އައްޒަގެ ދިރާސީ ބަސް: ސުވާދީބު ސަރުކާރުން ހުވަދު އަތޮޅާއި ފުވައްމުލަކަށް ދަޢުވަތު ދިންތަ؟


ސުވާދުންމަތީ ދިރާސާގެ ހޯދުންތައް ހުށަހަޅަމުން މިދަނީ ޚިޔާލީ ދެ ޝަޚުޞިއްޔަތު ކަމަށްވާ މާފައާއި ކަނބުލޮގެ ވާހަކަ ބޭނުންކޮށްގެންނެވެ. މީގެއިތުރުން، މި ދިރާސާގެ ބައިވެރިންގެ ބައެއް ބުނުންތަކާއި އަދި ތާރީޚީ ޞަފުހާތަކުން މި ލިޔުމަށް ބާރުދޭ އިތުރު ތަފުސީލުތައް ދިރާސީ ނޯޓްގެ ގޮތުގައި ހިމަނާލާފައިވާނެކަން ކިއުންތެރިންގެ މަޢުލޫމާތަށް ޓަކައި ދަންނަވަމެވެ. ދިރާސާގެ ބައިވެރިންގެ އަސްލު ނަމުގެ ބަދަލުގައި ބޭނުންކޮށްފައިވާނީ ޚިޔާލީ ނަންތަކެކެވެ. ދިވެހިންނާއި އިނގިރޭސިންގެ ތެރެއިން މި ހާދިސާގައި އިސްކޮށް އުޅުއްވި ބޭބޭފުޅުންގެ އަސްލު ނަންފުޅުތައް ނުވަތަ ނަންނަން ހިމަނާފައިވާނަމަ، އެއީ އެކި ފަތްފުށްތަކުގައި ޝާއިޢުކުރެވި، އާންމުކުރެވިފައިވާ ނަންފުޅުތަކެވެ. ނުވަތަ ނަންނަމެވެ. އެއްވެސް ހާލެއްގައި މިއިން ނަންފުޅެއް ނުވަތަ ނަމެއް ބޭނުންކޮށްފައިވަނީ، ދިރާސާވެރިޔާގެ ހައިސިއްޔަތުން، ވަކި ކަމެއް ވަކި ބޭފުޅެއްގެ އިސްތަށިފުޅުގައި ނުވަތަ ބޮލުގައި އަޅުވާކަށެއް ވެސް ނުމެ ނޫންމެއެވެ. އޭގެ ބަދަލުގައި އަޅުގަނޑުގެ މަޤުޞަދަކީ، ވީހާ ވެސް ތަފުސީލުކޮށް މި ހާދިސާ ހުށަހަޅައިދިނުމެވެ. އެހެންކަމުން ދިރާސާގެ ބައިވެރިން، ވާހަކަތައް ކިޔައިދިނުމުގައި ބޭނުންކޮށްފައިވާ ބަސްކޮށާރާއި ބަސްމަގު، އަސްލާ އެއްގޮތަށް ގެނެސް ދިނުމަށް ވަރަށް ބޮޑަށް އިސްކަންދީފައިވާނެ ވާހަކަ ވެސް މަޢުލޫމާތަށް ޓަކައި ދަންނަވަމެވެ. މިއީ އެތައް ބަޔެއްގެ އިހުސާސާ ގުޅިފައިވާ ޙަޤީޤީ ހާދިސާތަކެއް ގެނެސްދެވޭ ކޮލަމަކަށް ވާތީ މި ހާދިސާތަކުން އަސަރުކޮށްފައިވާ، ނަފުސާނީ ދުޅަހެޔޮކަން ނެތް މީހުން މި ލިޔުން ވިދާޅުވުމުގައި އެހެން ފަރާތެއްގެ އެހީތެރިކަން ހޯދުން ރަނގަޅުވާނެ ވާހަކަ ހަނދުމަފުޅުކޮށް އަރުވަމެވެ.


މިއަދުގެ ކޮލަމު މި ޚާއްޞަކުރަނީ، ސުވާދީބު ސަރުކާރުގައި ބައިވެރިވުމަށް އެހެން އަތޮޅުތަކަށް ދެވުނު ދަޢުވަތުގެ މައްޗަށެވެ. މި ކޮލަމުގެ ކިޔުންތެރިންނަށް އޮޅިވަޑައިގެންފައި ނުވާނެ ފަދައިން، އިންގިލާބީ ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި ސުވާދީބު ސަރުކާރުގެ ނަން ފާސްކޮށް، ރައީސާއި ނާއިބު ރައީސް އައްޔަންކުރުމަށް ފަހު ދެން ނިންމުނު އެންމެ މުހިންމު ނިންމުމަކަށް ވީ ހުވަދު އަތޮޅާއި ފުވައްމުލައް ސުވާދީބު ސަރުކާރުގައި ބައިވެރިކުރުމަށް ދަޢުވަތު ދިނުމެވެ. މި ދަޢުވަތު ދެވުނީ ކިހިނެއްތޯއާއި ހުވަދު އަތޮޅާއި ފުވައްމުލައް ސުވާދީބު ސަރުކާރުގައި ބައިވެރިވީ ކިހިނެއްތޯ ސުވާލު އުފެދެއެވެ. މި ސުވާލުތަކުގެ ޖަވާބު ލިބިގަތުމުގެ ޝައުޤުވެރިކަން އަޅުގަނޑު ފަދައިން ތިޔަ ބޭފުޅުންގެ ސިކުނޑީގައި ވެސް ބުރުޖަހަމުން ދާނެކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ. ވީމާ، މި މުހިންމު ސުވާލުގެ ޖަވާބު ހޯދުމަށް ޓަކައި މިއަދުގެ ކޮލަމު ކިޔުއްވަމުން ގެންދަވާށެވެ. އެހެން ދުވަސް ދުވަހެކޭ އެއްގޮތަށް މި ކޮލަމުގެ ޚިޔާލީ ދެ ޝަޚުޞިއްޔަތުގެ ވާހަކައާ އެކު ކުރިއަށް ދާނަމެވެ

ދޮންކަނބުލޮ: މާފާ ހިނގާ ވާހަކަ ފަށަމާ ދޯ؟ މާފާ ވަރަށް ބޮޑު ސުވާލެއް އެބައޮތޭ!

މާފަ: ދޮންކަނބުލޮ އަވަހަށް ބުނޭ ކޮން ސުވާލެއް؟

ދޮންކަނބުލޮ: ހުމްމް....! (ވަރަށް ވިސްނަން އިނދެފައި) ހިތަށް މި އަރަނީ... މާފަ ވާހަކަ ކިޔައިދެމުން އައިސް ސުވާދީބު ސަރުކާރު އުފެދުނު ވާހަކައާއި އެ ސަރުކާރުގެ ކެބިނެޓް އުފެދުނު ވާހަކަ ނިމުނު އިރު ވެސް ހުވަދު އަތޮޅާއި ފުވައްމުލަކުގެ ވާހަކައެއް ނާދޭއޭ؟ ސުވާދީބު ސަރުކާރު އުފައްދަން އެމީހުން ބައިވެރިއެއް ނުވޭތަ؟

މާފަ: އާނ! އުފައްދަން ބައިވެރިވިއެކޭ ނުބުނެވޭނެ. އެކަމަކު، ކަނބުލޮ ހަނދާން އެބަހުރިތަ؟ ސުވާދީބު ސަރުކާރުގެ ނަން ފާސްކޮށް ރައީސާއި ނާއިބު ރައީސް ވެސް ހޮވި ބައްދަލުވުމުގައި.... އެއްކަލަ އިންގިލާބީ ކޮމިޓީން ނިންމިއެއްނުން ހުވަދު އަތޮޅަށާއި ފުވައްމުލަކަށް ދަޢުވަތު ދޭން...

