"ޖުވެލާސް އައިލެންޑް"  ގެ ވިދުން ގަދަވެ ދުނިޔޭގެ ސަމާލުކަމަށް!

ޒަމާނުއްސުރެ ރާއްޖޭގައި ނަން މަޝްހޫރު ރަށްތައް ހުރެއެވެ. އެރަށްތައް މަޝްހޫރު ވެފައިވައި ތަފާތު އެކި ސަބަބުތަކާ ހުރެއެވެ. ބައެއް ރަށްރަށަކީ އެރަށެއްގައި ހިނގާފައިވާ ތާރީޚީ ހާދިސާއަކުން މަޝްހޫރުވެފައިވާ  ރަށްރަށެވެ. އަނެއްބައި ރައްރަށަކީ އެރަށެގެ ރައްޔިތުން ކުރާ ހާއްސަ މަސައްކަތެއްގެ ސަބަބުން  މަޝްހޫރު ރަށްރަށެވެ. އެފަދަ އެއް ރަށަކީ " ޖުވެލާސް އައިލެންޑް" ގެ ނަމުން މިހާރު މަޝްހުރު ވެފައިވާ ދ. އަތޮޅު ރިނބުދޫއެވެ.

ރިނބުދޫ "ޖުވެލާސް އައިލެންޑް" ގެ ނަމުން މަޝްހޫރުވެފައިވަނީ އެރަށަކީ ތިލޭރުކަން ނުވަތަ ރަންރިހީގެ ގަހަނާ ތައްޔާރު ކުރުމުގެ މަސައްކަތް ކުރުމުގެ ޒަމާންވީ ތާރީހެއް އޮތް ރަށަކަށް ވުމުންނެވެ. ނުވަތަ އެމަސައްކަތްތެރިކަން ރާއްޖެ އުފަންވި ރަށްކަމަށް ވުމުންނެވެ. ތިލޭރުކަން ރާއްޖޭގެ އެހެން ހިސާބުތަކަށް ތައާރަފުވެގެން ގޮސްފައިވަނީ ރިނބުދޫން ކަމަށްވާތީއެވެ. އެހެން ކަމުން "ޖުވެލާސް އައިލެންޑް" އަކީ ރިނބުދުއަށް ވަރަށް އެކަށީގެންވާ  އެރަށަށް ހައްގު ނަމަކާމެދަކު ޝައްކެއްނެތެވެ. 

"ޖުވެލާސް އައިލެންޑް"  ވިދުންގަދަވެ މިހާރުވަނީ ދުނިޔޭގެ ސަމާލުކަން ވެސް ލިބިފައެވެ. ބައިނަލް އަޤްވާމީ ޕްލެޓް ފޯމެއްގައި ރިނބުދޫ ބަލައިގަނެ މުޅި ދުނިޔެއިންވެސް ދެމެހެއްޓެނިވި ނަމޫނާ ރަށެއްގެ ގޮތުގައި  ނުވަތަ "ސަސްޓެއިނަބަލް މޮޑެލް އައިލެންޑް" އެއްގެ ގޮތުގައި ތަރައްޤީ ކުރުމުގެ ފުރުޞަތު ލިބި ފައެވެ. މިއީ ރިނބުދޫގެ  އިތުރުން ރާއްޖެއަށް ވެސް ލިބުނު ރަނުގެ ފުރުސަތެކެވެ. 

އާބާދީވެސް ރަށް ވެސް ކުޑަ  ލިބުނީ "ރަނުގެ" ފުރުޞަތެއް، ކީއްވެ؟ 

ދ. އަތޮޅު ރިނބުދޫ "ޖުވެލާސް އައިލެންޑް" އަކީ ވަރަށް މަދު މީސްކޮޅެއް އުޅޭ، އާބާދީ ގޮތުން ވެސް ބިމުގެ ގޮތުންވެސް ކުޑަކުޑަ ރަށެވެ.  ރަށުގެ އާބާދީ އަކީ586 އެކެވެ. ބިމުގެ ބޮޑު މިނަކީ 16 ހެކްޓަރެވެ. ނަމަވެސް މިހާރު އެރަށަކީ ރާއްޖޭގެ އެންމެ މަޝްހޫރު ނަމޫނާ އެއްރަށެވެ. މިއަދު މިވަނީ ދުނިޔޭގެ ފެންވަރުގައިވެސް ނަމޫނާ ރަށެއްގެ ގޮތުގައި ރިނބިދޫ ތަރައްޤީ ކުރުމުގެ ފުރުޞަތު ތަނަވަސް ވެފައެވެ. 

