އައްޒަގެ ދިރާސީ ބަސް: ސުވާދީބުގައި ހިނގީ އިސްލާމީ ވެރިކަމެއްތަ؟

ސުވަދުންމަތީ ދިރާސާގެ ހޯދުންތައް ހުށަހަޅަމުން މިދަނީ ޚިޔާލީ ދެ ޝަޚުޞިއްޔަތު ކަމަށްވާ މާފައާއި ކަނބުލޮގެ ވާހަކަ ބޭނުންކޮށްގެންނެވެ. މީގެއިތުރުން، މި ދިރާސާގެ ބައިވެރިންގެ ބައެއް ބުނުންތަކާއި އަދި ތާރީޚީ ޞަފުހާތަކުން މި ލިޔުމަށް ބާރުދޭ އިތުރު ތަފުސީލުތައް ދިރާސީ ނޯޓްގެ ގޮތުގައި ހިމަނާލާފައިވާނެކަން ކިއުންތެރިންގެ މަޢުލޫމާތަށް ޓަކައި ދަންނަވަމެވެ. ދިރާސާގެ ބައިވެރިންގެ އަސްލު ނަމުގެ ބަދަލުގައި ބޭނުންކޮށްފައިވާނީ ޚިޔާލީ ނަންތަކެކެވެ. ދިވެހިންނާއި އިނގިރޭސިންގެ ތެރެއިން މި ހާދިސާގައި އިސްކޮށް އުޅުއްވި ބޭބޭފުޅުންގެ އަސްލު ނަންފުޅުތައް ނުވަތަ ނަންނަން ހިމަނާފައިވާނަމަ، އެއީ އެކި ފަތްފުށްތަކުގައި ޝާއިޢުކުރެވި، އާންމުކުރެވިފައިވާ ނަންފުޅުތަކެވެ. ނުވަތަ ނަންނަމެވެ. އެއްވެސް ހާލެއްގައި މިއިން ނަންފުޅެއް ނުވަތަ ނަމެއް ބޭނުންކޮށްފައިވަނީ، ދިރާސާވެރިޔާގެ ހައިސިއްޔަތުން، ވަކި ކަމެއް ވަކި ބޭފުޅެއްގެ އިސްތަށިފުޅުގައި ނުވަތަ ބޮލުގައި އަޅުވާކަށެއް ވެސް ނުމެ ނޫންމެއެވެ. އޭގެ ބަދަލުގައި އަޅުގަނޑުގެ މަޤުޞަދަކީ، ވީހާ ވެސް ތަފުސީލުކޮށް މި ހާދިސާ ހުށަހަޅައިދިނުމެވެ. އެހެންކަމުން ދިރާސާގެ ބައިވެރިން، ވާހަކަތައް ކިޔައިދިނުމުގައި ބޭނުންކޮށްފައިވާ ބަސްކޮށާރާއި ބަސްމަގު، އަސްލާ އެއްގޮތަށް ގެނެސް ދިނުމަށް ވަރަށް ބޮޑަށް އިސްކަންދީފައިވާނެ ވާހަކަ ވެސް މަޢުލޫމާތަށް ޓަކައި ދަންނަވަމެވެ. މިއީ އެތައް ބަޔެއްގެ އިހުސާސާ ގުޅިފައިވާ ޙަޤީޤީ ހާދިސާތަކެއް ގެނެސްދެވޭ ކޮލަމަކަށް ވާތީ މި ހާދިސާތަކުން އަސަރުކޮށްފައިވާ، ނަފުސާނީ ދުޅަހެޔޮކަން ނެތް މީހުން މި ލިޔުން ވިދާޅުވުމުގައި އެހެން ފަރާތެއްގެ އެހީތެރިކަން ހޯދުން ރަނގަޅުވާނެ ވާހަކަ ހަނދުމަފުޅުކޮށް އަރުވަމެވެ.


މިއަދުގެ ކޮލަމުގައި ސުވާދީބު ދައުލަތުގައި ކުރީ އިސްލާމީ ވެރިކަމެއްތޯ ނުވަތަ ނޫންތޯ ބަލައިލާނަމެވެ. ކޮންމެއަކަސް ސުވާދީބު އުފެދުނުކަން މާލޭގައި ހިނގަމުން ދިޔަ ދިވެހި ސަރުކާރަށް، ސުވާދީބުގެ ރައްޔިތުންގެ ބަހުން ނަމަ "މާލޭ ސަރުކާރަށް" އެނގުނު ހިސާބުން އެކަމާ ބެހޭ ގޮތުން ދެކެވެމުން ދިޔަ ވާހަކަތަކަށް ބަލައިލަމާ ތޯއެވެ؟ މިގޮތުން މާލޭގައި އޭރު ނެރެމުން ދިޔަ "ވިޔަފާރި މިއަދު" ނޫހުގައި ޝާއިޢުކުރެވިފައިވާ ލިޔުންތަކުގެ ސުރުޚީތަކަށް ބަލާއިރު، ސުވާދީބު ދައުލަތް އުފެއްދި މީހުންނަކީ، ބަޣާވާތްތެރިންކަމަށާއި، އެއީ އިސްލާމުން ނޫންކަން ދޭހަވާ ފަދަ ސުރުޚީތައް ފާހަގަކުރެވުނެވެ. މިފަދަ ސުރުޚީތަކުގެ ތެރެއިން ފާހަގަކުރެވުނު ބައެއް ސުރުޚީތަކަކީ "ދެކުނުގެ ބަޣާވާތުގެ ފެށުން: އިސްލާމީ ފަޚުރުވެރި ދިދަ އެއްވެސް ރަޙުމެއް ނެތި ކާފަރުންގެ އަތްމައްޗަށް"، "ބާޣީން ކީރިތި ޤުރުއާނާ ވެސް ކުޅެނީ" އަދި "ސުވާދީބު ދައުލަތުގެ ވަޒީރުން މިހާރު ރާ ވެސް ބޮނީ" މިފަދަ ސުރުޚީތައް ފާހަގަކުރެވެއެވެ. ވީމާ، ސުވާދީބު ދައުލަތުގައި ހިނގަމުން ދިޔައީ އިސްލާމީ ޝަރީޢަތްތޯ ބަލައިލަން ގަސްތުކުރަމެވެ. މިއަދު ވެސް ދޮންކަނބުލޮއާއި މާފަގެ ވާހަކަތަކުން ފަށާނަމެވެ.

