މި ސުވާލު މުހިންމުވަނީ ބަހަވީ ޢިލްމުވެރިނަށް އެކަންޏަކު ނޫނެވެ. އެހެނީ، މިއީ ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ކޮންމެ ދާރިސަކަށްމެ މުހިންމު ސުވާލެކެވެ. އަދި ޚާއްޞަކޮށް މިއީ މުދައްރިސުންނާއި ބެލެނިވެރިން ވެސް ޖަވާބު ބޭނުންވާނެ ސުވާލެއްކަން ކަށަވަރެވެ. އަޅުގަނޑުގެ މިއަދުގެ ކޮލަމު ޚާއްޞަކޮށްފައި މިވަނީ ދީބުގެ ދަރިންނަށް ކިޔަވާދޭން މާދަރީބަސް ބޭނުން ކުރުމާ ގުޅޭގޮތުންނެވެ. މި ޚިޔާލަކީ ކިޔުންތެރިއެއްގެ ވެސް އެދުމާ އެކު ހުށަހަޅާލެވޭ މައުޟޫޢެއްކަން ސަމާލުކަމަށް ޓަކައި ފާހަގަކޮށްލަމެވެ.
މާދަރީބަހަކީ ކޮންމެ ކުއްޖެއްގެ ވެސް އަސްލާއި، ނަސްލު އަދި ސަގާފަތާ ގުޅިފައިވާ އެއްޗެކެވެ. ދިވެހިރާއްޖޭގެ ގައުމީ މަންހަޖު ލާޒިމު ކުރާގޮތުގައި، އެ މަންހަޖުގެ މައިގަޑު އެއް މަޤްޞަދަކީ ދިވެހިވަންތަ، ހުނަރުވެރި، ގާބިލު، އިސްލާމީ ދިވެހި ދަރިއެއް އުފެއްދުމެވެ (ގައުމީ މަންހަޖު 2014). ގައުމީ މަންހަޖުގައި ބަޔާންކުރައްވާފައިވާ ގޮތުގައި ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ފައުންޑޭޝަން/ބިންގާ މަރުހަލާގެ ކުދިންނަށް ކިޔަވައިދޭން ޖެހެނީ ދިވެހިބަހުންނެވެ. އެނޫން ހުރިހާ މަރުހަލާތަކެއްގައި އިނގިރޭސި ބަހުންނެވެ. މާނައަކީ، ކުއްޖާގެ ޢުމުރުން ހަތަރު އަހަރުއްސުރެ ހަ އަހަރަށް ދާންދެން މާދަރީބަހުން ކިޔަވައިދޭންޖެހެއެވެ. ނަމަވެސް، ފާހަގަކުރެވޭ މުހިންމު އެއް ނުކުތާއަކީ، އެންމެ ތުއްތު އިރުއްސުރެ މާދަރީބަހުން ކިޔަވައިދިނުމަށް މަންހަޖުގައި ކަނޑައަޅާފައި ވިޔަސް ކުދިންގެ ބަސްކޮށާރުން އަޑު އިވެމުން ދަނީ އިނގިރޭސި ލަފުޒުތައް ކަމެވެ. ވަރަށް ކުޑަކުޑަ މިސާލަކަށް ބަލާލަމާތޯއެވެ. 'ބޭބީ' މި ލަފުޒަކީ، ދިވެހި ލަފުޒެއްތޯ ނުވަތަ ބޭރު ބަހެއްގެ ލަފުޒެއްތޯ ކުޑަ ކުދިންނަށް ވަކިކުރަން ދަތިވުމަކީ އާންމުކޮށް ފާހަގަ ކުރެވޭ ކަމެކެވެ. މި އުމުރުގެ ކުއްޖެއްގެ ގާތުގައި 'ބޭބީ' އަށް ދިވެހިން ކިޔާނީ ކީކޭތޯ އަހާލާފިނަމަ އެ ކުދިންގެ ތެރެއިން އޭގެ މާނައަކީ 'ތުއްތު ކުއްޖާ' އޭ ބުނަން އެނގޭނީ ކިތައް ކުދިންނަށް ކަމެއް އަޅުގަނޑަށް ލަފާކުރަން ދައްޗެވެ. ކުރުކޮށް ދަންނަވާނަމަ، މިހާރުގެ ތުއްތުކުދިން ވާހަކަދައްކާއިރު އިނގިރޭސި ލަފުޒުތައް ގިނަވުމަކީ އެއްވެސް ފަރާތަކަށް އިންކާރު ކުރެވޭނެ ކަމެއްނޫނެވެ. 'އެޕަލް'، 'ގްރޭޕްސް'، 'ޑްރެސް'، 'ސްޓާރ'، 'ވޯޓަރ' ފަދަ އެތައް އިނގިރޭސި ލަފުޒެއް އެ ކުދިންގެ ވާހަކަދެއްކުމުގައި އާންމުކޮށް ބޭނުންކުރެއެވެ. ފާހަގަކޮށްލުން މުހިންމު އަނެއް ނުކުތާއަކީ، މިއީ ހަމައެކަނި ތުއްތުކުދިންގެ ވާހަކަ ދެއްކުމުން އިވޭ އަޑުތަކެއް ނޫންކަމެވެ. ފުރާވަރު ކުދިން ވާހަކަ ދައްކާއިރު އަދި އިނގިރޭސީ ލަފުޒު ބޭނުންކުރާ މިންވަރު މާގިނަހެން ހީވެއެވެ. ކޮންމެ ލަފުޒެއް ވެސް ވަކި ވަރަކަށް ވުރެ އާންމުވުމުން އެ ލަފުޒެއް ބޭނުން ކުރުން އާދަވާކަމީ ފެންނަން އޮތް ހަގީގަތެކެވެ. މާނައަކީ އިނގިރޭސި ބަސް އަޅުގަނޑު މެންގެ މާދަރީބަހުގެ ތެރެއަށް ވަދެ މަސްހުނިވެފައިވާ މިންވަރުން، އަޅުގަނޑުމެންގެ ދަރިންނަށް އެއީ އެ ކުދިންގެ މާދަރީބަހުގެ ލަފުޒެއްތޯ ނުވަތަ ނޫންތޯ އޮޅުން އަރާ ވަރަށް ދިވެހިބަހާއި އިނގިރޭސި ބަސް ވަނީ މިހާރު މަސްހުނި ވެފައިކަމެވެ. މި ދީބުގެ ކުދިން ޅަ އުމުރުން ފެށިގެން ސާނަވީ މަރުހަލާ ނިމޭއިރު ވެސް ވާހަކަދެއްކުމުގައި ދިވެހިބަސް ބޭނުންކުރާ މިންވަރު މަދުކަން ނުވަތަ އެ ކުދިންގެ އާންމު ދިވެހި ބަސްކޮށާރު ފަގީރުކަން/ދަށްކަން އަޑު އައްސަވާ ކޮންމެ ބޭފުޅަކަށް ވެސް ފާހަގަ ކުރެއްވޭނެއެވެ. މިކަމުގައި ޒިންމާވާން ޖެހެނީ ކާކު ތޯ ބެލުމަށްވުރެ އަޅުގަނޑަށް މުހިންމުވަނީ މިކަމުގެ ސަބަބުން ނުކުމެދާނެ ނަތީޖާއާއި މިއީ ކީއްވެ ދިމާވާ ކަމެއްތޯ، އަދި ސަމާލުވާންވީ ދެތިން ކަމަކަށް އިޝާރާތް ކޮށްލުމެވެ.
ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި އިނގިރޭސިބަހަކީ ކިޔަވާދިނުމުގެ ނިޒާމުގައި އެންމެ އާންމުކޮށް ބޭނުން ކުރާ އެއް ބަހެވެ. ދިވެހިރާއްޖެ ވެސް ހިމެނޭނީ މި ލިސްޓުގެ ވަރަށް ކުރީގައެވެ. މިކަން ޚާއްޞަކޮށް ފާހަގަ ކުރެވެނީ އިނގިރޭސިންގެ އިސްތިޢުމާރުގެ ދުވަސްވަރު ގައުމުތަކަށް ފޯރުވި ނުފޫޒުގެ ތެރެއިން ތަޢުލީމީ ދާއިރާއަށް ކުރުވި އަސަރެއް ގޮތުގައެވެ. ޚާން، މުހައްމަދު، އަދި ޒަފަރު (2018) ލިޔުއްވާ ގޮތުގައި އިނގިރޭސިންގެ ނުފޫޒާއި އިސްތިޢުމާރުގެ އަސަރުތައް އެފްރިކާ ބައްރުގެ ގައުމުތަކަށާއި އަދި ސައުތު އޭޝިޔާގެ ގައުމުތަކަށް ނުހަނު ބޮޑަށް ކޮށްފައިވެއެވެ. ޚާއްޞަގޮތެއްގައި އެ ގައުމުތަކުގެ ސަގާފަތަށާއި، އިޖުތިމާޢީ ދިރިއުޅުމަށް އަދި ތަޢުލީމީ ނިޒާމަށް އެކި ގޮތްގޮތުން އަސަރުތައް ކުރުވާފައިވާ ކަމަށް މި ދިރާސާވެރިން ޔަޤީން ކޮށްދެއްވައެވެ. ދިވެހިރާއްޖެއަކީ، ސީދާސީދާކޮށް އިނގިރޭސިންގެ އިސްތިޢުމާރުގެ ދަށުގައި އޮތް ގައުމަކަށް ނުވިޔަސް އިނގިރޭސިންގެ ނުފޫޒުން އަދިވެސް ދިވެހިރާއްޖެ މުޅިއަކުން މިނިވަނެއް ނުވެއެވެ. އަދިއަދަށް ދާންދެން ވެސް ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމު ވަނީ އިނގިރޭސިވިލާތަށް ބަރޯސާވެފައެވެ. އަޅުގަނޑުމެންގެ ކުދިންގެ މަދަރުސީ ނިޒާމުގެ ފަހު އިމުތިހާނު (އޯލެވެލް އަދި އޭލަވަލް) އަކީ އިނގިރޭސިވިލާތުގެ ނިޒާމުތެރެއިން ފޯރުކޮށްދޭ އިމުތިހާނުތަކެކެވެ. ތަޢުލީމީ ނިޒާމުގައި މާދަރީބަހަށް އޮންނަ ސަމާލުކަން ދަށްވާ އެއް ސަބަބު ކަމުގައި މިކަން ވުމަކީ ވަރަށް ގާތް ކަމެކެވެ. ސަބަބަކީ އަޅުގަނޑުމެންގެ ދަރިން ކިޔަވަނީ އެހެން ގައުމެއްގެ ތަޢުލީމީ ނިޒާމުގެ މަތީ ފަންތިތަކުން ޖާގަ ހޯދުމުގެ ބޭނުމުގައެވެ. އެހެން ގޮތަކަށް ދަންނަވާނަމަ އަދިވެސް އަޅުގަނޑުމެންގެ ތަޢުލީމީ ނިޒާމު މިވަނީ އެހެން ބައެއްގެ ނުފޫޒުން ހިސާރު ކުރެވިފައެވެ. މިނިވަން ތަޢުލީމީ ނިޒާމެއް އޮންނަ ބައެއް ގައުމުތަކަށް ބަލާލާއިރު އެގައުމުތަކުގައި ފަޚުރުވެރިކަމާ އެކު އެމީހުންގެ މާދަރީބަސް ކުރިއަރުވައެވެ. އެހެނީ، ޗައިނާ، ޖަޕާން، ރަޝިޔާ އަދި ޔޫރަޕްގެ ގައުމެއް ކަމަށްވާ ޖާރުމަނުވިލާތު ވެސް މިސާލަކަށް ފުދެއެވެ. މާދަރީބަހަށް ތަޢުލީމީ ނިޒާމުގައި ސަމާލުކަން ދޭން ޖެހޭނެ ކަމާ މެދު ޝައްކެއްނެތެވެ. ނަމަވެސް އެކަމުގެ މުހިންމުކަން އަޅުގަނޑުމެންގެ މުޖުތަމަޢުގައި ފެންނަނީ ވަރަށް ކުޑަ މިންވަރަކަށް ކަން ހިތާމައާ އެކު ފާހަގަކުރަމެވެ.
މާދަރީބަހަށް ސަމާލުކަން ދޭން ޖެހޭ މިންވަރާ ގުޅޭ ގޮތުން ވާހަކަދައްކަވާ ބަހަވީ ޢިލުމުވެރިންގެ ތެރެއިން ޕެޓްރީޝިޔާ ރަޔަންއަކީ ފާހަގަކޮށްލެވޭ ބޭފުޅެކެވެ. މާދަރީބަހުގެ މުހިންމު ކަމާއި ބެހޭގޮތުން، ޓެޑް ޓޯލކް ފޯރަމެއްގައި 2010 ވަނަ އަހަރު އޭނާގެ ތަޖުރިބާ ހިއްސާކުރައްވާ ވަރަށް ފުޅާކޮށް މިމައުޟޫޢުގައި ވާހަކަ ދައްކަވާފައިވެއެވެ. އޭނާއަކީ ގަލްފުގެ ގައުމުތަކުގައި 30 އަހަރަށް ވުރެ ދިގު މުއްދަތެއްގައި އިނގިރޭސި ބަސް ކިޔަވާދެއްވާފައިވާ ދާރިސެކެވެ. އޭނާ ހާމަކުރައްވާ ގޮތުގައި އިނގިރޭސި ބަހަށް މޮޅުކުރުމުގެ މަޤުޞަދުގައި ދަރިވަރުންގެ މާދަރީބަސް އިހުމާލުކޮށްގެން ނުވާނެއެވެ. މާދަރީބަހަކީ ކުދިންގެ އަސްލެވެ. ހަމައެއާއެކު އެ ބަހަކީ ދެވަނަ ބައްސައިގެ ހުނަރުތައް ކުރި އެރުވުމަށް އަދި އުނގެނުން ތަރައްގީކޮށް ފުޅާކުރުމަށް ބޭނުންތެރި ބަހެކެވެ. އިނގިރޭސި ބަހަށް ތަޢުލީމީ ނިޒާމުތައް ބަރޯސާ ވަމުން ދާމިންވަރުގެ ސަބަބުން، ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި މާދަރީބަސްތައް ނެތިގެންދާ ކަމުގެ ހިތާމަ ޕްޓްރީޝިޔާގެ ވާހަކަ ކޮޅުގައި ފާހަގަ ކުރައްވައެވެ. އިގިރޭސި ބަހަކީ ޕްޓްރީޝިޔާގެ މާދަރީބަހަށް ވާއިރުވެސް އޭނާ ކިޔަވާދޭ ދަރިވަރުންގެ މާދަރިބަސް، ޢަރަބި ބަހަށް އޭނާ ރިޢާޔަތް ކުރާމިންވަރު އޭނާގެ ވާހަކައިގައި އިޝާރާތް ކުރެވިއެވެ. މިވާހަކަ ކޮޅުން އަޅުގަނޑުގެ ސަމާލުކަމަށް އެންމެ ބޮޑަށް އައި ބަސްކޮޅަކީ، "އިނގިރޭސި ބަހަކީ ދުނިޔޭގައި ކުރިއަރާފައި އޮތް ހަމައެކަނި ބަހަށް ވާން ނުޖެހޭ. އަދި ހަމައެހެންމެ، އެންމެ ފުރިހަމަ ތަޢުލީމީ ނިޒާމަކީ އިނގިރޭސި ބަހަށް ބަރޯސާވެފައި އޮންނަން ޖެހޭ ނިޒާމަކަށް ވެސް ވާކަށް ނުޖެހޭ." މި ބަސްކޮޅެވެ. ދަރިވަރުން ކިޔަވާ ކޮންމެ މަރުހަލާއެއްގައި ވެސް އަދި ކޮންމެ މާއްދާއެއް ވެސް، އެ ކުއްޖެއްގެ މާދަރީބަހާއި ގުޅިފައިވާ މިންވަރު ޕެޓްރީޝިޔާ ހާމަކުރެއްވިއެވެ. (ތިރީގައި މި ވަނީ ޕެޓްރީޝިޔާ ދެއްކެވި ވާހަކަކޮޅުގެ ވީޑިއޯއެވެ.)
