ފަޅިމޫނު - 29

(17 ޑިސެމްބަރ 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ރުހުމުގައި ނުވަތަ ނުރުހުމުގައި ނަމަވެސް ފަރްޒާނާ މުޖުރިމަކަށް ވެއްޖެއެވެ. ކަން ހިނގި ގޮތުގެ ވާހަކަ ދެކެވޭނެއެވެ. އެކަމަކު ރުޚްސާނާގެ ގޭމީހުން އެ ވާހަކަ ގަބޫލު ކުރާނެ ބާވައެވެ؟

ރުޚްސާނާ ހަސްފަތާލަށް ގެންގޮސްފިއެވެ. އަދި އޭނާގެ މައިންބަފައިންނަށް ޚަބަރުވެސް ކޮށްފިއެވެ. ގާތްތިމާގެ އެހެން މީހުންވެސް ހަސްފަތާލަށް އަތުވެއްޖެއެވެ. ފަރްޒާނާ ހަސްފަތާލަށް އައި އިރު ރުޚްސާނާ ހޭއަރައިފިއެވެ. ދެ ނަރުހަކާއި އެހެން އެހީތެރިޔަކާ ވެގެން އޭނާ މައިތިރި ކުރެވޭތޯ މަސައްކަތް ކުރަނީއެވެ. އޭނާ ހަޅޭއް ލަވަނީއެވެ. ލޯގަނޑަކުން މޫނު ދައްކާށޭ ކިޔައިގެން ރޮނީއެވެ.

ރުޚްސާނާގެ މަންމައަށް އޭނާގެ ދަރިފުޅު ފެނުމާއެކު ހަޅޭއް ލަވައިގަތެވެ. "މިވީ ކިހިނެއް؟ ކާކު ކުރި ކަމެއް؟ އަހަރެންގެ ދަރިފުޅުގެ ދުޝްމިނަކީ ކާކު؟ އަލިފާންއާވި ޖެހީ ކާކު؟ އެމީހަކު އެނގުނީމާ ހޭއަރުވައިލާނަން. މޫނު ނޮޅައިލާނަން. ސިފަ ހުތުރު ކޮށްލާނަން."

ފަރްޒާނާ އެއް ފަރާތުގައި ހުއްޓިގެން ހުރީއެވެ. ރުޚްސާނާ އޭނާޔާ ދިމާއަށް ބަލައިލާފައި ހަޅޭއެްލަވައިގަތެވެ. "އެ ގޮތްކުޑަ މީހާ އެހެރީ. އަހަރެންގެ މޫނަށް އަލިފާންއާވި ޖެހީ އޭނާ. އޭނާ އަހަރެން ދެކެ ރުޅިއާދޭ. ހަސަދަވެރިވޭ. އަހަރެން އޭނާ މަރައިލާނަން. އަހަރެންގެ ގައިން ދޫކޮށްލާ. އަހަރެން އޭނާ ރޮލާ ކައިލާނަން. އޭނާގެ ސިފަ ޚަރާބުކޮށްލާނަން. ހަޔާތްކުޑަ. މިތަނަށް އަންނާންވެސް ކެރިއްޖެއެއްނު."

ރުޚްސާނާ ގެންދިޔައީ ހަޅޭއްލަވަމުން، ވީއްލިގަންނާން މަސައްކަތް ކުރަމުންނެވެ. ތެޅިފޮޅެމުން ގޮސް އެންމެ ފަހުން މައިތިރި ވެއްޖެއެވެ. ހަށިގަނޑަށް ހިމޭންކަން ވެރިވެއްޖެއެވެ. އެންމެ ފަހުން އަނެއްކާވެސް ހޭނެތުނީއެވެ.

ދެވަނަ ފަހަރު ހޭއެރި އިރު އޮތީ ހަމަހިމޭންކަން ވެރިވެފައެވެ. މުޅި ހަސްފަތާލު އޮތީ ހިމޭންވެފައެވެ. ހުރިހައި ބަލިމީހުން ނިދީ ކަހަލައެވެ. އޭނާ އިރުކޮޅެއްވާންދެން ފަންގިފިލައަށް ބަލަހައްޓައިގެން ހިމޭނުން އޮތެވެ. އެހެން އޮވެފައި މަޑުމަޑުން އަތް ހިއްލައިލިއެވެ. އަދި އަމިއްލަ މޫނުގައި އަތް ޖައްސައިލިއެވެ. ދެވަނަ ސިކުންތުގައި ހޫނު އެއްޗެއްގައި އަތް ޖެހުނީ ކަހަލަ ގޮތަކަށް އަތް ދަމައިގެންފިއެވެ. އޭނާގެ މޫނުގެ އެއް ފަޅީގައި ހުރީ ބޭސް އަޅައިފައެވެ. އަތް ޖެހުނީމާ ކޮންމެވެސް ވަރަކަށް ތަދުގެ އިހުސާސް ކުރެވުނެވެ.

