ރޯދަމަޖާ: އޮފީސް ނުހުޅުވާ ދުވަހެއް

ރޯދަމަހު ރޯދައަށް ތިބެގެން މީހުން ކުރާ ހެއްވާ ކަންތައްތަކުގެ ވާހަކައަކީ ނިމުމެއް ނެތް ވާހަކަ ތަކެކެވެ. އެ ވާހަކަތައް އެތައް ފަހަރަކު ދައްކާފައި އޮތް ނަމަވެސް ކޮންމެ ރޯދަ މަހަކާއެކު އަލުން ފަށައިގެން ދެކެވޭ ގޮތް ވެއެވެ.

އޭގެ ތެރެއިން މާލެއަށް ތަންކޮޅެއް ކުރިން މަޝްހޫރު ވެގެން ގޮސްފައިވާ އެއް ވާހަކައަކީ ބައިސްކަލުގެ ފުރޮޅަށް ވައި ޖެހުމުގެ ވާހަކަ އެވެ. މި ވާހަކަ ކިޔުއްވައި ދެއްވާފައި ވަނީ މާލެއަށް މަޝްހޫރު ބޭކަލެކެވެ. އެއީ ކުއްލި ޖަވާބަށް ވަރަށް ކުޅަދާނަ ބޭކަލެކެވެ. މަޝްހޫރު ފީބޯ އަޙްމަދު މަނިކެވެ. (އޭނާ މިހާރު ވަނީ ނިޔައު ވެފައެވެ. މާތް ﷲ އޭނާގެ ފުރާނައަށް ސުވަރުގެ މިންވަރު ކުރައްވާށިއެވެ.)

ދުވަހަކީ މުލަރޯދަ ދުވަހެވެ. ވަރަށް ހޫނު ގަދަ ދުވަހެކެވެ. ވަގުތަކީ މެންދުރުގެ ވަގުތެވެ. އިބްރާހީމް މަނިކު ދިޔައީ ބާޒާރަށް މަހެއް ގަންނާށެވެ. އެހެން ނަމަވެސް އޭރު އަދި މަސް ދޯނިފަހަރެއް ނުލަފައެވެ. އެހެންވީމާ މަހެއް ގަނެވޭ ގޮތެއް ނުވިއެވެ. އިބްރާހީމް މަނިކު ގަސްތު ކުރީ ގެއަށް ގޮސްފައި އަދި ފަހުން މަސް ގަންނާން އަންނާށެވެ. އެނބުރި ގެއަށް އައިސް ދޮރާށި ދޮށުގައި ބައިސްކަލު ބެހެއްޓުމަށް ފަހު ގެއަށް ވަދެއްޖެއެވެ. އެހެން ަމަވެސް ގޭގައި މަޑު ކުރެވޭ ގޮތެއް ނުވިއެވެ. ހަނޑޫ ނެތް ވާހަކަ އަނބިމީހާ ބުނެފިއެވެ. އެހެންވީމާ ޖީބަށް ފައިސާކޮޅެއް ލައިގެން ބާޒާރަށް ދާން ނުކުމެއްޖެއެވެ. އޭނާ ގަސްތުކުރީ އަނެއްކާވެސް ބާޒާރަށް ގޮސް މަހުގެ ޚަބަރު ހުރި ގޮތެއްވެސް ބަލާފައި އަންނާށެވެ. ބޭރަށް ނުކުމެ ބަލައިލީއިރު ކަމަކު ދާކަށް ނެތެވެ. ބައިސްކަލުގެ ފަހަތު ފުރޮޅުގައި ވައެއް ނެތެވެ. އޭނާ އެތެރެއަށް ވަދެ، ވައި ޖަހާ ގުންބާއެއް ހިފައިގެން އަތުވެއްޖެއެވެ. އަދި ފަހަތު ފުރޮޅު ރަނގަޅަށް ފުރެންދެން ވައި ޖަހައިފިއެވެ. ރަނގަޅަށް ވައި ޖަހައި ނިމުނު އިރު އޭނާ ހުރީ ދާ ހިއްލާ ފޯވެފައެވެ. ވަރުބަލިވެސް ވެއްޖެއެވެ. ވައި ޖަހައި ނިމިގެން ހިންދެމިލުމާއެކު ހިމަތޮޅި މީހަކު އައިސް އެ ބައިސްކަލަށް އަރައިގެން އެބަ ނައްޓައިލިއެވެ. ފުރޮޅަށް ހަރުކޮށް ވައި ޖަހައިފައި ހުރުމާއެކު އެ ސޮރު ދިޔައީ މަޑިމަތީގައި ފުމެމުންނެވެ. އަޙްމަދު މަނިކު ބަލައިލީއިރު އޭނާގެ ބައިސްކަލު ދޮރާށީގެ އަނެއް ފަރާތުގައި އެބަ ހުއްޓެވެ. ވައި ޖަހައި މި ނިމުނީ އެހެން މީހެއްގެ ބައިސްކަލަކަށެވެ.

