ފަޅިމޫނު - 46

(8 މާރިޗު 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ބާދްޝާ ޖާނީ ހިމޭނުން އިނދެގެން އޭނާގެ ފުރަގަހުން އިވޭ އަޑު އަހަނީއެވެ. އިރުއިރުކޮޅާ ކަންފަތުގައި އަތް އަޅައެވެ. އެ އިވޭ އަޑުގައި ގަޑުބަޑެއް ހުރި ކަމަށް ހީވަނީ ކަހަލައެވެ. އޭނާއަކީ ކުލީކާރު ދުއްވާ މީހެކެވެ. އަބަދުވެސް ފަހަތު ގޮނޑިން އިވޭ އަޑު އޭނާ އަހައެވެ. އެ އަޑު އަހައިފައި އަޑުގެ ވެރިމީހާގެ ޗާޓެއް ކުރަހައިލުމުގެ ހުނަރު އޭނާއަށް ވަނީ ލިބިފައެވެ. މިހާރު އެ އިވޭ އަޑުގައި ކޮންމެވެސް މައްސަލައެއް އެބަހުއްޓެވެ. އޭނާ ފަރުވާތެރިކަމާއެކު އަޑު އަހާން ފަށައިފިއެވެ. "ނޭވާ ހިފަހައްޓައިގެން އިށީނދެގެން އިނީ ކީއްވެގެން؟ ނޭވާ ހުސްވީތަ؟ ކަލޭގެ ތިޔަ ހަރަކާތްތައް އަހަރެން ވަރަށް ރަނގަޅަށް ދަންނަން. ކަލޭ ކަހަލަ ދޮގުވެރިންނަކީ އަހަންނަކަށް އާ ބައެއް ނޫން. ތިޔަ ކަހަލަ މަކަރު އަހަރެން ވަރަށް ރަނގަޅަށް ދަންނަން."

އޭނާ ކޮޅަށް ތެދުވަމުން ބުންޏެވެ. "މިހާރު ތިޔަ ކިޔަނީ ކީކޭ؟ ފުރަތަމަ ބަދަލުކުރީ ލޯބި. ދެން މަކަރު ހަދައިގެން އެހެން މީހަކު އަހަންނަށް ދެއްކީ. މިހާރު ތިޔަ ވާހަކަ ދައްކަނީ އަޑު ބަދަލުކޮށްގެން."

މިހެން ބުނެފައި އޭނާ އެނބުރިލިއެވެ. އެ ވަގުތު ދިޔައީ ސިއްސައިގެންނެވެ. އޭނާގެ ކުރިމަތީގައި ހުރީ އާދަޔާ ޚިލާފަށް ބޮޑަށް މަސްޖަހައިފައިވާ، ހަށިގަނޑުން ވަރުގަދަ ފަރުޒާނާއެކެވެ. އެ ފަރުޒާނާ އޭނާގެ ކުޑަ ލޮލަށް ފެތޭ ވަރަށްވުރެވެސް ބޮޑެވެ. އޭނާއަށް ހުރީ މާނޭވާ ލެވިފައެވެ. ހީވަނީ މިހާރު ފުފިފައި ހުރި ވަރު ކުޑަކަމުން އިތުރަށް ފުފެންވެގެން ވައި ޖަހަނީ ހެންނެވެ. ބާދްޝާ ދެލޯ ބޮޑުކޮށްގެން ބަލަހައްޓައިގެން ހުރެފައި އަހައިލިއެވެ. "ތިޔައީ ކާކު؟"

"އަހަރެންގެ ނަމަކީ ޑޮކްޓަރ ފަރުޒާނާ."

