ފަޅިމޫނު - 20

(1 ނޮވެމްބަރ 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ބާދްޝާގެ ކާރު ޓުރެފިކު ބައްތި ހުންނަ ސަރަހައްދު ފަހަނައަޅައި ހިނގައްޖެއެވެ. މިހާރު އެ ވަންނަނީ ނާޒިމްއާބާދުގެ އުތުރު ސަރަހައްދަށެވެ. އެ ސަރަހައްދުގައި ޓުރެފިކު ބައްތިއެއް ނުހުރެއެވެ. އެހެންވީމާ ކުރިއަށް ދާކަށް އެއްވެސް ހުރަހެއް ނެތެވެ. ދުއްވާ އެއްޗެހިވެސް އެހައި ގިނައެއް ނޫނެވެ. އޭނާ ފަސޭހަކަމާއެކު ކާރު ދުއްވަމުން އެކި ކަހަލަ ރޭވުންތައް ސިކުނޑީގައި ރާވަމުން ގެންދިޔައެވެ. މިހާރު އޭނާގެ ހިތަށް އަރަނީ އެ ފަޅިމޫނުގެ ވެރިޔާގެ މޫނަށް ދުވަހަކުވެސް ނުބަލާށެވެ. އެ ދޮގުވެރިޔާގެ ނޭވާ ހިނގާތަން ފެނުމަކީވެސް އޭނާއަށް ބަރުދާސްކުރަން އުނދަގޫ ކަމެކެވެ. އޭނާ ބޭނުންވަނީ އެ މަކަރުވެރިޔާއަށް ކުދި އަނިޔާކޮށް މަރައިލާށެވެ. ފަހުން ވާން އޮތް ކަމެއް ވާނީއެވެ. ކޯޓަށް ދާން ޖެހުނަސް ނުވަތަ ޖަލަށް ވަންނާން ޖެހުނަސް އޭނާއަށް އެންމެ ރަނގަޅެވެ.

މިހާރު އޭނާގެ އަވަށަށް ވަދެވިއްޖެއެވެ. ދުރުން އޭނާގެ ގެ ފެންނާން އެބަހުއްޓެވެ. ހަނދުވަރުދޭ ރީތި ރެއެކެވެ. ހަނދުވަރުގެ އަލިން މުޅި އަވަށް އޮތީ ދިއްލިފައެވެ. އޭނާ އަލަށް ގަތް ގޯތީގެ އެއް ފަރާތު މަގުމަތީގައި ކާރެއް އޮތެވެ. އެ ކާރުގެ ބޮނެޓް ހުރީ ހުޅުވައިފައެވެ. އިންޖީނަށް ކޮންމެވެސް މައްސަލައެއް ކުރިމަތިވީ ކަމުގައި ވެދާނެއެވެ. ބާދްޝާ ކާރު މަޑުކޮށްލުމާއެކު ގަރާޖުގައި އުޅޭ ކުޑޭ ދުވެފައި އަތުވެއްޖެއެވެ. "ވެރިޔާ... ތިޔަ އައީ ބަރާބަރު ވަގުތަށް. ފަހަރީގެ ހާލަތު ވަރަށް ދެރަ ވެއްޖެ. މަންމަ ބުނީ އަވަހަށް ހަސްފަތާލަށް ނުގެންދެވިއްޖެއްޔާ ފުރާނައަށް ނުރައްކާ ވެދާނެއޭ."

ކާރުން ފައިބައި ކުޑޭ އެއް ފަރާތަކަށް ކޮއްޕައިލުމަށް ފަހު ބާދްޝާ ބުންޏެވެ. "މަރުވިޔަދީ. އަހަރެން މި އައީވެސް އޭނާ މަރައިލާން ވެގެން."

ބާދްޝާ ދިގު ފިޔަވަޅުތަކެއް އަޅަމުން އައިސް ގޭތެރެއަށް ވަދެއްޖެއެވެ. އޭރު ކާރުގެ އަޑު އިވިގެން ރުޚްސާނާގެ މަންމަ ކޮޓަރިން ނުކުންނަނީއެވެ. އޭނާ ހުރީ ވަރަށް ކަންބޮޑުވެފައެވެ. ލޮލުން ކަރުނަ ފައިބަނީއެވެ. ބާދްޝާ ފެނުމާއެކު ރޮވިއްޖެއެވެ. "އަހަރެންގެ ދަރިފުޅުގެ ފުރާނައަށް ނުރައްކާވެއްޖެ. ދަރިފުޅާ... ކޮންމެވެސް ކަމެއް ކުރެވޭތޯ އުޅެބަލަ."

