ޝާފިޔާގެ އެދުރު އަށި: ކޯ-ޓީޗިން ނުވަތަ އެކުގައި ކިޔަވައިދިނުން

މިއަދު އަޅުގަނޑު ލިޔަން ގަސްދުކޮށްފައި މިވަނީ އަޅުގަނޑު ވަރަށް ގަޔާވާ މައުޟޫޢެކެވެ. މީގެ އެތައް އަހަރެއްގެ ވެސް ކުރިން ހިތުގައި މިމައުޟޫޢާ މެދު ޝައުގުވެރިކަން ވަނީ އުފެދިފައެވެ. 2011 ވަނަ އަހަރު އަޅުގަނޑު ޕީ އެޗް ޑީ ހަދަން ނިއުޒިލޭންޑްގައި އުޅުނު އިރު ކުރެވިފައިވާ ދިރާސީ ތަޖުރިބާތަކަކާ ވެސް ގުޅުން ހުރި މައުޟޫޢެކެވެ. އެކުގައި ކިޔަވައިދިނުން ނުވަތަ ކޯ-ޓީޗިން މިއީ ދުނިޔޭގައި ކުރިއަރާފައިވާ ގައުމުތަކުގެ މަދަރުސީ  ނިޒާމުގައި ވަރަށް އާންމުކޮށް ބޭނުންކުރާ ކިޔަވައިދިނުމުގެ ގޮތެކެވެ. ކޯ-ޓިޗިންއަކީ އެންމެ ތިލަކޮށް ދަންނަވާނަމަ ދޭއް ނުވަތަ ތިނެއް އަދި އެއަށް ވުރެ ގިނަ މުދައްރިސުން އެކުގައި ބައިވެރިވެގެން ކިޔަވައިދިނުމެވެ. މިއީ ދިވެހިރާއްޖޭގައި މާ އާންމު ނޫންގޮތެއް ނަމަވެސް މިގޮތަށް ކިޔަވައިދިނުން ފަރުމާ ކުރުމަކީ ދަރިވަރުންނަށާއި އަދި މުދައްރިސުންނަށް ވެސް އެއިން ގިނަގުނަ ފައިދާތަކެއް ފޯރުކޮށްދޭ ކިޔަވައިދިނުމުގެ ގޮތެކެވެ.