އޭނާ އަތްތިލައަށް ބަލައިލުމަށް ފަހު ބޯ ހޫރައިލިއެވެ. އިންކާރު ކުރުމުގެ ގޮތުންނެވެ. ހަގީގަތަށް އިންކާރު ކުރުމުގެ ގޮތުންނެވެ. މޫނު ހުތުރު ވެއްޖެ ކަމަށް ގަބޫލު ކުރާކަށް އޭނާ ބޭނުމެއް ނުވެއެވެ. އެކަމަކު މޫނުގައި އަތް ޖައްސައިލީމާ އަތުގައި އުނގުޅުނު ބޭހާއި، ވީ ތަދަކީ މޫނު ހަލާކު ވެއްޖެ ކަމުގެ ހެއްކެކެވެ. އޭނާ ހަޅޭެއް ލަވައިގެންފައި ތެދުވެއްޖެއެވެ. އަދި ހަޅޭއްލަވަމުން ދުވެފައި ކޮޓަރިން ބޭރަށް ނުކުމެއްޖެއެވެ. ނަރުހުންނާއި އެހީތެރިން އައިސް އޭނާގެ ގައިގައި ހިފަހައްޓައިފިއެވެ. އޭނާ ގޮވަމުން ދިޔައެވެ. "ލޯގަނޑު ކޮބާ؟ އަހަންނަށް ލޯގަނޑެއް ދައްކާ. އަހަރެންގެ މޫނު ބަލަން ބޭނުން."

ތިންހަތަރު މީހުންނަކަށް ވުރެ އޭނާއަކަށް ގަދައެއް ނުވެވުނެވެ. އެމީހުން އޭނާ ދަމާކޫއްތާފައި ގެނެސް ކޮޓަރިއަށް ވައްދައިފިއެވެ. އޭރުވެސް އޭނާ ގެންދިޔައީ ހަޅޭއްލަވަމުންނެވެ. "އަހަންނަށް ލޯގަނޑެއް ނުދީގެން އުޅެނީ ކީއްވެގެން؟ އަހަރެންގެ މޫނު ނުދައްކާން އުޅެނީ ކީއްވެގެން؟ މޫނު ބަލަން އަހަރެން ބޭނުން. ނުބަލައެއް ނުހުރެވޭނެ. ނުފެނިއްޖެއްޔާ އަހަރެން މަރުވެދާނެ. އެއް ފަހަރު ލޯގަނޑެއް ގެނެސްދީ. އަހަރެންގެ މޫނު ހުރީ އިހަށް ހުރި ގޮތަށް ނޫން ކަމަށް ވެއްޖެއްޔާ އަހަރެން އަމިއްލައަށް މަރުވެގަންނާނަން."

ޑަކްޓަރު ކޮޓަރިއަށް ވަދެއްޖެއެވެ. "ހަޅޭއްނުލަވާ. މިއީ ކޮން ކަމެއް؟ މިތާނގައި އެހެން ބަލިމީހުންވެސް އެބަތިބި. ހިތުގެ ބަލިމީހުންވެސް އެބަތިބި. ތިޔަހެން އަޑުގަދަ ކުރީމާ އެމީހުންނަށް އޭގެ އަސަރު ކުރާނެ. އެވަރު ނުވިސްނޭތަ؟ ސިއްހީ ދަރިވަރަކަށް ވާއިރުވެސް އެވަރުގެ ކަމެއް ނޭނގޭތަ؟ އަމިއްލައަށް ލިބުނު ދެރައަކާ ހުރެ އެހެން މީހުންނަށް ލިބިދާނޭ ދެރައަކާ މެދު ވިސްނައިލުންވެސް ހުއްޓައިލީތަ؟"

އޭނާ ވީއްލިގަންނާން މަސައްކަތް ކުރަމުން ބުންޏެވެ. "އެހެން މީހުނަށް ކޮންމެ ގޮތެއް ވިޔަސް އަހަންނަށް ހެޔޮ. އަހަރެން މިހިރަގެން އަނދަނީ. އެހެންވީމާ އެހެން މީހުންގެ ގެދޮރު އަނދާތޯ ނޫންތޯ ބަލާކަށް އަހަރެން ބޭނުމެއް ނޫން. އަހަރެންގެ މޫނު ފެންނަ ގޮތް ހަދައިދީ. އަހަންނަށް ވެފައި ހުރި ގޮތް ބަލަން ބޭނުން."

