މިއަދުގެ ވާހަކަކޮޅު މި އަމާޒުކޮށްލަނީ ހުރިހާ ކުދިންނާ ގުޅޭ ގޮތަށް ކިޔަވައިދިނުން ފަރުމާކުރުމުގެ މައްޗަށެވެ. ޚާއްޞަކޮށް މިއަދުގެ ލިޔުމުގައި އަލިއަޅުވާލަން ގަސްދުކުރެވިފައި މިވަނީ އެމެރިކާގެ މަޝްހޫރު ސޯޝިއޮލޮޖިސްޓް ނިކޮލް ގޯޔަލް (2012) އޭނާގެ ޢުމުރުން އެންމެ 17 އަހަރުގައި ލިޔުއްވި ފޮތުގައި އިޝާރާތްކުރައްވާ ފަދައިން "އެންމެންނަށް އެއްސައިޒެއް ފިޓް (ހެޔޮވަރު) ނުވާނެ" މި ވިސްނުމާ ގުޅޭ ގޮތުން ބައެއް ލިޔެލުމަށެވެ. އޭނާގެ ފޮތުގައި އިޝާރާތްކުރައްވާ ފަދައިން، ދަރިވަރުންނަކީ އެއްވަރަކަށް ވިސްނުން ހުންނަ، އުނގެނުމުގައި އެއްގޮތްތަކެއް ޚިޔާރުކުރާ، އެއްކަހަލަ ޢާއިލީ ދިރިއުޅުމެއް އުޅެމުންދާ، އެއް ސަގާފަތަކަށް ނިސްބަތްވާ، އެއްކަހަލަ ސިފަތަކެއް އަށަގަނެފައިވާ، އެއް ވައްތަރެއްގެ ކުޅެދުންތަކަކާއި ނުވަތަ ގަޔާވުންތައް ހުންނަ ބައެއް ނޫނެވެ (ގޯޔަލް، 2012). އެހެންކަމަށް ވާނަމަ އުނގެނުން ރޭވުމުގައި، ޢާއްމު ކުދިންގެ ފެންވަރަށް، އެއްސައިޒަކަށް ފެތޭ ގޮތަށް، އެއްގޮތަކަށް އަމާޒުކޮށްގެން، އެއްކަހަލަ ގޮތަކަށް ރާވައިގެނެއްނުވާނެއެވެ. މިވިސްނުމުގެ މައިގަނޑު ޚިޔާލަކީ ކޮންމެ ކުއްޖަކީ ވެސް ތަފާތު ކުއްޖެއް ކަމެވެ. ދަރިވަރުން ތަފާތުވަނީ ހަމައެކަނި ލިބިފައިވާ ކުޅެދުންތަކާއި ނުކުޅެދުންތަކަށް ބަލައިގެން ވެސް ނޫންކަމެވެ. އާދޭހެވެ! އުނގެނުން ރާވަން ޖެހެނީ ޢާލަމީ ވިސްނުމަކުން އަދި ކޮންމެ ކުއްޖަކަށް ވެސް ފެތޭ ގޮތަށް ސައިޒު ހެޔޮވަރުކޮށް (އެޑްޖަސްޓް) ކުރެވޭ ގޮތަށެވެ.
ޔުނިވަރސަލް ޑިޒައިން އޮފް ލާރނިން/ އުނގެނުމުގެ ޢާލަމީ ފަރުމާ، މިކޮންސެޕްޓްގެ ޚިޔާލު ފުރަތަމަ ވުޖޫދުވީ 1990 ގެ އަހަރުތަކުގެ ތެރޭގައި ނޯރތުކެރޮލީނާގެ މަޝްހޫރު އާކިޓެކްޓެއް ކަމަށްވާ ރޮން މޭސްގެ އާކިޓްކްޗަރ މަސައްކަތުގެ ތެރެއިންނެވެ. އޭނާ ތަޢާރަފު ކުރެއްވި 'ޔުނިވަރސަލް ޑިޒައިން'/ޢާލަމީ ފަރުމާގެ ޚިޔާލާ އެކުގައެވެ. އޭނާގެ މައިގަނޑު ވިސްނުމަކީ އެންމެނާ ގުޅޭ ޑިޒައިންގެ ތެރެއިން ޢިމާރާތް ފަރުމާ ކުރުން މުހިންމުކަމެވެ. މާނައަކީ މީހުން ދިރިއުޅޭ ތަންތަނަކީ އެންމެނަށް ވެސް ފަހިކަމާ އެކު ބޭނުންކުރެވޭ ގޮތަށް ފަރުމާކުރެވިފައިވާ ތަންތަނަށް ވުމެވެ. މި ބީދައިން މަދަރުސީ މާހައުލުގެ ޢިމާރާތްތައް ހުރިހާ ދަރިވަރުންނަށް އަމާޒުކޮށްގެން އަދި ޚާއްޞަކޮށް ތަފާތު ނުކުޅެދުންތެރިކަމާ އެކު އުޅޭ ދަރިވަރުން ވެސް އެތަންތަނަކަށް ވަދެ ނުކުމެ އުޅުމުގައާއި ހޭލާމޭލަވުމުގައި ދަތި ކަމެއް ނެތި އުޅެވޭ ގޮތަށް ތަންތަން ފަރުމާ ކުރުމެވެ. މި ވިސްނުން ތަންފީޒުކުރުމުގައި އެންމެބޮޑަށް ބަހުސްކުރެވުނު އެއްކަމަކީ ހުރިހާ ކުދިންނަށް ވެސް ލިބިދޭންޖެހޭ ތަޢުލީމުގެ ހައްގު ފަހިކޮށްދެވެން އަންނަނީ މި ދެންނެވި ޢާލަމީ ފަރުމާކުރުމުގެ ތެރެއިން ތަންތަން ފަރުމާ ކޮށްގެން އެކުދިންނަށް ޢާއްމުން އުޅޭ މާހައުލުގައި ވެސް ދިމާވެދާނެ ދަތި/ހުރަސްތައް ނައްތާލައިގެން ކަމެވެ. މި ވިސްނުމުގެ އަސާސެއް ކަމަށް ބެލުނު މައިގަނޑު 3 ކަމެއް ވެއެވެ. އެއީ
(1) އެޑަޕްޓޭޝަން/ގުޅޭގޮތަށް ހުރުން: މި އަސާސްގެ އެންމެ މުހިންމު ވިސްނުމަކީ ވީހާ ގިނަ މީހުންނަށް ފަސޭހަވާނެ ގޮތަށް ކަންކަން ހަމަޖެހިފައި ހުރުމަށެވެ. މިސާލަކަށް ފްރޮޅުލީ ގޮނޑި، ވޯލްކާ ވޯލްކް ސަޕޯރޓް (ހިނގާއިރު އެހީތެރިވެދޭ އާލަތްތައް) ކްރަޗް ނުވަތަ އަސާ ފަދަ ތަކެތި ވެސް ހިފައިގެން އުޅޭ މީހުންނަށް ދަތިކަމަކާ ނުލައި އުޅެވުމެވެ. މިގޮތުން ސިޑިތައް ހުންނަ ތަންތާގައި ރޭމްޕް ފަދަ ގޮތްތައް ބޭނުންކުރެވިފައިވާ ހުރުން ފަދަ ކަންކަމެވެ.
(2) މޮޑިފިކޭޝަން: ބަދަލުކުރެވޭ ގޮތް އެކުލެވުން: މިގޭ މާނައަކީ ކޮންމެ މީހަކު ޢީމާރާތުގެ ތަންތަނަށް ވަދެ އުޅުމުގައި ވެސް އުދަގުލަކާ ނުލައި ދަތިކަމެއް ނެތި ހުޅުވޭ އޮޓޮމެޓިކް ދޮރުތައް ފަދަ ވަސީލަތްތައް ހުރުމެވެ.
(3) ނުކުޅެދުމަކީ ފަރުދީ ކަމެއްގެ ގޮތުގައި ނުދެކުން: މާނައަކީ ކޮންމެ ނުކުޅެދުންތެރި ކަމެއް ހުންނަ ކުއްޖެއްގެ ކިބައިގައި ހުންނަ ކަމަކީ އޭނާގެ ކިބައިގައިވާ ފަރުދީ ނުކުޅެދުންތަކެއް ގޮތަށް ނުދެކުމެވެ. ސަބަބަކީ އެއްކަމަކަށް ކުޅެދޭ ކުއްޖާ އަނެއް ކަމަކަށް ނުކުޅެދުމަކީ ވެދާނެކަމެކެވެ. ހަމައެހެންމެ އެއް ކަމަކަށް ނުކުޅެދޭ ކުއްޖާ ދެން ހުންނަ ބައިވަރު ކަންކަމަށް ކުޅެދިދާނެކަމީ ވެސް ފެންނަން އޮތް ހަގީގަތެކެވެ. މިސާލަކަށް އުފެދުމުގައި އަތުގެ އައިބެއް ހުންނަ ކުއްޖާ ފައިން ލިޔެ ކުރަހާ ދިރިއުޅުމުގެ އެހެން ކަންކަން ވެސް ކުރާތަން ފެންނަނީ މަދުފަހަރަކު ނޫނެވެ.
