ލޯކަލް ޓޫރިޒަމަކީ ރަށްރަށްރަށް ބޮޑު އާމްދަނީ އެއް ވައްދަމުން ދިޔަ ދޮރެކެވެ. ނަމަވެސް ކޮމިޑް 19 އާ ގުޅިގެން މާޗް މަހުގެ 17 ވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ލޯކަލް ޓޫރިޒަމް ނުވަތަ ގެސްޓް ހައުސްތައް އޮތީ ހުއްޓިފައެވެ. މިއަދުން ފެށިގެން ޚާއްޞަ އުޞޫލުތަކަކާ އެކު ރަށްރަށުގެ ގެސްޓް ހައުސްތައް ލޯކަލް ޓޫރިޒަމަށް ވަނީ ހުޅުވާލައިފައެވެ. ހަ މަހަށް ފަހު ލޯކަލް ޓޫރިޒަމް ހުޅުވިގެންދަނީ ބޮޑެތި ގޮންޖެހުންތަކާއެކުއެވެ.
ގެސްޓް ހައުސްތައް ހުޅުވާލުމަށް ގެސްޓް ހައުސްތަކުގެ އިތުރުން ގެސްޓް ހައުސްތައް ހުންނަ ރަށްރަށުގައި ފުރިހަމަ ކުރަންޖެހޭ ޚާއްޞަ ކަންތަކެއް ވެއެވެ. ގެސްޓް ހައުސްތައް ހުޅުވާލުމަށް ހުއްދަ ދެނީވެސް ގެސްޓް ހައުސްތަކުން ފުރިހަމަ ކުރަންޖެހޭ ކަންތައް ފުރިހަމަކޮށްފައިވޭތޯ އާއި އަދި ރަށްރަށުގައިވެސް ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކޮށްފައިވޭތޯ ބަލާ ކަށަވަރުކުރުމަށްފަހުއެވެ. މިކަން ކަށަވަރުކުރާނީ އެރަށްރަށުގެ ކައުންސިލާއި ރަށްރަށުގެ ޓާސްކް ފޯސްތަކުންވެ.
ގެސްޓް ހައުސް ހުންނަ ރަށްރަށުގައި ފަތުރުވެރިން ތިބި ނަމަ އެރަށެއްގައި މާސްކް އެޅުން މަޖުބޫރުވާނެއެވެ. ބައްޔަށް ޕޮޒިޓިވްވާ މީހުންނާއި ކޮންޓެކްޓްވާ މީހުން އައިސޮލޭޓްކޮށް ކަރަންޓީނު ކުރެވޭނެ އިންތިޒާމުވެސް ގެސްޓްހައުސްތައް ހުޅުވުމުގެ ކުރިން ހަމަޖައްސަން ޖެހެއެވެ. މީގެ އިތުރުން ފްލޫ ކްލިނިކެއް ހިންގުން މަޖްބޫރުވާނެއެވެ. މިނޫންވެސް ވަރަށް ގިނަ އުޞޫލުތަކެއް ގެސްޓްހައުސްތަކުގައާއި ގެސްޓް ހައުސް ހުންނަ ރަށުގައި ވެސް ޤާއިމްކޮށް ޢަމަލުކުރަން ޖެހެއެވެ.
މިއަދު ގެސްޓްހައުސްތައް ހުޅުވާލިކަމުގައި ވިއަސް މާލެ ސަރަޙައްދުގެ ގެސްޓްހައުސްތަކެއް ހުޅުވާލުމަކަށް އަދި ހުއްދައެއް ނުދެއްވައެވެ. ސަބަބަކީ މާލޭގައި އަދިވެސް ބަލި ފެތުރެމުން ދިއުމެވެ. މާލެސަރަޙައްދުން ރަށްރަށުގެ ގެސްޓް ހައުސްތަކަށް މީހުން ދިއުން އަދި ހުއްދައެއްވެސް ނޫނެވެ.
