ފަޅިމޫނު - 32

(9 ޖަނަވަރީ 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ރުޚްސާނާ ފިނި ނޭވައެއް ލިއެވެ. "ދެން ވާނީ ކިހިނެއް؟ އެ ސޮރު ގަންނާކުރެއްވި ބިރުން ތެޅިގަތީމާ ގޮސް ޖެހުނީ ފުރަގަހުގައި ހުރި ބިއްލޫރި އަލަމާރީގައި. އޭގެ މަތީގައި ހުރި އެއްޗެހި ފައިބައިގަތީ އޭނާގެ ބޮލަށް. އަހަރެން އަވަސްއަވަހަށް މޫނު ފޮރުވައިފިން. އަހަރެން ދެކެ ބިރުގަންނަނީ ހަމައެކަނި ކުޑަކުދިންނެއް ނޫން. ބޮޑެތި މީހުންވެސް ބިރުގަނޭ. އޭނާ އަވަސް އަވަހަށް ބޮލަށް ފޭބި ތަކެތި ނަގައި އަތުރަން ފަށައިފި. އަހަންނާ ދިމާއަށް ނުވެސް ބަލާ. އަހަރެން އިރުކޮޅަކު އެތާނގައި ހުރިން. އޭނާގެ މަސައްކަތް ނިމުނީމާ ކޮބާ ދެން ދައްކާނޭ ވާހަކައެއް ނެތީހޭ އަހަރެން އަހައިފިން."

"އޭނާ ވަރަށް އަޅައަޅައިގެންފައި ކިޔައިފި. އަހަރެން މިއީ ވަރަށް އެކަނިވެރި މީހަކީމޭ... އަންހެން ކޮއްކޮއެއްގެ ލޯތްބެއް ދުވަހަކުވެސް ނުލިބެއޭ... އެހެންވީމާ ކޮއްކޮއެއް ފަދައިން ވަރަށް ބޮޑަށް ލޯބިވެއޭ... މިހެން ބުނެފައި ފިހާރައިގައި ހުރި އެހެން މީހަކާ ވާހަކަ ދައްކާން ފަށައިފި."

"އަހަންނަށް ވިސްނިއްޖެ. އަހަރެންގެ މޫނު ހުތުރުވުމާއެކު މީހުން ދައްކާ ވާހަކައަށްވެސް ބަދަލު އަތުވެއްޖެ. އެމީހުން ވާހަކަދައްކާ މަގުސަދު އަހަންނަށް ވިސްނޭން ފަށައިފި. އަހަރެން އިރުކޮޅަކު ހުރެފައި އެތަނުން އެނބުރި އައީ."

ފަރްޒާނާ ބުންޏެވެ. "އަހަރެން ގޮވައިގެން ދިޔަނަމަ. ކުޅި ދައްކައިލީމުސް."

"ގޮވައިގެން ދިޔަނަމަ ފަރްޒާނާގެ ރީތިކަމުގެ ތެރެއަށް އެކަލޭގެ ގެނބިގެން ހިނގައިދާނެ."

