ދަރަނި12 ބިލިއަނަށް ކުޑަކޮށް އަންނަ އަހަރުގެ ބަޖެޓް ކޮމެޓީން ފާސްކޮށްފި

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ދަރަނި 12 ބިލިއަން ރުފިޔާއަށް ކުޑަކޮށް އަންނަ އަހަރަށް ލަފާކުރައްވާ ދައުލަތުގެ ބަޖެޓް، ބަޖެޓް ކޮމެޓީން ފާސްކޮށްފިއެވެ. ސަރުކާރުން ހުށަހެޅި ބަޖެޓް ދަރަނި ނުވަތަ ޑެފިސިޓް ވާނެކަމަށް ލަފާކޮށްފައި އޮތީ 15.5 ބިލިއަން ރުފިޔާއަށެވެ.  

ކޮމެޓީން ބަޖެޓް ދިރާސާކޮށް ގެނައި ބަދަލުތަކުން އާމްދަނީ ލިބޭނެކަމަށް ޖަހައިފައިވާ ޢަދަދު ވަނީ 21 ބިލިއަނަށް އިތުރުކޮށްފައެވެ. ސަރުކާރުން ހުށަހެޅި ބަޖެޓްގައި ހިލޭ އެހީއާއި އާމްދަނީ ލިބޭނެކަމަށް ލަފާކޮށްފައި ވަނީ 17.8 ބިލިއަން ރުފިޔާއެވެ. މިބަދަލާ އެކު ބަޖެޓް ޖުމުލަ ޢަދަދުވެސް ވަނީ 34.9 ބިލިއަން ރުފިޔާއަށް އިތުރު ވެފައެވެ. ސަރުކާރުން ހުށަހެޅީ 34.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ކޮމެޓީން ގެނައި ބަދަލާއެކު ބަޖެޓަށް ވަނީ 134.99 މިލިއަން ރުފިޔާ އިތުރު ވެފައެވެ.

ކޮމެޓީން ގެނައި ބަދަލާއެކު އައި ބަދަލު:-

  • ދައުލަތަށް ލިބޭނެ އާމްދަނީ ޖުމުލަ: 21،128،527،243
  • ދައުލަތުގެ ޚަރަދު ޖުމުލަ: 34،922،716،599
  • ބަޖެޓް ޑެފިސިޓް: 12،333،002،225

އަންނަ އަހަރުގެ ބަޖެޓަށް އާމްދަނީ ގޮތުގައި 21 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކޮށް އިސްލާހު ހުށަހެޅުއްވީ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ އެވެ.  އޭނާ ހުށަހެޅުއްވީ އާމްދަނީ އިތުރުކުރަން ސަރުކާރުން ހުށަހަޅާފައިވާ އާ ކަންތައްތަކުން ލިބޭނެކަމަށް ލަފާކޮށްފައިވާ 1.2 ބިލިއަން ރުފިޔާ އިތުރުކޮށްގެން، ޖުމްލަ އާމްދަނީ 3.3 ބިލިއަން ރުފިޔާއިން އިތުރުކުރުމަށެވެ. ޓޫރިޒަމުން ލިބޭ އާމްދަނީ އެއް ބިލިއަން ރުފިޔާ އަށް އިތުރުކުރުމާއި އާ ކަންތައްތަކުގެ ތެރެއިން ބިން ވިއްކައިގެން ލިބޭނެކަމަށް ލަފާކޮށްފައިވާ 300 މިލިއަން ރުފިޔާ، އެއް ބިލިއަން ރުފިޔާއަށް އިތުރުކުރުމުން ޖުމުލަ އާމްދަނީ 3.3 ބިލިއަން ރުފިޔާއަށް އިތުރުވާނެކަމަށް މެމްބަރ ޔަޢުޤޫބު ވަނީ ހުށަހަޅުއްވައިފަ އެވެ.

އާމްދަނީ އިތުރުކުރަން ހުށަހެޅިގޮތްތައް:-

  • ޓީޖީއެސްޓީ: 598 މިލިއަން
  • ގްރީން ޓެކްސް: 253 މިލިއަން
  • އެއާޕޯޓް ސާވިސް ޗާޖު: 218 މިލިއަން
  • އޭޑީސީ: 219 މިލިއަން
  • ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީ: 700 މިލިއަން
  • އެހެނިހެން އާމްދަނީއާއި ހަރުމުދަލުގެ އާމްދަނީ: 1.3 ބިލިއަން

ކޮމެޓީން ބަޖެޓު ފާސްކޮށްފައި ވަނީ އާމްދަނީ އިތުރުކުރުމަށް ލަފާކޮށް ގެނައި މިއިސްލާހާ އެކުގައެވެ.