ދޮންކަނބުލޮ:  އޯހ... އާނ! އާނ! ހަނދާންވެއްޖެ. ދެން ކިހިނެއްވީ؟ ދަޢުވަތު ދިނީމަ، އެ ދަޢުވަތު ޤަބޫލުކޮށްގެން ސުވާދީބާ ބައިވެރިވީދޯ؟

މާފަ: (އިރުކޮޅަކު ވިސްނަން އިނދެފައި...) މުޅިއަކުން ތިހެނެއް ވެސް ނޫން... އެކަމަކު ދަޢުވަތު ނުދެޔެކޭ ވެސް ނުބުނެވޭނެ.

ދޮންކަނބުލޮ: ކީކޭ މާފާ...! (ކުޑަކޮށް ހީނލާފައި) މަފާ މިއަދު ތިޔަ ކިޔަނީ އަރަތެއްދޯ؟

މާފަ: (ދޮންކޮނބުލޮއަށް ބަލާފައި ހިނިތުންވެ އިނދެ ބޯޖަހާލަމުން)... އާނ! ކަނބުލޮ... އަރަތަކަށް ވިޔަސް ހާސަރަކަށް ވިޔަސް، މިހެން ހަމަ ބުނެވޭނީ.... އެއީ އައްޑޫގައި މި ހިނގިކަންކަމުގެ ޚަބަރު ސިލޯނަށް ވިޔަފާރިކަމު ގޮސް ތިބި އޮޑިފަހަރުގެ މީހުންނަށް ލިބި، އައްޑޫ، ފުވައްމުލައް އަދި ހުވަދޫ މީހުން ސިލޯނުގައި ބައްދަލުކޮށް މަޝްވަރާކުރި.... އެ މަޝްވަރާއަށް ފަހު ނިންމީ އެ ދަތުރުގައި މާލެ ނުގޮސް މުދާ ހިފައިގެން ސީދާ އެބައެއްގެ އަތޮޅަށް އެބަޔަކު ދިޔުމަށް... ކަންތައް ކުރީ ވެސް އެހެން... ދެން މައްސަލަ އިތުރަށް ބޮޑުވީ...

ދިރާސީ ނޯޓު: ޢަބްދުﷲ ޞާދިޤު (2016) ވިދާޅުވާ ގޮތުގައި ސިލޯނުގައި ދެކުނުގެ ތިން އަތޮޅުގެ އޮޑިފަހަރުގެ މީހުންގެ ބައްދަލުވުން ބޭއްވުނީ 1959 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 15 ވީ އާދީއްތަ ދުވަހުގައެވެ. މި ބައްދަލުވުމުގައި އެއްބަސްވެވުނީ، ދިވެހި ސަރުކާރުގެ އެންގެވުމާ ޚިލާފަށް ކަންތައް ކުރުމަށެވެ. އެއީ މާލެ ނައިސް، މުދާ ހިފައިގެން އޮޑިފަހަރު ސީދާ އަތޮޅަށް ދިއުމެވެ. ހުވަދު އަތޮޅުގެ ވިއްސަކަށް އޮޑި އޭރު ސިލޯނު ބަނދަރުގައި އޮތް ކަމަށް ވެސް ޢަބުދުﷲ ޞާދިޤު ވިދާޅުވެއެވެ. ހަމައެހެންމެ މުޙައްމަދު ޒުހައިރު (2017) ވެސް މި ބީދައިން ވާހަކަދައްކަވާފައިވެއެވެ. އެހެނީ މާލެ ނުޖައްސައި ހަވަރުތިނަދޫއަށް އައި އޮޑިފަހަރު ފަޅުގައި ބަންދުކުރި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި އެއިން އޮޑިއެއްގައި ހިރިހަމައިދިކަލޭފާނުގެ އަނބިކަނބަލުން ޒުލައިޚާ ޢަބުދުއްރަޙުމާނު ވެސް ފަޅުގައި ބަންދުކުރެއްވިކަމަށް ވެސް އޭނާ ވިދާޅުވެއެވެ. މީގެ ސަބަބުން ރައްޔިތުން ވަރަށް ބޮޑަށް ރުޅިއައިކަމަށް ވެއެވެ. މި ދެ ބޭފުޅުންގެ ވާހަކަތަކުން ވެސް ދޭހަވާ ފަދައިން، ސުވާދީބު ސަރުކާރުގެ ދަޢުވަތު، ރަށްރަށުގައި ތިބި ރައްޔިތުންނަށް ވުރެ ކުރިން ލިބިފައިވަނީ، ސިލޯނަށް ވިޔަފާރި ދަތުރުގައި ގޮސް ތިބި ވިޔަފާރިވެރިންނާއި އޮޑިވެރިންނަށްކަން ހާމަވެއެވެ. އެހިނދު، ސިލޯނުގައި އެ ވެވުނު އެއްބަސްވުމަކީ، ސުވާދީބުގެ ދަޢުވަތު ޤަބޫލުކުރުން ކަމަށް ވެސް ބެލެވިދާނެއެވެ.

ދޮންކަނބުލޮ:  ދެން ކިހިނެއްތަވީ؟ މާލެ ނުދިޔައިމާ ކުށްވެރިވާނެނޫންތަ މާފާ؟

މާފަ: ކުށްވެރިވިޔަސް ހެޔޮކަމަށްތާ އެހެން ހަދާނީ... އެބަޔަކު އައީ އެބައެއްގެ އަތޮޅަށް.... ރަށަށް. ކަނބުލޮއަށް އެނގޭނުން. މި ހަވަރުތިނަދޫއަކީ އޭރު ހުވަދޫއަތޮޅުގެ ވެރިކަން ކުރި ރަށް. އޭރު އަތޮޅުވެރިއަކަށް ހުންނެވީ ނ.ތ.ހަސަންދީދީ... ރައްޔިތުން ތިބީ އޭނާގެ ޢަމަލުތައް ހުރި ގޮތުން އޭނާއާ ވެސް ވަރަށް ބޮޑަށް ނުރުހިފައި... މިހެން ތިއްބާ..

ދޮންކަނބުލޮ:  ނ.ތ.ހަސަންދީދީގެ ޢަމަލުތައް ހުރި ގޮތުން ނުރުހުނީއޭ؟ ކީއްތަ އެ އަތޮޅުވެރިން ކުރެއްވީ؟

މާފަ: ދޮންކަނބުލޯ.... (ވާހަކަ ދައްކަން ބޭނުންނުވާ ރާގަކަށް އަޅައިގަންނަމުން) އެ ހުންނަނީ ވަރަށް ލަދު ވާހަކަތައް... އަތޮޅުވެރިޔަކަށް ވިޔަސް.... ހަވަރުތިނަދޫގެ ޒުވާން އަންހެނުން ގެންގޮސްގެން... ވާރުގެ.. އޭރުގެ އަތޮޅުގެ ނާސިގެއަކަށް ހެއްދެވީމާ ދެން ތިނަދޫ ފިރިހެނުން... ޚާއްޞަކޮށް ޒުވާން ފިރިހެނުން ރުޅި ނައިހެއް ނުތިބޭނެތާ... އެކަމަކު... (އިރުކޮޅަކު ހިމޭނުން އިނުމަށް ފަހު) އަތޮޅުވެރިންނާ މެދު މި ރަށުގެ ޒުވާނުން ކަންތައް އެކުރީ ވެސް ރަނގަޅަކަށް ނޫން.... މާފަ މިއަދު ވެސް އެކަމާ ދެރަވޭ... އެހެން ހަދާކަށް ނުވާނެ...

ދޮންކަނބުލޮ:  (ވަރަށް ދެރަވެ ލަދުން އިނދެ) މާފާ.... ކީއްވެތަ އެހާ ބޮޑަށް ދެރަވަނީ؟

މާފަ: (އިސްއުފުލާލައިފައި ލޯ ފުހެލަމުން) .... އާނ ކަނބުލޯ... އެ ވެސް އިންސާނެއް... އެހާ އިހާނެތިކޮށް ކަންތައް ކުރާކަށް ނުވާނެ... އެކަމަކު އެ ވާހަކަ އެހެން ދުވަހަކަށް ބާއްވަމާދޯ... މާފަ ފަހުން އެ ހާދިސާ ކިޔައިދޭނަން...

ދޮންކަނބުލޮ:  އާނ! މާފާ... މާފަ ބޭނުން ގޮތެއް... އެހެންވިއްޔާ ރަށަށް އައި އޮޑިފަހަރުގެ މީހުން ހެދީ ކިހިނެއް؟

ދިރާސީ ނޯޓު: މުޙައްމަދު ޒުހައިރު (2017) ވިދާޅުވަނީ، "ކޮންމެއަކަސް ވާރުގެ ތަޅައިލައި ހިންގަމުން ދިޔަ ޣައިރުޤާނޫނީ ޢަމަލުތަކަށް ދިވެހި ސަރުކާރުން ދީފާނެ ވަރުގަދަ ޢުޤޫބާތަކަށް ނުހަނު ކަންބޮޑުވެފައި ތިބެމެ ހަވަރު ތިނަދޫގެ މީހުންނަށް ދެން އެނބުރިލެވުނީ އައްޑު އަތޮޅާ ދިމާއަށެވެ. އޭރު އިނގިރޭސިންގެ މަކަރުވެރިކަމާ އެކު، އައްޑު އަތޮޅު ވަނީ ދިވެހިސަރުކާރާ ވަކިކުރުވާފައެވެ. .... އެއީ ހިކި ކަނޑުމަހާއި ކުފުރާ ފަދަ ތަކެތި އެކްސްޕޯޓުކޮށްގެން ކާބޯތަކެތި އެތެރެކުރި ޒަމާނަށް ވުމުން ހުވަދު އަތޮޅުން ލިބޭ އާމްދަނީގެ ބޭނުމުގައި ހުވަދު އަތޮޅު އެކަމުގެ ތެރެއަށް ވެއްދުމަކީ، އިނގިރޭސިންގެ ރޭވުމާ އެކު އައްޑު އަތޮޅަށް ވެސް ވަރަށް މުހިންމު ކަމަކަށްވެފައި ވިޔަސް، އައްޑު އަތޮޅު މީހުން ވެސް އުފުލަން ޖެހުނު އެއްވެސް ތަކުލީފަކާ ނުލައި ހަވަރުތިނަދޫ މިކަމުގެ ތެރެއަށް ވަދެގަތީއެވެ."

މާފަ: ދޮންކަނބުލޯ! މާފަ ވަރަށް ދެރަވޭ މި ވާހަކަތައް ކިޔައިދޭން ވެސް... އޮޑިފަހަރުން މުދާ ބާލަން މީހުން މަސައްކަތް ކުރި.... އަދި ބައެއް މުދާތައް ބޭލި ވެސްމެ... ދެން އަތޮޅުވެރިން އެ މުދާތައް ވާރުގެއަށް ގެންދިޔައީ... މުދާ ބޭލުން މަނާކުރީ... އަދި އެކަމުގައި އުޅުނު މީހުން ވެސް ވާރުގެއަށް ގެންގޮސް އަނދަގޮނޑި ޖަހައި، ބަންދުކުރީ...

ދޮންކަނބުލޮ:  މާފާ ދެނޯ؟ ރައްޔިތުން ކިހާ ރުޅިއެއް އަންނާނެތަ މާފާ... ކުރިން މާފަ ބުނީމެއްނުން... ކޮޅުނބު އޮޑިފަހަރު އަންނަ ދުވަހަކީ ޢީދު ދުވަހެކޭ...

މާފަ: އާނ! ކަނބުލޯ... އުފާވެރި ޢީދު ދުވަސް... ބިރުވެރި ހަނގުރާމައަކަށް ބަދަލުވީ... ލޭ ހޫނުވެފައި ތިބި ޒުވާނުންނާއި އޮޑިފަހަރުން އައި މީހުން ބައިވެރިވެގެން ވާރުގެއާ ދިމާކޮށްލީ... ވާރުގެ ތަޅާލައި... މުދާތައް ވެސް ނެރުނީ... މިހިސާބުން... ދެން ދިވެހި ސަރުކާރާ ދެކޮޅުވެރިކަން އުފެދުނީތާ... އެއީ 1959 ވަނަ އަހަރު ފެބުރުއަރީ މަހުގެ 16 ވަނަ ދުވަހުގެ ރޭ 8:30..... އެހާކަށް ހާއިރުހެން މާފައަށް ހީވަނީ... ދެން އައްޑޫގައި އޮތް ސުވާދީބު ސަރުކާރާ ގުޅުނީ..

ދޮންކަނބުލޮ: ސުވާދީބު ސަރުކާރާ ގުޅެން ކިހިނެއްތަ ހެދީ؟

މާފަ: ހެދި ގޮތަކީ... އަތޮޅުވެރިންނަށް އަނިޔާކޮށްފައި... އަތޮޅުވެރިން މަޑަވެއްޔަށް އަރުވާލީ... ދެން ހުވަދޫ އަތޮޅުގެ ވަފުދެއް އައްޑޫއަށް ދިޔައީ... މިކަންކަން ހިނގިއިރު، އައްޑޫ ދޯންޏެއް ވެސް އައި... މާފައަކަށް ނޭނގެ ސުވާދީބު ސަރުކާރުގެ ރަސްމީ ދަޢުވަތެއް ލިބުނު ކަމެއް ނުލިބޭ ކަމެއް... ހަވަރު ތިނަދޫގައި ކަން ހިނގި ގޮތް މިކިޔައިދިނީ...

ދޮންކަނބުލޮ: މާފާ... ދެން ފުވައްމުލަކު މީހުން ކިހިނެއްތަ ކަންތައް ކުރީ؟

މާފަ: ފުވައްމުލަކު މީހުން ހުވަދޫ މީހުންނަށް ވުރެ މާ ބޮޑަށް އައްޑޫ މީހުންނާ ގުޅުން އޮވޭ... އެކަން ވާނީ ވެސް އެހެންތާ... އައްޑުއަތޮޅަށް އިނގިރޭސިން އައުމުން އައްޑޫއަށް ލިބުނު ތަނަވަސްކަމުގެ މަންފާ ފުވައްމުލަކަށް ވެސް ދިޔައީ ލިބެމުން..