އެފުރުސަތު ރިނބުދުއަށް ލިބިގެންދިޔައީ ބައިނަލްއަގުވާމީ ފޯރަމެއްގައި ރިނބުދޫ ކައުންސިލުގެ އަޑު އިއްވާލުމަށް ލިބިގެން ދިޔަ ފުރުސަތާއެކުގައެވެ. މިދިޔަ މަހު 24 ން 27 އަށް ބޭއްވި  "ގްރީނިން ދަ އައިލެންޑްސް" ގެ ހަތްވަނަ ކޮންވެންޝަނުންނެވެ. އެ ކޮންވެންޝަންގައި ރާއްޖޭގެ ފަރާތުން ބައިވެރިވި  ބޭފުޅުންގެ ތެރޭގައި ރިނބުދޫ ކައުންސިލްގެ ރައީސް ހާތިމް އިބްރާހީމް ވެސް ހިމެނިވަޑައިގެންނެވިއެވެ.  ކައުންސިލްގެ ރައީސް ހާތިމް ވަނީ އެކޮންވެޝަންގައި އެރަށުގައި ލޯކަލް އަދި ކަލްޗަރަލް ޓޫރިޒަމް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވި ގޮތްތަކާއި އެކަމަށް ހުރި ގޮންޖެހުންތަކާއި އަދި މުސްތަގުބަލަށް ރޭވިފައިވާ ކަންކަން ހިމެނޭ ގޮތުން ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވައިފައެވެ. އެނގިފައިވާ ގޮތުގައި ބައިނަލްއަގުވާމީ ފޯރަމެއްގައި ރާއްޖޭގެ ރަށެއްގެ ކައުންސިލުން ބައިވެެރިވެ އެރަށުގެ އަޑު އެގޮތަށް އުފުލި މިއީ ފުރަތަމަ ފަހަރެވެ.  މިއީ އެހެންކައުންސިލްތަކުން ވެސް ނަމޫނާ އަކަށް ފުދެއެވެ.

ރިނބުދޫ ކައުންސިލަށް މިފުރުސަތު ލިބިގެން ދިޔައީ، މޯލްޑިވްސް އިންޓަގްރޭޓެޑް  ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) މެދުވެރިކޮށެވެ. އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ރާއިދު ވެސް މި ކޮންވެންޝަންގައި ބައިވެރިވަޑައިގެންނެވިއެވެ. ރާއިދު ވިދާޅުވީ ރިނބުދޫ ކައުންސިލްގެ އިތުރުން ވެސް ފަސް  ކައުންސިލަަށް ކޮންވެންޝަންގައި ބައިވެރިވުމުގެ ފުރުސަތު އެކުންފުނިން ފަހިކޮށްދެއްވި ކަމަށެވެ.  ނަމަވެސް އެ ފުރުސަތު ބޭނުން ކޮށްފައިވަނީ ރިނބުދޫ ކައުންސިލާއި ހޯރަފުށީ ކައުސިލުންނެވެ. ހޯރަފުށީ ކައުންސިލުން ހުށަހަޅައިފައި ވަނީ ވީޑިއޯ ޕްރެެޒެންޓޭޝަނެކެވެ. 

ރިނބުދޫ ކައުސިލުން ކުރިއަށް ގެންދާ ނަމޫނާ މަސައްކަތްތައް ބަލައިގަނެ "ސަސްޓެއިނަބަލް މޮޑެލް އައިލެންޑް" އެއްގެ ގޮތުގައި  ނުވަތަ ދެމެހެއްޓެނިވި ފަތުވެރިކަމުގެ ނަމޫނާ ރަށެއްގެ ގޮތުގައި އެރަށް  ތަރައްގީ ކުރުމުގެ ފުރުސަތު "ގްރީނިން ދަ އައިލެންޑްސް"  އިން ވަނީ ރިނބުދުއަށް ފަހިކޮށްދެއްވައިފައެވެ.  "ގްރީނިން ދަ އައިލެންޑްސް" އިން ރިނބުދޫގެ  މަސައްކަތްތައް ބަލައިގަނެ ކުރިއަށް ހުރި މަސައްކަތްތަކަށް ފަންޑު ލިބުމުގެ މަސައްކަތް ވެސް ފަހިވެގެންދާނެކަމަށް އެމްއައިޓީޑީސީގެ އެމްޑީ ވިދާޅިވިއެވެ.