ބާދްޝާ ފަރުވާކުޑަ ގޮތަކަށް އަހައިލިއެވެ. "އޭނާ މަރުވާނީ އަދި ކިހައި އިރަކުން؟"

މައިދައިތަ ސިހިފައި އޭނާޔާ ދިމާއަށް ބަލައިލިއެވެ. ދެވަނަ ސިކުންތުގައި ރުޅި އައިސްފައި ބުންޏެވެ. "ތިޔަ ދައްކަނީ ކޮން ކަހަލަ ވިޔާނުދާ ވާހަކައެއް؟ އަމިއްލަ ދަރިއާއި އަނބިމީހާޔާ ބެހޭ ގޮތުން ތިޔަ ކަހަލަ ވާހަކަ ދައްކާކަށް..."

ބާދްޝާ މައިދައިތަގެ އަތުގައި ހިފައިގެން ފާރާ ދިމާއަށް ގެންގޮސް، ފާރުގައި ލައްކޮށްލިއެވެ. އަދި ކަރުގައި ހިފުމަށް ފަހު ބުންޏެވެ. "މުސްކުޅި ޑައިނު... ކަލޭ ދިރިދުނިޔޭގައި ބައިންދަން އަހަރެން ބޭނުން. ކަލޭގެ ކަންތައް ނިންމަން އަހަރެން ބޭނުންވަނީ ކޯޓުގައި. މިހާރު މި އައީ ކަލޭގެ ދަރިފުޅު މަރައިލާން. އެކަމަކު އަހަރެން އެކަން ކުރާކަށް ނުޖެހުނުތާ. ތިޔަ ބުނީ އޭނާ މަރުވާ ވާހަކަ. ގުދުރަތުގެ ބަދަލު ހިފުން ދެކެން އަހަންނާއެކު ކަލޭވެސް ހުރޭ."

މުސްކުޅި މަންމަ އާދޭހުގެ ރާގަކަށް ބުންޏެވެ. "ދަރިފުޅާ. ތިޔަ ދައްކަނީ ކޮން ކަހަލަ ވާހަކައެއް؟ މިކަހަލަ ވަގުތުތަކުގައި ދުޝްމިނުންވެސް އެކުވެރިންނަށް ވޭ. ހަތުރުވެރިންގެ ހިތްވެސް މަޑުވޭ. އެއީ ދަރިފުޅުގެ އަނބިމީހާ. ބޭނުމިއްޔާ އޭނާ ފަހުން މަރައިލާ. އެކަމަކު މި ވަގުތު އޭނާ ސަލާމަތްކޮށްދީ. މިހާރު އޭނާ އެ އޮތީ ކާރެއްގައި ހަސްފަތާލަށް ގެންދެވޭ ހާލަތެއްގައެއް ނޫން. އެހެންވީމާ އަވަހަށް ގޮސް ރަނގަޅު އަންހެން ޑަކްޓަރަކު ގޮވައިގެން އާދޭ. އޭނާ ރަމަތަ ކުރާނޭ ގޮތެއް އަހަންނަކަށް ނޭނގޭ. އަޅާ ވޭނެއްގެ ސަބަބުން ތެޅިފޮޅެނީ."

ކޮޓަރި ތެރެއިން ދޭތެރެދޭތެރެއިން ކުކުރާ އަޑު އިވެއެވެ. އަޅާ ވޭނުގެ ސަބަބުން ބައެއް ފަހަރަށް ބާރަށް ހަޅޭއްލަވައިގަންނަ އަޑުވެސް އިވެއެވެ. ބޭރަށް އަޑު ނީއްވަން ވަރަށް ބޮޑަށް މަސައްކަތްކުރާކަން އޭނާގެ އަޑުން ވަރަށް ފާޅުކޮށް އެނގެއެވެ. އެކަމަކު ވޭނުގެ ބޮޑުކަމުން ކެތްނުކުރެވެނީއެވެ.

