ފަޅިމޫނު - 36

(27 ޖަނަވަރީ 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"ރުޚްސާނާ. އަހަރެންގެ ޒަމީރު ބުނަނީ މި ހަދަނީ ވަރަށް ބޮޑު ގޯހެކޭ. ބާދްޝާ ޖާނީއަކީ ޖަވާހިރެއް. އަގުބޮޑު ޖަވާހިރެއް. އެހައި ސީދާސާދާ، މައުސޫމު މީހަކަށް މަކަރު ހެދުމަކީ ވަރަށް ސިކުނޑިއަށް އުނދަގޫކުރާ ކަމެއް."

ރުޚްސާނާ ހައިރާންވެފައި ފިޔަވަޅެއް ފަހަތަށް ޖެހިލިއެވެ. "ފަރީ ތިޔަ ބުނަނީ އަހަރެމެން އޭނާ ލޫޓުވަނީއޭތަ؟ ގެޔާއި ގޯތި އަހަރެންގެ ނަމަށް ބަދަލު ކުރުވުމަށް ފަހު އޭނާ ގެއިން ނެރެ މަގުމަތި ކޮށްލާނެއޭތަ؟ އޭނާގެ ގެޔާއި ގޯއްޗަށް ވެރިވެގަންނާނެއޭތަ؟ ފަރީ ހީކުރަނީ އަހަރެން މިއީ އެހައި ވިޔާނުދާ މީހެއް ކަމަށްތަ؟"

"ރުޚްސާނާ އެހެން ހަދާނެއެކޭ އަހަރެން ނުބުނަން. ތިޔައީ އެހައި ދަހިވެތި މީހެއް ނޫން. އެކަމަކު އޭނާއަށް ވަކި މީހަކު ދައްކާފައި އެހެން މީހަކާ ކާވެނި ކުރުވީމާ އަހަންނާމެދު އޭނާ ހީކުރާނީ ކީކޭ؟ މަކަރުވެރި، ނުބައި، ނުލަފާ ހީލަތްތެރިއެކޭ ނުބުނާނެތަ؟"

"އޯހ... ތިޔަ އުޅެނީ އޭނާގެ ކުރިމަތީގައި ނަން ހުތުރު ވެދާނެތީ ދޯ؟ އޭނާއަށްޓަކައި ބަދުނާމު ވެގަންނާކަށްވެސް މައްސަލައެއް ނެތް. އެކުވެރިއަކަށްޓަކައި ބަދުނާމު ވެގަތުމުގައި އޮތީވެސް ކޮން ފައިދާއެއް؟"

"ރުޚްސާނާ ތިޔަ ވިސްނަނީ ރަނގަޅަކަށް ނޫން. އޭނާއަށްޓަކައި އަހަރެން ބަދުނާމު ވެގަންނާންވީ ކީއްވެގެން؟ އަހަރެން މިހިރީ އަހަރެންގެ އެކުވެރިޔާއަށްޓަކައި ފުރާނައިން ގުރުބާން ވާންވެސް ތައްޔާރަށް."

ރުޚްސާނާ ރުޅި އައިސްފައި ބުންޏެވެ. "ދޮގު ނުހަދާ. ތިޔަ ދައްކަނީއަކީ ފުރާނައިން ގުރުބާންވާން ތައްޔާރަށް ތިބޭ މީހުން ދައްކާ ކަހަލަ ވާހަކައެއް ނޫން. ކަމެއް ރަނގަޅަށް ދާން ފެށުމާއެކު ތިޔަ ދައްކަނީ އެކަން ހަލާކު ކޮށްލާ ކަހަލަ ވާހަކަ. ފަރީގެ ހިތުގައި އޭނާގެ މައްޗަށް ހަމްދަރުދީ އުފެދުނު އިރު ނިކަން ވިސްނާލަބަ. އަހަރެން މި އުޅެނީ އޭނާޔާ އިންނާން. އޭނާ އަހަރެންގެ ފިރިއަކަށް ވީމާ އޭނާގެ ދުޝްމިނަކަށް އަހަރެން ވެދާނަންތަ؟ އޭނާގެ ހަލާކަކަށް އަހަރެން ވެދާނެތަ؟ އޭނާގެ ގެދޮރު ގަދަކަމުން ދަމައިގަންނަ މީހަކަށް އަހަރެން ވާނެތަ؟ އޭނާގެ އަތުން ފަންސާސް ހާސް ރުފިޔާ އަތުލާފައި ގެއިން ނެރެލާ ކަހަލަ މީހަކަށް އަހަރެން ވާނެތަ؟"