ރިނބިދޫއަކީ އެރަށަށް ލިބިފައިވާ ހާއްސަ ސިފަތަކުގެ ބޭނުން ކޮށް އެކަންކަމާއެކު ފަތުރުވެރިކަން ތަރައްޤީ ކުރާ ރަށެކެވެ. އެންމެ ދެ ގެސްޓް ހައުސް ހުރިކަމުގައި ވިއަސް  މާޔޫސްކަމެއް ނެތެވެ. އަތް އުރައިލައިގެން ނުތިބެ ކުރިއަށް ހިނގައި ގަތީ އެކަމަށް މަގު ކޮށައިގެނެވެ.  

"ސަގާފީ މަގު" ކުރިއަށް ދިއުމުގެ އަލިމަގަކަށް!

މިފަހަކަށް އައިސް ރިނބުދޫ ގިނަ ބަޔަކަށް އެނގިގެން ގޮސްފައިވަނީ އެރަށުގެ ސަގާފީ މަގާއެކުއެވެ. އެމަގުގެ ރީތި ނަލަ ކުރެހުންތަކުންނެވެ. މިމަގުން ފެނިގެން ދަނީ މޯލްޑިވިއަން އާޓިސްޓް ކޮމިޔުނިޓީގެ ހުނަރުވެރި 16 ކުރެހުންތެރިންގެ ފަންނުވެރިކަމާއެކު ދިވެހިންގެ އަމިއްލަ ވަންތަ ކަމާއި ސަގާފަތެވެ. ޙާއްސަ ގޮތެއްގައި ރިނބުދޫގެ ސަގާފަތެވެ. މަސައްކަތްތެރި ކަމެވެ. މިފަދަ ނަލަ ރީތި މަގެއް ރާއްޖޭގެ އެހެން ރަށެއްގައި އަދި ނެތޭ ދެންނެވުން ދޮގަކަށް ނުވާނެއެވެ. 

ސަގާފީ މަގު ވެގެން ގޮސްފައި ވަނީ "ޖުވެލާސް އައިލެންޑް" އިތުރަށް ވިދުވާލި އަލި މަގަކަށެވެ. އެމަގުގައި ނަލަ ރީތި މަންޒަރުތައް ދެކެން  ގިނަ ބަޔަކު ދިއުމަށް ކޮށައި ދެވުނު ތަނަވަސް މަގަކަށެވެ. އެރަށުގެ ލޯކަލް ޓޫރިޒަމަށް ވެސް ފަހިކޮށްދިން މަގަކަށެވެ. މި މަގުގެ ރީތި ނަލަ ކުރެހުންތައް ބަލާލައި، ހިތްހަމަ ޖައްސާލުމަށް އެތައް ބަޔަކު ކެތް މަދުވި މަގަކަށެވެ. ނަތީޖާއަކަށް ވީ އެރަށަށް ޒިޔާރަތް ކުރާ ފަތުރުވެރިންނާއި ދިވެހިންގެ އަދަދުވެސް  ސަގާފީ މަޤާއެކު އިތުރުވުމެވެ. ނަމަވެސް ހިތާމައަކީ ރިނބުދޫގެ "ސަގާފީ މަގު" ބަލާލަން ދާން ބޭނުންވި އެތައްބަޔަކަށް ކޯވިޑް - 19 ހުރަސްއެޅުމެވެ. 

ސަގާފީ މަގާއެކު ރިނބުދޫން ވަނީ ސަގާފީ އަދި ކަލްޗަރަލް ޓޫރިޒަމް ތަރައްގީ ކުރުމަށް ގިނަ މަސައްކަތް ތަކެއް ކޮށްފައެވެ. އެގޮތުން ސަގާފީ މަގާއި، ކަލްޗަރަލް ސެންޓަރާއި އާޓް ގެލަރީ ތަރައްގީކުރުމުގެ މަސައްކަތް ވަނީ ފަށައިފައެވެ. 

ސަގާފީ މަގު ތަރައްގީކޮށް ނިމޭއިރު  އިތުރު ފުރިހަމަ ކަމެއް އެމަގުން ފެންނާނެކަމަަށް ރިނބުދޫ ކައުންސިލުން ވިދާޅުވިއެވެ. ސަގާފީ އަދި ދިވެހިވަންތަ ކުރެހުންތަކުގެ އިތުރުން ދިވެހިންގެ މަސައްކަތްތެރިކަމާއި ދިވެހިވަންތަ ކާބޯތަކެތި ވެސް ލިބެން ހުންނާނެކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. މިއަހަރުގެ ފެބުރުއަރީމަހު ސަގާފީ މަގުރައީސުލް ޖުމްހޫރިއްޔާ ހުޅުއްވައިދެއްވި ދުވަހު އެމަގުން ވަނީ އެފަދަ ހަރަކާތްތަކެއް ދައްކައިދީފައެވެ. 

