
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މާލީ އިނާޔަތުގެ ގޮތުގައި ދޭ ފައިސާގެ އަދަދު އިތުރުކުރުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ގޮވާލައިފިއެވެ.
ބައިނަލްއަގްޤްވާމީ ގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާއި ގުޅިގެން އެޗްއާރްސީއެމްއިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުންދޭ މާލީ އިނާޔަތަކީ އެފަރާތްތަކަށް ބޭނުންވާ އަސާސީ ކަންކަމަށް އެކަށީގެންވާ މިންވަރެއް ނޫންކަމަށެވެ. އެހެންކަމުން މާލީ އިނާޔަތުގެ ގޮތުގައި އެފަރާތްތަކަށް ދޭ ފައިސާގެ އަދަދު އިތުރުކުރުން މުހިންމުކަމަށް ކަމަށެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މާލީ އިނާޔަތުގެ ގޮތުގައި މިހާރު ދެނީ މަހަކު ދެހާސް ރުފިޔާއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތަކަށް ރައްކާތެރިވެ، ކަންކަން ނިންމުމުގައި އެމީހުންގެ ބައިވެރިވުން އިތުރުކޮށް، ޚިދުމަތްތަކަށް ފަސޭހައިން ވާސިލުވެވޭނެ ހަރުދަނާ އަދި ފަސޭހަ ގޮތްތަކެއް އެކަށައެޅުމަކީ މުހިންމުކަމެއްކަމަށް، އެޗްއާރްސީއެމްގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައިވެއެވެ.
"ދަތުރުފަތުރުކުރުމާއި، ހިނގާބިނގާވެ އުޅުމުގަޔާއި، ތަންތަނަށް ވަދެނިކުމެ އުޅުމުގައި ފަސޭހަ ގޮތްތަކެއް އެކުލަވާލުމަށް ދައުލަތަށް އިލްތިމާސްކުރަމެވެ. މީގެއިތުރުން، ދައުލަތުގެ ބެލުމުގެ ދަށުގައި، ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްޤުތައް ކަށަވަރުކޮށްދިނުމަށާއި، އެ މަރުކަޒުން ފޯރުކޮށްދޭ ޚިދުމަތްތައް މިހާރަށްވުރެ ހަރުދަނާކުރުމަށް، މި ކޮމިޝަނުން ދައުލަތަށް ހުށަހަޅައިފައިވާ ހުށަހެޅުންތައް ތަންފީޒުކުރުމަށްވެސް އިލްތިމާސްކުރަމެވެ." އެޗްއާރުސީއެމްގެ ބަޔާނުގައި ވެއެވެ.
ރާއްޖޭގައި އުޅޭ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޤައުމީ ދަފުތަރެއް ވީހާވެސް އަވަހަށް އެކުލަވައިލުމަށް ވެސް ކަމާގުޅުންހުރި އިދާރާތަކަށް އެޗްއާރްސީއެމްއިން ވަނީ ގޮވާލާފައެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނަށް އަމަލުކުރަން ފަށާތާ ހަމަސްދުވަހުގެ ތެރޭގައި، އެފަދަ މީހުންގެ ޤައުމީ ދަފުތަރެއް އެކުލަވައިލައި ބަލަހައްޓަން ކަނޑައަޅައިފައި އޮތްނަމަވެސް، މިހާތަނަށްވެސް މި ދަފްތަރު އެކުލަވައިލައިފައިނުވާކަން އެޗްއާރްސީއެމްއިން ވަނީ ފާހަގަކޮށް ފައެވެ.
ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭންފަދަ ތަރައްގީގެ މަޝްރޫތައް ކުރިއަށް ގެންދިއުމުގައި، އެއްވެސް މީހަކު ބާކީ ނުވާނޭހެން ކަންކަން ރާވާ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާއާއި ޝާމިލުވުން ހިމެނޭގޮތައް އެފަދަ ކަންކަން ބައްޓަންކުރުމުގެ މުހިންމު ކަން އެޗްއާރުސީއެމް އިން ވަނީ ފާހަގަކޮށްފައެވެ. އެކަމަކީ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަޑިތައް ހާސިލުކުރުމަށް އެޅިގެންދާ މުހިއްމު ފިޔަވަޅެއްކަމަށް ވެސް އެކޮމިޝަނުން ފާހަގަކުރައްވައެވެ.