ރޮން މޭސްގެ ޚިޔާލުތައް ޢިމާރާތް ކުރުމާގުޅޭ ގޮތަށް ހުށަހަޅާފައިވީ ނަމަވެސް މިއީ ތަޢުލީމުދެވޭ މާހައުލަކަށް ބަލާއިރު ކިހާ މުހިންމު ކަންތައްތަކެއްތޯ ވިސްނާލަމާތޯއެވެ. މި ޚިޔާލަށް ބަލާއިރު ޙަޤީޤަތުގައި އުނގަންނައިދިނުން ޢާލަމީ ވިސްނުމަކުން ފަރުމާކުރުން ހަމަ އެހާމެ މުހިންމެވެ. ސަބަބަކީ އުނގަންނައިދިނުން ރާވަން ޖެހެނީ ހަމައެކަނި ކުޅެދޭ ނުކުޅެދޭއަށް ވިސްނައިގެނެއްނޫން ކަމެވެ. ހުރިހާ ކުދިންނަށް ވެސް ފެތޭ ގޮތަށް ނުވަތަ ގުޅޭ ގޮތަށް ވިސްނައިގެންނެވެ. އިސްވެ ހުށަހަޅައިލެވުނު ތިން އަސާސްގައިވާ ފަދައިން އުނގެނޭ މާހައުލުގައި ދަރިވަރުން ކުރަން ޖެހޭ ކަންތައްތަކަކީ އެ ކުއްޖެއްގެ ކުޅެދޭ ނުވަތަ ނުކުޅެދުންތަކަށް ފެތޭ ގޮތަށް ރޭވޭ ކަމަކަށް ވާންޖެހެއެވެ. ހަމައެއާއެކު ބޭނުންވާ ހާލަތުގައި ބަދަލުކުރެވޭ ގޮތް ހިމެނޭ އަދި ކުއްޖާގެ ހުންނަ ނުކުޅެދުމަކީ އޭނާގެ ދެން ހުންނަ ކުޅެދުންތައް އެއްފަރާތް ކުރަންޖެހޭ ވިސްނުމެއް ވެސް ނުމެނޫންމެއެވެ. މި ހުށަހަޅާ ލެވުނު ޚިޔާލުތަކުގެ އެންމެ އަސާސީ ވިސްނުމަކީ ނުކުޅެދުންތެރިކަމެއް ހިމެނޭ ކުދިންނަށް ވެސް ތަޢުލީމުގެ ހައްގުތައް ފަހިކޮށްދިނުމުގައި ހުރެދާނެ ކިތަންމެ ކުޑަ ހުރަހެއް/ދަތިކަމެއް ވެސް، ވީވަރަކުން ނައްތާލުން ނުވަތަ މަދު ކުރުމެވެ.
ޔުނިވަރސަލް ޑިޒައިން އޮފް ލަރނިންގއާ އެއްގޮތަށް ކިޔަވައިދިނުން ރާވަން ޖެހެނީ ކީއްވެ؟
މި ޑިޒައިނާ އެއްގޮތަށް ކިޔަވައިދިނުން ރާވަންޖެހޭ ސަބަބަކީ، ޢާލަމީ ފަރުމާއަށް ވިސްނައިގެން އުގަންނައިދިނުން ރާވާނަމަ، ކޮންމެ ދަރިވަރެއްގެ ވެސް ހުރެދާނެ ކޮންމެ ހާލަތަކާއި ގުޅޭ ގޮތަށް މުދައްރިސުން ފިލާވަޅުގެ ކަންތައްތައް ރާވާއި ހަމަޖައްސާނެއެވެ. މިގޮތުން މުދައްރިސު ރާވާ ކަންތައްތައް ގުޅޭނީ ހަމައެކަނި އެވްރެޖް ނުވަތަ ޢާއްމު ކުދިންނާ އެކަންޏެއް ނޫނެވެ. ކޮންމެ ދަރިވަރެއްގެވެސް ބޭނުންތަކަށް ރިޢާޔަތްކުރެވިގެންނެވެ. މިގޮތަށް މުދައްރިސު ފިލާވަޅު ރާވާއިރު ކޮންމެ ދަރިވަރެއްގެ ދިރިއުޅުމުގެ ހާލަތާއި، އުޅޭ މާހައުލާއި ގޭގެ ހާލަތާއި، ތަފާތު ސަގާފަތްތަކުގެ ކަންކަމާއި، ގަޔާވުންތަކާއި، ގަޔާނުވުންތަކާއި، ކުޅެދުންތަކާއި، ނުކުޅެދުންތަކާއި އަދިވެސް ދަރިވަރުންގެ ކިބައިގައި ހުންނަ ތަފާތު ޕާރސަނަލިޓީ/ޝަޚުޞީ ސިފަތަކަށް ވެސް ސަމާލުކަންދޭނެއެވެ.
ޔުނިވަރސަލް ޑިޒައިން އޮފް ލަރނިން ބޭނުންކޮށްގެން ކިޔަވައިދިނުން ރޭވުމުން ލިބޭ ފައިދާތަކަކީ ކޮބާ؟
* އުނގެނޭ މާހައުލުގައި ހުރިހާ ދަރިވަރުންގެ ހުންނަ ތަފާތު ގޮންޖެހުންތަކާ އެކު ހާސިލުކުރެވޭ މިންވަރު އިތުރު ކުރެވެއެވެ.
* ތަފާތު ދަރިވަރުންނަށް ދިމާވާ އުނގެނުމުގެ ދަތިކަންކަމާއި މާހައުލުގައި ހުންނަ އުދަގޫ ކަންކަން ނައްތާލެވެއެވެ.