ކުރިން އިޝާރާތް ކުރެވުނު ފަދައިން މާދަރީބަހަކީ ތަޢުލީމީ ކޮންމެ މަރުހަލާއެއްގައި ވެސް ދަރިވަރުންނަށް މުހިންމު އެއްޗެކެވެ. މަދަރީ ބަހުން ތަޢުލީމުގެ ބިންގާ އެޅުމަށް އިޝާރާތް ކުރައްވައި ގިނަގުނަ ބަހަވީ ޢިލުވެރިން ވާހަކަ ދައްކަވާފައިވެއެވެ. މިގޮތުން ދެތިން ފަރާތެއްގެ ޚިޔާލުތަކަށް ބަލާލަމާތޯއެވެ. ކެނަޑާގެ ބަހަވީ ދިރާސާވެރިއެއް ކަމަށްވާ ޖިމް ކިޔުމިން (2001) ވިދާޅުވާގޮތުގައި ގިނަ ބައްސައަށް ކުދިން ހޭނުވުމަކީ ދަރިވަރުންގެ ބަހުގެ ހުނަރުތައް އިތުރުވާ ކަމެކެވެ. ނަމަވެސް އަމިއްލަ މާދަރީބަހަކީ އެހެން ހުރިހާ ބަސްތަކެއްގެ ހުނަރު ދަސްކުރުމަށް އެންމެ ބޮޑަށް އެހީތެރިވެދޭ ބަހެވެ. އިސްވެދިޔަ ޚިޔާލަށް ބާރުލިބޭ ގޮތަށް އެއަށް ވުރެ ވެސް ކުރީގެ ލިޔުންތެރިއެއް ކަމަށްވާ، ޑޭވިޑް އެޓްކިންސް (1987) ހާމަކުރައްވާފައިވަނީ ވަރަށް ގިނަ ގައުމުތަކުގެ ތަޢުލީމީ ނިޒާމުގައި މާދަރީބަހަށް ވުރެ ކުއްޖާގެ ދެވަނަ ބައްސަ (ސެކަންޑް ލޭންގުއޭޖް) އަށް ދެވޭ ސަމާލުކަން ބޮޑުކަން ފާހަގަ ކުރެވޭކަމަށާއި އެހެނަސް އާންމު މުވާޞަލާތު ކުރުމުގައި ބޭނުންކުރަން އެންމެ ރަނގަޅު ބަހަކީ ކުދިންގެ މާދަރީބަސް ކަމަށެވެ. އޭނާގެ ދިރާސާގައި، އިތުރަށް ފާހަގަކުރައްވާފައިވާ ގޮތުގައި އެހެން ބަސްތަކުގެ ގަވާއިދުތަކާއި، ހުނަރުތައް އެންމެ އެކަށޭނަ ގޮތަށް ތަރައްޤީ ކުރުމަށް އިތުރު އެހީތެރިކަމެއް ފޯރުކޮށްދޭނެ އެއްޗަކީ ވެސް މާދަރީބަހެވެ.
