މިއަދު މިލިޔެލަނީ ކިޔަވައިދިނުމުގައި ބޭނުންކުރެވޭ ސްޓްރަކްޗަރޑް ޑިސްކަޝަން ނުވަތަ ރޭވިގެން ގެންދެވޭ މަޝްވަރާއާއި ބެހޭގޮތުންނެވެ. ކުލާހުގައި ރޭވޭ ތަފާތު އުނގެނުމުގެ ހަރަކާތްތަކުގައި އެންމެ އެދެވޭ ގޮތަށް ކުލާސްރޫމުގެ ޑިސްކަޝަން/މަޝްވަރާ ރޭވުމަކީ ގިނަ މުދައްރިސުންނަށް އެހާ ފަސޭހަކަމެއް ނޫނެވެ. ޚާއްޞަކޮށް މިކަމުގައި ހިމެނެނީ ހުރިހާ ކުދިންގެ ބައިވެރިވުން ހިއްސާވާގޮތަށް، ތަފާތުކުދިންގެ ގޮތްތަކާއި ޝަޚްޞީ އެކި ކަންކަމަށް ރިޢާޔަތްކޮށްގެން މަޝްވަރާއިން ބޭނުންވާ މައިނގަޑު މަގުސަދު ހާސިލުވާގޮތަށް ރޭވުމާއެވެ. ދަރިވަރުންނަކީ ވަރަށް ގިނަ ތަފާތު ގޮތްތައް ހިމެނޭ ބައެކެވެ. އެއްބަޔަކު ވާހަކަދައްކަން ވަރަށް ފޯރިހުންނައިރު އަނެއް ބަޔަކު އެހާ ވާހަކަ ދައްކާ ކުދިންނަށް ނުވެއެވެ. އަދި ހަމައެހެންމެ، އެއްބަޔަކަށް ބޭނުންވާ ބައިތަކާއި ބެހޭގޮތުން ވާހަކަ ދައްކަން ފަސޭހަވާއިރު، އަނެއް ބަޔަކަށް ވާހަކައިގައި ބައިވެރިވަން ބޭނުންވިނަމަވެސް ޚިޔާލުތަކާއި ވިސްނުންތައް ފަސޭހައިން ހާމަކޮށްލަން އުދަނގޫވެއެވެ. މިއީ ދަރިވަރުންގެ ވާހަކަ ދެއްކުމާއި ބަސްމޮށުންތެރިކަމުގެ ތަފާތު ގާބިލިއްޔަތު ތަކާއި ވެސް ގުޅިފައިވާ ކަމެކެވެ. މިހެން ކަމުން މިފަދަ ހުރިހާ ކަމަކަށް ސަމާލުވެ ކުލާހުގެ މަޝްވަރާރޭވުމުގައި ޚާއްޞަ ސަމާލުކަމެއް ދޭން ޖެހޭކަންތައްތައް ވަރަށް ގިނައެވެ.
ސްޓްރަކްޗަރޑް ޑިސްކަޝަން (ރޭވި ހިންގޭ މަޝްވަރާ) އަކީ ކޮބާ؟
ސްޓްރަކްޗާރޑް ޑިސްކަޝަންއަކީ އުނގެނުމުގެ ވަކި މަގުސަދެއް ހާސިލުކުރުމަށް ޓަކައި ރޭވޭ މަޝްވަރާއެކެވެ. މިފަދަ ޑިސްކަޝަންތައް އާންމުކޮށް ރާވާއިރު އޭގައި ބޭނުންކުރާ ގައިޑްލައިން (ގެންދާނެގޮތް) ލިޔެވިފައި އޮތުން ވެސް މުހިންމެވެ. މިގޮތުން ގައިޑްލައިންގައި ހިމެނެންޖެހޭ މުހިންމު ބައިތަކުގެ ތެރޭގައި މަޢުލޫމާތާ ގުޅޭ ބައިތައް ގެންދާނެގޮތް، ލޮޖިކް/ ވާހަކަ ގުޅުވާ ތަރުތީބުކުރާނެގޮތް، ޓެކްނިކަލް/ ބޭނުންކުރާނެ ބަސްކޮށާރު ފަދަ ބައިތަކަށްވެސް ސަމާލުކަން ދޭންޖެހޭނެއެވެ. މިސާލަކަށް މަޝްވަރާ އެއްގެންދާއިރު، ދަރިވަރުން ވާހަކަ ދައްކާނެ ގޮތާއި ވަގުތު ހަމަޖެހިފައިވާ ގޮތް، އަދި އިޖާބަދީ ރައްދުދޭނެ ގޮތް، ފަދަ ކަންތައްތަކަށް ދަރިވަރުން ތަމުރީނުކޮށް ހާނުވަން ޖެހޭނެއެވެ.