* ދަރިވަރުންގެ ޝައުގު އުނގެނުމަށް އިތުރު ކުރެވި ހާސިލުވާ މިންވަރު ވެސް އިތުރުވެއެވެ.
* ދަރިވަރުންގެ ކިބައިގައި ހުންނަ އުނި ކަންކަމަށްވުރެ އެކުދިންގެ ކިބައިގައި ހުންނަ ގާބިލުކަމާއި ކުޅެދުންތަކަށް އުނގެނުން ބޮޑަށް އަމާޒު ކުރެވެއެވެ. މީގެ ސަބަބުން ދަރިވަރުންގެ ޢާއްމު ދުޅަހެޔޮކަން އެތައް ގުނައެއް އިތުރު ކުރެވެއެވެ.
ޔުނިވަރސަލް ޑިޒައިން އޮފް ލަރނިން ތަންފީޒުކުރާއިރު ބަލަން ޖެހޭ މައިގަނޑު އަސާސްތަކަކީ ކޮބާ؟
ޢާލަމީ ފަރުމާކުރުމުގެ ތެރެއިން އުނގެނުން ރާވާއިރު މައިގަނޑު ގޮތެއްގައި 3 ކަމަކަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހެއެވެ. މިތިން ކަން ވެސް ގުޅެނީ މުހިންމު 3 ސުވާލާއެވެ. އެއީ އުނގެނެނީ ކީއްވެ؟ އުނގެނޭނީ ކޮންއެއްޗެއް؟ އުނގެނޭނީ ކިހިނެއް؟ މިއިން ކޮންމެ ސުވާލެއް ގުޅިގެންދާ ޚާއްސަ އަސާސް ކުރުކޮށް ތިރީގައި ބަޔާންކުރާނަމެވެ.
* އެންގޭޖްމަންޓް (ބައިވެރިވުން): އެންމެ ފުރަތަމަ ކަމަކީ އުނގެނުން ރާވާއިރު ދަރިވަރުގެ ބައިވެރިވުން ލިބޭނީ ކިހިނެއްކަން ކޮން ކަންތައްތަކެއް ހިމެނިގެންކަން ބަލައިގެން އަދި ހުރިހާ ކުދިންގެ ތަފާތުތަކާ ގުޅުވައިގެން ކުލާހުގައި ކުރަންޖެހޭ މަސައްކަތްތައް ރޭވުމެވެ. މިކަމާ އެންމެ ބޮޑަށް ގުޅޭ ސުވާލަކީ ދަރިވަރުން އުނގެނޭނީ ކީއްވެ؟ މިސުވާލާއެވެ. މާނައަކީ ދަރިވަރުންގެ ބައިވެރިވުމާއި ޝައުގުވެރިކަން ދެމެހެއްޓޭ ގޮތްތަކެއް ފިލާވަޅުގެ ތެރޭގައި ރޭވިފައި ނުވާނަމަ އެ ކުދިން އުގެނެން ބޭނުންވާ ބޭނުންވުމެއް ނޯންނާނެއެވެ. އެހެން ގޮތަކަށް ދަންނަވާނަމަ އެ ކުދިންގެ ބައިވެރިވުމެއް އުނގެނުމުގެ ތެރޭގައި ނުހިމެނޭނެއެވެ. އެހެންކަމުން ދަރިވަރުންގެ ހިތުގައި އުނގެނުމަށް ޝައުގުވެރިކަން އުފައްދައި، އުނގެނުމަށް ބޭނުންވުން، ވަކިކަމެއް އުނގެނެން އުޅުން މިއީ ހައްތާ ވެސް ދަރިވަރުން އުގެނުމުގައި ބައިވެރި ކުރުމަށް ޓަކައި ސަމާލުވާން ޖެހޭ ކަންކަމެވެ.
