ފަޅިމޫނު - 21

(4 ނޮވެމްބަރ 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"ޖާނީ. ކަލޭގެ އަނބިމީހާ ކަލެއަށް ވަފާތެރިތަ؟"

"އާނ. ވަފާތެރި." ބާދްޝާ ބޯ ޖަހައިލިއެވެ.

"ކަލެއަށް ޚިދުމަތް ކުރުމުގައި ކުޑަވެސް ފަރުވާކުޑަކަމެއް ހުރޭތަ؟"

"ނުހުރޭ."

"އޭނާ ކައްކައިފައި ކަލެއަށް ކާންދޭ. ގޭތެރެއާއި ގޯތިތެރެ ކުނިކަހައި، ފޮޅައި، ސާފުކުރޭ. ކަލެއަށްޓަކައި ގޭތެރެ ޒީނަތްތެރި ކުރޭ. ކަލެއަކީ އާދަމުގެ ދަރިއެއް ނޫން. އޭނާ ކަލޭ އާދަމުގެ ދަރިއަކަށް ހަދައިފި. މީގެ ކުރިން ކަލޭގެ އަތުގައި އޮތީ އެންމެ ކާރެއް. އޭނާގެ މަސައްކަތުން އެއް ކާރު ދެ ކާރަށް ހަދައިފި. މިކަހަލަ އަނތްބަކު ކަލެއަކަށް ނުލިބޭނެ. ލިބުނީ ނަސީބު ރަނގަޅުކަމުން. ޝުކުރުވެރިވޭ."

"ތިޔަކަން އަހަރެން ކުރަން."

"ކޮން ކަމެއް؟"

"މި ބުނީ... ޝުކުރު އަދައެއް ނުކުރަމޭ. އެކަމަކު ކުރާނަން. އެއީ ވަރަށް ރަނގަޅު އަނތްބެއް. އަހަރެން އެއްވެސް ޝަކުވާއެއް ނުކުރަން. އޭނާގެ ކިބައިގައި އެއްވެސް ނުބައި ސިފައެއް، ކަމެއް އެބަހުއްޓެކޭ ނުބުނަން."

"އޭނާގެ ކިބައިގައި އުނިކަމެއް ނެތިއްޔާ އެހެން އަންހެނަކާ މެދު ވިސްނަނީ ކީއްވެގެން؟"

"ނުވިސްނަންވީ ކީއްވެގެން؟ އެ އަންހެންކުއްޖާއަކީ އަހަރެންގެ ލޯބި. އިންސާފަކީ އޮންނަ އެއްޗެއް ނޫންތަ؟ އަހަންނަށް މަކަރު ހެދީ ކީއްވެގެންތޯއެއް އެކަކުވެސް ނާހާނަންތަ؟ އެކަން އޮޅުންފިލުވާކަށް ނޫޅެންތަ؟ އަހަންނަށް ލިބެން ޖެހޭ ރުޚްސާނާ ނުލިބުނީ ކީއްވެގެން؟"

"އިންސާފު ބޭނުމިއްޔާ އަހަރެމެން އެވާހަކަ ދައްކާނަން. އެކަމަކު އެއީ އެހައި މުހިއްމު ކަމެއް ނޫން. މުހިއްމުވާން ޖެހޭނީ މިއަދު އުފަންވީ ކުއްޖާ. ކަލޭގެ ދަރިފުޅު. އެޔަށްވުރެ ބޮޑު އުފާވެރިކަމެއް ނޯންނާނެ. މި އުފާވެރިކަމުގެ ތެރޭގައި އެހެން ހުރިހައި ކަމެއް ހަނދާން ނެތިދާނެ."

