މިއަދުގެ ކޮލަމުގައި ލިޔެލަން ގަސްދު މިކުރަނީ މިޒަމާނުގެ ތަޢުލީމީ ނިޒާމުގައި ސަމާލުކަން ދޭންވާ މިންވަރަށް ސަމާލުކަން ނުދެވޭ ކަމެއް ކަމުގައި ގިނަބަޔަކު ވާހަކަ ދައްކާ ކަމަކާ ބެހޭގޮތުންނެވެ. އެއީ ދަރިވަރުންގެ ކިބައިގައި އަޚުލާޤީ ސިފަތައް ނުވަތަ އަޚުލާޤިއްޔާތު އަށަގެންނެވުމާ ބެހޭގޮތުންނެވެ. މިއީ އަޅުގަނޑު އެންމެ ފުރަތަމަ ކުރި ދިރާސީ މަސައްކަތާއި ވެސް ގުޅުވައިގެން ލިޔެވިފައިވާ ލިޔުމެކެވެ. މި މަސައްކަތް ކުރެވުނީ 1999 ގައި މިސުރުގެ ގާހިރާގެ އިންޓަރނޭޝަނަލް ސްކޫލެއްގައެވެ. އެއީ އަޅުގަނޑު ފުރަތަމަ ޑިގްރީ ހާސިލުކުރުމަށްފަހު ހެދި ޕޯސްޓްގްރެޑްޖުއޭޓް ސްޓަޑީސްގައި ކުރެވުނު ދިރާސީ މަސައްކަތެކެވެ. އެ ދިރާސާގެ މައިގަނޑު މައުޟޫޢަކީ ކިޔަވައިދިނުމުގެ ތެރެއިން ދަރިވަރުންގެ ކިބައިގައި އަޚުލާޤީ ސިފަތައް ހަރުލައްވާނީ ކިހިނެއްތޯ ބެލުމެވެ. ކުއަލިޓޭޓިވްކޮށް ހެދުނު މި ދިރާސާގައި މުދައްރިސުންގެ ބަސްދީގަތުން ނަގައި، ކުލާސްރޫމް އޮބްޒަވޭޝަންގެ ތެރެއިން އަޚުލާޤިއްޔާތު އަށަގެންނެވުމަށް މުދައްރިސުން ކުރާ ތަފާތު ކަންކަން ހާމަވިއެވެ. މިގޮތުން ވާހަކަ ކިޔައިދިނުމާއި، ދަރިވަރުންނަށް ނަމޫނާ ދެއްކުމާއި، ދަރިވަރުންގެ ހިތުގައި އެއް ކުއްޖަކު އަނެއް ކުއްޖަކަށް ލޯތްބާއި އޯގާވެރިކަން އަދި ގުޅުން ބަދަހިވާފަދަ ތަފާތު ހަރަކާތްތައް ރޭވުމާއި، އެކި ކުދިންގެ ތަފާތު ބަލައިގަތުމާއި، އިހުތިރާމު ކުރުމާއި އިހުތިރާމު ލިބިގަނެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާ ކުރުންފަދަ ކަންކަން ކިޔަވައިދިނުމުގެ ތެރެއިން ރާވާކަން އެ މުދައްރިސުން ފާހަގަކޮށްފައިވެއެވެ. މިކަމުގައި އެންމެ ފަހުބަހަކަށް މުދައްރިސުން ހާމަކޮށްފައިވަނީ ތަޢުލީމު ދިނުމުގައި އަޚުލާޤީ ތަރުބިއްޔަތަކީ އެންމެ އިސްކަންދޭންޖެހޭ ކަންތައް ކަމުގައެވެ.
އަޚުލާޤީ ތަރުބިއްޔަތު މާނަކުރެވޭ ގޮތަށް ބަލާއިރު އެއީ ތުއްތު އިރުއްސުރެ ވަކި ކަހަލަ އަޚުލާޤީ ސިފަތަކެއް ކުއްޖާގެ ކިބައިގައި ހަރުލެއްވުމާ އެކު އެކަންކަން ކުރުމަށް އާދަކުރުވުމޭ ވެސް ދެންނެވިދާނެއެވެ. މިއީ އިސްލާމުދީނުގައި ޖީލުތައް ތަރުބިއްޔަތުކުރުމުގައި އެންމެ ބޮޑަށް ސަމާލުކަން ދިނުމަށް ގޮވާލާފައި އަސާސީ އެއްކަމެވެ. އަޚުލާޤުގެ މަޤާމު ރަސޫލުﷲ ޞަލައްﷲ ޢަލައިހި ވަސައްލަމް އެކަލޭގެފާނުގެ ރަސޫލުކަމުގެ ފަތްކޮޅުގައި ބަޔާންވެގެންވާ މަންހަޖެއް ގޮތުގައި ވަނީ ހާމަކުރައްވާފައެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. "ތިމަކަލޭގެފާނު ފޮނުއްވުނީ އަޚުލާޤީ މަތިވެރި ސިފަތައް ފުރިހަމަ ކުރެއްވުމަށެވެ" (ހަދީޘް އަޙުމަދު: 8595). މި ހަދީޘުން ދޭހަވާ ގޮތުގައި އިސްލާމުދީނުގެ މުޅި ދަޢުވާ ބިނާވެގެންވަނީ މަތިވެރި އަޚުލާޤުގެ ސިފަތަކުގެ މައްޗަށެވެ. ކީރިތި ރަސޫލާގެ ކުރިން އިސްވެ ވަޑައިގެންނެވި ކޮންމެ ނަބިއްޔެއް އަދި ރަސޫލެއް ވެސް ވަނީ އަޚުލާޤީ މަތިވެރި ސިފަތަކަށް ބާރު އަޅުއްވާފައެވެ. އެންމެ ފުރަތަމަ ފޮނުއްވުނު ނަބިއްޔާ އާދަމުގެފާނުއްސުރެ އެންމެ ފަހުގެ ރަސޫލާ މުޙައްމަދުގެފާނާ ހަމައަށް މި ކަމަށްވަނީ މާތް ރަސްކަލާނގެ ފޮނުއްވި ރިސާލާތުތަކުގައި ބާރު އަޅުއްވާފައެވެ. ކީރިތި ރަސޫލާގެ ޚުލުޤުފުޅު ވަނީ ކީރިތި ޤުރުއާނުގައި ބަޔާންވެފައިވާ ހުރިހާ ސިފަތަކަކުން ޒީނަތްތެރި ކުރެވިފައެވެ. މިކަން ހާމަވަނީ ކީރިތި ރަސޫލާގެ ޚުލުޤުފުޅާ ބެހޭގޮތުން ޢާއިޝަތުގެފާނާއި ސުވާލު ކުރެވުނު ހިނދު ވިދާޅުވި ބަސްފުޅުންނެވެ. އެ ބަސްފުޅަކީ "އެކަލޭގެފާނުގެ ޚުލުގުފުޅަކީ ކީރިތި ޤުރުއާނެވެ."
ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމު ގައުމަކަށްވުމުން، އަޅުގަނޑުމެންގެ ސަގާފަތުގައި ވެސް އަޚުލާޤިއްޔާތަށް ނުހަނު ބޮޑު އަހަމިއްޔަތުކަމެއް ދީފައިވާ ކަމީ ތާރީޚުގެ ތެރެއިން ފެންނަން އޮތް ހަޤީޤަތެކެވެ. އަޅުގަނޑުމެންގެ ޖީލުތައް އެއްޖީލުން އަނެއްޖީލަށް ތަރުބިއްޔަތުކޮށްފައިވަނީ މިދެންނެވި އަޚުލާޤީ މިންގަނޑުތައް، އެއީ އަސާސަކަށް ބަލަމުންނެވެ. އަޅުގަނޑުމެން ބޮޑުވަމުން އައި އިރު ތިމާއަށް ވުރެ ބޮޑެތި މީހުންނާއި ވާހަކަ ދައްކަން ޖެހޭގޮތްތަކާއި، އަދަބު އިހުތިރާމު އަދާކުރަން ޖެހޭ ގޮތްތަކާއި، މައިންބަފައިންނަށް ކަމޭހިތުމާއި މީހުންގެ ތެރޭގައި އުޅޭއިރު ހިފަހައްޓަންޖެހޭ ގިނަ ގުނަ އުސޫލުތަކެއް ތާއަބަދު ހަދާންކޮށް ދެއެވެ. މިހާރުގެ ގައުމީ މަންހަޖުގައި ވެސް އަޚްލާޤިއްޔާތު ދަސްކޮށްދިނުމަށް ނުހަނު ބޮޑަށް ސަމާލުކަންދީ ބާރުއަޅައިފައިވާ ކަން ވަރަށް ބޮޑަށް ފާހަގަ ކުރެވެއެވެ. ނަމަވެސް ތަޢުލީމީ ދާއިރާގެ މުހައްލިލުން ދައްކަވާ ވާހަކަތަކާއި އަދި ދަރިވަރުންގެ ކިބައިން ފެންނަ މަންޒަރުތަކުން މި ދެންނެވި އަޚުލާޤިއްޔާތު އެންމެ ފުރިހަމައަށް އަށަގަންނަމުން ނުދާކަން ހާމަވެއެވެ. އެހެންކަމަށްވާނަމަ މިކަން އަޅުގަނޑުމެންގެ ދަރިވަރުންގެ ކިބައިން އުނިވަމުންދާކަން، ނެތެމުންދާކަން، ފާހަގަ ކުރެވެނީ ކީއްވެގެންތޯ ބަލައި، އަޅުގަނޑުމެން މުދައްރިސުން މިކަމާ މެދު ސަމާލުވާންޖެހެއެވެ. ފަހަރުގައި ޒަމާންބަދަލުވެ އަޚުލާޤިއްޔާތު ދަސްކޮށްދޭން ކުރިން ބޭނުންކުރި ގޮތްތަކަކީ މިޒަމާނުގައި އެކަން ކުރުން އެންމެ އެކަށޭނަގޮތްތަކަށް ނުވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އެންމެން ވެސް ގަބޫލުކުރާ ހަޤީޤަތަކީ ޒަމާން މިވަނީ އެތައް ގުނައަކަށް ފުށުންޖެހި ބަދަލުވެފައިކަމެވެ. އަޅުގަނޑުމެންގެ މި ޒަމާނުގެ ތަޢުލީމު ފެށުމުގެ ކުރީގެ ޖީލުތަކުގައި ކުޑައިރު 'ދުރޫސްލް އަޚުލާޤު' މި ފޮތް، ހިތުދަސްކޮށް ކިޔައިދިނުމަކީ އޭރުގެ ތަޢުލީމީ ނިޒާމުގައި ވަރަށް ޢާއްމުކޮށް ކުރެވޭ ކަމެކެވެ. ގޭތެރޭގައި ނަމޫނާދެއްކުން، ކަންކަމުގައި ގެންގުޅެން ޖެހޭ ރަނގަޅު އަޚުލީޤިއްޔާތުގެ ކަންކަމަށް ގިނަގިނައިން ހަދާން ކޮށްދިނުން، ކަންކަން މަނާކުރުން، ބައެއް ފަހަރު އަދަބުވެސް ދިނުން ފަދަ ކަންކަމަކީ އަޅުގނޑުމެންގެ ޖީލުތަކުގައި ހަތްދިހައާއި އަށްޑިހައިގެ އަހަރުތަކުގައި ބޮޑުވަމުން އައި ހުރިހާ ކުދިން ވެސް ހަނދާން ހުންނާނެ ކަންތައްތަކެވެ. ދަންނަވަން މިއުޅެނީ ކޮންމެހެން އަޚުލާޤިއްޔާތު ދަސްކޮށްދިނުމަށް އޭރުގައި ގެންގުޅެވުނު ގޮތްތައް މިހާރަށް އެންމެ އެކަށޭނަވާނެއެކޭ ނޫނެވެ. ނަމަވެސް ޒަމާން ބަދަލުވެ ކަންކަން ބަދަލުވަމުންދާއިރު، ތަޢުލީމީ ނިޒާމުގެ އެކި ކަންކަން ވެސް ބަދަލުވަމުންދާ ބީދައިން އަޚުލާޤިއްޔާތު ދަސްކޮށްދިނުމަށް ގެންގުޅެންވީ އެންމެ ރަނގަޅު ގޮތްތަކާއި އުސޫލުތައް ތަޢުލީމީ ނިޒާމުތެރޭގައި ބެލެންޖެހޭ ވާހަކައެވެ.