ދޮންކަނބުލޮ: މާފަ ބުނީމެއް ސުވާދީބު އުފެދުމާއި އިސްލާމްދީނާ ގުޅުވައިގެން ވާހަކަދެކެވުނޭ... މިއަދު ހިނގާބަލަ އެ ވާހަކަތައް ކިޔަމާ...!

މާފަ: އާނ! ދަރިފުޅާ... ކަނބުލޯ! އޭރު މާލޭގައި ނުކުތް ވިޔަފާރި މިއަދު ނޫހުގައި ހުރި ސުރުޚީތަކަށް އެކަނި ބަލައިލިޔަސް މާފަ މި ބުނާ ވާހަކަތައް އެނގޭނެ.

ދޮންކަނބުލޮ: އެހެންތަ؟ އެ ވާހަކަތައް ކިޔައިދީބަލަ މާފާ!

މާފަ: ހުރިހާ ވާހަކައެއް ކިޔައެއް ނުދެވޭނެ... ކަނބުލޮ ނޫސްތައް ހޯދައިގެން ހުރިހާ ވާހަކައެއް ކިޔާތި! ނޫސް ކިޔާ އިރު ވިސްނަންވާނެ އޭގައި ހުންނާނީ ދިވެހި ސަރުކާރުގެ ނަޒަރުން ކަންކަން ވަޒަންކުރެވޭ ގޮތްކަން... މި ބުނީ ސުވާދީބު ސަރުކާރު ހިނގި ގޮތް އެ ލިޔުންތަކުން މުޅިން ސާފު ނުވެދާނެއޭ... އެކަމަކު އެ ލިޔުންތަކުން ވެސް ވަރަށް ގިނަ މަޢުލޫމާތު ލިބޭނެ... ތާރީޚު ދެނެގަންނަން ކަނބުލޮ ތި މަސައްކަތްކުރަނީ... އެހެންވީމާ، ރަނގަޅަށް ލިޔުންތައް އަޅައިބަލައި ވަޒަންކުރަންވާނެ..

ދޮންކަނބުލޮ: ކޮންކަމެއްތަ މާފާ؟ ކިހިނެއް ތި ކަން ކުރާނީ؟

މާފަ: އާނ! އަޑުއަހާ އިނގޭ! އެ ނޫހުގައި ވާގޮތުން ދެކުނުގެ ތިން އަތޮޅުގައި ކުރެވުނީ ބަޣާވާތެއް... ސުވާދީބު ސަރުކާރުގައި ބައިވެރިވީ ބަޣާވާތްތެރިން... ދެކުނުގެ ބަޣާވާތް ފެށުނީ "އިސްލާމީ ފަޚުރުވެރި ދިދަ އެއްވެސް ރަޙުމެއް ނެތި ކާފަރުންގެ އަތްމައްޗަށް" ދިޔުމުން ކަމުގައި ލިޔެފައިވޭ...

ދޮންކަނބުލޮ: މާފާ އަދި ނޭނގުނޭ...!

ދިރާސީ ނޯޓު: "އިސްލާމީ ރޫޙު ކަމުގައިވާ ފެއްސާއި ރަތާއި ހުދުގެ އަގުމާތް ނިޝާން ކުޑަވެސް ރަޙުމެއް ނެތި، ޔޫކޭ ސަރުކާރުގެ ފަރާތުން ގަމުގައި ހުންނަ ކޮމާންޑިން އޮފިސަރ ވިންގް ކޮމާންޑަރ އީ ކެންޓުގެ އަތަށް ދީފިއެވެ. އަދި އޭގެ ބަދަލުގައި އިނގިރޭސި ދައުލަތުގެ ދިދަ އެ ދަނޑީގައި ނަގައިދޭން އެދުނެވެ... މި ދިދަ ސީއޯގެ އަތަށް ގެނެސް ދިނީ، އޮފީހުގައި ހުންނަ ދިދަ އޭނާގެ އަތަށް ގެނެސްދީފިއްޔާ އެ ފުރާ ޕައުންޑް އަޅައިދޭން ބުނެގެން ކަމުގައި ޚުދު ޢަފީފުގެ ފަރާތުން އެނގިފައިވެއެވެ" (ވިޔަފާރި މިއަދު، 10 ޖުލައި 1959ގައި ބަޔާންކުރައްވާފައިވާ ކަމަށް ޢަބްދުލް ޙަކީމް ޙުސައިން މަނިކު، 1997، ޞ256).

