މިއަދުގެ ކޮލަމުގައި އަލިއަޅުވާލަން ގަސްދު މިކުރަނީ ކިޔަވައިދިނުމުގެ ދާއިރާގައި ވަރަށް މުހިންމު ކަމަކާ ބެހޭގޮތުންނެވެ. އެއީ މުދައްރިސުން އެ މީހުންގެ އަމިއްލަ ކިޔަވައިދިނުމާ ބެހޭ ގޮތުން ދިރާސާކޮށް އިތުރު ހޯދުންތައް ހޯދުމާ ބެހޭ ގޮތުންނެވެ. މިއީ ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމުގައި މާ ޢާއްމު ކަމެއް ނޫން ނަމަވެސް ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ޢާއްމު ކަމެކެވެ. އެހެން ގައުމުތަކުގައި ކިޔަވައިދިނުމުގެ ދާއިރާއަށް ވަންނަ އިރު ވެސް އެ ދާއިރާއާ ގުޅޭ ގޮތުން ދިރާސީ ވިސްނުމަކުން ވިސްނާ ހޯދޭ ހޯދުންތަކާއި ޢިލުމީ ހެކިތަކަށް ބަރޯސާވެގެން އަމިއްލަ ކިޔަވައިދިނުން ފަރުމާކުރުމަކީ މުދައްރިސުން ތަމުރީނުކުރާއިރު ވެސް ދަސްކޮށްދެވޭ ހުނަރެކެވެ. ދިވެހިރާއްޖޭގެ މުދައްރިސުން ތަމުރީނުކުރާ މުއައްސަސާތަކުން މުދައްރިސުން ތަމުރީނުވެގެން ނުކުންނައިރު މިހުނަރަށް އެއްގޮތަކަށް ވެސް އަހަމިއްޔަތުކަމެއް ނުދެވެއޭ ދެންނެވިޔަސް މުޅިއަކުން ކުށަކަށް ނުވާނެއެވެ. އަޅުގަނޑުގެ އަމިއްލަ މަސައްކަތުގެ ދާއިރާއަށް ވުމާއެކު ވެސް، މި ކަމުގައި ގެންގުޅެވޭ ޢާންމު ވިސްނުންތަކުގެ މައިގަނޑު މައްސަލައަކީ ކޮބައިކަން މިތާގައި މާ ބޮޑަކަށް އިޝާރާތްކުރާކަށް މިހިނދަކު ބޭނުމެއް ނޫނެވެ. ނަމަވެސް ފެންނަން އޮތް ހަގީގަތަކީ 4 އަހަރުގެ ޑިގްރީ ޕްރޮގްރާމުގައި ދިރާސާ ހެދުމަށް ދަސްކޮށްދިނުމަށްޓަކައި ލިޔެވިފައިވާ އެއްވެސް މޮޑިޔުލެއް ނުކިޔަވާ 3 އަހަރުގެ ޕްރޮގްރާމު ފުރިހަމަކޮށްގެން މުދައްރިސުންނަށް ވެގެން ދަރިވަރުން ދަސްވެނިވާ ކަމެވެ. މިގޮތަށް ދަސްވެނިވެގެން ނުކުންނަ މުދައްރިސުންނަކީ ދިރާސީ އެއްވެސް ވިސްނުމެއް، އެކަން ކުރާނެ ގޮތެއް، ކުރުމުގެ ބޭނުމެއް، ދިރާސާކުރަންވީ ކީއްވެގެންކަން އަމިއްލައަށް ވެސް ކުޑަމިނުން ގަބޫލު ނުކުރެވޭ މީހުން ކަމީ ހިތާމަ ކުރަން ޖެހޭ، ގަބޫލުކުރަން ބޭނުންނުވިޔަސް ފެންނަން އޮތް ހަގީގަތެވެ. މީގެ ސަބަބުން މުދައްރިސުންގެ ވިސްނުމާ، ކިޔަވައިދިނުމުގެ ހުނަރު އިތުރުވުމާއި، ޢިލުމީ ކުރިއެރުންތަކެއް ލިބޭފަދަ ގޮތަކަށް ކިޔަވައިދިނުން ކުރިއަށް ގެންދިޔުމަށް ބުރޫ އަރައެވެ. މިއީ އެއްވެސް ހާލެއްގައި ތަޢުލީމީ ނިޒާމަށް ކިޔާ ފާޑުކިޔުމެއް ނޫނެވެ. ގަބޫލު ކުރަން ބޭނުންވެސް ނުވާ އެކަމަކު ހަގީގަތެވެ. މިއަދުގެ ކޮލަމުގައި އިޝާރާތްކޮށްލަން މިގަސްދުކުރަނީ ދިރާސީ ހެކިތަކާއެކު ކިޔަވައިދިނުން ކުރިއަށް ގެންދިޔުމުގެ މުހިންމު ކަމާ ގުޅޭގޮތުންނެވެ.