ބާދްޝާ އޭނާގެ މައިދައިތަގެ ގައިން ދޫކޮށްލައިފިއެވެ. އަދި ފަހަތަށް ޖެހިލުމަށް ފަހު ބުންޏެވެ. "އޭނާ އެތާގައި އޮވެގެން ތެޅިފޮޅޭނީ. ވިހެޔަސް، ނުވިހެޔަސް، މަރުވިސް އަހަންނަށް ހެޔޮ. އޭނާއަކީ އަހަންނަކަށް ބޭނުން މީހެއް ނޫން. އޭނާ ވިހާ ދަރިއަކީވެސް އަހަރެން ބޭނުން ދަރިއެއް ނޫން. އަހަރެންގެ ލޯތްބާއި، އަހަރެންގެ ގެދޮރު ފޭރިގަތް ޑައިނު... ކަލޭގެ ދަރި މަރުވާތަން އަހަރެން ބަލަން ހުންނާނަން. ކަލޭގެ ޒުވާން ދަރި އެންމެ ފަހުގެ ނޭވާ ދޫކޮށްލާނީ ކަލޭގެ ކުރިމަތީގައި."

އެ ވަގުތު އެތެރެއިން ރުޚްސާނާ ހަޅޭއްލަވައިގަތް އަޑު އިވިއްޖެއެވެ. މަންމަ އަވަސްއަވަހަށް ކޮޓަރިއާ ދިމާއަށް ހިނގައިގެންފިއެވެ. ބާދްޝާ ޖާނީ މޮޔައެއްހެން ބާރަށް ހީނގެންފިއެވެ. "ގޮތްކުޑަ މީހާ މަރުވަނީ... މިހައިތަނަށް ކުރި ކަމަކީ އަހަންނަށް އޮޅުވާލައި މަކަރު ހެދުން. އެކަމުގެ ސަޒާ މިއަދު ލިބޭނެ."

ހެމުންހެމުން އޭނާ ބޭރަށް، ގޯތި ތެރެއަށް ނުކުމެ ދެކޮޅަށް ކުރުކާލިކަނޑާން ފަށައިފިއެވެ.

މިހާރު އެތެރެއިން ރުޚްސާނާގެ އަޑެއް ނީވެއެވެ. އޭނާ ހުރީ ތަންކޮޅެއް ދުރުގައި ކަމުގައި ވާތީ އަޑު ނީވެނީއެވެ. އޭނާގެ ހިތަށް އެރިއެވެ. މިއަދު އަހަރެން ވެފައި މިހިރީ އަނިޔާވެރިއަކަށެވެ. އެހެންވީމާ އަނިޔާ ލިބޭ މީހާގެ އަޑު އިވެން ވާނެއެވެ. އަނިޔާލިބޭ މީހާގެ ކުކުރުމާއި އާހްގެ އަޑު ނީވޭނަމަ އަނިޔާކުރުމުގެ އުފަލެއް އިހުސާސެއް ނުކުރެވޭނެއެވެ. އޭނާ ތެޅިފޮޅޭ މިންވަރު ލަފާކުރެވެން ވާނެއެވެ.

އޭނާ މަޑުމަޑުން ހިނގާފައި ގޮސް ކޮޓަރީގެ ފާރުކައިރީގައި ހުއްޓިއްޖެއެވެ. މިހާރު އެތެރެއިން އަޑު އެބައިވެއެވެ. ކުކުރާ އަޑާއި ދޭތެރެދޭތެރެއިން ހަޅޭއް ލަވައިގަންނަ އަޑު އިވެއެވެ. ކުކުރައިލުމަށް ފަހު އޭނާ ވާހަކަ ދައްކާ އަޑު އިވުނެވެ. "ޖާނީ. ކޮބާ..؟ ތިޔަ އުޅެނީ ކޮންތާކު؟ އާދޭ. އަހަރެން ގާތަށް އާދޭ. އަހަރެންގެ އަތުގައި ހިފަހައްޓައިގެން ހުރެ ދުޅަހެއުކަމާއި މުސީބާތުގެ ވަގުތުގައި އެއްވަރަކަށް އަހަންނަށް އެހީތެރިވާން ވައުދު ވީމެއްނު؟ އަހަރެންގެ އަތުން ދޫކޮށްނުލާން ހުވައި ކުރީމެއްނު؟ ނިކަން ދެކިބަލަ. އަހަރެންގެ އަތް މި އޮތީ ހުހަށް. އަހަރެންގެ އަތުގައި ހިފާ. އަހަރެން ވެއްޓިޔަ ނުދީ ހިފަހައްޓާ. އަހަރެން ޖާނީއަށް ފިރިހެން ދަރިއަކު ވިހާނަން. އަހަރެން ދުނިޔޭގައި ހުންނާނަން. މި ދަރިފުޅަށް ކިރު ދޭނަން. އުނގުގައި ނިންދަވާނަން. ޖާނީގެ ދަރިފުޅު ބަލައި ބޮޑު ކުރާނަން. އަހަރެންގެ ޒުވާންކަން މަކަރަކަށް ވެދާނެ. އެކަމަކު ޖާނީގެ ދަރިފުޅު ވިހާ ދުވަހުން ފެށިގެން އޭނާ ޒުވާން ވާންދެން އަހަރެން ބުރަކޮށް މަސައްކަތް ކުރާނަން. އޭނާއަށް ފުރިހަމަ ތައުލީމެއް ހޯދައިދޭނަން. ރަނގަޅަށް ތަރުބިއްޔަތު ކުރާނަން. އަހަރެންގެ ޒުވާންކަން އޭނާއަށްޓަކައި ގުރުބާން ކޮށްލާނަން. އެކަމުގައި އެއްވެސް މަކަރެއް ނުހަދާނަން. ދޮގެއް ނުހަދާނަން. އެއްވެސް މަޔަކު އެމީހެއްގެ ދަރިއާ ގުޅޭ ކަމެއްގައި އެ ދަރީގެ ބައްޕައަކަށް މަކަރެއް ނުހަދާނެ. ޖާނީ... އާދޭ. އަހަރެންގެ ގާތަށް އާދޭ."

