ރޯދައިގެ ފިލާވަޅު 21: އިޢުތިކާފުން ލިބިދޭ ތަމްރީނު

عَنْ عَائِشَةَ ـ رضى الله عنها ـ زَوْجِ النَّبِيِّ صلى الله عليه وسلم أَنَّ النَّبِيَّ صلى الله عليه وسلم كَانَ يَعْتَكِفُ الْعَشْرَ الأَوَاخِرَ مِنْ رَمَضَانَ حَتَّى تَوَفَّاهُ اللَّهُ، ثُمَّ اعْتَكَفَ أَزْوَاجُهُ مِنْ بَعْدِهِ‏.‏ (صحيح البخاري، كتاب الاعتكاف، باب الاعتكاف في العشر الأواخر والاعتكاف في المساجد كلها)

ނަބިއްޔާ صلى الله عليه وسلم ގެ އަނބިކަނބަލުން ޢާއިޝާ رضى الله عنها ގެ އަރިހުން ރިވާވެެގެން ވެއެވެ. ނަބިއްޔާ صلى الله عليه وسلم ސުވަރުގެ ވަޑައިގަންނަވަންދެން ރަމަޟާން މަހުގެ ފަހު ދިހައިގައި އިޢުތިކާފަށް އިންނެވިއެެވެ. ދެން އެކަލޭގެފާނަށް ފަހު ވެސް އެކަލޭގެފާނު އަނބިއަނބިކަނބަލުން ޢިއުތިކާފަށް ތިއްބެވިއެވެ. (ޞަޙީޙުލް ބުޚާރީ، ޙަދީޘު: 2026)

އަޢުތިކާފަކީ ދުނިޔޭގެ ޢަމަލުތައް ދޫކޮށްލައި މާތް ﷲއަށް އަޅުކަންކުރުމުގެ ބޭނުމުގައި މިސްކިތެއްގައި ވަކި މުއްދަތަކަށް އިނުމެވެ. ޢާއްމު ގޮތެއްގައި އިޢުތިކާފަށް ތިބޭ ދުވަސްވަރަކީ ރަމަޟާން މަހުގެ ފަހު ދިހައެވެ.

އިޢުތިކާފުގެ މާނައަށް ބަލާއިރު ފާހަގަކޮށްލެވޭ ކަންކަމަކީ

  • ތިމާ ދުނިޔޭގައި ދިރިއުޅޭތަން ދޫކޮށް ﷲގެ ގެކޮޅުގައި (މިސްކުތުގައި އިނުން)
  • އެއިންނަ އިނުމުގައި މާތް ﷲއަށް ޒިކުރު ކުރުމާއި، ޤްރުއާން ކިޔެވުމާއި، ނަމާދުކުރުން ފަދަ އަޅުކަމުގައި ހުރިހާ ވަގުތެއްގައި މަޝްޣޫލުވެ އިނުން.
  • ކޮންމެހެން ބޭނުން ޖެހިއްޖެ ހާލަތެއްގައި މެނުވީ ބޭރަށް ނުކުމެ ނުހެދުމާއި، މީހުންނާ ވާހަކަދައްކައި ނުހެދުން.

މިކަންކަމަށް ވިސްނާލުން އިޢުތިކާފުން ވަރަށް ބޮޑު ފިލާވަޅެއް ލިބިގެން ދެއެވެ. އެއީ ނަފުސު ވަކިގޮތަކަށް ހާނުުވައި ތަރުބިއްޔަތުކުރުމުގެ ފިލާވަޅެވެ. އެހެން ގޮތަކަށް ބުނަނީނަމަ، އިޢުތިކާފަކީ އިންސާނީ ނަފުސު އިސްލާމްދީން ދައްކާ މަގާ ދުރުވާން ފެށުމުން އެނަފުސު ވަކިގޮތަކަށް ތަމްރީނުކުރުމަށް ކުރެވޭ ކަމެކޭވެސް ބުނެވިދާނެއެވެ. އެހެންކަމުން ދީނުގައި އިޢުތިކާފަށް އިނުމަށް ބާރު އަޅުއްވައި އެކަމުގެ ޘަވާބު ބޮޑުކުރައްވާފައިވާ ބައެެއް ސަބަބުތަކަކީ:

  • ގިނަ ބައެެއްގެ އީމާންކަން ބަލިކަށިވުން
  • ދުނިޔޭގެ އުފާތަކާއި އެތުންތަކުގެ ތެރެއަށް ވަދެވި ގިނަ ބަޔަކަށް އެކަންތަކުން ނުނުކުމެވޭ ވަރު ވެފައިވުން
  • ދުނިޔޭގައި ލިބޭ ވަގުތީ އުފަލާއި އަރާމުގެ ސަބަބުން ސުވަރުގެ މަތިން މީހުން ހަދާން ނެތުން.

މަތީގައި ދެންނެވުނު ކަންކަމާ ނަފުސުތައް ދުރުކޮށް އިންސާނީ ނަފުސު ދީން އެދޭގޮތަށް އަނބުރައިލުމަށް ކުރެވޭނެ އެންމެ ރަނގަޅު ކަމަކީ އިޢުތިކާފަށް އިނުމެވެ. އަދި އެކަމަށް އެންމެ ރަނގަޅު ވަގުތަކީ ރަމަޟާން މަހުގެ ފަހު ދިހައެވެ. ރަސޫލުﷲ صلى الله عليه وسلم އަކީ އަބަދުވެސް މާތް ﷲއަށް އަޅުކަންކުރައްވާ ދުނިޔޭ އެދުންތަކުން ދުރުހެލިވެވަޑައިގެން ހުންނެވި ބޭކަލަކަށް ވާއިރުވެސް އެކަލޭގެފާނު ކޮންމެ ރަމަޟާން މަހެއްގެ ފަހު ދިހައިގައި އިޢުތިކާފަށް އިންނެވީ އުއްމަތަށް އެކަމުގެ ނަމޫނާ ދެއްކެވުމަށެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.