މިހެން ބުނެފައި އޭނާ ދެއަތުން ފަރްޒާނާގެ މޫނުގައި ހިފަހައްޓައިލިއެވެ. އިރުކޮޅަކު އޭނާގެ މޫނަށް ބަލަހައްޓައިގެން ހުރެފައި ނިތްކުރީގައި ބޮސް ދީފައި ބުންޏެވެ. "ހުތުރުކަމަކީ ވަރަށް ބޮޑު އައިބެއް. އެއީ އެއްވެސް މީހަކު ގަބޫލުކުރާ އަދި ގަޔާވާ އައިބެއް ނޫން. މުޅި ދުނިޔެ އަޅުކަން ކުރަނީ ރީތިކަމަށް. ﷲ ތަޢާލާއަށްޓަކައި ގުރުބާންކުރާ ޖަނަވާރުވެސް ހޮވަނީ އައިބެއް ހުރިތޯ ބަލާފައި. ﷲ ތަޢާލާވެސް ހުތުރުކަން ދެކެ ރުހިވޮޑިގެން ނުވަނީތާ. އެކަމަކު އަހަންނަށް މިވަނީ ހުތުރުކަން ދެއްވާފައި. މިއީ އަހަރެން ކުރި ކޮން ފާފައެއްގެ އަޒާބުބާ؟ އަހަރެން ވަރަށް ކިބުރުވެރިވީން. އެކަމަކު އެކަމުގެ ބަދަލުގައި މިހައިވަރުގެ ބޮޑު އަދަބެއް ދެއްވީ ކީއްވެގެންބާ؟ މިފަދަ ބޮޑު ސަޒާއެއް އެހެން އަޅަކަށް ނުދެއްވާށި."

މިހެން ބުނެފައި އޭނާ ފަރްޒާނާގެ ގައިގައި ބައްދައިލިއެވެ. ފަރްޒާނާ އޭނާގެ ބުރަކަށިގައި ލޯބިން ފިރުމައިލިއެވެ. އޭނާގެ މޫނު ހުތުރުވީފަހުން އޭނާއަށް ތަސައްލީ ދިނުމުގެ ނިޔަތުގައި ފަރްޒާނާ ނުދައްކާ ވާހަކައެއް ނެތެވެ. އެހެންވީމާ މިހާރު ވަނީ ލަފުޒުގެ ކޮށާރު ހުސްވެފައި ކަހަލައެވެ. ދައްކާނޭ އިތުރު ވާހަކައެއް ނެތެވެ. މިހާރު އޭނާގެ ޝުއޫރުތައް ބަޔާންކޮށް ދެނީ އަތްތިލައިންނެވެ. ބުރަކަށީގައި މަޑުމަޑުން ޖަހައިލާ ޖަހައިލުމަކުންނެވެ. ފިރުމައިލާ ފިރުމައިލުމަކުންނެވެ.

"ނުރޮއި... އަހަރެންގެ ފުރާނަޔާ. އަހަންނަށް ކުރެވޭނޭ ކަމެއް ނަމަ އަހަރެންގެ މޫނު ދީފީމުސް. އަހަރެންގެ ތަގުދީރު ރުޚްސާނާގެ ނަންމައްޗަށް ބަދަލުކޮށްލީމުސް. އަހަންނަށް ކުރެވޭނޭ ކަމެއް ނަމަ ލޯބިވާނޭ ހެޔޮ ފިރިޔަކު ތަނަކުން ނެރެގެން ގެނެސް ދީފީމުސް. އެކަމަކު އެއީވެސް ހައިރާން ވާކަހަލަ ކަމެއް. ލޯބިވާ ފިރިހެނުންނަކީ އުޅޭ ބައެއް ނޫން. އެންމެންވެސް ދުވަނީ ރީތި މޫނެއްގެ ފަހަތުން. މޮޔަވަނީ ސޫރައަށް. އިންސާނާގެ ހަގީގީ ގަދަރެއް ނޯވޭ. މި ކަހަލަ ބޭގަދަރުވެރި ދުނިޔެއެއްގައި އަހަންނަށް ކޮށްދެވޭނީ ކޮން ކަމެއް؟ އަހަރެންގެ ވިސްނުމަކަށް އެއްވެސް ކަމެއް ނާދޭ."

