ރާއްޖޭގައި ޕާކިސްތާނު ދުވަސް ފާހަގަކޮށްފި

ދިވެހިރާއްޖޭގައި ހުންނަ ޕާކިސްތާނު އެމްބަސީން "ޔަވްމެ ޕާކިސްތާން" ނުވަތަ ޕާކިސްތާން ދުވަސް ފާހަގަ ކޮށްފިއެވެ. ޕާކިސްތާނު ދުވަހަކީ ކޮންމެ އަހަރެއްގެ މާޗް މަހުގެ 23 ވަނަ ދުވަހެވެ. 1947 ވަނަ އަހަރުގެ މާޗް މަހުގެ 23 ވަނަ ދުވަހަކީ މަޝްހޫރު ޕާކިސްތާން ގަރާރު ފާސްކުރި ދުވަހެވެ. އެއީ ވަކި ގައުމެއްގެ ގޮތުގައި ޕާކިސްތާން ކަނޑައަޅަން ފާސްކުރި ގަރާރެކެވެ. މި ދުވަހަކީ ޕާކިސްތާނުގެ ޖުމްހޫރީ ދުވަސްވެސްމެއެވެ.

ޕާކިސްތާން ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެމްބަސީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޕާކިސްތާނުގެ ގައުމީ ދިދަ ނަންގަވައި ދެއްވީ މިހާރު ހުންނެވި ސަފީރު ވައިސް އެޑްމިރަލް (ރިޓަޔަރޑް) ޢަޠަރް މުޚްތާރެވެ. ރަސްމިއްޔާތުގައި ހައި ކޮމިޝަނަރާއި  ޑެޕިއުޓީ ހެޑް އޮފް މިޝަން ޒުލްޤަރްނައިނިން އަޙްމަދު ވާހަކަފުޅު ދެއްކެވިއެވެ.

ހައި ކޮމިޝަނަރުގެ ވާހަކަފުޅުގައި ޕާކިސްތާނުގެ ބާނީ މުޙައްމަދު ޢަލީ ޖިނާޙްގެ ޒިކުރާ އައު ކުރެއްވިއެވެ. އަދި އިންޑިއާއިން ހިފައިފައިވާ ކަޝްމީރުގައި އެ ސްޓޭޓްގެ ރައްޔިތުންނަށް ދެމުންދާ އަނިޔާ ކުށްވެރި ކުރައްވައި ކަޝްމީރުގެ ރައްޔިތުންނާ އެކު ރޫހީ ގޮތުން ބައިވެރިވެ ވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ. އަދި ޕާކިސްތާާނުގެ ބޮޑު ވަޒީރު ގާއިމު ކުރައްވަން މަސައްކަތް ކުރައްވާ {ރިޔާސަތޭ މަދީނާ" އަށް ތާއީދު ކުރައްވައި ވާހަކަފުޅު ދެއްކެވިއެވެ. ބޮޑު ވަޒީރު ޢިމްރާން ޚާން ވިދާޅުވާ ގޮތުގައި ދުނިޔޭގައި ގާއިމު ކުރެވުނު އެންމެ ފުރިހަމަ ވެރިކަމަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް މަދީނާގައި ގާއިމު ކުރެއްވި ވެރިކަމެވެ. ޢިމްރާން ޚާން މަސައްކަތް ކުރައްވަނީ އެފަދަ އަދުލުވެރި ވެރިކަމެއް ޕާކިސްތާނުގައި ގާއިމު ކުރައްވާށެވެ.

ހައި ކޮމިޝަނަރުގެ ވާހަކަފުޅުގައި ރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮންނަ ގުޅުމުގެ މައްޗަށްވެސް ވާހަކަފުޅު ދެއްކެވިއެވެ. ދެ ގައުމުގެ ދެމެދުގައި އޮންނަނީ ބަދަހި ގުޅުމެއް ކަމަށާއި ގުޅުން އިތުރަށް ބަދަހި ކުރައްވަން މަސައްކަތް ކުރައްވާނޭ ކަމަށްވެސް ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.