އަންނަ އަހަރުގެ ބަޖެޓުން މުސާރަދީ ކުލިދައްކައިފައި ގާނޫނީ ޒިންމާވެސް އަދާ ނުކުރެވޭނެ: އެޗްއާރުސީއެމް

 އަންނަ އަހަރަށް ކަނޑައަޅައިފައިވާ ބަޖެޓުން މުވައްޒަފުންގެ މުސާރަދީ ކުލިދައްކައިފައި ގާނޫނީ ޒިންމާވެސް އަދާ ނުކުރެވޭނެ ކަމަށް ހިޔުަމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް )  އިން ވިދާޅުވެއްޖެއެވެ. 

ހިޔުމަން ރައިޓްސް ކޮމިޝަނުން މިކަން ހާމަކުރެއްވީ މިއަދު ރައްޔިތުންގެ މަޖިލީހިު ބަޖެޓު ކޮމެޓީއާ ބަދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. އަންނަ ހަރަަށް އެޗްއާރުސީއެމްއަށް ކަނޑައަޅައިފައި ވަނީ 24.9 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. ހިޔުމަން ރައިޓްސް ކޮމިޝަންގެ މެމްބަރ މުއުމިނާ ވަހީދު ވިދާޅުވީ އެކޮމިޝަނުން ފުރަތަމަ އެކުލަވާލެއްވީ 39 މިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށެވެ. ނަމަވެސް ފިނޭންސް މިނިސްޓްރީގެ މަޝްވަރާގެ މަތިން  30މިލިއަން ރުފިޔާއަށް ބަޖެޓް ކުޑަކުރެއްވިކަމަށެވެ. ނަމަވެސް މަޖިލީހަށް ހުށަހެޅިއިރު ބަޖެޓް އޮތީ 24 މިލިއަން ރުފިޔާއަށް ކުޑަކޮށްފައިކަމަށެވެ. އެއީ އެ ކޮމިޝަންގެ ގާނުނީ ޒިންމާ އަދާކުރެވޭ ވަރުގެ ބަޖެޓެއް ނޫންކަން އޭނާ ފާހަގަ ކުރެއްވިއެވެ. 

ގާނޫނުންތަކުން  ބޮޑެތި ޒިންމާތަކެއް އެޗް އާެރުސީއެމްްއަށް އުފުލަން ޖެހިފައިވާއިރު، މުވައްޒަފުންގެ މުސާރައާއި އިދާރީ ހިންގުމާއި އޮފީސް ކުލިދައްކައިފައި، އެ ގާނޫނީ ޒިންމާ އުފުލާނެ ވަރުގެ ބަޖެޓެއް ނެތްކަމަށް އެ ކޮމިޝަނުން ވިދާޅުވިއެވެ.  މިކަންކަމަށް ޚަރަދުކޮށް ފައި ގާނޫނުތަކުން އަދާކުރަންޖެހޭ ޒިންމާތަކާއި ޕްރޮގަރާމްތަކަށް ބަޖެޓުގައި އޮތީ ފަސްމިލިއަން ރުފިޔާކަމަށް މުއުމިނާ ފާހަގަ ކުރެއްވިއެވެ. ހިޔުމަން ރައިޓްސް ކޮމިޝަންގެ ޤާނޫނުގެ  އިތުރުން އެންޓި-ޓޯޗަރ ގާނޫނާއި ވިސްލްބްލޯ ގާނޫންވެސް އެކޮމިޝަނުން އުފަލަންޖެހޭ ގާނޫނީ ޒިންމާތަކެއް ވާންކަން ކޮމިޝަންގެ މެމްބަރ މުއުމިނާ ފާހަގަ ކުރެއްވިއެވެ. 