ޑަކްޓަރު ތަންކޮޅެއް ހަރުކަށިކަމާއެކު ބުންޏެވެ. "މީނާ އެނދުގައި ބާއްވާ. މީގެ ފަހުން މިކަހަލަ ގޮތަކަށް އުޅެގެންފިއްޔާ މޮޔައިން ބަލަހައްޓާ ތަނަކަށް ފޮނުވައިލާނީ. އެނދުގައި ހަތަރެސްފައި ބަނދެފައި ބާއްވާނީ. ބުނޭ. މަޑުމަޑުން އޮންނާނީތަ؟ ނޫނީ ހަތަރެސްފައި ބަނދެފައި އަނގަމަތީގައި މަލަން އަޅާފައި ބާއްވަންވީތަ؟"

އޭނާ މަޑުމަޑުން އެނދުގައި އޮށޯވެއްޖެއެވެ. އެވަގުތު ބޭނުންވީ މޫނުގައި އަތް އަޅައިގެން އޮވެ ރޯށެވެ. އެކަމަކު އެހެން ހެދޭކަށެއްވެސް ނެތެވެ. "މިއީ ކޮންފަދަ ބޮޑު އަނިޔާއެއް؟ އަހަންނަކަށް މޫނުމަތީގައި އަތްވެސް އެޅޭކަށް ނެތް."

ޑަކްޓަރު ކައިރިއަށް އައިސް އޭނާގެ ބޮލުގައި މަޑުމަޑުން ފިރުމައިލުމަށް ފަހު ލޯތްބާއެކު ބުންޏެވެ. "އަހަރެން މިއީ އަނިޔާވެރިއެއް ނޫން. ކަނބުލޮ އުޅޭ ގޮތަކުން ހަރުކަށިވާން މަޖުބޫރުވީ. ތަގުދީރާ ހަނގުރާމަ ކުރުމަކީ ކުރެވިދާނޭ ކަމެއްތަ؟ ވެދިޔަ ކަމެއް ނުވާ ކަމަކަށް ހެދޭނެތަ؟ ކޮންމެ މީހަކަށްވެސް ޖެހޭނީ ހާލަތަށް ބޯލަނބަން. ހިތްވަރާއި ކެތްތެރިކަމާއެކު ކުރިމަތިލާން. ކޮލެޖު ނިންމާފައި ނުކުމެ މިފަދަ ހިތާމަތަކާ ކުރިމަތިލާ އެތައް ބަޔަކަށް އެހީތެރިވާން ކަނބުލޮއަށް ޖެހޭނެ. އެފަދަ މީސްމީހުންނާއެކު ކުރިއަށް ދާން ޖެހޭނެ. އަހަރެން މިއީ ކަނބުލޮގެ އުސްތާޒެއް. އަދި ބަފައެއް ކަހަލަ މީހެއް. އެހެންވީމާ މި ދޭ ނަސޭހަތް ރަނގަޅަށް އަޑުއަހާ. ވެދިޔަ ކަންތައްކާމެދު ޝަކުވާ ކުރުމުގެ މާނައެއް ނެތް. ކުރަން ޖެހޭ ކަމަކީ ކެތްތެރިވުން. އެނޫން ގޮތެއް ނޯންނާނެ. ކެތްތެރި ނުވިއްޔާ މޮޔަ ހަރަކާތް ކުރެވޭނެ. އެ ހަރަކާތްތަކުގެ ނަތީޖާ ފެންނާނީ ނުބައިކޮށް. ކުރާނޭ ފައިދާއެއް ނޯންނާނެ."

އޭނާ މަޑުމަޑުން ރޯން ފަށައިފިއެވެ.

