ކަޅުވަކަރު މިސްކިތް މިހާރު ހުރި ބިމަކީ އެމިސްކިތުގެ ދާއިމީ ވަޒަން ކަމުގައި ވެގެން ދާނެ ކަމަށް އުއްމީދުކުރަން: ރައީސް

ކަޅުވަކަރު މިސްކިތް މިހާރު ހުރި  ބިމަކީ އެމިސްކިތުގެ ދާއިމީ ވަޒަން ކަމުގައި ވެގެން ދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ މިސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަޅުވަކަރު މިސްކިތް އަލުން ހުޅުވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ ކަޅުވަކަރު މިސްކިތަކީ ސަގާފީ ތަރިކައިގެ ތެރެއިންވެސް ވަރަށް މުއްސަނދި ތަރިކައެއްކަމަށެވެ. މިއަދު ފާހަގަކޮށްފައިވަނީ ތާރީޚީ އަނދިރިކަމުގެ ތެރެއަށް ފަހުނޭވާ ދޫކޮށްލަމުން ދަނިކޮށް އަލުން އަނބުރާ އެތަރިކަ ސަލާމަތް ކުރުމުގެ މަސައްކަތުގެ ނިމުން ކަމަށެވެ. ޢަމަލީ މަސައްކަތް ފެށުނުތާ ފަސް މަސް ދުވަހުގެ ތެރޭގައި އެމިސްކިތުގެ މަސައްކަތް ނިންމައިފައި ކަންވެސް ރައީސް ޞާލިޙް ފާހަގަކުރެއްވިއެވެ.

ކަޅުވަކަރު މިސްކިތަކީ ސަގާފަތާއި ފަންނުވެރިކަމާ ގުޅިލާމެހިފައިވާ މިސްކިތެއްކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިސްކިތުގައި ހިމެނޭ ދިވެހިންގެ ފަންނުވެރިކަމުގެ މައްޗަށްވެސް ރައީސްގެ ވާހަކަފުޅުގައި އަލި އަޅުވާލެއްވިއެވެ. ކަޅުވަކަރު މިސްކިތަކީ އެއްތަނުން އަނެއްތަނަށް ބަދަލުވަމުން އައި މިސްކިތެއްކަން ވެސް ފާހަގަ ކުރެއްވިއެވެ. އަދި އެމިސްކިތާމެދު ތާރީޚުގައި ކަންތައް ހިނގާ ދިޔަގޮތުގެ މައްޗަށްވެސް ރައީސް ޞާލިޙްގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ.

"(ކަޅުވަކަރު މިސްކިތަކީ) އަޅުގަނޑުމެންގެ އަތްތަކުން އެތައް ގެއްލުން ދިން އިރުވެސް އަޅުގަނޑުމެންނާ ވަކިވާން ބޭނުން ނުވި މިސްކިތެއް. ދިވެހިންގެ އަމިއްލަވަންތަ، އެތައް ސިފަތަކެއް ޖަމާވެ ރައްކާކުރެވިފައިވާ  ތާރީހީ ޚަޒާނާއެއް.  ނަމަވެސް ގާއިމްވެ ހުންނާނެ ބިމެއް ކަށަވަރުނުވެ، 230 އަހަރު ވާންދެން މާލޭގެ ރައްޔިތުންނާ އެކު އުޅެމުން އައި މިސްކިތެއް. އަޅުގަނޑު  އުއްމީދުކުރަނީ ސަރުކާރުން ހަމަޖައްސައި ދިން ބިމަކީ މިސްކިތުގެ ދާއިމީ ވަޒަން ކަމުގައި ވެގެން ދާނެ ކަމަށް." ރައީސް ޞާލިޙް ވިދާޅުވިއެވެ.

ވާނުވާ ނޭނގި އަނދިރިކަމެއް ގައި ވަނިކޮށް މި ސަރުކާރުން ކަޅުވަކަރު މިސްކިތް ބިނާކުރީ ގާނޫނީ ގޮތުންވެސް ފުރިހަމަ ހިމާޔަތާއި ޔަގީންކަން ކަށަވަރުކޮށްދެއްވުމަށް ފަހުގައި ކަމަށް ރައީސް ވިދާޅުވިއެވެ.

ކަޅުވަކަރު މިސްކިތަކީ ރާއްޖޭގެ ސިޔާސީ ހަޔާތާވެސް  ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ބިނާއެއްކަން ރައީސް ޞާލީޙް ފާހަގަ ކުރެއްވިއެވެ. އެގޮތުން އެކި ވެރިކަމުގައި މިސްކިތާމެދު އަމަލު ކުރެވުނު ގޮތުގެ މައްޗަށް ވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ.

 

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.