އެކޮމިޝަނުން ވިދާޅުވީ މިހާރުވެސް އޮފީސް ހިންގުމަށް ކުއްޔަށް މަހަކު 162 ހާސް ޚަރަދު ކުރަންޖެހޭ ކަމަށެވެ. އެއީ އައްޑޫގައި ހުންނަ ރީޖަނަރަލް އޮފީހަށް 18 ހާސް، އަދި މާލޭގެ އިމާރާތަށް 144 ހާސް  ރުފިޔާކަމަށް ވިދާޅުވިއެވެ. ނަަމަވެސް މިހާރު މާލޭގައި ހިންގާ އޮފީސް އިމާރާތް ބަދަލުކުރަންޖެހިފައ ވުމުން ތަނެއް ހޯދުމަށް މަސަައްކަތް ކުރަމުންދާއިރު ތަންތަން ލިބެންހުރި އަގު ބޮޑުކޮށްކަން ވެސް ފާހަގަ ކުރެއްވިއެވެ. އޮފީީސް ހިންގުމަށް ސަރުކާރުގެ ޢިމާރާތެއް ލިބޭތޯ ފިނޭންސް މިނިސްޓަރާ ވެސް ވާހަކަ ދެއްކެވި ކަމަށާއި ނަމަވެސް ސަރުކާރުގެ އިމާރާތެއް މިވަގުތު ލިބެންނެތްކަމަށް ވެސް ވިދާޅުވިއެވެ.  އޮފީސް ހިންގުމަށް ސަރުކާރުގެ އިމާރާތެއް ލިބިއްޖެނަމަ އެ ކޮމިޝަންގެ ޚަރަދު ވަރަށް ބޮޑުތަން ކުޑަވެގެން ދާނެކަމަށް ވެސް ފާހަގަ ކުރެއްވިއެވެ. އެޗްއާރުސީއެމް ގައި 80 ވަރަކަށް މުވައްޒަފުން މަސައްކަތް ކުރާއިރު މާލޭގައި އެކަނިވެސް  76 މުވައްޒަފުން މަސަައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ. 

މިހާރު އެޗްއާރުސީއެމްއަށް ކަނޑައަޅައިފައިވާ ބަޖެޓުން ޖަލުތަކަށް  ޒިޔާރަތްކޮށް އެތަންތަނުގެ ހާލަތުވެސް ދެނެ ގަތުމަށް ގޮންޖެހުންތައް ކުރިމަތިވާނެކަމަށް އެޗް.އާރުސީ.އެމް އިން ވިދާޅުވިއެވެ. ޖަލުތަކަށް ޒިޔާރަތްކުރުމަށް ދަތުރަކަށް ހަ ހާސް ރުފިޔާއާއި ހަތް ހާސް ރުފިޔާ ދެމެދުގެ ޢަދަދެއް ހޭދަވާކަމަށް  އެޗް އާރުސީއެމްއިން ވިދާޅުވިއެވެ.

ޖަލުތަކަށް ޒިޔާރަތްކުރުމަށް ތިންލައްކަ ރުފިޔާ ޖެހުމަށްފަހުވެސް ފިނޭންސް މިނިސްޓްރީން ދެއްވި ސީލިންނަށް ފެއްތުމަށް ދެ ލައްކަ ރުފިޔާއަށް އެ އަދަދު ކުޑަކުރެއްވިކަމަށް ވިދާޅުވިއެވެ. 

ވިސްލް-ބްލޯ ޔުނިޓް މިހާރު އެއްވެސް ސްޓާފެއް ނެތްކަމަށް މުއުމިނާ ވިދާޅުވިއެވެ. އެޔުނިޓް މިހާެރު ވެސް ހިންގަމުން ދަނީ އެކޮމިޝަންގެ އިންވެސްޓިގޭޓިވް ޑިޕާރޓްމަންޓާއި ލީގަލް ޑިޕާޓްމަންޓުގެ މުވައްޒަފެއް ލައިގެންކަމަށް ވިދާޅުވިއެވެ.  އެޔިނިޓްނ ގާނޫނުގައި ބުނާ މިންވަރަށް ހިންގުމަށް އަށް މުވައްޒަފަކު ބޭނުންވާ ކަމަށާއި ނަމަވެސް ބަޖެޓު ސީލިންނަށް ފެއްތުމަށް ތިން މުވައްޒަފުން ލައިގެން އެޔުނިޓް ހިންގުމަށް އެއްބަސް ވެފައިވާނެކަމަށް ކޮމިޝަންގެ މެމްބަރ މުއުމިނާ ވިދާޅުވިއެވެ.  ނަަވެސް މިހާރު އޮތް ބަޖެޓުން ތިން މުވައްޒަފުން ލައިގެންވެސް އެ ޔުނިޓް ނުހިންގޭނެކަން މުއުމިނާ ފާހަގަ ކުރެއްވިއެވެ. އަދި އެ ކަމާ ގުޅޭ ގޮތުން ހޭލުންތެރި ކުރުމާއި މީހުން ތަމްރީން ކުރުމަށްވެސް ބަޖެޓު ނެތްކަން ފާހަގަ ކުރެއްވިއެވެ. 

"މިގާނޫނުން އަޅުގަނޑުމެންނަށް ބޮޑެތި ޒިންމާތަކެއް މަތިކޮށްފައިވާއިރު އެކަންކުރެވޭ ވަރާ ގާތަށްވެސް ބެޖެޓް ދެއްވައިފައި ނެތުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު ކޮންސާނެއް"  ކޮޮމިޝަންގެ މެމްބަރ މުއުމިނާ ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.