"މަރިޔަންމާ" ކެމްޕޭން މުޖުތަމައުގެ ދުޅަހެޔޮކަމަށް!

ސަގާފީމަގާއެކު ރިނބުދޫގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ "މަރިޔަންމާ" ކެމްޕޭނެއް ވެސް ފަށްޓަވައި ދެއްވައިފައެވެ. މިއީ ކޮންމެ މުޖުތަމައެއްގައިވެސް  އެބަޔަކަށް އެންމެ ބޮޑު އަޅާލުމެއް ބޭނުންވާ، އެރަށުގެ މާބަނޑު އަންހެނުންނާއި ހަމަސް ނުވާ ތުއްތު ކުދިންނަށް ހާއްސަ ރައްކާތެރިކަމެއް ފޯރުކޮށްދީ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ރަށު ކައުންސިލުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ކެމްޕޭން ކުރިއަށް ގެންދަނީ ރިނބުދޫ ކައުންސިލާއި ސިއްހީ މަރުކަޒާއި އަދި އަންހެނުންގެ ކޮމެޓީ ގުޅިގެންނެވެ.  މީގެ އިތުރުން ސެއިންޓް ރެޖިސް މޯލްޑިވްސް (ވޮއްމުލި ރިސޯޓް) އާއި ޔޫތު މިނިސްޓްރީން "މަރިޔަންމާ" ކެމްޕޭނަށް ދަނީ އެހީތެރިކަން ފޯރުކޮށް ދެއްވަމުންނެވެ.  ކޯވިޑާ އެކު މަޑު ޖެހިފައި އޮތުމަށްފަހު ކައުންސިލުން އަނެއްކާވެސް ވަނީ މަރިޔަންމާ ކެމްޕޭނުގެ ހަރަކާތްތައް މިމަހު ފަށްޓަވައިފައެވެ.  މި ކެމްޕޭނުގެ ދަށުން ކޮންމެ ހަފުތާއަކު ވެސް، މާބަނޑު މީހާގެ ކެއުމަށް ބޭނުންވާ ތަކެތިހިމެނޭ ގިފްޓް ވައުޗަރެއް ކައުންސިލުން ފޯރުކޮށްދެއެވެ. އެ ގިފްޓް ވައުޗަރ ގައި މޭވާ އާއި ތަރުކާރީ އާއި މަސް ފަދަ ފައިދާ ހުރިކާނާއާއި މަޢުލޫމާތު ހިމެނެއެވެ. ކޮންމެ މަހަކު ފޯރުކޮށްދޭ ގިފްޓް ވައުޗަރުގެ އިތުރުން ސްކޭންފަދަ ހިދުމަތް ހޯދުމަށް މާލެ ދާން ޖެހޭއިރު، ދަތުރުގެ ހަރަދާއި މާލޭގައި ހުރުމާއި ކެއުމުގެ ހަރަދުތައް ބެލެހެއްޓުން ވެސް ހިމެނޭކަމަށް ކައުންސިލުން ފާހަގަ ކުރެއްވިއެވެ. ވިހެއުމުން، ކުއްޖާއަށް ބޭނުންވާ ސާމާނު ހިމެނޭ ގިފްޓު ވައުޗާއެއް ވެސް ދިނުން މި ޕްރޮގްރާމްގައި ހިމެނެއެވެ.  މި ކެމްޕޭނުގެ ދަށުން މާބަނޑުމީހާގެ އިތުރުން އޭނާގެ ފިރިމީހާއަށް ވެސް ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ކުރިއަށް ގެންދެއެވެ. މިހާރު އެރަށުގެ މާބަނޑުވެފައި ތިބި ހަތަރު މީހަކަށް މިފަދަ އެހީތެރިކަން ވަނީ ފޯރުކޮށް ދެންފަށާފައެވެ. 

ކައުންސިލްގެ ރައީސް ފާހަގަ ކުރެއްވި ގޮތުގައި "މަރިޔަންމާ" ކެމްޕޭނުގެ ދަށުން ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ބޭނުންވާނެ ތަފާތު އެހެން މައުލުމާތާއި އެހީތެރިކަންވެސް ފޯރުކޮށް ދެވޭނެއެވެ. އޭގެތެރޭގައި ގެވެށި އަނިޔާ އާއި ކުޑަކުދިންނަށް ޖިންސީ އަނިޔާކުރުން ފަދަ މައްސަލަތަކަށް ހޭލުންތެރި ކުރުވުންވެސް ހިމެނެއެވެ. 