ކޯ-ޓީޗިންގެ އުސޫލު ބޭނުންކޮށްގެން ކިޔަވައިދޭ ވަރަށް ގިނަ ކުލާސްތައް ބަލައި އޮބްޒަރވްކޮށް އަދި ވީޑިއޯކޮށް ޑާޓާ އެއްކުރުމަށް އަޅުގަޑަށް ގިނަ ފުރުޞަތުތަކެއް އެކި ދިރާސީ މަސައްކަތްތަކުގެ ތެރެއިން ލިބިފައިވެއެވެ. އަދި ޚާއްޞަކޮށް އެގޮތަށް ކިޔަވައިދޭ ވަރަށް ގިނަ މުދައްރިސުންނާ އެކު ބަސްދީގަތުން ނެގުން ފަދަ ކަންކަން، 3 ދިރާސީ ޕްރޮޖެކްޓެއްގައި ޢަމަލީ ގޮތުން ކުރުމަށް އަޅުގަޑަށް ފުރުސަތުލިބުނެވެ. މައުޟޫޢަށް އެންމެ ބޮޑަށް ޝައުގުވެރިވީ މީގެ ތެރެއިން އެންމެ ފުރަތަމަ އަޅުގަޑަށް މަސައްކަތްކުރަން ލިބުނު ދިރާސާގެ ތެރެއިންނެވެ. ޕީ.އެޗް.ޑީ ހަދަން ފެށިތާ މާގިނަ ދުވަހެއް ނުވަނީސް އަޅުގަނޑުގެ ސްޕަވައިޒަރުގެ ދިރާސީ ޕްރޮޖެކްޓެއްގައި ކޮންމެ މަހަކު އެއްފަހަރު ފޯކަސް ގުރޫޕް (ގިނަ ބައިވެރިންތަކެއް އެއްކޮށް) ބަސްދީގަތުންތަކެއް ނަގަން ނިއުޒިލޭންޑްގައި އަލަށް ބިނާކޮށްފައިވާ ވަރަށް ބޮޑު މަދަރުސާއަކަށް ދާން ޖެހުނެވެ. މި މަދަރުސާގެ ޚާއްޞަކަމަކީ އެތަނުގެ ކިޔަވައިދިނުމުގެ އުސޫލު މުޅިން ރޭވިފައި އޮންނަނީ ކޯ-ޓިޗިންގެ އުސޫލުންނެވެ. އެއްވެސް މުދައްރިސެއް ވަކި މާއްދާއެއް ވަކި ވަކިން ކިޔަވައިދޭ ގޮތަކީ އެ މަދަރުސާގައި އޮންނަ ނިޒާމެއް ނޫނެވެ. މި ދިރާސީ ޕްރޮޖެކްޓްގެތެރެއިން ކޯ-ޓީޗިންގެ ސަބަބުން މުދައްރިސުންނަށް ލިބޭ އެތައް ފައިދާތަކަކާ ބެހޭގޮތުން ޢިލުމީ ކަރުދާހެއް ވެސް އަޅުގަނޑު ޝާޢިއުކޮށްފައިވާނެއެވެ. މި ކަރުދާހުގައި ހުށަހަޅައި، ބަހުސް ކުރެވިފައިވާ އެންމެ މުހިންމު މައުޟޫޢަކީ އެކުގައި ކިޔަވައިދިނުމުން މުދައްރިސުންގެ ފަންނީ ކުރިއެރުމަށާއި ރިފްލެކްޓިވް ޕްރެކްޓިސް (ރިވެލިކުރުމުގެ ތެރެއިން ކިޔަވައިދިނުން) ފަދަ ކަންކަމަށް އެހީތެރިވެ ޖާގަ ލިބިދޭ މިންވަރާ ބެހޭގޮތުންނެވެ. ޚާއްޞަކޮށް އެކަރުދާހުގައި ބަޔާންކޮށްފައިވާ ގޮތުގައި، 'ކްރިޓިކަލް ފްރެންޑް' (ތަފާތުކޮށްވިސްނާ ރަހުމަތްތެރިޔާ) މިކޮންސެޕްޓަކީ އެ ކަރުދާހުގައި ތަޢާރަފުކޮށްފައިވާ ކިޔަވައިދިނުމުގެ މުހިންމު ކޮންސެޕްޓެކެވެ. މި ކޮންސެޕްޓްގެ ޖުމުލަ މާނައަކީ ކިޔަވައިދެމުންދާއިރު އެހެން މީހަކާ އެކު ވިސްނައި، ފިލާވަޅު ރާވައި، ކިޔަވައިދީ، އަދި ހަމަ އެހެންމެ ބައެއް ފަހަރު އޮބްޒަރވްކޮށް ބަލަން އެހެން މީހަކަށް ފުރުޞަތު ދިނުމެވެ. މި ކަމަކީ އަޅުގަނޑު ކުރިން ދެންނެވި ސްކޫލުގައި ކޮންމެ މުދައްރިސެއްގެ ރޯލުގެ ތެރޭގައި ހިމެނިފައިވާ އެއް ރޯލެވެ. މާނައަކީ ކޮންމެ މުދައްރިސަކީ ވެސް އެހެން މުދައްރިސެއްގެ ކުރިޓިކަލް ފްރެންޑް (ތަފާތުކޮށް ވިސްނާ ރަހުމަތްތެރި) އެކެވެ. މި ރޯލުގެ މައިގަނޑު މަގްޞަދަކީ އަނެކާ ކިޔަވައިދޭ އިރު ތަފާތު ނަޒަރަކުން ބަލައި މަޝްވަރާކޮށް ރަނގަޅު ކުރެވިދާނެ ކަންކަމާ އިތުރަށް ވިސްނަންޖެހޭ މުހިންމު ކަންކަމާ ބެހޭގޮތުން ވާހަކަ ދެއްކުމެވެ. ސްކޫލުގައި މިކަން ކުރުމުގައި ގެންގުޅޭ އެންމެ ފާހަގަކޮށްލެވޭ އުސޫލަކީ، މިއީ ހަމައެކަނި އިށީދެގެން އިނދެ ބަލާ ބެލުމެއް ނޫނެވެ. ކުލާހުގައި ކިޔަވައިދިނުމުގައި ބައިވެރިވެ އޮބްޒަރވްކޮށް ނޯޓްނަގައި، އަދި އެއާ ބެހޭގޮތުން ބައްދަލުވުންތައް ބާއްވައި، މަޝްވަރާ ވެސް ކޮށް އެކަމާ ބެހޭ ގޮތުން ޖާރނަލް ލިޔެ، ހަމައެހެންމެ ދެ މީހުން އެކުގައި ރިވެލިކުރަން ވެސް ފުރުސަތު ލިބެއެވެ (ރައިޓް އަދި އާދަމް، 2015). މި ދިރާސާއަކީ އަޅުގަނޑު ވެސް ޢަމަލީ ގޮތުން ބައިވެރިވެ ހަތަރު އަހަރުގެ މުއްދަތުގެ ކިޔަވައިދިނުން ބެލުމަށްފަހު އެއްކުރެވިފައިވާ ޑާޓާތަކެއްގެ ތެރެއިން ޢިލުމީ ކަރުދާހެއް ލިޔެލަން ލިބުނު ރަނުގެ ފުރުސަތެކެވެ. އަޅުގަނޑު އަދި އަޅުގަނޑުގެ ސްޕަވައިޒަރ މި ކަރުދާހުގައި މައިގަނޑު ގޮތެއްގައި ވާހަކަ ދައްކާފައިވާ މުހިންމު އެއް ނުކުތާއަކީ އެކުގައި ކިޔަވައިނުމުގެ ފިލޯސަފީގެ ތެރެއިން މުދައްރިސުން އަދާކުރަންޖެހޭ ކުރިޓިކަލް ފްރެންޑްގެ (ތަފާތުކޮށް ވިސްނާ ރަހުމަތްތެރިޔާ) ރޯލުން އެ މީހުންގެ ކިޔަވައިދިނުމަށާއި ދަރިވަރުންގެ އުނގެނުމަށް ކުރަމުން ދިޔަ ފައިދާތައް ފާޅުކަން ބޮޑުކޮށް ފެނިފައިވާކަމެވެ. މި ދިރާސާގެ މަސައްކަތުގެ ތެރެއިން ވަކިން ޚާއްޞަކޮށް އަޅުގަނޑު ފާހަގަކޮށްލާނީ މި ދިރާސާ އެއްކޮށް ނިމުމަށް ފަހު، އެ މަދަރުސާއާ ބެހޭ ގޮތުން ރައިޓް (2018) ލިޔުއްވާފައިވާ ފޮތުގައިވާ މުހިންމު ބައެއް މަޢުލޫމާތެވެ. ޚާއްޞަކޮށް، މުޅި  މަދަރުސާގެ އިސްވެރިންނާއި މުދައްރިސުން ކޯ-ޓީޗިން ތަންފީޒުކުރުމުގައި ބައިވެރިވެފައިވާ މިންވަރާ އަދި އެފިލޯސަފީގެ ހަޤީޤީ ވިސްނުން ބަލައިގަނެފައިވާ މިންވަރު މި ފޮތުގައި ބަޔާންކޮށްފައިވެއެވެ (ރައިޓް، 2018). ކޯޓީޗިން އަކީ ކިޔަވައިދިނުމުގެ މަސައްކަތް ކޮލެބޮރޭޓިވްކޮށް/އެކުއެކީ ބައިވެރިވެގެން ކިޔަވައިދިނުން ރާވާގޮތެކެވެ. މި ގޮތަށް ކިޔަވައިދިނުން ރާވާއިރު، ޓޮބިން އަދި ރުތު (2010) ފާހަގަކުރައްވަނީ އެއީ  މައިގަނޑު 3 ކަމެއް ހިމެނޭ ޕާރޓްނާޝިޕް މަސައްކަތެއް ގޮތުގައެވެ. މި 3 ކަމަކީ ހޫލަ 1 ގައި ވާގޮތުން މުދައްރިސުންގެ ކޮލެބޮރޭޝަން، އެކުއެކީ ކިޔަވައިދިނުމުގެ ޒިންމާނެގުން، މެމްބަރޝިޕް/ކިޔަވައިދިނުމުގެ މަސައްކަތް ޕާރޓްނާޝިޕް މަސައްކަތެއްގޮތަށް ކުރުމެވެ (ވޮލްޑް-އޮޓިޒް، 2019). މި ބަޔާންކުރެވިދިޔަ ޢިލުމީ ޚިޔާލުތަކަށް ބަލާއިރު ކިޔަވައިދިނުމަކީ ވަކި މުދައްރިސުން ވަކިން ކުރާ މަސައްކަތަކަށްވުރެ އެކީގައި ބައިވެރިވެގެން ކުރާ މަސައްކަތެއް ގޮތަށް ސިފަ ކުރެވެއެވެ.

