ސުވަދުންމަތީ ދިރާސާގެ ހޯދުންތައް ހުށަހަޅަމުން މިދަނީ ޚިޔާލީ ދެ ޝަޚުޞިއްޔަތު ކަމަށްވާ މާފައާއި ކަނބުލޮގެ ވާހަކަ ބޭނުންކޮށްގެންނެވެ. މީގެއިތުރުން، މި ދިރާސާގެ ބައިވެރިންގެ ބައެއް ބުނުންތަކާއި އަދި ތާރީޚީ ޞަފުހާތަކުން މި ލިޔުމަށް ބާރުދޭ އިތުރު ތަފުސީލުތައް ދިރާސީ ނޯޓްގެ ގޮތުގައި ހިމަނާލާފައިވާނެކަން ކިއުންތެރިންގެ މަޢުލޫމާތަށް ޓަކައި ދަންނަވަމެވެ. ދިރާސާގެ ބައިވެރިންގެ އަސްލު ނަމުގެ ބަދަލުގައި ބޭނުންކޮށްފައިވާނީ ޚިޔާލީ ނަންތަކެކެވެ. ދިވެހިންނާއި އިނގިރޭސިންގެ ތެރެއިން މި ހާދިސާގައި އިސްކޮށް އުޅުއްވި ބޭބޭފުޅުންގެ އަސްލު ނަންފުޅުތައް ނުވަތަ ނަންނަން ހިމަނާފައިވާނަމަ، އެއީ އެކި ފަތްފުށްތަކުގައި ޝާއިޢުކުރެވި، އާންމުކުރެވިފައިވާ ނަންފުޅުތަކެވެ. ނުވަތަ ނަންނަމެވެ. އެއްވެސް ހާލެއްގައި މިއިން ނަންފުޅެއް ނުވަތަ ނަމެއް ބޭނުންކޮށްފައިވަނީ، ދިރާސާވެރިޔާގެ ހައިސިއްޔަތުން، ވަކި ކަމެއް ވަކި ބޭފުޅެއްގެ އިސްތަށިފުޅުގައި ނުވަތަ ބޮލުގައި އަޅުވާކަށެއް ވެސް ނުމެ ނޫންމެއެވެ. އޭގެ ބަދަލުގައި އަޅުގަނޑުގެ މަޤުޞަދަކީ، ވީހާ ވެސް ތަފުސީލުކޮށް މި ހާދިސާ ހުށަހަޅައިދިނުމެވެ. އެހެންކަމުން ދިރާސާގެ ބައިވެރިން، ވާހަކަތައް ކިޔައިދިނުމުގައި ބޭނުންކޮށްފައިވާ ބަސްކޮށާރާއި ބަސްމަގު، އަސްލާ އެއްގޮތަށް ގެނެސް ދިނުމަށް ވަރަށް ބޮޑަށް އިސްކަންދީފައިވާނެ ވާހަކަ ވެސް މަޢުލޫމާތަށް ޓަކައި ދަންނަވަމެވެ. މިއީ އެތައް ބަޔެއްގެ އިހުސާސާ ގުޅިފައިވާ ޙަޤީޤީ ހާދިސާތަކެއް ގެނެސްދެވޭ ކޮލަމަކަށް ވާތީ މި ހާދިސާތަކުން އަސަރުކޮށްފައިވާ، ނަފުސާނީ ދުޅަހެޔޮކަން ނެތް މީހުން މި ލިޔުން ވިދާޅުވުމުގައި އެހެން ފަރާތެއްގެ އެހީތެރިކަން ހޯދުން ރަނގަޅުވާނެ ވާހަކަ ހަނދުމަފުޅުކޮށް އަރުވަމެވެ.
މިއަދުގެ ކޮލަމުގައި ބަލައިލަން ގަސްތުކުރަނީ، ސުވާދީބު ސަރުކާރުގައި ހުވަދު އަތޮޅާއި ފުވައްމުލަކުގެ ބައިވެރިވުން އޮތް މިންވަރުގެ މައްޗަށެވެ. މި ކޮލަމުގެ އިސްވެ ލިޔެވިފައިވާ ޞަފުޙާތަކުން އެނގިވަޑައިގަންނަވާނެ ފަދައިން ސުވާދީބު ދައުލަތް އުފެއްދީ އިނގިރޭސިންގެ އެހީތެރިކަމާ އެކު އައްޑު އަތޮޅުގައެވެ. ފުރަތަމަ ބައިވެރިވީ އައްޑޫގެ ރައްޔިތުންނެވެ. ވެރިކަން ހިނގަމުން ދިޔައީ ހިތަދޫގައެވެ. ރައީސަކީ އަލްފާޟިލް އަބްދުﷲ ޢަފީފު ދީދީއެވެ. ފުވައްމުލަކާއި ހުވަދޫ އަތޮޅު ބައިވެރިވީ، އޮޑިވެރިންގެ ސައްލާތަކެއް ސިލޯނުގައި ބާއްވައި، އެ އޮޑި ފަހަރު މާލެ ނުގޮސް ސީދާ އަތޮޅަށް އައިސް، ހިނގި ހަމަނުޖެހުންތަކަކަށް ފަހުގައެވެ. މިގޮތުން، ހުވަދު އަތޮޅު ހަވަރުތިނަދޫގައި ހުރި ވާރުގެއާއި ފުވައްމުލަކުގައި ހުރި ވާރުގެއަށް ވެސް ރައްޔިތުން ނުކުމެ ގެއްލުންތަކެއް ދިނުމަށް ފަހު، އައްޑޫއަށް ވަފުދު ފޮނުވައިގެން ސުވާދީބު ދައުލަތުގައި ރަސްމީކޮށް ބައިވެރިވީއެވެ. ނަމަވެސް އެ ބައިވެރިވުން އޮތީ ކިހިނެއް ކިހާ މިންވަރަކަށްތޯއެވެ؟ ސުވާދީބު ދައުލަތުގެ އޮނިގަނޑު އޮތީ ކިހިނެއްތޯއެވެ؟ އައްޑު އަތޮޅުގެ އިތުރުން ފުވައްމުލަކާއި ހުވަދު އަތޮޅުގެ ހިއްސާއާއި ބައިވެރިވުން ސުވާދީބު ދައުލަތުގައި އޮތްތޯއެވެ؟ އައްޑު އަތޮޅުގެ ރައްޔިތުންނަށް ލިބެމުން ދިޔަ އެހީތެރިކަމާއި މަދަދު ހުވަދު އަތޮޅުގެ ރައްޔިތުންނަށާއި ފުވައްމުލަކުގެ ރައްޔިތުންނަށް ލިބެމުން ދިޔަތޯއެވެ؟
މި ދެންނެވި ސުވާލުތަކުގެ ޖަވާބު ހޯދުމަށް ޓަކައި ދޮންކަނބުލޮ ކުރާ ސުވާލުތަކަށް މާފަ ދޭ ޖަވާބުގެ ސަބަބުން މި ހާދިސާ އިތުރަށް ދޭހަވެ، ކަން ހިނގި ގޮތް އޮޅުންފިލަމުން ދާނެއެވެ. މާފައާއި ކަނބުލޮ ވާހަކަ ފަށާނީ ކިހާ ހިސާބަކުންތޯ ބަލައި ވާހަކަ އަޑުއަހަމާތޯއެވެ؟
ދޮންކަނބުލޮ: މާފާ މިހާރު ދެން، ފުވައްމުލަކުން ވެސް ސުވާދީބުގައި ބައިވެރިވާން އައްޑުއަށް ވަފުދު ފޮނުވިދޯ؟ ދެން ކިހިނެއްތަވީ އެ ވަފުދު ގޮސްގެން...
މާފަ: އާނ! މާފަ ކިޔައިދިނީމެއްނުން... އައްޑުއަށް ވަފުދު ދިޔަ ވާހަކަ... އެނގޭތަ ހުވަދު އަތޮޅުން ދިޔަ ވަފުދުގެ މީހުންނަށާއި ފުވައްމުލަކުން ދިޔަ ވަފުދުގެ މީހުންނަށް ވެސް ދެވުނީ އެއް ދުވަހެއްގައި ކަމަށް ތާރީޚީ ލިޔުންތެރިން ލިޔުއްވާފައިވޭ...
ދިރާސީ ނޯޓު: އަލީ ފަހުމީ އަހުމަދު (2012) ވިދާޅުވާ ގޮތުގައި ހުވަދު އަތޮޅަށާއި ފުވައްމުލަކަށް ދިޔަ ސުވާދީބު ދައުލަތުގެ ވަފުދުތައް އެނބުރި އައީ އެ އަތޮޅުތަކުން ނުހަނު އިތުބާރާއެކު ސުވާދީބު ސަރުކާރުގައި ބައިވެރިވުމުން އެކަމުގެ ކާމިޔާބީއާއި އުފަލާއެކުގައެވެ. އޭނާ އިތުރަށް ބަޔާންކުރައްވަނީ "ދިވެހި ސަރުކާރާ ދެކޮޅުވެރިވެ ސުވާދީބު ސަރުކާރު ގަބޫލުކޮށްގެން ހުވަދޫންނާއި ފުވައްމުލަކުން އައްޑު އަތޮޅަށް ވަފުދުތައް އައީ 1378 ވަނަ އަހަރު ޝަޢުބާން މަހު 1 ގައެވެ. ފުވައްމުލަކުގެ ވަފުދުގެ އިސްވެރިޔަކަށް ހުންނެވީ ... ކެންނާރި އިބްރާހީމް ދީދީއެވެ. އޭނާއަކީ ދިވެހި ސަރުކާރުން ފުވައްމުލަކުގެ ކަންތައްތައް ހިންގެވުމަށް އިސްކުރައްވާފައިވާ ވަކީލެވެ. މި ވަފުދުގައި ހިމެނޭ ބޭފުޅުންގެ ތެރޭގައި އިސްކޮށް ތިއްބެވީ ...ނާއިބު އަހުމަދު ދީދީއާއި ...މުދިންތުއްތު ދީދީއެވެ. ހުވަދު އަތޮޅުގެ ވަފުދުގެ އިސްވެރިޔަކަށް ހުންނެވީ ހަވަރުތިނަދޫ ...އެޅަދީދީ ކަތީބެއެވެ. އިސްކޮށް ތިއްބެވި ބޭފުޅުންނަކީ، ހަވަރުތިނަދޫ ...ހުސައިން ޢަފީފާއި ...މޫސާ ފަތުޙީއާއި ވާދޫ ގައްދަނޑުގޭ ...ޢަބްދުއް ލަޠީފާއި، ގައްދޫ ވާކަރުގޭ ...އިބްރާހީމް ސަލީމާއި ގައްދޫ ...