ދޮންކަނބުލޮ: މާފަ ތިޔަ ބުނަނީ ކޮން ކަހަލަ މަންފާއެއްގެ ވާހަކަތަ؟

މާފަ: އާނ! މަންފާއޭ މި ބުނަނީ... ކަނބުލޮއަށް ވެސް އެނގޭނުން... ކޮނޅުނބުގެ ދަތުރުތައް ކުރުމުގައި ސަރުކާރުން ކުރިމަތިކުރުވަމުން ދިޔަ ދަތިތައް... އެހެންވީމާ، ރަށްރަށަށް ބޭނުންވާ ވަރަށް ކާޑާއި އެހެނިހެން ސާމާނު ނުލިބޭނެތާ... އެ ދަނޑިވަޅުގައި އިނގިރޭސިންގެ އެހީތެރިކަމާ އެކު އައްޑޫ ވަރަށް  ތަނަވަސް. ހުރިހާ އެއްޗެއް ލިބޭ...

ދިރާސީ ނޯޓު: ދިރާސާގެ ބައިވެރިއެއް ކަމުގައިވާ، ފުވައްމުލަކު މުހަންމާބެ (އަސްލު ނަމެއް ނޫން)، ސުވާދީބު ސަރުކާރާއި، އެ ސަރުކާރުގައި ފުވައްމުލައް ބައިވެރިވުމުގައި ހިނގައިދިޔަ ކަންކަމާ ނުރުހި ހުރެ ކިޔައިދިނެވެ. "އަސްލު އަޅުގަނޑުމެންނަށް އޭގައި ބައިވެރިވާންޖެހުނީ... އައްޑުއަތޮޅުގެ ކޮންމެވެސް ނުފޫޒެއް އޮތް އެކަމުގަ. އެހެން އަޅުގަނޑު މިދެންނެވީ، އަޅުގަނޑުމެން އޭރު ކައިބޮއެ އުޅެނީ އައްޑުއަތޮޅުގެ އެހީގަ. އިނގިރޭސީން ގަމުގައި ތިބެގެން އެއަރޕޯޓު ހެދުމަށާ، މިކަހަލަ ކަންކަމަށް ގޮސް ގާ ނަގައިދީ އެކަހަލަ ކަންތައްތަކުން މިރަށު މީހުން ކައިބޮއި އުޅުނީ. އައްޑުއަތޮޅަށް ގޮސް ގޭގެއަށް މަސައްކަތް ކޮށްދީގެން. ނުކުރާ އެއްވެސް މަސައްކަތެއް ނޯންނާނެ އިނގޭތޯ. އެއީ އަސްލުގައި އައްޑުއަތޮޅު އޮތް ގޮތަކުން މިއަށް ވަންނަންޖެހުނީ އެއީ ބައެއް މީހުން ދެކޭ ގޮތް. ބަޣާވާތް ކުރީމާ އެއް ބަޔަކު ހިތްހަމަޖެހުނު... ނަމަވެސް ދެން ތިބި މީހުން ހިތްހަމައެއް ނުޖެހޭ... އެހެންތާ ވާނީ... އަޅުގަނޑުމެން ބޭނުމެއްނުވޭ ދިވެހި ސަރުކާރާ ވަކިވާކަށް" އައްޑޫއިން ދިރާސާގައި ބައިވެރިވި ތައްކާނުބެ (އަސްލު ނަމެއް ނޫން) ވެސް ފުވައްމުލަކު މީހުން އައްޑޫގެ ގޭގޭގައި އުޖޫރައަށް މަސައްކަތްކުރަން އުޅުނުކަމާއި އެ މީހުން ނުކުރާ މަސައްކަތެއް ނޯންނަކަމަށް ވެސް ބުންޏެވެ. ގަމަށް އިނގިރޭސިންގެ މަސައްކަތަށް ދިޔުމަށް ވުރެ ބޮޑަށް ފުވައްމުލަކު މީހުން މަސައްކަތްކުރީ އައްޑޫ މީސްމީހުންގެ ގޭގޭގައި އުޖޫރައަށް ކަން، އައްޑޫ އަދި ފުވައްމުލަކުން ދިރާސާގައި ބައިވެރިވި ބައިވެރިންގެ ވާހަކަތަކުން ފާހަގަކުރެވުނެވެ. އެހެންވީމާ، ސުވާދީބު ސަރުކާރުގެ ރަސްމީ ދަޢުވަތެއް ނުދިން ކަމުގައި ވިޔަސް އިޖުތިމާޢީ ގޮތުންނާއި އިޤުތިޞާދީ ގޮތުން ފުވައްމުލަކު މީހުން ތިބީ ސުވާދީބު ސަރުކާރުގައި ބައިވެރިވެފައޭ ވެސް ދެންނެވިދާނެއެވެ.

މާފަ: އެހެންވީމާ، އައްޑޫގައި މަސައްކަތްކޮށްގެން ފުވައްމުލަކު މީހުން ވެސް ދިރިއުޅުނީ... އެހެންވެ އައްޑޫގައި އުފެދުނު ސުވާދީބު ސަރުކާރަށް ތާއީދުކޮށް ރައްޔިތުން ވެސް ދިޔައީ ޝުޢޫރު ފާޅުކުރަމުން..

ދޮންކަނބުލޮ: ކިހިނެއްތަ ރައްޔިތުން ޝުޢޫރު ފާޅުކުރީ؟

މާފަ: ކަނބުލޯ! ފުވައްމުލަކު މީހުންގެ ނުރުހުން ފާޅުކުރީ ސިޓީއިން... ކޮންމެ ރެއަކު އަތޮޅުގެ... އޭރު ކިޔާ ގޮތުން ނަމަ... ވާރުގެއަށް ސިޓީ އަޅަން ފެށީ... ސިޓީތަކުގައި ވަރަށް ހަޑި ހުތުރު ބަހުރުވަ ބޭނުންކޮށްފައި ހުންނަ ކަމަށް ވެސް ތާރީޚީ ފޮތްފޮތުގައި ލިޔެފައި އެބަ ހުރި... މި ނުރުހުން ފާޅުކުރުމުގެ ތެރޭގައި އެ ރަށުގެ މަދަރުސާއެއްގައި ހުޅު ޖަހައި އަންދާލި ކަމަށް ވެސް ވޭ... ވާރުގެ ކައިރީގައި ހުރި މަދަރުސާއެއް އެއީ..