* ރެޕްރެޒެންޓޭޝަން (ހުށަހެޅޭގޮތް): މިއީ އުނގެނުން ރޭވުމުގައި ދަސްކޮށްދިނުމަށް، ކިޔަވައިދިނުމަށް ބޭނުންކުރެވޭ ތަފާތު މަޢުލޫމާތު އަދި ރިސޯސްތައް ދަރިވަރުންނަށް ހުށަހެޅޭ ގޮތާ ގުޅިފައިވާ ކަމެކެވެ. މާނައަކީ މި ކަމަކީ ދަރިވަރުންގެ އުނގެނުން ރޭވުމުގައި ވަރަށް ބޮޑަށް ސަމާލުވުން މުހިންމު ނުކުތާއެކެވެ. މަޢުލޫމާތެއް ހުށަހެޅޭ ގޮތުން ކޮންމެ ދަރިވަރަކަށް އެންމެ ގުޅޭ ނުވަތަ އެކަށޭނަ ގޮތަކަށް ނުވެދާނެއެވެ. މިސާލަކަށް ޓީވީއިން އެއްޗެއް ދައްކާނަމަ، ލޮލަށް ނުފެންނަ ކުދިންނަށް އެއިން މާ ބޮޑު ފައިދާއެއް ނުކުރާތާ، އޭނާގެ ޝައުގުވެރިކަމެއް ވެސް އެއަށް އޮތުމަކީ ނާދިރު ކަމެކެވެ. ހަމަ މިބީދައިން އަޑު ނީވޭ ކުއްޖެއް ކުލާހުގައި އިންނަ ނަމަ ޓީވީއިން ދައްކާ އެއްޗެއްގައި ކިޔާ އެއްޗެއްގެ ބޭނުމެއް އޭނައަށް ނޯވެދާނެއެވެ. މި ދެ މިސާލުން ވެސް ދޭހަވަނީ، އެއް ކުއްޖަކާ ގުޅޭގޮތެއް ހެދޭއިރު އަނެއް ކުއްޖަކާ ނުގުޅޭ ގޮތަކަށް ފިލާވަޅުގެ ބައިތައް ހުށަހެޅޭ ގޮތް ވެދާނެ ކަމެވެ. އެހެންކަމަށްވާނަމަ މުދައްރިސު ޢާލަމީ ފަރުމާއަކުން ވިސްނާނަމަ ގެނެވިދާނެ ބަދަލުތައް ހުންނާނެއެވެ. މިސާލަކަށް ޓީވީއިން އެއްޗެއް ދައްކާނަމަ ލޮލަށް ނުފެންނަ ކުއްޖާއާ އެކު ވެސް އެއާ ބެހޭގޮތުން ވާހަކަ ދައްކާ ފެންނަ ކަންތައްތައް ކިޔައިދީ އިވޭ މަޢުލުމާތުތައް ހިއްސާ ކުރެވޭ ގޮތެއް ރޭވިފައި ހުރުމެވެ. ހަމައެހެންމެ މުދައްރިސު އެފަދަ ވީޑިއޯތައް ދައްކާނަމަ ފެންނަ މަންޒަރުތައް ސިފަވެސް ކުރެވިދާނެއެވެ. ހަމަ މިބީދައިން ހަމައެކަނި އަޑު ނީވޭ ކުއްޖަކަށް ވާނަމަ، ދައްކާ ވާހަކައިގެ ޓްރންސްކްރިޕްޓް ސަބްޓައިޓްލުގައި ލިޔެވިފައި ހުރުންފަދަ ކަންތައްތައް މުހިންމެވެ. މީގެ އިތުރުން ސައިންލޭނގްއޭޖްފަދަ ޓެކްނިކްސް ކުލާހުގައި ޢާއްމުކޮށް ނުވަތަ ވީޑިއޯގެ އެއްފަރާތެއްގައި ކިޔައިދޭ ގޮތަށް ވެސް ފަރުމާކުރެވިދާނެއެވެ. މިނޫނަސް ތަފާތު ޑިޖިޓަލް ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން މިހާރުގެ ކުލާސްރޫމުތަކުގައި ކުރެވިދާނެ ވަރަށް ގިނަ ކަންތައް ހުރެއެވެ.
* އެކްޝަން އެންޑް އެކްސްޕްރެޝަން (ކުރުމާއި ކުރާކަންތައް ހާމަކުރުން): މި ދެ ކަމަކީ ހަގީގަތުގައި އުނގެނުމުގެ މާހައުލުގައި އެންމެ މުހިންމު ދެ ކަމެކެވެ. ދަރިވަރުންނަށް އުނގެނެވިއްޖެކަން ހާމަވަނީ މިކަމުގެ ތެރެއިންނެވެ. އެހެންގޮތަކަށް ދަންނަވާނަމަ އުނގެނުން ވިސިބަލް ކުރެވޭ ގޮތަކީ މިކަމުގެ ތެރެއިންނެވެ. އުނގެނުމުގެ ހެކި ފެންނަނީ މިކަމުންނެވެ. މުދައްރިސު ކަނޑައެޅި ގޯލް ނުވަތަ ލަރނިން އިންޓެންޝަންގެ ކާމިޔާބުކަން ވެސް ފެންނަނީ މިއިންނެވެ. ކުރުކޮށް ދަންނަވާނަމަ މިއީ ދަރިވަރުންނަށް އުނގެނެވުނުކަން އެ ކުދިން ކުރާ ކަމަކުން ނުވަތަ އެ ކުދިންގެ ފުށުން ހާމަވާ ކަމަކުން ނަތީޖާ ހާސިލުވި މިންވަރު ބެލުމެވެ. މި ކަން އުނގެނުމުގައި ޢާލާމީ ފަރުމާގެތެރެއިން ތަންފީޒު ކުރާނަމަ ހުރިހާ ކުދިންނަށް އެއްގޮތަކަށް ނުހެދޭނެއެވެ. ހަމައެހެންމެ ހުރިހާ ކުދިންނަށް އެއް ގޯލެއް ނުވަތަ މަގުޞަދެއް ވެސް ކަނޑަ އެޅުން ރަނގަޅެއް ނުވާނެއެވެ. ކޮންމެ ކުއްޖަކަށް ވެސް އެ ކުއްޖެއްގެ ޕަރސަނަލް ގޯލް ކަނޑައެޅުމާއި އުނގެނުމުގެ ނަތީޖާ ހާމަކުރާނެ ގޮތް އެކި ކުދިންނަށް ތަފާތު ގޮތްތައް ހަމަޖެއްސުން މުހިންމެވެ. މިސާލަކަށް އަޑު ނީވޭ ކުއްޖެއްނަމަ ސައިންލޭންގްއޭޖް ބޭނުންކޮށްގެން ހާމަކުރުން، ލޮލަށް ނުފެންނަ ކުއްޖެއްނަމަ ބްރެއިލް ބޭނުންކޮށްގެން ލިޔުން، އަދި އެނޫންވެސް ބޭނުންކުރެވޭ ތަފާތު ބާވަތްތަކުގެ ޓެކްނޮލޮޖީ ވަސީލަތްތައް މިސާލަކަށް ޓެކްސްޓް ސްޕީޗް ފަދަ ފަންކްޝަންތައް މިހާރުގެ ވަރަށް ގިނަ ޕީޑީ އެފް ފޯމެޓް ނުވަތަ އީބުކްތަކުގައި ވެސް މިހާރު ހުރެއެވެ.
