ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ މަސްވެރި ޤަރާރުތައް ވަކި ބާބުތަކެއްގޮތުގައު މަސްވެރިކަމުގެ ބިލްގައި ހިމެނުމަށް ހެންވޭރު ހުޅަނގުދާއިރާގެ މެމްބަރ ޙަޞަން ލަތީފް ގޮވާލައްވައިފި އެވެ. މިރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަސްވެރިކަމުގެ ބިލްގެ ބަހުސްގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ މިހާރު ހުށަހެޅިފައިވާ ބިލްގައިވެސް އެ ފަސް ޤަރާރުގެ މަފްހޫމް ހިމެނިފައިވާ ކަމުގައެވެ. ނަމަވެސް އެންމެ ބޭނުންވާ މިންވަރަށް އެވާހަކަތައް ހިމެނިފައި ނެތުމުން ވަކި ބާބުތަކެއްގެ ސިފައިގައި މިޤަރާރުތައް ހިމަނުއްވައިގެން ބިލް ފުރިހަމަ ކުރެއްވުމަށް މެމްބަރ ޙަސަން ލަތީފް ގޮވާލެއްވިއެވެ.
"މިއިން ކޮންމެ ކަމަކީ ބާބެއްގެ ސިފައިގައި ތަފްޞީލް ކުރެވި އެކަންކަމުގެ އުޞޫލުތަކާއި އޮނިގަނޑުތަކާއި އިންތަކާއި މިންތައް ބަޔާންކުރެވި އޮންނަ ޤާނޫނަކަށްވެ ފުރިހަމަވުން" މުހިންމު ކަމަށް ހަޞަން ލަތީފް ވިދާޅުވިއެވެ.
ރާއްޖޭގައި ކުރާ މަސްވެރިކަމަކީ ދުނިޔޭގެ އެހެން ތަންތަނާ ވަރަށް ތަފާތު މަސްވެރިކަމަކަށް ވުމަކީ ލިބިފައިވާ ވަރަށް ބޮޑު ނިޢުމަތެއްކަމަށް އޭނާ ވިދާޅުވިއެވެ. މަސްވެރިކަމުގައި މުޅި ދުނިޔޭގައި ވެސް ބަސްވިކޭ ޤައުމެއްގެ ގޮތުގައި މި ސިނާޢަތު ތަރައްޤީކުރެވިދާނެ މަންޒަރު ފެނިގެންދާކަމަށް ވެސް މެމްބަރ ޙަސަން ވިދާޅުވިއެވެ. މަޖިލީހުން ފާސްކޮށްފައިވާ ޤަރާރުތަކުގައި ވާކަންކަމަށް ބަލާއިރު އެއީ ނުކުރެވޭނެކަމެއް ނުންކަމަށް އޭނާ ވިދާޅުވިއެވެ.
އާބާދީގެ ދެބައިކުޅަ އެއްބައިކަމުގައިވާ އަންހެނުން މިސިނާޢާތުން ބާކީ ކޮށްފައި ދިވެހިންގެ ލޭނާރުކަމަށް ބުނާ މަސް ވެރިކަން ތަރައްޤީ ނުކުރެވޭނެ ކަމަށް ހެންވޭރު ހުޅަނގުދާއިރާގެ މެމްބަރ ވިދާޅުވިއެވެ. އެހެން ކަމުން އަންހެނުންނާއި ޒުވާނުނުވާނުންނަށް މި ސިނާއަތުގައި ބައިވެރިވޭވޭނެ އިނާޔަތްތަކެއް ލިބޭނެ ގޮތްތަކެއް މި ބިލްގެ ތެރެއިން ހޯދައިދެން ޖެހޭކަމަށް ވިދާޅުވިއެވެ. މަސްވެރިންނަށް ޕެންޝަންދިނުމަކީ ޖަޒީރާ ރާއްޖެ މެނިފެސްޓޯގައި ހިމެނޭކަމަކަށްވާއިރު އެކަމުގެ ހަމަތަކާއި އުޞޫލުތައް މިބިލްގައި ކަނޑަ އަޅަން ޖެހޭ ކަމަށް ވެސް މެމްބަރ ހަސަން ވިދާޅުވިއެވެ. ބައެއް އެހެން މެމްބަރުން ވެސް ވަނީ މަސްވެރިންގެ ޕެންޝަން ސްކީމެއް ބިލްގެ ތެރެއިން ތަޢާރަފް ކުރުމަށް ގޮވާލައްވައިފައެވެ.
ނައިފަރު ދާއިރާގެ މެމްބަރ އަޙްމަދު ޝިޔާމް ބިލާ ގުޅޭ ގޮތުން ދެއްކެވި ވާހަކައަށް ރައްދު ދެއްވަމުން މެމްބަރ ޙަޞަން ވިދާޅުވީ މަސްވެރިންނަށް ހަމަ އަގު ހޯދައިދޭނީ އެމްޑީޕީން ކަމަށެވެ. އެއީ އެމްޑީޕީގެ ވަޢުދެއްކަމަށާއި، މަސްވެރިންނަށް ހަމަ އަގު ހޯދައި ދެވޭނީ ނިޒާމާއި އުޞޫލަށް ގެންނަ ބަދަލުގެ ތެރެއިން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ބިލްގެ ބަހުސްގައި ނައިފަރު ދާއިރާގެ މެމްބަރ އަޙްމަދު ޝިޔާމް ވިދާޅުވީ މަސްވެރިކަމުގެ ބިލު އެނާއަށް ފެނިވަޑައިގަންނަވަނީ ރައްޔިތުންގެ މަޖިލީހާއި މަސްވެރިންނަށާއި މަޖިލީހުގެ ރައީސަށް ކުރި މަލާމާތެއްގެ ގޮތުގައި ކަމަށެވެ. މިސަރުކާރުން މަޖިލީހަށް ހުށަހެޅި މަސްވެރިކަމުގެ ބިލަކީ ކުރީގެ ރައީސް މައުމޫނުގެ ވެރިކަމުގައި ތައްޔާރުކޮށްފައިވާ ޒަމާނަށް ނުފެތޭ އައުޓް ޑޭޓެޑް ފްރޭމް ވޯކެއްގެ ގޮތުގައި ޝިޔާމް އެ ބިލް ސިފަ ކުރެއްވިއެވެ.