ދުނިޔޭގެ ބައެއް ގައުމުތަކުގައި ވެލިޔުސް ކިޔަވައިދިނުމަކީ މުޅި ތަޢުލީމީ ނިޒާމުގެ އެންމެ ބޮޑު އަސާސެވެ. މިސާލަކަށް ޖަޕާން ފަދަ ގައުމަކަށް ބައްލަވައި ލައްވާށެވެ. ބެމްކިން (2018) ހާމަކުރައްވާ ގޮތުގައި ޖަޕާނުގެ ތަޢުލީމީ ނިޒާމުގައި ދަރިވަރުންގެ އުނގެނުން ފެށެނީ ޝަޚުޞިއްޔަތު ބިނާކޮށް އަޚުލާޤީ ވެލިޔުސްތައް ދަސްކޮށްދިނުމުގެ ތެރެއިންނެވެ. ތަންކޮޅެއް ކުރިން ޖެކޮބީ (2006) ގެ ދިރާސާއެއްގައި ވެސް ޖަޕާން ފަދައިން ނޯރވޭގައި ވެސް ތަޢުލީމީ ފުރަތަމަ މަރުހަލާތަކުގައި ޝަހުޞިއްޔަތު ބިނާކޮށް ވެލިޔުސް ދަސްކޮށްދިނުމަށް ޚާއްޞަ ސަމަލާކަމެއް ދޭ ވާހަކައަށް އިޝާރާތްކުރައްވާފައިވެއެވެ. ޖެކޮބީ (2006) އިތުރަށް ހާމަކުރައްވާ ގޮތުގައި ޖަޕާން އަދި ނޯރވޭގެ ތަޢުލީމީ ނިޒާމުގައި އެ މީހުންގެ ސަގާފީ ވެލިޔުސް/އަގުތައް އަދި އަޚުލާޤިއްޔާތު ދެމެހެއްޓުމަށް ޓަކައި ފަށާތަޢުލީމުގެ ހުރިހާ މުޤައްރަރުތަކެއްވަނީ އެއަށް އަމާޒު ކުރެވިފައެވެ. ޢާއްމުކޮށް ދުނިޔޭގެ ގިނަ ގައުމުތަކުގައި އެންމެ ފުރަތަމަ ތަޢުލީމީ ބިންގާ ކަމަށް ބެލެނީ ލިޔެކިޔުމާއި ހިސާބުގެ ޢިލުމުގެ ހުނަރަށް ސަމާލުކަން ދިނުމެވެ. ނަމަވެސް ފާހަގަ ކުރެވޭ ކަމަކީ، ކުރީގެ އެތައް ޢިލުމުވެރިންނެއްގެ ތަޢުލީމީ ނިޒާމުގެ ވިސްނުންތަކާ ބެހޭ ގޮތުން ބަހުސްކުރައްވާ އެންމެ މުހިންމު އެއްކަމަކީ ވެލިޔުސް ނުވަތަ އަޚުލާޤިއްޔާތު ދަސްކޮށްދިނުން ކަމުގައި ބަޔާންކުރައްވާފައިވާ ގިނަގުނަ ލިޔުންތައް ފެންނަން ހުރިކަމެވެ. މީގެ ތެރެއިން ޚާއްޞަކޮށް ޑިއުވޭ (1916) ހާމަކުރައްވާ ގޮތުގައި ތަޢުލީމު ދިނުމުގެ އެންމެ މުހިންމު ކަމަކީ ރަނގަޅު ކަރެކްޓަރ/ޝަޚްޞިއްޔަތެއް ބިނާކޮށް ހަރުދަނާ ވެލިސްތައް ދަރިވަރުންނަށް ދަސްކޮށްދިނުމެވެ. މިފަދަ ވެލިއުސް ދަސްކޮށްދިނުން ކަމަށް ބެލެވެނީ އެއުޅޭ މުޖުތަމަޢެއްގައި އެންމެންގެ މެދުގައި އަމާންކަމާއި އޮމާންކަމާ އެކު ހައްގުތަކަށް ރައްކައުތެރިވާ، މުޖުތަމަޢުގެ އިންތަކާއި މިންތައް ދަންނަ ފަރުދެއް ބިނާކުރުމެވެ (ޖެކޮބީ، 2006). ޚާއްޞަކޮށް، ޑުއިވޭ (1916) ގެ ލިޔުންތަކުގައި ބާރުއަޅުއްވާފައިވާގޮތުގައި ޑިމޮކްރޮސީ އުނގަންނާދިނުމަކީ ހަމައެކަނި ސަރުކާރެއްގެ ކަންކަން ރާވައި ހިނގާ ގޮތް ދެނެގަތުމަށް ވުރެ ބޮޑަށް، މީހުންގެ ހައްގުތަކާއި ޢާއްމު އުސޫލުތަކާއި މުޖުތަމަޢުގެ އިންތަކާއި މިންތައް އެނގި އިހުތިރާމު ލިބިދޭ، އެކަކަކު އަނެކަކަށް އިހުތިރާމު ކުރާ މުޖުތަމަޢެއް ހާޞިލުކުރުމަށް އުނގަންނައިދެވޭ ބައިތަކެކެވެ. ޑިމޮކްރޮސީ ކިޔަވައިދިނުން މި މާނަ ކުރަނީ، މުޖުތަމަޢުގައި ހިފަހައްޓަންޖެހޭ ވެލިޔުސްއާއި އަޚުލާޤު ދަސްކޮށްދިނުމަށެވެ. މިހާ ކުރީގެ ޢިލުމުވެރިންގެ ލިޔުންތަކުގައި ވެސް މިކަމަށް އިޝާރާތް ކުރެވިފައިވަނީ ރައްޔިތުން އެއް ބަޔަކު އަނެއް ބަޔަކު އަމާންކަމާ އެކު ރައްކައުތެރި ދިރިއުޅުމެއް އުޅެވޭ ފަދަ މުޖުތަމަޢެއް ބިނާކުރުމުގެ އަސާސީ އެއް ބިންގަލަކީ މީހުންގެ އަޚުލާޤިއްޔާތު ކަމަށް ވުމެވެ. ކުރީގެ ފިލޯސަފަރުންގެ މި ވިސްނުންތަކުން އަންގައިދެނީ ތަޢުލީމީ ނިޒާމުގައި އަޚުލާޤިއްޔާތު ހިމަނައިގެން އުނގަންނައިދިނުން ރޭވުމުގެ މުހިންމުކަމެވެ. ޒަމާނާ އެކު އަޚުލާޤިއްޔާތަށް އަންނަމުންދާ ބަދަލުތަކާ ގުޅޭގޮތުން ގްރީން (1996) ބަޔާންކުރައްވާ ގޮތުގައި މިހާރުގެ މުޖުތަމަޢުތަކުގައި ފަރުދީ ވިސްނުންތައް ޢާއްމުވެ، ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަމުންދާ ބަދަލުތަކާ އެކު، މީހުންގެ އަޚުލާޤިއްޔާތަށާއި މީހުންގެ ތެރޭގައި ގަބޫލުކުރެވޭ ކަންކަމަށާއި ދޭދެ ފަރުދުންގެ މެދުގައި ހިފެހެއްޓޭ އިންތަކާއި މިންތަކަށް މި ވަނީ ނުހަނު ބޮޑެތި ބަދަލުތައް އައއިސްފައެވެ. އެކަކު އަނެކަކަށް ހިމާޔާތްދިނުމާއި ރައްކާތެރިކަން ހޯދައިދިނުން ފަދަ ކަންކަމަކީ، މި ޒަމާނުގެ ފަރުދީ (އިންޑިވިޖުއަލިޒަމް) ސޮސައިޓީގައި އެހާ އާންމުކޮށް ފެންނަ ކަންކަމެއް ނޫނެވެ. މިއީ އެއް މުޖުތަމަޢެއް ގޮތަށް ދިރިއުޅުމުގައި މީހުންގެ ވެލިޔުސް/އަޚުލާޤިއްޔާތަށް ބަދަލުގެނުވި މައިގަނޑު އެއް ސަބަބެވެ. މިފަދަ ޚިޔާލުތަކާ މެދު ފުންކޮށް ވިސްނައިފިނަމަ، އަޚުލާޤިއްޔާތު އުނގަންނައިދިނުމުގެ ބޭނުންތެރިކަން ނުހަނު ބޮޑަށް ހާމަވެއެވެ. ތަޢުލީމީ މަރުހަލާތައް ނިންމާފައި ނުކުންނަ ދަރިވަރުންގެ ސުލޫކިއްޔާތާ މެދު އެތައް ބަޔަކު މިދަނީ ސުވާލު އުފައްދަމުންނެވެ. ފަރުދީކަންކަމަށް މާ ބޮޑަށް ސަމާލުވެ، ގިނަމީހުންގެ ހައްގުތަކާއި އިންތަކަށް ދެވޭ ސަމާލުކަން ދަނީ ކުޑަވަމުން ކަން ތަފާތު ސޯޝަލް މީޑިއާތަކާއި އެކި އެކި ބަހުސްކުރެވޭ ފޯރަމްތަކުގައިވެސް މީހުންގެ ޚިޔާލު ބަދަލުކުރެވެމުންދެއެވެ. އެހެންގޮތަކަށް ދަންނަވާނަމަ ހަރުދަނާ އަޚުލާޤިއްޔާތު/ކަރެކްޓަރ ދަރިވަރުންގެ ކިބައިން ނުފެންނަ ކަމުގެ ޝަކުވާތައް ދަނީކުރެވެމުންނެވެ. ޢާއްމު ދިރިއުޅުމުގައި، މިކަމުގެ ހަޤީޤަތްތައް، އަޅުގަނޑުމެންނަށް ވެސް ފެންނަކަން