މަގުމަތިގެ ޙައްޤުތަކަށް ރައްކާތެރިވުމަށް މިއަދުގެ ހުކުރު ޚުޠުބާގައި އިލްތިމާސްކުރައްވައިފި އެވެ. މިއަދު ޚުޠުބާ ޚާއްޞަ ކުރެއްވީ މަގުތަމީގެ އަދަބުތަކާ ބެހޭ ހޮތުންނެވެ.
ޚުޠުބާގައި ފާހަގަ ކުރެއްވި ގޮތުގައި ރިވެތި އަދަބުތަކުގެ ތެރޭގައި މަގުމަތީގެ އަދަބުތައް ހިމެނެއެވެ. މަގުމައްޗަށް ނުކުމެ ހިނގާބިނގާވެ އުޅޭއިރު މީސްތަކުންވަނީ އެއްބަޔަކު އަނެއްބަޔަކު ގުޅިލާމެހިގެންކަމަށް ޚުޠުބާގައި ވިދާޅުވިއެވެ. ހިނގާ މަގުތަކަށް ވެސް ޙައްޤުތަކެއް ކަނޑައެޅިގެންވާކަމަށް ޚުޠުބާގައި ފާހަގަ ކުރެއްވިއެވެ. އެޙައްޤުތައް ރައްކާތެރިކުރެވޭނީ، އެމަގުތަކުގައ ހިނގާބިނގާވެ އުޅޭ މީހުންގެ ޢަމަލުތައް ބަހަށްޓާ ގޮތުންކަމަށް ވެސް ވިދާޅުވިއެވެ. މަގުމަތީގެ އަދަބުތަކާއި ޙައްޤުތައް ރައްކާތެރިކުރުމުގެ ސަބަބުން މީސްތަކުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާވެގެންދާކަމަށް ޚުޠުބާގައި ފާހަގަ ކުރެއްވިއެވެ.
ޚުޠުބާގައި ވިދާޅުވީ މަގުމަތީގައި ތިބޭއިރު އެއްވެސް މީހަކަށް ތުރާލެއްވާނެ ކަމެއް ކުރުމަކީ ހުއްދަވެގެންވާނެކަމެއް ނޫންކަމަށެވެ. ޒަމާނީ ވަޞީލަތްތައް ބޭނުންކޮށްގެން މީސްމީހުންގެ ގޭތެރެ ބަލައި އެތަންތަނުގައި ހުރިތަކެއްޗާއި އުޅޭބައެއް ހޯދާބެލުމަކީ އަޚްލާޤީ ގޮތުން ވަރަށް ދަށު ދަރަޖައިގެ ޢަމަލެއް ކަމަށެވެ.
މަގުމަތީގެ ޙަޢްޤުތަކުގެ ތެރޭގައި މީހަކަށް ގެއްލުންވެދާނެ އެންމެހާ ކަންތައްތަކުން ދުރުހެލިވުން ހިމެނޭކަމަށް ޚުޠުބާގައި ފާހަގަ ކުރެއްވިއެވެ. އެއީ ބުނާ ބަހަކުން ކަމުގައިވިޔަސް، ކުރާ ޢަމަލަކުންކަމުގައި ވިއަސް، ކުރާ ޢިޝާރާތަކުން ނުވަތަ ބަލާބެލުމަކުން ވިޔަސް މެއެވެ.
މަގުމަތީގެ ހައްޤުތައް އަދާކުރުމުގެ ތެރޭގައި ހެޔޮކަންތަކަށް އަމުރުކޮށް ނުބައި ކަންތައް މަނާކުރުންވެސް ހިމެނެއެވެ. ހިނގާފައިދާ މީހެއްހެ ފަރާތުން އެހެން މީހުންނަށް ކުރާ ގޯނާ ހުއްޓުވުމާއި މާރާމާރީ ހިންގާ މީހުންގެ ޢަމަލުތައް ހުއްޓުވުންވެސް ހިމެނޭކަމަށް ޚުޠުބާގައި ފާހަގަކުރެއްވިއެވެ.
މަގުމަތީ ހިނގާބިނގާވެ އުޅުމުގެ އިތުރުން އެއްގަމު އުޅަނދުފަހަރު ދުއްވުމުގައި ޢަމަލުކުރަންޖެހޭ ޤަވާޢިދުތަކަށް ތަބާވުން ވަނީ ވެސް މަޤުމަތީގެ ޙަޤުތައް ފުރިހަމައަށް އަދާކުރުމުގެ ތެރެއިން ކަން ޚުޠުބާގައި ފާހަގަ ކުރެއްވިއެވެ.
"އެހެންކަމުން ކޯވިޑް-19 ގެ މިޙާލަތުގައި އާންމުންގެ ޞިއްޙީ މަސްލަޙަތަށް ރިޢާޔަތްކޮށް، މިބަލިމަޑުކަން ކޮންޓްރޯލް ކުރުމަށްޓަކައި އެޅޭ ފިޔަވަޅެއްގެ ގޮތުގައި، މަގުމަތީގައި ހިނގާބިނވެ އުޅުމާއި ، އެއްގަމު އުޅަނދުފަހަރު ދުއްވުން ކަނަޑައެޅޭ ވަކި ވަގުތުތަކެއްގައި މަނާކުރެވޭ ހިނދު، އެކަމަށް އިޖާބަ ދިނުމަށް، އެކަމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހެއެވެ." ޚުޠުބާގައި ފާހަގަ ކުރެއްވިއެވެ.
މަގުމަތީގެ ޙައްޤުތަކިގެ ތެރޭގައި މަގުތައް ސާފުތާހީރުކޮށް ބޭވުންވެސް ހިމެނޭކަމަށް ޚުޠުބާގައި ފާހަގަ ކުރެއްވިއެވެ. ނަމަވެސް ގޯތި ގެދޮރުގައި އުފެދޭ ކުނި މަގުމައްޗަށް އަޅާ މީހުން އުޅޭކަން ފާހަގަ ކުރެއްވިއެވެ. މަގުތަކުގެ ޙައްޤުތައް އަދާކުރުމަށްޓަކައި މަގުމަތިން ކުނިބުނި ނަގައި ސާފުކުރުމަކީ އިމާންކަމުގެ ތެރެއިންވާކަމެއްކަމަށް ވެސް ޚުޠުބާގައި ފާހަގަ ކުރެއްވިއެވެ.