ވާހަކަދައްކަމުން ގޮސް ކުއްލިއަކަށް ރުޚްސާނާ ހަޅޭއް ލަވައިގެންފިއެވެ. ބާދްޝާގެ މެޔަށް ވަރުގަދަ ލޮޅުމެއް އެރިއެވެ. އޭނާ އެ ވަގުތު ހުރީ އަނިޔާވެރިއަކަށް ވެގެންނެވެ. އެކަމަކު ލޯބީގެ ބަނޑުން ނުކުންނަ ވޭނީ އަޑަކުން މީހާ ގުޑުވައިލަނީ ކިހިނެއް ކަމެއް އޭނާއަކަށް ނޭނގުނެވެ. އެ އަޑުން އޭނާގެ ހިތަށް ހޮނުއެޅި ކަހަލައެވެ. ވިދުވަރުގެ އަލިން ހިތް ދިއްލި އުޖާލާވެއްޖެއެވެ. އިންސާނުން ހަޅޭއް ލަވަނީ ހަމައެކަނި އަނިޔާއެއް ވީމައެއް ނޫނެވެ. ލޯބިންވެސް ހަޅޭއް ލަވައެވެ. ރުޚްސާނާގެ އަޑުގެ ތެރެއިން އޭނާއަށް ވަކި ކަހަލަ ވާހަކަތަކެއް އިވޭން ފަށައިފިއެވެ. "އަހަރެންގެ ހަޅޭކުގެ މާނަ ދެނެގަންނާށެވެ. މިއަޑު ފުރަތަމަ އުފުލުނީ އަލަތުކައިވެނީގެ ދާނުންނެވެ. މިއަދު މި ތެޅިފޮޅެނީ ތަޚްލީގުގެ ދާނުގައެވެ. ހަނދާން ކުރާށެވެ. ބާދްޝާ އެންމެ ފުރަތަމަ އަހަރެންގެ އަތުގައި ހިފި ދުވަހު އަހަރެންގެ އުރު ހަޅޭއް ލެވިއެވެ. އަހަރެންގެ މޫނުގައި ދެއަތުން ހިފަހައްޓައިލީ ދުވަހު އަހަރެންގެ ލަދުރަކި އިސްޖެހުން ހަޅޭއް ލެވިއެވެ. އަހަރެންގެ ބޮލުން ފެށިގެން ފައިތިލަޔާ ހަމައަށް މިލްކު ކުރަން އެދުނީމާ ގަބޫލުކުރިކަމުގެ ހަޅޭކުގެ އަޑު އަހަރެންގެ އަނގައިން ނުކުތެވެ. އެއް އަހަރާއި ދެމަސް ދުވަސްވާންދެން ހަޅޭއް ލެވީ އަހަރެންގެ ވަފާތެރިކަމާއި ޚިދުމަތެވެ. އަހަރެންގެ ލޯބި ދެނެގަންނާށެވެ. ކާވެނީގެ ކުރިން އޮތީ ދޮގާއި މަކަރުގެ ސިލްސިލާއެކެވެ. އެކަމަކު އަހަރެންގެ ބާދްޝާ ޖާނީއެވެ..."