ޑަކްޓަރު އެހީތެރިޔާއާ ދިމާއަށް ބަލައިލިއެވެ. "ރުޚްސާނާއަށް ރަނގަޅަށް ކާންދީ."

ރުޚްސާނާ ބޯ ހޫރައިލިއެވެ. "އަޅުގަނޑެއް ނުކާނަން. ބަނޑަށް މަރުވާނީ."

"އެއްވެސް މީހަކު ބަނޑަކަށް މަރެއް ނުވާނެ. ތިޔައީ ޖަޒުބާތީ ވާހަކަ. މޮޔަ ވާހަކަ. ޖަޒުބާތާއި މޮޔަކަން މައިތިރިވީމާ ކާނެ. ނިދާނެ. އެންމެ ރަނގަޅު ގޮތަކީ އުސްތާޒުގެ ބަސް އެހުން."

ރުޚްސާނާ ކުރާނޭ ކަމެއް ނެތް ކަހަލަ ގޮތަކަށް ޑަކްޓަރާ ދިމާއަށް ބަލައިލިއެވެ. "ބުނުއްވަބައްލަވާ. އަޅުގަނޑުގެ ސިފަ ހުތުރު ވެއްޖެތޯ؟"

ޑަކްޓަރު ފުން ނޭވައެއް ލިއެވެ. "ހުތުރު ސިފަ ހުންނަނީ ލޯގަނޑުގައި އެކަނި. ލޯގަނޑުން ނުބެލީމާ އަބަދުވެސް ހުންނާނީ ރީތިކޮށް."

"ވާހަކަ ދައްކަވައިގެން އަޅުގަނޑު ހައްދަވަން ނޫޅުއްވާ. ތެދަށް ވިދާޅުވޭ. އަޅުގަނޑުގެ މޫނު މިހިރީ ރަނގަޅު ނުކުރެވޭ ވަރަށް ހުތުރު ވެފައިތޯ؟ ރަނގަޅު ވަންޏާ ވާނީ ކިހައި ދުވަހަކުންތޯ؟"

ޑަކްޓަރު ހަމްދަރްދީއާއެކު ބުނެލިއެވެ. "އަހަރެމެންނަށް ކޮންމެ ޒަޚަމެއްވެސް ރަނގަޅު ކުރެވިދާނެ. އެކަމަކު މޫނު ރަނގަޅެއް ނުކުރެވޭނެ. ކަނބުލޮއަކީ ސިއްހީ ދަރިވަރެއް. މިފަދަ ހާލަތެއްގައި މޫނު ރަނގަޅު ކުރެވޭނީ ހަމައެކަނި ޕްލާސްޓިކް ސާޖަރީގެ އެހީގައިކަން އެނގޭނެ." ޑަކްޓަރު މާޔޫސީއާއެކު ބޯ ހަލުވައިލިއެވެ. "އެފަދަ ސާޖަރީއެއް އަހަރެމެންނަކަށް ނުހެދޭނެ. ސާޖަރީ ހައްދަން ބޭނުމިއްޔާ ޖެހޭނީ ވިލާތަށް ދާން. އެއީ ވަރަށް އަގު ބޮޑު ކަމެއް. ﷲ ކަނބުލޮއަށް އެފަދަ ފަރުވާއެއްގެ މަގު ދައްކަވާށި."

ޑަކްޓަރު މަޑުމަޑުން ހިނގާފައި ގޮސް ކޮޓަރިން ނުކުމެއްޖެއެވެ. ރުޚްސާނާ ހުއްޓައިނުލައި ރޮނީއެވެ. ކަރުނައެއް ނުހިނދެއެވެ. އެވަގުތު އޭނާގެ ހަނދާނަށް ކުއްލިއަކަށް އައީ ފަރުޒާނާއެވެ. ހުރިހައި ގެއްލުމެއްގެ އަސްލަކީ އޭނާއެވެ. އޭނާގެ ހިތުގެ އަޑީން ބަދުދުޢާ ނުކުންނާން ފަށައިފިއެވެ. އެއްޗެހި ގޮވޭން ފަށައިފިއެވެ. އެކަމަކު އެއިން ކަމަކުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ ވާނޭހައިވެސް ކަމަކީ ހިތުގެ އުދާސް ބޭރުވުމެވެ.

