ޑިމޮކްރަސީ ކާމިޔާބު ނުވުމުގެ މައިގަނޑު ސަބަބަކީ ކޮރަޕްޝަނާއި ސިޔާސީ ޕާޓީތަކަށް އިތުބާރު ނެތުން: ދިރާސާ

ރާއްޖޭގައި ޑިމޮކްރަސީގެ އިސްލާހު ކާމިޔާބު ނުވުމުގެ މައިގަނޑު ސަބަބަކީ ކޮރަޕްޝަނާއި ސިޔާސީ ޕާޓީތަކަށް އިތުބާރު ނެތުން ކަމަށް ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ކުރި ދިރާސާއަކުން ދައްކައިފިއެވެ.

އެ ދިރާސާއިން ފާހަގަ ކުރެވުނު ކަންތަތަކުގެ ތެރޭގައި ޑިމޮކްރަސީގެ އިސްލާހީ ފިޔަވަޅުތައް ކާމިޔާބުނުމުގެ މައިގަނޑު ސަބަބަކީ  ކޮރަޕްޝަން ކަމަށް ދިރާސާގެ ބައިވެރިން 21 އިންސައްތަ ވަނީ ބުނެފައެވެ. ސިޔާސީޕާޓީތަކުގެ މެދުގައި އިތުބާރު ނެތުންކަމަށް ބުނެފައިވަނީ 20 އިންސައްތަ މީހުންނެވެ.

މިދިރާސާގައި ބައިވެރިންގެ 56.3 އިންސައްތަ މީހުން އަދުލު އިންސާފު ގާއިމްކުރުމުގެ ނިޒާމާމެދު ހިތްހަމަ ނުޖެހޭކަން ވަނީ ފާހަގަކޮށްފައެވެ. އަދުލު އިންސާފު ގާއިމްކުރުމުގެ ނިޒާމާމެދު އިތުބާރު ގެއްލިފައިވާ އެންމެ ބޮޑު ސަބަބެއްކަމަށްވެސް ބައިވެރިން ފާހަގަ ކޮށްފައިވަނީ ކޮރަޕަޝަނެވެ. އެއީ ބައިވެރިންގެ 39.2 އިންސައްތައެވެ.

މިދިރާސާއަކީ އެޗްއާރުސީއެމް އާއި ޔޫއެންޑީޕީ އާއި ފެމެލީ ޕްރޮޓެކްޝަން އެޖެންސީ ގުޅިގެން މިދިޔަ އަހަރު ކުރިއަށް ގެންދިޔަ ދިރާސާއެކެވެ. މިދިރާސާއަކީ15 އަހަރު ދުވަހުގެ ތެރޭގައި އިންސާނީ ހައްގުތަކުގެ ދާއިރާއިން ހާސިލްވެފައިވާ މިންވަރު ދެނެގަތުމަށް ކޮށްފައިވާ ދިރާސާއެކެވެ. މިއީ އިންސާނީ ޙައްޤުތަކާމެދު އާންމުން ދެކޭ ގޮތާއި އާންމުންގެ ހޭލުންތެރިކަން ހުރި މިންވަރު ދެނެގަތުމަށް ސިލްސިލާ ކޮށް ހިޔުމަންރައިޓްސް ކޮމިޝަނުން ކުރިއަށް ގެންދާ ދިރާސާތަކުގެ ތެރެއިން ދިރާސާއެކެވެ.

ދިރާސާ ކޮށްފައިވަނީ ރާއްޖޭގެ އެކި ސަރަޙައްދު ތަކުން ރެންޑަމްކޮށް ހޮވާލެވިފައިވާ 20 ރަށެއްގައެވެ. ދިރާސާގައި ޖުމުލަ 1160 މީހުން ބައިވެރިވެފައި ވެއެވެ.

މިދިރާސާއިން ފާހަގަ ކޮށްލެވޭ ހޯދުންތަކުގެ ތެރެގޭގައި ހިޔުމަންރައިޓްސް ކޮމިޝަނާ ދޭތެރޭގައި މީހުން ހޭލުންތެރިވެފައިވާ މިންވަރު 84.8 އިންސައްތައަށް ވަނީ އިތުރުވެފައެވެ. 2005ގައި ކުރި ދިރާސާއާ އަޅާބަލާއިރު 44 އިންސައްތަ ވަނީ އިތުރުވެފައެވެ. 2005 ގައި ހިޔުމަންރައިޓްސް ކޮމިޝަނާ ދޭތެރޭގައި މީހުން ހޭލުންތެރިވެފައިވާ މިންވަރު އުޅެނީ 40.8 އިންސައްތައިގައެވެ.

ދިރާސާގެ ބައިވެރިންގެ ތެރެއިން  ފަސް އިންސާނީ ޙައްޤެއް ބަޔާންކޮށްދެން އެނގިފައިވަނީ 36.5 އިންސައްތަ މީހުންނަށެވެ. މިއީ 2011 ގެ ދިރާސާއާ އަޅާ ބަލާއިރު 8.5 އިންސައްތަ ދަށް ޢަދަދެއްކަމަށް ފާހަގަ ކޮށްފައިވެއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.