(23 އޭޕްރީލް 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ބޭރަށް އޮތީ އަނދިރިކަން ވެރިވެފައެވެ. ކުޑަދޮރުން ނުކުމެފައި ހުރި އަލި ކާރާ ހަމައަކަށް ނުފޯރައެވެ. ކާރުގެ އެތެރެވެސް އޮތީ އަނދިރިކޮށެވެ. އެހެންވީމާ ބާދްޝާއެއް ނުއެއް ފެނެއެވެ.
ބާދްޝާ ރުޚްސާނާއަށް ޖަވާބުދޭން އަނގަ ހުޅުވައިފައިމެ އައި ރުޅީގައި ހުއްޓާލައިފިއެވެ. ކުޑަދޮރުން މައިދައިތަ ފެނުނީމައެވެ. މައިދައިތަ ބުންޏެވެ. "ދަރިފުޅާ. ކާރުގެ ކުރީ ދޮރު ހުރީ ހުޅުވާފައިހެން މަންމައަށް އެބަ ހީވޭ. ކާރު ބާއްވާފައި ޖާނީ ކޮންމެވެސް ތަނަކަށް ދިޔައީކަން ނޭނގެ."
"ނޫނޭ މަންމާ. ކާރު ބާއްވާފައި އޭނާ އެންމެ ފުރަތަަމަ ވަންނާނީ ގެއަށް. އަހަންނާ ބައްދަލުކޮށްފައި ދަރިފުޅަށް ލޯބިކޮށްލާފައި ނޫނީ އޭނާ އެހެން ތަނަކަށް ނުދާނެ."
"މަންމަ ދައްކާ ކޮންމެ ވާހަކައެއް ދަރިފުޅަށް ވާނީ ދޮގަކަށް. އޭނާ ކާރުގައި އިންނަމަ ޖަވާބެއް ދިނީހެއްނު؟ ގޮވައިލީމާ އަނގައިން ބުނީހެއްނު؟"
ރުޚްސާނާ ބުންޏެވެ. "އަހަރެން ބަލާފައި އެބަ އަންނަން."
އޭނާ ނުކުންނާން ހިނގައިގަތްތަނާ ދަރިފުޅު ރޮއިގެންފިއެވެ. އެހެންވީމާ ގޮސް ދަރިފުޅު ނަގައިފިއެވެ. "މަންމަ ގޮސް ބަލާފައި އާދޭ."
"މަންމަ ފޮނުވަން ނޫޅޭ ދަރިފުޅާ. މަންމަ އޭނާ ދެކެ ބިރުގަނޭ."
އޭނާ ދަރިފުޅު މޭގައި ޖައްސައިލިއެވެ. "ކިރު ޖައްސައިގެން އަހަރެން ބޭރަށް ނުކުންނާނީ ކިހިނެއް؟ މަންމަ ބިރުގަންނާވީ ކީއްވެގެން؟ އޭނާ މަންމަ ކައިލާނީތަ؟ ގޮސް ބަލައިލަބަލަ. އަނެއްކާވެސް މަސްތުވެގެން އައީކަން ނޭނގެ. އަނގައިން ނުބުނީ އެހެންވެގެން ކަމަށްވެސް ވެދާނެ. މަސްތުވެފައި ހުރިއްޔާ މަންމަ އެނބުރި އާދޭ. ދަރިފުޅު ނިންދަވާފައި ގޮސް އަހަރެން އޭނާ ގެނެސްފާނަން."
މަންމައަކަށް އިންކާރު ކުރާކަށް ނުކެރުނެވެ. ކުޑަދޮރުކައިރިން ދުރަށް ޖެހިލައި ގެއިން ނުކުންނާން ހިނގައިގެންފިއެވެ. މައިދައިތަ ކުޑަދޮރު ކައިރިން ދުރަށް ޖެހިލީމާ ބާދްޝާގެ ރުޅިވެސް ތަންކޮޅެއް މަޑު ވެއްޖެއެވެ. ކާރުން ފައިބާން އުޅުނު ވަގުތު ގޭގެ ފެންޑާގެ ބޮކި ދިއްލިއްޖެއެވެ. އޭނާ ގެޔާ ދިމާއަށް ބަލައިލިއެވެ. ހީކުރެވުނީ ރުޚްސާނާ ނުކުންނަނީ ކަމުގައެވެ. އެއީ މާ ރަނގަޅު ގޮތެކެވެ. ދެމީހުންނަށް ހަމަޖެހިލައިގެން ތިބެ ވާހަކަ ދެއްކިދާނެއެވެ. މައިދައިތަގެ އުނދަގުލެއް ނުފޯރާނެއެވެ.