ޢަބްދުލް މަޖީދާއި މި ބޭފުޅުންނެވެ. މިއިން ކޮންމެ ވަފުދެއްގައި ވެސް އަށެއްކަ ބޭފުޅުން ތިއްބެވިއެވެ" (ޞ.112-113އަށް). ޢަބްދުﷲ ޞާދިޤު (2016) ވިދާޅުވާ ގޮތުގައި ހުވަދު އަތޮޅުގެ ވަފުދުގައި، އަލީ ފަހުމީ އަހުމަދު ވިދާޅުވެފައިވާ 6 ބޭފުޅުންގެ އިތުރުން، ވާދޫ ގެދަރު އަލިމަނިކު، ޔޫސުފު ޞިދުޤީ، ދާންދޫ ތުއްތުކަތީބު އަދި ކޮލަމާފުށި އިސްމާޢީލް ކަތީބު މި ހަތަރުބޭފުޅުން ވެސް ހިމެނިވަޑައިގަންނަވައެވެ. ވީމާ، ޖުމުލަ 10 ބޭފުޅުންގެ ވަފުދެއް ހުވަދު އަތޮޅުން އައްޑުއަށް ވަޑައިގެންނެވި ކަމުގައި ދެންނެވިދާނެއެވެ. މި ލިސްޓުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަށް ބަލާއިރު، ޔޫސުފު ޞިދުޤީއަކީ ކޮން ރަށެއްގެ ބޭފުޅެއްކަން ލިޔުއްވާފައެއް ނުވެއެވެ. މިއީ ދިރާސާވެރިޔާއަށް ވެސް އެނގޭ ބޭފުޅަކަށް ވާތީ ދަންނަވަމެވެ. މިއީ ހަވަރުތިނަދޫ ބޭފުޅެކެވެ. ވީމާ، ހުވަދު އަތޮޅުގެ ވަފުދުގައި ހިމެނިވަޑައިގެންނެވީ ހަވަރުތިނަދޫ 4 ބޭފުޅުންނާއި ވާދޫ 2 ބޭފުޅުންނާއި ގައްދޫ 2 ބޭފުޅުންނާއި ދާންދޫ ބޭފުޅަކާއި ކޮލަމާފުށީ ބޭފުޅެކެވެ. ނަމަވެސް ދިރާސާގެ ބައިވެރިންގެ ތެރެއިން ގައްދޫއިން ބައިވެރިވި ގިނަ މީހުން ބުނެފައިވާ ގޮތުގައި އެ ރަށަކީ އަބަދު ވެސް ދިވެހި ދައުލަތާ އެއްކޮޅަށް ތިބި ބައެކެވެ. ވީމާ، ފުރަތަމަ ފެށުނު އިރު ސުވާދީބުގައި ބައިވެރި ވީ ނަމަވެސް ފަހުން ބަދަލުވީ ކަމުގައި ވުން ވެސް އެކަށީގެންވެއެވެ.
ދޮންކަނބުލޮ: އެހެންތަ؟ މާފާ... އެއް ދުވަހަކު ދެ އަތޮޅުން އެ އާދެވުނީ... އެއީ ހަމަ އިއްތިފާގެއްތަ؟
މާފަ: (ހީނލަމުން...) ކަނބުލޮ ކުރާ ސުވާލު ދޯ؟... އިއްތިފާގެއް ކަމެއް ފާލެއް ކަމެއް މާފައަކަށް ނޭނގެ... އެކަމަކު މާފައަށް އެނގޭ... އޭރު ކަންކަން ކުރަނީ ހެޔޮ އިރުވަރު ބަލައިގެން...
ދޮންކަނބުލޮ: (ސުވާލުގެ ނަޒަރުން ބަލައިލަމުން) ކީކޭ މާފާ ހެޔޮ އިރުވަރޭ...
މާފަ: އިރުވަރު ބެލުމަކީ ކަމެއް ކުރާން ނަކަތްތެރިކަމާ ގުޅުވައިގެން ވަގުތު ބެލުން... އެހެންވީމާ، ވެދާނެ ދެ އަތޮޅުގެ ވަފުދު އެއް ވަގުތެއްގައި އައުން އެއީ އިރުވަރު ބަލައިގެން ކުރި ކަމަކަށް ވެސް... މިއީ ތާރީޚީ ލިޔުމަކުން ފެނިގެން މާފަ ބުނާ އެއްޗެއް ނޫން... އެކަމަކު އޭރު ކޮށްފައި ހުރި ހުރިހާ ކަމެއް ވެސް ކޮށްފައި ހުރީ އިރުވަރު ބަލައިގެން ކަން މާފަ ނޫނަސް އޭރު ހޭޖެހޭ ފުރައިގެ އެންމެން ވެސް ދަންނާނެ.
ދޮންކަނބުލޮ: މިހާރު އެނގިއްޖެ. އެއީ އިއްތިފާގަކަށް ވެސް ވެދާނެ... ފަހަރުގައި އިއްތިފާގަކަށް ނުވެދާނެ ވެސް މެ... ދޯ މާފާ.. ދެން މާފަ ބުނެދީބަލަ... އެ ވަފުދުތައް އައްޑުއަށް ގޮސް ކީއްކުރީ؟
މާފަ: ދެ ވަފުދާ ވެސް ސުވާދީބު ސަރުކާރުގެ ވެރިން ބައްދަލުކުރައްވާނެނުން.