ދިރާސާގެ ބައިވެރިއެއް ކަމަށްވާ އައްޑު އަތޮޅު ހުސައިނުބޭބެ (އަސްލު ނަމެއް ނޫން) މި ދެންނެވި ހާދިސާގެ މަޢުލޫތު ދީފައިވެއެވެ. އޭނާ ބަޔާންކުރި ގޮތުގައި އައްޑު އަތޮޅު ގަމުގެ މާރަނގައިގައި ނަގާފައި ހުރި، ދިދަ ވައްޓާލި މީހުން، ދިވެހި ސަރުކާރުގެ ދިދަ ބޭނުމެއް ނޫނޭ ކިޔާފައި ދިދަ ގެންގޮސް އޭނާ އަތަށް ދިނުމުން، އިނގިރޭސިންގެ ވެރިޔަކަށް އޭރު ގަމުގައި ހުންނެވި ބޭފުޅާއާ ދިދަ ހަވާލުކުރީ ވެސް ޚުދު އޭނާ ކަމަށެވެ. ވީމާ، މި ހާދިސާއަކީ ހިނގާފައިވާ ހާދިސާއެއްކަން އެނގެއެވެ. އެހަނަސް މި ދިދަ ފުރާ ޕައުންޑު އަޅަން ބުނި ވާހަކައެއް ހުސައިނުބޭބެއެއް ނުބުނެއެވެ. އެހެންވީމާ، މިއީ ހިނގިކަމެއް ކަމެއް ނޭނގެއެވެ. ވީމާ، ދިވެހި ސަރުކާރާ ނުރުހި ސުވާދީބު ދައުލަތް ޤަބޫލުކޮށްގެން ތިބި އައްޑޫ ރައްޔިތުން އިސްލާމް ދީން ދޫކޮށްލީއޭ ދެންނެވި ދާނެތޯ ސުވާލު އުފެދެއެވެ. އެހެނީ އެބައިމީހުން ދެކޭނީ ސުވާދީބު ސަރުކާރުގެ ދިދައަކީ ވެސް ފަޚުރުވެރި އިސްލާމީ ދިދައެއްގެ ގޮތުގައެވެ.

މާފަ: ކަނބުލޯ! ނޫހުގައި މި ބުނަން އުޅެނީ، ސުވާދީބު ދައުލަތް އުފެއްދީ އިސްލާމް ދީން ދޫކޮށް، އިނގިރޭސިން ކާފަރުންނާ އެއްބައިވެގެންނޭ... އެހެންވީމާ، ދެން މާލޭގައި އާންމުކޮށް މި ޚަބަރު ފެތުރޭނެ ގޮތް ކަނބުލޮ ވިސްނާ... މިފަދަ ޚަބަރުތަކާ އެކު، ދިވެހި ސަރުކާރުން ވަރަށް ގިނަ ކަންކަން ވެސް އޭރު ދިޔައީ ކުރަމުން...

ދޮންކަނބުލޮ: އެ ވާހަކަތައް އެހެން ދުވަހަކުން ދޯ މާފާ... ދެން ކީކޭތަ ނޫހުގައި ލިޔެފައި އޮތީ

މާފަ: ބާޣީންގެ ވަޒީރުން މިހާރު ރާ ވެސް ބޮނީއޭ ވެސް ލިޔެފައި އޮތް...

ދޮންކަނބުލޮ: ކޮން ބައެއްތަ ރާ ބުއީ؟ ކޮންތާކުން ރާ ހޯދީ؟

ދިރާސީ ނޯޓު: ޢަބްދުލް ޙަކީމް ހުސައިންމަނިކު (1997) ބަޔާންކުރައްވާފައިވާ ގޮތުގައި "ބާޢީންގެ ވަޒީރުން މިހާރު ރާ ވެސް ބޮނީ" މި ސުރުޚީގެ ދަށުން ވިޔަފާރި މިއަދު (8 ޖުލައި 1959) ގައި ލިޔުއްވާފައިވާ ގޮތުގައި "ހުވަދު އަތޮޅަށް ކާޑު ހިފައިގެން އައި ބޯޓުން ޢަބްދުﷲ ލަޠީފު ވިސްކީ ވެސް ގެނައެވެ. އެ ވިސްކީ، ސިފައިންގެ ވެރިޔާ ސަޢީދު ޚަޠީބާއި ޢަބްދުﷲ ލަޠީފާއި އިބްރާހީމް ތައްޚާނުގެ އަޙުމަދުދީދީ ބޮނިކޮށް ދުއްކަމުގައި ގައްދޫއިން މާލެ އައި ވަފުދުގެ ފަރާތުން ޚަބަރު ދީފައިވެއެވެ" (ޞ255). މިފަދަ ވާހަކައެއް ދިރާސާގެ އެއްވެސް ބައިވެރިޔަކު ކިޔައިދީފައެއް ނުވެއެވެ.