އިންޖިނޭރުބޭބެ އޭނާގެ މައިދައިތަޔާ މުޚާތަބުކޮށް ބުންޏެވެ. "ކޮއްކޯ. އަހަރެމެންގެ ޅީދަރިފުޅު ގާތު ބުނޭ އަހަރެން އަހަރެންގެ ކާފަދަރިފުޅުގެ ކަންފަތްދޮށުގައި ބަންގި ގޮވަން އެބަ ވަންނަމޭ. މި މޮޔަގަނޑަށް އަދި ދަރިފުޅު ނުވެސް ފެނޭ ދޯ؟"

އެޔަށް ފަހު އޭނާގެ އަނބިމީހާޔާ ދިމާއަށް ބަލައިލިއެވެ. "މީނާއަށް އެކުއްޖާފުޅާ ކައިރިވެސް ވިޔަ ނުދޭތި. އެ ސޮރު އުފަންވީ މިއަދު. މީނާގެ ރާވަސްދުވާ އަނގަޔާ އެ ކުއްޖާފުޅު ކައިރިވެގެން ނުވާނެ. އަނގައިން ރާވަސް ކެނޑި ހަށިގަނޑުން އޭގެ އަސަރު ނުފިލަނީސް ދަރިފުޅާ ކައިރިވިޔަ ދީގެން ނުވާނެ."

އެމީހުން އެތެރެއަށް ވަންނާން ހިނގައިގެންފިއެވެ. ބާދްޝާ އަތް ހޫރައިގެންފައި ބުންޏެވެ. "ހައިރާން ވެއްޖައިން. އަހަރެންގެ ދަރި އަހަންނަކަށް ނުފެންނާނެޔޯ. ބަލަން ތިބޭ. އަހަރެން ބޭނުން ވަގުތަކު ވަންނާނަން. އެ ކުއްޖާގެ ނަމަކަށް ހީލަތޭ ކިޔާ. އޭނާވެސް ވާނީ އޭނާގެ މާމަޔާ މަންމަ ކަހަލަ ހީލަތްތެރިއަކަށް."

އެމީހުން އެތެރެއަށް ވަދެއްޖެއެވެ. ބާދްޝާ އެކަނިވެއްޖެއެވެ. ދުރުދުރަށް ދާންދެން ވަނީ ހަނދުވަރުގެ އަލި ފެތުރިފައެވެ. އެ އަލީގެ ތެރެއިން އަނެއްކާވެސް އޭނާއަށް ފެނުނީ އެ ސޫރައެވެ. ރުޚްސާނާ ރެކިސާގެ ފަހަތު ގޮނޑީގައި އިނދެގެން އެނބުރި އޭނާއާ ދިމާއަށް ބަލަނީއެވެ. ރެކިސާ ދުވެފައި ދަނީއެވެ. އޭނާ ރެކިސާގެ ފަހަތުން ދުވަނީއެވެ. ރުޚްސާނާއެވެ. އަހަންނާ ދުރަށް ނުދާށެވެ. ރުޚްސާނާއާ ނުލައި އަހަންނަކަށް ދިރިއެއް ނުހުރެވޭނެއެވެ. އޭނާ ދުވަމުން ދަނީއެވެ. ދުވެފައި ގޮސް ރެކިސާގެ އަރިމަތީ ދަގަނޑުގައި ހިފަހައްޓައިފިއެވެ. ރުޚްސާނާ އޭނާޔާ ދިމާއަށް ބަލަނީއެވެ. އޭނާ އާދޭސް ކުރަމުން ދިޔައެވެ. "ރުޚްސާނާއާ ނުލައި އަހަންނަކަށް ދިރިއެއް ނުހުރެވޭނެ. މި ދުނިޔޭގެ މީހުންނަކަށް އަހަރެމެން ދެމީހުން ވަކިކޮށެއް ނުލެވޭނެ. އަހަރެންގެ ގާތަށް އާދޭ. އެހެންނޫނީ ރުޚްސާނާގެ ގާތަށް އަހަރެން ގެންދޭ. ރުޚްސާނާ... ރުޚްސާނާ..."

އެވަގުތު ކުޑަދޮރު ހުޅުވިއްޖެއެވެ. އެތެރެއިން ފެނުނީ އިންޖިނޭރުބޭބެގެ މޫނެވެ. "ކަލެއަކީ ކޮން ކަހަލަ މީހެއް؟ އެއްކޮޅުން އެމަންޖެޔާ ދެކޮޅަށް އަހަރެމެން ގާތު އެކި ކަހަލަ ވާހަކަ ދައްކަމު. ދަރިފުޅުގެ މޫނު ދެކިލަންވެސް މިތަނަށް ވަދެގެން ނުވާނެއޭ ބުނީމާ މިހާރު ދޮރުބުޑުގައި ހުރެގެން ތިޔަ ކުރަނީ ކޮން އާދޭހެއް. މި ދުނިޔޭގެ އެއްވެސް ބަޔަކަށް އަހަރެމެން ދެމީހުން ވަތްކެއް ނުކުރެވޭނެއޭ ތިޔަ ކިޔަނީ ކަލޭމެން ވަކި ކުރަން އަހަރެމެން އުޅެނީތަ؟ ކަލޭމެން ދެމީހުންނަކީ ދެމަފިރިން. ބޭނުން ކޮންމެ ވަގުތަކު ބައްދަލު ކުރޭ. އަހަރެމެން ހުރަހެއް ނާޅަން."

