ޑީއާރުޕީން ހަބަށް ދައްކަންޖެހޭ ފައިސާގެ މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ނިންމާލައިފި

ފޮޓޯ: ރައްޔިިތުންގެ މަޖިލިސް

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އިން ހަބް ކުންފުންޏަށް ދައްކަންޖެހޭ ހަތް ލައްކައަށްވުރެ ގިނަ ރުފިޔާގެ މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ސުޕްރީމް ކޯޓްގައި ނިންލައިފިއެވެ. 

މިއަދުގެ އަޑު އެހުން ނިންމާލައްވަމުން މިމައްސަލައިގެ ޝަރީޢަތުގެ މަޖިލީހުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު ވިދާޅުވީ މިމައްސަލައިގައި ދެފަރާތުންވެސް އެކަށީގެންވާ މިންވަރަށް ވާހަކަ ދެއްކެވިފައިވާކަމަށެވެ. އެހެންކަމުން މައްސަލަ ދިރާސާ ކުރުމުގައި އިތުރު ކަމެއް ސާފުކުރަން ނުޖެހޭނަމަ، މައްސަލައިގެޝަރީޢަތެއް ދެން ބާއްވާނީ މައްސަލަ ނިންމުމަށްކަމަށެވެ. 

މިއަދުގެ ޝަރިޢަތުގެ މަޖިލީހުގައި ޑީއަރުޕީގެ ލީޑަރ ޢަބްދުﷲ ޖާބިރު ވިދާޅުވީ ޑީއާރުޕީން ސިވިލް ކޯޓުގައިވެސް ހަބް ކުންފުނިން ފައިސާ ދެއްކުމަށް އެދިފައިވާ އިންވޮއިސްތަކުގެ ތެރެއިން ދިހަ އިންވޮއިސްއެއްގައި ޕީއޯ ނަންބަރު ނެތުމުން އެ ދިހަ އިންވޮއިސްއާ މެދު އިންކާރުކޮށްފައި ވަނިކޮށް މުޅި ދައުވާ އަށް އިންކާރު ނުކުރާކަމަށް ސިވިލް ކޯޓުން ނިންމައިފައިވާ ކަމަށެވެ. އަދި ހައިކޯޓުންވެސް ޑީއާރުޕީން ފާހަގަކުރި ކަންކަމަށް ރިޢާޔަތް ކުރުމެއްނެތި މުޅި ދައުވާއަށް އިންކާރު ނުކުރާކަމަށް ނިންމައި ސިވިލް ކޯޓުގެ ހުކުމް ދަމަހަށްޓައިފައި ވަނީ އަދުލުވެރިކޮށް ނޫންކަމަށް ޖާބިރު ވިދާޅުވިއެވެ. އަދި މައްސަލައިގައި ޑީއާރުޕީއާ ދެކޮޅަށް ހެކިބަސް ދީފައި ވަނީ ކުރިން ޑީއާރުޕީގައި އުޅުނު ނަމަވެސް ފަހުން ޑީއާރުޕީއާ ދެކޮޅަށް މަސައްކަތްކުރި ފަރާތްތަކަށް ވާތީ އެމީހުންގެ ހެކިބަހަކީ ވެސް ޢަދުލުވެރި ހެކިބަހަކަށް ނުވާނެކަމަށް ޑީއާރުޕީގެ ލީޑަރ ޖާބިރު ފާހަގަ ކުރެއްވިއެވެ. 

ހަބްގެ ޤާނޫނީ ވަކީލް ޢަބްދުﷲ ނަސީރު ވިދާޅުވީ ޑީއާރުޕީން ހަބަށް ފައިސާ ދައްކަންޖެހޭ 57 އިންވޮއިސްގެ ތެރެއިން ޑީއާރުޕީން އިންކާރުކުރާ 10 އިންވޮއިސްގެ ތެރެއިން ނުވަ އިންވޮއިސްގައި ޕީއޯ ނަންބަރު ނެތުމަކީ ސައްހަ ނޫން އިން ވޮއިސްތަކަކަށް އެ އިންވޮއިސްތައް ވާނެކަމެއް ނޫންކަމަށެވެ. އަދި އިންވޮއިސްތަކުގައިވާ ތާރިޚަށް ޚިދުމަތް ފޯރުކޮށް ދެވިފައިވާކަން ސާބިތުކޮށް ދެވިފައި ނުވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ފާހަގަ ކޮށްފައި ވީނަމަވެސް އެއީ ސައްހަ ނޫން އިންވޮއިސްއެއް ކަމަށް ދެކެންޖެހޭ ސަބަބެއް ނޫންކަމަށް ވެސް ވަކީލް ވިދާޅުވިއެވެ. ތަކުރާރުކޮށް އެތައް ފަހަރެއްގައި އެ އިންވޮއިސްތަކަށް ފައިސާ ދެއްކުމަށް ހަނދާން ކޮށްދީފައި ވާނެކަމަށްވެސް ވަކީލް ވިދާޅުވިއެވެ. އޭރު އިންވޮއިސްތަކުގައިވާ އެއްވެސް މައްސަލައެއް ފާހަގަ ކޮށްފައި ނުވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. ޕީއޯ ނަމްބަރު ނެތްކަމަށް ބުނެ އެ އިންވޮސްތަކަށް ފައިސާ ނުދެއްކުމަކީ މިމަރުޙަލާގައި ޑީއާރުޕީއަށް ކުރެވޭނެ ކަމެއް ނޫންކަމަށް ވެސް ހަބްގެ ޤާނޫނީ ވަކީލް ވިދާޅުވިއެވެ. 