ޓީޗަރ ރިސާރޗް ނުވަތަ މުދައްރިސުންގެ ދިރާސާތަކަކީ، އުނގެނުމާއި އުނގަންނާދިނުމުގެ މަސައްކަތާ ގުޅޭ ކޮންމެ ކަމަކާ ބެހޭ ގޮތުން ސީދާ މުދައްރިސުން ހަދާ ދިރާސާތަކެވެ. އެ މުދައްރިސެއްގެ އަމިއްލަ ކިޔަވައިދިނުމުގެ މާހައުލާއި، ކުލާސްރޫމާއި، ސްކޫލާއި އަދި އެހެނިހެން ކަންކަމާ ގުޅުވައިގެން ހެދޭ އަމިއްލަ މަސައްކަތުގެ ދިރާސާތަކޭ ވެސް ދެންނެވިދާނެއެވެ. މިދާއިރާގެ މަޝްހޫރު ދިރާސާވެރިން ހާމަކުރައްވާ ގޮތުގައި އެއީ އެ މުދައްރިސެއްގެ އަމިއްލަ މަސައްކަތާ ގުޅޭ ގޮތުން ސިސްޓަމެޓިކްކޮށް (ރޭވިގެން)، އަދި ދިރާސީ ހަރުފަތްތަކެއްގެ ތެރެއިން ހޯދޭ ހޯދުން ތަކެކެވެ (ލަންކްޝެއަރ އަދި ނޮބްލް، 2004). މި ރައުޔާއި ދާދި އެއްގޮތަކަށް ހަވާލާދެއްވަމުން ކޮޗްރަން ސްމިތް އަދި ލައިޓްލް (1999) ހާމަކުރައްވަނީ އެއީ އަމިއްލަ ކިޔަވައިދިނުން ހަރުދާނާކޮށް ދިރާސީ ހެކިތަކުގެ އަލީގައި ދަރިވަރުންގެ އުނގެނުން ހަރުދަނާކުރުމަށް ޓަކައި އެ ނިޔަތާއެކު ވަކި އަމާޒަކަށް ބަލައިގެން ކުރެވޭ ދިރާސީ މަސައްކަތް ކަމަށެވެ. މި ޢިލުމުވެރިން އިތުރަށް ތަފުސީލުދެއްވާ ގޮތުގައި މިފަދަ ދިރާސާތަކަކީ މުދައްރިސުން އަމިއްލައަށް ބޭނުންވެގެން، އެމީހުންގެ ފަންނީ ކުރިއެރުމަށާއި އަދި ދަރިވަރުންގެ އުނގެނުން ރަނގަޅު ކުރުމަށް ކުރާ މަސައްކަތްތަކެކެވެ. މީގެ އިތުރުން ވެސް މި ފަދަ ދިރާސީ މަސައްކަތަކީ ވަރަށް ބޮޑަށް ހޯދައި ބަލައި، ފެންނަ ހޯދުންތަކުގެ އަލީގައި ތަފާތު ބަދަލުތަކާ އެކު، އާ ގޮތްތައް ތަޖުރިބާކުރުމުގެ ތެރެއިން ކިޔަވައިދިނުމަށް ކުރެވޭ މަސައްކަތެކެވެ. މިކަމުގައި އެންމެ ފާހަގަކޮށްލެވެނީ ކުލާހުގައި ކަންކަން ވާ ގޮތާއި ތަފާތު ގޮތްތައް ބޭނުންކޮށްގެން ކިޔަވައިދިނުން ރޭވުމުން ދަރިވަރުންގެ އުނގެނުމަށް އަންނަ ބަދަލުތައް ދެނެގަނެ އިތުރަށް ހަރުދާނާ ކުރުމަށް ކުރެވޭ ރިވެލިކުރުމުގެ (ރިފްލެކްޓިވް) މަސައްކަތެއް ގޮތުގައެވެ (ކޮޗްރަން ސްމިތް އަދި ލައިޓްލް، 1999). މި ދެ ޢިލްމުވެރިންގެ ވިސްނުންތަކަކީ މީގެ ވިއްސަކަށް އަހަރުގެ ކުރީގެ ވާހަކަތަކެއް ނަމަވެސް މުދައްރިސުން ދިރާސީ މަސައްކަތް ކުރުމުގެ މުހިންމު ކަމާ ބެހޭ ގޮތުން ނުހަނުގިނަ ޢިލުމުވެރިން ލިޔުއްވައެވެ. މީގެ ތެރެއިން ދާދި ފަހުގެ ދިރާސާވެރިން ކަމަށްވާ ގްރޫތުއިޖްސަން، ބްރޮންޚޯސްޓް، ޕްރިންސް، އަދި ކުއިޕާރ (2020) ދެކެވަޑައިގަންނަވާ ގޮތުގައި ކިޔަވައިދިނުމުގެ ޢަމަލީ މަސައްކަތްތާ ސީދާ ގުޅުވައިގެން ދިރާސީ ހެކިތަކާ އެކު ރޭވޭ ކިޔަވައިދިނުމަކީ މުޅި ތަޢުލީމީ ނިޒާމަށް އިތުރު ހަރުދަނާ ކަމަކާއި އާރޯކަމެއް ގެނުވާ ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި އާއި ފިލޯސަފީ ބަދަލުވެގެންދާނެ ކިޔަވައިދިނުމެކެވެ. މި ދިރާސާވެރިން ބަހުސްކުރައްވާ ގޮތުގައި މުދައްރިސުން ދިރާސީ މަސައްކަތުގައި ބައިވެރިކުރުމަށް ގިނަގުނަ ގޮންޖެހުންތަކެއް ހުރި ނަމަވެސް ދިރާސީ ވިސްނުމަކުން ކިޔަވައިދިނުން ރޭވުމަކީ ބޭނުންތެރިކަމެކެވެ. ކޮންމެ މަސައްކަތަކީ ވެސް ގޮންޖެހުން އެކުލެވޭނެ ކަމެކެވެ. އެ ގޮންޖެހުންތަކަކީ މަސައްކަތްތައް ހަރުދަނާކުރުމަށް އެޅިދާނެ ފިޔަވަޅުތަކާއި ކުރެވިދާނެ ކަންކަން ބެލުމަށް ލިބޭ ޢަލާމާތްތަކެއް (ފާހަގަތަކެއް) ގޮތުގައި ބަލައިގަތުން މުހިންމެވެ. ކިޔަވައިދޭ މާހައުލަކީ ގޮންޖެހުންތަކުން ހުސްވެފައިވާ އަބަދު އެއް ބީދައަކުން ކަންކަން ހިނގާ ތަންތަނެއް ނޫނެވެ. ކޮންމެ ދުވަހެއްގެ ކިޔަވައިދިނުމަކީ ވެސް ހިތަށް ނާރާ އެތަށް ކަމެއް ހިނގާ، ހީނުކުރާ ފަދަ އެތައް ކަމަކާ ވިސްނަން ޖެހޭ، ކުރަމުންދާ މަސައްކަތް އެކި ގޮތްގޮތަށް ބަދަލުކޮށް، ތަޖުރިބާކޮށް، ފާހަގަ ކުރެވޭ ކަންކަމުގެ ތެރެއިން އާ ގޮތްތައް ބޭނުންކޮށްގެން ރޭވެން ޖެހޭ ކަމެކެވެ (ލޮގްރަން އަދި ނޮތްފިލްޑް، 1998). މި ޢިލުމުވެރިން އިތުރަށް ފާހަގަ ކުރައްވާގޮތުގައި، ރިވެލިކުރުމާ އެކު ދިރާސީ ވިސްނުމެއްގެ ތެރެއިން އަމިއްލަ އުނގަންނައިދިނުމަށް ބަދަލު ނުގެނެސް ގެންދެވޭ ކިޔަވައިދިނުމަކީ ފުރިހަމަ ކިޔަވައިދިނުމެއް ކަމަކަށް ބަލައެއް ނުގަނެވެއެވެ. ޚާއްޞަކޮށް