ދޮންކަނބުލޮ: ދެން އެ ބައްދަލުވުންތަކުގައި ނިންމީ ކޮން ކަންތައްތަކެއްތަ މާފާ؟
މާފަ: މި ބައްދަލުވުންތަކުގައި ސުވާދީބު ސަރުކާރު ހިންގަންވީ ގޮތުގެ މަޝްވަރާކުރެވުނު.
ދިރާސީ ނޯޓު: ފުވައްމުލަކު މުހައްމާބެ (އަސްލު ނަމެއް ނޫން) ބުނެފައިވަނީ، އައްޑު އަތޮޅަށް ވަފުދެއް ގޮސް ސަރުކާރު ހިންގަންވީ ގޮތް އޮޅުންފިލުވައިގެން އައިސް އެގޮތަށް ސުވާދީބު ސަރުކާރުގެ ކަންކަން ފުވައްމުލަކުގައި ކުރިއަށް ދިޔަކަމަށެވެ.
މާފަ: ދެން އެއްކަލަ މޭޖަރ ފިލިޕް ވެސް ބައްދަލުކުރެއްވިކަމަށްވޭ... އަދި އައްޑު އަތޮޅުގެ ވަފުދާ ވެސް މޭޖަރ ފިލިޕް ބައްދަލުކުރެއްވި
ދޮންކަނބުލޮ: (ބޯޖަހާލަމުން) ހޫމްމް... މޭޖަރ ފިލިޕް... އެއީ... އިނގިރޭސިންގެ ފަރާތުން އައްޑޫ މައްސަލަ ހައްލުކުރައްވަން ވަޑައިގެން ހުންނެވި އެންމެ އިސް ބޭފުޅާދޯ މާފާ...
މާފަ: އާނ! މާޝާ ﷲ... ކަނބުލޮ ހާދަ ހަނދާން ވެސް ގަދައޭ.. ދެން ބުނަން މި ވަފުދުތަކުގެ މީހުން ލައްވާ އިނގިރޭސި ވިލާތަށް ފޮނުވަން ލިޔުމެއްގައި ސޮއިކުރުވި...
ދިރާސީ ނޯޓު: ފުވައްމުލަކުންނާއި ހުވަދު އަތޮޅުން ވަޑައިގެންނެވި ވަފުދުތަކާ ސުވާދީބުގެ ވެރިން މަޝްވަރާކުރައްވައި ކަންކަން ކުރާންވީ ގޮތް ނިންމަވައި ހެއްދެވިކަމަށާއި އެއަށް ފަހު އިނގިރޭސި ސަރުކާރަށް ފޮނުއްވާނޭ ލިޔުން ނުވަތަ ސިޓީގައި ވަފުދުތަކުގެ މެންބަރުން ސޮއިކުރެއްވިކަމަށް އަލީ ފަހުމީ އަހުމަދު (2012) ވިދާޅުވެއެވެ. އޭނާ އިތުރަށް ވިދާޅުވަނީ "އެއަށްފަހު ހަދިޔާ ބަދިޔާ ބަދަލުކޮށް "އަހުދު" ކަށަވަރުކޮށްފައި ވަފުދުތައް އައްޑޫން ފުރާވަޑައިގަތުމުގެ ކުރިން މި ވަފުދުތަކާ މޭޖަރ ފިލިޕް ވެސް ބައްދަލުކުރައްވައި ހިތްވަރުދެއްވިއެވެ" (ޞ.113)
ދޮންކަނބުލޮ: މާފާ ބުނަންތަ؟ މާފަ ކުރީ ދުވަހެއްގައި ބުނީމެއްނުން ވަޒީރުންގެ މަޖިލީހަކާއި ރައްޔިތުންގެ މަޖިލީހެއް ވެސް އޮތް ވާހަކަ... ފުވައްމުލަކާއި ހުވަދު އަތޮޅު ބޭފުޅުން ހިމެނޭތަ މި މަޖިލިސްތަކުގައި
މާފަ: އާނ! މަޖިލިސްތައް އޮތް... އެކަމަކު ވަޒީރުންގެ މަޖިލީހުގައި ވެސް ރައްޔިތުންގެ މަޖިލީހުގައި ވެސް ފުވައްމުލަކާއި ހުވަދު އަތޮޅުގެ އެއްވެސް ބޭފުޅަކު ހިމެނިވަޑައިގެންނެވި ކަމެއް މާފައަކަށް އެނގިފައެއް ނެތް. ތާރީޚީ ފޮތެއްގައި ވެސް ނެތް...
ދޮންކަނބުލޮ: ދެން ކިހިނެއް ސުވާދީބު ދައުލަތުގައި ފުވައްމުލަކު މީހުންނާއި ހުވަދޫ މީހުން ބައިވެރިވިއޭ އެ ބުނަނީ؟
މާފަ: (ބޯޖަހާލަމުން) ތިޔައީ ވަރަށް ރަނގަޅު ސުވާލެއް... އެ ދެ އަތޮޅުގެ ރަށްރަށުގައި ހުރި ދިވެހި ދައުލަތުގެ ދިދަތައް ބާލާފައި ސުވާދީބު ދިދަ ނެގީ... އެހެންވީމާ، ސުވާދީބު ދައުލަތުގެ ބައެއް ކަމުގައި ބަލަނީ...