އެހެން ބައެއް ޢިލުމުވެރިން ވާހަކަދައްކަވާފައިވާ ގޮތުގައި ބެލެނިވެރިންނާއި މުދައްރިސުން ދެވަނަ ބައްސަ ތަރައްޤީ ކުރުމަށް ދޭ ސަމާލުކަން މާ ބޮޑަށް ވެސް އިތުރުވާކަން ހާމަވެއެވެ. މިކަން ބަޔާންކުރައްވައި، ބައެއް ދިރާސާވެރިން ފާހަގަކުރައްވަނީ ގިނަ ފަހަރަށް ދަރިވަރުންގެ މަދުރަސީ ނިޒާމު ފަށާއިރު އާންމު ދިރިއުޅުމުގައި، ގޭތެރޭގައާއި، އަދި ވިލިވިލީގައި އެ ކުދިންގެ މާދަރީބަސް ބޭނުންކޮށް އެ ބަހަށް ވާނީ ފަރިތަވެފައެވެ. އެހެންކަމުން، އެ ބަސް ދަސްކުރުމަށާއި ހުނަރުތައް ކުރިއެރުވުމަށް މަދަރުސީ ނިޒާމުގައި ކުރާ މަސައްކަތް މަދުވެ ދެވޭ ސަމާލުކަން ވެސް ކުޑައެވެ (މެލޯން، 2007). މިކަން މިހެންއޮތުމާ އެކު، މުދައްރިސުންނާއި ބެލެނިވެރިންގެ ސަމާލުކަން ވެސް ބޮޑަށް ދެވޭ ގޮތްވަނީ ކުއްޖާގެ ދެވަނަ ބައްސަ ކުރި އެރުވުމަށެވެ. ހަމަ މި ބީދައިން މެލޯން ހާމަކުރައްވާ ގޮތުގައި، ކިޔަވައިދޭ ގިނަ މާއްދާތަކަކީ ދެވަނަ ބައްސަ ބޭނުންކޮށްގެން ކިޔަވާދޭ މާއްދާތައް ކަމަށްވެފައި އެ ބަހަށް ދަރިވަރުން ދަށްވެއްޖެނަމަ ކުއްޖާގެ އުނގެނުމުގެ ހުރިހާ މަރުހަލާތަކަށް އެކަމުގެ އަސަރު ކުރާނެ ކަމުގެ ނުތަނަވަސްކަން ބެލެނިވެރިންނާއި މުދައްރިސުންގެ އޮވެއެވެ. މިކަމުގައި ޚާއްޞަކޮށް ޖިމް ކިޔުމިން (2001) ވިދާޅުވަނީ، ދަރިވަރުންގެ އިބުތިދާއީ މަރުހަލާ ފަށާއިރު، އެކުދިން އާންމުކޮށް ބޭނުން ކުރާ މާދަރީބަސް ނޫން އެހެން ބަހަކުން ހުރިހާ އެއްޗެއް ކިޔަވަން ޖެހުމުން އުނގެނުމުގައި ދަތިތަކެއް ދިމާވުމުގެ އިތުރުން، އެ ކުދިންގެ ހިތުގައި މާދަރީބަހުގެ ބޭނުންތެރިކަން ވެސް ދަށްވެއެވެ. މިތާގައި ބަޔާން ކުރެވިދިޔަ ހުރިހާ ޢިލުމުވެރިން ވެސް، މާދަރީބަސް ބޭނުން ކުރުމަށް ކުދިން ދަށްވެދާނެ ދެތިން ކަމެއް ފާހަގަ ކުރައްވާފައިވެއެވެ. މިސާލަކަށް، ކުއްޖާގެ އާންމު ދިރިއުޅުމުގައި މާދަރީބަސް ބޭނުން ކުރި ކަމުގައި ވިޔަސް ކިޔަވާދިނުމުގެ ނިޒާމުގައި ބެލެނިވެރިން އެ ބަސް ކުދިންގެ ކިބައިގައި ތަރައްގީކޮށް ކުރި އަރުވަން ދޭ ސަމާލުކަން ކުޑަވުން ހިމެނެއެވެ. އަދި ހަމަ އެހެންމެ، ތަޢުލީމީ ނިޒާމުގައި ތަފާތު މަރުހަލާތަކުގައި ކުއްޖާގެ އުނގެނުމަށް ކޮށްފާނެ ނޭދެވޭ އަސަރަކަށް ވިސްނައި ދެވަނަ ބައްސައަށް ދޭ ސަމާލުކަން މާ ބޮޑަށް ވެސް އިތުރު ވުމަކީ ވެސް ސަބަބެއް ކަމުގައި ފާހަގަވެއެވެ.