ސަރުކާރުން ނާސްތާ ޕްރޮގްރާމް ފެށުމުގެ ކުރިން 2018 ވަނަ އަހަރު ރިނބިދޫ ކައުންސިލުން ވަނީ އެރަށުގެ ސްކޫލުކުދިންނަށް ކާމިޔާބުކަމާއެކު ނާސްތާ ޕްރޮގްރާމެއް ވެސް ހިންގައިފައެވެ. 

ކުރިއަށް ވެސް އުފެއްދުންތެރި ތަފާތު ކަންތައްތަކެއް!

ކުރިއަށް ރޭވިފައިވާ މަސައްކަތްތަކުގެ ތެރޭގައި  އެރަށުގެ ކަރަންޓު އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުން ވެސް  ހިމެނެއެވެ. ރަށުގެ ކަރަންޓު އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން  އެރަށުގައި މަގުބައްތިތައްވެސް މިހާރުވަނީ އެއްކޮށް ލެޑް ބައްތިތަކަކަށް ބަދަލުކޮށްފައެވެ. ދެން އޮތީ ސޯލާ ޕެނެލްތައްހަރުކޮށް ގުޅާލުމެވެ. އެއީ ފަންޑު ލިބިގެން ކުރެވެން އޮތް ކަމެއްކަމަށް ކައުންސިލް ރައީސް ހާތިމް ފާހަގަ ކުރެއްވިއެވެ. އެކަމަށްޓަކައި ކައުންސިލުން ދަނީ މަސައްކަތް ކުރަމުންނެވެ. 

މަގުބައްތިތައް ލެޑް ބައްތިތަކަށް ބަދަލު ކުރުމުގެ އިތުރުން ވެސް އެރަށުގެ މަގުތަކުން ފެންނަ މަންޒަރު ތަފާތެވެ. މަގުތައް ސާފެވެ. ސާފުތާހިރުކަމުން ރަށުގެ ދޮންވެލި ރީތި ގޮޑު ދޮށުގެ ނަލަކަން އިތުރުކޮށްދީ ހިތްހަމަޖެހުން ލިއްބައިދެއެވެ. ސަބަބަކީ ވަކި އުޞޫލަކުން ރަށުތެރެ ސާފުކޮށް ބަލަހައްޓަމުން ދިއުމެވެ. މިކަމުގައި އެރަށުގެ އަންހެންވެރިންނަކީ ނަމޫނާ ބައެކެވެ. ކޮންމެ ހަފްތާއަކު ވަކި އުޞޫލަކުން ރަށުގެ އެކި ސަރަހައްދުތައް ސާފުކުރެއެވެ.  ތަފާތު ކުނި އެޅުމަށް ޚާއްޞަ ޑަސްބިން ތައް ރަށުގެ އެކި ސަރަޙައްދުގައި ހުރެއެވެ. ރަށަށް ޒިޔާރާތްކުރާ މީހުންވެސް މި އުޞޫލުތައް ހިފަހަށްޓަންޖެހެއެވެ. އެކަން ހަނދާންކޮށްދިނުމުގެ މެސެޖަތައް ވެސް ރަށުގެ މަގުތަކުގައި ވެއެވެ.  ކުރިއަށް އޮތް ތަނުގައި ރަށުގެ ކުނި މެނޭޖް ކުރުމުގެ ނިޒާމު  ޤާއިމްކުރުންވެސް ހިމެނެއެވެ. އެކަމަށް ބޭނުންވާ މީހުން ތަމްރީނު ކުރުން ވެސް އޮތީ ކައިރި މުސްތަޤްބަލަކަށް ޕްލޭންކޮށްފައެވެ. 

ރިނބުދޫގެ މަގުތައް ވެސް އެހެން ރަށްރަށުގެ މަގުތަކާ  ތަފާތެވެ. މުޖުތަމައަށް ހެޔޮ އަސަރުކުރާނެ ތަފާތު މުހިންމު މެސެޖްތައް އެރަށުގެ މަގުތަކުން ފެންނަން ހުރެއެވެ.  އިންސާނުންނަކީ ވަރަށް އަވަހަށް ހަދާން ނެތޭ ބަޔަކަށް ވާއިރު ފެންނަ ހިސާބުގައި މިފަދަ މެސެޖްތަކެއް ހުރުމަކީ މުހިންމު ކަމެކެވެ. މިފަދަ މެސެޖްތައް ފޯރުކޮށްދީ އެރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި ދިވެހިންނަށް ވެސް ރިނބުދޫ މަގުބައްތި ތައް ސޮޕޮންސަރ ކުރެވޭނެ މަގުވަނީ ކައުންސިލުން ފަހިކޮށް ދީފައެވެ. 

