ފަޅިމޫނު - 154

(30 މާރިޗު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އެހެން މީހަކު ބުނެފިއެވެ. "މަންމަ ވީ އަންހެނުން ތިބޭ ވަތްގަނޑުގައި ކަމަށް ވެދާނެ."

ބާދްޝާ ބުންޏެވެ. "ނޫން. މީނާގެ މަންމައެއް ނެތް."

"ނެތޭ؟ ތިޔަ ބުނީ ކީކޭ؟ ދުނިޔޭގައި ނެތީތަ؟"

އޭނާ މަޑުމަޑުން ގޮސް ގޮނޑީގައި އިށީނދެއްޖެއެވެ. މުޅިން ހިމޭނުންނެވެ. ރުޚްސާނާ މަރުވީއޭ ބުނީމާ ކަމުނުދިޔައީ ކީއްވެގެން ކަމެއް ނޭނގެއެވެ. ރުޚްސާނާ މަރުވުމަކީ އޭނާ އެދޭ ގޮތެއް ނޫނެވެ. އޭނާ ބޭނުން ވަނީ މުޅި އުމުރު ދުވަހު ދަރިފުޅަށްޓަކައި ހިތާމަކޮށް ތެޅިތެޅި ދުނިޔޭގައި ރުޚްސާނާ އިންނަ ގޮތް ވާށެވެ. ފަސިންޖަރަކު އޭނާގެ އަތުން ދަރިފުޅު އަތުލަމުން ބުނެލިއެވެ. "ގެނޭ. އަހަރެންގެ އަނބިމީހާއަށް ދައްކައިލާނަން. މި ކުއްޖާފުޅުގެ ގައިގެ ކޮންމެވެސް ތަނެއްގައި ރިއްސަނީ ކަމަށްވެސް ވެދާނެ."

އެމީހާ ފަހަތު ގޮނޑިބަރިއަށް ބަލައިލިއެވެ. ފަހަތުގައި ތިބީ އަންހެނުންނެވެ. އެތަނުން އެކަކު ދަރިފުޅު އަތުލައިފިއެވެ. ބާދްޝާ އިސްދަށަށް ޖަހައިލައިގެން އިނީއެވެ. މާ ގިނަ އިރުތަކެއް ނުވެ ދަރިފުޅު ހިމޭން ވެއްޖެއެވެ. އޭނާ ބަލައިލީއިރު އޮތީ ނިދައިފައެވެ. "ވަރަށް ބޮޑަށް ޝުކުރިއްޔާ. ތިޔަ ބޭފުޅާގެ އަނބިކަނބަލުން ނެތް ނަމަ އަޅުގަނޑުގެ ދަރިފުޅު މަސަލަސް ކުރުން ފަސޭހަ ކަމަކަށް ނުވީސް."

"އިރާދަ ކުރެއްވިއްޔާ ހުރިހައި ކަމެއް ރަނގަޅު ވެގެން ހިނގައިިދާނެ. ނިކަން ބުނުއްވަބައްލަވާ. ދަރިފުޅުގެ މަންމަ ހަމަ ހަގީގަތުގައިވެސް ނިޔާވީތޯ؟"

ޖާނީ އިސް ދަށަށް ޖަހައިލައިގެން އިނދެ ބުންޏެވެ. "ނޫނޭ. ނިޔާވީއެއް ނޫން. އޭނާ އަޅުގަނޑުމެން ދޫކޮށްލާފައި ދިޔައީ."

"ކީކޭތޯ؟" އެ ފަސިންޖަރު ހައިރާންކަމާއެކު އެހެން ފަސިންޖަރުންނާ ދިމާއަށް ބަލައިލިއެވެ. އެހެން މީހަކު އަހައިލިއެވެ. "ކިހިނެއްވީ؟"

ކުރިން ވާހަކަދެއްކި ފަސިންޖަރު ބުންޏެވެ. "އަނބިމީހާ ފިލީ. ދަރިފުޅު ދޫކޮށްލާފައި ދިޔައީ. ކީކޭ ބުނާނީ؟ މި އޮތީ ފަހު ޒަމާން ލައިގެންފައި. މައިވަންތަ ކުލުނުވެސް ވަޅުލައިފައި ވަގު ލޯބިވެރިޔާއާއެކު ފިލައިގެން ދިޔައީ."

