މިއަދު ލިޔަން މިގަސްދު ކުރާ މައުޟޫޢަކީ ކިޔަވައިދިނުމުގައި ޕްރޮފެޝަނަލިޒަމްއާއި ބެހޭގޮތުންނެވެ. އިނގިރޭސިބަހުން ޕްރޮފެޝަނަލިޒަމްގެ މާނަ ލިޔާނަމަ ވަރަށް ގިނަ ސިފަތައް އޭގައި ވެއެވެ. އެއީ އެ މީހަކު އަދާ ކުރާ ވަޒީފާގެ ފުރިހަމަ ހުނަރާއި ގާބިލިއްޔަތާ އެކު އެ ކަމެއް ކުރަންޖެހޭ ފުރިހަމަ ގޮތަކަށް ކުރުމޭ ދެންނެވިދާނެއެވެ. ނުވަތަ އެއަށްވުރެ ކުރުކޮށް ދަންނަވާނަމަ އެއީ އެ މީހަކަށް އަދާކުރަން ޖެހޭ ރޯލު ފުރިހަމައަށް އަދާ ކުރުންކަމުގައި ނިންމިދާނެއެވެ. ދިވެހިބަހުން، ޕްރޮފެޝަނަލިޒަމް މި ބަހަށް ސީދާ ބޭނުންކުރާނެ މަފުހޫމެއް ޚިޔާލަކަށް ނާދެއެވެ. މާނަކުރާނަމަ ދެންނެވޭނީ އެއީ އަދާކުރާ ވަޒީފާއެއް ފުރިހަމައަށް އަދާކުރުމެވެ. މިގޮތުން ފުރިހަމައަށް ވަޒީފާއެއް އަދާކުރުމުގައި ވަރަށް ގިނަ ކަންތައްތަކެއް ހިމެނޭނެކަން ކަށަވަރެވެ. މިސާލަކަށް (1) ކޮމްޕީޓެންސް/ ކަމުގެ ޤާބިލުކަން ، (2) ޕާރފޯމެންސް/ އެ ޤާބިލުކަމާ އެއްވަރަށް ނަތީޖާ ނެރެވުން، (3) ކޮންޑަކްޓް/ އަޚްލާޤިއްޔާތު ނުވަތަ އެކަމެއް އަދާކުރަންޖެހޭ ގޮތްތަކުގެ ހުދޫދުތަކާއި، މިންތަކާއި އިންތަކަށް ރައްކައުތެރިވާ އަޚްލާޤިއްޔާތެއް ހިފެހެއްޓުން ވެސް ޕްރޮފެޝަނަލިޒަމްގެ ތެރޭގައި ހިމެނެއެވެ. 2013 ގައި އެޑިޔުކޭޝަން ދާއިރާގައި ލިޔުއްވާ މަޝްހޫރު އެމެރިކާގެ ލިޔުންތެރިއެއް ކަމަށްވާ، ޕެމެލާ ކްރޭމަރ ހާމަކުރައްވާގޮތުގައި ޕްރޮފެޝަނަލިޒަމްއަކީ އަބަދުވެސް މުދައްރިސުންގެ ކިބައިން ފެންނަން ޖެހޭ ކަމެކެވެ. މި ބުނުމުގައި ވަރަށް ފުން މާނައެއް ވެއެވެ. މާނައަކީ މުދައްރިސަކު ސްކޫލެއްގައި މަސައްކަތް ކުރާ ވަޤުތުގައާއި އަދި ސްކޫލުން ބޭރުގައި ހޭދަކުރާ ވަޤުތުގައި ވެސް އޭނާގެ ކިޔަވައިދިނުމުގެ މަސައްކަތަށް އޮންނަންޖެހޭ އިހުތިރާމާއި، އިޚްލާޞްތެރިކަމާއި، އަޚްލާޤިއްޔާތާއި، ޝައުޤުވެރިކަމާއި މިނޫންވެސް ކިޔަވައިދިނުމާ ގުޅޭ ހުރިހާ ކަމެއް މުދައްރިސުންގެ ކިބައިގައި ހުރުން ލާޒިމުކުރާ ވާހަކައެވެ. މިލިޔުމުގައި ޕެމެލާ ފާހަގަކުރައްވާފައިވާ މައިގަނޑު 3 ދާއިރާއަކަށް ކުރުކޮށް ބަލައިލާނަމެވެ. އެއީ:
(1) އެޓިޓިޔުޑް (ސިފަތައް): ޕެމެލާ ހާމަކުރައްވާގޮތުގައި، މުޅި ކިޔަވައިދިނުމުގެ ޕްރޮފެޝަނަލިޒަމްގެ މައިގަނޑު އެންމެ ބޮޑު އަސާސަކީ މުދައްރިސުންގެ ސިފަތަކާއި ފިކުރާ ގުޅިފައިވާ ކަމެކެވެ. ހަސްޓް އަދި ރެޑިން (2000) އިޝާރާތްކުރައްވާ ގޮތުގައި އެއީ މުދައްރިސުންގެ ޕްރޮފެޝަނަލިޒަމްގެ އެންމެ މުހިންމު ކަންތަކެވެ. އިތުރަށް ދޭހަކުރައްވަމުން މިލިޔުމުގައި ބަޔާންކޮށްފައިވަނީ މުދައްރިސުންގެ އަމިއްލަ ޒާތީކަންތައްތައް އެއްވެސް މިންވަރަކަށް އޭނާގެ ކިޔަވައިދިނުމުގެ ޕްރޮފެޝަނަލް މަސައްކަތަށް/ފަންނުވެރިކަމަށް އަސަރުކޮށްގެންނުވާނެކަމަށެވެ. ހަޔާތުގައި އައި ކިތަންމެ ބުރަ ދުވަހަކަށް ވިޔަސް، ގޭގައި ދިމާވާ ދަތި އުނދަގޫ މައްސަލަތަކެއް ހުރި ނަމަވެސް، އަމިއްލަ ޒާތީ ކަންތައްތަކުގެ ނޭދެވޭ އަސަރު ކިޔަވައިދިނުމުގެ މަސައްކަތަކަށް ކޮށްގެންނުވާނެއެވެ. މިކަމަކީ ރަނގަޅު ކަމެއް ނޫންކަމުގެ ހެއްކަކީ މިސާލަކަށް އޮޕަރޭޝަން ކުރާ ޑޮކްޓަރަކު ރުޅި އައިސްގެން ހުރެ މީހަކު އޮޕަރޭޝަންކުރަން ޖެހުމުން އެރުޅީގެ އަސަރު ބަލިމީހާއަށް ކުރުމެވެ. ހަމަ މީބަދައިން، ދިރިއުޅުމުގައި ހުންނަ އާންމު ޒާތީ ކަންކަމުގެ އަސަރު ކިޔަވައިދިނުމުގެ މަސައްކަތަށް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.
(2) ބިހޭވިއަރ/ސުލޫކު ނުވަތަ ޢަމަލުތައް: ކިޔަވައިދިނުމުގެ މަސައްކަތަކީ ވަރަށް ގިނަ ކަންތައްތަކެއް، އެއާ ގުޅިލާމެހިފައިވާ ކަމެކެވެ. ވޮން އަދި ވޮން (1998) ހާމަކުރައްވާގޮތުގައި މީހެއްގެ ޕްރޮފެޝަނަލްކަން/ކަންކުރުމުގެ ފަންނުވެރިކަން ހާމަކޮށްދެނީ ލިބިފައިވާ ހަމައެކަނި ކުއަލިފިކޭޝަނަކުން ނުވަތަ ހުނަރަކުންނެއް ނޫނެވެ. އެއާޚިލާފަށް އޭނާ އެމަސައްކަތް ޢަމަލީކޮށް ކުރާގޮތުންނެވެ. މިސާލަކަށް މުދައްރިސެއް ނަމަ އޭނާ ކިޔަވައިދިނުމަށް ތައްޔާރުވުމާއި، އެތައްޔާރުވާގޮތަށް ރަގަޅަށް ކުލާހުގެ ކަންކަން ރޭވި ހިންގުމާއި، ދަރިވަރުންނަށް ކިޔަވައިދިނުމުގައި ބޭނުންކުރާ އުކުޅުތަކާއި އެކުޅުތަކުން ދަރިވަރުންގެ އުނގެނުން ކުރިޔަށްދާގޮތް ބަލައި ވަޒަންކުރާ ގޮތާއި، އޭނާގެ މަސައްކަތް އެއްދުވަހުން އަނެއް ދުވަހަށް ފަންނުވެރިކަން އިތުރުކުރުމާއި ކުރިއެރުމަށް މަސައްކަތް