ބައެއް ދިރާސާތަކުގައި، ދަރިވަރުންނާއި ބެލެނިވެރިން ސަމާލުކަން ބޮޑަށް ދެނީ މާދަރީބަހަށްތޯ ނުވަތަ ދެވަނަ ބައްސައަށް ތޯ ބައްލަވާފައިވެއެވެ. މިސާލަކަށް ޒިމްބާބުވޭ ފަދަ އިނގިރޭސި ބަސް ދެވަނަ ބައްސައެއް ގޮތަށް ކިޔަވާދޭ ގައުމެއްގައި ހަދާފައިވާ ދިރާސާއަކުން ހާމަވާ ގޮތުގައި މާދަރީބަހަށް ވުރެ ބޮޑަށް ބެލެނިވެރިންނާއި ދަރިވަރުން ވެސް ސަމާލުކަން ދެނީ ދެވަނަ ބައްސަ ތަރައްގީ ކުރުމަށެވެ. މި ދިރާސާގެ ފަހުބަހެއްގެ ގޮތުގައި ހާމަކުރައްވާފައިވަނީ، އެންމެ ތުއްތު އިރު މުއާޞަލާތު ކުރުމަށް މާދަރީބަސް ބޭނުން ކުރެވުނު ނަމަވެސް ކިޔަވައިދިނުމުގައި ބޮޑަށް ބާރު އެޅެނީ ދެވަނަ ބައްސަ ތަރައްގީ ކުރުމަށެވެ (ޑޭމްބޭ، 2008). ލިޔެވެމުން މިދިޔަ ހުރިހާ ޚިޔާލުތަކަކީ ވެސް އަޅުގަނޑުމެންގެ ދިވެހިރާއްޖޭއާއި ވަރަށް ގުޅުން ހުރި ވާހަކަތަކެކެވެ. އަޅުގަނޑުމެންގެ ބެލެނިވެރިންނަށް ސަމާލުކަން ބޮޑަށް ދެވެނީ އިނގިރޭސި ބަސް ނުވަތަ އަޅުގަނޑުމެންގެ ދެވަނަ ބައްސަ ކުދިންގެ ކިބައިގައި ތަރައްގީކޮށް ކުރިއެރުވުމަށެވެ. މީގެ ސަބަބުން އެންމެ ތުއްތު އިރު އިނގިރޭސި ބަހުން ވާހަކަ ދައްކަން އާދަ ކުރުވަން މަސައްކަތް ކުރާ މީހުން ވެސް މަދެއް ނޫނެވެ. ހަމައެހެންމެ، ކުދިންނަށް ކިޔަން ހަވާލު ކުރެވޭ ގިނަ ފޮތްތަކަކީ އިނގިރޭސި ބަހުން ލިޔެވިފައިވާ ފޮތްތަކަށް ވުން ވެސް ހިމެނެއެވެ. މީގެ އިތުރުން، އިސްވެ ދިޔަ ޢިލުމުވެރިން ވެސް ފާހަގަކުރައްވާފައިވާ ފަދައިން ދިވެހިރާއްޖޭގައި ވެސް މާދަރީބަހަށް ކުދިން ދަށްވާ އެއް ސަބަބަކީ ކިޔަވައިދިނުމުގެ ނިޒާމުގައި އެހެނިހެން ހުރިހާ މާއްދާއެއްގައި ބޭނުން ކުރެވޭ ކިޔަވާދޭ ބަހަކީ މާދަރީބަހަށް ނުވުމެވެ. ނަމަވެސް، ގަބޫލުކުރަން ޖެހޭ ކަމަކީ، މުހިންމުވާންވީ ކިޔަވާދޭ ހުރިހާ މާއްދާއެއް ކޮންމެހެން މާދަރީބަހުން ކިޔަވާދިނުން ނޫން ކަމެވެ. އެއާ ޚިލާފަށް ދެވެނަ ބައްސައިން ކިޔަވައިދިން ނަމަވެސް މާދަރީބަހާއި ދުރުނުކޮށް އެ މާއްދާތައް މާދާރީބަހާ ވެސް ގުޅުވައިގެން ކިޔަވާދިނުން މުހިންމެވެ.
ދުނިޔޭގެ ބައެއް ގައުމުތަކުގައި ދެވަނަ ބައްސައަށް އިސްކަން ދީފައިވާ މިންވަރު ހާމަވާ މިސާލަކަށް ބަލާލަމާތޯއެވެ. އެހެނީ ބައެއް ގައުމުތަކުގައި ދެވަނަ ބައްސައަކީ ގައުމީ ބަސް ކަމުގައި ވެސް ހަމަޖައްސާފައިވެއެވެ. ކީކޯ (2015) ހާމަ ކުރައްވާފައިވާ ގޮތުގައި އެފްރިކާގެ ގައުމެއް ކަމަށްވާ ބުރުންޑީ، އެގައުމުގެ އަސްލުބަހަކީ ކިރުންޑީ ކަމުގައިވިޔަސް، އިނގިރޭސި ބަސް ވަނީ ގައުމުގެ ރަސްމީ ބަސްކަމުގައި ހަމަޖައްސައި ކިޔަވާދިނުމުގެ ނިޒާމުގައާއި އެހެންނިހެން ދާއިރާތަކުގައި ވެސް އިނގިރޭސި ބަސް ބޭނުންކުރަން ފަށާފައެވެ. ގައުމުގެ މާދަރީބަސް ދޫކޮށް ދެވަނަ ބައްސައަށް އިންތިހާއަށް ސަމާލުކަން ދިނުމަކީ ކީކޯ އިޝާރާތް ކުރައްވާގޮތުގައި އެފްރިކާގެ ވަރަށް ގިނަ ގައުމުތަކުގައި އާންމު ކަމެކެވެ. މިކަމުގެ ސަބަބުން އެގައުމުތަކުގެ މާދަރީބަސް އުވިދިއުމަށް އޮތް ބިރު ނުހަނު ބޮޑެވެ. މިއީ ތަޢުލީމީ ނިޒާމަށް އަންނަ ކުރިއެރުމެކޭ ނުދެންނެވޭނެއެވެ. އަދި ހަމައެހެންމެ، އެ ގައުމުތަކުގެ ދަރިވަރުންގެ ފެންވަރު އިތުރަށް ހަރުދަނާކުރެވޭނެ ނިޒާމެކޭ ދެންނެވުމަށް ވެސް ދައްޗެވެ. ސަބަބަކީ މާދަރީބަހަކީ ކުރިން ދެންނެވި ފަދައިން ދަރިވަރުންގެ އުނގެނުން އިތުރަށް ކުރިއެރުވުމަށް އެހީތެރިވެދޭ އޭނާގެ އަސްލާ ގުޅިފައިވާ އެއްޗެކެވެ.