ބާދްޝާ އަތް ހޫރައިލިއެވެ. "ނާ ރަނގަޅަށްތަ؟ ޑަކްޓަރު ފަރުޒާނާއޭ؟ އެންމެ ފުރަތަމަ ބައްދަލުވީ ދުވަހު ބުނީ ތިމަން މިއީ ރުޚްސާނާއޭ. އެ ވާހަކަ އަހަރެން ގަބޫލު ކުރިން. އެ ވާހަކަ ގަބޫލުކޮށްގެން އޭނާޔާ އިނީ. އިނދެގެން ބެލި އިރު ހުރީ ސިފަ ބަދަލުވެފައި. ފަޅި މޫނަކަށް ވެއްޖެ. ތިޔައީ ކާކުހޭ އެހީމާ ބުނީ މިއީ ރުޚްސާނާއޭ. އަހަރެން ގަބޫލެއް ނުކުރިން. އަހަރެންގެ ރުޚްސާނާ ގެނެސްދޭށޭ ބުނިން، ދެން ބުނަން ފެށްޓީ މިއީ ހަމަ އެ ރުޚްސާނާއޭ. އެއް އަހަރާއި ދެމަސް ދުވަސް ވާންދެން އަހަރެން ހުރީ އެއީ ހަމަ އެ ރުޚްސާނާ ކަމަށް ގަބޫލު ކޮށްގެން. ދެން ނިއުޅުވައިލީ މުޅީން އެހެން ސަފުހާއެއް. އަހަރެން ލޯބިވީ މީހާގެ ނަމަކަށް ފަރުޒާނާ ވެއްޖެ. އަހަރެންގެ ފަރުޒާނާ ނުފެނިގެން ހޯދާތާ ފަސް ދުވަސް ވެއްޖެ. މިހާރު ކުރިމައްޗަށް މި ނުކުތީ އެހެން ސިފައެއްގައި އިން ފަރުޒާނާއެއް. އަހަރެން މިއީ އެހައި ބޮޑު މޮޔައަކީމެއް ނޫން. އިރުއުރުކޮޅާ މަކަރެއް ނުހެދޭނެ. އެއް ރުޚްސާނާއަށް ފަހު އެ ރުޚްސާނާ ޑަބަލް ވެއްޖެ. އެއް ފަރުޒާނާއަށް ފަހު ފަރުޒާނާވެސް ޑަބަލްވީ. އަހަރެން މިއީ އެހައި ބޮޑު މޮޔައެއް ކަމުގައި ހީކުރަނީތަ؟"

ފަލަ ފަރުޒާނާ ރުޅި އައިސް ރަތްވެއްޖެއެވެ. މާނޭވާގެ ބާރު އިހަށްވުރެ ގަދަވެގެން ހިނގައްޖެއެވެ. "ތިޔަ ތަޅަނީ ކޮން ވިޔާނުދާ އަނގައެއް؟ ކަލޭ ތިޔައީ ކާކު؟"

"ދެން ހެޔޮ. ތިޔަ ކުޅިގަނޑު ނިންމައިލާ. އަހަންނަށް ރަނގަޅަށް އެނގޭ. ފަރުޒާނާއަށް އަހަރެން ފެނުނީކަން ޔަގީން. އަހަރެން ފެނުމާއެކު ހަމަ ކުރީގެ ކުޅިގަނޑު ކުޅެން ފެށްޓީ. ފުރަތަމަ ފޮނުވީ އެހެން ރުޚްސާނާއެއް. މިހާރު ފަރުޒާނާއަށް ހަދާފައި އެހެން މީހަކު ފޮނުވީ. އޭނާ މި ހަސްފަތާލުގެ ކޮންމެވެސް ތަނެއްގައި ފިލައި އޮންނާނެކަން ޔަގީން. އަހަރެން އޭނާ ހޯދާނަން."

ބާދްޝާ ބާރުލާފައި ގޮސް ކޮޓަރިން ނުކުމެއްޖެއެވެ. ފަލަ ފަރުޒާނާ ދެއަތުން ބޮލުގައި ހިފަހައްޓައިގެން ދޮރާ ދިމާއަށް ބަލަހައްޓައިގެން ހުރީއެވެ.

ބާދްޝާ ނުކުތްއިރު އެއްކަލަ ނަރުސް ކުއްޖާ ބޭރުގައި ހުއްޓެވެ. އޭނާ ފެނުނީމާ ހިނިތުން ވެލައިފައި އަހައިލިއެވެ. "ކޮބާ... ފަރުޒާނާއާ ބައްދަލު ކުރެއްވިއްޖެތޯ؟"

އޭނާ ގޮށްމުށް ކަވައިލިއެވެ. "އޭތް. ހެނީ ކޮންކަމަކާ؟ ދަތްތައް އަނގައިގެ އެންމެ އެތެރޭގައި ބަހައްޓާ. ކަލޭމެންގެ މަކަރުވެރި ރޭވުން އަހަންނަށް އެބަ އެނގޭ. ސީދާ ތެދަށް ބުނޭ. އަސްލު ފަރުޒާނާ ވަދެ އޮތީ ކޮން ތަނަކަށް؟"

ނަރުސްކުއްޖާ ޖެހިލުންވެފައި ފަހަތަށް ޖެހިލިއެވެ. "މޮޔަވީތަ؟"

"އަދި ނުއެއް ވޭ. އިސާހިތަކު ވެދާނެ. އަހަރެން މޮޔަ ވުމުގެ ކުރިން ފަރުޒާނާއާ ހަމައަށް ގެންގޮސްދީ."