އިންވޮއިސް ގެ އެއްވެސް މައްސަލައެއް ހުރެގެން ހަބް ކުންފުނީގެ ސަމާލުކަމަށް އެކަން ގެންނެވިންތޯ ފަނޑިޔާރު މަހާޒު ކުރިމަތި ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޑީއާރުޕީގެ ލީޑަރ ޢަބްދުﷲ ޖާބިރު ވިދާޅުވީ، އެކަން ސާފުރައްވަން ޖެހޭނީ ޑީއާރުޕީގެ ކުރީގެ ލީޑަރ ރައީސް މައުމޫނު އަރިހުން ކަމަށެވެ. އަދި އެކަންކަން ސާފުކުރުމަށް ރައީސް މައުމުނު ޝަރިޢަތަށް ހާޒިރުކޮށް ދެއްވުމަށް އޭނާ އެދި ވަޑައިގެންނެވިއެވެ. ޖާބިރު ވިދާޅުވީ ހަބް ކުންފުންޏަށް ދޭންޖެހޭ ފައިސާއަކީ ޑީއާރުޕީގެ މިހާރުގެ ލީޑަރޝިޕާ ގުޅުންހުރި ކަމެއް ނޫންކަމަށެވެ. ޑީއާރުޕީގެ ލީޑަރޝިޕް ބަދަލުވަމުން ދިއުމާއެކު، ސިޔާސީ ޕާޓީއަކަށް ވުމުން ހަބް ކުންފުނިން ވަރަށް ބޮޑަށް އެކަމުގެ ނާޖާއިޒު ފައިދާ ނެގުމަށް މަސައްކަތް ކޮށްފައިވާކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ. 

 މިމައްސަލަ އިސްތިއުނާފުކުރަނީ ޑީއާރުޕީންނެވެ. މިމައްސަލަ ޑީއާރުޕީން ފުރަތަމަ ހުށަހެޅުމަށްފަހު ޤާނޫނީ ވަކީލަކާއެކު ވާހަކަ ދެއްކުމަށް ފުރުސަތުދީ ބޭއްވި އަޑު އެހުމުގައި ޑީއާރުޕީން ޙާޒިރު ވެފައި ނުވާތީ މައްސަލަ ވަނީ ބާތިލުކޮށްފައެވެ. އެއީ 2015 ގައެވެ.  އިސްތިއުނާފު ކުރައްވާ ފަރާތުން ހާޒިރުނުވެގެން ބާޠިލްކުރިނަމަވެސް ރިޢާޔަތް ކުރައްވާނީ ފުރަތަ މައްސަލަ ހުށަހެޅި ފޯމަށް ކަމަށް ފަނޑިޔާރު އަޒްމިރާލްދާ ވިދާޅުވިއެވެ. ދެ ފޯމް އަޅާ ކިޔާއިރު  އެދިވަޑައިގަންނަވާ ގޮތް ބަދަލު ގެނެސްފައިވާ ކަމަށް ފަނޑިޔާރު އަޒަމިރާލްދާ ވިދާޅުވިއެވެ. ފަހުން މައްސަލަ ހުށަހެޅިއިރު ސިވިލް ކޯޓުގެ ހުކުމަށް ބަދަލު ގެނައުމަށް އެދި ވަޑައިގެންފައިވާކަމަށް ފާހަގަ ކުރެއްވިއެވެ. ނަމަވެަސް ފުރަތަމަ އެދިފައި ވަނީ މައްސަލަ ބާތިލުކޮށް ދެއްވުމަށްކަމަށް ވިދާޅުވިއެވެ. އެހެންކަމުން މައްސަލަ ނިންމުމުގައި ރިއާޔަތް ކުރައްވާނީ ފުރަތަމަ ފޯމުގައި އެދިވަޑައިގެންފައިވާ ގޮތަށް ކަމަށްވެސް ފަނޑިޔާރު އަޒްމިރާލްދާ ވިދާޅުވިއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.