ފަހުގެ ދިރާސާވެރިން ލިޔުއްވާގޮތުގައި އުނގަނައިދެވޭ ގޮތުގެ ކޮލިޓީ/ފެންވަރު ނުބެލި ރޭވޭ އުނގަނައިދިނުމަކީ މިހާރުގެ ތަޢުލީމީ ނިޒާމުގައި ފެނިގެންވާނެ ކަންކަމެއް ނޫނެވެ (ގްރޫތުއިޖްސަން، ބްރޮންޚޯސްޓް، ޕްރިންސް، އަދި ކުއިޕާރ، 2020). މި ހުރިހާ ދިރާސާވެރިންގެ ވެސް ޚުލާޞާ ވާހަކަކޮޅަކީ އުނގެނުމާ ގުޅޭ ގޮތުން އެހެން ދިރާސާވެރިން ހަދާ ދިރާސާތަކާއި އަޅާ ބަލާއިރު ސީދާ އެ ކުލާސްތަކުގެ މުދައްރިސުން ހަދާ ދިރާސާތަކުގެ ފެންވަރު ރަނގަޅުވުމެވެ. އަދި އެ ހޯދޭ ހޯދުންތައް، އުނގަންނާދިނުން ހަރުދަނާ ކުރުމަށް މާ ބޮޑަށް ވެސް ބޭނުންތެރިވާނެކަމެވެ. މި ތަނުގައި ފާހަގަކޮށްލަން ބޭނުން އަނެއް ނުކުތާއަކީ މުދައްރިސުން އަމިއްލައަށް އެމީހުންގެ ކިޔަވައިދިނުމަށް ހަދާ ދިރާސާތަކުގައި އޮއްޓަރު ރަނގަޅުވެ މަސައްކަތް ސީދާ ޢަމަލީ މައިދާނާ ގުޅޭ މިންވަރު ބޮޑުކަމެވެ. ދަރިވަރުންގެ އުނގެނުމާއި އުނގަނައިދިނުމާ ގުޅުވައިގެން ދިރާސީ މަސައްކަތެއްގޮތަށް ކިޔަވައިދިނުން ރާވާއިރު ކަންކުރެވިދާނެ ގޮތުގެ މިސާލެއް ދެވިފައިވާ ވީޑިއޯ އިން ބައްލަވާ ލައްވާށެވެ.
ކުލާސްރޫމް ރިސާރޗް ނުވަތަ ކުލާސްރޫމުގެ ދިރާސާ ޢާއްމުކޮށް ހެދެނީ އެކްޝަން ރިސާރޗްގެ ދިރާސީ އޮނިގަނޑު ބޭނުންކޮށްގެންނެވެ (ހޮޕްކިންސް، 2014). މިފަދަ ދިރާސާތަކަކީ ކުއަލިޓޭޓިވްކޮށް، ކުއަންޓިޓޭޓިވްކޮށް، އަދި މިކްސްމެތެޑް ބޭނުންކޮށްގެން ވެސް ހެދޭ ދިރާސާތަކެވެ. އެކްޝަން ރިސާރޗްގެ އެންމެ ޚާއްޞަ ސިފައަކީ ކަމެއް ހިނގާގޮތް ބަލައި ބަދަލުކުރެވެމުންދާ ހަރުފަތްތަކެއްގެ ތެރެއިން ކުރިއެރުންތައް ބެލުމެވެ. މިގޮތަށް ކުރިއަށް ގެންދެވޭ އެކްޝަން ރިސާރޗްގެ މައިގަނޑު ހަރުފަތްތައް ދާނީ އެއް ހަރުފަތް އަނެއް ހަރުފަތާ ގުޅިގެން ސްޕައިރަލްކޮށް/ ވަށައިޖެހޭނެހެން ތަކުރާރު ކުރުވަނިވި ގޮތަކަށް މަދުވެގެން 3 ބުރެއްގެ ތެރެއިންނެވެ. ހޫލަ 1 އިން ދައްކައިދޭ ފަދައިން ކޮންމެ ބުރެއްގައި ވެސް ހަތަރު ހަރުފަތެއްގައި ދިރާސާގެ މަސައްކަތް ކުރިއަށް ދާނެއެވެ.