މިއަދު ގެސްޓް ހައުސްތައް ހުޅުވާލާއިރު ނުވަ ރަށަކުން 16 ގެސްޓް ހައުސެއްގެ ޚިދުމަތް ފަށާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ރޭ ވިދާޅުވިއެވެ. ޓޫރިޒަމް މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ ޢަލީ ރައްޒާން ރޭ ވިދާޅުވީ 22 ގެސްޓް ހައުސްއަކުން އެސްއޯޕީ ފޮނުވައިފައިވާކަމަށެވެ. އޭނާ ވިދާޅުވީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ކޮށް ލިޔެކިޔުންތައް ފޮނުވުމަށް ގިނަ ކައުންސިލްތަކުން މަސައްކަތްކުރަމުންދާކަމަށެވެ. އެހެންކަމުން މިއަދު އިތުރު ގެސްޓް ހައުސް ތަކަށް ހުޅުވާލުމުގެ ހުއްދަދެވިގެން ދާނެކަމަށެވެ.
ރާއްޖެއަށް އަންނަ ފަތުރުވެރިންގެ 10 އިންސައްތަ ދަނީ ގެސްޓްހައުސްތަކަށް
ޖުލައި 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރ ހުޅުވާލިފަހުން އިއްޔެގެ ނިޔަލަށް 26400 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ވަނީ ޒިޔާރަތް ކޮށްފައެވެ. މިމަސް ތެރޭގައި އެކަނި ވެސް 7600 ފަތުރުވެރިން އައިސްފައިވެއެވެ. ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެފައި ވަނީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ 10 އިންސައްތަ ދަނީ ގެސްޓްހައުސްތަކަށްކަން، ކޯވިޑްގެ ކުރީގެ ތަފާސް ހިސާބުތަކުން ދައްކާ ކަމަށެވެ. އެހެންކަމުން ގެސްޓް ހައުސްތައް ބަންދު ކުރުމުން ގެސްޓްހައުސް ވިޔަފާރި ކުރާ ރަށްރަދުގެ އިޤްތިޞާދަށް ވަރަށްބޮޑު ގެއްލުމެއް ވެގެން ދިޔައެވެ. ގެސްޓްހައުސްތައް ބަންދުކުރަމުން ލޯކަލް ޓޫރިޒަމާ ގުޅުންހުރި ރަށްރަށުގެ އެހެން ވިޔަފާރިތަކަށް ވެސް ވަނީ ހުއްޓުމަކަށް އައިސްފައެވެ.
މޭލެ އަތޮޅުގައި ފުޅާ ދާއިރާގައި ގެސްޓް ހައުސް ވިޔަފާރި ކުރާ ހުރާ ކައުންސިލްގެ ރައީސް ޢީސާ ވިދާޅުވީ ކޯވީޑާ ގުޅިގެން އެރަށުގެ ގެސްޓް ހައުސްތައް ހުއްޓި ރަށުގެ އާއްމު ޙާލަތު 50 އިންސައްތަ ދަށަށް ދިޔަކަމަށެވެ. އެރަށަށް އެންމެ ބޮޑު އާމްދަނީ އެއް ލިބިގެން ދަނީ ފަތުރުވެރިކަމުން ކަމަށް ޢީސަ ފާހަގަ ކުރެއްވިއެވެ. ގެސްޓް ހައުސްގެ ވިޔަފާރީގެ އިތުރުން އެރަށުގެ ޒުވާނުންގެ ތެރެއިން ގިނަ ބަޔަކު ރިސޯރޓްތަކުގައިވެސް މަސައްކަތް ކުރެއެވެ. ކޯވިޑާ ގުޅިގެން ރިސޯރޓަތަކުގައި މަސައްކަތްކުރާ ޒުވާނުންގެ ތެރެއިން ގިނަ ބައެއްގެ ވަޒީފާ ގެއްލިގެން ދިޔަކަން ފާހަގަ ކުރެއްވިއެވެ.