ދޮންކަނބުލޮ: އެހެންތަ؟ އެހެންވިއްޔާ ސުވާދީބު ދައުލަތުން ކޮން ކަމެއްތަ ކޮށްދިނީ؟
މާފަ: ތިޔައީ މާފަ އެންމެ ހައިރާންވާ ކަމަކީ؟ އެނގޭތަ؟ ކަނބުލޯ އިނގިރޭސިންގެ ހިމާޔަތް ލިބުނީ ވެސް ހަމައެކަނި އައްޑޫ ރައްޔިތުންނަށް... އަދި ވިޔަފާރި ކުންފުންޏާއި ބޭންކް ވެސް... މި ވާހަކަތައް އެހެން ދުވަހެއްގައި ކިޔައިދޭނަން އިނގޭ... އައްޑުއަށް ވަރަށް ގިނަ ކަންކަން އިނގިރޭސިން ކޮށްދިން...
ދިރާސީ ނޯޓު: "ހުވަދު އަތޮޅުގެ ބޭފުޅުންނާ ސުވާދީބުގެ ވެރިން ހަމަ އެދުވަހު ބައްދަލުކުރައްވައި މަޝްވަރާކުރެއްވިއެވެ. މޭޖަރ ފިލިޕްގެ ފަރާތުން ހުވަދު އަތޮޅު ހިމާޔަތް ކޮށްދެއްވާނެ ކަމުގެ ގެރަންޓީއެއް ނުލިބުމުން ހުވަދު އަތޮޅުގެ ވަފުދު ވަރަށް ބޮޑަށް މާޔޫސްވިއެވެ. ނަމަވެސް ޢަފީފު މޭޖަރ ފިލިޕްއާ މަޝްވަރާކުރެއްވުމަށް ފަހު، ހުރިހާ އެހީތެރިކަމެއް އިނގިރޭސިން ދެއްވާނެކަމަށް ލިޔެފައިވާ ލިޔުންތަކެއް މަތިންދާ ބޯޓަކުން ގެންގޮސް ހަވަރުތިނަދޫއަށް އެޅިއެވެ. އެއަށް ފަހު ދެފަރާތް އެކުވެރިވެ، ކަންތައްތައް ހަމަޖެހިގެން ދިޔައެވެ" (ޢަބްދުﷲ ޞާދިޤު، 2016، ޞ.70). ދިރާސާގެ ބައިވެރިއެއް ކަމަށްވާ، ހުވަދު އަތޮޅު ވިލިގިލި ހައްވަދައިތަ، (އަސްލު ނަމެއް ނޫން) އޭނާގެ ފިރިމީހާގެ ވާހަކަދައްކަމުން ބުނެފައިވަނީ "އޭނަ އެއްވެސް ކޮޅަކަށް ނުހުރޭ އެކަމަކު މަތިންދާ ބޯޓަކުން ވެއްޓި ސިޓީއެއް ބިންމަތީގައި އޮއްވާ އޭނަ ނެގީއޭ ކިޔާފަ އޭނަ ޖަލަށްލީ" މިފަދައިންނެވެ. އެހެންވީމާ، މިއިން އެނގެނީ، އައްޑޫ އަތޮޅުގައި އޮތް ސުވާދީބު ދައުލަތުން ބޭނުންވާ ކަންކަމުގައި މަތިންދާބޯޓު ބޭނުންކޮށްގެން ރަށްރަށަށް ސިޓީ ފޮނުވިކަމެވެ. ވީމާ، ސުވާދީބު ދައުލަތް ހިންގުމުގައި ހުވަދު އަތޮޅާއި ފުވައްމުލަކާ މުއާމަލާތު ކޮށްފައިވާ އެއްގޮތަކީ މީއި ކަމުގައި ދެންނެވިދާނެއެވެ.
ހުވަދު އަތޮޅަށް ހިމާޔަތް ނުދެވޭނެ ކަމަށް މޭޖަރ ފިލިޕް ވިދާޅުވި ނަމަވެސް އައްޑުއަތޮޅުގެ ވަފުދަށް މޭޖަރ ފިލިޕް ދެއްވި ޖަވާބު ކަމަށް ޢަބްދުﷲ ޞާދިޤު (2016) ވިދާޅުވަނީ "ގައިމުގައި މިތިބަ އިނގިރޭސިންނަށް ލިބޭ ހުރިހާ ޚިދުމަތެއް އިނގިރޭސި ސަރުކާރުން އައްޑު އަތޮޅުގެ ރައްޔިތުންނަށް ފޯރުކޮށް ދޭނެ ކަމަށާއި، އަދި ދިވެހި ސަރުކާރަށް ވެސް އައްޑު އަތޮޅުގެ ރައްޔިތުންނާ ދެކޮޅަށް އައްޑު އަތޮޅުގެ ސަރަހައްދަށް ނުވަދެވޭނެ ކަމަށެވެ" (ޞ.72) މިފަދައިންނެވެ. ވީމާ، އިނގިރޭސިންނަށް ހިމާޔަތް ދެވޭނީ އައްޑު އަތޮޅަށް އެކަނި ކަން ސީދާ ކަނޑައެޅިގެން މޭޖަރ ފިލިޕް ބަޔާންކުރެއްވިކަން އެނގެއެވެ. ވީމާ، ޢަފީފުދީދީ ފޮނުއްވި ސިޓީއަކީ ޞައްޙަ ސިޓީއެއް ކަމެއް ޔަޤީންނުވާކަމަށް ދިރާސާގެ ބައިވެރިއަކު ކަމުގައިވާ އައްޑޫ އެޅެބެއްޔާ (އަސްލު ނަމެއް ނޫން) ވެސް ސުވާލު އުފައްދާފައިވެއެވެ.