ހޫލަ 1 ގައިވާ ގޮތުން، ދިރާސާކުރަން ބޭނުންވާ މައިގަނޑު މައުޟޫޢެއް ނުވަތަ ކަމެއް ހަމަޖެއްސުމަށްފަހު، ފުރަތަމަ ކުރާނެ ކަންތައްތައް ޕްލޭންކޮށް ރާވާނީއެވެ. މިގޮތުން ރާވާއިރު، ލިޓްރެޗަރ ކިޔައި އެކަމެއްގައި ބަލާނެ ކަންތައްތަކާއި ފޯކަސް/އަމާޒު ހަމަޖައްސައި، ޑާޓާ އެއްކުރާނެ ގޮތް ރާވައި ހަމަޖައްސާނީއެވެ. ދެވަނަ ހަރުފަތުގައި ކަންކަން ކުރަން ރޭވި ގޮތަށް ކަންކަން ކުރާނީ އެވެ. އަދި ކަންކަން ކުރެވެމުންދާ ގޮތުގެ، ޑާޓާ އެއްކުރާނީއެވެ. ތިންވަނަ ހަރުފަތުގައި ކުރެވުނު ގޮތް ބަލައި އޮބްޒާރވް ކުރުމަށްފަހު ޑާޓާތައް ތަހުލީލު ކުރާނީއެވެ. ހަތަރުވަނަ ހަރުފަތުގައި ކަންކުރެވުނު ގޮތާ މެދު ރިވެލިކޮށް ގޮތްތަކެއް ނިންމާނީއެވެ. މިއީ ފުރަތަމަ ބުރުގެ ނަތީޖާ ނެރޭ ހަރުފަތެވެ.
މި ހަރުފަތަށް ފަހު ދެވަނަ ބުރުގެ ހަރުފަތުގައި ކުރާނެ ކަމެއް އަނެއްކާ ރާވާނީއެވެ. މިގޮތުން އަނެއްކާ ވެސް ހަތަރުވަނަ ހަރުފަތް ނިމުމަށް ފަހު 3 ވަނަ ބުރުގެ ހަރުފަތްތަކަށް ދާނީއެވެ. އެކްޝަން ރިސާޗްގެ މި ހަރުފަތްތަކާއި 3 ބުރުގެ ތެރެއިން ޑާޓާ އެއްކޮށް މުދައްރިސް ކޮންމެ ހަރުފަތެއްގައި ވެސް ކުރެވޭ މަސައްކަތްތައް ރަނގަޅަށް އިންޓަޕްރިޓްކޮށް ތަހުލީލު ކުރާނެއެވެ. ބަދަލު ގެންނަން ބޭނުންވާ ކަމެއް ނުވަތަ ބަލަން ބޭނުންވާ ވަކި ކަމަކާ ގުޅޭ ގޮތުން އަދި އެކަން ދާގޮތާ ގުޅޭ ގޮތުން މަޢުލޫމާތު އެއް ކުރާނެއެވެ. މިއީ ކިޔަވައިދިނުމުގެ ތެރެއިން އެކު އެކީ ކުރެވޭ މަސައްކަތެކެވެ. އެއް ގޮތަކަށް ވެސް ވަކިން ދިރާސާއެއް ހަދާ ގޮތަށް ކިޔަވައިދިނުމާ ވަކިކޮށްލެވިގެން ކުރެވޭ ކަމެއް ނޫނެވެ. އެހެންކަމުން މުދައްރިސުންގެ ދިރާސީ މަސައްކަތް ކުރިއަށް ދާނީ، ދިރާސީ މަސައްކަތާއި ކިޔަވައިދިނުމާ އެކުއެކީ ގުޅި ލާމެހިގެންނެވެ.