އޭގެ ހަފުތާއެއްހައި ދުވަސް ފަހުން އެ ގެއަށް ދެ އަންހެނަކާއި، ޒުވާން ދެ އަންހެންކުދިން އަތުވެއްޖެއެވެ. އެމީހުން އައީ ރުޚްސާނާގެ ކާވެންޏަށް އެދޭށެވެ. ރުޚްސާނާ ކޮޓަރިއަށް ވަދެ ފިލައިފިއެވެ. ދެ އަންހެންކުދިން ވީ ވަރަށް ލާނެތް ކުދިބަޔަކަށެވެ. އޭނާގެ ފަހަތުން އައިސް ކޮޓަރިއަށް ވަދެއްޖެއެވެ. އޭނާ ބޮލުގައި ބުރުގާއެއް އަޅައިފިއެވެ. އެމީހުންނަށް ފެނުމުގެ ކުރިން މޫނު ފޮރުވާން ގަސްތުކޮށްގެންނެވެ. ބޭރުގައި ތިބެގެން ބޮޑެތި މީހުން ވާހަކަ ދައްކަނީއެވެ. އެތަނުން އެކަކު ބުނި ގޮތުގައި އޭނާގެ ދަރިފުޅަކީ އަންނައުނު ލޯންޑްރީއެއް ހިންގާ މީހެކެވެ. ކޮންމެ މަހަކުވެސް އެކަށީގެންވާ ރަނގަޅު އާމްދަނީއެއް ލިބެއެވެ. މި ވަގުތު ދިރިއުޅެނީ ކުލީ ތަނެއްގައެވެ. އެކަމަު ވަރަށް އަވަހަށް ބިމެއް ގަނެގެން އަމިއްލަ ގެއެއް އަޅާނެއެވެ.

ރުޚްސާނާގެ މަންމަ ފޮޓޯ އަލްބަމެއް ހިފައިގެން އަތުވެއްޖެއެވެ. ފޮޓޯތައް އެމީހުންނަށް ދައްކާފައި ބުންޏެވެ. "އަހަރެންގެ ދަރިފުޅަކީ ލައްކައަކުން އެކެއް. އޭނާޔާ އިންނާން ވަރަށް ގިނަ މީހުން އާދޭ. މިހާރު ޑަކްޓަރުކަން ކިޔަވަނީ. އޭނާއަށް ވަނީ ހިތާމަވެރި ހާދިސާއަކާ ކުރިމަތިލާން ޖެހިފައި. މޫނަށް އަލިފާންއާވި އެޅި މޫނުގެ އެއްފަޅި ވަނީ ފިހިފައި. އެކަމަކު އެއީ އެވަރުގެ ކަމެއް ނޫން. ޑަކްޓަރުކަން ކިޔަވައި ނިމުމާއެކު އޭނާގެ މޫނު އަނެއްކާވެސް ރީތިކޮށްފާނެ. އިހުގެ ރީތިކަން އެނބުރި އަތުވެދާނެ."

ދެ އަންހެނުންގެ ތެރެއިން އެކަކު ބުންޏެވެ. "އަހަރެމެން އެ މަންޖެ ދެކެފިން. އެ މަންޖެ އަހަރެންގެ ދަރިފުޅާ ދެވުމުގެ ޚިޔާލު ކުރާތާ ލައްކަ ދުވަސް ވެއްޖެ. މޫނަށް އަލިފާންއާވި ބުރައި ފިހުނު ވާހަކަވެސް އަޑުއެހިން. އަހަރެމެން މިއައީ އެ މަންޖެ ދެކިލަން ވެގެން. ކުޑަކުޑަ ލަކެއް ހުރުމަކީ މައްސަލައެއް ނޫން. އެކަހަލަ ކަމެއް ކޮންމެ މީހަކަށްވެސް ކުރިމަތި ވެދާނެ. މީހަކު ދެކެ ލޯބިވާން ޖެހެނީ މޫނަށް ބަލާފައެއް ނޫން. ހިތަށް ބަލާފައި."