ދިރާސީ ނޯޓު: ޢަބްދުﷲ ޞާދިޤު (2016) ވިދާޅުވަނީ "... މުލަކުގައި ވަނީ ހިސާބަކަށް އިދިކޮޅު ހަރަކާތްތައް ވެސް ފެށިފައެވެ. ފުރަތަމަ ހަރަކާތެއްގެ ގޮތުގައި ފާހަގަކުރެވުނީ ބައެއް ފަރާތްތަކުން ސަރުކާރާ އިދިކޮޅު ވާހަކަތައް ރަށުތެރޭގައި ދައްކަމުން ގެންދާ ކަމެވެ. އޭގެފަހުން، ކުރަންފެށި ކަމަކީ، ސަރުކާރުގެ ވެރިންނަށް ހުތުރު އެއްޗެހި ކިޔާފައިވާ ލިޔުންތައް އަތޮޅުގޭގެ ގޯތިތެރެއަށް އަޅަމުން ދިއުމެވެ. ކޮންމެ ދުވަހަކު ހެނދުނު އާ ލިޔުންތަކެއް ހުރެއެވެ. ހުތުރު، އާ ބަސްތަކެއް ލިޔެފައެވެ. އެ ގޮތުގައި ދުވަސްކޮޅެއް ދިޔުމަށް ފަހު ދެން ފެނުނީ ވަރަށް ނުރައްކާތެރި ހަރަކާތެކެވެ. ޏ.އަތޮޅުގޭގެ ޢިމާރާތުގެ ކައިރީގައި ލަކުޑިން ހަދައި ފަނުން ހިޔާކޮށްފައި ހުރި އެ ރަށުގެ މަދަރުސާގައި ރޯކޮށް އަންދާލުމެވެ. މިކަން ހިނގީ 1959 ވަނަ އަހަރު ޖަނަވަރީ މަހުގެ 13 ވިލޭރޭ މެންދަމު 1 ޖެހި ވަގުތުގައެވެ" (ޞ. 58). އޭނާ އިތުރަށް ވިދާޅުވާ ގޮތުގައި މި ހާދިސާ ހިނގައި ދިޔަތާ 15 ވަނައަށް ވީ ދުވަހުގެ ހަވީރު، ފުވައްމުލަކު މީހުން ގޮވައިގެން، ހުވަދޫ އަތޮޅު ގައްދޫ ދޯންޏެއް މުލަކަށް އައެވެ. މި މީހުންނަކީ މާލެއަށް ގޮސްފައި އެނބުރި ރަށަށް އައުމަށް ޓަކައި ހުވަދު އަތޮޅަށް އައިސް ތިބި މީހުންނެވެ. މި މީހުން ގެނައި ޚަބަރުތައް އަޑުއިވިފައި، ރައްޔިތުން ވަރަށް ބޮޑަށް ރުޅިއައިސްގެން ހަމަ އެވަގުތު ގޮސް އަތޮޅުގޭގައި ހުރި ދިދަދަނޑި ވައްޓާލި ކަމަށް ވެސް ޢަބްދުﷲ ޞާދިގު ވިދާޅުވެފައިވެއެވެ. މިހާ ބޮޑަށް ރުޅިއަންނަން ޖެހުނު ޚަބަރަކަށްވީ، ސިލޯނަށް ގޮސްފައި މާލެ އައި އޮޑިފަހަރުން ގެނައި މުދަލުން މައުމޫލު (ޑިއުޓީ) ނެގިވާހަކެވެ. ވީމާ، މިއިން މި އެނގުނީ، ފުވައްމުލަކުގެ ބައެއް އޮޑިފަހަރު އެ އަހަރު ވެސް ސީދާ ރަށަށް ނައިސް މާލެ ދިޔަކަމާއި، މާލެ ދިޔުމުން، ދިވެހި ސަރުކާރުން އެ ކަނޑައަޅާފައިވާ ރޭޓަކުން ޑިއުޓީ ނުވަތަ ޓެކްސް ނެގިކަމެވެ.

ދޮންކަނބުލޮ: މަދަރުސާ ހަމަ އެއްކޮށް އަނދައި ހުލިވީތަ މާފާ؟ އަތޮޅުގެ ވެސް އެނދިތަ؟

މާފަ: ލަކުޑިއާ ފަނުން ހަދާފައި ހުރި ތަނެއް އެއީ... އެހެންވީމާ ކިހާ އަވަހަކަށް އަނދާނެ؟ އެކަމަކު އަތޮޅުގެއެއް ނާނދާ! މި ހާދިސާ ހިނގިތާ 15 ވަނައަށް ވީ ދުވަހު ހަވީރު އަތޮޅުގޭގައި ހުރި ދިދަދަނޑި ވައްޓާލައިފި... އަދި ހަމަ އެރޭ ރައްޔިތުން ނުކުމެ އަތޮޅުގެ ވެސް ތަޅައިލީ... ދެން ސުވާދީބު ސަރުކާރުގައި ބައިވެރިވާން 8 މެންބަރުންގެ މައްޗަށް އެކުލެވޭ ވަފުދެއް އައްޑޫއަށް ފޮނުވީ...

ދިރާސީ ނޯޓު: ޢަބުދުﷲ ޞާދިޤު (2016) ވިދާޅުވަނީ ރައްޔިތުން ނުކުމެ ފުވަމުއްމުލަކު އަތޮޅު އޮފީހުގެ ދިދަ ވައްޓާލީ ހަވީރުކަމަށާ ހަމަ އެރޭ އޮތޮޅުގެ ތަޅާލިކަމަށެވެ. އެރޭގެ ހާދިސާ ވަރަށް ތަފުސީލުކޮށް ކިޔައިދެމުން ފުވައްމުލަކު މުހަންމާބެ (އަސްލު ނަމެއް ނޫން) ބުނީ "ގައްދޫއިން އައި ދޯންޏެއްގެ ފަރާތުން އަޅުގަނޑުމެންނަށް ޚަބަރު މި ލިބުނީ ހުވަދުއަތޮޅު އެއްކޮށް ސުވާދީބު ސަރުކާރަށް ބަދަލުވެއްޖެއޭ. އައްޑުއަތޮޅު ވެސް މިހާރު އޮތީ ބަދަލުވެފައޭ. އެއާ އެކު ހަމަ މި ރަށުގެ އޮޑިއެއް ވެސް މާލެއިން ފުރައިގެން ރަށަށް އައި ދުވަސް އެއީ. އެ އޮޑިން ވެސް އަޅުގަނޑުމެންނަށް ޚަބަރު ލިބުނު އިނގޭތޯ... ދެން ވީގޮތަކީ އެ ދުވަހު ހަމަ ހަވީރު ރަށުގެ ރައްޔިތުން އަތޮޅުގޭ ދޮށަށް އެއްވީ... އެއްވެގެން ދެން އެމީހުން ވާހަކަދައްކާފައި ހަޅޭއްފަޅޭއް ލަވައި އެކަހަލަ ހައިޖާނުގަނޑެއް ހިންގާފައި އެމީހުން ކިޔައިފި އަދި މިރޭ ތިމަންނަމެން އެބަ އަންނަމޭ... އޭރު އަތޮޅުވެރިއަކު ނެތް. އަތޮޅުވެރިޔާގެ ބަދަލުގައި މި ރަށު ކެންނާރި އިބްރާހީމް ދީދީ ހުންނެވީ. ދެން އެ ރެއަކީ ރަޖަބުމަހުގެ 27 ވިލޭރޭ. އެއީ މިރަށުގެ ކޮންމެ ރަޖަބުމަހެއްގެ 27 ވިލޭރޭ އޮންނާނެ މާލޫދެއް ކިޔުން. އެ މަލޫދު ކިޔަންވެގެން ރަށުގެ ކަމުވޮށިވެގެންވާ އެންމެން ދާނެ. ވީމާ، އަތޮޅު އޮފީހުގެ އެންމެން ވެސް ދާނެ މާލޫދުގެއަށް. އެކަމަކު... އަތޮޅުވެރިޔާގެ މަޤާމުގައި ހުރި ބޭފުޅާ ވިދާޅުވެއްޖެ މިތާ ހުންނާށޭ. އަތޮޅުގޭ ތެރޭގައި ހުންނާށޭ އެމީހުން ހަދާ ނަހަދާ އެއްޗެއް ބަލަން. ދެން އެ ވަގުތު ބަލާފައި އެ އެއްވި މީހުން އަތޮޅުގެ ދޮށަށް ދިޔައީ.... ދެން އެމީހުން އައިސް އެތަނުގެ ފުރާޅު ވެސް ވައްޓާލާފައި އަތޮޅުގޭ ތެރޭގައި ހުރި ހުރިހައި އެއްޗެއް ސުންނާފަތިކޮށްލާފައި، ނުވެގެން މާލިއްޔާ ވެސް ފަޅާލާފައި އެތަނުގައި ހުރި ކާޑުތަކާއި އެހެން އެއްޗެހިތަކާ މީސްމީހުންގެ މުދާތައް ހިފައިގެން އެމީހުން ދިޔައީ... ހަމަ ރަށު މީހުން... އެރޭ އައި އައްޑުއަތޮޅުން ދޯންޏެއް... މިރަށުން އެރީ ބަޣާވާތް ކުރި މީހުން. މިރަށުން ނެގީ ކޮމިޓީއެއް... ކޮމިޓީއެއް ނަގާފައި ކޮމިޓީއާ ހަވާލުކުރީ ހިންގަން... ދެން އެކަމަކު އޭގެތެރޭގައި އެއްކަލަ އަތޮޅު އޮފީސް ހިންގަވަން ހުންނެވި ކެންނާރި އިބްރާހީމް ދީދީ ވެސް ބައިވެރިކުރި އެ ކޮމިޓީގަ.. ދެން ހަމަ އެ ދުވަހު، އެ ވަފުދު ދިޔައީ އައްޑުއަތޮޅަށް. އައްޑުއަތޮޅަށް ގޮސް އެތާ އެމީހުންގެ އަތުން މަޢުލޫމާތު ހޯދައިގެން ހިންގަންވީ ގޮތާ އެއްޗެހި ބަލައިގެން މިރަށަށް އައިސް ދެން ހިންގަން ފެށީ.."