އެވަގުތު ކުޑަކުޑަ ފުރާނައެއް ދުނިޔެއަށް ނޭވާލީ ކަމުގެ އަޑު ގޭތެރެއަށް އަރައިގެން ދިޔައެވެ. ހަނދުވަރުގެ އަލި އިހަށްވުރެ ގަދަވެގެން ދިޔަ ކަހަލައެވެ. ރޭގަނޑުގެ މޫނު ދޮވެވި ސާފު ވެގެން ހިނގައްޖެއެވެ. މާހައުލުގެ މިޒާޖު ބަދަލު ވެއްޖެއެވެ. މީގެ ކުރިން މާހައުލަށް ވެރިވެފައި އޮތީ ފިރިމީހާޔާމެދު ކުރާ ޝަކުވާގެ ތެރެއިން އިވުނު ރުއިމުގެ އަޑެވެ. މިހާރު އިވެނީ ތުއްތު ދަރިއެއްގެ ރުއިމުގެ އަޑެވެ. އެ ރުއިމުގައިވެސް ހުރީ ޝަކުވާގެ އަސަރެވެ. އެ ތުއްތު ކުއްޖާފުޅު ބުނާ ކަހަލައެވެ. "ބައްޕާއެވެ. ބައްޕަ އަހަރެން ހާސިލުކުރީ މަންމަގެ ލޯބީގެ ބޭނުންކޮށްގެންނެވެ. އަހަރެން ރަނގަޅު ހެއްޔެވެ؟ ރީތި ހެއްޔެވެ؟ އަހަރެން ރަނގަޅު ކަމުގައި ވަނީނަމަ އަހަރެންގެ މަންމަ ނުބައޭ ނުކިޔާށެވެ. މަންމަ ނުބައި ކަމަށް ކަނޑައަޅާނަމަ އަހަރެން ވާނީ ނުހިނގާ ފައިސާފޮއްޗަކަށެވެ. ބަފަޔަކާ ނުލައި އުފަންވީ ދަރިއަކަށެވެ."

ބާދްޝާ ހުރީ ފާރަށް ލެނގިލައިގެންނެވެ. އެހެން ހުރެފައި ފާރުގައި ބުރަކަށި ކާއްތަމުންގޮސް ބިންމަތީގައި އުޑަފައިން އިށީނދެވިއްޖެއެވެ. އޭނާގެ ކުރިމަތިން ފެންނަނީ ތުއްތު ކުއްޖެކެވެ. ހަތަރެސްފައި ހަލުވަމުން ރޮއި ނަގަނީއެވެ. ރުޚްސާނާ ބުނީ އެ ކުއްޖާ ދުނިޔެއަށް އުފަން ކުރާނޭ ކަމުގައެވެ. އޭނާ ވައިގެ ތެރެއަށް، ހުސް މާހައުލަށް، ކަޅިއުކަމުން އޭނާގެ ދަރިފުޅާ ދިމާއަށް ބަލަނީއެވެ. ރުޚްސާނާ ދެލޯ ބޮޑުކޮށްގެން އޮވެ އޭނާޔާ ދިމާއަށް ބަލަނީއެވެ. އޭނާގެ ހިތަށް އެރިއެވެ. އަހަރެން އިށީނދެގެން މިއިން ބިމަކީ މިހާރު ރުޚްސާނާގެ މިލްްކެކެވެ. ގެޔަކީވެސް ރުޚްސާނާގެ ގެއެކެވެ. އެއީ އަމިއްލަ އެދުމެއް އޮތް މީހަކު ނަމަ ވަރިވެގެން ފަންސާސް ހާސް ރުފިޔާ އަތުލައިގެން ގޮސް އެހެން މީހަކާއެކު ދިރިއުޅުން އާބާދުކުރީހެވެ. އެކަމަކު އެއް އަހަރާއި ދެމަސް ދުވަސް ވާންދެން އޭނާ ހުރީ އަހަރެންގެ މީހެއްގެ ގޮތުގައި އަހަރެން ގާތުގައެވެ. އެންމެ ކުޑަމިނުން މަންމަގެ ގެއަކަށްވެސް ނުދެއެވެ. ހެނދުނު އަހަރެން ބޭރަށް ފޮނުވަނީ ލޯތްބާއެކުއެވެ. ހަވީރު އަހަރެންގެ އިންތިޒާރުގައި ހުންނަނީވެސް ހަމަ އެ ލޯބީގައެވެ. އޭނާ މަކަރު ހެދިކަމީ ހަގީގަތެކެވެ. އެކަމަކު އެއްވެސް އާދަމުގެދަރިޔަކީ ފުރިހަމަ މީހެއް ނޫނެވެ. އެއީ ފަޅިމަކަރުވެރިއެކެވެ. ފަޅިވަފާތެރިއެކެވެ. މަކަރުވެރިއެއް ކަމުގައި ވިޔަސް އަނތްބެއްގެ ވާޖިބު އަދާކުރީ މަކަރުވެރިކަމަކާ ނުލައެވެ. އޭނާ އެ އޮތީ އޭނާގެ ލޯތްބާއި، ހިތާއި، ރޫޙާއި، ފުރާނައާއި، ދިރިއުޅުމާއި، މިއަދާއި، މާދަމައަށް ދާންދެން ބާދްޝާއަށް ވަގުފުކޮށްގެންނެވެ. އެއީ ދަހިވެތި މީހެއް ނަމަ އަހަރެއްހައި ދުވަހުގެ ތެރޭގައި ފަނަރަ ހާސް ރުފިޔާ ޖަމާކުރުމަށް ފަހު އަހަންނާ ހަވާލެއް ނުކުރީހެވެ. ފޮރުވާފައި ބަހައްޓާނީއެވެ. މިއަދު އޭނާ އެވީ އަހަރެންގެ ދަރިއެއްގެ މަޔަކަށެވެ. އެކަމުގައި އޮތީ ކޮން މަކަރުވެރިކަމެއް ހެއްޔެވެ؟ ކޮން ދޮގެއް ހެއްޔެވެ؟