އިސްވެދެންނެވުނު އެކްޝަން ރިސާރޗްގެ ދިރާސީ އޮނިގަނޑު ބޭނުންކޮށްގެން ކުލާސްރޫމްގެ ޑާޓާ/މަޢުލޫމާތު އެއްކުރުމަށް ބޭނުންކުރެވޭ ވަރަށް ގިނަ ވަސީލަތްތައް ވެއެވެ. އަމިއްލަ ކިޔަވައިދިނުމާ ގުޅޭ ގޮތުން ދިރާސާ ހެދުމަކީ ކިޔަވައިދިނުމުގެ ޒިންމާއާ އެކު ކުރަން ފަސޭހަ ލުއި ކަމެއް ނޫންކަން ހުރިހާ ދިރާސާވެރިން ވެސް އެއްބަސްވެއެވެ. ނަމަވެސް އެކަން ކުރެވޭ ގޮތަކީ ކިޔަވައިދިނުން ރޭވުމުގެ ބައެއް ގޮތުގައި ހިމަނައިގެން ކުރިޔަށް ގެންދިޔުމުގައި ލިބިދޭ ލުއިތައް ވަރަށް ގިނައެވެ. އިސްވެދެންނެވުނު ހުރިހާ ހަރުފަތްތަކަކީ ވެސް ކިޔަވައިދިނުމުގެ މަސައްކަތުގެ ބަޔަކަށް ހެދުމަކީ އުދަގޫ ކަމެއް ނޫނެވެ. އެންމެ ބޮޑަށް ސަމާލުވާންވީ ކަމަކީ މިގޮތުން ކުރެވޭ ދިރާސީ މަސައްކަތަކީ އަމިއްލަ ފަންނީ ތަރައްގީއަށް ކުރެވޭ، އަދި ދަރިވަރުންގެ އުނގެނުން ހަރުދަނާ ކުރުމަށް ކުރެވޭ މަސައްކަތެއް ގޮތުގައި ބަލައިގަތުމެވެ. މުދައްރިސުންގެ ތެރޭގައި ހިމެނޭ ދިރާސާވެރިންނަކީ އެމީހުންގެ މަސައްކަތުގައި ހުނަރުވެރި، އަދި ސްކޫލުގެ ކަންކަން ބަދަލުކޮށް ހަރުދަނާ ކުރުމުގައި ދެމި ތިބެ، އަމިއްލަ ފަންނީ ކުރިއެރުމަށް މަސައްކަތް ކުރާ މުދައްރިސުންނެވެ (ސުސްކައިންޑް، 2016). މި ދިރާސާވެރިން އިރުޝާދު ދެއްވާގޮތުގައި ކުލާސްރޫމުގެ ކިޔަވައިދިނުމުގައި ބޭނުންކުރެވިދާނެ ދިރާސީ މަސައްކަތްތަކަށް ބޭނުންތެރި އެންމެ އާދައިގެ ދެތިން ވަސީލަތެއް ފާހަގަކުރެވެއެވެ. އެއީ
(1) ނޯޓްފޮތް: މި ފޮތަކީ ކުލާހުގައިވާ ތަފާތު ކަންކަމާ ގުޅޭ ގޮތުން، ތަފާތު ދަރިވަރުންނާ ބެހޭގޮތުން، ފާހަގަކުރެވޭ ޢާއްމު އަދި ޚާއްޞަ ކަންތައްތައް ނޯޓްކޮށް ފަހުން ބަލައި ކިޔައި ހެދޭނެ އޮބްޒަވޭޝަންތައް ނޯޓްކުރެވިފައި އޮންނަ ޑައިރީއެއް ކަހަލަ ފޮތެކެވެ. މިގޮތަށް އެއްކުރާ ކޮންމެ މަޢުލޫމާތަކީ ކުލާސްރޫމުގެ ޑާޓާ/މަޢުލޫމާތުގެ ގޮތުގައި ބަލައިގަނެވެއެވެ.
(2) އަމިއްލަ ފޯނު: ކުލާހުގައި ހިނގާ ތަފާތު ކަންކަމާ ގުޅޭ ފޮޓޯތައް ނެގުމާއި، ކުދި ކުދި ވީޑިއޯތައް ރެކޯޑްކުރުމާއި، އަދި ނޯޓްސް ހެދުމަށް ވެސް އަމިއްލަ ފޯނު ބޭނުން ކުރެވިދާނެއެވެ. މިގޮތަށް ފޯނު ބޭނުންކުރާއިރު ކުދިން ކުރާ މަސައްކަތްތަކުގެ ފޮޓޯ ނެގުމާއި އަދި ކަންކަން ކުރަންފަށާއިރާއި ނިމޭއިރު މަސައްކަތްތައް އޮންނަ ގޮތާއި އިތުރު ތަފުސީލުތައް އެނގޭނޭހެން ފޮޓޯތަކުގެ ކެޕްޝަންގެ ގޮތުގައި ލިޔެ ވެސް ހެދިދާނެއެވެ. މިގޮތަށް އެއްކުރެވޭ ކޮންމެ މަޢުލޫމާތަކީ ކުލާސްރޫމުގެ މަސައްކަތާ ގުޅޭ ގޮތުން ފަސޭހަކަމާ އެކު އިތުރު ވަގުތު އެކަމަށް ހޭދަ ކުރަން ނުޖެހި ކިޔަވައިދިނުމުގެ ތެރެއިން އެއްކުރެވޭ ޑާޓާއެވެ.