މާފަ: ނޫހުގައި އޮތީ ރާބުއީ މި ހަވަރުތިނަދޫ ބައެއް ކަމަށް... އެވާހަކަ ރިޕޯޓުކުރީ ގައްދޫ މީހުން ކަމަށް..

ދޮންކަނބުލޮ: (ކަމެއް ހަނދާންކުރަމުން) މާފާ މި ރަށުގައި ސުވާދީބުގެ ވަޒީރުންނެއް ނެތް ދޯ؟ ނޫސް ލިޔުނު މީހުންނަށް ނޭނގުނީ ދޯ މާފާ؟

މާފަ: ތިޔަހެން ވެސް ވެދާނެ ކަނބުލޯ... ގަސްތުގައި މީހުންގެ ސަމާލުކަން ހޯދަން ލިޔުނީކަމަށް ވެސް ވެދާނެ... ދެން ވެދާނެ... ގައްދޫ މީހުން ރިޕޯޓުކުރި ގޮތް ކަމަށް ވެސް...

ދޮންކަނބުލޮ: އެހެން ވާހަކައެއް އޮތްތަ ނޫހުގަ.. މާފާ؟

މާފަ: އާނ! ކަނބުލޯ ވަރަށް ގިނަ ވާހަކަ... ކޮން ވާހަކައެއް ނުލިޔާނީ؟ "ބާޣީން ކީރިތި ޤުރުއާނާ ވެސް ކުޅެނީ..."އޭ ކިޔައިގެން ވެސް ލިޔެފައި އޮތް...

ދޮންކަނބުލޮ: (ވަރަށް ހާސްވެ ހައިރާންވެފައި) މާފާ އެއީ ކޮން ވާހަކައެއްތަ؟ ކިހިނެއްތަ ކީރިތި ޤުރުއާނާ ކުޅުނީ؟

މާފަ: (ވަރަށް ލޯބިން ވިސްނައިދޭ ކަހަލަ ރާގެއްގައި) ކަނބުލޯ؟ ކިހިނެއް މިކަން ކަނބުލޮއަށް ވިސްނޭނީ؟ މިހާރު ވެސް ސިޔާސީ މީހުން އެމީހުން ބޭނުން ގޮތަކަށް ދީނޭ ކިޔައިގެން ވާހަކަދައްކާ އުޅޭނުން... އާދައިގެ އާންމު ބަޔަކަށް ނޭނގޭ ދޮންކަޅު ވެސް... ކޮންމެ ބަޔަކު ވެސް އާޔަތާއި ޙަދީޘް ވެސް ކިޔާފައި ކަންކަން ސާބިތުކޮށްދޭން މަސައްކުތްރަނީ..

ދޮންކަނބުލޮ: އެހެންދޯ؟ އޭރު ވެސް ހެދީ...

ދިރާސީ ނޯޓު: "ދައުލަތާއި ދެކޮޅަށް ރައްޔިތުންގެ މެދުގައި ބަޣާވާތް އުފައްދައި އުޅޭ މީހުންގެ ތެރޭގައި، ހަވަރުތިނަދޫ ޙަކީމު ޙުސައިން ޢަފީފު ވެސް ހިމެނެއެވެ. އޭނާގެ މަސައްކަތަކީ، އަތޮޅުތެރޭގައި ތަޤުރީރުކުރުމެވެ. ޙަކީމަކީ ހިސާބަކަށް ކިޔަވައިގެން ވެސް ހުރި މީހެއް... އޭނާ ދައްކާ ވާހަކަތަކުގައި އާޔަތްތަކާއި ޙަދީޘް ކިޔައި އޭގެ ފަހަތުގައި ދައުލަތް ހިންގަވާން އިސްވެ ތިއްބެވި ވެރިންގެ އަބުރުފުޅަށް އުނިކަން ލިބޭ ޒާތުގެ ވާހަކަތައް ވަރަށް ގިނައިން ދައްކައެވެ. ގިނައިން ދައްކަނީ ލޯހުޅުވައިލަން ނުކެރޭ ޒާތުގެ އަވަގުރާނަ ވާހަކަތަކެވެ. ހުސައިން ޢަފީފަކީ ޙަކީމެއް ކަމުންނާއި، ތަޤުރީރުކުރާ އިރު، އާޔަތާއި ޙަދީޘް ކިޔާލެއް ގިނަކަމުން އޭނާގެ ވާހަކަ ވެސް ބަޔަކު މީހުން ތިބީ ޤަބޫލުކޮށްގެންނެވެ" (ވިޔަފާރި މިއަދު (9 ޖުލައި 1959) ގައި ވާކަމަށް ޢަބުދުލް ޙަކީމް ހުސައިންމަނިކު، 1997، ޞ.256). މި ބަޔާންކުރެވުނީ، ސުވާދީބުގެ ދައުލަތުގައި ކަންކަން ހުރި ގޮތް، ވިޔަފާރި މިއަދުގައި ސިފަކޮށްފައިވާ ގޮތެވެ. ޚާއްޞަކޮށް ހުވަދުއަތޮޅުގެ ވާހަކަތައް ނޫހުގައި ލިޔުއްވާފައިވާކަން ހާމަވެއެވެ.

