ޙައްޤު ގޮތުގައި މާތްﷲ އަށް ވަކީލުކުރެވޭނީ ސަބަބުތަކުގައި ހިފައިގެން ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ. މިއަދުގެ ޚުޠުބާ ޚާއްޞަ ކުރެއވީ މާތްﷲ އަށް ޙައްޤު ގޮތުގައި ވަކީލުކުރުމުގެ މުހިންމު ކަމުގެ މައްޗަށެވެ.
ޚުތުބާގައި ވިދާޅުވީ ﷲ ސުބުޙާނަހޫވަޠަޢާލާއަށް ވަކީލުކުރުމަކީ، އިސްލާމްދީނުގެ ރިވެތި އަޚްލާޤުގެ ތެރެއިން ހިމެނިގެންވާ މަތިވެރި މާތް ސިފައެއް ކަމަށެވެ. ޔަޤީންކަމުގެ އެންމެމަތިވެރި ދަރަޖަކަމަށެވެ. ކުއްތަންވެގެންވާ މީހުންގެ މަތިވެރި ޝަރަފެއް ކަމަށެވެ. ހުރިހާ ހެޔޮކަމެއްގެ ތަޅުދަނޑިކަމަށެވެ. ތައުޙީދުގެ އެންމެ މަތި ދަރަޖަ ކަމަށެވެ. އިމާންކަމުގެ ޝަރުތުތަކުގެ ތެރެއިން ޝަރުތެއްކަމަށެވެ. އީމާންކަން ފުރިހަމަވުމަށްޓަކައި ކޮންމެހެން ލާޒިމް ކަމެއްކަމަށެވެ. އަޅުކަމުގެ ތެރެއިން މަތިވެރިވެގެންވާ އަޅުކަމެއް ކަމަށެވެ. އެހެންކަމުން އިޚްލާޞްތެރިކަމާއެކު ﷲ އަށް ވަކީލުކުރުމަކީ މުއުމިނު އަޅުތަކުންގެ މައްޗަށް ވާޖިބެއް ކަމަށެވެ.
ﷲ އަށް ވަކީލިކުރުމަކީ އީމާންކަމާއި އިސްލާމްކަމާއި އިޙްސާންކަމާ ގުޅިލާމެހިފައިވާ ކަމެއްކަމަށް ވެސް ޚުޠުބާގައި ވިދާޅުވިއެވެ. ދުނިޔަވީ ޙަޔާތުގައި އެކަމުގެ އަސަރު އެހާމެބޮޑު އަދި ދީނުގެ މަތިވެރިވެގެންވާ ޝިޢާރެއްކަމަށާއި ޤަދަރު އުފުލިގެންވާ ޢަމަލެއް ކަމަށް ވިދާޅުވިއެވެ. އަދި އެއީ ﷲ ސުބުޙާނަހޫ ވަޠަޢާލާގެ ލޯބިވޮޑިގަތުން ޙާޞިލްކުރެވޭނެ މަޤެއްކަމަށް ވިދާޅުވިއެވެ.
ޙައްޤުގޮތުގައި މާތް ﷲ އަށް ވަކީލުކުރުމަކީ އަޅުކަމުގެ އަޞްލުތަކުގެ ތެރެއިން އަޞްލެއްކްން ފާހަގަ ކުރައްވައި ޚުޠުބާގައި ވިދާޅުވީ އެކަމާ ނުލައި އަޅާގެ އިމާންކަން ފުރިހަމަ ނުވާނެކަމަށެވެ. ޙައްޤު ގޮތުގައި މާތްﷲއަށް ވަކީލުކުރުމަކީ، ﷲ އަށް ފުރިހަމައަށް ބަރޯސާވާ، އިޙްލާޞްތެރި ތެދުވެރި، މުއުމިނުންގެ ސިފަތަކުގެ ތެރެއިން ސިފައެއް ކަމަށެވެ.
މާތްﷲ މިކާއިނާތުގެ ކަންތައް ތަދުބީރު ކުރައްވައި، ރާއްވައި، ހިންގަވަނީ އެކަލާނގެ ލައްވައިފައިވާ ކައުނީ ސުންނަތްތަކާ އެއްގޮތްވާ ގޮތުގެ މަތިންކަން ޚުތުބާގައި ފާހަގަކުރެއްވިއެވެ. އަދި ކޮންމެ ކަމެއްވެސް ވުމަށްޓަކައި އެކަލާނގެ ލައްވައިފައިވާ ދުނިޔަވީ ސަބަބުތަކެއް ވާކަން ފާހަގަ ކުރެއްވިއެވެ. އެސަބަބުތަކުގައި ހިފުމަކީ މާތﷲ އަށް ކިޔަމަންތެރިކަން އަދާކޮށް އެކަލާނގެއަށް އީމާންވުމުގެ ތެރޭގައި ހިމެނޭ ކަމެއްކަން ޚުޠުބާގައި ހަނދާންކޮށްދެއްވިއެވެ.