ބާދްޝާ ބޯ ޖަހައިލިއެވެ. "އާނއެކެވެ. އަހަރެންގެ އަނބިމީހާއަކީ ރަނގަޅު މީހެކެވެ. އޭނާގެ ކިބައިން އެއްވެސް ކަހަލަ ނުބައި ސިފައެއް އަހަންނަކަށް ނުފެނެއެވެ. އެކަމަކު މިއަދު އެ ފެނުނު ރުޚްސާނާ..."

އޭނާ އަނެއްކާވެސް ވައިގެ ތެރެއަށް ނަޒަރު ހިންގައިލިއެވެ. މިހާރު ފެންނަނީ އޭނާގެ ލޯބިވެރިޔާ ރުޚްސާނާއެވެ. އެއީ ހާދަހާ ރީތި ކުއްޖެކެވެ. އޭނާ އެ ރުޚްސާނާ ދެކެ ވަނީ ހާދަހާ ބޮޑު ލޯތްބެކެވެ. އެކަމަކު އޭނާ ގެއްލުނީއެވެ. ފެނުނީ މިއަދުއެވެ. އެޔާއެކު އަނެއްކާވެސް ގެއްލުނީއެވެ. މިއީ ކޮން ކަހަލަ ކުޅިގަނޑެއް ހެއްޔެވެ؟ އޭނާއަކަށް ވިސްނޭ ގޮތެއް ނުވިއެވެ.

އޭނާ ތެދުވެއްޖެއެވެ. އެ ވަގުތު ގޭދޮށަށް ބައު ކާރެއް އައިސް މަޑުކޮށްފިއެވެ. އެ ކާރުން ފޭބީ އިންޖިނޭރުބޭބެގެ ދެމަފިރިންނެވެ. ބޭބެ ކާރުން ފައިބައިގެން އައިސް ދޮރުމައްޗަށް އަރައި އަހައިލިއެވެ. "ބާދްޝާ ޖާނީ... ކޮބާ ޚަބަރަކީ؟ ކަލޭގެ ދައްތަ ބުނީ މިހާރު ބަނޑުގައި ރިހެނީއޭ. އަހަރެން މި އައީ ޚަބަރު ބަލައިލާން ވެގެން. ވިހައިފިތަ؟ އުފާވެރި ޚަބަރެއް ދީބަލަ."