ގިނަ ބަޔަކު ގަބޫލުކުރާނެއެވެ. މިސާލަކަށް، ވަރަށް އާދައިގެ ކަންކަމަށް ބަލާއިރު، ތިމަންނަގެ މިނިވަންކަން ކަމުގައި ދެކި މައިންބަފައިން، މުދައްރިސުން، އަދި ގޭގެ ތިބޭ މުސްކުޅިފުރައިގެ ޢުމުރުގެ މީހުންނަށް ދެވޭ އިހުތިރާމާއި މުޢާމަލާތް ކުރެވޭ ގޮތް ކުރިޔާ އަޅާއިބަލާއިރު ހާސްބައި ތަފާތެވެ. އަޅުގަނޑު ދަންނަވަން މިއުޅެނީ ކޮންމެ މުޖުތަމަޢެއްގައި ވެސް އެ މުޖުތަމަޢެއްގެ ގަދަރުވެރިކަން އުފުލިގެންދަނީ އަދި އެއްބައިވަންތަކަން ދެމިގެންދަނީ އެއްބަޔަކު އަނެއް ބަޔަކަށް އޮންނަ މުޢާމަލާތްތަކާއި ގުޅުންތަކަށް އިހުތިރާމު ކުރެވި އިހުތިރާމު ލިބިގަނެވޭނެ ގޮތްތައް ހޯދައިގެންނެވެ. މިފަދަ ކަންކަމަކީ ވަރަށް އާދައިގެން ކަންކަމުގައި ބަލައިގަނެވުނު ނަމަވެސް އޭގެ އަސަރުތައް ޖީލުތަކަށް ކުރާނެ ކަންކަމެވެ.
ޢިލުމުވެރިން ދެކޭގޮތުގައި އަޚުލާޤީ ސިފަތައް އަށަގަންނަންފަށަނީ އެންމެ ޅަފަތުގައެވެ. މިސިފަތައް ލިބިގަންނަން ފަށަނީ އެކުދިންގެ މައިންބަފައިންނާއި މުދައްރިސުންނާ އަދި އެމީހުންގެ ވަށައިގެންއުޅޭ ބޮޑެތި މީހުންގެ ފަރާތުންނެވެ. އެންމެ ތުއްތު އިރު ރަގަޅު ނުބައި އެކުދިން ސިފަކުރާގޮތާއި ބޮޑެތިމީހުން އެކަން ސިފަކުރާގޮތް ތަފާތެވެ. މިގޮތުން ރަގަޅަކީ ބޮޑެތިމީހުން ކުރަން ބާރު އަޅާ އަދި ނުބައިކަންތަކަކީ، ބޮޑެތިމީހުން ކުރުން މަނާ ކުރާ ނުރުހޭ ކަންކަމުގައި ދެކެއެވެ. އެންމެ ތުއްތު ޢުމުރުފުރާއިގައި އަޚުލާޤިއްޔާތު އަށަގަންނަނީ، އެކަމާމެދު މާ ބޮޑު ފިކުރެއް ވިސްނުމެއް ވެސް ނެތި، ހަމައެކަނި އެކަން ފެންނަ ގޮތަށް ނުވަތަ އެހެން މީހުން ބުނާގޮތްގޮތަށް ކަންކަން ކުރުމުގެ ތެރެއިން ނުވަތަ ކިޔަމަންތެރިކަން އަދާކުރުމުގެ އާދަ ހަރުލުމުގެ ސަބަބުންނެވެ. ނަމަވެސް ޢުމުރުން ދުވަސްވާވަރަކަށް ކަންކަމާ މެދު ފިކުރުކުރެވި ވަކި ކަމެއް ކުރަން ޖެހެނީ ކީއްވެގެން ކަމާ މެދު ކުއްޖާގެ ހިތުގައި ވިސްނުން ތަރައްގީވަމުން ޚިޔާލުތައް ބަދަލުވަމުން ދެއެވެ. (އާދަމް، 2012). މިކަމުގައި އެންމެ ރައްކާތެރިވާން ޖެހޭ ކަމަކީ ކުއްޖާއަށް ނަޞޭހަތްލައިދީ ކުރަން ބާރު އަޅާ ކަންކަމާއި އޭނާގެ ވަށައިގެންވާ މުޖުތަމަޢުގައި ކަންކަން ފެންނަ ގޮތް ތަޢާރުޟުވިޔަ ނުދިނުމަށެވެ. މިގޮތުން ތުއްތުކުދިން ނަމޫނާ ކަމަށް ދެކޭ މީހުންގެ ފަރާތުން ތަޢާރުޟުވާ ސިފަތައް ފެންނަ ނަމަ ކުދިންނަށް ކިޔައިދޭ ރަނގަޅު ސިފަތައް ޤަބޫލކޮށް، ބަލައިގަތުން ދަތިވާނެއެވެ.