"ރުޚްސާނާ އޭނާގެ ދުޝްމިނަކަށް ވެދާނެއެކޭ އަހަރެން އެއް ފަހަރުވެސް ނުބުނަން. އަހަރެން މި ބުނަނީ އޭނާއަށް މަކަރު ހެދީމާ އަހަރެން އޭނާގެ ދުޝްމިނަކަށް ވެދާނެއޭ."

"މެޑަމް ފަރުޒާނާ. އެހެން ވެއްޖެއްޔާ ލަސް ކުރާނެ ކަމެއް ނެތް. އަވަހަށް އޭނާގެ ގަހަނާއަށް ވެގަނޭ. އޭރުން އެކުވެރިކަން އުފެދިދާނެ. ފަރީގެ ނިޔަތް އަހަންނަށް ވަރަށް ރަނގަޅަށް އެނގިއްޖެ. ޖަމްޝީދު ޢަލީ އަހަރެމެން މޮޔަ ހައްދަން ސިޓީ ލިޔުނީމާވެސް ފަރީ ހުރީ ކަންބޮޑުވެފައި. އަހަރެންގެ ކުރިމަތީގައި ދެރަ ވެއެްޖެއޭ ހިތަށް އަރައި ފިކުރު ބޮޑު ވެފައި. އަހަރެންގެ ކުރިމަތީގައި މޮޅު ވާންވެގެން ތިމަންނާއަށްވެސް މީހަކު ސިޓީ އެބަ ފޮނުވައޭ ބުނީމެއްނު؟ މިއަދު ބާދްޝާ ޖާނީ އާ ޖެހުނީމާވެސް ތިޔަ ކުޅެނީ ހަމަ އެ ކުޅިގަނޑު. ތިޔަ ގޮތް ދޫކޮށްލާކަށް ނުވޭތަ؟"

ރުޚްސާނާ ކޮޓަރިން ނުކުންނާން ހިނގައިގެންފައި އެނބުރި ބަލައިލިއެވެ. "ކަލޭގެ އެކުވެރިކަމުގެ ބޭނުމެއް އަހަންނަކަށް ނެތް. ހެޔޮކަމެއްވެސް ބޭނުމެއް ނޫން. ގުރުބާނީއެއްގެ ބޭނުމެއްވެސް ނެތް. ކަލޭގެ މޫނު ދައްކާފައި މީހަކާ އިންނާކަށް އަހަރެން ބޭނުމެއް ނޫން. އަހަރެންގެ ދިރިއުޅުން އާރާސްތު ކުރާނީ އަހަރެން އަމިއްލައަށް. އެ ކުލީކާރު ދުއްވާ މީހާޔާ ކަލޭ އިނދޭ."

ރުޚްސާނާ ރުޅި އައިސް ފުފިފައި ހުރެގެން ނުކުމެގެން ހިނގައްޖެއެވެ. ފަރުޒާނާ ގޮވީމާވެސް މަޑެއް ނުކުރިއެވެ.

އެރޭ އަނެއްކާވެސް ރުޚްސާނާގެ ރުއިމުގެ އަޑު ބާރަށް އިވުނެވެ. ރޮއިރޮއިފައި ހެނީއެވެ. އެޔަށްފަހު ބާރަށް ހަޅޭއް ލަވައިގަންނަ އަޑު އިވެއެވެ. އެވަނީ ކީއްކަން ތަންގަނޑު މީހުންނަށް އެނގިފައި ވާތީ އެއްވެސް މީހަކު އެ ގެޔަކަށް ނުދެއެވެ. އެކަމަކު ފަރުޒާނާގެ މަންމަ ދިޔައެވެ.