ދޮންކަނބުލޮ: ދެން ކިހިނެއް ވީ؟ ހިމާޔަތް ނުލިބުނީމާ...
މާފަ: ދެން އެކަމާ ކިހާ ދެރައެއް ވާނެ... ސުވާދީބު ދައުލަތާ މެދު ހިތްހަމައެއް ވެސް ނުޖެހޭނެނުން... ކޮންމެ ގޮތެއް ވިޔަސް ޢަފީފުދީދި ބޭނުންފުޅުވީ ހުވަދު އަތޮޅު ބައިވެރިކުރަން.. އެހެންވެ ހެން ހީވަނީ މަތިންދާ ބޯޓަކުން ސިޓީ ގެންގޮސް އެޅީ... އޭގައި ލިޔެފައި އޮތީ އިނގިރޭސިންގެ އެހީތެރިކަމާ މަދަދު ފުރިހަމައަށް ލިބޭނެކަމަށް...
ދޮންކަނބުލޮ: ދެން އެހީތެރިކަމެއް ލިބުނުތަ؟ ކޮން ފައިދާއެއްތަވީ؟
މާފަ: މާކަ ބޮޑު އެހީތެރިކަމެއް ނޫން... (އިސްދަށަށްޖަހައިގެން އިނުމަށް ފަހު)... ކަނބުލޯ! އޭރު ކޮޅުނބުން ތަކެތި ގެނެވޭނެ ގޮތެއް ނެތެއްނުން... ވިޔަފާރި މުޅިންހެން އޮތީ ހުއްޓިފަ... އެހެންވީމާ، ކޮޅުނބަށް އެކްސްޕޯޓްކުރި މުދާތައް ދެން ގެންދިޔައީ އައްޑުއަށް. އައްޑު އަތޮޅުގައި އޭރު ހުރި އޭޓީސީ ކިޔާ ކުންފުންޏެއް... އެ ކުންފުނިން މަހާއި ކުފުރާއާ އެއްޗެހި ގަންނަނީ... ދެން އެ ތަނުން މުދާ ގަނެގެން ހުވަދު އަތޮޅުގެ ރަށްރަށަށާއި ފުވައްމުލަކަށް ވެސް ގެންދަނީ...
ދޮންކަނބުލޮ: އެހެންވީމާ، އޭގެ ސަބަބުން އައްޑުއަށްތާ ބޮޑަށް ފައިދާ ވާނީ...
ދިރާސީ ނޯޓު: އަލީ ފަހުމީ އަހުމަދު (2012) ވިދާޅުވާ ގޮތުގައި އައްޑޫ ޓްރޭޑިން ކޮންޕެނީ (އޭޓީސީ) އިން މަހާއި ކުފުރާއާއި ރޯނު ފަދަ ތަކެތި ގަނެ އެކްސްޕޯޓް ކުރަމުން ދިޔައެވެ. އާންމު މުދަލާއި ތަކެތީގެ އަގު ކޮންޓްރޯލްކުރައްވައި ޓެކްސް ތަޢާރަފުކުރެއްވިއެވެ. މި ބީދައިން ވާހަކަދައްކަމުން، އައްޑޫ ތަކުރުފާނުބެ (އަސްލު ނަމެއް ނޫން) ބުނެފައިވަނީ "ހުވަދު އަތޮޅުން އޮޑިފަހަރު އަންނާނެ ކާޑާ އެއްޗެހި ގަންނަން. ލަންކާއިން ބޮޑު ބޯޓު އަންނާނެ ކާޑާއި ފޭރާމާ އެއްޗެހި ހިފައިގެން މިކޮޅަށް. އަދި ދުފާ ފޯއް ވެސް ގެންނާނެ" މިއިން އެނގެނީ، ހުވަދު އަތޮޅުގެ މީހުންނާއި ފުވައްމުލަކު މީހުންގެ ކޮޅުނބު ދަތުރުތައް ހުއްޓި، އައްޑު އަތޮޅުން ވިޔަފާރިކުރަމުން ދިޔަ ކަމެވެ.
ދޮންކަނބުލޮ: މާފާ... ބުނަންތަ؟ (ވިސްނަން އިނދެފައި) އެހެންވީމާ، ސުވާދީބު ދައުލަތުގައި ފުވައްމުލަކާއި ހުވަދު އަތޮޅު ބައިވެރިވީ ނަމަކަށްތާދޯ؟
މާފަ: ނޫނޭ... ކަނބުލޯ! ހަމަ ވަރަށް ރަނގަޅަށް ވެސް ބައިވެރިވި... ކަނބުލޯ... ހުރިހާ ރަށެއް ވެސް ބައިވެރިވި... ހުވަދޫ އަތޮޅުގައި ބޮޑު ނިންމުންތަކެއް ވެސް ނިންމި... ހަވަރުތިނަދޫގައި މި ބައްދަލުވުން އޮތީ... އަތޮޅު ކޮމިޓީއެއް އޮންނާނެ... އެ އަތޮޅު ކޮމެޓީގެ ބައްދަލުވުން ބާއްވާފައި ކަންކަން ނިންމަނީ...