މި ދިރާސާގެ ބައިވެރިއެއް ކަމަށް ވާ ފުވައްމުލަކު ދީދީބެ (އަސްލު ނަމެއް ނޫން) ފުވައްމުލަކާއި ހުވަދޫ އަތޮޅު ސުވާދީބުގައި ބައިވެރިވި ގޮތް ވަރަށް ތަފުސީލުކޮށް ކިޔައިދީފައިވެއެވެ. އޭނާ ބުނަނީ "... އަފީފުގެ ފަރާތްޕުޅުން ވެސް އައީ... އަނެއްކޮޅުން... އައްޑުއަތޮޅާއި ހުވަދުއަތޮޅާ ދެ އަތޮޅުގެ މެދުގައި މިތަން މިއޮތީ. އޭރު ދިރިއުޅުމަކަށް ބޭނުންޖެހޭ މުހިއްމު އެއްޗެހި މި ގެންނަނީ މާލެއިން. އެހެންވީމާ، މާލެ ދިޔަޔަސް ވެސް ހުވަދުއަތޮޅު ތްރޫކޮށް (ތެރެއިން) މި ދާންޖެހެނީ. އެ މަގު ބަންދުވެއްޖެ... ދެން އެ ސަރުކާރުން މި މީހުން ޤަބޫލުނުކުރާކަމަށް ވަންޏާ އެއީ އައްޑުއަތޮޅުން ވެސް އެއްޗެއް ނުލިބޭ ގޮތް ވެއްޖެ، މި ރަށަށް... އެހެންވީމާ، މި ރަށް އެ ކޮޅަށް ޖެހެން ޖެހުނީ... ދެން ހުވަދުއަތޮޅަކީ އެއްވެސް ކަހަލަ ދަތިކަމެއް ނެތް އަތޮޅެއް... ގާތްގަނޑަކަށް އައްޑުއަތޮޅަށްވުރެ ވެސް މާ މުއްސަނދި... ހަމައެކަނި ތިނަދޫ ވެސް... މުޅި ރާއްޖެއަށްވުރެ ވެސް ތިނަދޫ މުއްސަނދި... ރާއްޖޭގައި އުފެދުނު އެންމެ މުއްސަނދިން ތިބީ ތިނަދޫގައި، އެ ދުވަސްވަރު... އަނެއްކޮޅުން އެކަން އޮތް 3 އަތޮޅުގެ މީހުންނަށް ވެސް. ދެން އޮތީ 70 މޭލު ދުރުގައި އޮތް އަތޮޅެއް. އެހެންވީމާ، އެގޮތުން މި 3 އަތޮޅަށް، ދެން އެ ފޯރސް (މަޖުބޫރު) ކުރި ފަރާތަކުން ފޯރސް (މަޖުބޫރު) ކޮށްގެން ހުވަދުއަތޮޅު އެ ފަރާތަށް ދިޔައީ. މިއަތޮޅު ދިޔައީ، މި ދެ އަތޮޅު ދޭތެރޭގައި ތާށިވީމާ މި މީހުންނަށް ނޭވާލެވެން ނެތީ މީގެ ބައިވެރިނުވެ..."

މި ވާހަކަތަކަށް ބަލާއިރު، ފުވައްމުލަކު ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ މުޒާހަރާކޮށް، ރައްޔިތުން ބޭނުންވެގެން ސުވާދީބު ސަރުކާރުގައި ބައިވެރިވާން ނިންމީއޭ ދެންނެވިދާނެއެވެ. ހަމައެހެންމެ މިކަމާ ނުރުހޭ މީހުން ތިބިކަން ވެސް ދިރާސާގެ ބައިވެރިންގެ ވާހަކަތަކުން ފާހަގަކުރެވުނެވެ.

ދޮންކަނބުލޮ: އެހެންވީމާ، މާފާ... ފުވައްމުލަކު ރައްޔިތުން ދޯ ސުވާދީބު ސަރުކާރުގައި ބައިވެރިވާން ނިންމީ...

މާފަ: ކަނބުލޯ... ތި ވާހަކަ ކުޑަކޮށް އިސްލާހުކޮށްލަން އެބަ ޖެހޭ... މުޅި ރައްޔިތެއް ނޫން... ރައްޔިތުންގެ ތެރެއިން ގިނަ މީހުން....

ދޮންކަނބުލޮ: އެކަމަކު މި ހަވަރުތިނަދޫ މީހުން ސުވާދީބު ސަރުކާރުގައި ބައިވެރިވި ގޮތާ... ފުވައްމުލަކު މީހުން ސުވާދީބު ސަރުކާރުގައި ބައިވެރިވި ގޮތާ ވަރަށް ތަފާތުދޯ؟ ހަވަރުތިނަދޫގައި އޮޑިވެރިންނާ މުއްސަނދި މީހުންގެ މުދާތައް ހިފަހައްޓައި ބަންދުކޮށް އަދަބު ދިނުމުން ވާރުގެ ތަޅައިލީ... ފުވައްމުލަކުގައި ސަރުކާރާ އިދިކޮޅު ހަރަކާތްތަކެއް ހިންގައި އެންމެފަހުން ވާރުގެ ތަޅައިލީދޯ؟

މާފަ: (ބޯ ޖަހާލަމުން)... އެހެންވީމައޭ ދޮންކަނބުލޮއަށް މާފަ މި ވާހަކަތައް ކިޔައިދޭހިތްވަނީ ވެސް... އެހާ ބޮޑަށް ވިސްނާނެ... މޮޅު، ބުއްދިވެރި ސުވާލު ވެސް ކުރޭ... ހުރިހާ ކުދިން ވެސް ތި ގޮތަށް ވިސްނާ ނަމަ، ތާރީޚުގައި ހިނގާފައި މިވާ ހާދިސާތަކުން ވަރަށް ގިނަ ޢިބްރަތްތައް ހާސިލުކުރެވޭނެ... ވިސްނާ މީހަކަށް ކުރިމަގު ކުރަހާލާކަށް ވެސް ދައްޗެއް ނުވާނެ... އެއީ.. ތާރީޚު ދަސްކުރުމުގެ ބޭނުމަކީ ވެސް

ދޮންކަނބުލޮ: މާފަ ތިޔަ ބުނާ ކުރިމަގު ކުރެހުމަކީ ދެން އަހަރެމެން ކަންތައް ކުރަންވީ ގޮތް އެނގޭނެ ވާހަކަދޯ

މާފަ: އާނ! ވަރަށް ރަނގަޅު ދޮންކަނބުލޯ... އަބަދުވެސް ބޭރުގެ ބާރުގަދަ ނުފޫޒުތަކުގެ ނަޒަރު މި ރާއްޖެއަށް އަމާޒުވޭ... މިކަމާ މިއަދު ވިސްނަން ތިބީ ތިޔަ ކުދިން.... އިނގިރޭސިން އައްޑޫ މީހުން ލައްވާ ސުވާދީބު އުފެއްދި ގޮތާ... އެ ސަރުކާރުގައި ހުވަދު އަތޮޅާއި ފުވައްމުލައް ބައިވެރިވީ ގޮތް... އޭގެ ފަހުގައި ހިނގި ކަންކަން މިއީ ދަސްނުކޮށް ދޫކޮށްލަންވީ ވަރުގެ ކަންކަމެއް ނޫން..