ބާދްޝާއަށް އެއްޗެކޭ ބުނެވުމުގެ ކުރިން ކޮޓަރިން ނުކުތީ ރުޚްސާނާގެ މަންމައެވެ. "ބޭބޭ. ﷲ ގެ ރަޙްމަތާއެކު އަހަރެންގެ ދަރިފުޅު ފިރިހެން ދަރިއަކު ވިހައިފި. ވަރަށް ރީތި ކުއްޖެއް. އެކަމަކު ކީއްކުރާނީ؟ އަހަރެން މި ހުންނަނީ ނުކުންނާން ބިރުން. ބޭބެގެ ބާދްޝާ އެހެރީ އަހަރެން މަރައިލާން ފަރިކޮށްގެން. ކަރުގައިވެސް ހިފައިފި. އަހަރެންގެ ދަރިފުޅު މިކަހަލަ މީހެއްގެ އަތްމައްޗަށް ދޫކޮށްލާފައި ދާނީ ކިހިނެއް؟ މީނާ އެހެރީ އަހަރެންގެ ދަރިފުޅާއި މާމަދަރިފުޅުވެސް މަރައިލާން ތައްޔާރުވެގެން."

އިންޖިނޭރުބޭބެ ބާދްޝާ އާ ދިމާއަށް ލޯ އަޅައިލިއެވެ. "އެއީ ތެދެއްތަ؟ ތިޔައީ ކޮން ކަމެއް؟ މިއަދު އަނެއްކާ މާ ގިނައިން ބުއީތަ؟"

އިންޖިނޭރުބޭބެއަށް ޖަވާބެއް ދިނުމުގެ ބަދަލުގައި ބާދްޝާ ބަލައިލީ ދައްތަޔާ ދިމާއަށެވެ. "އައްސަލާމް ޢަލައިކުމް... ދައްތާ."

ދައްތަ އެއްފަރާތަކަށް ޖެހިލިއެވެ. "ޚަބަރުދާރު. އަހަންނަށް ސަލާން ގޮވާނެ ކަމެއް ނެތް. ކަލޭގެ އަނގައިން ދުވަނީ ރާވަސް. އަހަރެން މިއީ ރާބޯ މީހުންނާ ވާހަކަ ދައްކާ މީހަކީމެއް ނޫން."

"ދައްތާ. އަހަރެން މިހާރަކު ރާ ނުބޮން. އަހަންނަށް ބޮވޭގޮތް ވަނީ މީހަކު އަހަންނަށް ދޮގު ހަދައި މަކަރު ހެދީމާ އަންނަ ރުޅީގައި. ކާވެނީގައި އަހަންނަށް މަކަރު ހަދައިފިއޭ ފުރަތަމަވެސް ބުނިން. އަންހެންކުއްޖާ ބަދަލުކުރި. އަހަރެން އިނދެގެން މި އުޅެނީ އަހަރެން އިންނާން ބޭނުންވި ރުޚްސާނާއަކާ ނޫން. މިއީ އެހެން ކުއްޖެއް."

ދައްތަ ބުންޏެވެ. "އަހަރެއްވީމާ އަނެއްކާ އެއްކަލަ ހާސަރު ދަމަން ފެށީތަ؟ އިހަށް އެއީ ހަމައެކަނި ކަލޭގެ އަނބިމީހާ. މިހާރު އެއީ ކަލޭގެ ދަރީގެ އަމާވެސްމެ. މިހާރު ތިޔަ ވާހަކަ ހުއްޓާލަން ވެއްޖެއެއްނު؟"

"ހުއްޓައިލާނީ ކިހިނެއް؟ އަހަރެން މި އައީ އަހަރެން ލޯބިވެގެން އިންނާން އުޅުނު ރުޚްސާނާ ދެކެފައި. ބޭބެއަށް ގަރާޖުން ފެނުނު ރުޚްސާނާ މިއަދު އަހަރެން ދުށިން. އަހަރެމެން ހީކޮށްގެން ތިބީ މިގޭގައި އެ އޮތީ ހަމަ އެ ރުޚްސާނާ ކަމަށް. އެކަމަކު ކަން އޮތީ އެހެންނެއް ނޫން. މި ބޮޑު މަކަރާއި ހީލަތުގެ ކުޅިގަނޑު ދައްތައަށް އެނގޭނީ ތަފުސީލުކޮށް ކިޔައިދިނީމާ. އެހެންނޫނީ ހީވާނީ އަހަރެން ކޮންމެވެސް ބަހަނާއެއް ދައްކަނީއޭ."

(ނުނިމޭ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.