ވަގު ލޯބިވެރިޔާއޭ ބުނެލީ އަޑު އިވުމާއެކު ބާދްޝާގެ ކުރިމަތީގައި އެނބުރިގަތީ ޖަމްޝީދުގެ ސޫރައެވެ. އެއީ ތަނަވަސްކަން ލިބިފައިވާ މީހެކެވެ. އަތުގައި އަގު ބޮޑު ކާރެއް އެބައޮތެވެ. މުދަލާއި ފައިސާ ހުރީ ކިހައި ވަރަކަށް ކަމެއްވެސް ނޭނގެއެވެ. ރުޚްސާނާ އެ ދިމާއަށް ސޮއްސައިލީ އެހެން ވެގެންނެވެ. ވަފާތެރިކަން ވަން ވަލަކަށް ވަދެ ފިލައިފިއެވެ. އަންހެނުންނަށް އިތުބާާރު ކުރެވެނީވެސް ކިހިނެއް ހެއްޔެވެ؟ ކައިރީގައި އުޅޭއިރު ކަރުގައި އެޅުވޭ ހާރަކަށް ވެގެން ވަފާތެރިކަންމަތީގައި އުޅެއެވެ. ޚިދުމަތް ކުރެއެވެ. ލޯމަތީން ކައްސައިލުމާއެކު މޫނަށް ކުޅު ޖަހައެވެ.

އެ ވަގުތު ބާދްޝާއަށް އޭނާގެ އަގު ވެއްޓުމުގެ އިހުސާސް ވަރަށް ބޮޑަށް ކުރެވުނެވެ. "ދަރިފުޅު ގެނެސްދެއްވާ. ތިޔަ ބޭފުޅާގެ އަނބިކަނބަލުންނަށް އުނދަގޫވާނެ."

"އުނދަގުލެއް ނުވާނެ. އަޅުގަނޑުގެ އަންހެނުން އެ ކުއްޖާފުޅު ބަލަހައްޓާނެ. ހިތްހަމަ ޖައްސަވައިގެން އިންނަވާ."

އޭނާ އިންކާރު ކުރުމުގެ ގޮތުން ބޯ ހޫރައިލިއެވެ. "ނޫނޭ. މިއަދުން ފެށިގެން ދަރިފުޅު ބެލުމަކީ އަޅުގަނޑުގެ ޒިންމާއެއް. ރެޔާއިދުވާ އެއްކޮށްގެން ދަރިފުޅު ބެލެހެއްޓުމަކީ އަޅުގަނޑު ކުރަން ޖެހޭ ކަމެއް. ތިޔަ ބޭފުޅާގެ އަނބިކަނބަލުން އެންމެ ދުވަހަކު ދަރިފުޅު ބެލެހެއްޓުވަމުން ކުރާނޭ ފައިދާއެއް ނެތް. މައްސަލަތަކަށް އާދަ ވެގަތުމަކީ އަޅުގަނޑު ކުރަން ޖެހޭ ކަމެއް."

އެމީހާ ތެދުވެގެން ގޮސް ދަރިފުޅު ގެނެސް ބާދްޝާއާ ހަވާލު ކޮށްފިއެވެ. އޭނާ އިށީނދެ އިން ތަނުން ތެދުވުމަށް ފަހު އެ ގޮނޑީގައި ދަރިފުޅު ބާއްވައިފިއެވެ. އެޔަށް ފަހު ގޮނޑީގެ ކައިރީގައި ތަޅުންމަތީ އިށީނދެއްޖެއެވެ.

އޭރުވެސް އެ ވަތްގަނޑުގެ މީހުން އެކި ގޮތްގޮތަށް ވާހަކަ ދައްކަމުން ދިޔައެވެ. "ފިރިހެނަކު އެކަނި އެހައި ތުއްތު ކުއްޖަކު ގޮވައިގެން އެ ދަނީ ކޮން ތަނަކަށްބާ؟"

"އެ ކުއްޖާގެ މަންމައެއް ނެތް."