ހޫލަ 1. ކޯޓިޗިން ގައި ހިމެނޭ މުހިންމު 3 ކަމެއް (ވޮލްޑް-އޮޓިޒް، 2019)

ފްރެންޑް އަދި ކުކް (1992) ބަޔާންކުރައްވާ ގޮތުގައި ކޯ-ޓިޗިންގެ މައިގަނޑު މަފުހޫމު ގުޅެނީ ދެ މުދައްރިސުން ނުވަތަ އެއަށް ވުރެ ގިނަ މުދައްރިސުން ބައިވެރިވެގެން ދަރިވަރުންގެ އުނގަންނައިދިނުން ފަރުމާކޮށް ކިޔަވައިދިނުމުގެ ކަންތައްތައް ރޭވުމަށެވެ. ޚާއްޞަކޮށް މި ޢިލުމުވެރިން އެކި އަހަރުތަކުގައި ޝާޢިއުކޮށްފައިވާ ލިޔުންތަކުން ކޯ-ޓީޗިންގެ މައިގަނޑު 6 މޮޑެލެއް ހުށަހަޅުއްވައެވެ.  އަޅުގަނޑު މި ހާމަކުރަނީ އެ މޮޑެލުތަކުގެ ކުރު ތަޢާރަފަކާއި ކުލާހުގައި އެ ގޮތް ބޭނުންކުރާނެ ގޮތުގެ ތަފުސީލާއި، އެއިން ލިބޭ މަންފާ އަދި ދިމާވެދާނެ ބައެއް ދަތި ނުވަތަ ގެއްލުންތަކެވެ. މި މޮޑެލްތަކާ ގުޅޭ ގޮތުން އިތުރު ތަފުސީލު ބައްލަވާލެއްވުމަށް ދެވިފައިވާ ވީޑިއޯއަށް ފިއްތަވާލައްވާށެވެ.

މޮޑެލް

މަންފާ/ރަގަނޅު ކަންކަން

ގެއްލުން/ނުރަނގަޅު ކަންކަން

އެއް މުދައްރިސަކު، އެއް ސަޕޯރޓަރަކު (އެހީތެރިއަކު):  މިގޮތަށް ކިޔަވައިދިނުން ގެންދާއިރު މުދައްރިސަކީ މުޅި ކިޔަވައިދިނުމުގެ ޒިންމާ ނަގާ އިސްފަރާތެވެ.  އެހީތެރިޔާގެ ދައުރަކީ ހަމައެކަނި ދަރިވަރުންގެ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދީ ކުލާހުގެ އެކި ކަންކަން ދާގޮތް ބަލައި ވަކިވަކި ދަރިވަރުންގެ އުނގެނުމުގެ ކަންކަން ގާތުން އޮބްޒާރވްކޮށް ބެލެހެއްޓުމެވެ. · ވަކިވަކި ދަރިވަރުންނަށް ބޭނުންވާ އެހީތެރިކަން ލިބުން

· ދަރިވަރުން މަސައްކަތަށް އަމާޒުކުރުވަން ފަސޭހަވުން

· ވަގުތު ސަލާމަތްވުން

· މުދައްރިސަށް ސީދާ ފާހަގަ ނުކުރެވޭ ކަންކަން ބެލުމަށް އެހީތެރިވުން

· އެހީތެރިޔާއަށް އޮބްޒަރވަރެއްގެ ދައުރު ވެސް އަދާކުރެވި ކިޔަވައިދިނުމުގެ ކަންކަން ރަނގަޅު ކުރުމަށް އެހީތެރިވުން

·  ދަރިވަރުން މުދައްރިސްކަމަށް ބަލާނީ އެންމެ މީހަކު ކަމައިވުނ

· އަބަދު ހިނގަހިނގާ ހުންނަ މީހަކު އުޅުމުން ބައެއް ދަރިވަރުންނަށް އުދަގޫވާ ފަހަރު އައުން

· ދަރިވަރުން އެހީތެރިޔާއަށް ބަރޯސާވެ އެހީތެރިކަން ހޯދުމަށް އާދަވުން

އެއް މުދައްރިސަކު، އެއް އޮބްޒަރވަރަކު:  މިގޮތަށް ދެމުދައްރިސުން ކިޔަވައިދޭއިރު ޢާއްމު މުޅި ކިޔަވައިދިނުމުގެ ޒިންމާ ނަގާނީ މުދައްރިސް އެވެ. އޮބްޒަރވްކުރާފަރާތް ހަމައެކަނި ދަރިވަރުންގެ އުގެނުމުގެ ކަންކަން އޮބްޒާރވްކޮށް މަޢުލޫމާތު އެއްކުރާނީއެވެ. މިއީ ދިރާސީ ޑާޓާ އެއްކުރުންގޮތަށް ކުރެވޭ ކަމެކެވެ. އެ މަޢުލޫމާތުތައް ތަހުލީލުކޮށް/އަނަލައިޒުކޮށް އެކަމަށް ޢަމަލުކުރަންވާ ގޮތްތައް މުދައްރިސާއެކު މަޝްވަރާ ކުރާނެއެވެ. މީގެ އިތުރުން ކިޔަވައިދިނުން ރާވާއިރު، ދުރާލާ އޮބްޒަރވް ކުރާނެ ކަންތައްތައް ވެސް ނިންމޭނެއެވެ. މިގޮތަކީ އެވިޑެންސް/ޑާޓާ އެއްކޮށްގެން ކިޔަވައިދިނުން ފަރުމާ ކުރުމަށް ބޭނުންކުރާ ކޯޓީޗިން ގެ ވައްތަރެކެވެ. ·  ދަރިވަރުންނަށް އެހީތެރިވެދޭނެ ދާއިރާތައް ދެނެގަނެވުން

·  ކިޔަވައިދިނުމަކީ އެވިޑެންސް/ޑާޓާގެ މައްޗަށް ބަރޯސާވެގެން ކުރެވޭ ދިރާސީ މަސައްކަތަކަށް ހެދުމަށް ފުރުސަތު ފަހިވުން

·  އިތުރު އެހީތެރިކަން ބޭނުންވާ ކުދިން ފާހަގަކުރަން ފަސޭހަވުން

·  ކުލާހުގެ ދަރިވަރުންނާ ގުޅޭ ޑާޓާ އެއްކުރެވުން

 

·  ދަރިވަރުންނަށް މުދައްރިސްގެ ގޮތުގައި އެކަކު ބަލައިގަނެވުން

· އޮބްޒާރވާރ އާއެކު ދަރިވަރުންނާ ގުޅުން ކުޑަވުން

ޕެރެލަލް ޓީޗިން (އެކުގައި އެއް ވަގުތެއްގައި ކިޔަވައިދިނުން): މިގޮތަށް ކިޔަވައިދޭއިރު ދެމުދައްރިސުން ފިލާވަޅު ރާވާނީ އެކުގައެވެ. ހަމައެހެންމެ ކުލާހުގައި ކިޔަވައިދޭނީ ވެސް އެކުއެކުގައެވެ. މިގޮތަށް ކިޔަވައިދޭއިރު، ކުލާސް ދެ ގުރޫޕަކަށް ބަހައި ކޮންމެ ގުރޫޕަކަށް ފިލާވަޅުގެ މުހިންމު ބައެއް ކިޔަވައިދޭނީ ދެ މުދައްރިސުން އެއްވަގުތެއްގައެވެ. އެ މުދައްރިސެއްގެ ބައި އެ ގުރޫޕަށް ކިޔައިދީ ނިމުމުން ދެވަނަ ގުރޫޕަށް ބަދަލުވާނީއެވެ. މިގޮތަށް ކިޔަވައިދޭއިރު ކުލާސްރޫމުގެ ޖާގަ ވެސް  ދެބައި ކުރެވި، ދެބަޔަކަށް އެތުރާނެއެވެ.. · ދެ މުދައްރިސުން އެކުގައި ރާވައި، ކިޔަވައިދިނުން ފެންވަރު ރަނގަޅުވުން

