
މާފަންނުގެ މިސްކިތެއްގެ މުދިމެކެވެ. ފަތިސް ނަމާދަށް ބަންގި ގޮވުމަށްޓަކައި، ނަމާދު ވަގުތުޖެހުމުގެ ގަޑިއެއްހާއިރު ކުރިން މިސްކިތަށް ދިއުމަކީ މުދިމުގެ އާދައެކެވެ.
އެއްރެޔެކެވެ. މުދިމްމީހާގެ އާދައިގެމަތިން، ބަންގިގޮވުމުގެ ގަޑިއެއްހައިއިރު ކުރިން، މިސްކިތަށް ދާން ހިނގައިގަތެވެ. މަޑުމަޑުން ހިނގަމުން ގޮސް، ފަނޑިޔާރު މަނިކުފާނުގެ ގެޔާ ހަމަވެއްޖެއެވެ. ކުޅިބަލާގެޔަށް އަރައިވަޑައިގެން މަގުމައްޗަށް ބައްލަވައިގެން ފަނޑިޔާރު މަނިކުފާނު ހުންނެވިއެވެ. އަދި މުދިމްމީހާ، އަންނަތަން ފެނިވަޑައިގެން ފަނޑިޔާރު މަނިކުފާނު މުދިމްކަލޭގެޔަށް ގޮވައި ލައްވައި ވިދާޅުވިއެވެ.
"ބަލަ! ހާދަ އަވަހަކަށް މިސްކިތަށް ތިޔަދަނީ."
"ރޭގަނޑުގެ ތިންބައިކޮށްފަ އެއްބައިގަ، އުޑުތަކުގެ އެންމެ ފަހު އުޑަށް ﷲ ފައިބައިވަޑައިގެން، އަޅުތަކުންކުރެ އެކަލާނގެޔަށް ދުޢާ ދަންނަވައި، ކަންކަމަށް އެދޭ އަޅުންގެ މުހުތާދުތައް ފުއްދަވައި ދެއްވުމަށް ވޮޑިގެންވާކަމުގައި މަނިކުފާނު ވިދާޅުވަމެއް ނޫންތޯ؟" މުދިމްކަލޭގެ ދެންނެވިއެވެ.
މިރޭ ވަޑައިގެން ނޫޅުއްވަނީތޯއޭ މުދިމްކަލޭގެ ދެންނެވި ސުއާލަށް ދެއްވާނެ ޖަވާބެއް ނެތި ފަނޑިޔާރުމަނިކުފާނު އިސްޖެއްސެވިއެވެ.