"މަރިޔަންމާ" ކެމްޕޭނުގެ ދަށުން ޑރ. ފައިސަލް އަށް ދެއްކުމުގެ ފުރުސަތު

ރިނބުދޫގެ "މަރިޔަންމާ" ކެމްޕޭނުގެ ދަށުން ރާއްޖޭގެ ނަން މަޝްހޫރު ކުޑަކުދިންގެ ޑޮކްޓަރެއް ކަމަށްވާ، ޑރ. ފައިސަލްގެ އޮންލައިން ކޮންސަލްޓޭޝަން ފެށުމަށް  ހަމަޖެހިފައިވާ ކަމަށް ރިނބުދޫ ސިއްހީ މަރުކަޒުން ވިދާޅުވެއްޖެއެވެ. 

މިހާރު ހަމަޖެހިފައިވަނީ ހަފްތާއަކު އެއް ދުވަހު އޮންލައިން ކޮންސަލްޓޭޝަން ޚިދުމަތް  ދެއްވުމަށެވެ.  އެގޮތުން ޑރ. ފައިސަލްގެ އޮންލައިން ކޮންސަލްޓޭޝަން ފުރަތަމަ އޮންނާނީ މިމަހު 30 ވަނަ ދުވަހުގެ ހެނދުނު 8 ން 10 އަށް ކަމަށް ރިނބުދޫ ސިއްހީ މަރުކަޒުން މައުލޫމާތު ދެއްވިއެވެ. ޑރ. ފައިސްލް ބައްލަވާނީ "މަރިޔަންމާ" ޕްރޮގްރާމްގައި ރަޖިސްޓްރީވެފައިވާ ތުއްތު ކުދިންނާއި މާބަނޑު މީހުންނެވެ. މިހާރު އެ ޕްރޮގްރާމްގައި ބައިވެރި ވެފައިވަނީ ހަތަރު މާބަނޑު މީހަކާއި ހަ ތުއްތު ކުދިންނެވެ. 

ސިއްހީ މަރުކަޒުން މައުލޫމާތު ދެއްވި ގޮތުގައި ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރ، ޑރ. ފައިސަލް ފަދަ މައިންގެ އިތުބާރު ބޮޑު ޑޮކްޓަރެއްގެ ޚިދުމަތް "މަރިޔަންމާ" ކެމްޕެއިންގެ ދަށުން ފޯރުކޮށް ދެވުމަކީ ކެމްޕޭނަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެކެވެ. "މަރިޔަންމާ" ކެމްޕޭނު ފެށްޓެވުމަށް ވެސް ޑރ. ފައިސަލްގެ ލަފާޔާއި މަޝްވަރާ ދެއްވިކަން ސިއްހީ މަރުކަޒުން ފާހަގަ ކުރެއްވިއެވެ. 

ސިއްހީ މަރުކަޒުން ވިދާޅުވީ  އަޮތޮޅު ހޮސްޕިޓަލުގެ "އައުޓް ރީޗް" ޕްރޮގަރާމްގެ ދަށުން ވަޑައިގަންނަވާ ޑޮކްޓަރުން ފިޔަވައި ޚާއްސަ ޑޮކްޓަރަކަަށް އެރަށަށް މިހާތަނަށް ވަޑައިގެން ކޮންސަލްޓޭޝަން ހިދުމަތް ދެއްވި ހަމައެކަނި ޑޮކްޓަރަކީ ޑރ. ފައިސަލް ކަމަށެވެ. 2018 ވަނަ އަހަރު ޑރ. ފައިސަލް ވަނީ އެރަށަށް ވަޑައިގެން ކުޑަކުދިން ބައްލަވާފައެވެ. 

ކޯވިޑްގެ ހާލަތު ރަނގަޅުވެ އާދައިގެ ހާލަތަށް ދިއުމުން ޑރ. ފައިސަލް ރިނބުދުއަށް ވަޑައިގެން ކޮންސްލްޓޭޝަން ހިދުމަތް ދެއްވާނެކަމަށް ސިއްހީމަރިކަޒުން ވިދާޅުވިއެވެ. 