އަނެއްކޮޅުން ރުޚްސާނާގެ މަންމަ ގެއަށް ގޮސް އޭނާގެ ހިތުގެ އުދާސް ބޭރު ކުރަނީއެވެ. ތަންގަނޑު މީހުން އެއްކޮށްގެން މަގުމަތީގައި ހުރެ ފަރުޒާނާއާއި އޭނާގެ މަންމަޔާ ދިމާއަށް ހެއްދެވި ނެހެއްދެވިއަށް ގޮވަމުން ދަނީއެވެ. ހަސަދައިގެ އަލިފާނުގައި އަލިފާންއާވި ޖަހައި އޭނާގެ ދަރިފުޅުގެ މޫނު ފިއްސައިލީ ކަމަށް ހަރުއަޑުން ގޮވަނީއެވެ. ފަރުޒާނާގެ މަންމަވެސް ފުކަކަށްވެސް ދުލެއް ނުކުރެއެވެ. ގޭ ދޮރުމަތީގައި ހުރެގެން އަޑުގައި ނެތް ތަނަށް ހަޅޭއް ލަވައި ދުޢާ ކުރަނީއެވެ. ﷲ އާއި ކީރިތި ރަސޫލާގެ ނަންފުޅު ކިޔަކިޔައިފައި އޭނާގެ ދަރިފުޅު އެކަހަލަ ކަމެއް ނުކުރާނެއޭ ގޮވަމުން ދަނީއެވެ.

ތަންގަނޑު މީހުން އެއްވެ ނަސޭހަތް ދެމުން ގެންދެއެވެ. ހަޅޭއް ލެވުމަކުން ކުރާނޭ ފައިދާއެއް ނެތޭ ކިޔައި ނަސޭހަތް ދެނީއެވެ. ބައެއް މީހުން ބުނި ގޮތުގައި ރުޚްސާނާގެ މޫނަށް ގަސްތުގައި ފަރުޒާނާ އަލިފާންއާވި ޖެހި ކަމުގައި ވަނީނަމަ އަޑުގަދަ ނުކޮށް ފުލުހުންނަށް ރިޕޯޓު ކުރަން ވީއެވެ. ފަރުޒާނާއާ ދެކޮޅަށް އަޅަން ޖެހޭ ގާނޫނީ ފިޔަވަޅެއް އޮތިއްޔާ ފުލުހުން އަޅާނެއެވެ.

ރުޚްސާނާގެ މަންމަ ގޮވަމުން ދިޔައެވެ. "އަހަރެން ހަދާނީ ކިހިނެއް؟ އަހަރެންވެސް ބޭނުން ވަނީ ފުލުހަށް ދާން. އެކަމަކު އަހަންނާ އެހީތެރިވާނޭ މީހަކު ނެތް. އެތާނގައި ތިބި ފުލުހުން ތިބީ ފަރުޒާނާގެ ކޮޅަށް ޖެހިފައި. އެމީހުން ބުނާ ގޮތުގައި އެއީ ހާދިސާއެއް. މީހަކު ގަސްތުގައި ކުރި ކަމެއް ނޫން. އަހަރެން އެވާހަކަ ގަބޫލެއް ނުކުރަން. އެއީ ރޭވުމެއް. ހާދިސާއެއް ނޫން."

އެތާނގައި ހުރި މީހަކު ބުންޏެވެ. "ތިޔައީ ކޮން ޒާތެއްގެ ވާހަކައެއް. ގަބޫލު ނުކުރިއްޔާ ވާނީ ކީއް؟ ކުށެއް ސާބިތު ކުރެވޭނީ ހެކި ހުރެގެން. އެ ތާނގައި ތިބި ކުދިން އެ ބުނަނީ ފަރުޒާނާގެ ކުށެއް ނެތޭ. އެހެންވީމާ ދައްތަ ގަބޫލު ނުކުރިޔަސް ކުރާނޭ ކަމެއް ނޯންނާނެ."