އެ ކުއްޖާ އަނެއްކާވެސް ފިޔަވަޅެއް ފަހަތަށް ޖެހިލިއެވެ. "ޑޮކްޓަރ ފަރުޒާނާ ދެންމެ އެ ވަނީ އޭނާގެ ކޮޓަރިއަށް. އޭނާޔާ ދިމާވެއްޖެއެއްނު؟"

"ފަލަ ފަރުޒާނާ ފޮނުވާފައި ހިކި ފަރުޒާނާ ވެއްދީ ކޮން ތަނަކަށް؟ އޭނާ ވީ ތަނެއް ބުނޭ."

އޭނާ ނަރުސްކުއްޖާގެ އަތުގައި ހިފައިފިއެވެ. އެ ކުއްޖާ ގަތް ބިރުން ހަޅޭއް ލަވައިގެންފިއެވެ. "ސަލާމަތް ކުރޭ... ސަލާމަތްކުރޭ... މިހިރީ މޮޔައެއް. އަހަރެން ސަލާމަތް ކުރޭ..."

އެހައިތަނުން ހަސްފަތާލުގެ ބައެއް ފިރިހެން މުވައްޒަފުން ދުވެފައި އެތަނަށް އަތުވެއްޖެއެވެ. ޑޮކްޓަރ ފަރުޒާނާވެސް ކޮޓަރިން ނުކުމެ އަޑުގައި ނެތްތަނަށް ހަޅޭއް ލަވައިގެންފިއެވެ. އޭނާވެސް ކިޔަމުން ދިޔައީ ބާދްޝާ އަކީ މޮޔައެކޭއެވެ. ފުލުހުންނާ ހަވާލު ކުރާށޭ ނުވަތަ މޮޔައިން ބަލަހައްޓާ ތަނަކަށް ފޮނުވައިލާށޭވެސް ކިޔަމުން ދިޔައެވެ. މާ ގިނަ އިރުތަކެއް ނުވެ ހަސްފަތާލުގެ މުވައްޒަފުން އޭނާ ވަށާލައިފިއެވެ. އެ މީހުންގެ އަތްދަށުން ސަލާމަތް ވެވޭތޯ މަސައްކަތް ކުރަމުން ބާދްޝާ ބުންޏެވެ. "އަހަރެން ދޫކޮށްލާ. މި މީހުން އަހަންނަށް މަކަރު ހަދަނީ. ކޮންމެ ކަމެއް ކުރިޔަސް އަހަރެންގެ މަސައްކަތް ހުއްޓައެއް ނުލާނަން. ޑަކްޓަރު ފަރުޒާނާ ހޯދާނަން."

ލޯތްބަކީ ވަރަށް އަނިޔާވެރި އެއްޗެކެވެ. އާދަމުގެދަރިޔާ މޮޔައަކަށް ހަދައިލައެވެ. ކަންކަމާމެދު ހަމައިން ވިސްނުމުގެ ގާބިލުކަން ނައްތައިލައެވެ. މި ވަގުތު އެހެރީ ހަސްފަތާލެއްގައި ކަމާއި، އަމިއްލަ ގޭގައި ނޫންކަމެއް އޭނާއަކަށް ވިސްނައެއް ނުގަނެވުނެވެ. ހުރެވުނީ ގޭގައި ކަމެއް، އިނދެވުނީ ކާރުގައި ކަމެއް ނޭނގުނެވެ. ދުނިޔޭގައި ހުރީކަމެއް ނުވަތަ އުފުއްލަވައިގަތީކަމެއްވެސް ނޭނގުނެވެ. އެއިން އެއްވެސް ކަމެއް އޭނާއަކަށް ވިސްނައެއް ނުގަނެވުނެވެ. ބާދްޝާ ޖާނީގެ ހައިސިއްޔަތުން އޭނާ މިހާރު ވަނީ މަރުވެފައެވެ. މޮޔައަކު އޭނާގެ ހަށިގަނޑުގައި އެކުލެވޭ ފުރަތަމަ ޝަޚްސިއްޔަތު މަރައިލީމާ އަމިއްލަ ނަފުސު މަރައިލެވުނީއެވެ. އޭގެ ފަހުން ހަށިގަނޑުގައި ދިރިހުންނާނީ ހަމައެކަނި ލޯތްބެވެ.

