
ކާށިދޫ ދާއިރާގެ މެމްބަރ ޢަބްދުﷲ ޖާބިރު ހުށަހެޅި ކުއްލި މައްސަލައާއި އިސްލާޙު ވެސް ރައްޔިތުންގެ މަޖިލީހުން ބޭރު ކޮށްލައްވައިފިއެވެ.
ޖާބިރު ކުއްލި މައްސަލަ ހުށަހެޅުއްވީ ޢިމާރާތްކުރާ ތަންތަނުގެ ސަލާމަތާއިރާއްކާތެރި ކަމުގެ ފިޔަވަޅުތައް އިންތިހާއަށް ގޯސްވަމުން ދިއުމުގެ މައްސަލައިގައެވެ. ޢިމާރާތްކުރާ ތަންތަނުގެ ސަލާމަތާއި ރާއްކާތެރިކަމާ ގުޅިގެން، ހުށެހެޅި ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލައިފައި ވަނީ އެމައްސަލައާ ދެކޮޅަށް 52 މެމްބަރުން ވޯޓް ދެއްވައިގެންނެވެ. އެ މައްސަލަ މަޖިލީހުގައި ބަހުސް ކުރުމަށް ވޯޓް ދެއްވީ ހަ މެމްބަރުންނެވެ.
މައްސަލަ ހުށަހަޅުއްވަމުން ޖާބިރު ވިދާޅުވީ މާލޭގައި ޢިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދާ ކުންފުނިތަކުން އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް ނާޅައި ހުރުމުން ނުރައްކާތެރި ގިނަ ޙާދިސާތަކެއް ހިނގައިފައިވާކަމުގައެވެ. އަދި އެފަދަ ޙާދިސާތައް ހިނގާ އެކިވަރުގެ އަނިޔާ އެތައް ބަޔަކަށް ލިބި ބައެއް މީހުންގެ ފުރާނަ ގެއްލިފައިވާކަން ވެސް ވަނީ ފާހަގަ ކުރައްވައިފައެވެ.
ޖާބިރު ހުށަހެޅުއްވީ އިޞްލާހަކީ އިސްރަށްވެހިންނަށް މިހާރު ދެމުންދާ 5000 ރުފިޔާ 10000 ރުފިޔާއަށް ބޮޑުކުރުމަށް ޕެންޝަނާ ބެހޭ ޤާނޫނަށް ހުށަހެޅި އިޞްލާހެކެވެ. ޖާބިރުގެ ބިލް މަޖިލީހުން ބޭރުކޮށްލީ 58 މެމްބަރުން ބިލާ ދެކޮޅަށް ވޯޓް ދެއްވައިގެންނެވެ. ބިލްގެ ބަހުސްގައި އެމްޑީޕީ މެންބަރުން ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި ދައުލަތަށް މާލީ ބުރައެއް އުފަލަން ޖެހޭ ގޮތަށް އޮންނަ ބިލްތައް ދައުލަތުން ނޫނީ ހުށަނޭޅޭނެކަމަށް އެ މެމްބަރުން ވިދާޅުވިއެވެ.