ރުޚްސާނާގެ މަންމަގެ އުފަލުގެ ކޮޅެއް ނެތެވެ. "ތިޔަ ކަހަލަ ވިސްނުން ހުންނަ މީހުން މިހާރު ވަރަށް މަދު. ތިޔައީ ވަރަށް ރަނގަޅު ބައެއް. ނިޔަނެތި ބައެއް. އަހަރެންގެ ދަރިފުޅު ވަރަށް އަވަހަށް ޑަކްޓަރަކަށް ވެދާނެ. އޭނާގެ މޫނުގެ އެނދިފަޅި ރަނގަޅުވާނެކަން އަހަންނަށް ކަށަވަރު."

"މިހާރު ފޮޓޯ ފެނިއްޖެ. އެ މަންޖެވެސް ދެކެފިން. އެކަމަކުވެސް އަދި އެއްފަހަރު ދައްކައިލާ. ބަލާފައި ގޮސް އަހަރެންގެ ދަރިފުޅުގެ ރުހުން އޮތް ގޮތެއްވެސް ބަލައިލާން ވާނެތާ."

ރުޚްސާނާގެ މަންމަ ކުޑަކޮށް ޖެހިލުން ވެފައި އިނދެގެން ބުންޏެވެ. "ދަރިފުޅުގެ ރުހުން އޮތް ގޮތެއް ބަލައިލާން މި ފޮޓޯތައް ގެންގޮސް ދެއްކިދާނެއެއްނު؟"

"ފޮޓޯއާއި އަސްލު ކުއްޖާޔާ ތަފާތު ވާނެ. ބަލައިލުމުގައި އޮތީ ކޮން ގެއްލުމެއް. އަހަރެމެން މިއީ އަންހެނުން. މި ބުނަނީ ފިރިހެން ކުއްޖާއަށް އެ މަންޖެ ދައްކާށެކޭ ނޫނެއްނު؟"

ރުޚްސާނާގެ މަންމައަށް ޖެހުނީ އެއްބަސްވާށެވެ. ތިން މީހުން އެކީގައި ގޮސް ރުޚްސާނާ އިން ކޮޓަރިއަށް ވަދެއްޖެއެވެ. އޭނާ އިނީ މޫނު ނިވައިކޮށްގެންނެވެ. އެމީހުން އައިސް މޫނު ކަޝްފުކޮށް ބަލައިލިއެވެ. ބަލައިލީ އެންމެ ފަހަރަކުއެވެ. ދެވަނަ ފަހަރަކަށް ބަލައެއް ނުލައެވެ. ވަންހައި އަވަސްކަމާއެކު ކޮޓަރިން ނުކުމެއްޖެއެވެ. ބޭރަށް ނުކުމެފައި ރުޚްސާނާގެ މަންމަ ބުންޏެވެ. "އިށީނދޭ. އަހަރެން ސައި ހަދައިގެން އެބަ އަންނަން."

"ނޫނޭ. ބުރަ އުފުލާނެ ކަމެއް ނެތް. އަހަރެމެން މި އައީ ކައިބޮއިގެން. މި ވަގުތަކު ސައެއް ނުބޮވޭނެ."

ހަތަރު މީހުން އެކަކު އަނެކަކާ ދިމާއަށް ބަލާލައިފައި ހިނިތުންވެލައިފި ނުކުމެގެން ހިނގައްޖެއެވެ.

ރުޚްސާނާ ދެކެން ބަޔަކު އަންނާތީ އެގެއަށް ދާން ފަރްޒާނާ ބޭނުންވިއެވެ. އެކަމަކު މަންމަ އެކަން މަނާކުރީއެވެ. "ދަރިފުޅާ. މި ވަގުތު އެގެއަށް ދާނެ ކަމެއް ނެތް. އެމީހުން ރުޚްސާނާ ދެކެން އަޔަސް ކަންތައްތައް އެހެން ގޮތަކަށް ފޮރުޅިދާނެ. ވަކި މީހަކު ދެކެން އައިސްފައި އެހެން މީހަކު ކަމުދާގޮތް ވުމަކީވެސް އެކަށީގެންވާ ކަމެއް. އެހެން ވެއްޖެ ނަމަ ރުޚްސާނާގެ މަންމަ އަނެއްކާވެސް ރުޅި އަންނާނީ ދަރިފުޅު ދެކެ. ދުޝްމިނުކަމަކަށް މަގުފަހިވުމަކީ މަންމަ އެދޭ ގޮތެއް ނޫން."