ބޯޑަރު ހުޅުވާލި ފަހުން 104 ރިސޯޓަކާއި ޔޮޓް މެރީނާއަކާއި ތިން ޓޫރިސްޓް ހޮޓެލަކާއި 116 ސަފާރީއަކާއި ޓްރާންސިޓް ބޭނުމަށް 35 ގެސްޓް ހައުސްއަށް ހުއްދަ ދެއްވައިފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވިއެވެ. އެހެންކަމުން މިހާތަނަށް 29360 އެނދު ފަތުރުވެރިކަމަށް ހުޅުވާލެވިފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވިއެވެ.
ގޮންޖެހުންތައް ހުރިނަމަވެސް އުއްމީދުގައި
މިއަދު ގެސްޓް ހައުސްތައް ހުޅުވިގެންދާއިރު މާލެއަތޮޅު ހުރާގެ ހަތް ގެސްޓްހައުސްއެއްވެސް ވަނީ ހުޅުވުމަށް ތައްޔާރު ވެފައެވެ. މަޢޫލޫމާތު ލިބިފައިވާ ގޮތުގައު އެންމެ ގިނަ ގެސްޓްހައުސް ޙުޅުވުމަށް ހުއްދަ ދީފައިފައި ވަނީ ވެސް ހުރައަށެވެ. ހުރާ ކައުސިލްގެ ރައީސް ޢީސަ ވިދާޅުވީ މިއަދު އިތުރު ތިންތަނަކަށް ހުއްދަ ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އެރަށުގެ 14 ގެސްޓް ހައުސްގެ ތެރެއިން ބާކީ ގެސްޓް ހައުސްތައް ވެސް ހުޅުވުމަށް ތައްޔާރުވަމުންދާކަމަށް ވިދާޅުވިއެވެ.
ހަ މަސް ފަހުން މިއަދު ހުރަޔަށް ވަނީ ފުރަތަމަ ފަތުރުވެރިޔާ ޒިޔާރަތް ކޮށްފައެވެ. މާދަމާވެސް 18 ފަތުރުވެރި އަކު ކުރާނެއެވެ. އޭގެ އަނެއް ދުވަހުވެސް 17 ފަތުރުވެރިއަކު އެރަށް ދާނެކަމަށް ކައުން ސިލުން މަޢުލޫމާތު ދެއްވިއެވެ. މި ފަތުރުވެރިންގެ ތެރޭގައި ހިމެނެނީ ރަޝިޔާގެ ފަތުރުވެރިންނެވެ. ނަމަވެސް ކޯވިޑްގެ ކުރިން އެރަށަށް އެންމެ ގިނައިން ފަތުރިވެރިން އަންނަނީ އިޓަލީންކަން އީސާ ފާހަގަ ކުރެއްވިއެވެ. އިޓަލީގެ ބޮޑަރ ހުޅުވާލުމާއެކު އެޤައުމުގެ ފަތުރުވެރިން އަންނަން ފަށާނެ ކަމުގެ އުއްމީދު އީސާ އާކުރެއްވިއެވެ. ހުރަޔަށް އަންނަ ގިނަ ފަތުރުވެރިންނަކީ ރާޅާ އަޅާ މީހުންނެވެ.
ގެސްޓް ހައުސްތައް ހުޅުވުގައި ޓޫރިޒަމް މިނިސްޓްރީން ދެއްވި އެއބާރުލުން ހުރާ ކައުންސިލްގެ ރައީސް ފާހަގަ ކުރެއްވިއެވެ. އަދި ޚާއްޞަ ގޮތެއްގައި ޓޫރިޒަމް މިނިސްޓަރ އެއްބާރުލުން ވަކިން ބޮޑަށް ލިބިގެން ގޮސްފައިވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.
"އަޅުގަނޑުމެން މިނިސްޓަރާ ގުޅަން ބޭނުންވާއިރު ނުގުޅި ނުދޭ. ބޭނުންވާ ހުރިހާ ކަމެއްގައި ވެސް ވަރަށް ބޮޑަށް އެއްބާރުލުން ދެއްވި." ހުރާ ކައުންސިލްގެ ރައީސް ފާހަގަ ކުރެއްވިއެވެ.