އޭނާ ބުނާނޭ އެއްޗެއް ނޭނގިފައި ބޭބެގެ މޫނަށް ބަލަހައްޓައިގެން ހުރީއެވެ. މީގެ އިރުކޮޅެއް ކުރީން އޭނާއަށް ފެނުނީ ހާދަހާ ރީތި މަންޒަރެކެވެ. އޭނާގެ ކުރިމަތީގައި ފެނުނީ ޒުވާންކަމާއި ރީތިކަމެވެ. މިހާރު މި ފެންނަނީ މުސްކުޅި މޫނެކެވެ. އެވަގުތު ކޮޓަރިތެރެއިން އިވުނީ ރުޚްސާނާގެ އޯގާތެރި އަޑެވެ. "ޖާނީ... އާދޭ. މި މީހުން އަހަރެމެން ވަތްކެއް ނުކުރާނެ. ދަރިފުޅު ދެކިލަން އާދޭ. މި އޮތީ ބާދްޝާ ބޭނުންވީ ކަހަލަ ދަރިއެއް. ކުޑަކުޑަ ބާދްޝާއެއް. ދަރިފުޅު އުރާލަން އާދޭ. މިއީ ބާދްޝާގެ ލޭ."

އޭނާ އިސްދަށަށް ޖަހައިލިއެވެ. އެ ދަރިއަކީ އުނި ދަރިއެކޭ އޭނާއަކަށް ނުބުނެވޭނެއެވެ. ދަރިފުޅު ރީތިއްޔާ މަންނަ ހުތުރުވާނީ ކިހިނެއް ހެއްޔެވެ؟ ޝަކުވާތައް އަބަދުވެސް ހުންނާނެއެވެ. އެކަމަކު އަނތްބެއްގެ ގޮތުގައި ރުޚްސާނާ އޭނާއަށް ކުޅަ ޚިދުމަތްތަކަކީ ނުވާ ކަމަކަށް ހަދާނީ ކިހިނެއް ހެއްޔެވެ؟ އޭނާ ކޮޓަރި ތެރެއަށް ބަލައިލިއެވެ. ރުޚްސާނާ އެނދުގައި އޮށޯވެގެން އޮތެވެ. ނުލާހިކު ލޯބިން އޭނާޔާ ދިމާއަށް ބަލަހައްޓައިގެންނެވެ. އިންޖިނޭރުބޭބޭ ގޮސް އެނދުގެ މަގަތުން ހުރި ގޮނޑިއެއްގައި އިށީނދެއްޖެއެވެ. އަދި ދަރިފުޅު ނެގުމަށްފަހު އަނގަޔާ ކައިރިކޮށްލާފައި މަޑުމަޑުން ބަންގި ގޮވާން ފަށައިފިއެވެ.

"أللَـه أكبر" (އެންމެ ބޮޑީ ﷲ އެވެ.)