އެމީހުން ދިޔައީމާ ފަރްޒާނާގެ ގެއަށް ރުޚްސާނާ އަތުވެއްޖެއެވެ. "އެމީހުން އެދިޔައީނު؟ މީގެ ފަހުން އަހަރެންގެ ގެ ހުރި ދިމާއަށް ބޯލައިގެން ނުވެސް ނިދާނެ."

ފަރްޒާނާ އޭނާއަށް ވިސްނައިދިނެވެ. "މާޔޫސީއަކީ ކުފުރެއް. ޔަގީންކުރޭ. ﷲ ގެ ރަޙްމަތް ރުޚްސާނާއަށްވެސް އޮންނާނެ."

ރުޚްސާނާ ބުންޏެވެ. "ތިޔައީ ތެދެއް. ފަސްބައި ފަތުރައިގެން އެދި ދަންނަވާ މީހަކަށް ﷲ ދެއްވާނެ. އެކަމަކު އަހަރެންގެ ފަސްބައިގައި މިހިރީ ލޯވަޅު އެޅިފައި. ﷲ އަހަރެންގެ ފަސްބަޔަށް ވައްޓަވައިލައްވާ ކޮންމެ އެއްޗެއް އެ ލޯވަޅުތަކުން ފޫދިގެން ހިނގައިދޭ."

ރުޚްސާނާގެ މަންމަ ދެ ދުވަހެއް ވާންދެން އުއްމީދުގައި ގާއިމުވެ ހުއްޓެވެ. ތިންވަނަ ދުވަހު ރުޅި އައިސްގެން އަމުނާން ފަށައިފިއެވެ. "އެއީ ހަޔާތްކުޑަ ބައެއް. ގޮތެއްފޮތެއް ނެތް ބައެއް. މާ ވަރުގަދަ ދޮންނަތަނެއް ހުންނަ ވާހަކަ ދައްކަނީ މަތި އޮމާން ކުރަން ވެގެން. ދޮންނަ މީހެކޭ ބުނަން ލަދުގަންނަނީ. ލޯންޑްރީއެކޯ... ކޮން ކަހަލަ ބައެއް. ކުރާ މަސައްކަތް ފޮރުވަން ވެގެން އިނގިރޭސިބަސް ބޭނުން ކުރަނީ. ދޮންނަ މީހެކޭ ބުނެފިއްޔާ އެއްވެސް މީހަކު އެމީހަކުގެ ދަރިއަކާ ދެވާކަށް އެއްބަހެއް ނުވާނެތާ! އެހެންވީމާ ލޯންޑްރީއެއްގެ ވެރިއެކޭ ކިޔައިގެން ފޮނިކަނޑަނީ. ހުނ... ރަނގަޅަށް މިވީ. އަހަރެންގެ ދަރިފުޅު ސަލާމަތްވީ. އެ ކަލޭގެޔާ ދެވިނަމަ ދޮންނަ މީހެއްގެ އަނތްބެކޭ މީހުން ކިޔާނެ. މަލާމާތް ކުރާނެ."

ރުޚްސާނާގެ ބައްޕަ ހަމަޖެހިލައިގެން އިނދެ ތާސްބަޔާ ކުޅެނީއެވެ. "ދެން އޮތީ އެންމެ ގޮތެއް. އެއްވެސް މައްސަލައެއް ނުޖެހި އަހަރެމެންގެ ދަރިފުޅު މީހަކާ ދެވިދާނޭ ގޮތެއް އެބައޮތް."