(3) ޓީޗަރރިސާރޗް ޓީމް: މިއީ އެއްކޮށް ކޮލެބޮރޭޓިވް މަސައްކަތް ކުރުމަށް ހެދޭ މުދައްރިސުންގެ ދިރާސީ ޓީމެކެވެ. ބައެއްފަހަރު 3 މުދައްރިސުން ނުވަތަ ހަތަރު މުދައްރިސުން އެކުގައި ވެސް ވަކި ފޯކަސްއަކަށް އަމާޒުކޮށްގެން ދިރާސީ މަސައްކަތެއް ރޭވިދާނެއެވެ. ކުލާހުގެ ތެރޭގައި ކުރެވޭ ތަފާތު މަސައްކަތްތަކާ ގުޅޭ ގޮތުން ޑޮކިޔުމެންޓްކޮށް މަޢުލޫމާތު އެއްކޮށް ހެދުމަށް އެކަކު އަނެކަކަށް މިފަދަ ޓީމުތައް ހެދިފައިވާނަމަ އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.
މަތީގައި ދެންނެވިފައިވާ ތަފާތު ތިން ވަސީލަތުގެ އިތުރުން، ކުލާސްރޫމް އޮބްޒަވޭޝަން، ދަރިވަރުންގެ މަސައްކަތްތައް، ދަރިވަރުންގެ ޕޯރޓްފޯލިއޯތައް، ދަރިވަރުން ނަތީޖާތައް، ބެލެނިވެރިންގެ މީޓިންތައް، ކޯރޑިނޭޝަން މީޓިން/ބައްދަލުވުންތައް/ ކުލާސްރޫމުގެ ފޮޓޯ، މުދައްރިސުންގެ އޯޑިއޯ ރިފްލެކްޝަން/ ލިޔެފައި ހުންނަ ރިފްލެކްޝަން މިނޫން ވެސް، ފޮތްތައް، ލެސަންޕްލޭންތައް، ޕަވަރޕޮއިންޓް، ވާރކްޝީޓްތައް، ސްކޫލްގެ ފޭސްބުކް ޕޭޖުތައް، ފަދަ އެތައް މަންސަތަކެއްގައި ހިމެނޭ މަޢުލޫމާތު/ޑާޓާ ގޮތުގައި ބޭނުންކުރެވިދާނެއެވެ. މިގޮތުން އެއްކުރާ ހުރިހާ އެއްޗެއް ރަނގަޅަށް ތަހުލީލު ކޮށް މާނަތައް ނެރެ، ރިޕޯޓްތައް ލިޔެ އަދި ކަންވީ ގޮތާއި ކުރި ގޮތާއި، އެއިން ދޭހަވި ދޭހަވުންތައް ލިޔުމަކީ ސިސްޓަމެޓިކްކޮށް ދިރާސާ ހެދުމުގައި ކުރެވިދާނެ މުހިންމު މަސައްކަތަކެވެ. ދިރާސާއެއްގެ މަސައްކަތް ނިމުމަށް ފަހު އެއިން ހާސިލުވި އެއްޗެއް ސްކޫލުގެ އެހެން ފަރާތްތަކާ ނުވަތަ ކޮންފަރެންސް އަދި ސެމިނާރފަދަ ތަފާތު ފޯރަމްތަކުގައި ހިއްސާ ކުރުމަކީ މި ފަދަ މަސައްކަތްތަކުގެ އެންމެ މުހިންމު އެއްބައެވެ.
