ފުރަބަންދުގެ ސަބަބުން ގެވެށިއަނިޔާ އިތުރުވެގެން ދިޔަ: ޖެންޑަރ މިނިސްޓަރ

ފުރަބަންދުގެ ތެރޭގައި ގެވެށި އަނިޔާއާއި އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާ އިތުރު ވެގެން ހިނގައްޖެ ކަމުގައި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް

 އަލްފާޟިލާ ޢާއިޝަތު މުޙައްމަދުދީދީ ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އަންހެނުންގެ ހާލަތާމެދު ވާހަކަފުޅު ދައްކަވަމުންނެވެ.

ގެވެށި އަނިޔާތައް އިތުރު ވެގެން ދިއުމަކީ ކޯވިޑް-19 ގެ ހާލަތުގައި ފުރަބަންދުގައި ތިބެން ޖެހުމާ ގުޅިގެން ފާހަގަ ކުރެވުނު އެއް މައްސަލަކަމުގައެވެ.

"މައްސަލަަތައް އިތުރުވުމާއި ގުޅިގެން އަމިއްލަ ޖަމްޢިއްޔާތަކުންނާއި އަދި އާންމު ފަރުދުންވެސް މިކަން ވަނީ ތަފާތު ފޯރަމްތަކުގައި ޙިއްޞާކޮށްފައި. އެހެންކަމުން، އަމިއްލަ ޖަމިއްޔާތަކާއި ކަމާ ގުޅޭ މުއައްސަސާތަކާއެކު މަޝްވަރާތަކެއް ބޭއްވުނު. އަދި މިމަޝްވަރާތަކުގައި ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ޚިދުމަތް ފޯރުކޮށްދޭ ޖަމްއިއްޔާތަކާއި ޚިދުމަތްދޭ ތަންތަން މަދުކަމާއި އަދި ޚިދުމަތް ދިނުމުގައި ތަފާތު ގޮންޖެހުންތައް ހުރިކަން ފާހަގަވެގެން ދިޔަ. އެކަންކަމަށް ހައްލު ހޯދާއި އާންމުން ހޭލުންތެރިކޮށް ޚިދުމަތް ހޯދުމަށް ބާރުވެރިކުރުވައި އަދި ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ހުރި ޚިދުމަތްތައް މިހާރަށްވުރެ ހަރުދަނާކުރުމަށްޓަކައި  15 ޖުލައި 2020ގައި ގެވެށި އަނިޔާ ހުއްޓުވުމަށް "ގެވެށި ގުޅުން" މިނަމުގައި ޤައުމީ ފެންވަރުގައި ކެމްޕެއިނެއް ވަނީ ފަށާފައި." ޖެންޑަރ މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ޚިދުމަތް ދެމުންގެންދާ 2 ޖަމިއްޔާއަކަށް އެފަރާތުންދޭ ޚިދުމަތުގެ ފެންވަރު ރަގަޅުކޮށް ވީހާވެސް ގިނަ ފަރާތްތަކަށް ޚިދުމަތް ފޯރުކޮށް ދިނުމުގެ މަޤްޞަދުގައި ޔުނިސެފާއި ގުޅިގެން މާލީ އެހީތެރިކަން ފޯރުކޮށްދެއްވައިފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"ލާމަރުކަޒީ އުޞޫލުން އިޖުތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި ގެވެށި އަނިޔާ ގެ ޝިކާރަކަށްވާ ފަރާތްތަކަށް އަތޮޅުތަކުގައި ޤާއިމުކޮށްފައިވާ ފެމެލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރތަކުން ވަގުތީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް އެތަންތަން މަރާމާތުކޮށް ޚިދުމަތްދެވޭނޭ ފެންވަރަށް ގެނައުމުގެ މަސައްކަތްކުރެވުނު. އެ ގޮތުން 4 އަތޮޅުއްގައި މިސެންޓަރތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމާއިއެކު އެތަންތަނަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް މިދަނީ ކުރަމުންކަން ދަންނަވާލަން." މަޖިލީހުގައި ދެއްކެވި ދގު ވާހަކަފުޅުގައި ޖެންޑަރ މިނިސްޓަރ ވިދާޅުވިއެވެ.

މިއަދަކީ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ކަމަށް ވުމާއެކު ރާއްޖޭގެ އެންމެހައި އަންހެނުންނަށް އެކަމަނާ ތަހުނިޔާވެސް ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.