· މުޅި ކުލާހަށް ކިޔަވައިދިނުމަށްވުރެ ދެ ގުރޫޕަކަށް ބެހުމުން ފިލާވަޅުގެ ބައިތައް ކުދި ގުރޫޕްގައި ގެންދަން ފަސޭހަވުން

· ކޮންމެ މުދައްރިސަކު ވެސް އެ މީހަކު ހިތްހަމަޖެހޭ ގޮތަކަށް ފިލާވަޅުގެ ބައިތައް ގެންދިއުމުގެ ފުރުސަތު އޮތުން

 

· މިގޮތަށް ކިޔަވައިދޭއިރު ދެ މުދައްރިސުން ވެސް ވާންޖެހޭނީ ތަޖުރިބާގެ ގޮތުންނާ ފެންވަރުގޮތުން ދާދި އެއް ލެވެލެއްގެ ދެ މީހުންނަށެވެ.

· އެއް ވަގުތެއްގައި ކިޔަވައިދިނުމުގެ އެކްޓިވިޓީތައް ގެންދާތީ ގަޑިއަށް ވަރަށް ބޮޑަށް ސަމާލުވާން ޖެހުން

· ކުލާހުގައި ދެ ގުރޫޕް ވަކިން ކިޔަވައިދިނުން ރޭވޭފަދަ ޖާގަ އޮންނަ ތަނަކަށް ވުން

· އަޑު ކޮންޓްރޯލް ކުރަން ޖެހުން

އޮލްޓަރނޭޓިވް ޓީޗިން (ބަދަލުކުރަމުން ކިޔަވައިދިނުން): މިގޮތަށް އެކުގައި ކިޔަވައިދޭއިރު، އެއް މުދައްރިސަކު ކުލާހުގެ ކިޔަވައިދިނުން ކުރިޔަށް ގެންދާއިރު އަނެއް މުދައްރިސް ދަރިވަރުންގެ ކުދި ގުރޫޕްތަކުގައި އެހީތެރިވެދޭނީއެވެ. މިގޮތަށް ކުލާސް ގެންދާއިރު ބައެއްފަހަރު ކުދި ގުރޫޕް ގޮވައިގެން ކުލާހުން ބޭރުގައި ވެސް އަދި ކުލާހުގެ އެތެރޭގައި ވެސް ވަކިވަކި ޓާސްކްތަކުގައި މަސައްކަތް ކުރެވޭނެއެވެ. ޚާއްޞަކޮށް އިތުރަށް އޮޅުންފިލުވައިދޭން ޖެހޭ ނުވަތަ ރިމީޑިއަލް (އުގެނުމުގެ އިތުރު އެހީއެއް ބޭނުންވާ) ނުވަތަ ވަކި ގޮތަކަށް ކިޔަވައިދޭ ގުރޫޕް ވެސް ހެދިދާނެއެވެ. ހަމަ އެހެންމެ، ނިންމަން ޖެހޭ ޕްރޮޖެކްޓެއް ނުނިމޭ ވަކި ކުއްޖަކާ އެކު ވެސް އަނެއް މުދައްރިސަށް ގައިޑް ކޮށްދެވޭނެއެވެ. މިއީ ވަރަށް އާންްމުކޮށް ކޯ-ޓިޗިން ގެންދެވޭ ގޮތެކެވެ. · ކުދި ގުރޫޕްތަކުގެ ކިޔަވައިދޭން ފުރުސަތު ލިބުން

· ދެ މުދައްރިސުން ކުލާހުގައި ތިބެ އެކަކު ސީދާ މުޅި ކިޔަވައިދިނުން މެނޭޖު ކުރާއިރު އަނެއް މުދައްރިސަށް ދަރިވަރުންގެ އުނގެނުމުގައި އެހީތެރިކަން ފޯރުކޮށް ދެވުން.

· އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ގުރޫޕްތަކަށް ވަކި ޚާއްޞަކަންތައްތަކެއް ކަނޑައެޅިފައި އޮތުމުން ވަކިން ލޭބަލްވުމުގެ ފުރުސަތު ބޮޑުވުން

· އަޑު ކޮންޓްރޯލުކުރުން ވަރަށް ބޮޑަށް މުހިންމުވުން

· ބޮޑު ގުރޫޕަށް ކިޔަވައިދޭ މުދައްރިސުންގެ ގުރޫޕަށް އޮންނަ ކޮންޓްރޯލް އިތުރުވުން

ސްޓޭޝަން ޓީޗިން (ވަކިވަކި ސްޓޭޝަންތަކެއްގައި ކިޔަވައިދިނުން)

މިގޮތަށް ކިޔަވައިދޭއިރު ފިލާވަޅު ރޭވުމާއި ކިޔަވައިދިނުމުގެ ޒިންމާ އޮންނަނީ ދެ މީހުންނަށް ދާދި އެއްވަރަކަށް ހަމަޖެހިފައެވެ. މިއީ ކުލާހުގެ އުނގެނުމުގެ ސްޓޭޝަންތަކެއް ނުވަތަ ޖާގަތަކެއް ހަމަޖައްސައިގެން ކިޔަވއިދޭ ގޮތެކެވެ. ސްޓޭޝަންތަކުގައި އެހީތެރިވެދޭ އިތުރު އެހެން މުދައްރިސުން ނުވަތަ އެހެން މީހުންނަށް ވެސް ކިޔަވައިދިނުމުގައި ބައިވެރިވުމުގެ ފުރުސަތު އޮވެއެވެ. ބައެއް ސްޓޭޝަންތަކަކީ ކޮންމެހެން މުދައްރިސުން ވެސް ތިބެހެން ޖެހޭ ސްޓޭޝަންތަކެއް ނޫނެވެ. އެއާއި ޚިލާފަށް ދަރިވަރުން އަމިއްލައަށް އުނގެނުމުގެ މަސައްކަތް ކުރުމަށް މިފަދަ ސްޓޭޝަންތަކުގެ ފުރުސަތު ލިބޭނެއެވެ. މުޅި ކުލާސް ތިން ސްޓޭޝަނަކަށް ބަހާލެވިފައި ހުންނައިރު އެއް ސްޓޭޝަނަކީ ދަރިވަރުން އަމިއްލައަށް މަސައްކަތް ކުރާ ޖާގަތަކެވެ. އަނެއް ދެ ޖާގައިގައި ކޮންމެ ސްޓޭޝަންއެއްގައި ދުވަހުގެ ފިލާވަޅުގެ ބައިތައް އޮޅުންފިލުވައިދިނުމުގައި ދެ މުދައްރިސުން ދެ ޖާގައިގައި ތިބޭނެއެވެ. މިއީ މިޒަމާނުގެ ކުލާސްރޫމުތަކުގައި ވަރަށް މަޝްހޫރު ކިޔަވައިދިނުމުގެ ގޮތެކެވެ.