ދޮންކަނބުލޮ: އެއީ ކޮން ނިންމުމެއް؟
މާފަ: އެއީ އެ އަތޮޅުގައި ކަންކަން ކުރަން އެންމެން އެއްބަސްވާ ކަންކަން ނިންމަނީ... ދެން އެ ގޮތަށް ޢަމަލުކުރަނީ... ސުވާދީބު ސަރުކާރާ ދެކޮޅުވާ މީހުންނަށާއި އެފަދަ މީހުންގެ މުދަލަށް ވެސް ގެއްލުން ދޭން ނިންމި.. މާފަ މިހާރު ވެސް ހަނދާން އެބަހުރި ޝިހާބާއި ހަސަން ހަލީމު އައްޑުއަށް ފޮނުވަން އުޅުނީމާ، އެ ދޯނީގައި ތިބި މީހުން ބާލާފައި މާލެ ދިޔައީ... ދެން މި ރަށު މީހުން ކަންތައް ކުރި ގޮތް... އެމީހުންގެ ގެ ވެސް ތަޅާފައި މުދާތައް ވެސް ނެގީ...
ދިރާސީ ނޯޓު: މުދިމު ހުސައިން ތަކުރުފާނުގެ ދަރިކަލުން އިބްރާހީމް ޝިހާބު ބަޣާވަތާ ދެކޮޅުހައްދަވައި، ފިއްލަވައިގެން މާލެ ވަޑައިގަތުމާ ގުޅިގެން ބަޣާވާތުގެ ބައިވެރިން ނުކުމެ، ޝިހާބުގެ ގެ ތަޅައި ލޫޓުވާލިކަމަށް މުޙައްމަދު ޒުހައިރު (2016) ބަޔާންކުރައްވާފައިވެއެވެ.
"1959 ވަނަ އަހަރު މާރިޗު މަހުގެ 5 ވަނަ ދުވަހުގެ ރޭ 8:30 ގައި ހަވަރުތިނަދޫގައި ބޭއްވި ޖަލްސާއަކުން ޚާއްޞަ ކަންތައްތަކެއް ފާސްކޮށްފައި ވެއެވެ. ހ. އެއްވެސް ބަޔަކު މާލޭގެ ސަރުކާރާ އެއްކޮޅަށް ތިބެގެން އަތޮޅުން ފުރައިގެން ހިނގައްޖެ ނަމަ، އެ ބަޔެއްގެ ގެދޮރާއި މުދާތައް ނެތިކޮށްލުން. ށ. ރައްޔިތުން އެއްކުރުމަށް ޓަކައި ގޮވާ "ނާރޭތަކުބީރު" (ނަޣަރާ ތަކުރީބުރު) ގޮވުމުން ފަސް މިނިޓެއްހާ އިރު ތެރޭ "މާވައްދިހެރޭ" (ހަވަރުތިނަދޫގެ ފާލަން ހުރި ސަރަހައްދު) އަށް އަންހެނުންނާއި ފިރިހެނުން ނުކުތުމާއި، ނުކުންނައިރު ކޮންމެ މީހެއްގެ އަތުގައި ވެސް ކަނޑައެޅިފައިވާ ފަދަ ޙަމަލާއެއް ދެވިދާނޭ އެއްޗެއް އޮތުން. ނ. ދިވެހި ސަރުކާރާ އެއްކޮޅަށް މީހަކު ހުރިކަން އެނގިއްޖެ ނަމަ، އެކަމަށް ފިޔަވަޅުއެޅުން." (ޢަބްދުﷲ ޙިލްމީ. (2016)، ފެރެގްރާފް 3).
ދޮންކަނބުލޮ: (ވަރަށް ދެރަވެ ފެންކަޅިވެފައި އިނދެ) މާފާ މި ރަށު މީހުން ވެސް ހާދަހާ ގޯހޭދޯ؟
މާފަ: (ދެރަވެފައި ކަނބުލޮގެ ބޮލުގައި ފިރުމާލަމުން) ކަނބުލޯ... މިއީ ސިޔާސީ ހަމަނުޖެހުގެ ސަބަބުން އާންމުންނަށް ލިބޭ ގެއްލުން... ދެން އެންމެ ދެރައީ ޝިހާބާއި ހަސަން ހަލީމް މާލެ ދިޔުމުން، މާލޭ ސަރުކާރުން ވެސް އެ މީހުން ބަލައެއް ނުގަތް.. އެ ދެ މީހުން ވެސް ލީ ޖަލަށް... ނިޔާވީ ވެސް ޖަލުގައި
ދޮންކަނބުލޮ: (ރޮމުން... ރޮމުން... ގިސްލަމުން) މާފާ... ކީއްވެތަ އެހެންވާންވީ؟ އެ މީހުން އައީ ދިވެހި ސަރުކާރަށް ތާއީދުކުރަން... ދެން އިންސާފެއް ވެސް ނޫން...