ފެންޑާގެ އަލިކަމުގެ ތެރެއިން ފެނުނީ މައިދައިތައެވެ. ބިރުން ހުރެގެން އޭނާޔާ ދިމާއަށް އަންނަތަން ފެނުނީމާ އޭނާ އެއްވެސް ހަރަކާތެއް ނުކޮށް ދަތްކުނޑި ވިކައިލަވިކައިލާ ކުރީ ގޮނޑީގައި އިށީނދެގެން އިނީއެވެ. ކުއްލިއަކަށް ކީކޭ ހިތަށް އަރައިގެން ކަމެއް ނޭނގެއެވެ. ގޮނޑީގައި ލެނގިލުމަށް ފަހު ލޯ މަރައިލުމަށް ފަހު އަނގަ ހުޅުވައިލިއެވެ. އޮތް ގޮތުން އޭނާގެ ވިންދެއްވެސް ހުރި ފާޑެއް ނުޖަހައެވެ. މައިިދައިތަ ކާރުގެ ކަރިއަށް އަތުވެއްޖެއެވެ. "ޖާނީ... ދަރިފުޅާ ޖާނީ..."
ގޮވައިލުމަށް ފަހު އޭނާާ ޖަވާބެއް ދޭތޯ ބަލާން މައިދައިތަ ކުޑައިރުކޮޅަކަށް އިންތިޒާރު ކުރިއެވެ. އެކަށީގެންވާ ވަރަށް ކައިރިއަށް އާދެވުނީމާ މައިދައިތައަށް އޭނާ ފެނިއްޖެއެވެ. އޭނާގެ ބޯ އޮތީ ގޮނޑީގެ ލެނގޭބައިގައި ޖެހި ފުރަގަހަށް އެލިފައި ކަހަލަ ގޮތަކަށެވެ. އެހެންވީމާ އެ އޮތީ މަސްތިވެފައި ކަމަށް ބަލައިފައި ކައިރިއަށް ޖެހިލިއެވެ. ދޮރުބުޑުގައި ހުރެގެން ގޮވައިލިއެވެ. "ދަރިފުޅާ. އަނެއްކާވެސް މަސްތުވީތަ؟ ތިޔައީ ވަރަށް ނުބައި އާދައެއް. މަންމަވެސް މިއީ ދަރިފުޅުގެ އަމައެއްނު؟ މަންމަގެ ބަސް އަހައިގެން ތިޔަ އާދަ ދޫކޮށްލާ."
ބާދްޝާ ޖަވާބެއް ނުދިނެވެ. މައިދައިތަ ބޭނުންވީ ބާދްޝާގެ ގައިގައި އަތް ޖައްސައިލާށެވެ. އެކަމަކު ނުކެރުނެވެ. އެހެންވީމާ ގުދުވެފައި ރާވަސް ދުވާތޯ ބަލައިލިއެވެ. އެކަހަލަ އެއްވެސް ވަހެއް ނުދުވައެވެ. އޭނާ އައީ ރާ ބޮއިގެން ނޫންކަން ޔަގީން ވެއްޖެއެވެ. މޫނަށް ރަނގަޅަށް ބަލައިލީއިރު އަނގަ ހުރީ ހުޅުވިފައެވެ. ދޫވެސް ހުރީ ކުޑަކޮށް ބޭރަށް ނުކުމެފައެވެ. އެއްވެސް ހަރަކާތެއް ނެތެވެ. މައިދައިތަ ވަރަށް ބޮޑަށް ހާސް ވެއްޖެއެވެ. "ޖާނީ. ދަރިފުޅާ... ކިހިނެއްވީ؟ ވާހަކަ ނުދައްކަނީ ކީއްވެގެން؟ ހަރަކާތެއް ނުކުރަނީ ކީއްވެގެން؟"
ބާދްޝާ ހަމަ އޮތް ގޮތަށް އޮތީއެވެ. އޭނާ މަރުވީ ކަމުގައި ހިތައި މައިދައިތަ ތުރުތުރުއަޅާން ފަށައިފިއެވެ. "ޖާ... ޖާނީ... މަ... މަރު... މަރުވީތަ؟"
މަރުވެފައި ތިބޭ މީހުންނާ މީހުން ސުވާލު ކުރޭ ހެއްޔެވެ؟ ސުވާލު ކުރިއްޔާ ޖަވާބެއް ލިބޭނެ ހެއްްޔެވެ؟ މައިދައިތަ ކުއްލިއަކަށް އެނބުރި ގެޔާ ދިމާއަށް ބަލައިލާފައި ހަޅޭއް ލަވައިގެންފިއެވެ. "އަހަރެންގެ ދަރިފުޅެއް ވާ ނެތް... އަހަރެންގެ ދަރިފުޅު ހުވަފަތް ވެއްޖެ..."