ހުވަދު އަތޮޅާއި ފުވައްމުލައް ސުވާދީބު ސަރުކާރުގައި ބައިވެރިވި ގޮތާ ބެހޭ ގޮތުން ދިރާސާގެ ދެ ބައިވެރިން އައްޑޫ ރަހާބެއްޔާ (އަސްލު ނަމެއް ނޫން) އަދި ދޮންބެއްޔާ (އަސްލު ނަމެއް ނޫން) ޚިޔާލު ފާޅުކޮށްފައިވެއެވެ. މީގެތެއިން ރަހާބެއްޔާ ބުނަނީ "ތީގައި އަސްލު ވާގޮތަކީ އައްޑުއަތޮޅާއި ފޯއްމުލަކަކީ ވަރަށް ކައިރި ކައިރީގައި އޮންނަ ދެ ތަން. ފޯއްމުލަކު މީހުން އަބަދުވެސް އައިސްއައިސް ތިބެނީ... ސިލޯނު ދަތުރުކުރާއިރު މިއަތޮޅު މީހުންނާއި ހިރިހަމައިދިގޭ މީހުންނާ އޮންނަނީ ގުޅިފައި. (އޮޑިވެރިންތައް އޮންނަނީ ގުޅިފައި) މި ދަތުރުތައް ކުރާއިރު މި ހުރިހާ އެންމެންގެ އޮންނާނެ ގުޅުންތައް. އެހެންވީމާ މިވާ ގޮތަކީ ސިޓީބިޓީ ފޮނުވައިގެންނާއި މިކަމުގައި ކުރިއަށް ތިބޭ މީހުން މިކަހަލަ ކަމެއް ނެތް ވާހަކައެއް ނޫން" މިފަދައިންނެވެ. ދޮންބެއްޔާ ބުނަނީ "ދެން އޭގެ ތެރެއަށް ހުވަދޫ މީހުން ވެސް ވަނީ. ފޯއްމުލަކު މީހުން ވެސް ވަނީ. މި ތިން އަތޮޅުގެ މީހުންނަކީ އަބަދުވެސް އެކުގައި އުޅޭ ބައެއް" މިހެންނެވެ.

ދޮންކަނބުލޮ: އެހެންވީމާ ބުނެވިދާނެތަ ހިރިހަމައިދިކަލޭފާނު ފަދަ މުއްސަނދި ވިޔަފާރިވެރިންގެ ބަހަށޭ ސުވާދީބު ސަރުކާރުގައި ހުވަދޫ އަތޮޅު ބައިވެރިވީ؟

މާފަ: ވިޔަފާރީ ވެރިންނަށް ކަންކަން ދިމާވި ގޮތާއި ވިޔަފާރިވެރިން ކަންކަން ކުރި ގޮތުން، ވިޔަފާރިވެރިންނާއި އޮޑިވެރިންގެ ރުހުމުގެ ބަސް ނެތޭކޭ ވެސް ނުބުނެވޭނެދޯ... އެކަމަކު ތިއިން އެއްވެސް ކަމެއް ހިނގި އިރު ހިރިހަމައިދިކަލޭފާނު ރަށުގައި ނޫޅުއްވާ... އެހެންވީމާ، އޭނާގެ އެއްވެސް މަޝްވަރާއެއް ނެތްކަމަށް ބުނާ މީހުން ވެސް މަދެއްނޫން... އަނެއްކޮޅުން އޭނާއާ ޢަފީފުދީދީއާ އޮންނަ ގާތް ގުޅުމުގެ ސަބަބުން ވެސް މީހުންނަށް ހީވެފައި އޮންނަނީ... ހިރިހަމައިދިކަލޭފާނުގެ ހިއްސާ މިކަމުގައި ވަރަށް ބޮޑުވާނޭ...

ދިރާސީ ނޯޓު: މުޙައްމަދު ޒުހައިރު (2017) ވިދާޅުވަނީ ހަވަރުތިނަދޫގައި ހިނގި އެއްވެސް ހަމަނުޖެހުމެއް ހިނގި އިރު، ހިރިހަމައިދިކަލޭފާނު ހަވަރުތިނަދޫގައި ވަޑައިގެން ނެތް ކަމަށާއި، މިފަދަ އެއްވެސް ހަމަނުޖެހުމަކަށް މަޝްވަރާދެއްވައި އެއްވެސް ކަމެއްގައި ޝާމިލުވެ އުޅުއްވި ކަމެއް ފެންނަން ނެތްކަމަށެވެ. މީގެއިތުރުން ޢަބްދުﷲ ކަތީބު ވެސް ވާރުގެ ތަޅައިލިތާ ވިއްސަކަށް ދުވަހުގެ ތެރޭގައި ހަވަރުތިނަދޫ ދޫކުރައްވައި އައްޑުއަތޮޅަށް ހިޖުރަކުރައްވައި ހުޅުދޫގައި ދިރިއުޅުން ފެށްޓެވިކަމަށް ވިދާޅުވެއެވެ.

ދިރާސާގެ ބައިވެރިއެއް ކަމަށް ވާ، އާދަމްބެ (އަސްލު ނަމެއް ނޫން)، (މާލެ) ވިދާޅުވަނީ "ހުވަދޫ މީހުންގެ ބައިވެރިވުން އޮތްކަމަކަށް އަޅުގަނޑަކަށް ނުދެންނެވޭނެ. އަދި އަޅުގަނޑު... ތާރީޚަށްޓަކައި މިދަންނަވަނީ 1959 ވަނަ އަހަރުގެ ޖަނަވަރީ 1 ގައި މިދަންނަވާ ބަޣާވާތް ނުވަތަ ހަމަނުޖެހުން އައްޑުއަތޮޅުގައި ހިނގީ. 13 މާޗް ގައި މި އިޢުލާންކުރެވުނީ. ޖޫން 9 ނުވަތަ ޖޫން 10 ގައި ދިވެހި ސަރުކާރުން "މޯލްޑީވްސް ސްޓަރ" ގައި ގޮސް  ހުވަދު އަތޮޅާއި ފުވައްމުލައް ބަދަލުކުރީ. ބަދަލުކުރުމަށްފަހު ޔުނައިޓެޑް ސުވާދީބު އައިލެންޑްސްއޭ ނުވެސް ކިޔާނެމެ. ޕީޕަލްސް ކައުންސިލް އޮފް އައްޑޫގެ ނަމުގައި ހިންގާފައި ހުރި ހުރިހައި އެއްޗެއް ހިންގާފައި ވެސް ހުންނާނީ."