މާފަ: އޭރު އަދި ފިތުނަވެރިކަން މާ ބޮޑު، ނޫހުގައި ލިޔާ ކޮންމެ ލިޔުމަކުން ވެސް ދިވެހި ދައުލަތާއި ސުވާދީބު ދައުލަތުގެ ގުޅުން ދިޔައީ ދުވަހެއް ދުވަހަކަށް ގޯސްވަމުން އެއްބަޔަކު އަނެއް ބަޔަކަށް ދިޔައީ... ހަނގުރާމައަށް  ތައްޔާރުވަމުން...

ދޮންކަނބުލޮ: މާފާ...! ދެން... ސުވާދީބުގެ ވެރިން އިސްލާމް ދީން ދޫކޮށްލިތަ؟

މާފަ: ނޫނޭ ކަނބުލޯ! މި ހިނގަމުން ދިޔައީ މުޅިން ސިޔާސީ ކަންކަން، އެއްވެސް ބަޔަކު ދީނެއް ދުލެއް ނުކުރޭ... އިނގިރޭސިންގެ އެހީ ސުވާދީބަށް ލިބޭތީ، ސުވާދީބަށް ތާއީދުކޮށް ސުވާދީބު ސަރުކާރުގައި ބައިވެރިވި އެންމެންނަކީ ވެސް ކާފަރުން ކަމަށް ބެލީ ވެސް ތޯއްޗެއް... ޢަފީފު ދީދީއާއި އެ ޢާއިލާގެ ބޭފުޅުންނަކީ ވެސް ދީނަށް ނުހަނު ލޯބިކުރެއްވި ބޭފުޅުން... އަދި ހުވަދޫ އަތޮޅާއި ފުވައްމުލަކުގެ މީހުންނަކީ ވެސް އިސްލާމް ދީނުގައި ވަރަށްގަދައަށް ހިފަހައްޓައިގެން ތިބި ބައެއް

ދިރާސީ ނޯޓު: ދިރާސާގެ ބައިވެރިއެއް ކަމަށްވާ އައްޑޫ ދޮންދީދީ (އަސްލު ނަމެއްނޫން) ބުނެފައިވާ ގޮތުގައި އޭނާއަކީ ޢަފީފުދީދީގެ އަނބިކަނބަލުން އަނީސާގެ އަރިހުގައި އުޅުނު މީހެކެވެ. ޢަފީފު ދީދީއާއި އެ ޢާއިލާގެ ބޭފުޅުންނަކީ، ވަރަށް ދީންވެރިކޮށް އުޅުއްވި ބޭފުޅުންކަމަށާއި ސީޝެލްސްގައި ވެސް އެބޭފުޅުން އުޅުއްވީ އެ ގޮތަށް ދީންވެރިކޮށްކަން އޭނާ ހާމަކުރިއެވެ. އޭނާ އިތުރަށް ކިޔައިދިން ގޮތުގައި "އަނީސާއްތަމެން ގެއަށް ވަރަށް ގިނަ މީހުން އަންނާނެ ނަމާދު ކުރަން. ނަމާދު ވަގުތު ވީ ކަން އަންގަން ބޮއިގަނޑުގައި ދަގަނޑުގަނޑަކުން ޖަހާނެ... އެއީ ކަނީރުމާގެ ބަހާފައި އަނީސާއްތައަށް ލިބުނު ބައިގައި ހަދާފައި ހުރި މިސްކިތެއް. މިހާރު ވެސް އަތަން ހުންނަނީ އިސްކުރުލާފައި، ގެއިން ބޭރުން ނަމާދުގެއަށް  ވަދެވޭ ގޮތަށް." މި ބައިވެރިޔާގެ މި ކުޑަކުޑަ ވާހަކަކޮޅުން އެކަނި ވެސް އޭރު ޢަފީފުދީދީގެ ޢާއިލާގައި ދީނީ ކަންކަމަށް ދެވުނު އިސްކަން ފާހަގަކުރެވެއެވެ.

ދޮންކަނބުލޮ: މާފާ އެހެންވިއްޔާ ކީއްވެތަ މީހުންނަށް އޮޅޭ ގޮތަށް ނޫހުގައި ސުވާދީބު ދައުލަތުގައި ތިބީ ކާފަރުންނޭ ލިޔެފައިވަނީ؟

މާފަ: ދޮންކަނބުލޯ! މި ވާހަކަ ކަނބުލޮއަށް މި ކިޔައިދެނީ ވެސް މި އޮޅުންބޮޅުން ހުރީމާ ސާފުކޮށްދޭން... ކުރިން ވެސް މާފަ ބުނީމެއްނުން... ސުވާދީބު ދައުލަތާ ދެކޮޅު މީހުން ކޮންމެ ރަށެއްގައި ވެސް ތިއްބޭ... އެ މީހުންނަށް ސުވާދީބުގައި އަދަބު ދީ ހަދާ ވާހަކަ ކުރީ ދުވަހެއްގައި ވެސް ކިޔައިދިނިންދޯ...

ދޮންކަނބުލޮ: އާނ! މާފާ.. އެހެންވީމާ، އެއީ ދީނާ ޚިލާފުވީތަ؟ ގައިމު، މި ރަށު މީހުންނާއި އަދި އެހެން ރަށްރަށުގެ މީހުން މާލެ ގެންގޮސްގެން ވެސް އަދަބު ދިނެއްނުން

މާފަ: އާނ! ދެ ދައުލަތުގައި ވެސް މީހުންނަށް ނުހައްޤު އަދަބު ދީފައި އެބަހުރި... ސީދާ ޢަފީފުދީދީ އަދަބު ދެއްވި މީހުން މިހާރު ވެސް އެވާހަކަތައް ދައްކާ..

