ޕާކިސްތާނުގެ ރައީސުކަމަށް އާރިފު އަލްވީ އިންތިޚާބުކޮށްފި

ޕާކިސްތާނުގެ ރައީސުކަމަށް އިންތިޚާބުވެވަޑައިގަތް ޑޮކްޓަރ އާރިފު އަލްވީ

ޕާކިސްތާނުގެ 13 ވަނަ ރައީސަކަށް ޕާކިސްތާނު ތަހްރީކޭ އިންސާފް (ޕީޓީއައި) ގެ އިސް ލީޑަރެއް ކަމުގައިވާ ޑޮކްޓަރ އާރިފު އަލްވީ ހޮވިވަޑައިގެންފިއެވެ.

ޕާކިސްތާނުގައި ރައީސު އިންތިޚާބުކުރަނީ މަރުކަޒީ ގާނޫނުހަދާ މަޖިލީހުގެ ދެގެއާއި، ހަތަރު ޕްރޮވިންސްގެ ގާނޫނުހަދާ މަޖިލިސްތަކުގެ މެންބަރުން ހިމެނޭ އިލެކްޓޯރަލް ކޮލެޖްގެ އަޣުލަބިއްޔަތުން ނެވެ. އަޣުލަބިއްޔަތުންނެވެ. އަލްވީ ވަނީ އިލެކްޓޯރަލް ކޮލެޖްގެ 679 ވޯޓުގެ ތެރެއިން 353 ވޯޓު ކާމިޔާބުކުރައްވާފައެވެ. އޭނާއާ އެންމެ ގާތުން ވާދަކުރެއްވި ޖަމްއިއްޔަތޭ އުލަމާއޭ އިސްލާމް (ފ) ގެ ފަޒްލުއްރަހްމާން 185 ވޯޓު ހޯއްްދެވިއިރު ޕާކިސްތާން ޕީޕަލްސް ޕާޓީ (ޕީޕީޕީ) ގެ އައިތިޒާޒް އަހްސަނަށް ލިބިވަޑައިގަތީ 124 ވޯޓެވެ. 17 ވޯޓަކީ ބާޠިލު ވޯޓެވެ.

ރައީސުކަމުގެ މަގާމަށް ހޮވިވަޑައިގަތުމަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަަަަވަމުން ޑރ. އާރިފް އަލްވީ ވިދާޅުވީ މާތް ﷲ އަށް ހަމްދުކުރައްވާ ކަމަށާއި، އޭނާގެ ޕާޓީގެ ޗެއާމަން އަދި ބޮޑުވަޒީރު އިމްރާން ޚާން އޭނާއަށް ކުރެއްވި އިތުބާރަށްޓަކައި އޭނާއަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

"މިކަމުގައި އަހަރެންގެ އެއްވެސް ދައުރެއް ނެތް. ހުރިހާ ކަމެއް ކުރީ އަހަރެންގެ އެކުވެރިން." އޭނާ ވިދާޅުވިއެވެ. "އަހަރެންވާނީ ތަހްރީކޭ އިންސާފުގެ އެކަނި ރައީސަކަށް ނޫން. އަހަރެން ވާނީ ހުރިހާ ސީޔާސީ ޕާޓީއަކާއި، މުޅި ގައުުމުގެ ރައީސަަކަށް".

އިދިކޮޅު ޕާޓީތަކުން ބޮޑުވަޒީރު އިމްރާން ޚާނާއި ދެކޮޅަށް އެކުގައި މަސައްކަތްކުރަން އެެއްބަސްވެ ކޯލިޝަން ހެދި ނަމަވެސް، އެއް ކެންޑިޓޭޓަކާ މެދު އެއްބަސްނުވެވި އިދިކޮޅުން ވަނީ ވަކި ދެ ކެންޑިޑޭޓަކު ނެރެފައެވެ. އެެހެންކަމުން އަލްވީވަނީ މާ ބޮޑު ވާދަވެރިކަމެއް ނެތި އިންތިޚާބު ކާމިޔާބުކުރައްވާފައެވެ.

އުމުރުފުޅުން 69 އަހަރުގެ އާރިފް އަލްވީއަކީ ދަތުގެ ޑޮކްޓަރެކެވެ. އޭނާ ވަނީ އެ ދާއިރާއިން މާސްޓާސް ހައްދަވާފައެވެ. އޭނާގެ ބައްޕާފުޅު ހަބީބުއްރަޙްމާން އަލްވީއަކީ ޖަމާއަތޭ އިސްލާމީގެ ބޭފުޅަކަށްވާތީ 1979 ވަނަ އަހަރު އެޕާޓީ ތެރެއިން އޭނާ ސިޔާސީ މައިދާނަށް ނުކުމެވަޑައިގެން ސިންދުގެ ގާނޫނުހަދާ މަޖިލީހުގެ ގޮނޑިއަކަށް ކުރިމަތިލެއްވިއެވެ. ނަމަވެސް އޭނާ ހޮވިވަޑައިނުގަތެވެެ. 1988 ވަނަ އަހަރު ސިޔާސީ މައިދާނާ ދުރުގައި ހުންނެވުމަށް ފަހު އަލުން ސިޔާސީ މައިދާނަށް ނުކުމެވަޑައިގަތީ 1996 ވަނަ އަހަރު ޕީޓީއައި އުފެއްދުމުގައި ބައިވެރިވެވަޑައިގަތް ހިސާބުންނެވެ. 2013 ވަނަ އަހަރު އޭނާ ޕީޓީއައިގެ ފަރާތުން ވާދަކުރައްވައި ނޭޝަނަލް އެސެންބްލީއަށް ހޮވިވަޑައިގަތެެވެ. އަދި ފާއިތުވި ޖުލައިމަހު ބޭއްވުނު އިންތިޚާބުގައިވެސް އޭނާ ވަނީ ހޮވިވަޑައިގެންފައެވެ.

ޑރ. އާރިފު އަލްވީ ރައީސުކަމުގެ ހުވައިކުރައްވާނީ މިމަހުގެެ 9 ވަނަ ދުވަހުއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.