ރުޚްސާނާއަށް އަނެއްކާވެސް އެއްކަލަ ނަފުސާނީ މައްސަލަ ކުރިމަތި ވެގެން އުޅޭ ވާހަކަ މަންމަ އެނބުރި އައިސް ބުންޏެވެ. އޭނާ ކޮންޓުރޯލު ކުރެވެނީ ވަރަށް އުނދަގުލުންނޭ، ޑަކްޓަރު އައިސް އިންޖިކުސަނެއް ޖެހީމާ ކުޑަކޮށް ނިދިއްޖެއޭވެސް ބުންޏެވެ.

ފަރުޒާނާ މޫނުގައި އަތް އަޅައިގެން އޮވެ ރޯން ފަށައިފިއެވެ. ރުޚްސާނާ މި ވަގުތު ހިމޭނުން އޮތް ނަމަވެސް ބޭހުގެ އަސަރު ކެނޑުމާއެކު އަނެއްކާވެސް އެ ބަލިގަނޑު ހިލިގަންނާނޭކަން އޭނާއަށް އެނގެއެވެ. އޭނާގެ ހަޅޭކުގެ އަޑަކީ ފަރުޒާނާގެ ބޮލަށް ވެއްޓޭ ފަރުބަދައެއް ވަރުގެ ބޮޑު ބުރައަކަށް ވެއްޖެއެވެ. އެވަގުތު އޭނާ އަޒުމު ކަނޑައެޅިއެވެ. އަހަރެން ބާދްޝާ ޖާނީއަށް މަކަރު ހަދާނަމެވެ. ދޮގު ހަދާނަމެވެ. ރުޚްސާނާގެ ދިރިއުޅުން ހަލާކުވެގެން ދިޔަ ނުދޭނަމެވެ. ބާދްޝާ ޖާނީއާ ރުޚްސާނާ ދެވައިފައި ނޫނީ ހަމަ ނޭވައެއް ނުލާނަމެވެ.

މަންމަ ހައިރާން ވެފައި އޭނާޔާ ދިމާއަށް ބަލައިލިއެވެ. "އޭނާ އެހައި ގިނައިރު ވާންދެން ހަޅޭއް ލެވި އިރުވެސް ދަރިފުޅު އެގެއަށް ނުގޮސް ތިޔަ އޮތީ ކީއްވެގެން؟"

އޭނާ ބޯ ހިއްލައިލިއެވެ. "ފަހުން ދާނަން."

"ކިހިނެއްވީ؟ ދެމީހުން އަނެއްކާވެސް އަރައިރުންވީތަ؟ ރޮނީ ކީއްވެގެން؟"

"ކަމެއް ނުވޭ."

"ކަމެއް ނުވެ މީހުން ރޮއިތަ؟ ކޮންމެވެސް ކަމެއް ވެއްޖެ. ތިޔަ ރޮނީ އަރައިރުން ވެފައި ކަމަށް ނުވަންޏާ އޭނާގެ ހާލުގެ މައްޗަށް ދެރަވެ ހަމްދަރުދީ ވެގެން ރޮނީތަ؟ އެހެން ކަމަށް ވަންޏާ އެގެއަށް ދާން ވާނެއެއްނު؟ އޭނާގެ ގާތުގައި އިށީނދެގެން އިނދެ އޭނާގެ ހިތް ހަމަޖައްސައިދޭން ވާނެއެއްނު؟ މީގެ ކުރިން ދަރިފުޅު ކަންތައް ކުރާ ގޮތަކީ އެއީއެއް ނޫންތަ؟ މިއަދު ތިޔަ އޮތީ އޭނާޔާ ދުރުގައި. ތިޔައީ މަންމަ ނުދަންނަ ކަމެއްތަ؟ ދަރިފުޅުމެން ދެމީހުންނަކީ އެކަކު އަނެކަކާ ނުލައި ކެވޭ ބައެއްވެސް ނޫން. ބަލިވީމާ ގޮވައިލާން ނުގޮސް އޮންނާނީ އަރައިރުންވީމާ. އެއީ ކަށަވަރު ކަމެއް. ތިޔައީ އަހަންނަށް އޮޅުންފިލާ ކަހަލަ މިޒާޖެއް ނޫން."