ކުއްލިއަކަށް މީހަކު މައިދައިތަގެ ހެދުމުގެ ފަސްބައިގައި ހިފައި ދަމައިގެންފިއެވެ. އޭނާ ބިރުން ތެޅިގެންފައި އެނބުރި ބަލައިލިއެވެ. ބާދްޝާ ދަތް ކާރުވަމުން ބުންޏެވެ. "މަރު ވުމަށް ފަހުވެސް އަހަރެން ކަލޭމެން ދޫކޮށްލާނޭ ކަމަށް ހީކުރީތަ؟ އެހެންނެއް ނުވާނެ. މުޅި އުމުރު ދުވަސް ހޭދަކުރާނީ ނަފުރަތުން ކުރުން މަތީގައި. މަރުވުމަށް ފަހު އަހަރެންގެ ރޫހު ކަލޭމެންގެ ފަހަތުން އަޅައިގަނެގެން އުޅޭ ވަރަށް ލޯބިވާނަން. ދުނިޔޭގެ އެއްވެސް ދަނބިދަރިއަކު މައިދައިތަ ދެކެ ލޯބިނުވާ ވަރަށް ލޯބިވާނަން."
މައިދައިތަ ފަސްބައި ފޮޅުވައިލުމަށް ފަހު ގެޔާ ދިމާއަށް ހިނގައިގެންފިއެވެ. "ތިޔަ ކަހަލަ ފިރިހެނުންނަށް ލައުނަތް ލައްވާނެ. ﷲ ގެ ދުޝްމިނަކަށްވެސް ތިޔަ ކަހަލަ ދަނބިދަރިއަކު ނުދެއްވާތޯ އަހަރެން ދުޢާ ކުރާނަން. އަހަރެންގެ ފަހަތުން އަޅައިގަނެގެން އުޅޭ ސަބަބެއްވެސް ނޭނގޭ."
ގޭ ދޮރުމައްޗަށް މަންމަ އެރީމާ ރުޚްސާނާ އަހައިލިއެވެ. "މަންމާ. ކިހިނެއްވީ؟"
"ވާނީ ކިހިނެއް؟ އޭނާ މަރެއް ނުވޭ."
"ކީކޭ؟" ރުޚްސާނާ ހައިރާން ވެފައި މަންމައާ ދިމާއަށް ބަލައިލިއެވެ. އަދި ރުޅި އައިސްފައި އަހައިލިއެވެ. "މަންމަ ތިޔަ އިނީ ހަމަހޭގައިތަ؟"
"އޭނާ އަހަންނަށް ހަމަހޭގައި އިނަދޭތަ؟ މައްޔިތެއްހެން ކާރުގައި އޮށޯވެގެން އޮތީ. އަހަރެން ކައިރިއަށް ޖެހިލާފައި މަރުވީހޭ އަހައިލުމާއެކު އަހަރެންގެ ފަސްބައިގައި ހިފައިފި. ބުނީ މަރުވިޔަސް އަހަރެންގެ ފަހަތުން ނައްޓައެއް ނުލާނަމޭ."