އާދަމް (2012) ލިޔުއްވާފައިވާ ގޮތުގައި ކުދިންގެ އެންމެ ޅަ ޢުމުރުގައި ނަފުސުގެ ޟަމީރު އަށަގަންނަން ފަށައެވެ. އަދި ހަމައެހެންމެ ދީނީ ޝުޢޫރުތައް ބިނާވާން ފަށައެވެ. މިގޮތުން މައިންބަފައިންނާއި މުދައްރިސުންގެ ފަރާތުން އެކަންކަމަށް ބާރު އަޅާ ކަންކަމާއި، ދުރުހެލިވާން ބުނާކަންކަމުން ދުރުހެލިވުން ފެށެނީ މިދެންނެވި ޟަމީރު އަށަގަތުމުގެ ތެރެއިންނެވެ. މިކަމަށް އިޝާރާތްކުރައްވާ ތަފާތު ސައިކޮލޮޖިސްޓުންގެ ނަޒަރިއްޔާތުތަކަށް ބަލާއިރު، ކުދިންގެ ޢުމުރުފުރާއާ އެކު އަޚުލާޤިއްޔާތު ތަރައްޤީވާ ގޮތްތަކަށް ބަދަލުތަކެއް އާދެއެވެ. މިސާލަކަށް ޢުމުރުން 7 އަހަރު ނުވަތަ 8 އަހަރުގެ ކުދިންގެ ވިސްނުން ބޮޑަށް ބަރޯސާވަނީ ފެންނަ ކަންކަމަށް ބަލައި، ގޮތް ނިންމޭ އުސޫލުގެ ތެރެއިންނެވެ. އޭގައި ފޮރުވިފައިވާ ކަންކަމާއި ލިބިދާނެ ފައިދާއާއި ގެއްލުން ނުވަތަ ވެދާނެ ގޮތްގޮތާ މެދު ވިސްނާލުމެއް ނެތިއެވެ.. ޕިއާޖޭ (1965) ފާހަގަކުރައްވާ ގޮތުގައި މި ޢުމުރުގެ ކުދިންގެ އަޚުލާޤީ ކަންކަމަށް ވަކި ގޮތަކަށް ޙުކުމު ކުރެވެން ފެށެނީ، ފެންނަ ފެނުމަށް ޙުކުމް ކުރެވޭ އުޞޫލުގެ ތެރެއިންނެވެ. މާނައަކީ ތަފާތު ގޮތްގޮތަށް ވިސްނުމުގެ ބަދަލުގައި ހަމައެކަނި ކަޅު ނުވަތަ ހުދު ކަމަށް ބެލުމެވެ.. މި ދެކުލައިގެ މެދަށް އަންނަ އަޅިކުލައެއް ނާދެއެވެ. އެހެން ގޮތަކަށް ދަންނަވާނަމަ، ކޮންމެ ކަމެއްގައި ވެސް ހަމައެކަނި ރަނގަޅު ނުވަތަ ހަމައެކަނި ނުބައެވެ. އަދި އެދެމެދުގައިވާ ހިމެނިދާނެ އެހެންކަމެއް ނުވިސްނައެވެ. އެންމެ ތުއްތު އިރު މައިންބަފައިންނާއި މުދައްރިސުން ރަނގަޅޭ ބުނާ ކޮންމެ ކަމެއް ރަނގަޅު އަދި ނުބައޭ ބުނާ ކޮންމެ ކަމެއް ނުބައިކަމަށް އެކުދިން ގަބޫލުކުރެއެވެ. ނަމަވެސް ޢުމުރުން 10 އަހަރުން މަތީގެ ކުދިންގެ ވިސްނުން ބޮޑަށް ގުޅިފައިވަނީ އެކަމެއް ކުރުމުގެ ނިޔަތާ އި ޤަޞްދަށް ބަލައިގެންނެވެ. މިޢުމުރުގައި ކުރެވޭ މުޢާމަލާތްތަކާއި، ބަލަންޖެހޭ އުސޫލުތަކާއި، ހިފަހައްޓަންޖެހޭ މިންގަނޑުތަކާއި ގޮތްތަކަށް އަދި ޤަވާޢިދުތަކަކީ ބަދަލު ގެނެވިދާނެ ކަންކަން ވިސްނާ ގަންނަން ކުދިންނަށް ސިކުނޑިތައް ގާބިލުވެއެވެ (ޕިއާޖޭ، 1965). މާނައަކީ ދަރިވަރުންގެ ކިބައިގައި ވަކި ޚާއްޞަ ސިފަތަކެއް އަށަގެންނެވުމަށް ބޭނުންނަމަ، އެކަންކަމާއި ބޭހޭގޮތުން ދަރިވަރުންނާއި މަޝްވަރާކުރެވި ވާހަކަދައްކާ ޚިޔާލުފާޅުކުރުމުގެ ފުރުޞަތު ދެވެންޖެހެއެވެ. މިކަންކަމުގެ އިތުރުން އަޚުލާޤިއްޔާތު ބައްޓަންކުރެވޭނެ ގޮތްތަކުގެ ތެރޭގައި ފާހަގަކޮށްލެވޭ އިތުރު ދެތިން ކަމެއް ހިމަނަލާނަމެވެ.
* މުޖުތަމަޢުގެ އުޞޫލުތައް ދެނެގަތުމަށް އެހީތެރިވެދިނުން: ދަރިވަރުން ޢުމުރުން 10 އަހަރުވަމުންދާ އިރު މުޖުތަމަޢުގެ އުސޫލުތައް ދެނެގަތުމުގެ ގާބިލުކަން ލިބިދެއެވެ. ޚާއްޞަކޮށް އެއް ކުއްޖަކު އަނެއް ކުއްޖަކަށް ހެޔޮ ނިޔަތުގައި ރަނގަޅު މުޢާމަލާތު ކުރުމަށް ފުރުޞަތު ފަހިކޮށްދިނުމާއި، އެކަމަށް ބާރުއަޅާ ދެމެހެއްޓެނިވި ގޮތަކަށް އެކަން ގާތުން ބަލައި އޮބްޒަރވުކޮށް ހެދުމެވެ. މީގެން ސަބަބުން ކުދިންގެ ޢާއްމު ދުޅަހެޔޮކަން ރަނގަޅުވުމުގެ އިތުރުން، އަޚުލާޤީ އެތައް ސިފަތަކެއް ތަރައްގީވުމަށް އެހީތެރިވެދޭނެއެވެ.