ކުލާހުގެ މަޝްވަރާތައް އެންމެ އާންމުކޮށް ގެންދެވެނީ ކިޔަވައިދޭ ބަޔަކާއި ގުޅޭ ނުވަތަ ބައިތަކަކާއި ގުޅޭ ސުވާލެއް މެދުވެރިކޮށެވެ. ނަމަވެސް ސްޓްރަކްޗަރޑް ޑިސްކަޝަން އަކީ ވަކި ކަމަކަށް ސިދާ އަމާޒުކޮށް ވަކި މަގުސަދަކާއި ގުޅުވައިގެން ގެންދެވޭ މަޝްވަރާއެވެ. މިގޮތުން މިފަދަ މަޝްވަރާތައް ރާވާނަމަ ހުރިހާ ދަރިވަރުންގެ ބައިވެރިވުން ހިމެނިދާގޮތަށް ރޭވުމަކީ ބޭނުންތެރިކަމެކެވެ. ޚާއްޞަކޮށް ތިރީގައިވާ ދެތިން ނުކުތާއަށް ސަމާލުވުމަކީ މަޝްވަރާ ރޭވުމުގައި އެހީތެރިވެދޭނެ ކަންކަމެވެ.
- ކުލާސް ސައިޒް: މަދު، (30 އަށް ވުރެ މަދު)، މެދުމިންވަރު (30 އާ 100 ދެމެދު) ގިނަ (100 އަށް ވުރެ ގިނަ ކުދިން)
- ކުލާހުގެ ވައްތަރު: ޢާންމު ކުލާސްރޫމު، އޮންލައިން، ހައިބްރިޑް (އެކި ޓެކްނޮލޮޖީގެ ވަސީލަތްތަކާއެކު)
- މުދައްރިސުގެ ބައިވެރިވުން ހިމެނެންޖެހޭ މިންވަރު: މަޝްވަރާގެ ކުރިން މުދައްރިސް ރަނގަޅަށް މަޝްވަރާ ޕްލޭންކޮށް، ރާވާ، އޮނިގަނޑު ތައްޔާރުކުރުން، މަޝްވަރާ ކުދިންގެ ތެރޭގައި ގެންދާއިރު މުދައްރިސުގެ ރޯލް ހަމަޖެހިފައިވާ އޮންނާނެގޮތް ހާމަކުރުން
- މަޝްވަރާގެ ގުރޫޕް ސައިޒް: މުޅި ކުލާސް އެއްކޮށް، ކުދި ގުރޫޕްތަކުގައި، ދެކުދިން ދެކުދިން، ނުވަތަ ވަކިވަކިން ވެސް ގެންދެވިދާނެއެވެ.
މިތާނގައި ބަޔާންވެދިޔަ ކޮންމެ ކަމެއްވެސް ވަކި ގޮތެއް އިޚްތިޔާރު ކުރެވޭނީ ސީދާ މުދައްރިސު ކަނޑައަޅާ މަގުސަދާއި ގުޅުވައިގެންނެވެ.
ސްޓްރަކްޗަރޑް ޑިސްކަޝަން ގެންދަން ރާވާނަމަ ސަމާލުކަން ދޭން ޖެހޭ ކަންތައްތައް
ކުލާހެއްގައި ދަރިވަރުން ބައިވެރިކޮށްގެން މަޝްވަރާ ގެންދާނަމަ ދުރާލާ ވިސްނަން ޖެހޭ ކަންތައްތަކެއް، މަޝްވަރާ ހިނގާއިރު ސަމާލުވާން ޖެހޭ ކަންތައްތަކެއް އަދި މަޝްވަރާއަށް ފަހު ކުރަންޖެހޭ ކަންތައްތަކެއް ފާހަގަ ކުރެވެއެވެ. މިއަދުގެ ލިޔުންކޮޅުގައި ހަމައެކަނި މިބަލާލަނީ ކިޔަވައިދިނުމުގެ ތެރޭގައި މަޝްވަރާ ރޭވުމަށް ދުރާލާ ކުރާނެ ކަންތައްތަކަކާ ބެހޭގޮތުންނެވެ. ދެން އަންނަ ލިޔުމެއްގައި މަޝްވަރާ ގެންދާއިރު އަދި އެއަށްފަހު ކަންކުރާނެ ގޮތްތަކާ ގުޅޭގޮތުން އަލި އަޅުވާލަން ގަސްދު ކުރަމެވެ. ސްޓަރކްޗަރޑް ޑިސްކަޝަންއަށް ދުރާލާ ތައްޔާރުވުމަށް މުދައްރިސު ކުރަންޖެހޭ ކަންތައްތަކުގެ ބައެއް މިސާލުތައް ތިރީގައި ދެވިފައި އެވަނީއެވެ.