· ދަރިވަރުންނަށް ކުދި ގުރޫޕްގައި ނޭނގޭ ބައިތަކަށް ފޯކަސްކޮށްގެން ކިޔަވަން ފުރުސަތު ފަހިވުން

· ކޮންމެ މުދައްރިސެއްގެ މައިގަނޑު ރޯލު ވަރަށް ސާފުކޮށް އެނގެން އޮތުން.

· ކުޑަވަގުތުކޮޅެއްގައި ކިޔަވައިދޭންވާ ގިނަ ބައިތަކެއް ކަވަރކޮށް ނިންމާލަން ފަސޭހަވުން

· ދަރިވަރުންގެ ސުލޫކީ މައްސަލަ މަދުވުން

· ދަރިވަރުން ކޮންމެ އިރެއްގައި ވެސް އަމިއްލައަށް މަސައްކަތްކުރުމުގެ އިތުބާރު ލިބޭ ހިނދު އަމިއްލައަށް މަސައްކަތްކުރާ ޖާގަ ހަމަޖެހިފައި ހުރުމުން ދަރިވަރުންގެ އަމިއްލަ އުނގެނުން ވަޒަންކުރަން ފަރިތަވުން

· ކިޔަވައިދިނުމުގައި މުދައްރިސުން ވެސް އަދި ދަރިވަރުން ވެސް އެއްވަރަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވިފައި އޮތުން، ސަބަބަކީ ބައެއް ފަހަރު އެކަނި މަސައްކަތްކުރާ ގުރޫޕްތަކުގައި އެއް ކުއްޖަކު އަނެއް ކުއްޖަކަށް އެހީތެރިވެދޭން ފުރުސަތު ލިބުމެވެ.

· މިގޮތަށް ކިޔަވައިދިނުމަކީ ވަރަށް ރަނގަޅަށް ތައްޔާރުވެގެން ސްޓޭޝަންތަކުގައި ކަންތައް ކުރެވޭނެ ގޮތްތައް ދުރާލައި ރާވައިގެން ގެންދެވޭ ކިޔަވައިދިނުމުގެ ގޮތަކަށްވުން

· ކުލާހުގައި ބޭނުންކުރެވޭނެ ހުރިހާ މެޓީރިއަލްތައް، ޓޫލްތައް، ބޭނުންވާނެ އެހެން ތަކެތި ހަމަޖެހިފައި ހުރުން

· އަޑު ކޮންޓްރޯލްކުރަން ޖެހުން

· މުދައްރިސުގެ އެހީއަކާ ނުލައި އަމިއްލައަށް މަސައްކަތް ކުރަން ޖެހުން ބައެއް ދަރިވަރުންނަށް އުދަނގޫވުން

ޓީމް ޓީޗިން (ދޭއް ނުވަތަ ތިން މުދައްރިސުން ބައިވެރިވެގެން އެކުގައި ކިޔަވައިދިނުން): މިގޮތަށް ކިޔަވަދިނުމަކީ މިޒަމާނުގައި ވަރަށް ބޮޑަށް ބޭނުންކުރެވޭ ކިޔަވައިދިނުމުގެ ގޮތެކެވެ. މިގޮތުގައި ދެމުދައްރިސުގެ ޒިންމާ ވާނީ އެއްވަރަކަށެވެ. ކިޔަވައިދިނުން ރާވާނީ ވެސް އެކުއެކީގައެވެ. ކިޔަވައިދޭނީ ވެސް އެކުގައެވެ. މިހެން ކިޔަވައިދޭއިރު ކިޔަވައިދިނުން ގެންދާނީ ދަރިވަރުން ވަރަށް ބޮޑަށް ބައިވެރިކޮށްގެން ވާހަކަދެއްކުމާއި ސުވާލުކުރުމުގެ ތެރެއިން ވަރަށް ޙަރަކާތްތެރިކޮށެވެ. ކުލާހުގެ ހުރިހާ ކަމެއް ވެސް މެނޭޖްކުރާނީ ދާދި ދެ މުދައްރިސުން އެކުގައެވެ.  ެ ·  ކޮންމެ މުދައްރިސެއްގެ ވެސް ރޯލް ވަރަށް އެކްޓިވް/ހަރަކާތްތެރިވުން

·  ދަރިވަރުންނަށް ގިނަ މުދައްރިސުން އެކުގައި ބަލައިގަނެވޭނީ އެއް ލެވެލެއްގައެވެ.

·  ދެ މުދައްރިސުން ވެސް ކުލާހުގެ ކިޔަވައިދިނުން ވެސް މެނޭޖްކުރުން އެއްވަރަކަށް ބައިވެރިވުން

·  މި ގޮތަކީ 'އެއް ސިކުނޑިއަށް ވުރެ ދެ ސިކކުނޑި ރަނގަޅު' ވިސްނުމުގެ ފިލޯސަފީގެ ތެރެއިން ކިޔަވައިދިނުމުގެ އާ ގޮތްތައް ދެ މުދައްރިސުން އެއްކޮށް ތަޖުރިބާކޮށް އަޖުމަބެލުމުގެ ރޫހެއް ގެންގުޅެވުން

· ފިލާވަޅު ރޭވުމަށް ގިނަ ވަގުތު ހޭދަވުން

· ކޮންމެ މީހެއްގެ ރޯލް ސާފުކޮށް ނޭގިއްޖެނަމަ ކިޔަވައިދިނުން މެނޭޖުކުރަން އުދަނގުވުން