ދިރާސީ ނޯޓު: ދިރާސާގެ ބައިވެރިއެއްކަމަށްވާ އައްޑޫ ކުދުބެއްޔާ (އަސްލު ނަމެއް ނޫން) ބުނެފައިވަނީ ދެން އޭރު ފުލުހުން ތިބޭ. މުސާރަ ވެސް ލިބޭނެތާ. ކުރީގައި ތިބޭނީ ނައިބުންތާ. މިހާރު ދެން ސަރުކާރެއްވީމާ މިތާ ވެސް ފަނޑިޔާރު މަނިކުފާނަކާ މިކަހަލަ ކަންތައްތައް ހުރޭ. ހުރިހާ ކަމެއް ވެސް ދެން ސަރުކާރެއްގައި ހުންނަންވާ ހުރިހާ ކަމެއް އެބަހުރި ބަރާބަރަށް. ސުވާދީބު ސަރުކާރުގެ ދިދަ ވެސް ނަގައިފި. އިނގިރޭސިންގެ ބާރު އެބައޮތް ވިއްޔާ. އެހެންވީމާ އިނގިރޭސިންގެ ބާރުގެ ދަށުން މިތާ މިތިބީ ވަރަށް ހިތްހަމަޖެހިގެން ކައިގެން ބޮއެގެން ހަމަޖެހިގެން. މަސައްކަތަށް ގޮސް މުސާރަ ލިބިގެން... މަ އޮތިން ތިން ބުރުގައި ޖަލުގައި... އަފީފުމެންގެ ޖަލުގައި... އެއީ ވަރަށް ޤަދަރުވެރި މާތް ބައެއް. އެމީހުން ވެސް ތިބި..." ދިރާސާގެ ބައިވެރިޔާގެ މި ވާހަކައިން އެނގެނީ ސުވާދީބު ސަރުކާރުގައި މީހުން ޖަލަށްލައި އަދަބުދީ ވެސް އުޅުނުކަމެވެ.

ދޮންކަނބުލޮ: ކީއްވެތަ މާފަ ތިބުނީ ނުހައްޤު އަދަބޭ... އޭރު ޝަރީޢަތް ނުކުރޭތަ؟

މާފަ: ޝަރީޢަތް ވެސް ކުރާނެ... ދެ ދައުލަތުގައި ވެސް ކަންހިނގީ ދާދި އެއްގޮތަކަށް... ފަނޑިޔާރު މަނިކުފާނު ހުންނެވިޔަސް ރަނގަޅު ޝަރީޢަތެއް ނުހިނގާކަމަށް  އެންމެން ވެސް ޤަބޫލުކުރޭ... ނުރުހޭ މީހާއަކީ ކުށްވެރިއެއް. ރުހޭ މީހާގެ ކުށެއް ނޯވޭ...

ދިރާސީ ނޯޓު: ޝަރުޢީ ކަންކަން ހިނގި ގޮތާ ގުޅޭ ގޮތުން ދިރާސާގެ ބައިވެރިޔަކު ބުނެފައިވަނީ، "ޝަރީޢަތެއް ނޯންނާނެއެއްނު ދެން އެދުވަސްވަރު... ފަނޑިޔާރު މަނިކުފާނެއް ވެސް ހުންނަވާނެ. މިތާ ހަމައެއް ލަމައެއް ނޯންނާނެއެއްނު... ދެން އަފީފު ހުރިހާ އެއްޗަކީ ވެސް. ދެން އޮވޭ ސާޅިހަކަށް މީހުންގެ ބޮޑު ކޮމިޓީއެއް... އެ ކޮމިޓީގައި ވެސް މިތިބެނީ ހިތަދޫ މީހުން... ކޮންމެ ރަށެއްގައި ވެސް ތިބީ ވެރިން. އެއީ ކުރީގައި ވެސް ވެރިން. މިހާރު ވެސް ވެރިން. އެމީހުންނަކީ ވަޒީރުން ވިއްޔަ. އެހެންވީމާ އެމީހުން ތިބޭނީ އެފަރާތަށް ޖެހިފައެންނު" (ކުދުބެއްޔާ، (އަސްލު ނަމެއް ނޫން) އައްޑޫ).