"މިހާރު އެހެރަ މެސެޖްތަކަކީ ނަމޫނާ މެސެޖްތަކެއް. ރަށަށް އަންނަ ފަތުރުރިންނާއި އަދި ދިވެހިންނަށް ވެސް އެފަދަ ބޯޑްތައް ސްޕޮންސާ ކޮށް އެމީހުން ދޭން ބޭނުންވާ މެސެޖެއް ދެވޭނެ. އެކަމަށް ވަކި މިނގަޑެއް އޮންނާނެ. މިސާލަކަށް އިސްލާމްދީނާ ފުށުއަރާ ހިޔާލުތަކާއި ޝިޢާރުތަކަށް ފުރުސަތެއް ނުދެވޭނެ. މުޖުތަމައު ބަލައި ނުގަންނަ ކަންތައްތަކުގެ ހިޔާލު ފާޅުކުރުމަކަށް ފުރުޞަތެއް ނުދެވޭނެ. ރަށުގެ ރައްޔިތުންނަށް ދޭން ބޭނުންވާ މެސެޖެއްް ނުވަތަ މުޖުތަމައަށް ފައިދާ ހުރި މެސެޖެއް އިނގިރޭސި ބަހުން ވިއަސް ދިވެހި ބަހުންވިއަސް ދެވިދާނެ" ޙާތިމް ވިދާޅުވިއެވެ. 

ކުރިއަށް ރޭވިފައވާ ކަންކަމުގެ ތެރޭގައި ރިނބިދޫގެ ތިލޭރުކަން ރިސޯޓްތަކުގައި ފަތުރުވެރިންނަށް ދައްކާލުމުގެ ޙަރަކާތްތައްވެސް ހިމެނެއެވެ. ދިހަ ރިސޯޓަކާއެކު އެފަދަ އެއްބަސްވުންތަކެއް ހެދުމުގެ މަސައްކަތް ވެސް ކައުންސިލް ވަނީ ފަށާފައެވެ. އެކަން ކުރިއަށް ގެންދެވުމަށް ރޭވިފައިވާ ގޮތް  އޮޅުން ފިލުވައި ދެއްވަމުން ކައުންސިލްގެ ރައީސް ޙާތިމް ވިދާޅުވީ ރިސޯޓުން ހަމަޖައްސައިދެއްވާ ތަނެއްގައި ސެޓަޕްހަދައި ތިލޭރުކަން ކުރާ ގޮތް ފަތުރުވެރިންނަށް ދައްކައިދެވެނޭކަމަށެވެ. އެތަނުން ވަގުތުން ފަތުރުވެރިނަށް ގަހަނާ ހައިދިދުނުމުގެ ހިދުމަތް ދޭނެކަމަށެވެ. އަދި އެހަރާކާތް ކުރިއަށް ދާއިރު މޯލްޑިވިއަން އާޓިސްޓް ކޮމިޔުނިޓީގެ ފަންނުވެރިކަންވެސް އެތަނުން ފެނިގެން ދާނެކަމަށެވެ. އެކަންހަމަޖެހިފައިވަނީ ކައުންސިލާއި އެކު ވެވިފައިވާ އެއްބަސް ވުމެއްގެ ދަށުންކަމަށް ވިދާޅުވިއެވެ. އެގޮތަށް ކޮންމެ ހަފަތާއަކު ތިންދުވަސް ނުވަތަ ދެދުވަހު އެހަރަކާތްތައް ރިސޯރޓްތަކުގައި ކުރިއަށް ގެންދެވުމަށް ވަނީ ރޭވިފައެވެ. ނަމަވެސް އެކަމަށް ވެސް އޮތް ހުރަހަކަށް ވެފައިވަނީ ކޯވިޑް-19 އެވެ. 

މިކަންކަމުގެ އިތުރުން އިންޓަގްރޭޓެޑް ޓޫރިޒަމް ތަރައްގީކުރުމާއި ދަތުރު ގޮސް ހެދުމަށް ހާއްސަ ސަރަހައްދެއް ތަރައްގީ ކުރުން ރިނބުދޫގައި ކުރިއަށް ހުރި މަޝްރޫޢުތަކުގެ ތެރޭގައި  ހިމެނެއެވެ.  އަދި ރަށުގެ ބަނދަރު ސަރަަހައްދު ތަރައްގީ ކުރުމާއި ދިވެހިންގެ ސަގާފީ ކާބޯތަކެތީގެ ކެފޭއެއްގެ ޚިދުމަތް ތަފާތު ގޮތަކަށް ފެށުން ފަދަ އުފެއްދުންތެރި ޚިޔާލުތައް ހުރިކަން ކައުންސިލްގެ ރައީސް ހާތިމްގެ  ވާހަކަފުޅުތަކުން ފާހަގަ ކުރެވުނެވެ. މި ކެފޭ ހަޤީޤަތަކަށް ވާއިރު މިތަން ވެގެން ދާނީ އަދި ރާއްޖޭގައި އެފަދަ ދެވަނަ ތަނެއްނެތް ފަތުރުވެރިންނާއި  ދިވެހިންވެސް ތަޖުރިބާކޮށްލަން ބޭނުންވާނެ ތަފާތު "ޔުނީކް" ތަނަކަށެވެ. 

