ކޯލިޝަން ސަރުކާރުގެ ތަޖުރިބާއަކީ އެއްގޮތަކަށްވެސް ރަނގަޅު ތަޖްރިބާއެއް ނޫން: މެމްބަރ ޙަސަން

ރިޔާސީ ނިޒާމެއްގައި ކޯލިޝަން ސަރުކާރުގެ ތަޖުރިބާއަކީ އެއްގޮތަކަށްވެސް ރަނގަޅު ތަޖްރިބާއެއް ނޫންކަމަށް އެމްޑީޕީގެ ޗެއަރޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރ ޙަސަން ލަޠީފް ވިދާޅުވެއްޖެއެވެ.

ދިވެހި ރާއްޖޭގެއަޑުން ރޭ ގެނެސްދިން "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މެމްބަރ ޙަސަން ވިދާޅުވީ ކޯލިޝަން ސަރުކާރެއް އޮތް ނަމަވެސް ކޯލިޝަނުން ބޭނުންވާ ގޮތަށް ސަރުކާރުގެ ސިޔާސަތުތައް ހިންގަން ނުޖެހޭ ކަމަށެވެ. ނަމަވެސް އޭގެ މާނައަކީ ކޯލިޝަންގެ ވަޒީރުން ތިބުމަކީ މައްސަލައަކަށްވުން ނޫންކަމަށް ވިދާޅުވިއެވެ. ކޯލިޝަން ޕާރޓްނަރުން ބޭނުންވާ ގޮތަށް ސަރުކާރުގެ ސިޔާސަތު ހިންގަން ވެއްޖެނަމަ ރައީސުލްޖުމްހޫރިއްޔާއަށް ވަރަށް ދަތިފުޅުވާނެކަމަށް ވެސް މެމްބަރ ޙަސަން ވިދާޅުވިއެވެ. އަދި އެމްޑީޕީންވެސް ކޯލިޝަންގެ އެހެން ޕާޓީގތަކުގެ ސިޔާސަތުތަކަށް ތާއިދު ކުރަން ނުޖެހޭކަމަށް ވެސް އޭނާ ވިދާޅުވީއެވެ. އެމްޑީޕީން އެއްބަސް ވެފައި އޮންނާނީ އެމްޑީޕީން އެކުލަވާލި މެނިފެސްޓޯއަށް ކަމަށް ވެސް  މެމްބަރ ޙަސަން ވިދާޅުވިއެވެ.

މިހާރު ސިޔާސަތުތައް ދަނީ އެމްޑީޕީގެ ތަޞައްވަރާ އެއް ގޮތަށް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށްވެސް  މެމްބަރ ޙަސަން ވިދާޅުވިއެވެ. ރިޔާސީ އިންތިޚާބުގައި ކޯލިޝަންގެ އެހެން ޕާޓީތަކުންވެސް މަސައްކަތްކުރެއްވިކަން ޙަސަން ފާހަގަ ކުރެއްވިއެވެ. ނަމަވެސް މުޅި ރާއްޖެއަށް ކަންކޮޅުތަކަށް ޒިޔާރަތްކޮށް މެނިފެސްޓޯ އެކުލަވައިލައިފައި ވަނީ އެމްޑީޕީން ކަމަށް ވިދާޅުވިއެވެ.

ސަރުކާރުގެ ވަކި މިނިސްޓްރީއަކުން ރަނގަޅަށް މަސައްކަޔް ނުކުރާކަމަށް ދަންނަވަންޖެހޭނީ ވަރަށް ރަނގަޅަށް އެކަން ބަލައިފައިކަމަށް މެމްބަރ ޙަސަން ވިދާޅުވިއެވެ. މިނިސްޓްރީތަކުން ވަރަށް ރަނގަޅުކަންތައްތަކެއް މި ދެއަހަރުތެރޭގައި ކޮށްފައިވާއިރު އިޞްލާޙުކުރައްވަން ޖެހޭ ކަންކަން ހުރިކަންވެސް ފާހަގަކުރެއްވިއެވެ. ބޯހިޔާވަހިކަމަށް އެކަށީގެންވާ ހައްލެއް ހޯދައި ދެވިފައި ނުވުމަކީ  އެންމެ ބޮޑު ކަންބޮޑުވުމުގެ ގޮތުގައި ވެސް މެމްބަރ ޙަސަން ވިދާޅުވިއެވެ. ނަމަވެސް ފަސް އަހަރު ދުވަހުގެ ތެރޭގައި އެ ވަޢުދު ފުއްދަން ޖެހޭއިރު އަދި އެކަން ނުވެފެއި އޮތްކަމަށް ދެކިގެން ނުވާނެކަމަށް ވެސް އެނާ ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.