މަންމަ އަވަސްއަވަހަށް އޭނާގެ ކައިރިއަށް ޖެހިލިއެވެ. "އެއީ ކޮން ގޮތެއް. ނިކަން އަވަހަށް ބުނެބަލަ."

ފަރީދު ބުންޏެވެ. "އެއީ އަހަރެމެންގެ ދަރިފުޅު ކަނު މީހަކާ ދެވުން. އެ ސޮރަކަށް ދަރިފުޅުގެ މޫނެއް ނުފެންނާނެއެއްނު؟"

މަންމަ ރުޅިއައިސް ރަތްވެއްޖެއެވެ. "ކަލެޔާ އަހަރެން އިނީ ކަނުވެފައި ހުރެގެން. މުޅި ދިރިއުޅުން ހަލާކު މިވީ އެހެން ވެގެން. ތާސްކުޅުން ނޫން ކަމެއް ކަލެއަށް އެބަކުރެވޭތަ؟ ދަރިފުޅު ބޮޑު ވެއްޖެއޭ އެންމެ ފަހަރަކުވެސް ހިތަށް އެރިތަ؟ އެ މަންޖެއަށް ކުރިމަތިވާ މުސީބާތުގެ ޚަބަރެއް ކަލެއަށް ވޭތަ؟ މިހާރު ހާލަތު އޮތް ގޮތުން ވަރަށް ގިނަ ފައިސާ ދީގެން ނޫނީ އެމަންޖެޔާ އިންނާކަށް މީހަކު އެއްބަހެއް ނުވާނެ. ފައިސާ ދެވޭނީ މަސައްކަތް ކޮށްގެން އާމްދަނީ ހޯދައިގެން. ކަލޭހެން ތާސްބަޔާއި ސިގިރޭޓަށް ހެސްގެންފައި ހުންނަ މީހަކަށް ހޯދޭނީ ކޮން އާމްދަނީއެއް. މިގޭގައި އާމްދަނީ ހޯދަން މަސައްކަތް ކުރާ މީހަކީވެސް އަހަރެން. ކަލެއަކަށް ކުރެވޭނޭ އެއްވެސް ކަމެއް ނެތް. ކައިގެން އޮވޭ."

އޭނާ ތާސްބަޔާ ކުޅުން ހުއްޓައެއް ނުލައެވެ. "އަހަރެން އަނގައިން ނުބުނަނީ ތިޔަހެންވީމާ. އެއްޗެކޭ ބުނާއިރަށް ކަލޭގެ ރެޑިއޯ ޖެހޭތީ. އަދި އެހެން ގޮތެއްވެސް އެބައޮތް. ފުރަތަމަ މި ބުނި ގޮތް ކަމު ނުދަންޏާ ދެވަނަ ލަފާވެސް އަޑުއަހައިލާ."

މަންމަ އަތް އުފުލައިލިއެވެ. "ކަލޭގެ ލަފާ ބޯދަށު ލައިގެން އޮށޯވެ ނިދާ. އަހަރެން ބޭނުމެއް ނޫން."

ފަރީދު އަޙްމަދު ބުންޏެވެ. "ވާހަކައެއް ބުނަންތަ؟ ގޭތެރޭގައި، އެއް ކަނަކަށް އެއްލާލައިފައި ހުންނަ ބޮޑެތި ގާބުރިބުރީގެވެސް ބޭނުން ޖެހެއެއްނު؟ އެހެން ގޮތެއް ނެތިއްޔާ އެކަހަލަ ގަލެއްގައި ބޯތަޅައި ޒަޚަމްވެސް ވެވިދާނެނު؟ އެހެންވީމާ އަހަރެންގެ ލަފާވެސް އަޑުއެހިދާނެތާ."

ފަރްޒާނާގެ މަންމަ ބުންޏެވެ. "އެއީ ތެދެއް. އޭނާ އެ ދައްކާ ވާހަކައެއްވެސް އަޑު އަހައިލަބަލަ."

(ނުނިމޭ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.