"މަންމަ އެހެން މީހަކާ ހިތާވެގެންް ފިލައިގެން ހިނގައްޖެ."

ހުރިހައި ދިމާއަކުން އިވެނީ ދަރިފުޅުގެ މަންމަޔާ ބެހޭ ގޮތުން ދައްކާ ވާހަކައިގެ އަޑެވެ. ވާހަކަދައްކަނީ މަޑުމަޑުންނެވެ. ރޭލުގެ އިންޖީނުގެ އަޑާއެކުވެސް އެ އަޑު އޭނާއަށް އިވެއެވެ. އެ ވަތްގަނޑު ހުރަސް ކޮށްފައިދާ މީހުންވެސް އެއް ފަހަރު އޭނާޔާ ދިމާއަށް އަނެއް ފަހަރު ދަރިފުޅާ ދިމާއަށް ބަލަމުން ގެންދިޔައެވެ. ބާދްޝާ އެމީހުންގެ މޫނަށް ބަލަމުން ގެންދިޔައީއެވެ.

ޚާންޕޫރު އިސްޓޭޝަނަށް ރޭލު މަޑު ކުރުމާއެކު ރޭލަށް ފުލުހުން އަރައިފިއެވެ. އިންސްޕެކްޓަރަކު ދަނޑިބުރިން އޭނާގެ ގައިގައި ކޮއްޓައިލިއެވެ. "އޭތް... ތެދުވޭ. މިއީ ކާކުގެ ކުއްޖެއް؟"

ބާދްޝާ ތެދުވެއްޖެއެވެ. "އަޅުގަނޑުގެ."

"ކުއްޖާގެ މަންމަ ކޮބާ؟"

"އަޅުގަނޑަކަށް ނޭނގޭ. މަންމަ ހުރި ނަމަ މި ގޮތަށް ދަރިފުޅު ގޮވައިގެން އަޅުގަނޑު ދުވާނެތޯ؟"

"އަހަރެމެންނާއެކު ހިނގާ."

"ކޮން ތަނަކަށްތޯ؟" އޭނާ ހައިރާން ވެފައި އަހައިލިއެވެ.

"ކަލޭ މީހަކުގެ ދަރިއަކު ވަގަށް ނަގައިގެން އުޅޭ ކަމުގެ ރިޕޯޓު އަހަރެމެންނަށް ލިބިފައި އެބައޮތް. ފުލުސް އޮފީހަށް ހިނގާ. މިއީ ކަލޭގެ ދަރިއެއް ނޫން."

"މިއީ އަޅުގަނޑުގެ ދަރިއެއް. އަޅުގަނޑު ސާބިތުކޮށް ދީފާނަން. އަޅުގަނޑުގެ ފޮށީގައި ހެކި އެބަހުރި."

އިންސްޕެކްޓަރު ބުންޏެވެ. "އަހަރެން ކުރަން ޖެހޭ އެހެން މަސައްކަަތްވެސް އެބަހުރި. ބަލަން ޖެހޭ އެހެން މައްސަލަ އެބަހުރި. ކަލޭ މި ފުލުހުންނާއެކު ފުލުސް އޮފީހަށް ދޭ. އަހަރެން އެބަ އަންނަން."

"ސާހިބާ. އަޅުގަނޑަށް ނާާދެވެނީސް ރޭލު ފުރައިފިއްޔާ ހަދާނީ ކިހިނެއްތޯ؟"

"އެހެން ރޭލެއްގައި ދޭ."

"ތިޔައީ ކޮން ކަހަލަ ވާހަކައެއްތޯ؟ އަޅުގަނޑު މި ވަގުތު މިތާނގައި ހުރެގެން ހެކި ދައްކަފާނަން. ބައްލަވައިލައްވާ. އަޅުގަނޑު މި ދަންނަވަނީ ތެދެއްކަން އެނގިވަޑައިގެންފާނެ. އަޅުގަނޑު ރޭލުން ބާލުއްވަން އުޅުއްވަނީ ކީއްވެގެންތޯ؟"

"ޖަދަލު ނުކުރޭ. އަހަރެން ބުނާ ގޮތަށް ހަދާ. ފައިބައިގެން ހިނގާ. އެހެން ނޫނީ މި ފުލުހުން ކަލޭ ގަދަކަމުން ބާލައިގެން ގެންދާނެ."