މާދަރީބަހަށް ލޯބިކުރައްވާ ގިނަގުނަ ޢިލުމުވެރިން އެ ބަހަށް އޮތް ލޯތްބާއި، އެ ބަސް ނެތި ހިނގާދާނެ ކަމުގެ ބިރާ ގުޅޭގޮތުން ތަފާތު ފޯރުމުތަކުގައި ވާހަކަ ދައްކަވާފައިވެއެވެ. މިސާލަކަށް، ސްޒޭން ތަލްހޫޤް (2012) ދެއްވާފައިވާ ޓެޑް ޓޯލކްގެ ވާހަކަ ކޮޅު ފާހަގަކޮށްލެވެއެވެ. ނުހަނު ޝައުޤުވެރި ގޮތަކަށް ޢަރަބި ބަހުން ދައްކަވާފައިވާ ވާހަކަ ކޮޅުގެ މައުޟޫޢަކީ "އަމިއްލަ ބަސް މަރާ ނުލާށޭ" މިއެވެ. އޭނާ ހާމަކުރައްވަނީ މީހުންގެ އާންމު ދިރިއުޅުމަށް ދެވަނަ ބައްސައިން އަސަރު ކުރާމިންވަރާއި އެކަން ދެމިގެން ގޮސް އަމިއްލަ މާދަރީބަސް ހަދާން ނެތޭ ހިސާބަށް ކަންތައްތައް ދާވާހަކައެވެ. ވަރަށް އަސަރާ އެކު އަމިއްލަ މާދަރީބަހުގެ މުހިންމުކަން ހިއްސާކުރައްވައި، އޭނަގެ އަޑު އަހަން އެއްވެ ތިބި އެތައް ހާޒިރީންނަކަށް ނުހަނު ބޭނުން ތެރި މެސެޖެއް އޭނާ ދެއްވިއެވެ. އެއީ މާދަރީބަސް ރައްކާތެރިކުރެވޭނީ އެ ބަހެއްގެ އަހުލުވެރިން އެކަމަށް މަސައްކަތް ކުރި މިންވަރަކުން ކަމެވެ. އަދި އެއީ ކޮންމެ ފަރުދެއްގެ ވެސް ޒިންމާއެއް ކަމެވެ. މިއީ އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖޭގައި ވަރަށް ބޮޑަށް ސަމާލުވާން ޖެހިފައިވާ ކަމެއް ކަމަށް އަޅުގަނޑު ގަބޫލުކުރަމެވެ. ދިވެހިބަހަކީ އަޅުގަނޑުމެންގެ ދިވެހިވަންތަކަމާއި އަސްލާއި ސަގާފަތާ ގުޅިފައިވާ އެއްޗެކެވެ. ދިވެހިބަސް ރައްކާތެރިކުރަން އެހެން މީހަކު ބޭރުން ނާންނާނެއެވެ. އެއްޖީލުން އަނެއް ޖީލަށް މި ބަސް ނަގުލު ކުރުމުގެ ޒިންމާއަކީ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ ފަރުދެއްގެ ވެސް ޒިންމާއެކެވެ.