އޭނާ އެންމެ ފަހުން ކުރާނޭ ކަމެއް ނެތިގެން ބުނެލިއެވެ. "މަންމާ. ދެން ތިޔަ ވާހަކަ ބާއްވާ. އަހަރެން ދާނަމޭ."

"މިތާނގައި އެކަނި އޮންނަނީ ކީއްކުރަން. ރުޚްސާނާ ގާތަށް ދޭ."

"މިހާރު އަހަރެން ދިއުމުގެ ބޭނުމެއް ނެތް. މި ޑްރާމާގައި އަހަރެން ކުޅެން ޖެހޭ ބައި ކުޅެ ނިމިއްޖެ. އަހަރެން ކުރާން އޮތް ކަމަކީ ބާދްޝާއަށް އަހަރެންގެ މޫނު ދެއްކުން. އެކަން ކޮށްފިން. އަހަރެން ކުރަން ދެން އޮތީ ކޮން ކަމެއް؟"

މަންމަ އައިސް އޭނާގެ މަގަތުން އިށީނދެއްޖެއެވެ. "ކޮންމެވެސް ކަމެއް ވެއްޖެކަން ގައިމު. އެހެން ނޫންނަމަ ދަރިފުޅު ތިޔަ ކަހަލަ ވާހަކައެއް ނުދައްކާނެ. ދެއްކި ވާހަކައެއް ތިޔަ ދެއްކީ އެ ފިރިހެން ސޮރާ ހެދި. އެ ވާހަކައިގެ ސަބަބުން ދެ އެކުވެރިންގެ ގުޅުމެއް ނުކެނޑޭނެ. ތިޔަ ކަހަލަ ވާހަކަ ދައްކަނީ ކީއްވެގެން؟ ދެމީހުންގެ މެދުގައި އުފެދުނީ ކޮން ކަހަލަ ދެކޮޅުވެރިކަމެއް؟ މަންމަ ގާތު ނިކަން ބުނެބަލަ."

ފަރުޒާނާ މަންމަޔާ ދިމާއަށް ބަލައިލިއެވެ. އަދި މޮޅިވެރި ރާގަކަށް ބުންޏެވެ. "މަންމާ. އަހަރެން ބާދްޝާ ޖާނީއާ މެދު ކަންތައް ކުރީއަކީ ރަނގަޅަކަށް ނޫން. ރުޚްސާނާގެ ބައްޔަށް ފަރުވާއެއް ލިބޭކަމާ މެދަކު އަހަރެން ޝައްކެއް ނުކުރަން. އެކަމަކު ބާދްޝާއަކީ ވަރަށް ރަނގަޅު މީހެއް. ރަނގަޅު މީހުންނަށް މަކަރު ހަދައި އޮޅުވައިލާ ވަގުތު ހިތަށް ތަދުވޭ. އަހަރެން ރުޚްސާނާ ގާތު ދެއްކި ވާހަކައަކީ މިއީ. މިހެން ބުނުމާއެކު އަހަރެން ބާދްޝާއާ ހިތާވަނީ ކަމަށް ބަލާފައި ރުޅި އައިސްގެން އަމުނައިގަތީ. އޭނާ އެ ދިޔައީ ވަރަށް ވިޔާނުދާ ވާހަކަވެސް ދައްކާފައި."