"ޖުވެލާސް އައިލެންޑް"  މާކެޓްކުރުމުގައި ކައުންސިލްގެ ވަރުބަލިކަމެއް ނެތް!

ވިޔަފާރީއެއްވެސް ކުރިއަރައި ދިއުމަށް އެނެމް މުހިންމު އެއްކަަމަކީ އިޝްތިހާރު ކޮށް މާކެޓްކުރުމެވެ. ރާއްޖޭގެ ރަށެއްގެ ވާހަކަ ސޯޝަލް މީޑިއާގައި އެންމެ ގިނައިން ދެކެވޭ އެއްް ރަށަށް ރިނބުދޫ ވާނެކަމާ މެދަކު ޝައްކެތް ނެތެވެ. ޓްވިޓަރާއި ފޭސްބުކާއި އިންސްޓަގްރާމް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ފުރާލާއަިފައި ވަނީ ރިނބުދޫ ގެ ރީތި ފޮޓޯތަކާއި ވާހަކަތަކުންނެވެ. ރިނބުދޫގެ ރަސްމީ ފޭސް ބުކް ސަފްހާއަކާއި އިންސްޓާގްރާމް ސަފްހާއަކާއި ޓްވިޓަރ "ހޭންޑްލް" އެއް ވެސް ހިމެނެއެވެ. މި ޕްލެޓް ފޯމްތަކުގެ ފޮލޯވަރުންގެ އަދަދުވެސް ދުވަހުން ދުވަހަށް އަންނަނީ އިތުރުވަމުންނެވެ. 

'ޖުވެލާސް އައިލެންޑް" ގެ ގޮތުގައި ރިނބުދޫ ޕްރަމޯޓް ކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ ރަށުގެ ކައުންސިލުންނެވެ. އަދި ކައުންސެލަރުންނެވެ. ޚާއްޞަ ގޮތެއްގައި ކައުންސިލްގެ ރައީސް ހާތިމް އިބްރާހިމް ފާހަގަ ކޮށްލެވެއެވެ. ހާތިމަކީ މިހާތަނަށް އަޅުގަނޑަށް ވާހަކަ ދައްކާ ލެވުނު އެންމެ "މީޑިއާ ފްރެންޑްލީ" ކައުންސިލަރޭ ދެންނެވުންވެސް ދޮގަކަށް ނުވާނެއެވެ. އަޅުގަނޑަށް ހާތިމް އެނގުނީ ވެސް ރަށުގެ ސަގާފީ މަގު ޕްރަމޯރޓްކުރުމަަށް އޭނާ ސޯޝަލް މީޑިއާގައި ކުރެއްވި މަސައްކަތްތަކުންނެވެ. ރިނބުދޫގެ ކިތަންމެ ވާހަކައެއް އަދިވެސް އެބަ ހުށްޓެވެ. ކައުންސިލްގެ ރައީސާ ވާހަކަ ދައްކާލުމުން އެނގުނީ މިހާރު ރިނބުދޫއޮތް ހިސާބަކީ ވަރަށް ގިނަ ދުވަހުގެ މަސައްކަތް ކަމެވެ. ލާމަރުކަޒީ ނިޒާމުން ރަށްރަށް ހިނގަން ފެށީއްސުރެ ކުރަމުން އައި މަސައްކަތްކަމެވެ. ލާމަރުކަޒީ ނިޒާމު ރާއްޖެއަށް ތައާރަފްވެ މިހާތަނަށްވެސް އެކައުންސިލް ގައި ތިއްބެވީ ފުރަތަމަ އިންތިހާބުވި ތިން ކައުން ސެލަރުންނެވެ. ތިން ދައުރަށް ވެސް އިންތިހާބުވެގެންނެވެ. ޕްލޭންތައް ހަޤީޤަތަކަށް ހެދުނު ސަބަބަކީވެސް އެއީ ކަމަށް ވެދާނެއެވެ.