މުދައްރިސު ކުރަންވާ ކަންތައް | އިތުރު ތަފުސީލު |
ދަރިވަރުން ހިތްހަމަޖެހޭ، ފަސޭހަކަމާއެކު ހިއްސާކުރެވޭ ބުނާއެއްޗަކަށް ފާޑު ނުކިޔާނެކަން ޔަގީކަން އޮތްތަނަކަށް ކުލާސްރޫމް ހެދުން | މިސާލަކަށް އަހަރު ފެށޭއިރުވެސް ދަރިވަރުން މިފަދަ މަޝްވަރާ މާހައުލަކަށް ތައްޔާރުކުރުން. ކިޔަވައިދޭ މާއްދާއާ ގުޅޭ ކޮންމެވެސް ސުވާލެއް ކޮންމެ ދަރިވަރަކުވެސް އޮންލައިން ފޯރަމަކަށް ނުވަތަ ކުލާހުގައި ބެހެއްޓޭ ފޮއްޓަކަށް ލާގޮތަށް ހަމަޖެއްސިދާނެއެވެ. މިފަދަ ގޮތަށް ކަންކަން ފަށައިފިނަމަ ދަރިވަރުންގެ ތެރެއިން ކޮންމެ ކުއްޖެއްގެ ބައިވެރިވުމައި އަޑު ކުލާހަށް މުހިންމުކަން ޔަގީންކޮށްދެވޭނެއެވެ. މިއީ ޓާރމެއް ފަށާއިރު ނުވަތަ އާ މައުޟޫޢެއް ކިޔަވައިދޭން ފަށާއިރު ކޮށްލުން ވަރަށް މުހިންމެ ކަމެކެވެ. |
ދަރިވަރުންގެ ކިބައިގައި ހުންނަ ތަފާތު ހުނަރުތަކާއި ގާބިލިއްޔަތުތައް ދެނެގަންނާށެވެ. | އާޓާރމެއް ފަށާއިރު ދަރިވަރުންގެ ނަންތަކާއި ސްކިލްސެޓް (ހުނަރުތައް) މުދައްރިސު ދެނެގަތުމަކީ ވަރަށް މުހިންމު ކަމެކެވެ. ދަރިވަރުންނާ ވާހަކަ ދައްކާއިރު އެމީހުންގެ ނަމުން މުޚާތަބު ކުރުމަކީ ދަރިވަރުންގެ ބައިވެރިވުން މަޝްވަރާއަށް ހޯދުމަށް އެހީތެރިވެދޭނެ ގޮތެކެވެ. އަދި އޭގެއިތުރުން ދަރިވަރުންނާއެކު ގާތްގުޅުމެއް އުފެއްދުމަށް ލިބޭ ފުރުސަތެކެވެ. މިއާއެކު ދަރިވަރުންގެ ކިބައިގައިވާ ތަފާތު ގާބިލުކަންކަން ދެނެގަތުމަކީ މަޝްވަރާ ރާވާއިރު މުދައްރިސަށް އެހީތެރިވެދޭނެ ގޮތެކެވެ. |
މަޝްވަރާގެންދާނެ ގޮތުގެ ސާފުކޮށް ދޭހަވާފަދަ ގައިޑެއް އެކުލަވާލުން | މިއީ ކުލާހުގެ މަޝްވަރާތަކަށް ވަރަށް މުހިންމެ އެއްޗެކެވެ. މިގޮތުން ދަރިވަރުން ވާހަކަ ދައްކާއިރު ކަންކުރަން ޖެހޭގޮތާއި، އިޖާބަދޭއިރު ބޭނުންކުރަން ޖެހޭ ބަހުރުވަ، އަދި ބަސްކޮށާރު ސަމާލުވާންޖެހޭ ކަންކަން، އެކަކު އަނެކަކުގެ އަޑު އެހުމުގައި ގެންގުޅެންޖެހޭ ގޮތްތައް، ހުރިހާ ކުދިންނަށް ހިއްސާކުރަން ފުރުސަތު ދޭނެގޮތް، އަދި ވާހަކަ ދެއްކުމާއި ގުޅޭ އަދަބު އިހުތިރާމުގެ ސިފަތައް، ވާހަކަ ދައްކާއިރު ހަރަކާތްތައް ގެންގުޅެން ޖެހޭގޮތް، އިށީނދެ ތިބޭނެގޮތް، ފަދަ ކަންކަން ގައިޑްގައި ހިމެނުން މުހިންމެވެ. ފުރަތަމަ މަޝްވަރާ އެކްޓިވިޓީތައް ގެންދަން ފަށާއިރު ކުދި ގުރޫޕްތަކުގައ މަޝްވަރާކުރަން ހާނުވަމުން ބޮޑެތި ގުރޫޕްތަކުގައި މަޝްވަރާ ކުރުމުގެ ތެރެއަށް ދަރިވަރުން ވެއްދިދާނެއެވެ. |