މުޅި ލިޔުމުގައި ހުށަހަޅައި ލެވުނު ހުރިހާ ޢިލުމީ ރައުޔުތަކުން ވެސް ހާމަވެގެން ދަނީ، ކުލާސްރޫމުގެ ކިޔަވައދިނުމުގެ ތެރެއަށް މުދައްރިސުންގެ ދިރާސީ މަސައްކަތުގެ ފިލޯސަފީ އަދި ވިސްނުންތައް ހިމެނުމުގެ މުހިންމު ކަމެވެ. މިހާ ހިސާބުން އުފެދޭ ސުވާލަކީ، ދިވެހިރާއްޖޭގައި ތަމުރީނުވެގެން ނުކުންނަ މުދައްރިސުންނަކީ ދިރާސީ އެއްވެސް ވިސްނުމެއް ނެތި، ކިޔަވައިދިނުމުގެ ތެރޭގައި ދިރާސާކުރާނެ ގޮތުގެ އެއްވެސް ތަޖުރިބާއެއް އަދި މަޢުލޫމާތެއް ވެސް ނެތި ކިޔަވައިދިނުމެގެ މަސްއޫލިއްޔަތާ ހަވާލުވާ މުދައްރިސުންނަށްވުމުން، މަދަރުސީ ނިޒާމުގެ ކިޔަވައިދިނުން ހަރުދަނާ ކުރާނީ ކިހިނެއް ކޮން ގޮތަކަށް ބާއެވެ؟ މިހެން ދެންނެވޭ ސުވާލަކަށް ވުރެ ހަގީގަތުގައި މީގެ މުހިންމު ކަން ތަޢުލީމީ ނިޒާމުގައި ބޮޑެވެ. މިފަދަ މަސައްކަތްތައް ރާއްވަވާ ހިންގަވާ އިސްވާރުންނާއި ވެރިން މިކަމަށް ސަމާލުކަން ދެއްވުން، މިހާރު ވެސް މާބޮޑަށް ލަސްވެއްޖެ ކަމުގައި ގަބޫލު ކުރެވެއެވެ. ދިރާސީ މަސައްކަތްތައް ކިޔަވައިދިނުމުގެ ތެރޭގައި ހިމެނުން ވާޖެހޭނީ މިހާރު ތަޢާރަފުކުރުމަށް ތައްޔާރުވަމުން މިދާ ކިޔަވައިދިނުމުގެ ލައިސަންސް (ޓީޗަރ ރެޖިސްޓްރޭޝަން) ގެ މުހިންމު އުންސުރަކަށެވެ. ޚިދުމަތުގައި ތިއްބެވި މުދައްރިސުން ދިރާސީ މަސައްކަތްތަކަށް އަހުލުވެރިކުރުމާއި އަދި އިތުރަށް ތަމުރީނުވެގެން ނުކުންނަ މުދައްރިސުން ވެސް އުނގެނުމާއި އުގަންނައިދިނުމުގެ ދިރާސީ މަސައްކަތާއި، ވައްޓަފާޅިތައް ދަންނަ ބަޔަކަށް ވުން ލާޒިމު ވެއެވެ. ހަމަ މިބީދައިން ކިޔަވައިދިނުމުމުގެ ލައިސަންސް އާކުރާއިރު، އަމިއްލަ ކިޔަވައިދިނުމާ ގުޅޭގޮތުން ދިރާސާ ހެދިފައިވާ މިންވަރާއި ކުރެވިފައިވާ މަސައްކަތްތަކަށް ބަލަންޖެހެއެވެ. މިއީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް މުދައްރިސުންގެ ކިޔަވައިދިނުމުގެ ލައިސަންސް އާ ކުރުމުގައި ބަލާ މުހިންމު މިންގަނޑުތަކެކެވެ. މުދައްރިސުންގެ އަމިއްލަ ފަންނީ ތަރައްގީއާއި ކުރިއެރުމަށް މަސައްކަތް ކުރެވިފައިވަނީ ކިހާ މިންވަރަކަށްތޯ، އަދި އަމިއްލަ ކިޔަވައިދިނުމާ ގުޅޭ ގޮތުން ދިރާސީ މަސައްކަތް ކޮށް، އެފަދަ މަސައްކަތުގައި ބައިވެރިވެވިފައިވަނީ ކިހާ މިންވަރަކަށްތޯ ބެލުމަކީ އަޅުގަނޑު ދެކޭގޮތުގައި މުޅި ތަޢުލީމީ ނިޒާމު ހަރުދަނާކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ. އަޅުގަޑުގެ އުއްމީދަކީ މުދައްރިސުންނަކީ ދިރާސީ މަސައްކަތަށް ލޯހުޅުވި އަހުލުވެރިވެފައިވާ އަދި ދިރާސީ މަސައްކަތްކޮށްގެން އަމިއްލަ ކިޔަވައިދިނުން ކުރިއަރުވައި ތަރައްޤީކުރާނެ ބަޔަކަށް ވުމެވެ.