މާފަ: (ކަނބުލޮއަށް ވިސްނައިދެމުން ބޮލުގައި ފިރުމަމުން) ބަލަ... މިއީ އަދި ކުޑަކުޑަ ވާހަކައެއް އަދި ކޮބާ... އެތައް ބަޔަކަށް ޖަލުގައި އަނިޔާލިބި މަރުވިއޭ... އެވާހަކަތައް ކިހިނެއް ކިޔައިދޭނީ؟... ގައްދޫ މީހުންނަށް ލިބުނު ގެއްލުން... ގެމަނަފުށީގައި ހިނގި ކަންކަން... މި ރަށު މީހުން ރަށުން ބޭލި ގޮތް... މި ހުރިހާ ވާހަކައެއް ކިޔައިދެވޭނީ ކަނބުލޮގެ ހިތްވަރު ހުރިއްޔާ... މި ވާހަކަ އަޑުއެހޭނީ ހިތްވަރުގަދު ކުދިންނަށް... ދެން ނުރޮއި ހުއްޓާލާ... މާފަ މިއަދަށް ދެން ވާހަކަ ނިންމާލާނީ އިނގޭ...
ދޮންކަނބުލޮ: (ލޯ ފޮހެލަމުން) އާނ! މާފާ އަންނަ ހަފުތާގައި ވެސް ވާހަކަ ކިޔައިދެއްޗޭ... ވަރަށް އަޑުއަހާ ހިތްވޭ..
މިއަދުގެ ކޮލަމުގައި މި ހުށަހަޅައިދެވުނު ވާހަކަތަކަށް ބަލާއިރު، އައްޑޫގައި އޮތް ސުވާދީބު ސަރުކާރު ހިންގުމުގައި ހުވަދު އަތޮޅާއި ފުވައްމުލަކުގެ ހިއްސާއެއް އޮތްކަމަކަށް ނުފެނެއެވެ. ނަމަވެސް ފުވައްމުލާކާއި ހުވަދު އަތޮޅުގައި ކަންކަން ކުރެވެމުން ދިޔައީ ސުވާދީބު ދައުލަތުގެ ވެރިންގެ މަޝްވަރާގެ މަތިން ކަން ވެސް ފާހަގަވިއެވެ. މިގޮތުން އަތޮޅު ކޮމިޓީ އުފައްދައި އަތޮޅު ކޮމިޓީން ކަންކަން ނިންމައި އެއާ އެއްގޮތަށް ކަންކަން ތަންފީޒުކުރަމުން ދިޔަކަން ވެސް ފާހަގަކުރެވުނެވެ. ހަމައެހެންމެ، ފާހަގަކުރެވުނު އެއް ކަމަކީ، ދިވެހި ސަރުކާރުން ވެސް އަދި ސުވާދީބު ސަރުކާރުން ވެސް އެއްވެސް އިންސާފެއް ނެތި މީހުންނަށް އަނިޔާދެމުން ދިޔަކަމެވެ. މީގެއިތުރުން، އިނގިރޭސިންގެ ހިމާޔަތް ދެއްވާނެކަމަށް މެޖަރ ފިލިޕ. ސީދާ ވިދާޅުވެފައިވަނީ ހަމައެކަނި އައްޑު އަތޮޅަށްކަން ވެސް ފާހަގަކުރެވުނެވެ. ކަންމިހެން އޮތްއިރު، ޢަފީފުދީދީ ފޮނުއްވި ސިޓީގައި އިނގިރޭސިން ހިމާޔަތް ދޭނެކަމަށް ލިޔެފައި ވިޔަސް އެކަން އެއްވެސް ވަރަކަށް ނުހިނގާކަން މި ދިރާސާގައި ކުރިއަށް ހުރި ބައިތަކުން ފާހަގަކުރެވޭނެއެވެ. ވީމާ، ދެން ކަންކަން ވަމުން ދިޔަ ގޮތް ވެސް މި ހާދިސާ ދުށް އަދި ތަޖުރިބާކުރި މީހުންގެ އިހުސާސާއި އެ އަސަރާ އެކު ގެނެސް ދިނުމަށް މަސައްކަތްކުރާނަމެވެ. އަންނަ ހަފުތާގެ ކޮލަމުގައި ވެސް ސުވަދުންމަތީގެ މުޅިން އާ ސަފުހާއެއް ގެނެސްދިނުމުގެ އުންމީދުގައި މިއަދުގެ ކޮލަމު ނިންމާލީއެވެ. އަންނަ ހަފުތާއަށް އިންތިޒާރުކޮށްލައްވާށެވެ.
ހަވާލާ ދެވިފައިވާ ލިޔުންތައް
އަލީ ފަހުމީ އަހުމަދު. (2012). "ދިވެހިންނާއި އިނގިރޭސިންގެ ކޯޅުން" ސުވާދީބު. މާލެ: ކޮރޯނާ ޕްރެސް
ޢަބްދުﷲ ޙިލްމީ. (2016). ހުވަދުއަތޮޅު ބަޔެއްގެ ޙައްދުފަހަނަޅައިފައިވާ އަނިޔާވެރިކަން. ނެގީ: https://www.galehiri.com/2016/03/blog-post_29.html އިން
ޢަބްދުﷲ ޞާދިޤު. (2016). ސުވާދީބާއި ހަވަރުތިނަދޫ. މާލެ: މުސައްނިފު.
މުޙައްމަދު ޒުހައިރު. (2016). ހުވަދުއަތޮޅުގެ ފާހަގަކުރެވޭ ޢިލްމުވެރިންގެ ތެރެއިން ހަވަރުތިނަދޫ އައްޝައިޚް މުދިމު ޙުސައިން ތަކުރުފާނު. ނެގީ: https://www.galehiri.com/2020/08/blog-post_27.html އިން
އަނެއްކާވެސް މައުލޫމާތުން ފުރިގެންވާ، ޝައުޤުވެރި ބައެއް