ރުޚްސާނާގެ ރުޅި މަޑެއް ނުވިއެވެ. މަންމަގެ ގާތަށް ޖެހިލާފައި ބުންޏެވެ. "މަންމަ އޭނާ ގާތު އެހީ މަރުވީހޭ... މަންމަ ތިޔައީ އަހަރެންގެ ދުޝްމިނެއްތަ؟ މަންމަ ބޭނުންވަނީ އޭނާ މަރައިލަންތަ؟ މަންމަ ނޫން އެހެން މީހަކު ނަމަ މިރޭ ކުޅި ދައްކައިލީމުސް. އަހަރެންގެ ކުރިމަތިން ދުރަށް ދޭ."
މަންމަވެސް ރުޅި އައިސްފައި ބުންޏެވެ. "އަހަރެންގެ ދަރިފުޅުވެސް މިހާރު ދުޝްމިނަކަށް ވެއްޖެ. ފިރިއަކު ލިބުނީމާ މަންމަގެ މައިވަންތަކަންވެސް ހަނދާން ނެތިއްޖެ. ދަރިފުޅުގެ ކައިރިއަށް އައިސް މި ގޭގައި މި އުޅެނީ އަހަރެން މޮޔަވެގެންތަ؟ ދަރިފުޅުގެ އެކަނިވެރިކަމާއި ކުޑަ ދަރިފުޅުގެ ހާލާ މެދު ވިސްނާފައި މަންމަ މި ގޭގައި މި އުޅެނީ. އެކަލޭގެ ފުށުން ފޯރަފާނޭ ދުއްތުރާލަކުން ސަލާމަތް ކޮށް ދެވޭނީވެސް މިގޭގައި އުޅެގެންތާ. އެކަމަކު ހީވާ ގޮތުން ދަރިފުޅުގެ މެޔަށް ފިނި ވާނީ މަންމަ މަރުވީމާ."
ބޭރުން ބާދްޝާގެ އަޑު އިވުނެވެ. "ފިނި ވަނީ ކިހިނެކޯ؟ މަރުވީމާ މަންމަ ބަދަލުވަނީ އެއަރު ކަންޑިސަނަކަށްތަ؟"
އޭނާގެ އަޑު އިވުމާއެކު މަންމަ ތުން އަނބުރައިލާފައި ގޮސް ބަދިގެއަށް ވަދެއްޖެއެވެ. ބާދްޝާ އެތެރެއަށް ވަނީމާ ރުޚްސާނާ އޭނާގެ ކޮނޑުގައި އަތް ޖައްސައިލިއެވެ. "މަންމަ ޖާނީއާ ބެހޭ ގޮތުން އެކަހަލަ ވާހަކަ ދެއްކީމާ އަހަރެންވެސް ދެރަވޭ. މަންމަ ބައެއް ފަހަރަށް ރުޅި އައީމާ އެކަހަލަ ވާހަކަ ދައްކާނެ. އެކަމަކު ޖާނީ ތިޔަ ހެދީ ކިހިނެއް؟ އަހަރެން ގޮވީމާވެސް އަނގަޔަކުން ނުބުނަމެއްނު؟"
އޭނާ ދަރިފުޅާ ދިމާއަށް ބަލައިލަމުން ބުންޏެވެ. "އަހަރެންގެ މޫޑު ރަނގަޅު ނޫން ވަގުތަކަށް ވީމާ އަނގައިން ނުބުނީ. މޫޑު ރަނގަޅު ނޫނިއްޔާ އަހަރެން ހިމޭނުން ހުންނަނީކަން ރުޚްސާނާއަށް އެނގޭނެ."
އޭނާ ދަރިފުޅު އުރައިލުމަށް ފަހު ކޮލުގައި ބޮސް ދީފިއެވެ. ރުޚްސާނާ އުފާވެފައި އޭނާޔާ ދިމާއަށް ބަލައިލިއެވެ. "މޫޑު ރަނގަޅު ނޫނީ ކީއްވެގެން؟"
"މި އައީ ފުލުހުންނާ އަރައިރުން ވެފައި. އިންޖިނޭރުބޭބެ އައިތަ؟"
އިންޖިނޭރުބޭބެގެ ނަން އިވުމާއެކު ރުޚްސާނާގެ މޫނުމަތީގެ ކުލަވަރު ބަދަލު ވެގެން ހިނގައްޖެއެވެ. "ބޭބެ އަންނާނަމޭ ބުނެފައި އޮތީތަ؟"
(ނުނިމޭ)