* ކުދިންނާއެކު ބެލެނިވެރިން އަދި މުދައްރިސުންގެ އޮންނަ ގުޅުންތަކުން: ކުދިންގެ ކިބައިގައި ވަކި ކަމެއް ހަރުލެއްވުމުގައި އަދި އެކަމެއް ކުރުވާ ގޮތް ވަރަށް ބޮޑު ދައުރެއް އަދާ ކުރެއެވެ. ކުއްޖާއާމެދު އެކަމެއް ކުރުވުމުގައި ކަންކުރެވޭ ގޮތް ނުވަތަ މުޢާމަލާތު ކުރުމުގައި ގެންގުޅެވޭ އުޞޫލުތައް ވެސް މިކަމަށް ނުހަނު ބޮޑަށް އަސަރުކުރެއެވެ. މީގެ މާނައަކީ ދަރިވަރުން ގާތުގައި އެއްކުއްޖަކު އަނެއް ކުއްޖަކަށް އިހުތިރާމު ކުރަން ބާރު އަޅާއިރު މުދައްރިސު އަދި ބެލެނިވެރިޔާ ވެސް ވާންޖެހޭނީ ސީދާ އެކުދިންގެ ކަންކަމަށް އިހުތިރާމު ކުރާ އެބުނާ ޢަމަލު އެމީހުންގެ ސުލޫކުން ވެސް ނަމޫނާ ދެއްކޭ ބަޔަކަށެވެ. މިދެންނެވި ދެކަމަކީ ވެސް އަޚުލާޤިއްޔާތު އަށަގެންނެވުމުގައި އުނގަންނައިދިނުން ރޭވޭ ގޮތުގެ ތެރެއިން މުދައްރިސުންނާއި އަދި ބެލެނިވެރިންނަށް ވެސް ސަމާލުވެވިދާނެ ކަންކަމެވެ.
* ވާހަކަކިޔާދިނުމުގެ ތެރެއިން: ދަރިވަރުންގެ ކިބައިގައި ހަރުލައްވަން ބޭނުންވާ ތަފާތު ކަންކަމާ ގުޅޭ ގޮތުން ވާހަކަ ކިޔައިދީ، ވާހަކަ ކިޔަން ފުރުޞަތުދީ ހެދުން މިއީ ވަކި ކަހަލަ އަޚުލާޤިއްޔާތު އަށަގެންނެވުމަށް ވަރަށް ބޮޑަށް އެހީތެރިވެދޭ ކަމެކެވެ. ވާހަކަ އަޑުއެހުމަކީ ހުރިހާ ޢުމުރުފުރައެއްގެ ކުދިން ވެސް ގަޔާވާ ކަމެކެވެ. އަދި ޚާއްޞަކޮށް ތުއްތުކުދިންނަކީ ވާހަކަ އަޑުއެހުމަށް ޚާއްޞަ ޝައުޤުވެރިކަމެއް ހުންނަ ބައެކެވެ. ވާހަކައިގެ ތެރެއިން ކުދިންގެ އިޖުތިމާޢީ ގޮތުންނާއި ނަފުސާނީ ގޮތުން ދުޅަހެޔޮކޮށް ތަރައްޤީވުމަށް އެހީތެރިވެދެއެވެ. ޚާއްޞަކޮށް އަޚުލާޤީ ސިފަތައް ކުދިންގެ ކިބައިގައި އަށަގެންނެވުމަށް ވާހަކަ ބޭނުންކޮށްގެން ކިޔަވާދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ (އާދަމް، 2012؛ ކުއެން، 2011). ވާހަކަ ކިޔާދޭއިރު މޫނުމަތީގެ ކުލަވަރުތަކާއި ހަށިގަނޑުގެ ޙަރަކާތްތަކާއެކު ދަރިވަރުން ބައިވެރިކޮށްގެން ކިޔާދިނުމަކީ ކުދިންގެ ސިކުޑީގައި އެސިފަތައް އަށަގަތުމަށް ވަރަށް ބޮޑަށް އެހީތެރިވެދޭ ގޮތްތަކެވެ. އާދަމް (2012) އިރުޝާދުދެއްވާ ގޮތުގައި އެންމެ ތުއްތު އިރު ވާހަކަ ކިޔާދިނުމުގައި ގެންގުޅެވިދާނެ ބައެއް އުކުޅުތައް ފާހަގަކުރެވެއެވެ.
* އުފެއްދުއްތެރި ގޮތް ހުރުން: ވާހަކަ ކިޔާދޭއިރު ބޭނުންކުރާ ބަހުރުވައާއި ގެންގުޅޭ ގޮތްތައް ޚާއްޞަ ފާހަގަކޮށްލެވޭ އުފެއްދުންތެރި ގޮތް ބޭނުންކޮށްގެން ކިޔައިދިނުން
* އަޑު ގެންގުޅުމުގެ ހުނަރު: ވާހަކަ ކިޔާދޭއިރު ދަރިވަރުންގެ ޢުމުރާއި އެކުދިންގެ މާހައުލާ ގުޅޭ ގޮތަށް ޝައުޤުވެރިވާ ގޮތްތައް ބޭނުންކޮށްގެން ވާހަކަ ކިޔާދިނުން
* ހަށިގަނޑުގެ ޙަރަކާތް: ވާހަކަ ކިޔާދޭއިރު ހަށިގަނޑަށް އަންނަ ޙަރަކާތުގެ ބަދަލުތަކާއި ބަނޑިތަކާއި ލެނބުންތަކާއި މޫނަށް ހަދާ ގޮތާއި މިހުރިހާ ކަންކަމަކީ ވާހަކަ ކިޔައިދޭއިރު ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަންކަމެވެ.