އިސްވެ ހުށަހަޅާ ލެވުނު 6 މޮޑެލްގެ ތެރެއިން އަޅުގަނޑަށް މަސައްކަތް ކުރެވުނު ދެ ދިރާސާއެއްގައި ކޯޓިޗިންގެ ސްޓޭޝަން ބޭނުންކޮށްގެން ކިޔަވައިދޭ މަންޒަރު ވަރަށް ގާތުން ބަލައި އޮބްޒާރވް ކުރަން ފުރުސަތު ލިބިފައިވެއެވެ. ދިރާސާގައި އަޅުގަނޑު ޑާޓާ އެއްކުރަން ދިޔަ ސްކޫލުތަކަކީ އަޅުގަނޑުމެންގެ މަދަރުސާތައް ހެދިފައިވާ ހުންނަގޮތާ ބަލާއިރު ވަރަށް ތަފާތު ތަންތަނެވެ. ކޮންމެ ކުލާސްރޫމެއްގައި ވަކިން ފާރުތަކެއް ހެދިފައި ވަކި ކުރެވިފައެއް ނުހުރެއެވެ. ކޮންމެ ފްލޯރ/ލެވެލް އެއްގައި ގާތްގަޑަކަށް ހެދިފައި ހުންނަނީ ބޮޑެތި ހުސް ޖާގަތަކެވެ. ތަފާތު ކުލަ ކުލައިގެ އެކި ސައިޒުގެ ގޮޑިތަކެވެ. އެކި ގޮތަށް ލެވެލް ކުރެވޭ މޭޒުތަކެވެ. ބޭނުންނަމަ ވަކިކޮށް އެއްކޮށް ފަސޭހަކަމާ އެކު ދަރިވަރުން އަމިއްލައަށް ވެސް އެކަން މެނޭޖު ކުރެވޭގޮތަށް ތައްޔާރު ކުރެވިފައިވާ ކުލާސްރޫމް ފަރުނީޗަރެވެ. ބިންމަތީގައި ކޮންމެ ދިމާއެއްގައި ވެސް ދަރިވަރުންނަށް އިށީދެލެވޭހައި ފަސޭހަކޮށް ބީންބޭގާއާ ކުޝަންފަދަތަކެތި ހުރެއެވެ. އަދި ގެންގުޅޭ ޓެކްނޮލޮޖީގެ ވަސީލަތްތައް، އިށީންނަ ކޮންމެ ދިމާއަކުން ވެސް ކާރޕެޓްކޮޅެއް ހިއްލާލައިގެން، ޗާރޖް ކުރެވެން ހުރެއެވެ. ހޯލުގައި ޕްރިންޓަރ އަދި  ފޮޓޯކޮޕީ މެޝިންތައް  ހުރެއެވެ. ޕްރޮޖެކްޓަރތައް އެކި ދިމާލުގައި ހުރެއެވެ. ހެޑް ސެޓް، އަދި ބޭނުންވާ ތަފާތު ޓޫލްތައް ބަހައްޓައި ރައްކައުކުރެވޭނެ ތަންތަން ހެދިފައި ހުރެއެވެ. ދަރިވަރުންގެ އަމިއްލަ ތަކެތި ސްޓޯރކޮށް ރައްކައު ކުރެވޭ ކެބިނެޓްތައް ވަށައިގެން ހުރެއެވެ. ޕިންކޯޑް ޖެހޭގޮތަށް ހަދާފައިވާ މި ތަކެއްޗަކީ ދަރިވަރުންނަށް އަބަދު ސްކޫލުގައި ގެންގުޅޭ އެއްޗެތި ބެހެއްޓޭ ގޮތަށް އެ ކުދިންގެ ނަން ލިޔެފައި ހުންނަ އެއްޗެއްސެވެ. މީގެ އިތުރުން ބިއްލޫރި ޖަހާފައިވާ، ގުރޫޕް ޑިސްކަޝަން ރޫމުތައް އެކި ދިމާލުގައި ހުރެއެވެ. އެއީ ވަކިވަކި ގުރޫޕް މަސައްކަތް ކުރާއިރު ބާރަށް ވާހަކަ ދައްކަން ބޭނުން ކުރާ ޖާގަތަކެވެ. އެއިން ކޮންމެ ތަނެއްގައި ވެސް ޕްރޮޖެކްޓަރ އެޅުވެން ސިސްޓަމްތައް ހުންނަނީ ތައްޔާރު ކުރެވިފައެވެ. މިއީ ހައިރާންވާހައި ވެސް ފުރިހަމަ ސްކޫލުތަކެކެވެ. ގާތްގަޑަކަށް ކޮންމެ ފްލޯރ އެއްގައި 3 ކުލާސް އެކި ދިމާލުގައި ކުރިޔަށްދާތަން ފެނެއެވެ. އެމަންޒަރުތައް އޮބްޒަރވް ކޮށްލަން ލިބުމަކީ ވެސް އަޅުގަޑަށް ލިބުނު ވަރަށް ބޮޑު ފަންނީ ކުރިއެރުމެކެވެ. ކުރިން އެފަދަގޮތަކަށް ދަރިވަރުން އެތުރި ކިޔަވައިދިނުން ރޭވޭ ގޮތެއް ފެނިފައި ވެސް ނުވުމާ އެކުގައެވެ. މި މަދަރުސާތަކަކީ ނިއުޒިލޭންޑް ކިޔަވައިދިނުމުގެ ނިޒާމަށް އަލަށް ތަޢާރަފު ކުރެވުނު 'އޯޕަން ސްޕޭސް' (ހުޅުވާލެވިފައިވާ ކުލާސް) ކިޔަވައިދިނުމުގެ މޮޑެލްގެ ތެރެއިން ނިއުޒިލޭންޑުގެ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން  ވަރަށް ބޮޑު ޚަރަދު ކޮށް އެކި ސަރަހައްދުތަކުގައި ބިނާކޮށްފައިވާ ބޮޑެތި މާސިންގާ ސްކޫލުތަކެވެ. ގިނަ ސްކޫލުތައް އަޅުގަނޑުމެންގެ މާލޭ ސަރަހައްދަށް ވުރެ ވެސް ޖާގަ ބޮޑެވެ. ކުޅޭ ތަންތަނާއި ކުޅިވަރުގެ އެކި ބާވަތްތަކުގެ ދަނޑުތަކާއި ކޯޓުތައް އަދި ޖިމް، ސްވިމިން ޕޫލް އަދި އިންޑޯ ގޭމްސް މިފަދަ އެތައް ތަނެއް ހުންނަނީ ސްކޫލުގެ ތެރޭގައި ހަމަޖެހިފައެވެ. އަޅުގަނޑުގެ ދިރާސާގައި މަސައްކަތް ކުރި އެއް ސްކޫލަކީ އޯކްލޭންޑްގައި ހުރިތަނެކެވެ. އަނެއް ސްކޫލަކީ ހެމިލްޓަންގައި ބިނާކުރެވިފައިވާ ސްކޫލެކެވެ. ދެސްކޫލުގެ ކިޔަވައިދިނުމުގެ ފިލޯސަފީއާއި މަދަރުސާ މެނޭޖުކުރާ/ހިންގާ ގޮތް ދާދި އެއްގޮތެވެ.