ފަސިންޖަރަކު ބުނެލިއެވެ. "ސާހިބާ. އޭނާ އެ ދަތުރު ކުރަނީ އޭނާގެ މަންޒިލާ ދިމާއަށް. މިތަނަށް އޭނާ ބާލުއްވައިފިއްޔާ ރޭލު އަތު ނުވެ ހިނގައިދާނެ. ތަހުގީގަށް ވަގުތު ހޭދަ ވާނެއެއް ނޫންތޯ؟"

އިންސްޕެކްޓަރު އެ މީހާޔާ ދިމާއަށް ކަޅިއަޅައިލިއެވެ. "ގާނޫނީ ކަންތައް ހުންނަ ގޮތެއް ކަލޭމެންނަކަށް ނޭނގޭނެ. އަހަރެމެންގެ މަސައްކަތަށް ހުރަސް ނާޅާ. ކަލޭމެންނަށް ވުރެ ބޮޑަށް ގާނޫނު އެނގޭނީ އަހަރެމެންނަށް. ކުށްވެރިންނާ މުއާމަލާތް ކުރަން ޖެހޭ ގޮތްވެސް އެނގޭނީ އަހަރެމެންނަށް."

ބާދްޝާ ބުންޏެވެ. "އަޅުގަނޑަކީ ކުށްވެރިއަކީމެއް ނޫން. މިއީ އަޅުގަނޑުގެ ދަރިފުޅު. އަޅުގަނޑަކީ މި ދަރިފުޅުގެ ބައްޕަ. އަޅުގަނޑުގެ އަތުގައި ހެކި އެބަހުރި."

"އެހެން ވެއްޖެއްޔާ ގަންނަންވީ ކޮން ބިރެއް. ފުލުސް އޮފީހަށް ހިނގާ."

ބާދްޝާއަކަށް އެހެން ގޮތެއް ނުފެނުނެވެ. އެހެންވީމާ ދަރިފުޅުގެ ގައިގައި ރަޖާ އޮޅައިލުމަށް ފަހު ނަގައި ކޮނޑުމަތީގައި ބާއްވައިފިއެވެ. އެޔަށް ފަހު އަނެއް ކޮނޑުގައި ދަބަސް އަޅުވައިގެން ފޮށި އެއް އަތުން ހިފައިގެން ރޭލުން ފައިބާން ހިނގައިގެންފިއެވެ. އެ ވަގުތު ފަހަތު ގޮނޑިބަރިން އަންހެނަކު ގޮވައިލިއެވެ. "މަޑުކޮށްލާ ބޭބޭ."

އޭނާ ހުއްޓިފައި އެނބުރި ބަލައިލިއެވެ. އެއީ އޭނާގެ ދަރިފުޅު މަސަލަސްކުރި އަންހެންމީހާއެވެ. އޭނާާ ބާދްޝާގެ އަތަށް ކުޑަ ތޯލާ ފުޅިއެއް ދީފައި ބުންޏެވެ. "މިއީ ބޭހެއް. މި ފުޅި ޖީބުގައި ބާއްވާ. ދަރިފުޅުގެ ބަނޑުގައި ރިއްސާތީ އުޅޭ. އެގޮތަށް ރޮއި ތެޅި ހަދަނީ އެހެން ވެގެން. ތުއްތު ކުދިން ރޯ ސަބަބު ޖެހޭނީ ދެނެގަންނަން. އެއީ ބޭބެއަކަށް ކުރެވޭނެ ކަމެއް ނޫން. އެހެންވީމާ ވީހައިވެސް އަވަހަކަށް ދަރިފުޅު އަންހެނަކާ ހަވާލު ކުރޭ. މުސްކުޅި އަންހެނަކަށް ވިޔަސް އެންމެ ރަނގަޅު. ބޭރު ވަރަށް ފިނި. ބަލައިގެން އުޅޭތި. ހަތަރެސްފައިގައި ތެޔޮ އުނގުޅާތި."