* ވާހަކަ ކިޔާދޭއިރު މައިގަނޑު ފޯކަސް ހަނދާންނައްތާ ނުލާ ތަފާތު ކަންކަމާއި ކުދިންނާއި ގުޅުވައިގެން ކިޔައިދިނުން
* ވާހަކަ ކިޔާދޭއިރު ޑައިލޮގް ފަދަ އުކުޅުތައް ބޭނުންކޮށްގެން ކިޔައިދިނުމުން ވާހަކައަށް ކުދިންގެ ޝައުޤުވެރިކަން އިތުރުވެއެވެ. ހަމަ މިގޮތުން ކިޔައިދޭ ވާހަކައިގައި ކުދިންގެ ޢުމުރާއި ގުޅޭ ފޮޓޯތައް ހިމެނިފައިވުން ވަރަށް މުހިއްމުވާނެއެވެ. ފުރަތަމަ ވާހަކަ ކިޔައިދޭން ފުށުމަށްފަހު ކުދިންނަށް ފޮތުގައިވާ ފޮޓޯ ދައްކާލާ އެފޮޓޯއާ ބެހޭ ގޮތުން ވާހަކަ ދައްކައި، ކުދިން ވާހަކައިގެ ތެރެއަށް ވެއްދުން މުހިއްމުވާނެއެވެ. ވާހަކައިގެ ބައެއް ބައިތަކަކީ މުދައްރިސް ކިޔައިދޭ ބައިތަކަށް ހަދައި އަނެއް ބައިތަކަކީ ވީގޮތް ދަރިވަރުން ބުނަންޖެހޭ ނުވަތަ މުދައްރިސުން އެކުދިންނާއެކު ދައްކާ ވާހަކަތަކުން އަންނަން ޖެހޭ ބައިތަކަކަށް ހެދިދާނެއެވެ. މިގޮތަށް ވާހަކަ ކިޔައިދިނުމުން ދަރިވަރުން ތިބޭނީ ވާހަކައާއި ވަރަށް ބޮޑަށް ވަދެފައެވެ. މިދެންނެވުނު ގޮތްތަކަކީ ޚާއްޞަކޮށް ތުއްތުކުދިންނަށް އުނގަނައިދޭއިރު އަޚްލާޤިއްޔާތު ހިމެނުމަށް ކުރެވިދާނެ ވަރަށް ފަސޭހަ އެހާނމެ ކާމިޔާބު ގޮތްތަކެކެވެ.
މިއަދުވެސް މިހުށަހަޅައިލެވުނީ ތަޢުލީމު ދިނުމުގައި އަޅުގަނޑުމެން މުދައްރިސުންނާއި ބެލެނިވެރިން ވެސް ސަމާލުވާންޖެހޭ ޢާއްމު، އެހެނަސް މުހިންމު ކަމެކެވެ. ބައެއްފަހަރު ވަރަށް އާދައިގެ ކަންކަން ކުރެވޭގޮތުން ވެސް ދަރިވަރުންގެ ކިބައިގައި ވަކިކަހަލަ އަޚުލާޤިއްޔާތެއް އަށަގެންނެވުމުގައި ބުރޫ އަރާފާނެއެވެ. މިކަމުގައި އެންމެ ބޮޑަށް ސަމާލުވާން ޖެހޭ ބަޔަކީ މުދައްރިސުންނާއި ބެލެނިވެރިންނެވެ. އަޚުލާޤިއްޔާތު ތަރައްޤީކޮށް އަށަގެންނުވޭނީ މި ދެފަރާތް އެއްކައްޗެއް ކިޔައިގެން، އަދި އަތުގުޅައިލައިގެން މިކަމަށް މަސައްކަތް ކޮށްގެންނެވެ. އަޚުލާޤިއްޔާތަކީ އެއްފަހަރާ ކިޔަވައިދެވޭ އެއްޗަކަށްވުރެ ބޮޑަށް އަށަގަންނުވަން މަސައްކަތްކުރެވޭ ދާއިމީގޮތެއްގައި ބަލާ މޮނިޓަރކޮށް އަބަދުމެ ހަނދާންކޮށްދިނުމުގެ ތެރެއިން ކުރެވޭ ކަމަކަށް ހެދުން މުހިންމެވެ. އަދި ހަމައެހެންމެ އަޚުލާޤިއްޔާތު އުނގަނައިދިނުމަކީ ހަމައެކަނި މައިންބަފައިން ނުވަތަ މުދައްރިސުންގެ ޒިންމާއެއް ނޫނެވެ. ދެފަރާތް އެއްވަރަކަށް ހިއްސާވާ މުހިންމު މަސްއޫލިއްޔަތެކެވެ. އަޅުގަނޑުގެ އުންމީދަކީ މިއަދުވެސް މިހުށަހަޅައިލެވުނު ވާހަކަކޮޅަކީ ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވާ އެންމެހައި މުދައްރިސުންނާއި އަދި ބެލެނިވެރިން ވެސް ދެވަނަ ވިސްނެވުމަކުން ވިސްނަވަން އެހީތެރިވެދޭނެ ވާހަކަ ކޮޅަކަށް މި ވާހަކަކޮޅު ވުމެވެ.