"އެސަބަބުތަކަކީ ކަމެއް ޙާޞިލްކުރުމުގައި، މުހިއްމުކަމެއް ނޫންކަމުގައި ދުށުމަކީ، ސިކުނޑީގެ އުނިކަމެކެވެ. އަދި އިސްލާމްދީން ގޮވާލާ ގޮތެއްވެސް ނޫނެވެ. ހަމަ އެޔާއެކު ހަމައެކަނި އެސަބަބުތަކަށް ބަރޯސާވުމަކީ، އިސްލާމީ އަޤީދާއާ ފުށުއަރާ ކަމެކެވެ. އެހެންކަމުން އަޅާގެ މައްޗަށް އޮތީ، ސަބަބުތަކުގައި ހިފައި، ﷲ ތަޢާލާ އަށް ބަރޯސާވުމެވެ. އެހެނީ ހަޤީޤަތުގައި ވަކީލުކުރުމަކީ ސަބަބުތަކުގައި ހިފުމާއިއެކު ސަބަބުތައް މެދުވެރިކުރައްވައި އެކަލާނގެއަށް ބަރޯސާވުމެވެ. އަދި އެކަންކަން ހިންމަވައިދެއްވަނީ، ކޮންމެކަމަކަށް ކުޅަދުންވަންތަ އަރަހުށި ﷲ ކަން ހިތުގެ އަޑިން ކަށަވަރުކޮށްގަތުމެވެ. ފަހެ އެއިލާހު އިރާދަކުރައްވާ ގޮތަކަށްމެނުވީ މި ކާއިނާތުގައި އެއްވެސް ކަމެއް ނުހިނގާނެއެވެ." ޚުޠުބާގައި ވިދާޅުވިއެވެ.
ޚުޠުބާގައި ވިދާޅުވި ގޮތުގައި ﷲ އަށް ވަކީލުކުރާ ތައުހީދުގެ އަހުލުވެރންގެ ގޮތަކީ ހަމައެކަނި ސަބަބުތަކަށް ބަރޯސާ ނުވުމެވެ. އަދި ހަމައެއާއެކު އެސަބަބުތަކަށް އިޙްމާލުވެ، ދޫކޮށްވެސް ނުލުމެވެ. ނަމަވެސް ސަބަބުތަކުގައި ހިފައި، ސަބަބުތައް މެދުވެރިކުރައްވައި ޢާލަމްތަކުގެ ވެރި ރަސްކަލާނގެއަށް އުއްމީދުކުރުމެވެ. ﷲ އަށް ރުޖޫޢަވެ، އެމީހެއްގެ ހުރިހާ ކަމެއް އެކަލާނގެއާ ޙަވާލު ކުރުމެވެ. ރަމަލު ޖެހުމާއި ފާލުބެލުމާއި އަތް ބެލުމާއި ތަވީދު އެޅުންފަދަ ޝިރުކުގެ ޢަމަލުތަކުން ދުރުވެ އެއްކިބާ ވުމެވެ. އަދި ﷲ ތަޢާލާ މިންވަރުކުރެއްވި ކަމެއް މެނުވީ ނުވާނެކަން ހިތުގެ އަޑީން ޤަބޫލުކުރުމެވެ.
ވަކީލުކުރުމަކީ ﷲ ތަޢާލާ ނިޔާކުރައްވައިފައިވާ ސަބަބުތަކުގައި ހިފުން ނަފީކުރާ ކެމެއް ނޫންކަމަށް ވެސް ޚުޠުބާގައި ވިދާޅުވިއެވެ. ވަކީލުކުރުމަށް އަމުރުކުރެއްވުމާއެކު ސަބަބުތަކުގައި ހިފުމަށްވެސް ﷲ ތަޢާލާ އަމުރު ކުރެއްވިކަން ޚުޠުބާގައި ހަނދާންކޮށްދެއްވިއެވެ. ސަބަބުތަކުގައި ހިފުމަށް ޢަމަލީގޮތުން މަސައްކަތްކުރުމަކީ، ﷲ ސުބުޙާނަހޫ ވަޠަޢާލާއަށް ވެވޭ ކިޔަމަން ގަތުމެއްކަން ވެސް ހަނދާން ކޮށާދެއްވިއެވެ. އެކަމުގައި މީސްތަކުންނަށް ކެހިލިބިގެން ދަނީ ވަކީލުކުރުން ކުޑަވުމުން ކަމާއި ހަމައެކަނި ސަބަބުތަކަށް ބަރޯސާ ވުމުން ކަމަށް ޚުޠުބާގައި ވިދާޅުވެއެވެ.
"ލޮބުވެތި މުސްލިމު އަޚުންނޭވެ! މުއުމިނުންނަށް ދިމާވާ ކޮންމެ ކަމެއްގައި، އަދި ކުރިމަތިވާ ކޮންމެ މުޞީބާތެއްގައިވެސް، އޭނާގެ މަދަދުގާރަކީ ގަދަ ކީރިތިވަންތަ ﷲ ތަޢާލާއެވެ. އެހެންކަމުން އޭނާއާމެދު ބަޔަކު ކިތަންމެ ރޭވުމެއް ރޭވިޔަސް، އަދި ދުނިޔެމަތީގައި ކިތަންމެބޮޑު ހިތްދަތިކަމެއް ލިބުނަސް ﷲ އަށް ވަކީލުކޮށްފިނަމަ އޭނާއަށް އެކަލާނގެ ފުދިގެން ވެއެވެ." ޚުޠުބާގައި ވިދާޅުވިއެވެ.
ކޮވިޑް 19 ގެ ޙާލަތުން އަރައިގަތުމަށް ވެސް އަތްދޮވުމާއި ގައިދުރުކަން ބެހެއްޓުމާއި ތަންތަނަށް އެއްވެ ނޫޅުންފަދަ ފިޔަވަޅުތަކަށް ތަބާވެ، އެނުރަކާތެރި ވަބާއިން ސަލާމަތްކޮށްދެއްވުން އެދި މާތްﷲ އަށް ދުޢާ ދެންނެވުމަށް ޚުތުބާގައި ގޮވާލެއްވިއެވެ.