އީސާ ވިދާޅުވީ ގެސްޓް ހައުސްތައް ހުޅުވާލުމަށް ރަށުގެ ރައްޔިތުން މަސައްކަތްކުރީ ވަރަށް ގުޅިގެންކަމަށެވެ. އެގޮތުން މިއަދު ގެސްޓް ހައުސް ތައް ހުޅުވާލުމަށް ފުރިހަމަކުރަންޖެހޭ ހުރިހާ ކަމެއް ވެސް ރަށުގައި ވަނީ ފުރިހަމަ ކޮށްފައިވާކަމަށެވެ.
"އަޅުގަނޑުމެންރަށުގެ ރައްޔިތުން ކުރިންވެސް މާސްކް އަޅައިގެން އުޅުމުން މާސްކް އަޅައިގެން އުޅުމަކީ، މީހުންނަށް މާބޮޑު އުދަނގުލަކަށް ނުވާނެ. މަދު ނުވާވަރަށް މާސްކްވެސް، ލިބިފައި ހުރީ. އެހެން ހުރިހާ ކަމެއްވެސް ވާނީ ފުރިހަމަ ކޮށްފައި." ޢީސަ ވިދާޅުވިއެވެ.
ހުރާގެ "ސަންސެޓް ހޮލިޑޭ" ގެސްޓް ހައުސްގެ ވެރިޔާ ޢަބްދުއްޝަކޫރު ވިދާޅުވީ ގެސްޓް ހައުސް ބަންދު ކުރަންޖެހުމުން މިދިޔަ ހައެއްކަ މަސް ދުވަސް ދިޔައީ އެއްވެސް އާމްދަނީއެއް ނުލިބިކަމަށެވެ. ގެސްޓް ހައުސްތައް ހުއްޓާލަން ޖެހުމުން ލިބެމުންދިޔަ އާމްދަނީ ހުށްޓި ރަށުގެ މަސްދޯނިފަހަރުން މަހަށް ދާން ބޭނުންވާ މީހުން ގިނަވުމުން މަސްދޯނިފަހަރުންވެސް ޖާގަވެސް ނުލިބި ދިޔަކަން އޭނާ ފާހަގަ ކުރެއްވިއެވެ. އެހެންކަމުން ގެސްޓް ހައުސްތައް ހުޅުވިގެން ދިޔުމުމަކީ ވަރަށް ބޮޑު އުފަލެއް ލިބިގެން ދިޔަ ކަމެއްކަމަށް ފާހަގަކުރެއްވިއެވެ. ގެސްޓް ހައުސްތައް މިއަދަށް ހުޅުވާލުމަށް އެވިޔަފާރިކުރާ ފަރާތްތަކާ ގުޅިގެން ހުރާ ކައުންސިލުން ވަރަށް ބޮޑަށް މަސައްކަތް ކުރިކަން އޭނާ ފާހަގަ ކުރެއްވިއެވެ.
"އަޅުގަނޑުމެންގެ ރަށުގެ ރައްޔިތުންނަކީ، ވަރަށް އަންޑަސްޓޭންޑިންގ ރައްޔިތެއް. ރަށު ކައުންސިލަށް ވެސް ރަނގަޅަށް އަޅުގަނޑުމެންގެ ޙާލަތު އެނގޭ. އެހެންކަމުން ގެސްޓް ހައުސްހުޅުވަން ކައުންސިލުން މަސައްކަތް ކޮށްދެއްވީ ނުނިދާ ހޭލައި ތިއްބެގެން. އެބޭފުޅުންގެ އެއްބާރުލުން އަޅުގަނޑުމެންގެ މަސައްކަތަށް ވަރަށް ބޮޑަށް ލިބޭ." ޢަބްދުއްރަޝީދު ވިދާޅުވިއެވެ.