ބާދްޝާ އެ އަންހެންމީހާއާ ދިމާއަށް ލޯތްބާއެކު ބަލައިލިއެވެ. "ވަރަށް ބޮޑަށް ޝުކުރިއްޔާ. ތިޔަ ހެޔޮފުޅުކަން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ."

އޭނާ ހިނގައިގަތުމާއެކު އަނެއްކާވެސް އެ އަންހެންމީހާ ގޮވައިލިއެވެ. "އަދި މަޑުކޮށްލަބަލަ."

ބާދްޝާ ހުއްޓުނީމާ އެމީހާ ބުންޏެވެ. "އަންހެނަކު އޭނާގެ ފިރިމީހާާ ދޫކޮށްލައިފާނެ. އެކަމަކު މަޔަކު އޭނާގެ ދަރިފުޅު ދޫކޮށެއް ނުލާނެ. ދެމަފިރިންގެ މެދުގައި ޖެހުނީ ކޮން މައްސަލައެއް ކަމެއް އަހަންނަކަށް ނޭނގޭ. ދެމީހުންގެ މެދުގައި ކުށްހިއެއް އުފެދިފައި އޮތަސް... ނޫނީ އަނބިމީހާއަށް ކުށެއް ކުރެވިފައި އޮތަސް ދަރިފުޅަށްޓަކައި އޭނާއަށް މާފުކޮށްލާ. ނިކަން ވިސްނައިލަބަލަ. ފިރިމީހާ އޭނާގެ އަނބިމީހާއަށް މާފު ނުކުރިއްޔާ މާފު ކުރާނީ ކާކު؟"

ބާދްޝާ އިސް ދަށަށް ޖަހައިލައިގެން ހުރެ ފުލުހުންނާއެކު ގޮސް ރޭލުން ފައިބައިފިއެވެ. އޭރު މެންދަމުން އަލިވެ ދޭއް ޖަހައިފިއެވެ. ބޭރަށް ޖެހެނީ ފިނި ވައިރޯޅިއެވެ. އޭނާ ގެންދިޔައީ ދަރިފުޅު އެ ފިނިން ސަލާމަތް ކުރެވޭތޯ މަސައްކަތް ކުރަމުންނެވެ. މަޑުމަޑުން ހިނގާފައި ގޮސް ރޭލު އިސްޓޭޝަނުގެ ފެންޑާއަށް އަރައިފިއެވެ. ފުލުހަކު އޭނާ ގޮވައިގެން ގޮސް ގޮނޑިއެއްގައި އިށީނދެއްޖެއެވެ.

"ސާހިބާ. މިއީ ވަރަށް ފިނިތަނެއް. ދަރިފުޅު ވަރަށް ކުޑަ. އަޅުގަނޑަށް އެތެރޭގައި އިށީނދެގެން އިނުމުގެ ހުއްދަ ދެއްވާ."

ފުލުހުމީހާގެ ހިތަށް ހަމްދަރުދީގެ އަސަރު ވެރިވެއްޖެއެވެ. އެހެންވީމާ އެތެރެއަށް ވަނުމުގެ ހުއްދަ ދީފިއެވެ. ބާދްޝާ ދަރިފުޅު ގޮވައިގެން ގޮސް ރޭލު އިސްޓޭޝަނުގައި ހުރި ފުލުސް އޮފީހަށް ވަދެ ގޮނޑިއެއްގައި އިށީނދެއްޖެއެވެ.

އޭނާ ގެންދިޔައީ އިންތިޒާރު ކުރަމުންނެވެ. ރޭލު ފުރާ ގަޑި ޖެހެނީއެވެ. އެ ވަގުތު އިންސްޕެކްޓަރު އައިސް ވަދެއްޖެއެވެ.

"ކަލޭގެ އަތުގައި ޓިކެޓު އެބައޮތްތަ؟"

"އާދެ. އެބައޮތް." ބާދްޝާ ދަރިފުޅު ގޮނޑީގައި ބާއްވާފައި ކޮޅަށް ތެދުވެއްޖެއެވެ. ފޮށި ހުޅުވައިލުމަށް ފަހު ޓިކެޓު ނަގައި އިންސްޕެކްޓަރުގެ އަތަށް ދީފިއެވެ.

