ކޯޓުން ބޭރުގައި ކުޑަކުއްޖަކާ ކައިވެނިކޮށްގެން އުޅޭ ކަމަށް ބުނާ މަސައްލަ ބަލައިފިން: ޖެންޑަރ

ދޯނީގައި ހުއްޓާ ހަމަލާދީ ޒަޚަމް ކޮށްލި ހައްމާދު

ޢުމުރުން 13 އަހަރުގެ ކުޑަ އަންހެންކުއްޖަކާ ކޯޓުން ބޭރުގައި ކައިވެނިކޮށްގެން އުޅޭ މައްސަލައެއް ހުށަހެޅި އެމައްސަލަ މިހާރު ބަލައފައިވާ ކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެމައްސަލަ މިނިސްޓްރީއަށް ހުށަހެޅި ތަރީޚަކާއި އެމައްސަލަ ބެލި ދުވަހަކާއި އެކުއްޖާގެ މިހާރުގެ ހާލަތާއި ކުއްޖާ މިހާރުވީ ތަނަކާ ބެހޭ ގޮތުން އެއްވެސް މަޢުލޫމާތެއް ޖެންޑަރ މިނިސްޓްރީން ނުދެއްވިއެވެ. އެގޮތަށް ޢަމަލު ކުރެއްވީ ކުޑަކުއްޖާގެ ކަރާމާތް ހިފެހެއްޓުމުގެ ގޮތުންނެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެކުއްޖާއާ ކައިވެނިކޮށްގެން އުޅެނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޒަޚަމްކޮށްލުމަށްފަހު މޫދަށް ވައްޓާލި ރ. މަޑުއްވަރީ، ފެހިއަލި، އިސްމާއިލް ހައްމާދު ނަމަކަށް ކިޔާމީހެކެވެ. އޭނާއަށް ޙަމަލާދިން ބައެއް މީހުން ވެސް ކުޑަކުދިންނާ ކައިވެނިކޮށްގެން އުޅޭކަމަށް ވެއެވެ. އޭގެ ތެރޭގައި 9 އަހަރުގެ ކުދިން ނުވަތަ ކުއްޖަކުވެސް ހިމެނޭ ކަމަށް ވެއެވެ. އެހެންނަމަވެސް އެކަމާ ބެހޭ ވާހަކައެއް މިނިސްޓްރީން ވިދާޅެއް ނުވެއެވެ. ބައެއް ނޫސްތަކުގައި ބުނެފައިވަނީ 13 އަހަރުގެ ކުއްޖާ މިހާރު އިނީ ބަލިވެ ކަމަށެވެ. އެހެންނަމަވެސް އެކަންވެސް މިނިސްޓްރީން ކަށަވަރު ނުކޮށްދެއެވެ.

އާށަރަ އަހަރު ނުވާ ކުޑަކުދިންނާ ކައިވެނި ކުރުމަކީ ޤާނޫނީ ކުށެކެވެ. ކުރިއާ ޚިލާފަށް 16 އަހަރުވުމުން ޢާއިލާގެ އިތިރާޒެއް ނެތްކަމަށްވަނަމަ ސްޕްރީމް ކޯޓަށް ހުށަހަޅައިގެން ވެސް މިހާރު ކައިވެންޏެއް ނުކުރެވޭނެއެވެ.

މި މައްސަލާގައި ފުލުހުންވެސް އަދި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. ކޯޓުން ބޭރުގައި ކައިވެނިކުރި އަންހެންކުއްޖާއަކީ ކޮންރަށެއްގެ ކުއްޖެއް ކަމެއްވެސް އެނގިފައެއްނުވެއެވެ.

އެ ކުއްޖާއާ ކައިވެނިކޮށްގެން އުޅޭކަމަށް ބުނާ ހައްމާދު މަރުގެ އެތުފަހަރުން ސަލާމަތްވެ މިހާރު އަންނަނީ އައިޖީއެމްއެޗުގައި ފަރުވާ ހޯދަމުންނެވެ. އޭނާއަށް ހަމަލާދިން ކަމަށްބުނާ ފަޅުވެރިން މިހާރުވަނީ ފުލުހުންގެ ބަންދުގައެވެ. މިމައްސަލަ ބަލަމުންދާއިރު އެ ކުޑަކުއްޖާއާ ބެހޭ ގޮތުން ފުލުހުން ސުވާލުކުރިކަމެއް އަދި ނުކުރާ ކަމެއްވެސް އެނގިފައެއް ނުވެއެވެ.

ހައްމާދު ލަނޑާ ނަގަންދިޔަ ދޯނީގެ މީހުންނާއެކު ހިނގި ޒުވާބެއްގައި އޭނާއަށް ހަމަލާދީ ކަނޑައަށް އެއްލާލުމުން އޭނާ ފަތާފައިގޮސް އެރީ ބ. މާޅޮހަށެވެ. އައިޖީއެމްއެޗަށް ގެންދިޔައި އެރަށުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.