"ދަރިފުޅުމެން ގާތަށް ރުޅި އަންނަނީ މާ އަވަހަކަށް ވިއްޔާ. ބައެއް ފަހަރު ފެންނަނީ ދެކެވޭ ވާހަކައަކުން އޭނާ ރުޅި އަންނަތަން. ބައެއް ފަހަރު ފުފިގަންނަނީ ދަރިފުޅު. އަވަހަށް ތެދުވެގެން ދޭ. މިހާރު އޭނާ ހޭއަރައިފާނެ. އޮންނާނީ ދަރިފުޅުގެ އިންތިޒާރުގައިކަން ޔަގީން. އޭނާއަށް ވިސްނައިދީ. ހިތްހަމަ ޖައްސައިދީ. އިރާދަކުރެއްވިއްޔާ އޭނާގެ ކާވެނި ވަރަށް އަވަހަށް ކުރެވޭނެ."

"މަންމާ. އަހަރެން ރުޚްސާނާއަށްޓަކައި ވަރަށް ގިނަ ކަންތައްތައް އެބަކުރަން. އަހަރެން ހައިރާން ވަނީ މަންމައަށް އަހަރެންގެ އިހުސާސްތައް ނޭނގޭތީ."

މަންމަ އަހައިލިއެވެ. "ކޮން އިހުސާސެއް؟"

"އަޖައިބެއް. ބާދްޝާއަކީ ވަރަށް ރަނގަޅު މީހެކޭ އަހަރެން ބުނެފީމެއްނު؟ އޭނާގެ ސާދާކަމާއި މައުސޫމުކަމުގެ ވާހަކަވެސް އަހަރެން ބުނިން. އެކަހަލަ ރަނގަޅު މީހަކަށް މަކަރު ހެދޭތީ ހިތަށް ތަދުވެއޭވެސް އަހަރެން ބުނެފިން. އެވާހަކަޔާ ގުޅިގެން މަންމަ ބުނާނޭ އެއްޗެއް ނެތީތަ؟ ރުޚްސާނާގެ މޮޔަކަމާއި ދެކޮޅުވެރި ވިސްނުމާ ބެހޭ ގޮތުން މަންމަ ދައްކާނޭ ވާހަކައެއް ނެތީތަ؟"

"ދަރިފުޅާ. މަންމަ ބުނާނީ ކީކޭ؟ އިންސާފުގެ ވާހަކަ ދައްކާ ކަމުގައި ވަނީވިއްޔާ މަންމައަށް ޖެހެނީ އެސޮރުގެ ކޮޅަށް ޖެހިގެން ވާހަކަދައްކަން. އެކަމަކު ރުޚްސާނާގެ ހިތާމައިގެ ކޮޅަށް ތިލަފަތް ބަރުވަނީ."

"މަންމާ. ކޮންމެ ގޮތަކަށް ވިޔަސް އަހަރެމެން މި ކުރަނީއަކީ ރަނގަޅު ކަމެއް ނޫން."

"ރުޚްސާނާ ރުޅި އައީވެސް ދަރިފުޅު ތިޔަހެން ބުނެގެން. އެހެންވީމާ އަވަހަށް ތެދުވެގެން އޭނާގެ ގާތަށް ދޭ. މަންމަވެސް ދަރިފުޅާއެކު ދާނަން."

އޭނާ މި ވަގުތު ރުޚްސާނާ ގެއަކަށް ދާކަށް ބޭނުމެއް ނުވެއެވެ. އެކަމަކު މަންމަގެ ބާރުއެޅުމާއެކު ގެ ތަޅުލާފައި ދެމައިން އެގެއަށް ދާން ނުކުމެއްޖެއެވެ. ގޭ ފެންޑާއަށް އެރި ވަގުތު ރުޚްސާނާގެ މަންމަ ވާހަކަދައްކާ އަޑު އިވުނެވެ. "ދަރިފުޅާ. އެ ފަރީއާ އޮޅުލައިގަނެގެން އުޅެނީ ދަރިފުޅު. މަންމަ އެތައް ފަހަރަކު ވިސްނައިދީފިން. އެއީ ނުލާހިކު އަމިއްލަ އެދުން ބޮޑު ކުއްޖެއް. ހިތާއި ރޫހުން ދަރިފުޅުގެ އެކުވެރިއަކަށް ވެގެން އޭނާ ދުވަހަކުވެސް ނޫޅޭ. އަބަދުވެސް އުޅެނީ ލަނޑެއް ދެވޭތޯ. ކަލާނގެ ކުޅަދުންވަންތަކަން. އަހަރެމެންގެ ދަރިފުޅަށް މީހަކު ކަމުދާގޮތް ވުމާއެކު އެ މަންޖެގެ ނިޔަތްވެސް ނުބައި ވެއްޖެ. މަންމައަށް ހީވަނީ އޭނާ ކަންބޮޑު ވެގެން އެ އުޅެނީ އޭނާއަށް އެ ސޮރު ނޫން އެހެން މީހަކު ނުލިބޭނެތީހެން."

