މަސްތުވާތަކެތީ ބޮޑު އޮޕަރޭޝަންގައި އައްޑޫން ހައްޔަރުކުރި އަށް މީހަކު ދޫކޮށްލައިފި

މަސްތުވާތަކެތީގެ ނެޓްވާރކެއް އަތުލައިގަތުމަށް އައްޑު އަތޮޅުގައި ފުލުހުން ހިންގި ބޮޑު އޮޕަރޭޝަންގައި ހައްޔަރު ކުރި އަށް މީހަކު ދޫކޮށްލައިފިއެވެ. ފުލުހުން ވިދާޅުވީ މިމީހުން ދޫކޮށްލީ ތަޙްޤީޤަށް އިތުރަށް ބަންދުގައި ބައިތިއްބަން ނުފެންނާތީކަމަށެވެ.

އައްޑޫގައި ހިންގި އޮޕަރޭޝަނާ ގުޅޭގޮތުން ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު 14 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނެވެ. އޭގެތެރޭގައި ހިމެނެނީ 23 އަހަރާއި 40 އަހަރާ ދެމެދުގެ ދިވެހި ފިރިހެނުންނެވެ. 

ހައްޔަރު ކުރި މީހުންގެ ތެރެއިން އަށް މީހުން ދޫކޮށް ލުމުން އެމައްސަލައިގައި ހައްޔަރުކޮށްފައިތިބޭނީ ހަ މީހުންނެވެ. ދޫކޮށްލި މީހުންގެ ތަރޭގައި ދިވެހި ޤައުމީ ފުޓްބޯޅަ ޓީމްގެ ކުރީގެ ކުޅުންތެރިއެއްކަމަށްވާ، ޝަމްވީލް ޤާސިމް (ބޮންޑާ) ވެސް ހިމެނެއެވެ.

އައްޑޫގައި ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި  98.6 ކިލޯ މަސްތުވާތަކެތި އަތުލައިގަތެވެ. އަތުލައިގެންފައިވާ މަސްތުވާތަކެތީގެ ބާވަތްތަކުގެ ތެރޭގައި އެމް.ޑީ.އެމް.އޭ އާއި، އެމްފިޓަމިން އާއި ހެރޮއިން ހިމެނެއެވެ.

އައްޑޫގައި މަސްތުވާތަކެތީގެ ބޮޑު ނެޓްވޯރކެއް އަތުލައިގަތުމަށް ހިންގި އޮޕަރޭޝަނަކީ ހިތަދޫ ފިނިފަރު، ޢަބްދުﷲ އިބްރާހީމް (33 އަހަރު) އިސްވެ ހުރެ ދިވެހިންގެ އިތުރު ބަޔަކާއި ބޭރުބަޔަކާވެސް ގުޅިގެން ރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެ ކުރަންއުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓާއި ޑްރަގް އިންޓެލިޖެންސް އާއި މެރިން ޕޮލިސް އާއި ސައުތު ޕޮލިސް ޑިވިޜަންގައި ގާއިމްވެތިބޭ ސްޕެޝަލް އޮޕަރޭޝަންގެ ފުލުހުން އަދި ސައުތު ޕޮލިސް ޑިވިޜަން ގުޅިގެންނެވެ.

އައްޑޫ އޮޕަރޭޝަންގައި އަތުލައިގަތް މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވާކަމަށް ތަހުގީގަށް ފާހަގަކުރެވިފައިވާ ޢަބްދުﷲ އިބްރާހީމް އަކީ މަސްތުވާތަކެތީގެ އެތެރެކޮށް ޓްރެފިކްކުރުމުގެ ރެކޯރޑް އޮތް މީހެކެވެ. މިދިޔަ އަހަރު ޖުލައި 30 ވަނަދުވަހު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކް ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ހައްޔަރު ކުރުމަށްފަހު ތަހުޤީޤު ފުރިހަމަކޮށް މައްސަލަ ޕީޖީއޮފީހަށް ފޮނުވުމުން މައްސަލަ ކޯޓަށް ވައްދާފައިވަނިކޮށް މިދިޔައަހަރުގެ ސެޕްޓެމްބަރ 30 ވަނަދުވަހު ކްރިމިނަލް ކޯޓުން އޭނާ ވަނީދޫކޮށްލާފައެވެ. އޭނާއަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުމުގެ ކުށުގެ ރެކޯޑުގެ އިތުރުން އެހެނިހެން މައްސަލަތަކުގެ ކުށުގެ ރެކޯޑް ވެސް އޮންނަ މީހެއްކަމަށް ފުލުން ވިދާޅުވިއެވެ. 

މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ޢަބްދުﷲ އިބްރާހީމް (33އ) އާއި ސ. ހިތަދޫ/ ކޯޅި، މުޙައްމަދު ޔާމީން ނަޞީރު (23އ) ބަންދާމެދު ގޮތެއް ނިންމުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަނދުގައި ބެހެއްޓުމަށް ވަނީ އަމުރު ކޮށްފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.