ކިޔަވައިދޭއިރު ޔުނިވަރސަލް ޑިޒައިން އޮފް ލަރނިން ތަންފީޒުކުރާނެ ގޮތަކީ ކޮބާ؟
* އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަމަކީ ދަރިވަރުންނަށް ހަވާލުކުރެވޭ މަސައްކަތްތަކުގައި ތަފާތު ޢިޙުތިޔާރުތައް ދިނުމެވެ. މިސާލަކަށް އެސައިންމަންޓް ހަވާލުކުރާއިރު ލިޔުން، ކިޔުން، ވީޑިއޯ ހެދުން، ކުރެހުން، ހަރަކާތުން ދެއްކުން، ޑްރާމާ ހުށަހެޅުން، މިނޫންވެސް އެކި ދަރިވަރުންނާ ގުޅޭ، ތަފާތު އެކި ކަންކަން ހިމެނުން މުހިންމެވެ.
* ކުލާހުގައ ގެންގުޅޭ ތަފާތު މެޓީރިއަލްތަކުގެ ތެރޭގައި ގިނަ ވައްތަރުތައް ގެންގުޅުން، މިސާލަކަށް ބޮޑުފޮތާއި، ކުޑަފޮތް، ތަފާތު ފޮންޓްސައިޒުގެ ލިޔުންތައް، ވީޑިއޯ، އޯޑިއޯ، ސީޑީ، ފިޒިކަލް އެއްޗެތި، މިނޫނަސް ތަފާތު ބާވަތްތަކުގެ އެއްޗެތި ކިޔަވައިދޭއިރު ގެންގުޅުން މުހިންމެވެ.
* މަޢުލޫމާތު ހުށަހަޅަން ބޭނުންކުރާތަކެތީގެ ވައްތަރުތައް ތަފާތު ކުރުން، މިސާލަކަށް ވީޑިއޯއިނާއި އޯޑިއޯއިން މަޢުލޫމާތު ހުށަހެޅުމާއި، ވާހަކަ ދައްކައި، ޝަރަހަކުރާނަމަ ސައިންލޭނގްއޭޖް ފަދަ ގޮތްތައް ވެސް ކުލާހުގައި އެފަދަ ނީޑެއް (ބޭނުމެއް) ހިމެނޭ ކުއްޖެއް ހުންނަނަމަ ރިޢާޔަތް ކުރުން، ފަދަކަންކަމަށް ސަމާލުކަންދިނުމެވެ. މިދެންނެވި ކޮންމެ ގޮތަކީ ވެސް ޔުނިވަރސަލް ޑިޒައިން އޮފް ލަނރިން ކުލާހުގައި ހިމަނައިގެން ކިޔަވައިދޭނަމަ ސަމާލުކަން ދިނުން މުހިންމު ކަންކަމެވެ.