ފަރުޒާނާގެ މަންމަ ކޮޓަރިއަށް ވަނުމާއެކު ފަށައިފިއެވެ. "އަހަރެމެންގެ ދަރިފުޅާ ދިމާއަށް ތިޔަ ބަވައި ނަގަނީ ކީއްވެގެން؟ ނުވެސް ދަންނަ ބީރައްޓެހި މީހަކާ އަހަރެންގެ ދަރިފުޅު މިއަދު ބައްދަލުކޮށް އެމީހާ މި ގެޔާ ހަމައަށް ގެނެސްދިން. އެއީ އަބުރުވެރިއަކު ކުރާ ކަހަލަ ކަމެއްވެސް ނޫން. އެފަދަ ކަމެއް އަހަރެންގެ ދަރިފުޅު ކުރީ ދައްތަގެ ދަރިފުޅަށްޓަކައި. މިހާރު ތިޔަ ދެނީ އެ ހެޔޮކަމުގެ އަގުތަ؟ އަހަރެންގެ ދަރިފުޅު ބަދުނާމު ކުރަން މަސައްކަތް ކުރުމަކީ އިހުސާންތެރިކަން އަދާކުރާ ގޮތްތަ؟"

އެނދުގައި އޮތް ރުޚްސާނާ ފެންނަނީ ވަރަށް ބަލިކަށި ގޮތަކަށެވެ. މޫނު ވަނީ ރީނދޫ ވެފައެވެ. ބޯ އޮތީ ހޭވިފައެވެ. ހެދުންވެސް ވަނީ އެކި ތަންތަނުން ވީދިފައެވެ. އޭނާ ނުރުހުމާއެކު ފަރުޒާނާއާ ދިމާއަށް ބަލައިލިއެވެ. އެޔަށްފަހު ނަޒަރު އަނބުރައިލިއެވެ.

ރުޚްސާނާގެ މަންމަ ބުންޏެވެ. "ތިޔަ ވާހަކައަކާ އަހަރެން ދެކޮޅެއް ނުހަދަން. އެ ސޮރު މިގެއަށް ގެނައީ ފަރީ. އެއީ މާބޮޑު ހެޔޮކަމެއްތަ؟ އޭނާ ގެނެސްދީފައި މިހާރު އެ ދައްކަނީ މުޅީން އެހެން ވާހަކައެއްނު؟ އެ ސޮރުގެ ރަނގަޅު ވާހަކައެއްނު؟ މިހާރު އެ ސޮރާ ގަޔާވެގެން އެ އުޅެނީ ފަރީ. ތިޔަ މަންޖެގެ ނަޒަރުގައި އަހަރެމެންނަކީ އަނިޔާވެރި ބައެއް. މަކަރުވެރި، ދޮގުވެރި ބައެއް. އަހަރެމެންގެ ގެއަށް އެ ސޮރު އައިސް ވަނުމާއެކު ދެއްކި ވާހަކަ އެހެރީ. އިނދެގެން މިގެއަށް އައީމާ އަދި ކިހައި ވާހަކައެއް ދައްކާނެ. ތިޔަ ކަހަލަ އިހުސާންތެރިކަމެއް އަހަރެމެން ބޭނުމެއް ނޫން. ދުރުގައި ހުރެގެން ދެއަތް ޖޯޑުކޮށްފައި މި ބުނަނީ ދެން ސަލާމޭ."

(ނުނިމޭ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.