ﷲގެ ރުހުން އެދޭކަމަށް ވަނީނަމަ މައިންބަފައިންގެ ރުހުން ހޯދަންޖެހޭ: ހުކުރު ޚުޠުބާ

ﷲގެ ރުހުން އެދޭކަމަށް ވަނީނަމަ މައިންބަފައިންގެ ރުހުން ހޯދަންޖެހޭކަމަށް ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ. މިއަދުގެ ޚުޠުބާ ޚާއްޞަ ކުރެއްވީ މައިންނބަފައިންނަށް އިޙްޞާންތެރިވުމާއި ހެޔޮކޮށް ހިތުމުގެ މުހިންމު ކަމުގެ މައްޗަށެވެ.  

ބާއްޖަވެރިއަކީ މާތްﷲ އަށް ތަޤްވާވެރިވުމަށްފަހު، އެމީހެއްގެ މައިންބަފައިންނަށް ހެޔޮކޮށް ކަންތައްކުރާ މީހާކަމަށް  ޚުޠުބާގައި ވިދާޅުވިއެވެ. އެއީ އެމީހުންގެ ދުނިޔަވީ ޙަޔާތުގައްޔާއި މަރުވުމަށްފަހުގައި ވެސް ކަން ފާހަގަ ކުރެއްވިއެވެ. މައިންބަފައިންނަށް ނުކިޔަމަންތެރިވެ ހެޔޮކޮށް ނުހިތާ މީހަކީ، އަބާއްޖަވެރިއެއް ކަމާމެދުގައި ކުޑަވެސް ޝައްކެތްނެތް ކަމަށް ޚުޠުބާގައި ފާހަގަ ކުރެއްވިއެވެ.

"ﷲ ގެ ރަޙްމަތްފުޅުން މައިންބަފައިންނަށް ހެޔޮކޮށްހިތުން ވަނީ ދެމިގެންވާ ކަމެއްގެ ގޮތުގައި ލައްވާފައެވެ. މާނައަކީ އެދެމީހުންކުރެ މީހަކު ނުވަތަ ދެމީހުން ދުނިޔެ ދޫކުރުމަށްފަހުގައިވެސް ހެޔޮކޮށް ހިތޭނެ މަގު މާތްﷲ ވަނީ ފަހިކޮށްދެއްވައިފައެވެ. އެއީ އެމީހުންނަށްޓަކައި ހެޔޮ ދުޢާކޮށްދީ  އެދެމީހުންގެ މަތިން ޞަދަޤާތްކޮށް، އެމީހުންގެ ގާތްތިމާގެ މީހުންނާ ގުޅުންބަދަހިކޮށް، ރަޙިމްގެ ގުޅުން ދަމަހަށްޓައި، އެމީހުހްގެ ގާތް ރަޙްމަތްތެރިންނަށް ހެޔޮކޮށް ހިތުންމުންނެވެ"  ޚުޠުބާގައި ވިދާޅުވިއެވެ.

ބާއްޖަވެރި ކަމުގެ މަރުޖިޢެއް ކަމުގައި ﷲ ތަޢާލާ މައިންބަފައިން ލައްވައިފައިވާ ކަމަށް ޚުތުބާގައި ފާހަގަ ކުރެއްވިއެވެ. އެބައި މީހުންނަކީ އޯގާތެރިކަމާއި ކުލުނުގެ ބަގީޗާއެއްކަމަށް ސިފަ ކުރެއްވިއެވެ. އެދެމީހުންގެ ޙައްޤު ނުހަނު މަތިވެރިކަން ފާހަގަ ކުރައްވައި އެހެޔޮކަމުގެ ބަދަލެއް ނުދެވޭނެކަން ވެސް ހަނދާންކޮށް ދެއްވިއެވެ. ޚަލްޤްތަކުންގެ އެންމެހާ ރިވެތިކަމުގެ މައްޗަށް  އެދެމީހުން ކޮށްދީފައިވާ ހެޔޮކަން ގިނަގުނަވެގެން ވާކަން ފާހަގަ ކުރެއްވިއެވެ. ﷲ ތަޢާލާގެ ޙައްޤު އަދާކުރުމަށްފަހު އެދެމީހުންގެ ޙަޤު އަދާކުރުމަކީ ވާޖީބެއްކަން ވެސް ޚުތުބާގައި ވަނީ ހަނދާންކޮށް ދެއްވައިފައެވ. ކީރިތި ޤުރުއާންގައި މާތްﷲ ވަހީކުރައްވައިފައިވާ ބަސްފުޅުތަކުން މިކަމުގެ ދަލީލު ވަނީ ދައްކަވައިފައެވެ. އަދި މައިންބަފައިންނަށް ހެޔޮކޮށް ހިތުމުގެ މުހިންމުކަން ފާހަގަ ކުރައްވައި ލޮބުވެތި ރަސޫލާ ޞައްލަﷲ ޢަލައިވައްސަލަމަ ހަދީސްކުރައްވައިފައި ވާ ބަސްފުޅުތައް ވެސް ޚުތުބާގައި ވަނީ ފާހަގަ ކުރައްވައިއެވެ.

ޚުތުބާގައި ފާހަގަ ކުރެއްވި ގޮތުގައި މައިންބަފައިންނަށް ކަމޭ ހިތުމަކީ ނަބީބޭކަލުންގެ ޚުލުޤުފުޅެވެ. އަދި އެއީ ޞާލިހުންގެ ރިވެތި އާދައެއްކަމަށް ވެސް ފާހަގަ ކުރެއްވިއެވެ.

"އަދި އެއީ މުޞީބާތްތަކުން ސަލާމަތްވެވޭ، ބަރަކާތް ޙާޞިލްކޮށްދޭ އަދި ދުޢާ އިޖާބަކުރެއްވުމުގެ ސަބަބެއްވެސް މެއެވެ. އެކަމުގެ ސަބަބުން ކަންބޮޑުވުންތަކާއި ހާސްކަމުން މީހާ ދުރުކޮށް ހިތްހަމަޖެހުން ލިބެއެވެ. އަދި ދިރިއުޅުން ރަނގަޅުވެެގެން ދެއެވެ." މައިންބަފައިންނަށް ހެޔޮކޮށް ހިތުމުގެ މުހިންމުކަން ފާހަގަކޮށް ޚުޠުބާގައި ވިދާޅުވިއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.