ކުރިން އިޝާރާތް ކުރި މަދަރުސާތަކުގައި އެންމެ ގިނައިން ބޭނުންކުރެވޭ ކިޔަވއިދިނުމުގެ ގޮތަކީ ކޯ-ޓިޗިންގެ ތެރެއިން ވެސް ޚާއްޞަކޮށް ސްޓޭޝަން ބޭނުން ކުރުމެވެ. ޢާއްމުކޮށް ކުލާހެއްގައި ސާޅީހަކަށް ކުދިން ތިބެއެވެ. މި މަދަރުސާތަކުގައ ކިޔަވައިދިނުން މެނޭޖުކުރެވޭ ގޮތަށް ބަލާއިރު، ކޮންމެ ފްލޯރއެއްގައި ވާ ހޯލުތަކުގައި އެކި ހިސާބުތަކުގައި ކުލާހުގެ ގުރޫޕްތައް ސްޓޭޝަން ކުރެވެއެވެ. އިންޑިޕެންޑެންޓްކޮށް މަސައްކަތްކުރާ ގުރޫޕްގައި ދަރިވަރުން އާންމުކޮށް ފެންނަނީ ގިނަކޮށެވެ. އަނެއް ދެ ސްޓޭޝަންގައި ގާތްގަޑަކަށް 10 ކުދިން ތިބޭ ތަން ފާހަގަކުރެވުނެވެ. ނަމަވެސް މީގައި ވަކި ގުރޫޕެއްގައި ވަކި ޢަދަދެއް ހަމަވާން ޖެހޭކަމެއް ފާހަގައެއް ނުކުރެވެއެވެ. ދަރިވަރުން އެއްގުރޫޕުން އަނެއް ގުރޫޕަށް ދިޔުމުގެ މިނިވަންކަން ދެވިފައި އޮވެއެވެ. މާނައަކީ އިންޑިޕެންޑެންޓްކޮށް މަސައްކަތް ކުރެވޭ ވަރަށް އެ ކުއްޖަކަށް މަޢުލޫމާތު އޮޅުން ފިލާ ހިސާބުން އެ ކުދިން އަމިއްލައަށް ސްޓޭޝަން ބަދަލު ކުރެވެއެވެ. އަމިއްލައަށް އުނގެނޭ ސްޓޭޝަންގައި އެއް ދަރިވަރަކު އަނެއް ދަރިވަރަކަށް ގައިޑުކޮށްދީ އެހީތެރިވުމުގެ ފުރުސަތު ވެސް އޮވެއެވެ. ދެން ފާހަގަ ކުރެވުނީ، ކޮންމެ ސްޓޭޝަނެއްގައި ވެސް ފިލާވަޅުގެ އެކި ބައިތައް ކުރިޔަށް ގެންދާއިރު މުދައްރިސުން ފެންނަނީ ކުދިންނާއި ބޮޑަށް ވާހަކަ ދައްކާތަނެވެ. ވަކިން ހުރެ ޝަރަހަކޮށްދީ ކުދިން އަޑުއަހަން ތިބޭ މަންޒަރަށްވުރެ ވާހަކައިގައި ބައިވެރިވެގެން ކަންތައްތަކެއް ކުރަމުންދާކަމާއި އަދި މުޅި ގުރޫޕްތެރެ ވަރަށް ހޭލަމޭލިކޮށް، ހުރިހާ ކުދިން ވަރަށް ބޮޑަށް އުނގެނުމުގެ ތެރެއަށް ވަދެފައިވާކަން ހާމަވާ އެތައް މަންޒަރެއްގެ ފޮޓޯއާއި ވީޑިއޯތައް ޕްރޮޖެކްޓްގެ މަސައްކަތުގެ ތެރެއިން އަޅުގަނޑު އެއްކުރީމެވެ. މި ކަން ކުރަމުން ދިޔައިރު އެންމެ ބޮޑަށް ފާހަގަ ކުރެވުނީ އަޅުގަނޑު ގޮސް އެ ތަންތަން ވީޑިއޯކޮށް އޮބްޒަރވްކޮށް ހަދާއިރު ވެސް ދަރިވަރުންނަށް އެކަމަކުން މާބޮޑު ފަރަގެއް ވެސް ނާންނަ ކަމެވެ. އަދި ހަމައެހެންމެ، ދޭތެރެއަކުން ޕްރިންސިޕަލް ނުވަތަ އެހެން ވެސް މީހަކު އައިސް ކުލާހުގައި މަޑުކޮށްލާ ހިނދު ވެސް ދަރިވަރުންގެ މަސައްކަތަށް ވެސް އަދި މުދައްރިސުގެ މަސައްކަތަށް ވެސް އެއްވެސް ހުއްޓުމެއް ނުވަތަ އިތުރު ކަމަކަށް އިޝާރާތްކޮށް ހަދާތަނެއް ނުފެނެއެވެ. މއީ އަޅުގަނޑު ވަރަށް ހައިރާންވި ކަމެކެވެ. އަޅުގަނޑުމެންގެ މުޖުތަމަޢުގައި ކިޔަވައިދިނުން މި އޮންނަނީ ޕްރޮފެޝަނަލް މަސައްކަތަކަށް ވިޔަސް ވަރަށް އަމިއްލަ، ނުވަތަ ބަންދުވެފައި އޮންނަ ކަމެއް ގޮތުގައެވެ. އެހެން މީހަކު ކުލާހަށް އޮބްޒަރވްކޮށްލަން ވަދެލުމުން ވެސް މުދައްރިސުން ބައެއް ފަހަރު ނުތަނަވަސްވާ ތަން ފެނެއެވެ. ފަހަރުގައި، މިއީ އަބަދު އެކަނި ކިޔަވައިދިނުމުގެ ފިލޯސަފީއެއްގެ ތެރެއިން ބައްޓަންވެފައިވާ ވިސްނުމަކަށް ވެދާނެއެވެ. ނަމަވެސް މިދެންނެވި ދިރާސީ ތަޖުރިބާތަކުން ފާހަގަކުރެވުނީ ހުޅުވާލެވިގެން އެކި މުދައްރިސުން ބައިވެރިވެގެން ކިޔަވައިދިނުމުގައި ވަރަށް ބޮޑެތި ފައިދާތައް މުދައްރިސަށް ވެސް އަދި ދަރިވަރުންނަށް ވެސް ލިބޭ ކަމެވެ. ކިޔަވައިދޭ ގޮތާ ބެހޭ ގޮތުން އެ މުދައްރިސުން ވާހަކަ ދައްކާ ރިވެލި ކުރާއިރު ވަރަށް ފަސޭހައިން ތަޖުރިބާތައް ހުޅުވާލެވިފައިވާ ފޮތެއްހެން ކިޔައިދެއެވެ. އަދި ހަމަ އެހެންމެ ކުރެވޭ ތަފާތު ކަންކަން ރަނގަޅު ކުރަން ނުވަތަ ނުރަނގަޅުކޮށް ދާ ކަންތައްތައް ވެސް ޖެހިލުމެއް ނެތި ކިޔައިދެއެވެ. މިއީ އަޅުގަނޑުގެ ބަސްދީގަތުމުގައި އެންމެ ބޮޑަށް ފާހަގަކުރެވުނު ކަންތަކެވެ. މި ހުރިހާ ކަމަކުން އަޅުގަނޑަށް ވިސްނުނީ، ހަގީގަތުގައި އެމީހުންގެ ވިސްނުން އެވަނީ ވަކި ގޮތަކަށް ބައްޓަންވެފައި ކަމެވެ. އެކުގައި ކިޔަވައިދިނުމުގެ ތެރެއިން އާ ފިލޯސަފީއެއް މުޅި ކިޔަވައިދިނުމުގެ ތެރެއަށް ވަދެފައެވެ. ކިޔަވައިދިނުމުގައި ސިއްރު ކުރަންޖެހޭ ކަމެއް ނެތެވެ. ފޮރުވަންޖެހޭ ކަމެއް ނެތެވެ. އެކަކު އަނެކަކަށް ފާރަވެރިވާން ޖެހޭ ކަމެއް ނެތެވެ. މާނައަކީ ކިޔަވައިދިނުމުގެ ގެންގުޅޭގޮތެއް ފޮރުވަންޖެހޭ ސަބަބެއް ވެސް ނެތްކަމެވެ. ވަރަށް ސާފުކޮށް، ކިޔަވައިދިނުމާއި ދަރިވަރުންގެ އުނގެނުމާ ބެހޭ ގޮތުން ވާހަކަ ދައްކާ މަޝްވަރާކުރަންވީއެވެ. އޭގެ ސަބަބުން މުދައްރިސުންގެ ފަންނީ ކުރިއެރުން އިތުރުވާނެއެވެ.

