޯއެވެ؟ އެއްތަނަކަށް ބޮޑު ބިންހެލުމެއް އައިސްގެން އެތައް ލައްކަ ބަޔަކު މަރުވަނީއެވެ. އޭގެ ތެރޭގައި ގިނައީ ބާލިޣް ނުވާ ކުޑަ ކުދިންނެވެ. އަނެއް ތަނަކަށް ސުނާމީ އަރައިގެން އެތައްހާސް ބައެއްގެ ފުރާނަ ދަނީއެވެ. މިނޫނަސް މިކަހަލަ ކަމެއްގެ ޚަބަރެއް ނީވޭ ދުވަހެއް މަދެވެ. މިއީ ކިހިނެއް ހިނގާ ކަންތައްތަކެއް ބާވައެވެ؟

ހިންދީ ފިލްމުތަކުން ފެންނަނީ އެމީހުންގެ ކަލާނގެ ނާއިންސާފުގެ ސަބަބުން ދިމާވާ މުޞީބާތްތަކާ ގުޅިގެން ފައްޅިއަށް ގޮސް ކަލާނގެއާ ދިމާއަށް އެއްޗެހި ގޮވާ ތަނެވެ. އެއީ އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއްބާވައެވެ؟ އަޅުގަނޑުމެންގެ ވެރިއަކީ ﷲ އެވެ. އެއީ އަޅުގަނޑުމެން އިންތިޚާބަކުން ހޮވި ވެރިއެއް ނޫނެވެ. އެއީ އަޅުގަނޑުމެން ހެއްދެވި ފަރާތެވެ. ޙަޤީޤީ ވެރިޔާއެވެ. އަޅުގަނޑުމެންނަށް ހެޔޮ ގޮތާއި ނުބައި ގޮތް މޮޅަށް ދެނެވޮޑިގެންވާ ފަރާތެވެ. އެހެން ކަމަށްވާނަމަ ޝަކުވާ ކުރުމުގެ އެއްވެސް ފުރުސަތެއް އަޅުގަނޑުމެންނަކަށް ނެތެވެ.

ޝަކުވާ ކުރެވެން ނެތިއްޔާ ދެން އޮންނާނީ ކެތް ކުރުމެވެ. ﷲ މެދުވެރި ކުރައްވާ އިމްތިޙާނުން ފާސްވާން އޮންނަ ގޮތަކީ އެއީއެވެ. ހެޔޮ ކަމެއް މެދުވެރިވީމާ ﷲ އަށް ޙަމްދު ކުރާ ފަދައިން މުޞީބާތަކާ ކުރިމަތިވީމާވެސް ﷲ އަށް ޙަމްދު ކުރުމެވެ. އެނޫން ގޮތެއް ނެތެވެ. އިމްތީޙާނަކުން ރެކިގަނެވޭނޭ ގޮތެއްވެސް ނެތީއެވެ. އަޅުގަނޑުމެން ނުހަނު ބުރަ މަސައްކަތުން މޮޅު ކާމިޔާބީއެއް ހޯދައި، އެކަމުގެ ހިތްހަމަޖެހުމާއެކު ހިންދެމިލާ ވަގުތު ބޮޑު މުޞީބާތަކާ ކުރިމަތިލާން ޖެހިދެއެވެ. މިއީ ތާއަބަދު ލޯމަތީން ފެންނަ މަންޒަރެކެވެ. އެއީ ﷲ ގެ ވަޢީދު ބަސްފުޅުގެ ތެދުކަން އެނގޭ ކަމެކެވެ. އިމްތިޙާނު ކުރައްވާނޭކަމަށް އަންގަވައިފައިވާ ބަސްފުޅަކީ ޙަޤީޤަތެއްކަން އެނގޭ ކަމެކެވެ. މިނޫން ގަޮތަކަށް ދިރިއުޅުން ވޭތު ކުރާ ނުވަތަ ވޭތުކުރެވޭނޭ އެކަކުވެސް ދުނިޔެއަކު ނެތެވެ.

ދުނިޔޭގެ ދިރިއުޅުމުގައި މުޞީބާތާ ކުރިމަތިލާން ޖެހޭ ކަމީ ކޮންމެ ދީނަކުންވެސް ގަބޫލު ކުރާ ކަމެކެވެ. އެއީ ކުރިމަތީން އެ މަންޒަރު ފެންނާތީއެވެ.

ޖަޕާނުގެ ކޯބޭއަށް އައި ބިންހެލުމުގައި ކޯބޭ އަށް ލިބުނު ގެއްލުމަކީ މީހަކު ލޮލުން ކަރުނަ އޮހޭފަދަ ބޮޑެތި ގެއްލުމެވެ. ޕާކިސްތާނުގެ މުޒައްފަރުއާބާދަށް އައި ބިންހެލުމުގައި މަރުވެގެން ދިޔަ ތުއްތު ކުދީންގެ ގަބުރު ފެނުނު މީހެއްގެ ލޮލުން ކަރުނަ ފައިބާނެއެވެ. 2004 ވަނަ އަހަރު ދުނިޔޭގެ ބައެއް ގައުމުތަކަށް އެރި ސުނާމީގެ ގެއްލުންތައް އަދި އަޅުގަނޑުމެންގެ ހަނދާނަކުން ނުފިލައެވެ. އޭގެ ގެއްލުން ލިބުނު ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެވެސް ހިމެނެއެވެ.

އެއީ ކޮން ކަމެއްތޯއެވެ؟ އެއީ ހައްތަހާވެސް އިމްތިޙާނެވެ. ކުށްކުރުން މަތީ ދެމިތިބި ބޮޑެތި މީހުން ސަލާމަތްވެފައި އެއްވެސް ކުށެއް ނުކުރާ ކުޑަކުދިން މަރުވީ، ބޮޑެތިމީހުންނަށް ލެއްވި ރަޙްމަތަކަށް ނުވޭތޯއެވެ؟ މިއީ ކޮންމެ މީހަކަށްވެސް ދިމާވެދާނެ ކަމެކޭ އަވަހަށް ހެޔޮ މަގަށް އެނބުރޭށޭ އެންގެވުން ކަމަކަށް ނުވޭތޯއެވެ؟

މުޞީބާތަށް ކެތްކުރުމަކީ ﷲ އަށް ކިޔަމަންތެރިކަން އަދާކުރުމުގެ އެއްސިފައެވެ. އެއީ މަތިވެރި އަޅުކަމެކެވެ. މުޞީބާތަކީ ﷲ އަޅުގަނޑުމެންނަށް މެދުވެރިކުރައްވާ އިމްތިޙާނެވެ. އެ އިމްތިޙާނުން ފާސްވެގެން ނޫނީ ﷲ ގެ ރުއްސެވުން ލިބޭނޭ އެއްވެސް ގޮތެއް ނޯންނާނެއެވެ. ކުރީންވެސް ލިޔެވުނު ފަދައިން ސުވަރުގެ ލިބޭނީ ﷲ ރުއްސަވާ އަޅަކަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.