އަންހެނަކު ބުނެލިއެވެ. "ދައްތާ. ތިޔަ ދައްކާ ވާހަކަ އަހަންނަކަށް ނުވިސްނޭ. ފަރުޒާނާއާއި ރުޚްސާނާއަކީ ނުލާހިކު ބޮޑު ދެ އެކުވެރިން. ދެމީހުން އެކީގައި އައިސްގޮސްވާ ތަން އަހަރެމެން ދެކެން. ކައިބޮއި އުޅެނީ އެކީގައި. ދެމީހުން އެކަކު އަނެކެއްގެ ހެދުން އަޅައި އުޅޭތަން އަހަރެމެން ދެކެން. އެއް ތަނެއްގައި، އެކީގައި ނިދައިއުޅޭ. ދެމީހުން ކިޔަވަނީ އެއް ތަނެއްގައި. އެހެންވީމާ ފަރުޒާނާއާއި ރުޚްސާނާއާ ދެމެދު ހަތުރުވެރިކަމެއް އޮތް ކަމަށް ގަބޫލު ކުރާނީ ކިހިނެއް؟"

ފަރުޒާނާ އޮތީ ކޮޓަރީގައެވެ. ބޭރުގައި ދެކެވޭ ވާހަކަ އޭނާއަށް އަޑު އިވެއެވެ. ތަންގަނޑު މީހުން އޭނާގެ ހިމާޔަތުގައި ވާހަކަ ދައްކަމުންދާ އަޑު އިވެއެވެ. އެމީހުން ގަބޫލުކުރާ ގޮތުގައި އޭނާގެ ކުށެއް ނެތެވެ. އެކަމަކު އޭނާ އަމިއްލައަށް އިހުސާސް ކުރެވޭ ގޮތުގައި އޭނާއަކީ ކުށްވެރިއެކެވެ. ވީ ކަމެއް ވެގެން ދިޔައީ އޭނާގެ މޮޔަކަމުންނެވެ. އޭނާގެ ފަރުވާ ކުޑަ ކަމުންނެވެ. ކުށްވެރިއަކީ އޭނާއެވެ. އޭނާ ބިރުގަންނަ މީހެކެވެ. ހިތް ބަލި މީހެކެވެ. އެހެންވީމާ ޑިސްސެކްޝަން ކުލާހަށް ދިޔަކަމީ އޭނާގެ ކުށެވެ. ގާނޫނުގެ ކުރިމަތީގައި އޭނާ ކުށްވެރިއަކަށް ނުވާނެކަން ގައިމެވެ. އެކަމަކު ހަގީގަތާ ދެކޮޅު ހެދޭނީ ކިހިނެއް ހެއްޔެވެ؟ އޭނާގެ އެންމެ ގާތް އެކުވެރިޔާގެ މޫނު ހުތުރު ވެގެން ދިޔައީ އޭނާގެ އަތުންނެވެ.

* * *

އަނެއް ދުވަހު ހެނދުނު ހޭލެވުނީމާވެސް އޭނާއަށް ފެނުނީ ހަމަ އެ ކޮޓަރިއެވެ. އެޔާއެކު ހަނދާނަށް އައީ ޚަންޖަރެއްހެން އޭނާގެ ހިތަށް ހެރެމުން ދާ ހަގީގަތެވެ. އޭނާގެ މޫނު ހުތުރު ވެގެން ހިނގައްޖެކަމުގެ ހިތި ހަގީގަތެވެ.

އޭނާ ތެދުވެ އެނދުގައި އިށީނދެއްޖެއެވެ. އަދިވެސް ހަގީގަތް ގަބޫލުކުރާކަށް އޭނާ ބޭނުމެއް ނުވެއެވެ. ގަބޫލެއް ނުކުރެވެއެވެ. އިރުއިރުކޮޅާ އޭނާ ބިރުން ސިއްސައިގެންދެއެވެ. ތެދުވެ އިށީނދެވެއެވެ. އޭނާގެ ހިތަށް އަރައެވެ. މޫނު ފޮރުވާނީ ކިހިނެއް ހެއްޔެވެ؟ ފިލާނީ ކޮން ތަނަކަށް ވަދެ ހެއްޔެވެ؟ އޭނާގެ މޫނު ރަނގަޅު ވާނީ ކޮން ކަހަލަ ބޭހަކުން ހެއްޔެވެ؟ ކޮން ބާވަތެއްގެ ފަންޑިއަތައަކުން ހެއްޔެވެ؟ އޭނާއަށް ނިދެނީ މިކަހަލަ ޚިޔާލުތަކެއްގެ ތެރޭގައި އޮވެގެންނެވެ. އަނެއް ދުވަހު ހެނދުނު ހޭލެވުމާއެކު އަނެއްކާވެސް ސިކުނޑިއަށް ވެރިވަނީ ހަމަ އެއް ޚިޔާލެކެވެ.

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.