ލޯބީގެ މޫނުމައްޗަށް ވަރުގަދަ އެތިފަހަރެއް އަރައިފިއެވެ. އޭނާ އަރިއަޅައިލައިގެން ނުވެއްޓުނީ ކިރިޔާއެވެ. "އިޝްގީބަލި ބޮލަށް އެރީތާ!" އެކަކު އޭނާގެ އިސްތަށީގަނޑުގައި ހިފައި ދަމައިގަތެވެ. އަނެއްކާވެސް އޭނާ އަރިއަޅައިލިއެވެ. އަނެއް އެތިފަހަރު އެރީ އޭނާގެ ބަނޑަށެވެ. ވީ ތަދެއްގެ ބޮޑުކަމުން އޭނާއަށް ހަޅޭއްލަވައިގަނެވުނެވެ. ލޯބީގައި ސީދަލަށް ނުހުރެވިގެން ގުދުވެވިއްޖެއެވެ. އެހެން މީހަކު އޭނާގެ އަނގަމަތީގައި ޖަހައިފިއެވެ. މި ފަހަރު ލޯބީގައި އެޓެންޝަނަށް އާދެވިއްޖެއެވެ. ލޯތްބަށްޓަކައި ކުރާ މަސައްކަތުން ލިބޭ އަނިޔާއަކީ ލޯބީގެ ނަތީޖާއެވެ. އޭނާއަށް މިއަދު މި ފެންނަނީ ވޭންދެނިވި ނަތީޖާއެކެވެ. ލޯބީގެ ނަތީޖާއަކީ ލިބޭ ފިލާވަޅެކެވެ. ދުނިޔޭގައި އާދަމުގެދަރިޔާ ކުރާ ކޮންމެ ކަމަކުން ޚާއްސަ ފިލާވަޅެއް ލިބެއެވެ. އެކަމަކު ފިލާވަޅު ލިބެނީ އެކަމަކާ ގުޅުން ހުންނަ އެންމެ މީހެއްގެ ފަރާތުންނެވެ. ލޯބީގެ ފިލާވަޅު މުޅީން ތަފާތެވެ. ލޯބީގެ ފިލާވަޅު ލިބެނީ އެއްފަހަރާ އެތައް ބައެއްގެ ފަރާތުންނެވެ. މިހާރު ބާދްޝާއަށް މި ލިބެނީ އެ ފިލާވަޅެވެ. ފިލާވަޅު ނަގައި ދެނީ ގޮށްމުށުންނާއި، ކޮޅުފައިންނާއި، ކަކުލުންނެވެ.

އޭނާގެ ހެއެއް ނެތެވެ. ހޭ އެރިއިރު އޮތީ ފުލުސްއޮފީހުގެ ގޮޅިއެއްގައެވެ. ދަގަނޑު ތޭރިތަކުގެ ފުރަގަހުގައެވެ. ފުލުހުމީހާ އަތުގައި އޮތް ދަނޑިބުރިން ތޭރިތަކުގައި ޖަހައިފައި އަހައިލިއެވެ. "މަޖުނޫނުގެ ދަރި. ހޭއެރީތަ؟ ނޫނީ އަދިވެސް އެތިފަހަރެއް ޖަހަންވީތަ؟"