މިއަދު މިހުށަހަޅައި ލެވުނީ ހަގީގަތުގައި ވެސް އަޅުގަނޑުގެ އަމިއްލަ ޕްރޮފެޝަނަލް ލަރނިން ނުވަތަ ފަންނީ ކުރިއެރުމަށް އިތުރުކުރެވުނު ހަޤީޤީ ފިލޯސަފީއެއްގެ ވާހަކައެވެ. ކިޔަވައިދިނުމަކީ އެކުގައި ކުރެވިދާނެ ކަމެއްކަމާއި، އޭގެ ފައިދާފެންނަނީ ކިޔަވައިދިނުން ހުޅުވާލެވި އެކަމާ މެދު ހުޅުވިފައިވާ ސިކުނޑިއަކުން ވިސްނުމުން ކަމެވެ. އަޅުގަނޑަކީ މިފަދަ ގޮތަކަށް ކިޔަވައިދޭން ކުރިން އާދަވެ ނުވަތަ ތަޖުރިބާ ކުރެވިފައިވާ މީހަކީމެއް ވެސް ނުމެ ނޫންމެއެވެ. ނަމަވެސް އަޅުގަނޑުގެ މި ދިރާސީ ތަޖުރިބާތަކުން އެކުގައި ކިޔަވައިދިނުމަށް ހަމައެކަނި އަޅުގަނޑުގެ ލޯހުޅުވުނީއެއް ނޫނެވެ. ޝައުގުވެރިކަން ވެސް އުފެދުނީއެވެ. ހަމަ އެގޮތަށް ދެ މުދައްރިސުން އަދި ތިން މުދައްރިސުން ވެސް ބައިވެރިވެގެން ކިޔަވައިދިނުން ރޭވިދާނެ ގިނަގުނަ ގޮތްތަކާ މެދު ވިސްނައި އަމިއްލައަށް ތަޖުރިބާ ކުރުމުގެ ރޫހެއް ވެސް އުފެދުނެވެ. އަޅުގަނޑުގެ އުއްމީދަކީ މިއަދުގެ ކޮޅަމުގައި ވެސް މިގެނެވުނު ޚިޔާލުތަކަކީ ތިޔައިން ކޮންމެވެސް މުދައްރިސުންތަކެއްގެ ހިތުގައި މިފަދަ ކިޔަވައިދިނުމުގެ ގޮތްތަކަށް ޝައުގުވެރިކަން އުފެދި ތަޖުރިބާ ކޮށްލުމަށް ފުރުސަތު ހޯދާނެ ފަރާތްތަކަކަށް ވުމެވެ. މިކޮޅަމުގައި ސިފަ ކުރެވިފައިވާފަދަ ފުރިހަމަ ނުވަތަ ތަނަވަސް ޖާގަތަކެއް ހިމެނޭ މަދަރުސާތަކަކަށް އަޅުގަޑުމެންގެ ކިޔަވައިދޭ މާހައުލު ނުވިނަމަވެސް މިފަދަ ގޮތްތައް ހަމަ ތަޖުރިބާކޮށްލުމަކީ ހުރިހާ މުދައްރިސުންގެ ވެސް ފަންނީ ކުރިއެރުން އިތުރުވެގެންދާނެ ކަމެއްކަން ކަށަވަރެވެ. ކިޔަވައިދިނުމަކީ ވަކިވަކިން ކުރަން ނުވަތަ ފޮރުވައިގެން ކުރަން ޖެހޭ ކަމެއް ނޫނެވެ. އެކުގައި ބައިވެރިވެގެން މާ ފުރިހަމަ އަށް ވެސް ކުރެވޭނެ މަސައްކަތެކެވެ.

ޑޮކްޓަރ އާމިނަތު ޝާފިޔާ އާދަމް
ޑޮކްޓަރ އާމިނަތު ޝާފިޔާ އާދަމް އަކީ ނިއުޒިލޭންޑްގެ ވައިކަޓޯ ޔުނިވަރސިޓީއިން ޕީއެޗްޑީ ހާޞިލު ކުރައްވާފައިވާ ދާރިސެކެވެ. މިހާރު ޝާފިޔާ މަސައްކަތް ކުރައްވަނީ ގައުމީ ޔުނިވަރސިޓީގެ އެސިސްޓެންޓް ޕްރޮފެސަރގެ މަޤާމުގައެވެ. ޝާފިޔާ އަކީ މުދައްރިސުން ތަމުރީނު ކުރުމުގެ ދާއިރާގެ އިތުުރުން ކިޔަވައިދިނުމާއި އުގަންނައިދިނުމާ ގުޅޭ ގޮތުން އިނގިރޭސި ބަހުންނާއި ދިވެހިބަހުން ވަރަށް ގިނައިން ލިޔުއްވާ ބޭފުޅެކެވެ. މިގޮތުން ލިޔުއްވާ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ ކިޔަވައިދިނުން ހަރުދަނާކުރުމާއި، ކިޔަވައިދިނުމުގައި ޓެކްނޮލޮޖީ ބޭނުން ކުރުމާއި، ދަރިވަރުންގެ އުނގެނުން ތަރައްގީ ކުރެވޭނެ ގޮތްތަކާއި އަދި ދިރާސާ ކުުރުމުގެ މަސައްކަތުގެ ދާއިރާތަކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.