"ހަޤީޤަތުގައި އަޅުގަނޑުމެން އެކުގައި އެއްޓީމެއް ގޮތުގައި ކުރެވުނު މަސައްކަތުގެ ނަތިޖާ މީ. އަދި ރައްޔިތުންގެ އެއްބާރުލުން ފާހަގަކުރަން. ވަރަށް ގިނަ ގޮންޖެހުންތައް ވެސް ކުރިމަތިވި. ކުރިއަށް ވެސް މިފަދަ ޓީމެއް މިރަށަށް ބޭނުންވަނީ" ހާތިމް ވިދާޅުވިއެވެ. 

ކައުންސިލް ރައީސް ވިދާޅުވީ އެންމެ ބޮޑު ގޮންޖެހުމަކަށްވީ ރައްޔިތުންނަށް ވިސްނައިދީ ހޭލުންތެރި ކުރުވުން ކަމަށެވެ. އަދި އެންމެ ދުވަސްނެގީވެސް އެކަމަށް ކަމަށް އޭނާ ވިދާޅުވިއެވެ. 

"އަޅުގަނޑުމެން ވިސްނައިދިނީ އެރަށެއް އެރަށުގެ ގޮތުގައި ޕްރަމޯރޓްކޮށްގެން ވެސް އާމްދަނީ އިތުރުކުރެވިދާނެކަން. މިހާރު އަޅުގަނޑުމެންނަށް ވުރެ ގިނައިން ރައްޔިތުން މިވާހަކަ ދައްކަނީ . ރައްޔިތުންނަށް މިހާރު އެނގޭ އާބާދީ ކުޑަވެފައި ބިންކޮޅު ކުޑަވިއަސް ކުރިއަށް ދެވޭނެކަން. އާމްދަނީ ވެސް ހޯދިދާނެކަން." ހާތިމް ވިދާޅުވިއެވެ. 

ރިނބުދޫން ފަތުވެރިކަން ތަރައްޤީ ކުރަނީ އެބައި މީހުންގެ އަމިއްލަ ދިރިއުޅުން ދައްކައި ދީގެންނެވެ. އެމީހުންގެ މަސައްކަތް ތެރިކަމެވެ. އެމީހުން ކާބޯތަކެއްޗެވެ. އެމީހުންގެ އަދި އަޅުގަނޑުމެން އެންމެންގެ ދިވެހި ސަގާފަތް ދައްކައި ޕްރަމޯރޓް ކޮށްގެނެވެ. ކުރިއަށް ރޭވިފައިވާ ގޮތަކީ ވެސް އެއީއެވެ.  އެރަށުގެ ރައްޔިތުންވެސް މިހާރު އެކަން ޤަބޫލު ކުރެއެވެ. މިއީ ރާއްޖޭގެ ހަމަ ކޮންމެ ރަށަކަށް ވެސް ކުރެވިދާނެ ކަމެކެވެ. ރިނބުދޫން އެދަނީ ނަމޫނާ ދައްކަމުންނެވެ.  

"އަހަރެމެން ފަތުރުވެރިންނަށް ދައްކަނީ އަހަރެމެންގެ އަސްލު ދިރިއުޅުން. އެގޮތް އެމީހުންނަށް މާބޮޑަށް ވެސް ކަމުދެޔޭ، އެވެރިން ބުނަނީ. އޯކޭޔޯ ކުރިސްމަސް ގަހަކާ ރާފުޅިއަކާ ނެތަސް." ކައުންސިލްގެ ރައީސް ހާތިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

10 ޚިޔާލު

  1. ވަރަށް ފުރިހަމަ ލިޔުމެއް.. މިފަދައިން ރަށްރަށުގައި ކުރެވޭ މަސައްކަތްތަކުގެ ވާހަކަތައް ގެނަސްދިނުމުން އެ ރަށެއްގެ އެ މަސައްކަތް ކުރާ ފަރާތްތަކަށް ހިތްވަރުލިބި އެހެން ތަށްތަކުން ވެސް އެފަދަ ނަމޫނާ މަސައްކަތްތައް ކުރަންފަށާ ??

  2. މުޅި ރާއްޖެއަށް ނަމޫނާ ކައުންސިލެއް. ރިނބުދޫ ކައުންސިލަރުން ކުރާ މަސައްކަތަށް ތައުރީފު ހައްޤު. މީގެ ކުރިން ހީވެފައޮތީ ފަޅުވެފައި އޮތް ރަށެއްކަމަށް. ނަމަވެސް މިހާރު ހުރިހާ އެއްމެނަށްވެސް އިނގޭނެ ރިނބުދޫ ފަޅުނުވާކަން.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.