އިގްތިސާދު މެނޭޖްކުރުމަށްޓަކައި މި ވަގުތު ދޭން އޮތް ފަރުވާގެ ސައިޑް-އިފެކްޓަކީ ދަރަނި މައްޗަށް ދިއުންކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގައި ބަޖެޓު ބަޔާން އިއްވަމުން މިނިސްޓަރ އަމީރު ވިދާޅުވީ 2021 ވަނަ އަހަރު ނިމޭއިރު ރާއްޖޭގެ ދަރަނި 82.8 ބިލިއަން ރުފިޔާއަށް އަރާނެކަމަށް ބެލެވޭކަމަށެވެ. މިއީ ޖީ.ޑީ.ޕީގެ ނިސްބަތުން 124.8 އިންސައްތަކަމަށް ފާހަގަ ކުރެއްވިއެވެ.
"މި ވަގުތު ދަރަނި މައްޗަށް ދިޔަ ނަމަވެސް، މެދުރާސްތާގައި ދަރަނި ކުޑަކުރެވޭނެ. މެދުރާސްތާގައި ދަރަނި 'ސަސްޓެއިނަބަލް' މަގަށް ގެންނަން، ޖީ.ޑީ.ޕީ އިތުރުކުރަންޖެހޭ. ޖީ.ޑީ.ޕީ މިހާރު ދަށަށްދާ ދިޔުން ހުއްޓުމަކަށް ގެނެސް، 2021 ވަނައަހަރު 'ގްރޯތް ޕާތް' އަކަށް ދާންޖެހޭ. ސަރުކާރުގެ އަމާޒަކީ ނޮމިނަލް ޖީ.ޑީ.ޕީ ކުރިއަރާ މިންވަރު ދަރަނި މައްޗަށް ދާ މިންވަރަށްވުރެ މަތީގައި ބެހެއްޓުން. ނަމަވެސް ކޮވިޑާ ހެދި އަންދާޒާކުރި ގޮތާއި ޚިލާފަށް ޖީ.ޑީ.ޕީ 29.3 އިންސައްތަ އިން ދަށްވެ، އާމްދަނީ ދަށްވުމާއި ގުޅިގެން އިތުރު ދަރަނި ނަގަންޖެހުމުން ، އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނީގެ މިންވަރު މިވަނީ އިތުރުވެފައި. އެހެންކަމުން ދަރަނި މެނޭޖްކޮށް ބެލެހެއްޓުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރިއަށް އޮތް ގިނަ އަހަރުތަކުގައި ކުރަން ޖެހޭނެ. މިހާރުވެސް ދަނީ ކުރަމުން." މިނިސްޓަރ އަމީރު ވިދާޅުވިއެވެ.
މިނިސްޓަރ އަމީރު ވިދާޅުވީ ދަރަނި މެނޭޖް ކުރުމަށް މިކަމުގައި ސަރުކާރުން ދަނީ ތަޖްރިބާކާރުންގެ ލަފާއާއި އިރުޝާދު ބޭނުންކުރަމުން އަންނަކަމަށެވެ. އެކަމުގައި މަޖުލީހުގެ ލަފާވެސް ބޭނުންކުރަމުން ގެންދާނެކަމަށް ވިދާޅުވިއެވެ. ދަރަނީގެ ނިސްބަތް ދެމެހެއްޓެނިވި މަގަށް ގެނައުމަކީ ކުރަންޖެހޭ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.
މިނިސްޓަރ އަމީރު ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރެވިފައިވާނީ މި ހާލަތުން އަވަހަށް އަރައިގަނެ އިގްތިސާދު އަލުން އާރާސްތުކުރުމަށް ކަމަށް ވިދާޅުވިއެވެ.
" އަޅުގަނޑުމެންގެ އަމާޒަކީ ލޯނު ނެގުމުގައި ކޮންސެޝަނަލް ލޯނު ނެގުން. އަދި މިކަމަށް ފޯކަސްކޮށް، ކްރެޑިޓަރސް ކޮންފަރެންސެއް ބޭއްވުމުގެ މަސައްކަތްތައް ދަނީކުރަމުން. 'ޖީ-20 ޑެޓް ސަސްޕެންޝަން އިނިޝިއޭޓިވް' ގައި އަޅުގަ ނޑުމެން މިހާރު މި ވަނީ ބައިވެރިވެފައި. މި ސަސްޕެންޝަން 2021 ވަނައަހަރު އިތުރަށް ކުރިއަށް ގެންދާނެ. މީގެ އިތުރުންވެސް ތަޖްރިބާކާރުންގެ އެހީއާއެކު ގިނަ ކަންތައްތަކެއް ކުރުމަށް ރޭވިފައިވޭ." މިނިސްޓަރ އަމީރު ވިދާޅުވިއެވެ.