ކުރުން ވެސް ހިމެނެއެވެ. ސީދާ ކިޔަވައިދިނުމަކީ ހަމައެކަނި ކުލާހުގެ ތެރޭގައި ހޭދަކުރާ ވަގުތުގައި ކުރާކަންކަމާ އެކަނި ގުޅޭ ކަމެއް ވެސް ނުމެ ނޫންމެއެވެ. މިސާލަކަށް އަމިއްލަ ކުރިއެރުމަށް ކުރެވޭ މަސައްކަތްތަކާއި، ކިޔަވައިދިނުން އިތުރަށް ހަރުދަނާ ކުރުމުގެގޮތުން ކުރާ ކަންކަން ވެސް ޕްރޮފެޝަނަލިޒަމްގެ ތެރެއަށް ވަދެއެވެ. ދިރާސީ ހެކިތަކާ އެކު، ކިޔަވައިދިނުމުގެ މަސައްކަތް ތަރައްޤީކޮށް އެ ވަޒީފާ ފުރިހަމައަށް އަދާކުރުމުގައި ހުރި ގޮންޖެހުންތަކުން އަރަގަންނަން ކުރާ މަސައްކަތްތައް ވެސް ޕްރޮފެޝަނަލިޒަމްގެ ތެރޭގައި ހިމެނެއެވެ. މުދައްރިސުންގެ މަސައްކަތަކީ ސީދާ ދުވަހީ އެތައް ގިނަގުނަ ޗެލެންޖްތަކަކާ އެކު ކުރަން ޖެހޭ މަސައްކަތެކެވެ. ކޮންމެ ދުވަހަކީ ވެސް އެތައް ދަރިވަރުންގެ ގިނަގުނަ ކަންތައްތަކަށް ރިޢާޔަތްކޮށްގެން ރާވަންޖެހޭ ކަމެކެވެ. ކޮންމެ ކުއްޖަކީ ވެސް ބޮޑު ޢައިލާއަކާ ގުޅިފައިވާ އެ ކުއްޖެއްގެ ޢާއިލާގެ ހުރިހާ ކަމަކާ ވެސް އެ ކުއްޖެއްގެ އުނގެނުމުގެ ވައްޓަފާޅިއާއި ގޮތްތައް ވެސް ގުޅިފައިވާ ބައެކެވެ. މާނައަކީ ކޮންމެ ދުވަހަކު ދިމާވާ އެކިއެކި ކަންކަމާ މެދު ތަފާތު ގޮތްގޮތަށް ރިވެލިކޮށް ކަންކަން ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންތައްތައް ވެސް މުދައްރިސުންގެ ޕްރޮފެޝަނަލިޒަމްގެ ތެރެއަށް ވަދެއެވެ.
(3) ކޮމިޔުނިކޭޝަން/ މުވާޞަލާތުކުރުން: މިއީ މުދައްރިސުންގެ ޕްރޮފެޝަނަލިޒަމްގެ ތެރޭގައި ވަރަށް ޚާއްޞަ ސަމާލުކަމެއް ދޭން ޖެހޭ ކަމެކެވެ. މުދައްރިސުން މުވާޞަލާތު ކުރަންޖެހޭ ވަރަށް ގިނަ ފަރާތްތަކެއް ވެއެވެ. މިސާލަކަށް ބެލެނިވެރިން، ދަރިވަރުން، މުޖުތަމަޢުގެ ތަފާތު މީސްމީހުން، އެއްކޮށް މަސައްކަތްކުރާ މުދައްރިސުން، ސްކޫލުގެ ތަފާތު މަޤާމުތައް ފުރުއްވާ އިސްވާރުންނާއި އިދާރީ ހިންގުންތެރިން، މިހެން ގޮސް ވަރަށް ގިނަ މީހުންނާ އެކު ރަނގަޅަށް މުވާޞަލާތުކުރެވިގެން ނޫނީ ކިޔަވައިދިނުމުގެ މަސައްކަތް ރަނގަޅަށް ރާވަން ދަތިވާނެއެވެ. މީގެ އިތުރުން ސްކޫލުގައި އެއްކޮށް މަސައްކަތްކުރާމީހުންނާއި އަދި ސްކޫލުން ބޭރުގައި ކިޔަވައިދިނުމުގެ މަސައްކަތް ކުރާ މީހުންނާ އެކު ބޭއްވޭ ގުޅުންތަކަކީ ވެސް ޕްރޮފެޝަނަލިޒަމްގެ ތެރޭގައި ހިމެނޭ ކަންކަމެވެ. ޚާއްޞަކޮށް ޕެމެލާ ކްރޭމާރ (2003) އިޝާރާތްކުރައްވަނީ ސްކޫލުގެ ތެރޭގައި ލަރނިން ކޮމިޔުނިޓީތަކެއްގައި އުޅުމަކީ މުދައްރިސުންގެ ފަންނީ މަސައްކަތަށް ބޭނުންތެރި ކަމެއް ގޮތުގައެވެ. ލަރނިން ކޮމިޔުނިޓީއަކީ އެކުގައި ބައިވެރިވެގެން ކިޔަވައިދިނުމުގެ މަސައްކަތް ކުރިއެރުވޭ ފަދަ ފަންނީ ޖަމާޢީ ގުޅުންތަކެއް ގާއިމުވާންޖެހޭ ޖަމާޢަތެކެވެ. މިފަދަ ކަންކަމަކީ ބައެއް މަދަރުސީ ނިޒާމުތަކުގައި މާ ބޮޑަށް ސަމާލުކަމެއް ނުދެވި ދޫކޮށްލެވޭ ކަންކަމެވެ. މިއީ މިހާރު ކިޔަވައިދިނުމުގެ ދިރާސާތަކުގައި އެންމެ ބޮޑަށް ބަހުސުކުރެވޭ އެއް މައުޟޫއެވެ. މުދައްރިސުންގެ ފަންނީ ހުނަރު އެއްބަޔަކު އަނެއްބަޔަކު ހިއްސާކުރެވި ކުރިއެރުވުމުގެ މަސައްކަތް އެމީހުންގެ ފަންނީ އުނގެނުމުގެ ބައެއް ގޮތަށް ހެދުމަކީވެސް ކިޔަވައިދިނުމުގެ ޕްރޮފެޝަލިޒަމްގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ސީފާރޓް (1999) ހާމަކުރައްވާގޮތުގައި ޕްރޮފެޝަނަލް/ފަންނުވެރި މުދައްރިސަކަށްވުމަކީ މުޅި ޢުމުރުގެ ޗެލެންޖިން މަސައްކަތެކެވެ. މާނައަކީ އެއީ އެއްވެސް ހާލެއްގައި ވަކި ހިސާބަކުން ނިމޭނެ ކަމެއް ނޫނެވެ. ކިޔައިވައިދިނުމުގެ ދާއިރާގައި ދެމިހުރިހާ ހިނދަކު ދެމިގެންދާ ކަމެކެވެ. އެހެންކަމުން އޭނާއަކީ ޕްރޮފެޝަނަލް މުދައްރިސަކަށް ވެނިމޭ ތަނެއް ނާންނާނެއެވެ. މި ޚިޔާލަށް ތާއީދުކުރައްވާ ކްރޭމާ (2003) އިޝާރާތްކުރައްވާ ގޮތުގައި ޕްރޮފެޝަނަލިޒަމް/ފަންނުވެރިކަން މިއީ ކަމެއްގެ ނިމުން ނުވަތަ ނަތީޖާއަކަށް ވުރެ ދެމިގެންދާ ޕްރޮސެސް/ހިނގަހިނގާ ހުންނަ ކަމެކެވެ. މާނައަކީ ކޮންމެ އަހަރަކު ދިމާވާ އާ ކުދިންނަށް ކިޔަވައިދޭއިރު، އާ ކަންތައްތަކެއް އޭނާގެ ކިޔަވައިދިނުމުގެ ފަންނުގެ ތެރެއަށް ވަދެ، ކޮންމެ ދުވަހަކު ދިމާވާ އެކި ހާލަތްތަކާއި ދަރިވަރުންގެ ކަންކަމުގެ ތެރެއިން ކިޔަވައިދޭ ގޮތްތަކަށް ވެސް ބަދަލުއައިސް ތަފާތު ތަޖުރިބާތައް ކުރުމަށް ފުރުސަތު ފަހިވެއެވެ. ހަމައެހެންމެ، އެ ގުޅުންތަކާ އާތަޖުރިބާތަކުން، ކިޔަވައިދިނުމުގެ އާ އުސޫލުތައް ވެސް ދާނީ އޭނާގެ ފަންނީ މަސައްކަތްތަކުގެ ތެރެއަށް ވަންނަމުންނެވެ. މިފަދަ ގޮތަކަށް ޕްރޮފެޝަނަލިޒަމް މާނަކުރާނަމަ މުދައްރިސުންގެ ހަޔާތުގެ ކޮންމެ ދުވަހަކީ ވެސް ކިޔަވައިދޭން ދަސްކުރާ އުނގެނެމުންދާ ދުވަހެކެވެ. ކިޔަވައިދިނުމުގެ ދުވަހީ ކޮންމެ މަސައްކަތަކީ އާ ޢިލުމުތަކެއް ލިބި، އާ ތަޖުރިބާތަކާއި އާ އިހުސާސްތައް ކުރެވޭ ދުވަހަކަށް ވާނެއެވެ. މިއީ އެ މީހެއްގެ ކިޔަވައިދިނުން ހަރުދަނާކުރުމަށް ބޭނުންކުރެވޭ ޢިލުމުގެ ގޮތުގައިބަލައިގަނެ، ތަޖުރިބާތަކުން ފިލާވަޅުތައް ހާޞިލުކުރެވޭނަމަ އެންމެ ޕްރޮފެޝަނަލް މުދައްރިސު ކަމުގައި ބެލެވިދާނެކަމަށް ޕަމެލާގެ ލިޔުމުގައި އިރުޝާދުދެއްވައެވެ. ޚާއްޞަކޮށް އަލަށް ކިޔަވައިދިނުމުގެ ދާއިރާއަށް ވަންނަ މުދައްރިސުންމި ވިސްނުމުން ފެށުމަކީ ޕްރޮފެޝަނަލް/މަސައްކަތުގެ ފަންނީ ވިސްނުން ތަރައްޤީކުރަން ލިބޭ ބޮޑު ފުރުސަތަކަށްވާނެއެވެ. އަޅުގަނޑުގެ އުއްމީދަކީ ކޮންމެ މުދައްރިސަކު ވެސް ޕްރޮފެޝަނަލް މުދައްރިސަކަށް ވުމެވެ. އެފަދަ މުދައްރިސަކަށް ވުމަކީ ކުއަލިފިކޭޝަން/ސާރޓިފިކެޓެއް ހާޞިލުކުރުމުން ލިބޭ އެއްޗެއް ގޮތުގައި ބަލައިގަތުމަށްވުރެ ދުރަށް ވިސްނުން ގެންދިޔުމެވެ. ޕްރޮފެޝަނަލިޒަމަކީ ލިބިފައިވާ ސަރޓިފިކޭޓް ނުވަތަ ކަރުދާސްކޮޅާ ގުޅޭ ކަމެއް ނޫނެވެ. މަސައްކަތް އަދާކުރާ ގޮތާއި ފިކުރާއި، ވިސްނުންތަކާއި، މަސައްކަތް އަދާކުރުމުގެ ރޫހާއި މަސައްކަތަށް އޮންނަލޯތްބާއި އިޚްލާޞްތެރިކަމާއި ނަޒާހަތްތެރިކަމާއި މިފަދަ އެތައް ކަމެއް ގުޅިލާމެހިފައިވާ ކަމެކެވެ. މިހެންކަމުން ޑިގްރީތަކެއް ހާޞިލުކޮށްފައިވާ ކޮންމެ މުދައްރިސަކީ ޕްރޮފެޝަނަލް މުދައްރިސެކޭ ނުދެންނެވޭނެއެވެ. ސަބަބަކީ މުދައްރިސުންގެ ޕްރޮފެޝަނަލިޒަމް މިންކުރެވެނީ ލިބިފައިވާ ސަރޓިފިކެޓަކަށްވުރެ ބޮޑަށް ކިޔަވައިދިނުމުގެ މަސައްކަތްކުރާ ގޮތާ ގުޅުވައިގެންނެވެ. އެހެންކަމުން ޕްރޮފެޝަލް މުދައްރިސަކަށް ވުމަށް ޓަކައި ކޮންމެ ދުވަހެއްގެ ދުވަހީ ކިޔަވައިދިނުމުގެ ތެރެއިން އާ ކަންކަން އުނގެނި ދަސްކޮށް، ޕްރޮފެޝަނަލިޒަމް/ފަންނުވެރިކަން ކުރިއަރުވަން ކޮންމެ މުދައްރިސަކު ވެސް މަސައްކަތްކުރަން ވާނެއެވެ.
a good article