އުނގެނުމުގެ ތެރޭގައި މަޝްވަރާގައި ބައިވެރިވުމުގެ މުހިންމު ކަމާ ބެހޭގޮތުން ވާހަކަ ދެއްކުން | ކޮންމެ ދަރިވަރެއްގެ ވެސް އުނގެނުމުގައި މަޝްވަރާކުރުން އެއީ ބޮޑު ދައުރެއް އަދާކުރާނެކަން އޭގެ ސަބަބުން ދަރިވަރުންގެ ވިސްނުންތައް ތަރުތީބުކުރުމާއި ޚިޔާލުތަކާއި ވިސްނުންތައް މީހުންނަށް ހުށަހަޅަން ދަސްވުމުގެ އިތުރުން އަމިއްލައަށް އުނގެނެވޭ ބައިތައް ވަޒަންކުރަންވެސް ފުރުސަތު ލިބޭކަމާ ބެހޭގޮތުން ދަރިވަރުންނާއެކު ވާހަކަ ދެއްކުން. |
މަޝްވަރާއެއް ގެންދިއުމުގެ ކުރިން ވަރަށް ރަނގަޅަށް ރާވައި ތައްޔާރުވުން | މަޝްވަރާގެ ގައިޑް ތައްޔާރުކޮށް، ވާހަކަތައް އަމާޒުކުރާނެ މައުޟޫޢާއި އޮއްޓަރު ހަމަޖައްސާ، ހާސިލުކުރަން ބޭނުންވާ މަގުސަދާ ސާފުކޮށް ލިޔެ ހުރިހާކަމެއް ވަރަށް ރަނގަޅަށް ރޭވުމަކީ މުހިންމު ކަމެކެވެ. |
އެކި ދަރިވަރުން ތަފާތު ވާނެކަން ދަނެ އެކުދިންގެ ތަފާތުކަން ބަލާ ގަނެވޭ ގޮތަށް މަޝްވަރާ ރޭވުން | ކުލާހުގެ މަޝްވަރާތަކުގައި ދަރިވަރުންގެ ހަމަހަމަ ބައިވެރިވުން ހޯދުމަށް ޓަކައި އެކި ދަރިވަރުންގެ ތަފާތު ތައް ރިޢާޔަތްކޮށް، އެކި ކުދިން ބައިވެރިވާނެ އެކި ވާހަކަތައް ގެންދާނެގޮތް ޕްލޭންގައި ހަމަޖެހިފައި އޮތުންވެސް މުހިންމެވެ. ބައެއް ކުދިންނަކީ ވަރަށް ވާހަކަ ދައްކާ ކުދިންނަށް ވާއިރު އަނެއްބައި ކުދިންނަކީ ކުޑަކޮށް ލަދު ރަކި ކުދިންނަށް ވުން ވެސް އެކަށީގެންވެއެވެ. މިއިން ކޮންމެ ބާވަތެއްގެ ކުއްޖަކަށްވެސް މަޝްވަރާގައި ބައިވެރިވެ ޚިޔާލު ހިއްސާ ކުރުމަށް ރޯލް އޮންނަންޖެހޭނީ ހަމަޖެހިފައެވެ. |