މި ކަހަލަ ހާދިސާތައް ހިނގަނީ މަދެއް ކޮށެއް ނޫނެވެ. މިއީ ހަމައެކަނި ރޯދަ މަހަށް ޚާއްޞަ ކަމަކަށް ނުވިޔަސް ރޯދަ މަހާ ދިމާކޮށް މި ކަހަލަ ވާހަކަތައް ފެތުރިގެން ދިއުމަކީ ޢާއްމު ކަމެކެވެ.

ރޯދަ މަހަކު ހިނގި އެހެން ކަމެއްގެ ވާހަކަ ދަންނަވައިލާނަމެވެ. މިއީ ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭކަލަކަށް ދިމާވީ ކަމެކެވެ. އޭނާ އަކީ ޢާއްމު ގޮތެއްގައި އޮފީހަށް ލަހުން ދުރުވާ ބޭކަލެކެވެ. އެއީ ވަކި ސަބަބެއް އޮވެގެން ނުވަތަ އޮފީހަށް ދުރުވާން ޖެހޭ ގަޑި މާއަވަސް ކަމުގައި ވާތީ ދަތިކަމެއް އޮވެގެން މެދުވެރިވާ ކަމެއް ނޫނެވެ. އާދައެއްގެ ގޮތުން އެހެން ހެއްދެވެނީއެވެ.

އެ ދުވަހު އޭނާ އޮފީހަށް ދުރުވީ އިރު އޮފީސް ހުރީ ތަޅުލާފައެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އޭނާގެ ހިތަށް އެރިއެވެ. މިއަދު މިއީ އޮފީހުގެ އެންމެންނަށްވެސް ބޮނޑި ލިބުނު ދުވަހެއްތާއެވެ. ގަޑިއަށް ބައްލަވައި ލެއްވި އިރު އެގާރަ ޖެހީއެވެ. މާދަމާ އޮފީހަށް ދުރުވެ، އެހެން މުވައްޒަފުންނާ ދިމާ ކުރައްވާނޭ ގޮތް ހިތުގައި ރާއްވަވަމުން އޭނާ ގެއަށް ދުރުވެއްޖެއެވެ.

ގެއަށް ވެންނެވުމަށް ފަހު ވެންނެވީ ކޮޓަރިއަށެވެ. ހެދުން ބަދަލު ކުރައްވައިގެން އެނދުގައި ޖައްސައިލެއްވިއެވެ. އެ ވަގުތު އޭނާގެ ކަޅި ގޮސް ހުއްޓުނީ ފާރުގައި ހުރި ގަޑިއަށެވެ. އޭރު ގަޑިން މެންދުރުން އަނބުރައި ދޭއް ޖެހީއެވެ.

އޭނާއަށް އޮފީހަށް ދުރުވެވުނީ އޮފީސް އެ ދުވަހަށް ބަންދު ކުރި ފަހުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.