މާލެ އަތޮޅު ގުރައިދޫ ކައުންސިލްގެ ރައީސް ޙުސައިން ޔާމީން މުޙައްމަދު ވިދާޅުވީ އެރަށުގައި މިއަދު އެއްވެސް ގެސްޓް ހައުސްއެއް ނުހުޅުވޭ ކަމަށެވެ. ހުޅުވުމަށް ތައްޔާރު ވެފައިވަނީ ވަނީ ވެސް ދެ ގެސްޓް ހައުސް ކަމަށެވެ. ނަމަވެސް އެތަންތަނަށް އަދި ހުއްދަ ނުލިބޭކަން ފާހަގަ ކުރެއްވިއެވެ. ގެސްޓްހައުސްތައް ހުޅުވާލުމަށް ބޭނުންވާ ކަންކަން ރަށުގައި ފުރިހަމަކޮށް ހުށްދައަށް އެދިފައިވާކަމަށް ޔާމީން ވިޅުވިއެވެ. ހުޅުވަން ބޭނުންވާ ބައެއް ގެސްޓް ހައުސްތަކަށް އަދި ތައްޔާރު ނުވެވޭކަން ވެސް އެނާ ފާހަގަ ކުރެއްވިއެވެ. އެރަށުގެ ބައެއް ގެސްޓް ހައުސްތައް ހުޅުވާލުން ތަންކޮޅެއް ފަސްކޮށްފައިވާކަމަށް ވެސް ވިދާޅުވިއެވެ. ގުރައިދޫގައި 18 ގެސްޓް ހައުސް ހުރެއެވެ.
ގުރައިދޫ "މޫދުމާ-އިން" ގެސްޓްހައުސްގެ ވެރިޔާ ޢަބްދުއްލަތީފް ވިދާޅުވީ އަދި އެގެސްޓް ހައުސް ޙުޅުވަން ބޭނުންނުވާ ކަމަށެވެ. މިހާރު ހުޅުވަން ގިނަ މަސައްކަތްތަކެއް ކުރަންޖެހުމާއި މިހާރު ޚިދުމަތް ފެށުމަކީ "ރިސްކެއް" ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އަންނަމަހު ގެސްޓް ހައުސް ޙުޅުވާލުމަށް މަސައްކަތް ކުރައްވާނެކަމަށް އޭނާ ވިދާޅުވިއެވެ. ލަތީފް ވިދާޅުވީ އަންނަ މަހު ފަހު ކޮޅު ހިސާބު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޢަދަދުވެސް އިތުރުވާނެކަމަށް ބެލެވޭ ކަމަށެވެ.
"ބުކިންވެސް އެހާރަނގަޅެއް ނޫން އަދި. މިހާރު ހުޅުވަމަކީ ވަރަށް ބޮޑު ރިސްކެއް. ލާރި ކިތަންމެ ބޭނުންވިއަސް އަދި ފެށޭކަށް ނެތް، ފެށުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ." ލަތީފް ވިދާޅުވިއެވެ.
ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއެކު އަންނަ ފަތުރުވެރިންގެ ޢަދަދު އިތުރުވަމުން ދިއުމަކީ ގެސްޓް ހައުސްތަކާއި ފަތުރުވެރިކަމުގެ ޙަރަކާތްތެރިވާ އެންމެންނަށާއި ޖުމުލަކޮށް ހުރިހާ ދިވެހިންނަށް ވެސް އޮތް އުއްމީދެކެވެ. ޤައުމަށް ޑޮލަރު ވަންނަން އޮތް މަގަކީ އެއީ ކަމަށްވާތީއެވެ. ނަމަވެސް ކޯވިޑްގެ ކުރިން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަމުން ދިޔަ ބައެއް ޤައުމުތަކުގެ ބޯޑަރުތައް ހުޅުވާނުލާތީ އެޤައުމުތަކުގެ ފަތުރިވެރިން ރާއްޖެއަށް ގެނެވޭނެ ގޮތެއް އަދިއެއްނެތެވެ. އެހެންކަމުން އެފަދަ ޤައުމުތަކުގެ ބޯޑަރުތައް ހުޅުވާލަންވާއިރަށް އެފަތުރުވެރިންނަށް މަރުޙަބާ ކިޔުމަށް، އެދޮރުތަކުގައި ޓަކިޖަހައި ތައްޔާރުވުމަކީ ފަތުރިވެރިންގެ ޢަދަދު އިތުރުރުކުރުމަށް އެޅޭނެ އެންމެ މުހިންމު އެއްފިޔަވަޅެވެ.