ބާދްޝާގެ ހިތަށް އެރިއެވެ. އެންމެ ބޮޑީ ﷲ ކަމުގައި ވަނީ ވިއްޔާ އަހަރެމެން ބޮޑު ވާނީ ކިހިނެއް ހެއްޔެވެ؟ އުމުރުގެ ގޮތުން އަހަރެން ބޮޑެވެ. ތައުލީމަށް ބަލާއިރު ބޮޑީ އޭނާއެވެ. އާމްދަނީ ހޯދުމުގެ ގޮތުން އަހަރެން ބޮޑެވެ. އަހަރެން ހޯދާ އާމްދަނީ ހެޔޮ ގޮތުގައި ބޭނުންކޮށް ފަހަށް ރައްކާކުރުމަށް ބަލާއިރު ބޮޑީ އޭނާއެވެ. ގެއެއް އެޅީތީ އަހަރެން ބޮޑެވެ. އެކަމަކު އެ ގެއަށް ތުއްތު ފުރާނައެއް އިތުރުކޮށް އާބާދުކުރުމަށް ބަލާއިރު ބޮޑީ އޭނާއެވެ. އަހަރެމެން ދެމީހުންނަކީ އެކަކު އަނެކަކަށްވުރެ ބޮޑު މީހަކަށް ނުވާނެއެވެ. އެކަކަށްވުރެ އަނެކަކު ބޮޑު ނުވާނަމަ، އެކަކު އަނެކަކަށްވުރެ ކުޑައެއްވެސް ނުވާނެއެވެ. ބޮޑު، މި ލަފުޒަކީ ހަމައެކަނި ﷲ އަށް ޚާއްސަ ލަފުޒެކެވެ. އަހަރެމެން އެންމެންނަށްވުރެ ބޮޑީ ﷲ އެވެ.

އޭނާ ކުޑަދޮރު ކައިރިން ދުރަށް ޖެހިލައި ފެންޑާއާ ދިމާއަށް ހިނގައިގެންފިއެވެ. އޭރުވެސް އަޑު އިވެއެވެ. "اشهد ان لا اله اللّـه" (ﷲ ފިޔަވައި ހައްގުގޮތުގައި އަޅުކަން ވެވޭ އިލާހަކު ނުވާކަމަށް އަހަރެން ހެކިވަމެވެ.)

ﷲ ފިޔަވައި ހައްގު ވެގެން އަޅުކަން ވެވޭ އިލާހަކު ނުވާކަމަށް އަހަރެން ހެކިވާއިރު އަނބިމީހާ ލައްވައި އަހަންނަށް އަޅުކަން ކުރުވަން އުޅެނީ ކީއްވެގެން ހެއްޔެވެ؟ އެއީ އަޅުކަން ކުރުވުމެވެ. ނަމާދު ކުރިންތޯ އަހަރެމެން އަނބިމީހާ ގާތު ނާހަމެވެ. އަހަރެމެން ބޭނުންވަނީ ނަމާދަށްވުރެވެސް އިސްކަމެއް ދީގެން އަހަރެމެންނަށް ޚިދުމަތް ކުރޭތޯ ބަލާށެވެ. ކިޔަވައިގެން އިން އަންހެނަކު ގެނެސް ގޭގައި ބައިންދައިގެން އިތުރު އެއްވެސް ސުވާލެއް ނުކޮށް ހަމައެކަނި ފިރިމީހާއަށް ޚިދުމަތް ކުރުވުމަކީ އަޅުކަން ކުރުވުން ފިޔަވައި ކޮންކަމެއް ހެއްޔެވެ؟ އަހަރެންގެ އަނބިމީހާ ކުރި ކަމަކީ އެއީއެއް ނޫންހެއްޔެވެ؟

އޭނާ ފެންޑާއަށް ނުކުމެއްޖެއެވެ. ބަންގީގެ އަޑު ފަނޑުކޮށް އެބައިވެއެވެ. "واشهد ان محمد الرسول اللّـه" (އަދި މުޙައްމަދުގެފާނަކީ ﷲ ގެ ރަސޫލާ ކަމަށް އަހަރެން ހެކިވަމެވެ.)

އެންމެ ފަހުގެ ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އަހަރެންގެ ގޭގައި އުޅުއްވާތާ ސާދަސަތޭކަ އެތައް އަހަރެއް ވެއްޖެއެވެ. އެކަމަކު އަހަރެމެންނަކަށް އެކަލޭގެފާނެއް ނުފެނެއެވެ. ފެނުނިއްޔާ އެކަލޭގެފާނުގެ އިރުޝާދުފުޅުގެ އަޑުފުޅެއް ނީވެއެވެ. އަޑުފުޅު އިވުނިއްޔާ އެ އިރުޝާދުފުޅުތަކަށް އަމަލެއް ނުކުރަމުއެވެ. މިއިން ކަމެއް އަހަރެމެން ނުކުރަނީ ނަމަ އަހަރެމެން މި ވަނީ ޖާހިލުންނަކަށް ނޫން ހެއްޔެވެ؟