ދޮންކަނބުލޮ: އެހެންވީމާ މާފަ ތިޔަ ބުނަނީ ހިރިހަމައިދިކަލޭފާނު ހަވަރުތިނަދޫގައި ހިނގި އެއްވެސް ހަމަނުޖެހުމެއްގައި ބައިވެރިވެވަޑައިގެންފައެއް ނުވެއޭދޯ؟

މާފަ: ތެދުތެދަށް ބުނަންޏާ ބުނެވޭނީ... ސުވާދީބު ސަރުކާރަކީ ހަވަރުތިނަދޫ މީހުން ނުވަތަ ހުވަދޫ މީހުން ނޫނީ ފުވައްމުލަކު މީހުން ބޭނުންވެގެން އުފެއްދި ސަރުކާރެއް ނޫނޭ... އެކަމަކު ދިވެހި ސަރުކާރުން އޭރު ކަންތައް ކުރެއްވި ގޮތުންނޭ މި ހުރިހާ ކަމެއް ވެސް މި ހިނގީ..

ދިރާސީ ނޯޓު: ދިރާސާގެ ބައިވެރިއެއް ކަމަށް ވާ ފުވައްމަލަކު ދީދީބެ ބުނަނީ، ދެން އިތުރަށް ފާހަގަކުރަން އޮތްހާ ވެސް ކަމަކީ، ޙަޤީޤަތުގައި ރައްޔިތުންގެ ތެރެއިން ނުބައި ނުރަނގަޅު ކަމެއް އުފެދިގެން އަންނާނީ ވެރިންގެ ނުބައި ކަމުން. މިއީ އެއްވެސް އޮޅުމެއް ނެތް ކަމެއް. ވެރިންގެ ނުބައި ކަމަކުން ގޮސް އުފެދޭ ރައްޔިތުންގެ ޝުޢޫރުތައް ބަދަލުވެ ކޮންމެ ގޮތެއްވިޔަސް ވަރިހަމަވެގެން ރައްޔިތުން ނަފުރަތުކޮށްގެން ތެދުވާ ތެދުވުން އެ ހިމެނޭނީ ވެރިންގެ ނުބައިކަމުން. ވެރިން ހަމައަށް ބަރާބަރަށް އިންޞާފުވެރިގޮތުގައި ޢަދުލުވެރިގޮތުގައި ކަންކަން ކުރާކަމަށް ވަންޏާ އެ ރައްޔިތުންގެ ތެރޭގައި ނަފުރަތެއް ނޯންނާނެ. ސަބަބަކީ ރައްޔިތުންނަކީ ހަމަ އަތުގައި އެއްވެސް އެއްޗެއް ނެތް ހަމަ މިހެން ތިބި ބައެއް. ވެރިކަމުގައި ހުރިހައި ބާރެއް އޮންނަނީ. އެހެންވީމާ، ވެރިކަމާ ދެކޮޅަކަށް ނުތެދުވާނެ... މި ނުބައި އުފެދެނީ ވެރިކަމުގެ ސަބަބުން. އެއްވެސް އޮޅުމެއް އޮތް ކަމެއް ނޫން މިއީ... އެހެންވީމާ، މިކަންތައްތައް ވެސް ހިނގާފައި އޮތީ އޭރު ސަރުކާރުން އެ އެޅި ފިޔަވަޅުތަކެއްގެ ސަބަބުން..

މިއަދުގެ ކޮލަމުގައި މި ހުށަހަޅައިދެވުނު ވާހަކަތަކުން ސުވާދީބު ސަރުކާރު އުފެއްދުމުގައި ހުވަދޫ އަތޮޅާއި ފުވައްމުލަކުގެ ބައިވެރިވުމެއް ނެތްކަމާއި، ނަމަވެސް މި ދެ އަތޮޅު ވެސް ސުވާދީބު ސަރުކާރުގައި ބައިވެރިވެފައިވާ ކަން ފާހަގަކުރެވެއެވެ. ދިވެހި ސަރުކާރުން ކަންކަން ކުރައްވަމުން ގެންދެވި ގޮތުން ފުވައްމުލަކުގެ ރައްޔިތުން ހިތްހަމަނުޖެހި، ސުވާދީބުގައި ބައިވެރިވުމަށް ނިންމިކަން ފާހަގަވިއެވެ. ނަމަވެސް ހުވަދޫ އަތޮޅު ހަވަރުތިނަދޫގައި މިކަން ހިނގާފައި ވަނީ، އޮޑިވެރިންނާއި ވިޔަފާރިވެރިން ފަޅުގައި ބަންދުކުރުމާ ގުޅިގެންނެވެ. ހަވަރުތިނަދޫ ސުވާދީބުގައި ބައިވެރިވާން ނިންމި ނިންމުމުގައި އަތޮޅުވެރިން ކުރެއްވި އަމުރުތަކާ މެދު އުފެދުނު ހިތްހަމަނުޖެހުމުގެ އިތުރުން އަތޮޅުވެރިންގެ ޢަމަލުތައް ހުރި ގޮތުން އުފެދުނު ހިތްހަމަނުޖެހުން ވެސް ހިމެނޭކަން ފާހަގަކުރެވުނެވެ. ވީމާ، އަންނަ ހަފުތާގެ ކޮލަމުގައި، ހަވަރުތިނަދޫ ވާރުގެ ތަޅައިލައި، އަތޮޅުވެރިންނާ މެދު ކަންކުރި ގޮތުގެ ވާހަތައް ހުށަހަޅަން ގަސްކުރަމެވެ. އަންނަ ހަފުތާއަށް އިންތިޒާރުކޮށްލައްވާށެވެ.


ދިރާސާގެ ބަސްދީގަތުންތަކުގެ އިތުރުން، މި ލިޔުން އެކުލަވައިލުމަށް ބޭނުންކުރި ރެފަރެންސް

މުޙައްމަދު ޒުހައިރު. (2017). ހުވަދުއަތޮޅުގެ ވަރުގަދަ ޝަޚުޞިއްޔަތެއް ކަމުގައިވާ ހަވަރުތިނަދޫ ހިރިހަމައިދިކަލޭފާނު. (ޗާޕުނުކުރާ ލިޔުމެއް).

ޢަބްދުﷲ ޞާދިޤު. (2016). ސުވާދީބާއި ހަވަރުތިނަދޫ. މާލެ: މުސައްނިފު.

ޢަޒީޒާ ޢަފީފު (އައްޒަ)
އަލްފާޟިލާ ޢަޒީޒާ ޢަފީފު (އައްޒަ) ވަނީ، މާސްޓަރސް އިން ދިވެހި ލެންގުއޭޖް އެންޑް ކަލްޗަރ ފުރިހަމަކުރައްވާފައެވެ. މިހާރު އައްޒައަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ބަހަވީ ޢިލްމާއި ދިވެހިބަހުގެ އަދަބިއްޔާތު ފަދަ ބަހާ ގުޅުން ހުރި ތަފާތު މާއްދާތައް ކިޔަވައިދެއްވާ ދާރިސެކެވެ. އޭނާގެ ދިރާސީ މަސައްކަތްތަކުގެ ތެރޭގައި ދިވެހި ބަހުގެ ޤަވާޢިދުގެ އިތުރުން، ދިވެހިރާއްޖޭގެ ތާރީޚު، މިންތީ ތަފާތު، ދިވެހިރާއްޖޭގެ ފޯކްލޯ އަދި އަދަބިއްޔާތު ފަދަ ދިވެހި ބަހާއި ތާރީޚާއި ސަޤާފަތާ ގުޅުން ހުރި ތަފާތު ދާއިރާތައް ފާހަގަކޮށްލެވެއެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.