ކުދުބެއްޔާ އިތުރު ތަފުސީލު ދެމުން ކިޔައިދީފައިވާ ގޮތުގައި އޭނާއަކީ ސުވާބުދީބު ސަރުކާރާ އިދިކޮޅު މީހަކަށް ވާތީ އަދަބު ލިބުނު މީހެކެވެ. "ދެން އެމީހުން ރިޕޯޓްކޮށްގެން އަހަރުމެން ގެންގޮސް ޖަލަށްލީ. އެއް މަސް ދުވަސްވަންދެން މަ އޮތިން އަތުގައި ބިޑި އަޅުވާފައި. ފައިގައި އަނދަގޮނޑި ޖަހައިގެން... ތިން ފަހަރަށް އޮތިން. އަނެއް ދެ ފަހަރު އަނދަގޮނޑީގައެއް ނޫން. ދެން ޖަލުގައި އޮތީ... ދެން އެކަމަކު އެހެން އޮންނަ އިރުގައި ވެސް އަފީފުގެ ވަރަށް ކަންތައް ހުރޭ... އަނދަގޮނޑީގައި އޮތް ފަހަރު މިބުނާ ގޮތާ ޚިލާފު. އަނެއް ދެފަހަރު ހަމަ އަފީފުގެ ގެއިން އެނދު ގެނެސް ބަހައްޓާފައި ހުރީ. މަދިރިގެ ދަމާފައި. ކުޑަ މޭޒެއް ބަހައްޓާފައި. މޭޒުމަތީގައި ތަށި ބަހައްޓާފައި ބިއްލޫރި ތަށި ބަހައްޓާފައި. އަފީފު ކޮންމެ ވަގުތަކު އަފީފުގެ ގެއިން އަފީފަށް ކައްކާ ކޮންމެ އެއްޗަކުން ލިބޭ. އަހަރުމެންނަކީ އަފީފުއާ ތިމާގެ މީހުން ވިއްޔަ. ދެން ރަށުގެ ވެސް ކަމުވޮށިގެންވާ މީހުން ވީމާ ކަންތައްކުރާ ގޮތް އެއީ" (ކުދުބެއްޔާ، (އަސްލު ނަމެއް ނޫން) އައްޑޫ).

ދޮންކަނބުލޮ: މާފާ ހާދަ ދެރަ ކަންކަމޭ ދޯ؟ ރާއްޖެއަށް އިނގިރޭސިން އައިސް ތިބި އިރު ހިނގާފައިވާ ކަންކަން ކިހިނެއް އެނގޭނީ ވެސް...

މާފަ: އެހެންވެޔޭ މި ކިޔައިދެނީ... އަސްލު ޢަފީފުދީދީއަކީ ވެސް ރަނގަޅު ބޭފުޅެއް... އެކަމަކު ސިޔާސީ ކަންކަމުގައި ހުންނާނެތާ... ވަރަށް ގިނަ ތަފާތު ކަންކަން... ކަނބުލޮއަށް އެނގޭތަ؟ ޢަފީފު ދީދީ... ޖަލަށް ލައްވާ ސިޔާސީ ކުށްވެރިން ދޫކޮށްލައްވާ ރޭ، އެ މީހަކަށް ޢަފީފުދީދީއާ އެކު ފަރިއްކޮޅަކަށް ދަޢުވަތު އެރުވޭ...

ދޮންކަނބުލޮ: އެހެންތަ؟ އެއީ ކީއްވެގެން ޢަފީފުދީދީ ކުރައްވާ ކަމެއްތަ މާފާ؟

ދިރާސީ ނޯޓު: އައްޑު ކުދުބެއްޔާ (އަސްލު ނަމެއް ނޫން) ބުނިގޮތުގައި އޭނާ ޖަލަށްލީ ތިން ފަހަރު ވެސް ދޫކޮށްލާ ރޭގެ ކެއުން އޮންނަނީ ޢަފީފުދީދީއާ އެކު، އެ ބޭފުޅާގެ ގޭގައެވެ. މިގޮތުން އެއްފަހަރެއްގައި ދޫކޮށްލި އިރުގެ ވާހަކަތައް ހިއްސާކުރަމުން ތަކުރުފާނުބެ ބުނީ "ދެން ދޫކޮށްލައިފި. ދޫ ކޮށްލާ ރޭ މުއްދަތު ހަމަވެގެން އެ ދޫކޮށްލާ ރޭ އަފީފު ބުނެގެން ވަރަށް މޮޅަށް ކައްކާފައި ހުރީ. ދެން އަހަރުމެން ޢަފީފުއާއެކުގައި ކެއީ. ދެން ދެކެވޭ ވާހަކައިގައި މިސަރުކާރަށް އަލުން ތާއީދު ހޯދުންތޯ ނުވަތަ ނުރުހުން ފާޅުނުކުރުން ކަހަލަ ވާހަކައެއް ނޯވޭ. ދެން އެކަމަކު އަފީފު ވިދާޅުވާނެތާ ހަމަޖެހިގެން ތިބެން. ސަރުކާރު ވަރަށް  އަވަހަށް ހަމަޖެހޭނެކަމަށާއި އެކަމަކު އަހަރުމެން ޤަބޫލެއް ނުކުރާނެތާ، އަފީފެއް ނޫން، ކޮންމެ މީހަކު ބުންޏަސް އެކަން ވެދާނެ ކަމަކަށް. މިކަހަލަ ދޮޅަސް މީހުންނަށް ސަރުކާރު ހެދޭތަ؟ އިނގިރޭސިން މިތާ ތިބުމަށް ދެކޮޅުވީއެއް ނޫނޭ އޭގެ މާނައަކީ... ކޮންމެ މީހަކު ވެސް ބޭނުންވާނެތާ ލާރި. މުއްސަނދިކަން. ސަރުކާރު ހަދަން ދެކޮޅު... އާނ! އެއީ. ޤަބޫލުވާނެ އެއްނު ބޭސް ލިބޭ. ދުނިޔޭގެ ބޭސް ލިބޭ. މުޅި އަތޮޅުގެ އެންމެންނަށް ލިބޭ. ރާއްޖޭގެ އެހެން އެއްވެސް ބަޔަކަށް ލިބޭނީކީއެއް ނޫން... ޔަޤީން މިންވަރަށް އަހަރުމެންނަށް އެނގޭ އިނގިރޭސިން ސަރުކާރު ބޭނުންވެގެން ސުވާދީބު ސަރުކާރު ހެދިކަން."