ފެންޑާގެ އެއް ފަރާތުގައި ހަނި ގޯޅިއެއް އޮވެއެވެ. ގޯޅީގެ އެއް ފަރާތުގައި ހުންނަނީ ބަދިގެއާއި، ފާޚާނާއާއި، ބަނޑަހަގެއެވެ. ގޯޅީގެ އަނެއް ފަރާތުގައި ހުންނަނީ ކޮޓަރިއެވެ. އޭނާ ކޮޓަރީގެ ދޮރުމައްޗަށް ހުއްޓިއްޖެއެވެ. އެވަގުތު އަޑު އިވުނެވެ. "حيّ على الصّلاة" (ނަމާދަށް އަންނާށެވެ.)

ނަމާދު ކުރަން ފެށްޓީމާ ފަޅިމޫނެއްގެ ރީތިކަމުގެ ތެރެއަށް ފުރިހަމަ މޫނެއްގެ ރީތިކަން ގެންނާން އެނގިދާނެއެވެ. ނަމާދަކީ ޚާއްސަ ސުލޫކެކެވެ. ރިވެތި ސުލޫކަކާ ނުލައި އެއްވެސް މޫނެއް ފުރިހަމައެއް ނުވާނެއެވެ.

"حيّ على الفلاح" (ދިންނެވުމުގެ މަގަށް އަންނާށެވެ.)

ބާދްޝާ ޖާނީ ދޮރު ހުޅުވައިލުމަށް ފަހު ކޮޓަރި ތެރެއަށް ވަދެއްޖެއެވެ. އެންމެ ރަނގަޅު ގޮތަކީ ދަރިފުޅުގެ ބޮޅާއި، ފިރިމީހާގެ ބޮޅާއި، އަނބިމީހާގެ ބޮޅު އެކުވެގެން ވަރުގަދަ ޗޭނެއް އުފެއްދުމެވެ. އޭނާ މަޑުމަޑުން ހިނގާފައި އައިސް އިންޖިނޭރުބޭބެގެ ގާތަށް ހުއްޓިއްޖެއެވެ. އޭނާގެ ނަޒަރު އެއް ފަހަރު ހުއްޓެނީ އަނބިމީހާޔާ ދިމާއަށެވެ. އަނެއް ފަހަރު ދަރިފުޅާ ދިމާއަށެވެ. ދަރިފުޅާ ދިމާއަށް ބަލައިލެވޭ ކޮންމެ ފަހަރަކު ތުންފަތްމައްޗަށް ލުއިލުއި ހިނިތުންވުމެއް ވެރިވެއެވެ. ވަރަށް ރީތި، ދޮންދޮން ކުއްޖެކެވެ.

އިންޖިނޭރުބޭބެ ބަންގި ގޮވައި ނިންމުމަށް ފަހު ދަރިފުޅު އޭނާގެ އަތަށް ދީފިއެވެ. އޭނާ ދަރިފުޅު އުރާލައިގެން ރުޚްސާނާގެ މަގަތުން އެނދުގައި އިށީނދެއްޖެއެވެ. އެޔަށްފަހު ދަރިފުޅުގެ ނިތްކުރީގައި ބޮސްދީފައި ރުޚާސާނާއާ ދިމާއަށް ބަލައިލިއެވެ. ބުނާ ކަހަލައެވެ. ލޯބި މިކުރީ ދަރިފުޅަށެވެ. އެކަމަކު މި ލޯބި ފެށުނީ ރުޚްސާނާގެ ކިބައިންނެވެ.

ރުޚްސާނާ ލަދުވެސް އެބަގަނެއެވެ. އަދި ހިނިތުންވެސް އެބަވެއެވެ. ނުބަލާން ވެގެން މޫނު އަނބުރައިވެސް ލައެވެ. އަދި ވައްކަޅިން ބަލަމުންވެސް އެބަގެންދެއެވެ. މިވަގުތު ބޮޑެތި މީހުން ނެތްނަމަ އޭނާ ބުނާނެއެވެ. "ބާދްޝާއެވެ. ރުޅި އަންނާން މިހާރު މާ ބޮޑަށްވެސް ލަސް ވެއްޖެއެވެ. ތިޔަ ހޯދާ ރުޚްސާނާ ބާދްޝާގެ ދިރިއުޅުމުގައި ހޭދަކުރީ އެންމެ ދެ ދުވަހެވެ. އެއީވެސް މެހުމާނެއްގެ ގޮތުގައެވެ. މީގެ ފަހުންވެސް އޭނާ ވާނީ ހުވަފެނުގައި ދެކޭ މެހުމާނަކަށެވެ. އަހަރެން މިއީ ބާދްޝާގެ ހަޔާތުގެ ބައިވެރިޔާއެވެ. އަހަރެންގެ ހުރިހައި ކަމަކާއި މުޅި ނަފުސު މިވަނީ ބާދްޝާއަށްޓަކައެވެ. ނަފުރަތުގެ އެތިފަހަރުތައް އަހަރެންގެ މައްޗަށް ބާލާނީ ކިހައި ދުވަހެއް ވާންދެން ހެއްޔެވެ؟"