ރިނބުދޫ "މަރިޔަންމާ"  ކެމްޕޭން ރަސްމީކޮށް ފަށްޓަވައި ދެއްވީ މިއަހަރުގެ ފެބުރުއަރީ މަހު  ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. މިއީ އެރަށުގެ މާބަނޑު އަންހެނުންނާއި ހަމަސް ނުވާ ތުއްތު ކުދިންނަށް ޚާއްސަ ރައްކާތެރިކަމެއް ފޯރުކޮށްދީ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ރިނބުދޫ ކައުންސިލާއި ސިއްހީ މަރުކަޒާއި އަދި އަންހެނުންގެ ކޮމެޓީގުޅިގެންކުރިއަށް ގެންދާ ކެމްޕޭ ނެކެވެ.  މީގެ އިތުރުން ސެއިންޓް ރެޖިސް މޯލްޑިވްސް (ވޮއްމުލި ރިސޯޓް) އާއި ޔޫތު މިނިސްޓްރީން ވެސް  ދަނީ "މަރިޔަންމާ" ކެމްޕޭނަށް އެހީތެރިކަން ފޯރުކޮށް ދެއްވަމުންނެވެ. 

 ކޯވިޑާ އެކު މަޑު ޖެހިފައި އޮތުމަށްފަހު މިމަހު ވަނީ ކެމްޕޭނުގެ ހަރަކާތްތައް އަލުން ފަށްޓަވައިފައެވެ.  މި ކެމްޕޭނުގެ ދަށުން ކޮންމެ ހަފުތާއަކު ވެސް، މާބަނޑު މީހާގެ ކެއުމަށް ބޭނުންވާ ތަކެތި ހިމެނޭ ގިފްޓް ވައުޗަރެއް ކައުންސިލުން ފޯރުކޮށްދެއެވެ. އެ ގިފްޓް ވައުޗަރ ގައި މޭވާ އާއި ތަރުކާރީ އާއި މަސް ފަދަ ފައިދާ ހުރިކާނާއާއި މައުލޫމާތު ހިމެނެއެވެ. ކޮންމެ މަހަކު ފޯރުކޮށްދޭ ގިފްޓް ވައުޗަރުގެ އިތުރުން ސްކޭން ފަދަ ޚިދުމަތް ހޯދުމަށް މާލެ ދާން ޖެހޭއިރު، ދަތުރުގެ ޚަރަދާއި މާލޭގައި ހުރުމާއި ކެއުމުގެ ޚަރަދުތައް ބެލެހެއްޓުން ވެސް ހިމެނޭކަމަށް ކައުންސިލުން ފާހަގަ ކުރެއްވިއެވެ. ވިހެއުމުން، ކުއްޖާއަށް ބޭނުންވާ ސާމާނު ހިމެނޭ ގިފްޓު ވައުޗަރެއް ވެސް ދިނުން މި ޕްރޮގްރާމްގައި ހިމެނެއެވެ.  މި ކެމްޕޭނުގެ ދަށުން މާބަނޑުމީހާގެ އިތުރުން އޭނާގެ ފިރިމީހާއަށް ވެސް ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ކުރިއަށް ގެންދެއެވެ. 

ކައުންސިލްގެ ރައީސް ފާހަގަ ކުރެއްވި ގޮތުގައި "މަރިޔަންމާ" ކެމްޕޭނުގެ ދަށުން ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ބޭނުންވާނެ ތަފާތު އެހެން މައުލުމާތާއި އެހީތެރިކަންވެސް ފޯރުކޮށް ދެވޭނެއެވެ. އޭގެތެރޭގައި ގެވެށި އަނިޔާ އާއި ކުޑަކުދިންނަށް ޖިންސީ އަނިޔާކުރުން ފަދަ މައްސަލަތަކަށް ހޭލުންތެރި ކުރުވުންވެސް ހިމެނެއެވެ.  

އަންހެނުންގެ ޚާއްސަ ޑޮކްޓަރަކާއި ޑައިޓީޝަނެެއްގެ  އޮންލައިން ކޮންސަލްޓޭޝަން ހަމަޖެެއްސުމަށް މަސައްކަތް ކުރައްވަމުން ދާކަމަށް ވެސް ރިނބުދޫ ސިއްހީ މަރުކަޒުން ވިދާޅުވިއެވެ. 

ފަސް އަހަރު ދުވަހަށް ކުރިއަށް ގެންދާ މި ކެމްޕޭން ކޮންމެ ހަމަހުން އެސެސްކޮށް ރިޕޯޓެއް ތައްޔާރު ކުރުމަށް ވަނީ ހަމަޖައްސައިފައެވެ. އޭގެ ބޭނުމަކީ ކެމްޕޭނާ ގުޅިގެން އަންނަ ބަދަލު ދެނެގަތުން ކަމަށް ސިއްހީ މަރުކަޒުން ވިދާޅުވިއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.