މާފަ: އެއީ ޢަފީފު ދީދީގެ ސިޔާސަތު... ސިޔާސީ ކަންކަމުގައި އެކި ލީޑަރުން ގެންގުޅުއްވާނީ އެކި އުކުޅު... އޭރުގެ ދިވެހި ދައުލަތުގެ ވަޒީރުލް ޢައުޒަމުގެ ނިންމެވުންތަކާއި ކަންކަން އަދި ވަރަށް ތަފާތު... ހިނގާ ދެން މިއަދަށް ނިންމާލަމާ....

ދޮންކަނބުލޮ: އެހެންވީމާ، ދެން މާފަ ކިޔައިދޭނީ މާލޭގެ ވާހަކަ ދޯ..

މާފަ: އާނ! މާލޭގައި ވަރަށް ގިނަ ކަންކަން ކުރެވެމުން ދިޔަ... ކަނބުލޮއަށް އެ ވާހަކަތައް ވަރަށް ތަފުސީލުކޮށް ކިޔައިދޭނަން.

މިއަދު ކޮލަމުގައި ވެސް، ސުވަދުންމަތީގައި ހިނގާފައިވާ މި ހިތާމަވެރި ތާރީޚީ ހާދިސާގެ އާ މަޢުލޫމާތުކޮޅެއް ހުށަހަޅައިދެވުނު ކަމަށް އުންމީދުކުރަމެވެ. ސުވާދުންމަތީގައި ސުވާދީބު ދައުލަތެއް އުފެއްދި ނަމަވެސް ސުވަދުންމަތީގެ ތިން އަތޮޅުގައި ވެސް ތިބީ މުސްލިމުންނެވެ. އަދި ސުވާދީބުގައި ހިނގަމުން ދިޔައީ އިސްލާމީ ވެރިކަމެވެ. ސުވާދީބުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޢަފީފުދީދީއަކީ ދީނީ ކަންކަމަށް އިސްކަން ދެއްވި ބޭފުޅެކެވެ. ނަމަވެސް ސުވާދީބު ދައުލަތުގައި ހިނގަމުންދިޔަ ކަންކަމަކީ އިސްލާމް ދީނާ ޚިލާފު ޢަމަލުތަކެއްތޯ؟ ނުވަތަ މި ޢަމަލުތަކުގެ ވާހަކަ ވިޔަފާރި މިއަދު ނޫހުގައި ގެނެސް ދެއްވާފައިވަނީ ހަމަ އެކަން ހިނގި މިންވަރަށްތޯ ތިޔަ ބޭފުޅުން ވަޒަންކޮށްލައްވާށެވެ. ސުވާދީބު ދައުލަތުގައި މީސް މީހުންނަށް ދެއްވި އަދަބުތަކާއި ޝަރީޢަތްކުރުވެނު ގޮތާ މެދު ރުހޭ މީހުންނާއި ނުރުހޭ މީހުން ވެސް ތިބިކަން މިއަދުގެ މަޢުލޫމާތުކޮޅުން ހަމާވިއެވެ. އަންނަ ހަފުތާގެ ބައިގައި މާލޭގައި ކަންކަން ހިނގަމުން ދިޔަ ގޮތް ބަޔާންކޮށްދެވޭތޯ މަސައްކަތްކުރާނަމެވެ. އަންނަ ހަފުތާއަށް އިންތިޒާރުކޮށްލައްވާށެވެ.


ހަވާލާ ދެވިފައިވާ ލިޔުންތައް

ޢަބްދުލް ޙަކީމް ހުސައިން މަނިކު. (1997). އިއްޔެ. މާލެ: ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝަރސް

ޢަޒީޒާ ޢަފީފު (އައްޒަ)
އަލްފާޟިލާ ޢަޒީޒާ ޢަފީފު (އައްޒަ) ވަނީ، މާސްޓަރސް އިން ދިވެހި ލެންގުއޭޖް އެންޑް ކަލްޗަރ ފުރިހަމަކުރައްވާފައެވެ. މިހާރު އައްޒައަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ބަހަވީ ޢިލްމާއި ދިވެހިބަހުގެ އަދަބިއްޔާތު ފަދަ ބަހާ ގުޅުން ހުރި ތަފާތު މާއްދާތައް ކިޔަވައިދެއްވާ ދާރިސެކެވެ. އޭނާގެ ދިރާސީ މަސައްކަތްތަކުގެ ތެރޭގައި ދިވެހި ބަހުގެ ޤަވާޢިދުގެ އިތުރުން، ދިވެހިރާއްޖޭގެ ތާރީޚު، މިންތީ ތަފާތު، ދިވެހިރާއްޖޭގެ ފޯކްލޯ އަދި އަދަބިއްޔާތު ފަދަ ދިވެހި ބަހާއި ތާރީޚާއި ސަޤާފަތާ ގުޅުން ހުރި ތަފާތު ދާއިރާތައް ފާހަގަކޮށްލެވެއެވެ.

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.