ބަޖެޓު ދިރާސާކޮށް ކޮމެޓިން ވަނީ ޕީއެސް އައިޕީގެ މަޝްރޫޢުތަކަށްވެސް އުނިއިތުރު ގެނެސްފައެވެ. އަދި މިނިވަން މުއައްސަސާތަކާއި ސަރުކާރުގެ އޮފީސްތަކުގެ ބަޖެޓަށް ވެސް އުނި އިތުރު ގެނެސްފައެވެ. ޕީއެސްއައިޕީ ނުހިމެނޭ ގޮތަށް އޮފީސްތަކުގެ ޑޮމެސްޓިކް ބަޖެޓަށް ވެސް ވަނީ އުނިއިތުރު ގެނެސްފައެވެ.

މުއައްސަސާތަށް އިތުރުކުރި ބަޖެޓް:- 

  • އެގޮތުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް 8.9 މިލިއަން ރުފިޔާ 
  • ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އަށް 11 މިލިއަން ރުފިޔާ 
  • ޖުޑީޝަލް ސާވިސް ކޮމިޝަނަށް 2 މިލިއަން ރުފިޔާ 
  • ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނަށް 2 މިލިއަން ރުފިޔާ 
  • ސިވިލް ސާވިސް ކޮމިޝަނަށް 2.1 މިލިއަން ރުފިޔާ 
  • އެޗްއާރްސީއެމް އަށް 1.9 މިލިއަން ރުފިޔާ
  •  އޭސީސީއަށް 1.5 މިލިއަން، ޕީޖީ އޮފީހަށް 2 މިލިއަން ރުފިޔާ
  • މީރާއަށް 1.5 މިލިއަން ރުފިޔާ
  • ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އަށް ދެ މިލިއަން ރުފުޔާ
  • ބްރޯޑްކާސްޓިން ކޮމިޝަނަށް 1.9 މިލިއަން ރުފިޔާ
  • ޓެކްސް އެޕީލް ޓްރައިބިއުނަލް އަށް 8 ލައްކަ ރުފިޔާ
  • އެލްޖީއޭ އަށް 2.5 މިލިއަން ރުފިޔާ
  • އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް 5 ލައްކަ ރުފިޔާ
  • އެންއައިސީއަށް 1 މިލިއަން ރުފިޔާ 
  • ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީ 2 މިލިއަން ރުފިޔާ 
  •  އިސްލާމިކް ޔުނިވަރސިޓީ އަށް 2 މިލިއަން ރުފިޔާ
  • ޤައުމީ ޔުނިވަރސިޓީއަށް 2 މިލިއަން 

ބަޖެޓް ކޮމެޓީން ބަޖެޓް ދިރާސާކޮށް ގިނަ ރެކޮމެންޑޭޝަންތަކެއް ވެސް ބަޖެޓް ރިޕޯޓުގައި ހިމެނުމަށް ފާސްކޮށްފައިވެއެވެ.

ކޮމެޓީ ރިޕޯޓަށް އިސްލާޙު ހުށަހެޅުމަށް ތިން ދުވަސް ދެއްވާނެކަމަށް  މަޖިލީހުގެ ރައީސް ވަނީ ވިދާޅުވެފައެވެ. ކޮމެޓީ ރިޕޯޓުގެ ބަހުސް ފަށްޓަވާނީ އޭގެ ފަހުންނެވެ. ކޮމެޓީ ރިޕޯޓުގެ ބަހުސްގައި މެމްބަރަކަށް ހަތް މިނެޓް ދެއްވުމަށް ވަނީ ނިންމަވައިފައެވެ. މިމަސް ނިމި މަޖިލީސް ޗުއްޓީއަށް ދިއުމުގެ ކުރިން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މަޖިލީހުން ފާސްކުރަން ޖެހޭނެއެވެ. އެގޮތަށް މަސައްކަތް ގެންދަވާނެ ކަމަށް ވެސް މަޖިލީހުގެ ރައީސް ވަނީ ވިދާޅުވެފައެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.