އިސްވެދިޔަ ހުރިހާ ކަމެއްގެ އިތުރުން، ކިޔަވައިދެމުންދާއިރު ނުވަތަ މަސައްކަތެއް ހަވާލުކުރާއިރު ވެސް ދަރިވަރުނަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދެވޭނެ ގޮތަށް ކުލާހުގެ ކަންކަން ރޭވިފައި ހުރުން މުހިންމެވެ. މިސާލަކަށް ކުލާހުގެ ކުދިން އެތުރިފައި ތިބޭއިރު ވެސް ލޮލަށް ނުފެންނަ ކުއްޖަކަށް ފެންނަ އެއްޗަކާ ބެހޭ ގޮތުން ވާހަކަ ދައްކައި މަޝްވަރާކުރެވޭ ގޮތަށް އެއްދަރިވަރަކު އަނެއް ދަރިވަރަކާ ގުޅުވި ޓެގް ކުރެވުން މިއީ ފަސޭހަ ކަމާއެކު ހަމަޖެއްސޭނެ ކަންތައްތަކެވެ. ހަމަ މިބީދައިން އަޑު ނީވޭ ކުއްޖެއްނަމަ ބޭނުންކުރެވިދާނެ އެހެންވަސީލަތެއް ނުވަތަ އަދި ދަރިވަރުންވެސް ކުދިންނާއެކު ޕާރޓްނަރ ހަދާފައި ތިބުން ފަދަ ކަންކަން ވެސް ރޭވިދާނެއެވެ. މި ހުށަހެޅުނު ބައެއް މިސާލުތަކަކީ ވަރަށް އާދައިގެ ގޮތަކަށް މުދައްރިސަށް ފަސޭހައިން ކުލާހުގައި ހަމަޖައްސައި ލެވެން ހުންނަ ކަންކަމެވެ. މާ ބޮޑު ކަންތައްތަކެއް ނުކޮށް ވެސް އުނގެނުން ފަރުމާކުރާއިރު މި ކަންތައްތައް ހަމަޖެއްސިދާނެއެވެ.
އިސްވެ ބަޔާން ކުރެވިދިޔަ ކަންކަމުގެ އިތުރުން، ޔުނިވަރސަލް ޑިޒައިން އޮފް ލަރނިން ބޭނުންކޮށްގެން އުނގަންނައިދިނުން ރާވާނަމަ މުޅި ސްކޫލުގެ ތަފާތު ދާއިރާތަކުގެ މީހުން ބައިވެރިވެގެން އެކަން ކުރުން މުހިންމެވެ. މިސާލަކަށް ޚާއްޞައެހީގެ ތަފާތު ދާއިރާތަކުގެ ތަޖުރިބާ ލިބިފައިވާ މީހުންނާ އެކު ފިލާވަޅުގެ ބައިތައް ހަމަޖެއްސުމާއި ބައެއް ކަހަލަ އެކްޓިވިޓީތައް/ހަރަކާތްތައް ކުލާހުގައި ގެންދިއުމުގައި ވެސް އެ ކަމެއްގެ ތަޖުރިބާ ލިބިފައިވާ މީހުންގެ އެހީތެރިކަން ހޯދުން މުހިންމެވެ. ހަމަ މިއުސޫލުން ޑީޖިޓަލް ޓެކްނޮލޮޖީގެ(ސުމޭކު ފަންނިއްޔާތުގެ) ވަސީލަތްތަކަށް ޚާއްޞަވެފައިވާ ބޭފުޅުންނާއެކު މަޝްވަރާކޮށް އެކި ކުދިންގެ ތަފާތު ކަންކަމަށް ބޭނުންތަކަށް ރިޢާޔަތް ކުރުމަށް އެހީތެރިވެދިނުމަށް ބޭނުންކުރެވިދާނެ ވަސީލާތްތަކާ ބެހޭގޮތުން ޚިޔާލުހޯދައި މަޝްވަރާ ކުރުން ވަރަށް މުހިންމު ވާނެއެވެ. މީގެ އިތުރުން ކުލާހުގައި އުނގެނުން ރާވައިގެން ގެންދެވޭ ތަފާތު ހަރަކާތްތަކުގެ ނަތީޖާއާ ގުޅޭގޮތުން ރިވެލިކޮށް އެކަންކަމާ ބެހޭގޮތުން ޚިޔާލުތައް ހިއްސާކޮށް މަޝްވަރާކޮށް ހެދުން ވެސް މުހިންމެވެ.