އޭނާ ތެދުވެ އިށީނދެއްޖެއެވެ. އޭނާގެ ހަށިގަނޑުގެ ހުރިހައި ގުނަވަނެއްގައި ކަހަލަ ގޮތަކަށް ރިއްސަނީއެވެ. މޫނުގައި އަތް ޖައްސައިލީމާ އެހެރަ ނަގަން ފެށި ދިލައެއްގެ ވާހަކަ ހެވީ ނުދެއްކިއްޔާއެވެ. މޫނު ދުޅަވެފައި ހުރިކަންވެސް އެނގުނީ އަތް ޖައްސައިލީމެވެ. ލޮލުގައިވެސް އެވަރަށް އެބަ ރިއްސައެވެ. ރަނގަޅަކަށް ނުވެސް ހުޅުވެއެވެ. ފުލުހުމީހާ އޭނާޔާ ދިމާއަށް ވަރަށް ހުތުރު އެއްޗެއް ކިޔުމަށް ފަހު ދޮރު ހުޅުވާފައި އޭނާ ބޭރަށް ނެރޭށޭ އެހެން މީހަކު ގާތު ބުނެފިއެވެ.

ފުލުހުމީހާ ދެކެ އޭނާ ވަރަށް ބޮޑަށް ރުޅިއައެވެ. އެކަމަކު ކެތްކޮށްފައި ހިންދިރުވައިލީއެވެ. ފުލުހުންނާ ކުރިމަތިލުމާއި އެމީހުންގެ ހުތުރު ވާހަކަތަކަށް ކެތް ކުރުން އޭނާއަށް ވަނީ އާދަވެފައެވެ. އެއް ފަހަރު ހުތުރު އެއްޗެކޭ ކީމާ ކެތްކޮށްލައިގެން ހިމޭނުން ހުރެއްޖެނަމަ ފުލުހުން އިތުރު އެއްޗެކޭ ނުކިޔާނެކަން އޭނާއަށް އެނގެއެވެ. ޖަވާބުގައި އެއްޗެކޭ ބުނެފިނަމަ ބޮޑު ޒުވާބަކަށް ބަދަލުވެގެން ހިނގައިދާނެއެވެ. އޭނާ ކިތަންމެ ބޭނުން ވިޔަސް ކުރެވޭނޭ އެއްވެސް ކަމެއް ނޯންނާނެއެވެ. އެހެންވީމާ ހިމޭނުން ހުރީއެވެ.

އޭނާ ގޮޅިން ނެރެފިއެވެ. ފުލުހުމީހާ މޭޒުދޮށުގައި އިނދެގެން އޭނާޔާ ދިމާއަށް ކަޅިއަޅަނީއެވެ. އޭނާ ހަށަންބަނދެގެން ކުރިމަތީގައި ހުއްޓުނީމާ އަހައިލިއެވެ. "ދެން ކުރާން އޮތީ ކޮން ކަމެއް؟ ޖަލަށް ވަންނަ ހިތްވަނީތަ؟"

އެކަހަލަ އިންޒާރަކީ ވަކި ބާވަތެއްގެ އިޝަރާތެކެވެ. އޭގެ މާނައަކީ ކޮންމެވެސް ހަދިޔާއެއް ދިނީމާ ޖަލަކަށް ނުލާނަމޭއެވެ. މޭޒުމަތީގައި ހުރި ތަކެއްޗާ ދިމާއަށް އޭނާ ބަލައިލިއެވެ. އެއީ އޭނާގެ ޖީބުން ނަގައިފައި ހުރި ތަކެއްޗެވެ. ކާރުގެ ތަޅުދަނޑިއާއި ރުމާލަކާއި ފޮޓޯއެކެވެ. ދެން އޮތީ ސިގިރޭޓު ފޮށްޓަކާއި އަލިފާން ފޮށްޓަކާއި ހަތަރު ސަތޭކަ ފަންސާސް ރުފިޔާއެވެ. ބާދްޝާ ޖާނީ ރުފިޔާ ނޫން އެހެން އެއްޗެހި ނަގައި ޖީބަށް ލައިފިއެވެ. އަދި ފަންސާސް ރުފިޔާ ނެގުމަށްފަހު ބާކީ އޮތް ހަތަރު ސަތޭކަ ރުފިޔާ ފުލުހުމީހާއާ ދިމާއަށް ޖައްސައިލިއެވެ.

ފުލުހުމީހާ ބޯ ޖަހައިލިއެވެ. "އެންމެ ރަނގަޅު. ދޭ. އެކަމަކު ތިން ހަތަރު ދުވަސް ވާންދެން އެ ހަސްފަތާލާ ކައިރިވެސް ނުވާތި. އަހަރެން މައްސަލަ ހަމަޔަކަށް އަޅުވައިލާނަން."

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.