ހަމައެހެންމެ، އަޅުގަނޑުގެ ވެސް ޒިންމާއެވެ. މާދަރީބަސް ރައްކާތެރިކުރުމަށް ޓަކައި އަޅުގަނޑުގެ ފަރުދީ ޒިންމާއެއް ކަމުގައި ދެކެނީ އެ ބަސް ބޭނުން ކޮށްގެން މުޖުތަމަޢަށް ލިޔުންތައް އިތުރުކޮށް، މަޢުލޫމާތު ފޯރުކޮށްދީ، އެއް ޖީލުން އަނެއް ޖީލަށް އަޅުގަނޑުމެންގެ މާދަރީބަސް، ދިވެހިބަސް ފޯރުކޮށް ދިނުމެވެ. މިހާރު ވެސް އާންމުކޮށް އަޅުގަނޑު ޤަބޫލުކުރާ ޤަބޫލުކުރުމެއް ދަންނަވާލާނަމެވެ. ކިޔަވައިދިނުމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ވަރަށް ގިނަ ބޭފުޅުން ވިދާޅުވާ އެއްޗެއް އޮވެއެވެ. ބައެއް މާއްދާތައް އިނގިރޭސި ބަހުން ކިޔަވައިދޭން ފަސޭހަ ވާހަކައެވެ. ފަހަރުގައި ތެދަކަށް ވެސް ވެދާނެއެވެ. ނަމަވެސް އަޅުގަނޑު ދެކޭ ގޮތުގައި ތިމާއަށް އެނގޭ ޢިލުމެއް، ނުވަތަ މަޢުލޫމާތެއް އިނގިރޭސި ބަހުން ކިޔަވައިދިނުމާއި، ދިވެހިބަހުން ކިޔަވައިދިނުމުގައި މާ ބޮޑު ފަރަގެއް އައިސްގެން ނުވާނެއެވެ. އެއާ ޚިލާފަށް އަޅުގަނޑު ޤަބޫލު ކުރާގޮތުގައި ދިވެހިބަހުން ތަފާތު މާއްދާއެއް ކިޔަވާދޭން ލިބުމަކީ އަޅުގަނޑުގެ ޢިލުމީ ފެންވަރު އިތުރުވުމަށް މަގުފަހިކުރުވާ ފުރުޞަތެކެވެ. ސަބަބަކީ، އެ މާއްދާއެއްގައި އިނގިރޭސި ބަހުން ލިޔެފައިވާ ތަފާތު މަފުހޫމުތައް ދިވެހިބަހުން ބޭނުންކުރާނެ ގޮތާއި، އޭގެ މާނަ އާންމު މީހަކަށް ބުނެދޭނެ ގޮތްތައް ހޯދަން އަޅުގަނޑަށް މަޖުބޫރުވުމެވެ. ހަމައެއާއެކު، ތަފާތު މާއްދާތައް ދިވެހިބަހުން ކިޔަވައިދިނުމަށް އަޅުގަނޑުގެ ޝައުޤުވެރިކަން އިތުރުވާ އަނެއް ސަބަބަކީ ދިވެހިބަހުން ލިޔެވިފައިވާ ލިޔުންތައް، އެކި ދާއިރާތަކަށް އިތުރު ކުރުމަށް ލިބޭ ފުރުޞަތަކަށް ވެސް އެކަން ވުމެވެ. އަޅުގަނޑަކީ ދިވެހިބަހުގެ ޢިލްމާ ގުޅޭ ސަނަދުތަކެއް ނެތް މީހެއް ނަމަވެސް، އަޅުގަނޑު ގަބޫލު ކުރާގޮތުގައި ދިވެއްސެއްގެ ހައިސިއްޔަތުން އަޅުގަނޑުމެންގެ މާދަރީބަސް، ދިވެހިބަސް ރައްކާތެރިކޮށް ދެމެހެއްޓުމަކީ އަޅުގަނޑުގެ ވެސް މުހިންމު ޒިންމާއެކެވެ. އަދި ދިވެހި ކޮންމެ ފަރުދެއްގެ ވެސް ޒިންމާއެކެވެ. ދީބުގެ ކުދިންގެ ހިތުގައި މާދަރީބަހަށް ލޯބި ޖެއްސޭނީ ގޭތެރެއާއި މަދަރުސީ ނިޒާމު އަދި މުޖުތަމަޢުގެ ހުރިހާ ފަރުދުން ބައިވެރިވެގެން އެ ބަހަކީ ކޮންމެ އުމުރެއްގެ ކުއްޖަކަށް ވެސް އަދި ކޮންމެ މަރުހަލާއެއްގައި ކިޔަވާ ދަރިވަރަކަށްމެ ބޭނުންތެރި އެއްޗެއް ގޮތުގައި ދެކިގެންނެވެ. މާދަރީބަހަކީ ކުދިންގެ ބަހުގެ އަސްލުކަމުގައި ވާއިރު ދެވަނަ ބައްސައެއް ކިޔެވުމަށް އެހީތެރިވެދިނުމަށް މާދަރީބަސް ކުރި އެރުވުން މުހިންމުކަން ގަބޫލު ކުރެވިގެންނެވެ. މިކަމުގައި ކުރެވިދާނެ ކަންކަން، މިފަދަ އެހެން ލިޔުމެއްގައި އިޝާރާތް ކޮށްލުމުގެ ޝައުޤުވެރިކަން އޮތްކަން ފާހަގަކުރަމެވެ.
މުދައްރިސްގެ މި މައުޟޫގެ ދެވަނަ ބަޔަކަށް އިންތިޒާރު ކުރެވޭ! ދެ ބަހުން އުނގަންނައިދިނުމުން ކުރިމަތިވާ ކަންކަމަށް އޮތް ހައްލަކީ ކޮބައިކަން އޮޅުންފިލުވުމުގެ ޝައުޤު ބޮޑުވެއްޖެ! އެފަދަ ލިޔުމެއް ނެތްތޯ؟
Varahves furihama liyumeh. Mauloomaathaa evvarah mi liyun visnaigen kiyaifi meehakah ilmy liyun liyanvre gothuge furihama tharutheebehves deyha vaane adi divehi bahuge baskoshaaru ithuru kureveyne. Mashuni nukoh reethi divehi bahun liyeveyne kamuge furihama misaaleh meee.