ކުރިން ބަޔާންކުރެވުނު ކަންތައްތަކުގެ އިތުރުން، ކިޔަވައިދޭ ދަރިވަރުންގެ ޕްރޮފައިލް ހަދައި އެ ކުދިންގެ ތަފާތު ބޭނުންތަކާއި ގޮތްތަކާއި ކަންކަން އަބަދުވެސް އަޕްޑޭޓް (އަދާހަމަ) ކުރެވޭ ގޮތަށް ކުލާހުގެ ޕްރޮފައިލް ހެދުމަކީ، ކިޔަވައިދިނުމުގައި ޔުނިވަރސަލް ޑިޒައިން އޮފް ލަރނިން ބޭނުންކުރާނަމަ ކުރަންޖެހޭ ކަމެކެވެ. މިފަދަ ޕްރޮފައިލްތަކުގައި ކުދިންނަށް ކުރެވޭނެ ކަންކަމާއި، ބޭނުންކުރެވޭނެ ތަފާތު ޑިޖިޓަލް ޓޫލްސްތަކާއި (ސުމޭކު ހަތިޔާރުތައް)، އެހީތެރިކަން ހޯދޭނެ އެހެން ފަރާތްތަކާއި ގޮތްތައް ވެސް ނޯޓް ކުރެވިފައި ހުންނާނެއެވެ. މީގެ ސަބަބުން ކޮންމެ ފިލާވަޅަކަށް ތައްޔާރުވާއިރު ވެސް ކުލާހުގައި ރޭވޭ ކަންކަން ދާނީ އެކި ކުދިންގެ ޕްރޮފައިލްގައިވާ ކަންކަމަށް ރިޢާޔަތްކޮށްގެން ރޭވޭ ކަންތައްތަކަކަށެވެ. މިހުރިހާ ކަމަކާ އެކު ދަންނަވަން މިއުޅޭ އެންމެ މުހިންމު މެސެޖަކީ ކިޔަވައިދިނުމަކީ ދަރިވަރުންނަށް ޓަކައި ރާވާ ކަމަކަށްވެފައި އެ ކުދިންގެ ހުރިހާ ކަމަކަށް ރިޢާޔަތް ކުރެވޭނެ ގޮތްތައް ހެއްކާ އެކު ހާމަކަން ބޮޑުކޮށް ރޭވެން ޖެހޭ ކަމެއް ކަމެވެ. ހަމައެކަނި ލަފާ ކުރެވޭ ގޮތަކަށް، ހީވާ ގޮތެއްގެ މައްޗަށް ބަރޯސާވެގެން ޔުނިވަރސަލް ޑިޒައިން އޮފް ލަރނިންއާ އެއްގޮތަށް އުނގަންނައިދިނުމެއް ނުރޭވޭނެއެވެ.
މިއަދު މިލިޔެލެވުނު މައުޟޫޢަކީ އަޅުގަނޑު ކުރިން ލިޔެފައިވާ ދާއިރާއެއް ކަމަށްވާ އިންކުލޫސިވް އެޑިޔުކޭޝަން/ޝާމިލުކޮށްގެން ކިޔަވައިދިނުމާ ވެސް ގުޅޭ ވާހަކަކޮޅެކެވެ. ނަމަވެސް މިއަދުގެ ވާހަކަކޮޅުގައި މި އިޝާރާތްކުރެވުނީ ހަމައެކަނި ޚާއްޞައެހީގެ ތަފާތުތަކަށް ރިޢާޔަތް ކުރުމަށްވުރެ ބޮޑަށް ކުދިންގެ ކިބައިގައި ހުންނަ ހުރިހާ ތަފާތުތަކާއި ބޭނުންތަކަށް އަމާޒުކޮށްގެން ކިޔަވައިދިނުމުގައި ޢާލަމީ ވިސްނުމަކަށް ކަންކަން ރޭވުމަށެވެ. އެހެންގޮތަކަށް ދަންނަވާނަމަ، ހުރިހާ ކުދިންނަށް އެއްކަހަލަ ކަންތައްތަކެއް ކުރަން ހަވާލުކުރުމުގެ ބަދަލުގައި އެ ކުއްޖެއްގެ ބޭނުންތަކާއި ގަޔާވުންތަކާއި ކުޅެދުންތަކާ ގުޅޭނެ ގޮތަށް އުނގެނުން ރޭވުމަށެވެ. ދުނިޔޭގެ ގިނަ ގައުމުތަކުގައި ޔުނިވަރސަލް ޑިޒައިން އޮފް ލަރނިންއަކީ ވަކި ޚާއްޞަ އެހީއަށް އެކަނި އަމާޒުކޮށްގެން ކިޔަވައިދޭން ރޭވުމަށް އިރުޝާދު ދެވޭ ފިލޯސަފީއެއް ނޫނެވެ. މިއީ ސްކޫލުގައި އުޅޭ، ތަފާތު ދާއިރާތަކުގެ މީހުން ވެސް ބައިވެރިވެގެން އެންމެންގެ އެހީތެރިކަމާ އެކު ކުދިންގެ ޕްރޮފައިލަށް ބަލައިގެން އުނގެނުން ރޭވޭ ގޮތެކެވެ. އަޅުގަނޑުގެ އުއްމީދަކީ މުދައްރިސުންނަކީ މިފަދަ ވާހަކަތައް ކިޔުމަށްފަހު ނުވަތަ ސުރުޚީ ބަލާލުމަށްފަހު މިއީ ޝައުގުވެރި ވާހަކަކޮޅެކޭ ހިތަށް އަރުވާފައި ނިންމާލާ ބަޔަކަށް ނުވުމެވެ. އެއާ ޚިލާފަށް އަޅުގަނޑު އެދެނީ މުދައްރިސުންނަކީ ކިޔަވައިދިނުމުގައި މިފަދަ ކަންކަން ޢަމަލީ ގޮތުން ކުރެވޭނޭ ގޮތް ބަލައި އަދި ތަޖުރިބާތައް ރިވެލިކޮށް އިތުރަށް ހަރުދަނާ ކުރެވޭނެ ކަންކަން ހޯދާ ބަޔަކަށް ވެސް ވުމެވެ.
Varah aguhuri liyunkolheh miss 🥰