ނަވާރަވަނަ މަޖިލީހުގައި ނަން އިއްވައި, ބޭރުކުރި ފުރަތަމަ މެމްބަރަކަށް ޖާބިރު

ފޮޓޯ؛ ރައްޔިތުންގެ މަޖިލިސް

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގައި ނަން އިއްވައި ބޭރުކުރި ފުރަތަމަ މެމްބަރަކަށް ކާށިދޫ ދާއިރާގެ މެމްބަރ ޢަބްދުﷲ ޖާބިރު ވެވަޑައިގެންފިއެވެ.  މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފެށުމަށްފަހު ރިޔާސަތުން އެޖެންޑާ އިޢުލާން ކުރައްވަމުން ގެންދަވަނިކޮށް، ނިޒާމީ ނުކުތާއެއް ނަންގަވައިގެން ޖާބިރު ވަނީ ރިޔާސަތާ ސުވާލު ތަކެއް ކުރިމަތި ކުރައްވައިފައެވެ.  ފުރަތަމަ ސުވާލަކަށްވީ މަޖިލީހުގެ ރައީސްކަން ލިބިވަޑައިގެންނެވި ފަހުން ދައުލަތުގެ ޚަޒާނާގެ ތަޅުދަނޑި މަޖިލީހުގެ ރައީސަށް ލިބިވަޑައިގެންފައި ވޭތޯ ދެންނެވި ސުވާލެވެ.

ރިޔާސަތުން ވިދާޅުވީ ޖާބިރު ނެންގެވީ ނިޒާމީ ނުކުތާއެއްކަމަށް ދެކެވަޑައި ނުގަންނަވާކަމަށެވެ. އިދާރީ މޭޒުން ޖާބިރްގެ މައިކް ކަނޑާލެއްވި ނަމަވެސް ޖާބިރު ގެންދެވީ ތަޅުމުގައި އަޑުފުޅު ގަދަކުރައްވަމުންނެވެ. ވިދާޅުވަމުން ގެންދެވީ ކޮން ވާހަކަފުޅެއް ކަމެއް މައިކް ކަނޑާ ލައފައި ހުރުމުން ސާފެއް ނުވެއެވެ.

ނެންގެވީ ނިޒާމީ ނުކުތާއެއް ނޫންކަމަށާއި އިށީނދެ ވަޑައިގެންނެވުމަށް ރިޔާސަތުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވިއެވެ. ނަމަވެސް ޖާބިރުގެ ގެންދެވީ އަޑުގަދަ ކުރައްވަމުންނެވެ. އެންމެ ފަހުން މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކޯފާ އިސްކުރައްވައި ޤަވާޢިދަށް ޙުރުމަތްތެރިކޮށް ހިތްތެވުމަށާއި ނަން އިއްވަން ޖެހިވަޑައިގެންފާނެކަމަށް ވިދާޅުވިއެވެ. ތަކުރާރުކޮށް ރިޔާސަތުން އެންގެވުމުން ވެސް ޖާބިރު އަޑުގަދަ ކުރައްވަމުން ގެންދަވަން ފެށުމުން ރިޔާސަތުން ޖާބިރުގެ ނަން އިއްވަވާ މަޖިލީސް ދޫކޮށް ވަޑައިގެންނެވުމަށް އެންގެވި އެވެ. ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގައި ވާގޮތުން މެމްބަރެއްގެ ނަން އިއްވައިފިނަމަ މަޖިލީހުގެ ޖަލްސާ ދޫކޮށް ވަޑައިގަންނަވަން ޖެހެއެވެ.

ޖާބިރުގެ ނަން އިއްވެވުމަށްފަހު ރިޔާސަތުން ވިދާޅުވީ ކާށިދޫ ދާއިރާގެ މެމްބަރ އެހާ ބޮޑަށް ކޯފާ އިސްކުރައްވަންވީ ސަބަބެއް ހަމަ އެއް ގޮތަކަށްވެސް އެނގިވަޑައި ނުގަންނަވާ ކަމުގައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.