އިންސްޕެކްޓަރު އަހައިފިއެވެ. "މިއީ ކަލޭގެ ދަރިއެއް ކަމުހެ ހެއްކަކީ ކޮބާ؟"

އެ ވަގުތު ރޭލުގެ ބަރުގޮނުގެ އަޑު އިވިއްޖެއެވެ. ރޭލު ދުއްވައިލީ އަޑުވެސް އިވިއްޖެއެވެ.

ބާދްޝާ ފޮށިންް އޭނާގެ ކާވެނީގެ ސެޓްފިކެޓާއި ފޮޓޯ އަލްބަމެއް ނަގައި އިންސްޕެކްޓަރުގެ އަތަށް ދީފިއެވެ. "މި އަލްބަމްގައި ދަރިފުޅުގެ ފޮޓޯ އެހެރީ. ދެން ދަރިފުޅަށް ބައްލަވައިލައްވާ. ފޮޓޯގައި މޫނުގެ އެއް ފަޅި ފޮރުވައިގެން އެހެރަ އަންހެންމީހާއަކީ އަޅުގަނޑުގެ އަނބިމީހާ. މި ދަރިފުޅުގެ މަންމަ."

"އަނބިމީހާ މިހާރު ކޮބާ؟"

"އޭނާ ވީ ލަންޑަނުގައި."

އިންސްޕެކްޓަރު ގަބޫލު ނުކުރާ ކަހަލަ ގޮތަކަށް އޭނާއާ ދިމާއަށް ބަލައިލިއެވެ.

ބާދްޝާ ބުންޏެވެ. "ފޮޓޯ ބައްލަވައިލައްވާ. އަޅުގަނޑުގެ އަނބިމީހާ އެހެރީ މޫނުގެ އެއް ފަޅި ފޮރުވައިގެން ނޫންތޯ؟ އޭނާގެ މޫނު އެހެރީ އަލިފާން އާވިން އަނދާފައި. ލަންޑަނަށް ދިޔައީ މޫނު ރަނގަޅު ކުރަން ޕުލާސްޓިކު އަޅަން."

"ދަރިފުޅު ގޮވައިގެން ކަލޭ ތިޔަ ދަނީ ކޮން ތަނަކަށް؟"

"އަޅުގަނޑުގެ ވަކި މަންޒިލެއް ނެތް. ޓިކެޓު ނެގީ ލާހޯރާ ހަމައަށް. ކޮންމެވެސް ތަނަކަށް ފައިބާނީ."

"ކަލޭގެ އަނބިމީހާ ލަންޑަނަށް ދިޔައީމާ އޭނާގެ އިންތިޒާރުގައި ރަށުގައި މަޑު ނުކުރީ ކީއްވެގެން؟"

"އޭނާ ދިޔައީ އަޅުގަނޑަށް މަކަރު ހަދާފައި. ލަންޑަނުގައި އުޅެނީ މުއްސަނދި ޒުވާނަކާ އެކީގައި."

"އެހެން ދޯ؟ ކަލޭ ތިޔަ ދައްކަނީ ތެދު ވާހަކައެއްތަ؟"

"އަޅުގަނޑު ރޭލުން ފައިބައިގެން މިތަނަށް އައީ ހެކި ދައްކާން ވެގެން. މިހާރު ރޭލުވެސް ފުރައިގެން އެ ދިޔައީ. އިތުރު ހެކި ދައްކަން އަޅުގަނޑު އެނބުރި ރަށަށްވެސް ހިނގައިދާނަން. އަޅުގަނޑަށް އުނދަގޫ ނުކުރައްވާ."

"ރަށުގައި އުޅެނީ ކަލޭގެ ކާކު؟"

"މިހާރު އަޅުގަނޑުގެ އެއްވެސް މީހަކު ނޫޅޭނެ. އަޅުގަނޑު މި ދާ ތަނަކުވެސް އަޅުގަނޑުގެ މީހަކު ނެތް."

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.