މަޝްވަރާގެ ގެންދާނެ ގޮތުގެ ސްޓްރަކްޗަރ/އޮނިގަނޑު/ގައިޑް ހަވާލުކުރުން | ކިޔަވައިދޭ ކޮންމެ ފިލާވަޅަކާއި ގުޅޭ މަޝްވަރާއެއް ގެންދަން ނިންމާނަމަވެސް އެގަޑިއެއްގެ މަޝްވަރާ ކުރިޔަށް ގެންދަންޖެހޭ ގޮތުގެ އޮނިގަނޑެއް ދުރާލާ ހެދިފައި އޮންނަން ޖެހޭނެއެވެ. މިކަން ކުރަންޖެހޭނީ ފިލާވަޅަށް ތައްޔާރުވާއިރު އެވެ. އަދި ލެސަންޕްލޭންގެ ތެރޭގައި މަޝްވަރާގެންދާނެ މައުޟޫޢާ، މަގުސަދު އަދި އޮނިގަނޑު ހިމެނުން މުހިންމެވެ. އާންމުގޮތެއްގައި މިކަމަކީ އުނގެނުމުގެ ހަރަކާތެއް ގޮތަށް ރާވާ ކަމަކަށްވާތީ ފިލާވަޅުގެ ތަފުސީލުތެރޭގައި މަޝްވަރާ ގެންދާނެ ގޮތް ލިޔެ، ދަރިވަރުންނާއި ހަވާލުކުރެވޭ މަޝްވަރާގެ އޮނިގަނޑު ކުރުކޮށް ލިޔެލާފައި އޮތުންވެސް ރަނގަޅެވެ. |
މަޝްވަރާއަށް ތައްޔާރުވުމަށް ދަރިވަރުންނަށް ވަގުތާއި ފުރުސަތު ދިނުން | މިއީ ކުލާސްރޫމްގެ މަޝްވަރާގެންދާނަމަ ވަރަށް މުހިންމު ކަމެކެވެ. ވަކި ކަމަކާ ބެހޭގޮތުން ވާހަކަ ދައްކަން ހަމަޖެހިފައިވާނަމަ، އެކުދިންގެ ވާހަކަ ގެންދަންވާ މައުޟޫޢާ ގުޅޭގޮތުން ބޭނުންވާ މަޢުލޫމާތު ހޯދާލާ ތައްޔާރުވެލަން ވަގުތުދޭންޖެހޭނެއެވެ. |
މިއަދު މިލިޔެލެވުނީ ހަމައެކަނި ސްޓްރަކްޗާރޑް ޑިސްކަޝަން ކުލާހުގައި ރާވާއިރު ދުރާލާ ތައްޔާރުވުމުގެ ގޮތުން ކުރަން ޖެހޭ ކަންތަތަކެއްގެ ކުރު ތަޢާރަފެކެވެ. ސްޓްރަކްޗަރޑް ޑިސްކަޝަން ގެންދާއިރު މުދައްރިސު ސަމާލުވާންޖެހޭ ކަންތައްތައް ދެން އަންނަ ލިޔުމެއްގައި ހިމަނާލާނަމެވެ. މިއީ ފުޅާ ދާއިރާއެއްގައި ލިޔެވިދާނެ ވަރަށް ބޭނުންތެރި މައުޟޫޢެކެވެ. އުއްމީދަކީ މިއަދުގެ ލިޔުމުންވެސް މުދައްރިސުންނަށް ފައިދާހުރި މަޢުލޫމާތުކޮޅެއް ފޯރުކޮށްދެވުމެވެ. މިފަދަ ވަރަށް އާދާއިގެ މަޢުލޫމާތަކީވެސް ކިޔަވައިދިނުމުގައި ބޭނުންކުރާނަމަ އޭގެ ފައިދާ މިނެއް ނެތްވަރަށް ލިބިދޭނެ ކަންކަމެވެ. އަޅުގަނޑުގެ އަބަދުވެސް އުއްމީދަކީ މުދައްރިސުންނަކީ ތަފާތު ގޮތްތައް ބޭނުންކޮށްގެން އުނގަންނާދިނުން ރާވާ ބަޔަކަށް ވުމެވެ. ކިޔަވައިދިނުމަކީ އޭގެ ޒާތުގައި އަބަދުމެ އުނގެނުމަށް ފުރުސަތު ހުޅުވިފައި އޮންނަ މަސައްކަތެކެވެ. އާގޮތްތައް އާޚިޔާލުތައް ތަޖުރިބާކޮށް އަޖުމަބަލާ ބަޔަކަށް މުދައްރިސުން ވުމަކީ އަޅުގަނޑުގެ އުއްމީދެވެ.
މިސް ލިއުއްވުންތަކުގައި މްޢުލޫމާތު ހޯއްދަވާ ފަރާތްތަކުގެ ލިންކުވެސް ލާދޭންވީނޫންތޯ.