ދަރިފުޅު ރޯން ފަށައިފިއެވެ. ބާދްޝާ ދެއަތްދަނޑިމަތީގައި ދަރިފުޅު ބާއްވައިގެން ހެއްލާން ފަށައިފިއެވެ. ހޫނ.. ހޫނ... އޭ ކިޔައިގެން މަސަލަސް ކުރެވޭތޯ މަސައްކަތް ކުރާން ފަށައިފިއެވެ. ރުޚްސާނާ ހިނިތުންވެލައިފައި ބުންޏެވެ. "ގެނޭ... ބަނޑުހައިވީ ކަމަށް ވާނީ..."

ބާދްޝާ ރުޚްސާނާގެ އަތްދަނޑިމަތީގައި ދަރިފުޅު ބާއްވައިފިއެވެ. ރުޚްސާނާގެ މަންމަ ބުންޏެވެ. "ދަރިފުޅާ. މި ރަށަކުން ރަނގަޅު ކާއެއްޗެއްވެސް ނުލިބޭ. މި މާމުޔަށްވެސް އެއްކޮށްފައި މިހިރީ ކޯޗެއްކަމެއްވެސް ނޭނގޭ. ޢަހަރެމެންގެ އަވަށްޓެރި ޞަމަދު ކޮއިޓާއިން ގެނައީ ހާދަހާ ރަނގަޅު، ޚާލިސް މާމުޔެކޭ."

ބާދްޝާ ޖާނީ ބުނެލިއެވެ. "އަހަރެންގެ ދަރިފުޅަށް ދޭނީ ޚާލިސް ކާނާ. ތިޔަ ބުނާ ޞަމަދުގެ ގެ ހުންނަތަން ބުނެދީ. އަހަރެން މާމުއި ގަނެގެން އަންނާނަން."

މައިދައިތަ ރުޅި އައިސްފައި ބުންޏެވެ. "އޭތް... އަހަންނާ ވާހަކަ ނުދައްކާ. ކަލެއަކީ ނުބައި ނުލަފާ ލުއްޗާ މީހެއް. މީގެ އިރުކޮޅެއް ކުރިން އުޅުނީ އަހަރެން މަރައިލާން."

ރުޚްސާނާ ވަރަށް ދެރަވެފައި ބުންޏެވެ. "ޖާނީ. އެހެން ހަދާކަށް ނުވާނެއެއްނު؟ އަހަރެންގެ މަންމައަކަށް ގަދަރެއް ނުކުރަންތަ؟ މަންމަގެ ކިބައިން މާފަކަށް ނޭދޭނަންތަ؟"

އޭނާ ބުނެލިއެވެ. "ރުޚްސާނާ ބުނެފިއްޔާ އެދިފާނަން. އެކަމަކު މަންމައަށް އަހަރެން ކުރިކަމެއް ކުރީ ކީއްވެގެންކަން އެނގޭތަ؟ އެ ވާހަކަ ބާއްވާ. އެކަން އިތުރަށް ފުޅާކުރާކަށް އަހަރެން ބޭނުމެއް ނޫން. މި ވަގުތު ދައްކަން ބޭނުންވާ ވާހަކައަކީ ދަރިފުޅަށް ރަނގަޅު ކާނާ ދިނުމުގެ ވާހަކަ. އަހަންނާއެކު އެ ބުނާ މާމުއި ގަންނަން ދާށޭ މަންމަ ގާތު ބުނޭ."

(ނުނިމޭ)

3 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.